ރަޝިޔާއަށް މަނާމުދާ ފޮނުވުން ހުއްޓުވާނެ ޤާނޫނެއް، ގޮތެއް ނެތް
ރަޝިޔާ އެމްބަސީއިން ބުނަނީ އދގެ ޤައުމީ މަޖިލީހުން ފާސްކުރާ ދަތިކުރުމުގެ ފިޔަވަޅެއް މެނުވީ ބަލައިނުގަންނަ ކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
16 ސެޕްޓެމްބަރު
އެމެރިކާ އަދި ވިލާތުން (ޔޫރަޕުން) ރޫސީވިލާތަށް (ރަޝިޔާއަށް) ވިއްކުން މަނާކޮށްފައިވާ މުދަލާއި ތަކެތި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް އެޤައުމަށް ފޮނުވަމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ދިވެހި ސަރުކާރުން ތަޙްޤީޤުކުރަން ފަށައިފިއެވެ. ވޯލް ސްޓްރީޓް ޖާނަލް ގެ ތަޙްޤީޤީ ރިޕޯޓެެއްގައި ރަޝިޔާގެ މައްޗަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ރިޢާޔަތެއް ނެތި ދިވެހިރާއްޖެއަކީ ރަޝިޔާ ކުންފުނިތަކަށް މައިކްރޯޗިޕް، ވައިގެ އުޅަނދުފަހަރުގެ ބައިތައް އަދި އޮޕްޓިކަލް އިންސްޓްރުމެންޓް ތައް ހޯދައިދޭ "ސިއްރު މަގެއް" ކަމަށް ބުނެ ޢާންމުކުރި ރިޕޯޓަށް ފަހުގައެވެ.
ނަމަވެސް، އަމެރިކާ އަދި ޔޫރަޕްގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު ކަމެއްތޯ، އަދި މިފަދަ ތަކެއްޗާއި މުދާ ވަކިކޮށް، ދެނެގަނެ، ބަލާނެ ޤާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންވޭތޯ އާމެދު ސުވާލު އުފެދިފައި ވެއެވެ.
ވޯލް ސްޓްރީޓް ޖާނަލް ގެ ރިޕޯޓުގައިވާ މަޢުލޫމާތު ރަނގަޅުތޯ އަދި ތުހުމަތުތައް ތެދުތޯ ދިވެހި ސަރުކާރުން ބަލަމުން ދާކަމަށާއި، ރިޕޯޓުގައިވާ ވާހަކަތަކުގެ ފަހަތުގައިވަނީ ޙަޤީޤަތްކަމަށް ވާނަމަ ފިޔަވަޅު އަޅުއްވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފް "މުންދު" ހޮނިހިރު ދުވަހު ނޫސްވެރިންނާއެކު ބޭއްވި ނުރަސްމީ ބްރީފިންގްގައި ވިދާޅުވިއެވެ. މަވެސް، ޓްރާންސިޓް ކާގޯ ބަލައި، ޗެކް ކުރުމުގައި ކަސްޓަމްސް އަށް ލިބިގެންވާ ޤާބިލުކަމާމެދު އޭނާވެސް ސުވާލު އުފެއްދިއެވެ. :“މިސާލަކަށް މިފޯނުގައި ވާ ޗިޕަކީ ކޮން ބާވަތެއްގެ ޗިޕެއްކަން އަޅުގަނޑުމެންނަށް ކިހިނެއް ދެނެގަނެވޭނީ؟" މުންދު ސުވާލު އުފެއްދެވިއެވެ.
