ރައީސް މުޢިއްޒު އިޢުލާންކުރެއްވި ކަންކަން: ފެނަކަ އުވާލުން، އާސަންދަ އޮބަހެއްޓުން
އިތުރު ވާހަކައިގެ ތެރޭގައި ރިޒޯޓް ހިންގާ، ޙިއްޞާ ބެހުމާއި، ވަކި މީޑިޔާތަކެއް ބާކީކުރުމަށް އަލިއަޅުވާލި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
21 ސެޕްޓެމްބަރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ސެޕްޓެންބަރު 7، 2026 ވީ ހޯމަ ދުވަހު ވިދާޅުވީ ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ދަޢުވަތު ދެނީ ކޮންކޮން ނޫހަކަށް، ނޫސްވެރިންނަކަށް ކަން ކަނޑައަޅަނީ އެމަނިކުފާނު ނޫން ކަމަށެވެ. ”ދައުރު“ ހިމެނޭހެން ބައެއް މީޑިޔާތަކަށް ދަޢުވަތު ދީފައެއް ނުވެއެވެ.
ދަޢުވަތު ފޮނުވާފައިވަނީ ވަކި ވަކި މީޑިޔާތަކަށް މެސެޖު ފޮނުވައިގެންނެވެ. ރައީސް އޮފީހުގެ ރަސްމީ މީޑިޔާ ވަޓްސްއެޕް ގްރޫޕް މެދުވެރިކޮށް ދަޢުވަތު ފޮނުވާފައެއް ނުވެއެވެ. މިއިން ކަމެއް ދެނެވަޑައި ނުގަންނަވާކަމަށް ރައީސް މުޢިއްްޒު ވިދާޅުވިއެވެ.
ނޫސްވެރިންނަށް ދަޢުވަތު ދެނީ އަދި ދަޢުވަތު ދޭ ފަރާތްތައް ކަނޑައަޅަނީ ”އަޅުގަނޑު“ ނޫން ކަމަށާއި، އެއީ އިދާރީ އިންތިޒާމުތަކެއް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. މި ވެރިކަމުގައި މީޑިޔާ ވިލެޖެއް ޤާއިމުކޮށް، ނޫސްތަކަށް ފަންޑު ދިނުމުގެ ޕްރޮގްރާމެއް ހިންގާން ފަށާފައިވާ ކަމަށާއި، ނޫސްވެރިންގެ ބައްދަލުވުންތަކާ ބެހޭ އުޞޫލެއް، މިންގަނޑެއް ދެފުށްފެންނަ ގޮތުގައި ޝާޢިއުކުރައްވާފައި ވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިވެރިކަމުގައި ނޫސްވެރިކަމުގެ މިނިވަންކަން ތަންމިނަށް ހުޅުވާލެވިފައިވާ ކަމަށްވެސް ވިދާޅުވި މެއެވެ.
މިކަމާ ގުޅޭގޮތުން އެހެން ނޫސްވެރިއަކުވެސް ރައީސް މުޢިއްޒާ ސުވާލު ކުރިއެވެ. ސޯސަލްގެ ނަހުދާ ފާއިޒް ރައީސް އާ ސުވާލު ކުރެއްވީ ނޫސްވެރިންގެ ބައްދަލުވުންތަކާ ގުޅޭ އުޞޫލު ނުވަތަ މިންގަނޑުތައް ޤާނޫނުއަސާސީއަށްވުރެ މަތީތޯއެވެ. ރައީސް މުޢިއްޒު ޖަވާބުގައި ވިދާޅުވީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް އެމަނިކުފާނުވެސް އަދި ރައީސް އޮފީހުންވެސް ނުކުރާނެ ކަމަށެވެ. ތަޢައްޞުބެއް ނެތި ބަލައިފިނަމަ އެކަން ސާފުވާނެ ކަމަށެވެ.
މި ސުވާލަށް ރައީސް ދެއްވި ޖަވާބު ރައީސް އޮފީހުން އަޕްލޯޑްކުރި ޕްރެސް ކޮންފަރެންސްގެ ވީޑިއޯގައި ހިމަނާފައެއް ނެތެވެ. ވީޑިއޯ އަޕްލޯޑުކޮށްފައިވަނީ ނޫސްވެރިންގެ ބައްދަލުވުމުގެ އެންމެ ފަހު 10 މިނެޓު ނުހިމެނޭ ގޮތަށެވެ. މުޅި ޕްރެސް ކޮންފަރެންސް އެއްކޮށްހެން ގިނަ ޓީވީ ޗެނަލްތަކުން ލައިވްކޮށް ބްރޯޑްކާސްޓް ކުރިއެވެ. ނޫސްވެރިންގެ ބައްދަލުވުން ރާއްޖެ ޓީވީގެ ސޯޝަލް މީޑިޔާ އެކައުންޓު ތަކުގައިވެސް ޕޯސްޓް ކޮށްފައި ވެއެވެ.
