ރެޔާއި ދުވާލު އިޒްރޭލަށް ޙަމަލާދޭން ގޮވައިލެއްވުމަށްފަހު، އދގައި ދިވެހިރާއްޖެއިން އީރާން ކުށްވެރިކޮށްފި

އީރާނަށް ޢާންމުން ދެމުންދާ ތަރުޙީބުގެ ސަބަބުން ރައީސަށް ޖެހިވަޑައިގަތީ އިޒްރޭލާއި އެމެރިކާ ދެކޮޅަށް ގަދަބަސް ވިދާޅުވާން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

އީރާނަށް ރައްދު ޙަމަލާ ދޭނަމަ، "ރެއާއި ދުވާލު" އިޒްރޭލަށް ޙަމަލާ ދޭންވީ ކަމަށާއި، "އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [ޢަސްކަރީ ބޭސްތަކަށް] އެ ސަރަޙައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް" ޙަމަލާ ދިނުމަކީ "އަޅުގަނޑުމެން ވަރަށް ބޭނުން" ކަމެއް ކަމަށް  މާރިޗު 2026 ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 
އޭގެ ފަހުން، ޖެނީވާގައި ހުންނަ އދ ގެ ހިއުމަން ރައިޓްސް ކައުންސިލަށް، ދިވެހިރާއްޖެ އިން ކޯ ސްޕޮންސަރ ކޮށްގެން ހުށަހެޅި ޤަރާރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރާއްޖޭގެ ދާއިމީ މަންދޫބު ޑރ ސަލްމާ ރަޝީދު އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ޙަމަލާތައް "ޣައިރު ޤާނޫނީ" ކަމަށް ސިފަކުރެއްވި ނަމަވެސް، "އިސްވެ ކުރި ޢަމަލެއް ނެތި،" އީރާނުން ގަލްފުގެ 7 ޤައުމަށް ދިން ޙަމަލާތައް ކުށްވެރިކުރައްވާފައި ވެއެވެ. އަދި އިޒްރޭލާއި އެމެރިކާއިން ހިންގަމުންގެންދާ ޢަސްކަރީ އޮޕަރޭޝަންތަކުގެ މައްޗަށް އެއްވެސް ފާޑުކިޔުމެއް ރައްދުކޮށްފައެއް ނުވެއެވެ. 
ރައީސުލްޖުމްހޫރިއްޔާގެ ބަސްމަގާއި އދގައި ދިވެހިރާއްޖެއިން ޢަމަލުކުރަމުންދާ ގޮތުގެ ފަރަގުގެ ސަބަބަކީ ލޯކަލް ކައުންސިލް އިންތިޚާބެވެ. އިޒްރޭލާއި އެމެރިކާއިން އީރާނާ ހަނގުރާމައަށް ނުކުތްކަމާމެދު ދިވެހިންގެ މެދުގައި އިޒްރޭލާއި އެމެރިކާއަށް އިންތިހާއަށް ނުރުހުން އުފެދިފައިވެއެވެ. މިކަން އެންމެ ބޮޑަށް ހާމަވީ، އީރާނުގެ އަވަހާރަކޮށްލެވިފައިވާ ރޫޙާނީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީއަކީ މުސްލިމެއް ނޫންކަމަށް ދިވެހި ދީނީ ޢިލްމުވެރިޔާ ޝެއިޚް އަޙްމަދު ސަމީރު ވިދާޅުވުމުން އޭނާއަށް  ރައްދުވެގެންދިޔަ ޢާންމު ރުޅިވެރިކަމާއި ފާޑުކިޔުމެވެ. 
"އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ޙަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ޙަމަލާއެއް ނޫން. އީރާނުން ޙަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ޤަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ޙަމަލާ ދޭންވީ ހަމަ ރެއާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން،" ކަން ހާމަކުރައްވާ، ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ "މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އީރާނަށް ޙަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [ޢަސްކަރީ ބޭސްތަކަށް] އެ ސަރަޙައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،" ކަމަށެވެ. 
ހަނގުރާމައަށް ދިވެހިރާއްޖޭގެ ސަރަޙައްދު ނުވަތަ ވައިގެ ސަރަޙައްދު ޢަސްކަރީ، ޑިޕްލޮމެޓިކް، ނުވަތަ ލޮޖިސްޓިކަލް ގޮތަކަށް ބޭނުން ކުރުމުގެ ހުއްދަ ނުދެއްވާނެކަމަށް ވެސް ނޫސްވެރިން ގާތު ރައީސް މުޢިއްޒު ވިދާޅުވިއެވެ. 
އދ ގެ ހިއުމަން ރައިޓްސް ކޮމިޝަންގައި ސަފީރު ޑރ ސަލްމާ ރަޝީދު ވަނީ އިސްރާއީލުގެ "ހަމަޖެހުން ގެއްލިގެންދާ ޢަމަލުތަކާއި ޢުދުވާނީ ޢަމަލުތައް" ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ގޮވައިލައްވާފައެވެ. ދެވަނައަށް - ބުދަ ދުވަހު - ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ "އީރާނުން ޢާންމުންނާއި ޖީސީސީގެ މުހިންމު އިންފްރާސްޓްރަކްޗަރަށް ދޭ ޙަމަލާތައް ވަރަށް ބޮޑަށް ކުށްވެރިކުރާ" ކަމަށެވެ. މިބަޔާނާމެދު ގިނަބަޔަކުގެ ނުރުހުން ސަފީރަށާއި، ދިވެހި ޚާރިޖިއްޔާއާއި، ސަރުކާރަށް ރައްދުވެފައި ވެއެވެ. 