ދިވެހިރާއްޖެ މެދުވެރިވެގެން ރަޝިޔާއަށް މަނާ ތަކެއްޗާއި މުދާ އެތެރެކުރަމުންދިއުން ހުއްޓުވުމަށް އަމެރިކާ އަދި ޔޫރަޕުން ދިވެހި ސަރުކާރުގެ މައްޗަށް ”ވަރުގަދައަށް ޕްރެޝަރ ކުރަމުންދާ" ކަމަށް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނެފައިވާ ވުން މުންދުވަނީ ދޮގުކުރައްވާފައެވެ. ދިވެހިރާއްޖެއިން ގެންދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ ސެކިއުރިޓީ އެޖެންސީތަކާއެކު ގާތުން މަސައްކަތް ކުރަމުންދާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓް އިން ރަޝިޔާގެ އެމްބަސީއާ ވޯލް ސްޓްރީޓް ޖާނަލް ގެ ތަޙްޤީޤީ ރިޕޯޓާގުޅޭގޮތުން ކޮމެންޓެއް ހޯދާން ގުޅުމުން އެއްޗެއް ބުނާން އިންކާރު ކުރިއެވެ. ”ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޞައްޙަކަމެއް ނެތް ކަންތައްތަކެއްގެ ގޮތުގައި މެނުވީ ރަޝިޔާއިން ނުދެކޭ،“ ކަމަށާއި، ”ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާގޮތުންނަމަ ދަތިކުރުމުގެ ފިޔަވަޅު ހަމައެކަނި އެޅޭނީ އދގެ ސަލާމަތީ މަޖިލިހަށް،“ ކަމަށް ދެކޭ ކަމަށް އެއެމްބަސީ އިން ބުނެފައި ވެއެވެ.
އދ ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ފިޔަވަޅެއް ފާސްކޮށްފައި ނެތީވިއްޔާ، ވަކިވަކި ޤައުމުތަކުން އަޅާ ފިޔަވަޅުތަކަށް ތަބަޢަވާކަށް ދިވެހިރާއްޖޭގެ ޤާނޫނުތަކަކުން މަޖުބޫރެއް ނުކުރެއެވެ. އެހެންނަމަވެސް އެއް ބޭނުމަށްވުރެ ގިނަ ބޭނުންތަކަށް ފުދޭނެ އަދި ހަތިޔާރު އުފައްދާން ބޭނުންކުރެވޭނެ ފަދަ މުދާ ދިވެހިރާއްޖޭގައި ޓްރާންސިޓްވާނަމަ ބަލާންޖެހޭ އަދި ހިފަހައްޓާންޖެހޭ މިންގަނޑުތަކަށް ސަމާލުުވުން ދިވެހި ދައުލަތުގެ މައްޗަށް ވާޖިބެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއި، ވެލާނާ އިންޓަނެޝަނަލް އެއަރޕޯޓު ހިންގާ ސަރުކާރުގެ ކުންފުނި މޯލްޑިވްސް އެއަރޕޯޓްސް ކުންފުނި ލިމިޓެޑު -އެމްއޭސީއެލް އިން ކޮމެންޓެއް ހޯދުމަށް ކުރި މަސައްކަތް ޖަވާބު ނުދޭތީ ކާމިޔާބެއް ނުވެއެވެ. އެމްއޭސީއެލް އަށް އެންމެ ބޮޑު އާމްދަނީގެ ފައިދާއެއް ލިބެނީ ކާގޯ ޓްރެފިކް ހެންޑްލިންގް ފީތަކާއި ޖެޓް ފިއުލް ޗާޖުތަކުންނެވެ. 2025 ޖުލައިގައި އެއް ދުވަހު 126 ޓަނުގެ ކާގޯ ހެންޑްލްކޮށް އެކުންފުނިން އޮތީ ރެކޯޑެެއް ޤާއިމުކޮށްފައެވެ.