މޯލްޑިވްސް ޖަރނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ވަނީ ވަކި ބައެއް މީޑިޔާތަކަށް ދަޢުވަތު ނުދިނުމާމެދު ނުރުހުން ފައުޅުކޮށްފައެވެ. އެމްޖޭއޭ އިން ބުނީ އެމަގުން ޢަމަލުކުރުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ހުރަހެއް ކަމަށެވެ. އަދި ރައީސް އޮފީހުން ޢަމަލުކޮށްފައިވާ ގޮތުގެ ޝަކުވާ މަޝްހޫރު ބޮޑެތި ނޫސް މީޑިޔާތަކުގެ ފަރާތުން ލިބިފައިވާ ކަމަށެވެ.
ސުވާލުތަކަށް ފުރުޞަތު ދިނުމުގެ ކުރިން ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ދައުލަތުގެ ދެ ކުންފުންޏެއް އުވައިލައްވާން ނިންމަވާފައިވާ ކަމަށް އިޢުލާން ކުރެއްވިއެވެ. ވަކި ޢަދަދަކަށްވުރެ މަތިން އާމްދަނީ ލިބޭނަމަ އާސަންދައިން ފުރިހަމަ ކަވަރޭޖް ދިނުން ހުއްޓާލާނެ ކަމަށް އިޢުލާން ކުރެއްވި މެއެވެ. އަދި ރިޒޯޓެއް ތަރައްޤީކުރުމުގެ ވިޔަފާރިއެއްގައި ބައިވެރިވި ކަމަށްޓަކައި، ސިޔާސީ މަޤާމެއް ދެއްވާފައިހުރި ތިމާގެފުޅު ބޭފުޅަކު ވަޒީފާއިން ވަކިކުރެއްވިކަންވެސް ހާމަކުރެއްވިއެވެ.
ކުންފުނިތައް އުވާލުމާއި އެއްކުރުން
ޓެލެކޮމިއުނިކޭޝަން ކުންފުނި ދިރާގުގެ ޢަޣްލަބިއްޔަތު ޙިއްޞާ ސަރުކާރަށް ކަށަވަރުކުރުމަށްޓަކައި، ބަޙްރެއިންގެ ބަޓެލްކޯ ގެ އަތުން ޙިއްސާ ގަތުމަށް ސަރުކާރުން މަސައްކަތް ކުރާނެކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ އަޣްލަބިއްޔަތު ޙިއްޞާ ޖަޕާންގެ ހިޓާޗީ ކުންފުނީގެ އަތުން އަލުން ސަރުކާރަށް ގަތުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަށްޓަކައި އަދި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ދިވެހި ސަރުކާރުން ދިރާގުގެ ޙިއްޞާގެ 51 އިންސައްތަ ކަށަވަރުކުރުން ބޭނުންތެރިކަމަށް ޤަބޫލުފުޅުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ދެ ކުންފުނީގެ އަޣްލަބިއްޔަތު ޙިއްޞާ ވިއްކާފައިވަނީ ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމުގައި - ރައީސް މުޙައްމަދު ނަޝިދުގެ ވެރިކަމުގައެވެ.
ގިނަ ރަށްތަކެއްގައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ދޭ ދައުލަތުގެ ކުންފުނި - ފެނަކަ އުވާލައި، ސްޓޭޓް އެލެކްޓްރިކް ކުންފުންޏާ (ސްޓެލްކޯ އާ) އެއްކުރެވޭނެއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ފެނަކައާ މެދު ވަރަށް ގިނަ ވާހަކަތަކެއް ޢާންމުކޮށް އިވޭ ކަމަށާއި، ނިމިދިޔަ ސަރުކާރުގައި ފެނަކަ ނަހަމަގޮތުގައި ބޭނުންކޮށްފައިވާ މިންވަރު އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުތަކުން ފެންނާން އޮތް ކަމަށެވެ.