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އަންހެނުންގެ ރޫޙްގެ ރައީސް ރޮޒައިނާ އާދަމް ވަނީ ސަފީރުގެ  ވާހަކައިގެ ވީޑިއޯއެއް ޢާންމު ކުރައްވައި، ޣައްޒާ، ފަލަސްޠީން އަދި ލުބުނާނުގައި އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ކެމްޕޭން ކުށްވެރި ނުކުރެއްވުމަކީ "ދިވެހި ރައްޔިތުންގެ މޫނުގައި ޖެހި ތަފާލެއް" ކަމަށް ވިދާޅުވެފައެވެ. އޭނާ އިތުރަށް ވިދާޅުވީ ސަފީރުގެ ވާހަކަތަކުން އޭނާއަކީ "ނަސްލު ނައްތާލުމުގެ އަނިޔާވެރިކަމުގެ ބައިވެރިއެއް" ކަމަށް ތުހުމަތު ކުރައްވާ، ދެން ދުވަހަކުވެސް ދިވެހިރާއްޖެ ތަމްޘީލުކޮށް، ދިވެހި ރައްޔިތުންގެ ފަރާތުން ސަފީރު ވާހަކަ ނުދެއްކުމަށް ޑިމާންޑު ކުރައްވާފައެވެ. "އީރާނުގައި 169 ކުޑަ އަންހެން ކުދިން މަރާލިކަން ނޭނގޭތަ؟" ރޮޒައިނާ ސުވާލު ކުރެއްވިއެވެ. 

ދީނީ ފަލްސަފާގެ ނަޒަރުން

ރޮޒައިނާގެ ރުޅިވެރިކަން ފާޅުވީ، އާދީއްތަ ދުވަހު ޝެއިޚް އަޙްމަދު ސަމީރު އޭނާގެ 60،000 އެއްހާ ފޭސްބުކް ފޮލޯވަރުން ގާތު އީރާނުގެ ލީޑަރުންނަކީ މުސްލިމުންގެ އެއްބައިވަންތަކަން ޙައްޤު ނޫން ބައެއް ކަމަށް ބުނުމަށް ފަހު، ޢާންމުންގެ އެތައް ބަޔަކު ރުޅިވެރިކަން ފާޅުކުރަމުންދިޔަ ދަނޑިވަޅުގައެވެ. ދިވެހިރާއްޖޭގައި ނަންހިނގާ ސަލަފީ ޢިލްމުވެރިޔާ ޝެއިޚް ސަމީރުވަނީ އީރާނުގެ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ އާއި އޭނާގެ ކުރިން ރޫޙާނީ ލީޑަރުކަމުގައި ހުންނެވި އާޔަތުالله ޚުމޭނީގެ ލިޔުންތަކުން އެމީހުންނަކީ ރަސޫލާގެޞަޙާބީންނަށް ފުރައްސާރަކޮށް، ފަސާދަ ކުރި "ޝީޢީ މަޒުހަބުގެ ބާޠިލު ޢަޤީދާ" އަށް ތަބަޢަަވާ ބައެއް ކަމަށާއި، ޤުރުއާން އޮޅުވާލަން މަސައްކަތްކުރާ ބައެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ޚުމޭނީގެ ކަޝްފް އަލް އަސްރާރު (ސިއްރުތައް ހާމަކުރުން) އާއި ޚާމަނާއީގެ އަލް ޚަވާސް ވަ އަލް ލަހަޒާތު އަލް މަސީރިއްޔާ (ދަ އެލީޓް އެންޑް ފޭޓް ޑިޓަރމިނިން މޮމެންޓްސް) ގެ ފޮތުގެ ބަނޑޭރިގަނޑުގެ ފޮޓޯ ހިމަނުއްވާފައި ވެއެވެ. 
"އީރާނުގެ ޙަމަލާތަކުންް ޔަހޫދީ ދައުލަތް ސުނާފަތިވާން އެދުނަސް އިސްލާމްދީނާއި އިސްލާމީ އުންމަތަށް ނަޞްރުދިނުމުގެ ނަމުގައި މި މީސްމީހުން މަތިވެރި ކުރުމުގެ އެއްވެސް މާނައެއް ނެތް" ކަމަށާއި، "އަޅުގަނޑު މި ވާހަކަ މި ލިޔުނީ މީހަކު ބުނި ވާހަކައެއް އަހައިގެނެއް ނޫނެވެ. އަދި ކިއެއްތަ ،އެދެމީހުންގެ ފޮތްތަކުން އަޅުގަނޑަށް ފެންނާންހުރި  އެއްޗެއްސަށް ބަލާފަ" ކަމަށް އޭނާ ލިޔުއްވިއެވެ. 
900 އަށް ވުރެ ގިނަ ކޮމެންޓާއި 600 ޝެއަރފަހުން އަށްފަހު، ޚުލާޞާގޮތެއްގައި ފެންނާން އޮތީ މަޒްހަބީ ޚިލާފުތަކުގެ މައްޗަށް އީރާނުގެ ލީޑަރުން ބަދުނާމުކޮށް، ކުޑައިމީސްކުރުމަކީ ދިވެހި ނުރުހި ތިބި ކަމެވެ. 
"އަހަރުންނަށް ހެޔޮ އީރާން އަކީ ކޮންމެ ކަހަލަ ބަޔަކަސް، މިއަދު ފެންނަ ޙަޤީޤަތަކީ ސުންނީ ޢަރަބި އިސްލާމީ ޤައުމުތަކަށް ވުރެ އީރާން މާބޮޑަށްވެސް ރަނގަޅު ކަން."ޝެއިޚް ސަމީރުގެ ފޭސްބުކް ޕޯސްޓުގެ ކޮމެންޓުގައި މީހަކު ލިޔެފައި ވެއެވެ. ބަރާބަރު އިމޯޖީގެ 107 ރިއެކްޝަން އެކޮމެންޓަށް ލިބުނެވެ.
"ފަލަސްޠީނުގެ އެތައް ލައްކަ މަޢުޞޫމް މީހުން މަރާލިއިރު ސުންނީ މުސްލިމުން ތިބީ ކޮންތާކު ހެއްޔެވެ؟" އެހެން ކޮމެންޓަރަކު ލިޔެފައިވެއެވެ. ކުޑަކުދިން ކަތިލާއިރު އެކަން ހުއްޓުވުމަށް މި ސުންނީ މުސްލިމުން ކުރި ކަމަކީ ކޮބައިތޯއާއި، ސުންނީ ޢަރަބި ދައުލަތްތަކާއި އިސްރާއީލު ގުޅިގެން މަސައްކަތް ކޮށް، ޣައްޒާގެ ބަނޑުހައި ހޫނުކަން ފިލުވައި ނުދނީ ކިއްވެތޯ ކޮމެންޓުތަކުގައި ސުވާލު އުފައްދާފައި ވެއެވެ. އަދި ގިނަ ދިވެހިން ޤަބޫލުކުރާ ގޮތުގައި އީރާނުން އިސްރާއީލަށް ދިން ޙަމަލާތަކަކީ ޣައްޒާގައި ހިނގި ޤަތުލުޢާންމުތަކުގެ ބަދަލު ހިފުންކަމަށާއި، އީރާނަށް ދިވެހިން ތާޢީދުކުރަނީ އެހެންވެކަމަށް އެހެން ކޮމެންޓެއްގައި ވެއެވެ.
"ކަނޑައެޅިގެން ހުސް ދޮގު މިއީ،" 75 ލައިކް ލިބިފައިވާ ކޮމެންޓެއްގައި ވެއެވެ. އޭނާ އިތުރަށް ލިޔެފައިވަނީ "މިއީ ސަޢުދީ ޢަރަބިއްޔާއަށް ތާޢީދުކުރާ ޔަހޫދީ ޝެއިޚުން. އީރާން ކާމިޔާބުވެ، އިޒްރޭލު ހަލާކުުވާތީ ކެތް ނުވެގެން ފިތުނަ ފަސާދަ އުފައްދަމުން ދަނީ،" ކަމަށާއި "ކިތަންމެ ވަރެއް ވިއަސް ދިވެހި ގިނަ މަޖޯރިޓީ އޮތީ އީރާންއާއެކު." ކަމަށެވެ. 
ސައުދީއާ ގުޅިފައިވާ މަސްލަހަތުތަކުގެ ފަރާތުން ޝެއިޚް ސަމީރު ވާހަކަ ދައްކަވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރިއެވެ. 
ބައެއް މީހުންވަނީ ޝެއިޚް ސަމީރު އެޢިޝާރާތް ކުރައްވާ ފޮތްތަކާއި، އެފޮތްތަކުގައި ވާ ވާހަކަތައްކަމަށް ޝެއިޚް ވިދާޅުވާ ވާހަކަތަކަށް ގޮންޖަހާފައެވެ. އެކަކު ބުނީ ކަޝްފް އަލް އަސްރާރަކީ  1943 ވަނަ އަހަރު ޚުމޭނީ ލިޔުއްވި ފޮތެއްކަމަށާއި، އެފޮތް ލިޔުއްވީ ޚާމަނާއީ ނޫން ކަމަށް ބުނެފައެވެ. އަދި ދެވަނައަށް ސަމީރު ޢިޝާރާތްކުރައްވާފައިވާ ޕްރިންސްޓަން ޔުނިވާސިޓީ ލައިބްރަރީގެ ކެޓަލޮގް ބުނާގޮތުން ނަމަ އިސްލާމީ ސޯޝިއޮލޮޖީއާ ގުޅޭ ފޮތެއް ކަމަށާއި، އެއީ ދަޢުވާތަކާއި، ތުހުމަތުތަކުގެ މައްޗަށް ބިނާވާ ފޮތެއް ނޫން ކަމަށެވެ. ޝެއިޚް ސަމީރު ދައްކަވާ ޙުއްޖަތްތަކުގައި އާރުނުލާ ކަމަށް ބުނެ، އެކޮމެންޓޭޓަރުވަނީ އަޞްލު ހެކިތައް ހުރިނަމަ  ޚާމަނާއީގެ އަމިއްލަ ބަސްފުޅުތަކުން، އޭނާގެ ފޮތްތަކުން، ބާބާއި ޞަފްޙާއާއެކު ހުށަހެޅުއްވުމަށް ޝެއިޚް ސަމީރަށް ގޮވައިލައްވާފައެވެ.