މިއީ ފުރަތަމަ ފަހަރެއް ނޫން
މާލެ މެދުވެރިކޮށް މި މުދަލާއި ތަކެތި ރަޝިޔާއަށް ފޮނުވުމަކީ އާ ކަމެއް ނޫނެވެ. 2023 މެއިގައި، އަމެރިކާގެ ބިއުރޯ އޮފް އިންޑަސްޓްރީ އެންޑް ސެކިއުރިޓީ (ބީއައިއެސް) އިން "އިންޓަމޯޑަލް މޯލްޑިވްސް" ކިޔާ ފްރައިޓް ފޯވަޑަރެއްގެ ސަސްޕެންޑު ކުރިއެވެ. މި ދިވެހި ކުންފުނި ރަޖިސްޓަރީ ކޮށްފައި އޮތީ 2022 ފެބްރުއަރީގައި ރަޝިޔާ ޔޫކްރޭނަށް ޙަމަލާދިންތާ ދެތިން ހަފްތާއެއްގެ ތެރޭގައެވެ. 2022 މެއިއިން އޮކްޓޯބަރަށް އިންޓަމޯޑަލް އިން ގާތްގަނޑަކަށް ވައިގެ އުޅަނދުތަކުގެ ބައިތަކާ ގުޅޭ 212 ކޮންސައިންމަންޓް ރަޝިޔާއަށް ފޮނުވިއެވެ. އެހެނަސް، އެކްސްޕޯޓް ކޮންޓްރޯލް ލިޔުންތަކުގައި އެމުދާތައް އާޚިރުގައި ފޮނުވަނީ ރަޝިޔާއަށްކަން އެނގޭކަށް ނެތެވެ.
Nikkei Asia އިން 2023 ޖުލައިގައި ރިޕޯޓުކުރި ގޮތުގައި، ރަޝިޔާއިން ޔޫކްރޭނަށް ޙަމަލާދިން ފައަހަރުގައި، އެމެރިކާގައި އުފައްދާފައިވާ ގާތްގަނޑަކަށް 400,000 ސެމިކޮންޑަކްޓަރ ދިވެހިރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ފޮނުވުނެވެ. މިއީ ޗައިނާ ފިޔަވައި އެންމެ ގިނައިން ސެމީކޮންޑަކްޓަރު ރަޝިޔާއަށް ފޮނުވި ފަރާތެވެ. ޗިޕްތަކުގެ އަގު 53.6 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މިއީ 2021 ގައި ދިވެހިރާއްޖެއިން އެކްސްޕޯޓްކުރި ހުރިހާ މުދަލެއްގެ ޖުމުލަ އަގުގެ ފަސްބައިކުޅަ އެއްބަޔަށްވާ މިންވަރެވެ. ”އެއިރޮފްލޮޓް“ މޮސްކޯއިން މާލެއަށް ސީދާ ފްލައިޓް އަލުން ފެށުމުން، މި ޝިޕްމަންޓްތަކުގެ ޢަދަދު ބޮޑުތަނުން އިތުރުވިކަން ނިކެއި އޭޝިޔާއިން ހޯދާފައި ވެއެވެ.
އެއަރވޭ ބިލްތަކާއި، ކާގޯ މެނިފެސްޓްތަކާއި، ލޮޖިސްޓިކްސް ކުންފުނިތަކުގެ އީމެއިލްތަކަށް ބިނާކޮށް، ވޯލް ސްޓްރީޓް ޖާނަލް ގެ ތަޙުޤީޤުން ހޯދާފައިވަނީ މިފަދަ މުޢާމަލާތްތަކެކެވެ. ރަޝިޔާގެ ޤައުމީ އެއަރލައިން އެއިރޮފްލޮޓް އިން ދުވާލަކު އެއް ފްލައިޓް - ކޮންމެ ހެނދުނަކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖައްސައެވެ. އެހިސާޝުން ދިވެހިން މެދުވެރިވެގެން އެމެރިކާ، ޔޫރަޕް އަދި ޗައިނާގެ މުދާ އެބޯޓަށް ބަރުކުރެއެވެ. ގާތްގަނޑަކަށް ދެ ގަޑިއިރު ފަހުން މޮސްކޯގެ ޝެރެމެޓްޔެވޯ އެއަރޕޯޓަށް އެނބުރި އެއިރޮފްލޮޓްއިން ދަތުރު ފަށައެވެ. މުދަލާއި ތަކެތި ރަސްމީކޮށް ދިވެހިރާއްޖެއަށް އެތެރެނުވާކަމަށްޓަކައި، ކަސްޓަމްސް އިން ޗެކުކޮށް، ބަލަނީ ލިޔުންތައް އެކަންޏެވެ. ވޯލް ސްޓްރީޓް ޖާނަލް އިން ބުނަނީ ދިވެހިރާއްޖޭގައި އާ އެއަރވޭ ބިލެއް ތައްޔާރުކުރަނީއެވެ. އަދި އަޞްލު މުދާ ވިއްކި ފަރާތުގެ ނަން އެ އެއަރވޭ ބިލުގައި ހިމަނާފައެއް ނޯވެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މެދުވެރިކޮށް ފޮނުވާ ސެމީޯކޮންޑަކްޓަރުތައް މަދަނީ ބޭނުމަށާއި، މިސައިލް ގައިޑަންސް ސިސްޓަމްތަކުގައިވެސް ބޭނުންކުރެވި ދާނެއެވެ. ވައިގެ އުޅަނދުފަހަރުގެ ބައިތަކާއި، އެއަރޯސްޕޭސް ފާސްޓެނަރއާއި، ސެޓެލައިޓްތަކުގައި ބޭނުންކުރާ އޮޕްޓިކަލް އިންސްޓްރުމެންޓްތައް ވެސް ރާއްޖެ މެދުވެރިކޮށް ރަޝިޔާއަށް ފޮނުވާ މުދަލުގެ ތެރޭގައި ހިމެނެއެވެ.
ވޯލް ސްޓްރީޓް ޖަރނަލްއިން ބުނަނީ 2022 އިން 2025 އަށް ދިވެހިރާއްޖެއިން ރަޝިޔާއަށް ރަސްމީކޮށް އެކްސްޕޯޓްކުރި ކަނޑުމަހުގެ އަގަކީ ގާތްގަނޑަކަށް 2,300 އެމެރިކާ ޑޮލަރު ކަމަށެވެ. އެމުއްދަތުގައި ރަޝިޔާއަށް ފޮނުވާފައިވާ މަނާ މުދަލުގެ ޢަދަދު "ސަތޭކަ މިލިއަން ޑޮލަރު" އަށް އަރާ ކަމަށެވެ. ނަމަވެސް 2021 ގައި ދިވެހިރާއްޖެއިން ރަޝިޔާއަށް ފޮނުވި މުދަލާއި ތަކެތީގެ އަގު 7 މިލިއަން ޑޮލަރަށް ވުރެ މަދެވެ. 2022 ގައި 630 މިލިއަން ޑޮލަރަށް ވުރެ މަތިވިއެވެ.
"އަހަރެމެންގެ ނަން ބޭނުންކޮށްފައި“
ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓުގައި ބުނަނީ ލިޔުންތައް ހެދުމާއި ގުޅުން ހުރިކަމަށް ބެލެވޭ ދެ ދިވެހި ކުންފުންޏެއް ވެއެވެ. އެއީ ”ފްރޭޓް ކެއަރ“ އަދި :ގޯ އިންވެސްޓްމަންޓް“ އެވެ.
ފްރޭޓް ކެއަރގެ މެނޭޖިންގ ޑިރެކްޓަރ ރަޝިޔާއަށް ފޮނުޥާ ޓްރާންސިޓް ކާގޯ ހެންޑްލްކޮށްފައިވާކަމަށް އިޢުތިރާފުވިއެވެ. ނަމަވެސް، ހަތިޔާރާގުޅޭ އެއްޗެއް އެނގިހުރެ ފޮނުވާފައިވާކަން އިންކާރު ކުރިއެވެ. "އަހަރެމެން އެއްވެސް ހަނގުރާމައަކަށް ތާޢީދެއް ނުކުރަން،" ޙުސައިން ވަޙީދާ ޙަވާލާދީ ވޯލް ސްޓްރީޓް ޖަރނަލްގައި ލިޔެފައި ވެއެވެ.