ފެނަކަ އިގެ މުދާ ސްޓެލްކޯއަށް ބަދަލުކުރުމުގެ މަސައްކަތް ނިމުމުން، ފެނަކަ އިގެ ހުރިހާ ޕަވަރހައުސެއް ސްޓެލްކޯގެ ބެލުމުގެ ދަށަށް ބަދަލު ކުރެވޭނެއެވެ. އަދި ފެނަކަ އިން ދިން ޚިދުމަތްތައް ދެން ދޭނީ ސްޓެކްލޯ އިންނެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުވާލައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކުންފުންޏާ (އެމްޓިސީސީ އާ) އެއްކުރާންވެސް ނިންމަވާފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިކަމާ ގުޅޭގޮތުން ރައީސް މުޢިއްޒު ވިދާޅުވީ އާރުޑީސީއިން މައިގަނޑުގޮތެއްގައި ހިންގަނީ މަގު ހެދުމުގެ މަސައްކަތް ކަމަށާއި، އެމްޓީސީސީ އަކީވެސް މަގު ހެދުމާއި އޭގެ އިތުރުން އިންޑަސްޓްރިއަލް މަސައްކަތްވެސް ހިންގާ ކުންފުންޏެއް ކަމަށެވެ. މިފަދައިން ވަރަށް ގިނަ ފަހަރު މަސައްކަތްތައް ޑުޕްލިކޭޓު ކުރެވިފައި ހުންނަ ކަމަށާއި، އެކަމުގެ ސަބަބުން ޚަރަދުތައްވެސް ނުހަނު ބޮޑުވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ބަދަލު ގެނައުމުގެ މަޤްޞަދަކީ އެކި ބާވަތުގެ ޞިނާޢީ މަސައްކަތްތައް ކުރިއަށް ގެންދާނެ އެކަށޭނަ ނިޒާމެއް ޤާއިމުކުރުން ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިބަދަލާއެކު އެމްޓީސީސީގައިވާ ސަރުކާރުގެ ޙިއްޞާވެސް ބޮޑުކޮށް، މުވައްޒަފުންގެ ޢަދަދު ކުޑަކުރާނެއެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކުންފުނީގެ (މިފްކޯ ގެ) ސަބްސިޑިއަރީއަކަށް ބަދަލު ކުރެވޭނެއެވެ. ސަރުކާރުން ދެކެނީ މިބަދަލު ގެނައުމުން ޚަރަދުތައް ދެކޮޅު ޖައްސާން ފަސޭހަވާނެ ކަމަށެވެ.
އާސަންދަ އިޞްލާޙުކުރުން
މަހަކު 60,000 ރުފިޔާ (3,890 އެމެރިކާ ޑޮލަރު) އަށްވުރެ އިތުރަށް އާމްދަނީގެ ގޮތުގައި ލިބޭ ނަމަ، ޔުނިވަރސަލް ހެލްތް އިންޝުއަރެންސް ސްކީމް - އާސަންދަ އަށް ޕްރީމިއަމެއް ދައްކަން ޖެހޭނެއެވެ. މިއީ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ބައެކެވެ.
މިހާރު، ރާއްޖޭގެ އެންމެ މުދައުވެރި މީހާއަށާއި އެންމެ ނާޒުކު ޙާލަތުގައި ހުންނަ މީހާއަށް އެއްވަރަށް ފުރިހަމަ އާސަންދަ ކަވަރޭޖް ލިބޭ ކަމަށާއި، ނަމަވެސް، މިއީ އިންޞާފުވެރި ނިޒާމެއް ކަމަށް ސަރުކާރުންވެސް ނުދެކޭ ކަމަށާއި، ބައިނަލްއަޤުވާމީ މާލީ މުއައްސަސާތަކުންވެސް އެއީ ހަމަ އުޞޫލެއްކަމަށް ނުދެކޭ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މި ބަދަލު ގެނެއުމުން އަހަރަކު 287 މިލިއަން ރުފިޔާއިން ޚަރަދު ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ. މި ބަދަލު ތަންފީޒުކުރާން ފަށާނީ އޮކްޓޯބަރުގައެވެ. މަހަކު 60,000 ރުފިޔާގެ ލިބޭނަމަ އެމީހަކީ އިންކަމް ޓެކްސް ދައްކަން ޖެހޭނެ މީހެކެވެ.