އަނެއް ބަޔަކު ވަނީ 2004 ވަނަ އަހަރުގެ ޢައްމާން މެސެޖާ ޙަވާލާދީ ތަފްޞީލީ މަޢުލޫމާތުތަކެއް ހުށަހަޅާފައެވެ. އެގޮތުން ޢައްމާން މެސެޖަކީ ސަޢުދީ ޢަރަބިއްޔާގެ ސީނިއަރ ދީނީ ޢިލްމުވެރިން ހިމެނޭހެން، 85 ޤައުމަށް ނިސްބަތެވަޑައިންނަވާ، 500 ދީނީ ދަންނަބޭކަލުން ސޮއިކޮށްފައިވާ އިޤްރާރެކެވެ. އޭގައި ވަނީ ޝީޢީންނަކީ ޞައްޙަ އިސްލާމީ މަޛްހަބެއް ކަމަށާއި، ޝީޢީންނަކީ އިސްލާމުން ނޫންކަމަށް ބުނުން މަނާކޮށް، އިޤްރާރު ވެފައެވެ. ރަސޫލާގެ ޞަޙާބީންނާއި އަނބިކަނބަލުންނަށް ފުރައްސާރަކުރުން މަނާކޮށް ޚާމަނާއީ އަމިއްލަފުޅަށް 2010 ވަނަ އަހަރު ޢާންމުކުރެއްވި ފަތުވާއެއް ކޮމެންޓް ކުރި ބައެއް މީހުން ވަނީ ޕޯސްޓުކޮށްފައެވެ. މިފަތުވާއަށް އަލްއަޒްހަރު ޔުނިވާސިޓީއިންވެސް ތަޢުރީފުކޮށް، މަރުޙަބާ ކިޔާފައި ވެއެވެ. 
މަދު ބަޔަކު ޝެއިޚް ސަމީރު ދިފާޢު ކުރިއެވެ. "ޝެއިހް ދެއްކީ ޙަޤީޤތް،" އެއް ސަޕޯޓަރަކު ލިޔެފައި ވެއެވެ. "އަޅުގަނޑު އެނގެން ބޭނުންވަނީ މި ފާޑުކިޔުންތެރިން އިސްލާމީ ޝަރީޢަތް ދިރާސާކުރީ ކޮންތާކުންތޯ" އަނެއް ކޮމެންޓަރަކު ލިޔެފައިވެއެވެ. އޭނާ އިތުރަށް ބުނެފައިވަނީ ޝެއިޚް ސަމީރު ވާހަކަދައްކަވާފައި އެވަނީ އީރާނުގެ ލީޑަރުން މުޤައްދަސް ދަރަޖައަކަށް އުފުލުމާ ދެކޮޅަށް ކަމަށާއި، އީރާނުން އިޒްރޭލާ ދެކޮޅަށް ކުރާ ހަނގުރާމަޔާ ނޫން ކަމަށެވެ. 
ބައެއް މީހުން ހަމައެކަނި ސަމީރުގެ ދީނީ ޙުއްޖަތަށް އިޢުތިރާފުވެ، އެއީ ގުޅުން ނެތް ޙުއްޖަތެއް ކަމަށް އިޢުލާން ކުރިއެވެ. "އަޅުގަނޑުމެން ދުއާކުރަނީ މި ހަނގުރާމައިގައި އިސްރާއީލާއި އެމެރިކާގެ މައްޗަށް އީރާނަށް ކާމިޔާބު ހޯއްދަވައިދެއްވުން،" ކޮމެންޓަރަކު ލިޔެފައިވެ އެވެ. "އެއީ އެމީހުންގެ ދީނީ ވިސްނުމެއް ނުވަތަ އެމީހުންގެ ފަތުވާތަކަށް އެންޑޯސް ކުރުމެއް ނޫން. މައުލޫމާތަށް ޝުކުރިއްޔާ ޝެއިޚް."
ބައެއް މީހުން ލިޔެފައިވަނީ ދީނީ ފަލްސަފާގެ ރޮނގުގައި ޝެއިޚް ސަމީރު އެދައްކަވާ ވާހަކަފުޅުތައް ޞައްޙަ ނަމަވެސް، އެއީ މިމަޢުޟޫއާއި ޙާލަތަށް ބޭނުން ވާހަކަތަކެއް ނޫންކަމަށް ބުނެފައެވެ. އަދި ޝީޢީންނާއި ސުންނީންގެ ޚިލާފުތަކަކީ އިޢުތިޤާދުގެ ޚިލާފުތަކަކަށް ވުރެ ބޮޑަށް، ސިޔާސީ އަރައިރުންވުންތަކެއް ކަމަށާއި، އަޞްލު ސުވާލަކީ ފަލަސްޠީނު ތަޙައްމަލުކުރަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އެއްބަސްވެ ތިބި ބައެއްގެ މެދުގައި ބައިބައިވުން އުފެއްދުމުގެ މަޤްޞަދާއި ބޭނުމާއި މެދު ކަމަށްވެސް އޭނާގެ ކޮމެންޓުގައި ލިޔެފައި ވެއެވެ. 