ފްރޭޓް ކެއަރ ރަޖިސްޓަރީކޮށްފައިވާ ދެ އެޑްރެހުން ކުރެ އެއްވެސް ތަނެއްގައި ކުންފުނީގެ ނިޝާނެއް ނުފެނުނުކަމަށް ވޯލް ސްޓްރީޓް ޖާނަލް ބުނެއެވެ. މި ދެ އެޑްރެހަކީ އެއިރޮފްލޮޓްގެ އޮފީހުގެ ދެ ފަޅީގައިވާ އޮފީސް ބިލްޑިންގއެކެވެ. ގޯ އިންވެސްޓްމަންޓްގެ އެޑްރެހަކީ އިލެކްޓްރޯނިކްސް ފިހާރައެއްގެ އެޑްރެހެވެ. މި އެޑްރެހުގައި އެހެން ގިނަ ކުންފުނިތަކެއްވެސް ރަޖިސްޓަރީ ކޮށްފައި ވެއެވެ.
ނިކެއި އިން 2023 ގައިވެސް މިފަދަ ކަމެއް ފާހަގަކުރިއެވެ. އިންޓަމޯޑަލް މާލޭގައި ރެޖިސްޓްރީކޮށްފައިވާ އޮފީހަށް ނޫސްވެރިން ދިޔައިރު، ކުންފުނީގެ ނުވަތަ މުވައްޒަފެއްގެ ނިޝާނެއް ނުފެނުނެވެ.
ގޯ އިންވެސްޓްމަންޓްގެ ސީނިއަރ އޮފިޝަލަކު މޯލްޑިވްސް އިންޑިޕެންޑެންޓް ގައި ބުނީ، ކުންފުންޏަކީ އިލެކްޓްރޯނިކްސް ފިހާރައެއް ހިންގައި، ދިވެހިރާއްޖޭގައި ވިއްކުމަށް ތަކެތި އިމްޕޯޓްކުރާ ކުންފުންޏެއް ކަމަށެވެ. ކާގޯ ނުވަތަ ލޮޖިސްޓިކްސް ލައިސަންސެއް ކުންފުނީގައި ނެތުމުން، އެއަރޕޯޓުން ޓްރާންސިޓް ކޮންސައިންމަންޓެއް ގެންދެވޭނެ ގޮތެއް ނެތްކަމަށް އޭނާ ވިދާޅުވެ، ޢުޒުރު ދެއްކެވިއެވެ.
"ލައިސަންސެއް ނެތި، ޕަރމިޓެއް ނެތި އެއީ ކިހިނެއް ކުރެވޭނެ ކަމެއް؟" އޭނާ ސުވާލު އުފެއްދެވިއެވެ.
"އަޅުގަނޑުމެންގެ ނަން ބޭނުންކޮށްގެން އެއަރވޭ ބިލްތަކެއް ނުވަތަ އެހެން ލިޔުންތަކެއް ހަދާފައި އެވަނީ،" އޭނާ ވިދާޅުވިއެވެ. ކުންފުނީގެ މަޢުލޫމާތު އާންމުންނަށް ހުޅުވާލެވިފައިވާތީ، ކުންފުންޏާ ނުގުޅިވެސް މިފަދަ ލިޔުންތައް ހެދިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ވޯލް ސްޓްރީޓް ޖާނަލްގައި ބަޔާންކުރާ މުޢާމަލާތްތަކާ ގުޅޭ ކުންފުންޏަކާވެސް އަދި ވިޔަފާރިއަކާވެސް ގުޅޭ ލިޔެކިޔުމެއް ގޯ އިންވެސްޓްމަންޓުގެ ކިބައިގައި ނެތް ކަމަށެވެ.