މުދައުވެރިންނާއި މުއްސަނދިންނަށް ހިލޭ ޞިއްޙީ ޚިދުމަތް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ސަރުކާރުން ރިޒޯޓު ހިންގުން
ފަތުރުވެރިކަމަކީ ވަކި ބަޔަކުގެ އަތްދަށުގައިވާ އަދި ވަކި ބަޔަކު އެކަނި މުއްސަނދިކަން ހޯދާ ޞިނާޢަތަކަށް ވުމަކީ ކަންބޮޑުވުމެއް ކަމަށާއި، ސަރުކާރުން 10 ރިސޯޓް ތަރައްޤީކޮށް، މި ރިސޯޓްތަކުގެ ޙިއްސާދާރުން ކަމަށް ހުރިހާ ދިވެހި ރައްޔިތުން ހަމަޖައްސައި، ކޮންމެ ދިވެހި ރައްޔިތަކަށް އެރިޒޯޓުތަކުން ޙިއްސާ ބަހާއިރު ޑޮލަރު ލިބޭނެ ނިޒާމެއް އުފައްދަން ބޭނުންފުޅުވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މާލެ އަތޮޅާއި އެހެން ސަރަހައްދުތަކުން ސަރުކާރުން ހިންގާން ޤަސްދުކުރާ ރިސޯޓްތަކަށް ބޭނުންވާ ފަޅުތަކާއި ރަށްތައް ހޯދައި، ހަމަޖެއްސުމުގެ މަސައްކަތް ނިންމާފައިވާ ކަމަށާއި، ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރުގައި ފަށައި، ތިން އަހަރުގެ ތެރޭގައި ރިސޯޓްތައް ހިންގާން ފަށައިގަނެވޭ ވަރު ވާނެކަމަށް އުންމީދު ކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވީ މި މަސައްކަތުގެ ނަތީޖާ އަކަށް ވާނީ ”ކޮންމެ ދިވެހި ރައްޔިތަކު، ރިސޯޓެއްގެ ޙިއްސާދާރަކަށް ވުން،“ކަމަށެވެ.
ސިވިލް ކޯޓުގައި ފުނިޖެހިފައިވާ މައްސަލަތައް
ކޯޓުގައި މައްސަލަތައް ނުނިމި، ދިގުލައި، ފުނިޖެހެމުންދާތީ އެކަމަށް ޙައްލެއް ހޯދައި، މައްސަލަތައް އަވަހަށް ނިންމާ، ޚަސްމުންނަށް ފަސޭހަ އިޖުރާޢަތުތަކެއް ހަމަޖައްސައި، އެކަން މަދަނީ އިޖުރާޢަތުގެ ޤާނޫނަށް އިޞްލާޙު ގެނެސްގެން ހަމަޖައްސާން ސަރުކާރުން ވިސްނަމުންދާކަން ރައީސް މުޢިއްޒު ހާމަކުރެއްވިއެވެ.
މި ބަދަލުތަކުގެ ތެރޭގައި ފައިސާގެ ކުދި ޢަދަދުތަކުގެ މަދަނީ ދެބަސްވުންތަކާއި މައްސަލަތައް ބަލާން ޚާއްޞަ ސްމޯލް ކްލެއިމްސް ކޯޓެއް އުފައްދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަތީޖާއެއްގެ ގޮތުން 100,000 ރުފިޔާއަށްވުރެ ކުޑަ ޢަދަދެއް އެކުލެވޭ މަަދަނީ މައްސަލަތައް ފަސޭހައިން ހުށަހަޅައި، އަވަހަށް ޙުކުމަށް ވާޞިލުވުން ކަމަށާއި، މިއީ ކުޑަ ވިޔަފާރިތަކަށް ބޮޑު ފަސޭހައަކާއި ފައިދާއެއް ކުރާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ވިޔަފާރިތަކަށް ކަންފަހި މާޙައުލެއް ބިނާކުރުމަށް ޝަރުޢީ ނިޒާމު ހަލުވިކަމާއި އިތުބާރާއެކު ހިނގާން ޖެހޭ ކަން ފާހަގަކުރައްވާ، މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ ސިވިލް ކޯޓުގައި ވަކި ކޮމާޝަލް ޑިވިޜަނެއް ޤާއިމުކުރާންވީތޯ، ނުވަތަ ވަކި މަރކެންޓައިލް ކޯޓެއް އުފައްދާންވީތޯ ކަނޑައެޅުމަށް ފަންނީ ދިރާސާތައް ކުރިއަށް ދާ ކަމަށާއި، ނިމުމަކާ ހަމައަށް މިހާރު އައިސްފައިވާ ކަމަށެވެ.