އަޒްހަރުން ތަޢުލީމު ޙާޞިލު ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤްއްޔޫމް ހުކުރު ދުވަހު ވިދާޅުވީ ތިބާއީ ސުންނީ މުސްލިމެއް، ޝީޢީ މުސްލިމެއް ނުވަތަ ސަލަފީ މުސްލިމެއް ކަމަށް  ނުބުނުމަށާއި، އަހަރެމެން އެންމެންނަކީ މުސްލިމުން ކަމަށާއި، އެލޭބަލްތަކަކީ މުސްލިމުން ބައިބައި ކުރުމަށް ދުޝްމަނުން ދައްކާ ވާހަކަތަކެއް ކަމަށެވެ. 
ފާއިތުވި ހަފްތާތަކުގައި ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުގެ ތެރޭގައި ދިވެހިން ގެންދިޔައީ އީރާނަށް ހިފެހެއްޓުމެއް ތަރުޙީބު ހާމަކުރަމުންނެވެ. ޤަޠަރުގެ ޢަމީރާ ރައީސް މުޢިއްޒު ފޯނުން ގުޅުއްވުމާ ގުޅޭ ގޮތުން ޤަޠަރު ޓްރިބިއުން އިން ކުރި ފޭސްބުކް ޕޯސްޓެއްގައި 14ވާ  ކޮމެންޓުގެ ބޮޑު ބަޔަކީ ދިވެހިން "އީރާނާ އެކު ތިބި" ކަމަށް އިޢުލާން ކުރި ކޮމެންޓުތަކެކެވެ. އިޒްރޭލާއި އެމެރިކާގެ ޢަސްކަރީ އޮޕަރޭޝަންތަކަށް ވާގިދީ، އެމެރިކާގެ ޢަސްކަރީ ބޭސްތައް ޤާއިމުކޮށްފައި ހުރި ޢަރަބި ޤައުމުތަކަށް ނުރުހުން އަމާޒުކުރަމުންވެސް ސޯޝަލް މީޑިޔާ ޕޯސްޓުތަކުގައި ދޭމެއެވެ.
އީރާނުގައި މައިގަނޑުކޮށް ތަބަޢަވަނީ ޝީޢީ ފިރުގާއަށް ނަމަވެސް، ދިވެހިން ޢާންމުކޮށް ދެކެނީ އީރާނަކީ އަސްކަރީ ގޮތުން އިޒްރޭލާ ކުރިމަތިލާން ތައްޔާރަށް އޮތް ހަމައެކަނި ދައުލަތުގެ ގޮތުގައެވެ. މިއާ ޚިލާފަށް ގަލްފްގެ ޢަރަބި އިސްލާމީ ޤައުމުތަކަކީ އިޒްރޭލާއެކު ގުޅުންބަދަހިކޮށް، އަދުގެ ޙާލަތު ދެމެހެއްޓުމުގެ ބައިވެރިކަމުގައި ދިވެހިން ދެކެތެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް އިހަށްވުރެ ބޮޑަށް ޙަމަލާދީ، ޤަތުލްޢާންމު ހިންގަމުންދާ ކަންމައްޗަށް، ދިވެހިން އަރާފައި ތިބި ރުޅިއާއި، ޣައްޒާގައި 75،000 މީހުން ޝަހީދުކޮށްލި ފަހުން، އެމެރިކާ އަދި އިޒްރޭލަށް ޙަމަލާ ދިނުމަކީ ޤަބޫލުކަމެއް ކަމަށް ދިވެހިންގެ ކުރިމަތީގައި ދައްކަވާން ރައީސް މުޢިއްޒަށް ހިސާބަކަށް މަޖުބޫރުވެވަޑައި ގަނެފައިވާ ކަހަލައެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ "ސުންނީ-ޝީޢީ މަޛްހަބީ ޚިޔާލުތަފާތުވުމާއި، ފިތުނައިގެ ތެރެއަށް ނުވެއްޓުމަށާއި، ދިވެހިރާއްޖޭގެ ޒަމާންވީ ދީނީ ވަޙުދަތު ޙިމާޔަތްކޮށް ހިފެހެއްޓުމަށް ދަންނަ ޢިލްމުވެރިންނާއި، ޢާންމު ދިވެހިންނަށް ގޮވައިލައްވާފައެވެ. އަދި މިފަދަ މައްސަލަތަކުގައި ވާހަކަ ދައްކާން ވާނީ ދީނީ ދަންނަބޭކަލުން ކަމަށް މިނިސްޓަރ ލިޔުއްވާފައި ވެއެވެ. 

ސްކްރިޕްޓުގައި ނެތް

ހަނގުރާމަ ފެށިފަހުން ފަހު މާޗް މަހުގެ ތިން ވަނަ ދުވަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒަށް ވަނީ އާޔަތުﷲ އަވަހާރަކޮށްލި ޙާދިޘާގައި ތަޢުޒިޔާ ވިދާޅުނުވުމާއި، ކުށްވެރި ނުކުުރުމުގެ މައްޗަށް ސުވާލުތައް އަމާޒުވެފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ ތަޢުޒިޔާގެ މެސެޖެއް ނުފޮނުވާނެ ކަމަށް ވިދާޅުނުވާ ކަމަށާއި، ވިދާޅުވެފައިވާނީ މަސައްކަތްކު ރައްވާނީ ޢަރަބި އިސްލާމީ ޤައުމުތަކާ އެކުގައި ކަމަށް ކަމަށާއި، ޢަރަބި އިސްލާމީ ޤައުމުތައް މަސައްކަތް ކުރަނީ އެއް ބްލޮކެއްގެ ގޮތުގައި، އެއް ޔުނިޓެއްގެ ގޮތުގައި ކަމަށާއި، ވިދާޅުވީ އެ އެއްބައިވަންތަކަން ދަމަހައްޓަވާނެ ވާހަކަފުޅު ކަމަށެވެ.
އޭގެ ތިން ހަފްތާ ފަހުން ރައީސް ދެން ނޫސްވެރިންނާ ބައްދަލުކުރެއްވީ "ރެއާއި ދުވާލު" އިޒްރޭލަށް ޙަމަލާދިނުމަށް އީރާނަށް ގޮވާލެއްވި އަދި އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް ޙަމަލާ ދިނުމަށް ހިތްވަރު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެނޫސްވެރިންގެ ބައްދަލުވުމާ ދިމާވީ އެމެރިކާ ސަރުކާރުގެ ސައުތު އެންޑް ސެންޓްރަލް އޭޝިޔާގެ ޚާއްޞަ މަންދޫބު ސެރްޖިއޯ ގޮރް ގެ ރަސްމީ ދަތުރުފުޅާއެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނަނީ ޚާއްޞަ މަންދޫބުގެ ދަތުރުފުޅުގައި "ސަލާމަތީ އެއްބާރުލުން ކުރިއެރުވުމަށް" މަޝްވަރާ ކުރައްވައި، "60 އަހަރުގެ ޑިޕްލޮމެޓިކް ގުޅުންތަކަށް" އަލިއަޅުއްވައި ލައްވާނެ ކަމަށެވެ. 
އެކަމަކު ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާއާ އެ ޚާއްޞަ މަންދޫބު ބާއްވަވަން ތާވަލުކޮށްފައިވާ ބައްދަލުވުން ކެންސަލް ކުރިއެވެ. ފޮރިން މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު އަރިހުގައި މަޝްވަރާ ކުރުމަށް ފަހު ގޮރް ދިވެހިރާއްޖެ އިން ފުރާވަޑައިގަތީއެވެ. ދިވެހި ސަރުކާރުން މިދަތުރުފުޅާ ގުޅޭގޮތުން ހަމައެކަނި ބުނި ބަހަކީ ފޮރިން މިނިސްޓްރީގެ އެކައުންޓުން ކުރި ޓްވީޓެކެވެ. އަންގާރަ ދުވަހުގެ ހަވީރު ޚާއްޞަ މަންދޫބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީރުންނާ ބައްދަލުކުރައްވައި "ބައިލެޓަރަލް މައްސަލަތަކާއި ސަރަޙައްދީ ޑައިނަމިކްސް" ގެ މައްޗަށް މަޝްވަރާ ހިންގަވާފައިވާ ކަމަށެވެ.
އިޒްރޭލަށް ޙަމަލާދިނުމުގެ ކޮމެންޓު ރައީސް މުޢިއްޒު ކުރެއްވީ އެމެރިކާގެ ޚާއްޞަ މަންދޫބުގެ ދަތުރުފުޅުގެ މަޤްޞަދާ ގުޅޭގޮތުން ނޫސްވެރިޔަކު ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ. އެމެރިކާ އާއި އިޒްރޭލުގެޙަމަލާތައް "ހަރުކަށިކޮށް" ކުށްވެރިކޮށް ރަސްމީ ދެ ބަޔާނެއް ނެރެފައިވާކަން ފާހަގަކުރައްވާ، ޖަވާބުގައި ރައީސް ވިދާޅުވީ މި ހަނގުރާމައަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ހަނގުރާމައެއް ކަމަށާއި، އިޒްރާއީލުގެ ޢަމަލުތައް ދިވެހި ސަރުކާރަށް "ޤަބޫލު ނުކުރެވޭ" ކަމަށާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ކުރާ އަނިޔާތަކަށް ދިވެހި ރައްޔިތުން "ދުވަހަކުވެސް މަޢާފު ނުކުރާނެ" ކަމަށެވެ.
އެމެރިކާގެ މަންދޫބާ ބެހޭ ގޮތުން ރައީސް މުއިޢިއްޒު ވިދާޅުވީ މިވެރިކަމުގައި ދިވެހިރާއްޖެއަށް މަންފާވާ ގޮތަށްހުރި ހުރިހާ ގުޅުންތަކެއް ޤައުމުތަކާއެކު ދަމަހައްޓަވާނެ ކަމަށާއި، ގެންގުޅުއްވަނީ 'މޯލްޑިވްސް ފަސްޓް' ސިޔާސަތެއް ކަމަށެވެ. އެހެންކަމުން އެމެރިކާގެ ލީޑަރަކު ނުވަތަ އިސް އޮފިޝަލަކު ދިވެހިރާއްޖެއަށް ޒިޔާރަތް ކުރުމަށް އެމެރިކާ ސަރުކާރުން އެދުމުން، ދިވެހިރާއްޖެއިން އެކަމަށް އިންކާރު ކުރުމަކީ ޢައިބު ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. 
މުއިއްޒު ވިދާޅުވީ އެމެރިކާގެ ޚާއްޞަ މަންދޫބު މަޝްވަރާ ކުރަން ބޭނުންފުޅުވާ ކަންކަމަކީ ކޮބައިކަން ދެނެވަޑައިނަވާން ބޭނުންފުޅު ނަމަވެސް މި ހަނގުރާމައާ ބެހޭ ގޮތުން ނަމަ ދައްކަވާނެ ވާހަކަފުޅެއް ނެތް ކަމަށާއި، މި ހަނގުރާމައަކަށް ނުވަތަ އެއްވެސް ހަނގުރާމައަކަށް ދިވެހިރާއްޖޭގެ އެއްވެސް ސަރަޙައްދެއް ބޭނުންކުރުމުގެ ހުއްދަ ނުދެއްވޭނެ ކަމަށެވެ.

ވާހަކަ އަނބުރާލެވޭތޯ

ރައީސުލްޖުމްހޫރިއްޔާގެ މިވާހަކަފުޅުތަކަށް ފަހު ސަރުކާރަށް ތާޢީދުކުރާ ސޯޝަލް މީޑިޔާ އެކައުންޓްތަކުން އެމަނިކުފާނުގެ ވާހަކަފުޅުގެ ވީޑިއޯއާ އެކު ތަރުޖަމާއެއް ދައުރުކޮށް، އެމެރިކާ އާއި އިޒްރޭލާ ގުޅޭ ތަންތަންކޮޅު އުނިކޮށްފައި ވެއެވެ. 
ސްޓޭޓް މިނިސްޓަރު އޮފް ޑިފެންސް މުއާޒް ޙަލީމް މަސައްކަތް ކުރެއްވީ ރައީސްގެ ވާހަކަތައް ތަރުޖަމާ ކޮށްދެއްވުމަށެވެ: ބަދަލު ހިފުން އަމާޒުވާން ޖެހޭނީ އަނިޔާވެރިކަން ފަށައިގަތް މީހުންނަށް ކަމަށާއި، ވަށައިގެން ތިބި މީހުންނަށް ނޫންކަމަށް އޭނާ ތަފުސީރު ކުރެއްވިއެވެ. އަދި "ސިޔާސީ ގޮތުން ވަކި އަތަކަށްޖެހިފައިވާ މީޑިއާތަކުން" ރައީސްގެ ވާހަކަފުޅު އޮޅުވާލާ ކަމަށް ތުހުމަތުކޮށް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކޮށް "ޤައުމީ ސަލާމަތަށް ގެއްލުން ދީގެން،" ނުވާނެ ކަމަށް އިންޒާރު ކުރެއްވިއެވެ. 
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެކޮމިޝަނުން އެކުލެވި ކޯޑް އޮފް ކޮންޑަކްޓްގެ ޤައުމީ ސަލާމަތާބެހޭ މާއްދާތަކާއި "ނަފްރަތު އުފެއްދުމުގެ ބޭނުމުގައި" އަޞްލު އޮޅޭގޮތަށް ގެނެސްދޭ ކޮންޓެންޓް މަނާކުރުމާ ބެހޭ މާއްދާތަކާ ޙަވާލާދީ "މީޑިޔާތަކުން ޒިންމާދާރު" ކަމާއެކު ޚަބަރު ފެތުރުމަށް ނޫސްބަޔާނެއް މެދުވެރިކޮށް ގޮވައިލާފައެވެ
ކަންމިހެން ހުރިއިރު، ދައުލަތުގެ ބްރޯޑްކާސްޓަރު - ޕީއެސްއެމް އިން ޖެނީވާގައި ދިވެހި ސަފީރު ދެއްކެވި ވާހަކަ ގެނެސްދިނީ "ޔަހޫދީންގެ ޢަމަލުތައް ހުއްޓުވުމަށް ރާއްޖޭން ގޮވާލައިފި،"  މިސުރުޚީގެ ދަށުންނެވެ. އިޒްރޭލު ދައުލަތަށް ޔަހޫދީންނޭ ނިސްބަތްކުރުމަކީ ދައުލަތުގެ މީޑިޔާއިން ޢާންމުކޮށް ކުރާ ކަމެކެވެ.ނަމަވެސް ޑިޕްލޮމެޓުންގެ ވާހަކަތަކުގައި މިމަގަކުން ބަސްމަގެއް ނުބަހައްޓައެވެ. ދިވެހިރާއްޖެއިން ކޯ ސްޕޮންސަރކުރި ޤަރާރުގެ ވާހަކަ ޕީއެސްއެމް އިން ގެނެސްދިން އިރު އަލިއަޅުވާފައިވަނީ ހަނގުރާމަ ހުއްޓާލުމަށް ގޮވި ގޮވުންތަކަށެވެ. އީރާންގެ ޙަމަލާތައް ދިވެހިރާއްޖެއިން ކުށްވެރި ކުރި ކުރުން ގެނެސްދީފައެއް ނުވެއެވެ. 
ހަސަން ކުރުސީ – ދިވެހި ސޯޝަލް މީޑިޔާގައި ނަންހިނގާ، ކާކުކަން ނޭނގޭ އެކައުންޓަކުން ރައީސް މުޢިއްޒުގެ ވާހަކަފުޅުތަކުގެ ތަރުޖަމާ ބައިނަލްއަޤްވާމީ އޯޑިއަންސަށް ދިޔައީ ފޯރުކޮށްދެމުންނެވެ. އެގޮތުން އެމެރިކާ ސަރުކާރުގެ އިސް ފަރާތްތަކާއި، ޖަސޫސީ އިދާރާތައް ޓެގްކޮށްފައި ވެއެވެ. އަދި އެމެރިކާގެ ވޮޝިންގްޓަންގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރު އަނބުރާ ފޮނުވާލުމަށްވެސް ގޮވައިލާފައި ވެއެވެ.  އެމެރިކާގެ ކޮމެންޓޭޓަރު ޖެކްސަން ހިންކަލް ވަނީ ރައީސް މުޢިއްޒުގެ ވާހަކަފުޅުތައް ލިޔެ، ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓަށް 1.3 މިލިއަން ވިއުސް ލިބިފައި ވެއެވެ. 
"ރައީސްގެ ވާހަކަތަކުން ގެސްޓުންނަށް ހީވަނީ ދިވެހިރާއްޖެ ސްޓޭބަލްއެއް ނޫނޭ. މިވަގުތު ތިބި ގެސްޓުންގެ ފަރާތުން ވެސް އިއްޔެ ވަރަށް ސުވާލު އައި. ތެދެއްހެއްޔޭ، ރައީސް ހަމަ އެހެން ވިދާޅުވިހޭ. ދެން ބަޓްލަރުން މި ޖެހެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން އެކަން ހަމަޖައްސާލަން،" ފަސް ތަރީގެ ރިސޯޓަކުން ވާހަކަ ދެއްކި ސީނިއާ މުވައްޒަފަކު "އަދަދު" ނޫހުގައި ބުނެފައި ވެއެވެ. 
ދިވެހިރާއްޖެއިން ގަލްފްގެ ޢަރަބި ޤައުމުތަކުގެ އެހީއަށް ނުހަނު ބޮޑަށް ބަރޯސާވެއެވެ.ސަޢުދީ ޢަރަބިއްޔާ އާއި ޔޫއޭއީ (އެކުވެރި ޢަރަބި ޢިމާރާތް) އިން ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ފައިސާ ދީ، ފަތުރުވެރިކަމަށް އިންވެސްޓު ކޮށް، ބަޖެޓް ސަޕޯޓް ފޯރުކޮށްދެމުން ދާތާ ދިހަ ވަރަކަށް އަހަރު ވެއްޖެއެވެ. ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަނީ އޭޕްރީލް މަހު ދައްކަން ޖެހޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑެއް ރޯލްއޯވަރ ކުރުމަށް އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން އެއްބަސްވެފައިވާކަން ހާމަކުރައްވާފަ އެވެ.
އޭޕްރީލް 8 ގައި  500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކް ދައްކާން ޖެހެއެވެ. އެ އިސްލާމިކް ބޮންޑަށް ފައިސާ ހޯދީވެސް ގަލްފްގެ ޢަރަބި ޤައުމުތަކުގެ އެހީތެރިކަމާއި އިތުބާރާ އެކުގައެވެ. މީގެ ކުރިން ރައީސް މުޢިއްޒުގެ ފޮރިން މިނިސްޓަރުކަން ކުރެއްވި މޫސާ ޒަމީރު ވަނީ ގަލްފުގެ ޤައުމުތަކަށް އީރާނުން ދޭ ޙަމަލާތައް "ޤަބޫލު ނުކުރެވޭނެ" ކަމަށް ވިދާޅުވެފައެވެ.
"މިސާލަކަށް އެއީ މިތާ އެމެރިކާގެ ޓޫރިސްޓުން އެބަތިބި ކަމަށް ބުނެ ދިވެހިރާއްޖެ އަށް ޙަމަލާދިނުން ކަހަލަ ކަމެއް. އެއީ ޤަބޫލު ކުރެވޭނެ ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ޤަބޫލުކުރަނީ  އެމެރިކާއިން އީރާނަށް ޙަމަލާދީފިނަމަ އީރާނުން އެމެރިކާއަށް ޙަމަލާދޭނެ ކަމަށް ކަމަށާއި، އެއީ ދިވެހިރާއްޖެއިން ހިތްވަރުދޭ ކަމެއް ނޫންކަމަށާއި، ދިވެހިން މިހަނގުރާމަ ކުރިއަށްދާން ނޭދޭ ކަމަށާއި، މިހަނގުރާމައިން ދިވެހިންނަށް ނުހަނު ބޮޑެތި ގެއްލުމެއް ލިބިއްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