ކުންފުނީގެ ނަމުގައި ތަކެތި ރާއްޖެއަށް ގެންނަކަން ވޭތުވެދިޔަ އަހަރު އެނގުމުން، އެކަން އެމްއޭސީއެލް އަށް ރިޕޯޓުކުރިކަމަށާއި، ކުންފުނީގެ ނަމުގައި މުދާ ގެންނަނީ ކޮންބަޔަކުކަން އެއަރލައިނާ ގުޅައިގެން ހޯދާށޭ އެމްއޭސީއެލްއިން ބުނި ކަމަށްވެސް އޭނާ މަޢުލޫމާތު ދެއްވިއެވެ.
ޖިއޯޕޮލިޓިކަލް ކުޅިގަނޑެއް
ދިވެހިރާއްޖެ ހިނގާން ޖެހިފައިވާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމުގެ ރާސްތާގައި އެއް ފަރާތުގައި އޮތީ ވޯޝިންގްޓަން އަދި ބްރަސެލްސް އެވެ. ވޭތިވެދިޔަ ތިން އަހަރުގެ ތެރޭގައި ތިންވަނަ މެދުވެރިއެއްގެ ބައި ކުޅުނު ބައެއް ފަރާތްތައްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކުރާ ފަރާތްތަކުގެ ލިސްޓުގައި ހިމަނާފައި ވެއެވެ. 2023 ގައި ”އިންޓަމޯޑަލް“ އާ ދެކޮޅަށް އެޅި ފިޔަވަޅުން ރަމްޒުކޮށްދެނީ، އެމެރިކާގެ ސަޕްލަޔަރުންގެ ކިބައިން ބަންދުކޮށް، ދިވެހި ކުންފުންޏެއްގެ މައްޗަށްވެސް ފިޔަވަޅު އަޅާން އެޤައުމުން ފަސްނުޖެހޭނެ ކަމެވެ. އެކުންފުނީގެ ބޭންކް މުޢާމަލާތްތަކަށްވެސް އެމެރިކާއިން ހުރަސް އެޅިއެވެ. ކޮރެސްޕޮންޑެންޓް ބޭންކުތަކުން މިފަދަ ފިޔަވަޅުތައް ނުހަނު ފަރުވާތެރިކަމާއެކު ތަންފީޒުކޮށްދެއެވެ.
އަނެއް ފަރާތުގައި އޮތީ މޮސްކޯއެވެ. 2022 އިން ފެށިގެން ރަޝިޔާއަކީ ދިވެހިރާއްޖެއަށް ފަތުރުވެރިން ދެވަނައަށް އެންމެ ގިނައިން ފޮނުވާ މާކެޓެވެ. މި އަހަރު ރަޝިޔާގެ ދިވެހި ފަތުރުވެރިކަމުގައި ޙިއްޞާކުރީ 15 އިންސައްތައެވެ. ސެޕްޓެމްބަރ 6 އާ ހަމައަށް 212,927 ރަޝިޔާ ފަތުރުވެރިން ދިވެހިރާއްޖެއަށް އައެވެ.
އދ ގައި ޔޫކްރޭނަށް ތާޢީދުކޮށް ދިވެހިރާއްޖެ ވޯޓުދިން ކަމާމެދު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ދިވެހި ސަރުކާރަށް ތަޢުރީފު ކުރެއްވި ކަންމައްޗަށް ޝްރީލަންކާ އަދި ދިވެހިރާއްޖެއަށް ރަޝިޔާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ލެވަން ޒަގަރްޔާން ވަނީ 2025 ފެބްރުއަރީގައި ފާޑުވިދާޅުވެފައެވެ. ދިވެހިރާއްޖެއަށް ރަޝިޔާއިން ނުހަނު ގިނަ ޢަދަދެއްގެ ފަތުރުވެރިން އަންނަކަން ސަފީރު ފާހަގަކުރެއްވުމުން، ރައީސް ނަޝީދުވަނީ ފަހުން މަޢާފަށް އެދިވަޑައިގެންފައެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