އިޙްތިރާމް
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ހިންގާނެ ޤައުމީ އިޙްތިރާމްގެ ކެމްޕޭނެއް ހިންގާން ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި، އިދިކޮޅު ޕާޓީތަކުން މި މުހިއްމު ޤައުމީ މަސައްކަތުގައި ބައިވެރިނުވާން ގޮވަމުންދާ ކަމާމެދު ހިތާމަކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިއީ ވަރަށް ސީރިއަސް ގޮތެއްގައި ހިންގަން ބޭނުން ކެމްޕޭނެއް ކަމަށާއި، މިމަސައްކަތަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ދަޢުވަތު ދިން ނަމަވެސް އެއްބާރުލުން ނުދިން ކަމަށް ވިދާޅުވިއެވެ.
މިއާއެކު ދިވެހި ރާއްޖެ އިސްލާމް ދީނަށް އެނބުރުނުތާ 900 އަހަރު ފުރުމާ ގުޅިގެން، ހުރިހާ މީހުން ދިރިއުޅޭ ރަށެއްގެ މައި މަގުތަކުގައި އިސްލާމީ ނަޞޭހަތާއި ހެޔޮލަފާ އިރުޝާދުގެ ބަސްތައް ހިމެނޭ ބޯޑުތައް ޖަހާން ޤަސްދުކުރައްވާ ކަމަށާއި، މި މުނާސަބާ ފާހަގަކުރުމަށް، ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމުގެ މަސައްކަތް 13 ސެޕްޓެމްބަރުގައި ފައްޓަވާނެކަންވެސް އިޢުލާން ކުރެއްވިއެވެ.
ޑޮލަރާއި، ބޯހިޔާވަހިކަމާއި، އެއަރޕޯޓުތަކާއި، އަލިފާނުުގެ ޙާދިސާ
އީ-ކޮމަރސް ސައިޓުތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގަތުން އުނދަގޫވުމުގެ އިތުރުން، ޑޮލަރުގެ ތާށިކަމާހުރެ އަމިއްލަ ބޭނުމަށް ގޭގައި ތިބެ، އަމިއްލަ ބޭނުމަށްވެސް އެއްޗެތި ގަތުން ނުހަނު އުނދަގޫވެފައި ވުމަށް، 40 އިންސައްތަ އާމްދަނީ ރިޒޯޓުތަކުން ދިވެހި ރުފިޔާއަށް މާރުކުރާން ފެށުމުން ލުއިލިބޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. ނަމަވެސް ވަގުތުން ވަގުތަކަށް ނޫނެވެ.
މިހާރު ކުރިއަށްދާ ހައުސިންގް މަޝްރޫޢުތަކަކީ 24 މަހާއި 30 މަހާ ދެމެދުގެ މުއްދަތެއް ފުރިހަމަކޮށް ނިންމާން ނަގާނެ މަޝްރޫޢުތަކެެއް ކަމަށް ރައީސް މުޢިއްްޒު މަޢުލޫމާތު ދެއްވިއެވެ. ސޯޝަލް ހައުސިންގް ޔުނިޓްތައް އެޅުމުގެ އިތުރަށް، އަމިއްލައަށް ގޮވަތިގެދޮރު ޢިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް އިސްލާމިކް ފައިނޭންސްގެ އުޞޫލުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ދޫކުރާން ހަމަޖެހިފައިވާ ކަމަށާއި އަދި ޚުދް ސަރުކާރުންވެސް އިކުއިޓީ ފައިނޭންސް ދިނުމަށް ސްކީމެއް ތަޢާރަފު ކުރާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރޭވިގޮތަށް ކާޑެއްދޫ އިންޓަރނޭޝަނަލް އެއަރޕޯޓް އަވަހަށް ތަރައްޤީ ކުރެވިފައި ނުވާކަން ޤަބޫލުފުޅުކުރައްވާ ކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ މިމަޝްރޫޢުގެ ބޮޑުކަމުން ދިވެހި ސަރުކާރަށް އެކަނި ޚަރަދުހިންގާން ދަތިވާނެތީ އިންވެސްޓަރަކާ މަޝްވަރާކޮށްފައިވާނެ ކަމަށެވެ. އަދި އިތުރު ފައިނޭންސިންގް ގޮތްތަކެއް ހޯދާން ސަރުކާރުން މަަސައްކަތް ކުރަމުންދާ ކަމަށާއި،، މި އަހަރު މަސައްކަތް ފެށޭނެކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
