ހާމަކުރަންޖެހޭ އެންމެ މަދު މިންވަރު ހާމަކުރެވޭވަރު މިވީ ޤާނޫނަށް 12 އަހަރުވީ ފަހުން

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދާން އެދުމުން އަޅައިނުލުން އޮތީ ބޮޑުވެފައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

15 ޖޫން
ހާމަކުރުން ލާޒިމު މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި ސަރުކާރުގެ 16 މިނިސްޓްރީއިން ހާމަކުރީ އަދި ކިރިޔާއެވެ. ހޯމަ ދުވަހު ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ސިފަކުރެއްވީ ދެފުށްފެންނަ ހަމައިގައި ސަރުކާރު ހިންގުމުގައި ޙާޞިލުވި މުހިންމު ލަނޑުދަނޑިއެއްގެ ގޮތުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު މިކަން ސިފަކުރައްވާފައިވަނީ އެންމެ ކުޑަ މިންވަރު ފުއްދުމުގެ ގޮތުގައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ހުށަހެޅުމުގެ 712 ޝަކުވާގެ ތެރެއިން ތިންބައިކުޅު ދެބައި ނުވަތަ 487 ޝަކުވާ ބިނާވަނީ ދައުލަތުގެ މުއައްސަސާތަކުން އެއްގޮތަކަށް ޖަވާބު ދީފައި ނުވުމާއެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގައި މަޢުލޫމާތު ފޯރުކޮށްދޭން އެކަށައަޅާފައިވާ 21 ދުވަހުގެ މުހުލަތު ފަހަނައަޅައި ދިއުމާގުޅޭ 26 ޝަކުވާއެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާމެދު އެކަނިމެ ހުށަހަޅާފައި ވެއެވެ.
”މިއީ ޤާނޫނީގޮތުން ފުއްދަންޖެހޭ އެންމެ ކުޑަ މިންވަރު. މިއީ ޤާނޫނީގޮތުން ހާމަކުރުން ލާޒިމު މިންވަރު. މިކަން މި ޙާޞިލު ކުރެވުނީ ޤާނޫނު ވުޖޫދުވިތާ 12 އަހަރު ފަހުން،“ އިންފޮމޭޝަން ކޮމިޝަނަރ އާހިދު މޯލްޑިވްސް އިންޑިޕެންޑެންޓްގައި ވިދާޅުވިއެވެ. 
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޫން 1 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަމިއްލަ އިސްނެގުމުގައި ހާމަކުރާންޖެހޭ މަޢުލޫމާތުގެ 100 އިންސައްތަ ހާމަކުރުމަކީ އަހަންމިއްޔަތެއްގެ ގޮތުގައި އިޢުލާން ކުރައްވާފައެވެ. އަދި ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި މަޢުލޫމާތު ހޯދާން ފޮނުވާފައިވާ ރިކުއެސްޓުތަކަށް ޖަވާބު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އަމިއްލަ އިސްނެގުމުގައި މަޢޫލުމާތު ހާމަކުރުމަކީ ވަކި ފަރާތަކުން އެދުނަސް އަދި އެއްވެސް ގޮތަކަށް އެދިފައި ނެތް ނަމަވެސް، އެންމެ ކުޑަމިނުން، މަދުވެގެން ހާމަކުރުން ލާޒިމު މަޢުލޫމާތެވެ. އެ ފަދަ މަޢުލޫމާތުގެ ލިސްޓެއް ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ. 
މިމަޢުލޫމާތު ސަރުކާރުން ހާމަކޮށްފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ސަރުކާރާ އަރައިރުންވުމަށް ފަހުގައެވެ. 
މިފަހުން ބަންޑާރަ ނާއިބު އަޙްމަދު އުޝާމް ވިދާޅުވެފައިވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ކަމަށެވެ. މޭ 6 ގައި އިންފޮމޭޝަން ކޮމިޝަނަރު ވަނީ ބަންޑާރަ ނާއިބުގެ ވާހަކަތައް ދޮގު ކުރައްވާފައެވެ. އަދި ވިދާޅުވީ އެންމެ ކަންބޮޑުވަނިވި ކަމަކަށް ދިމާވަނީ މަޢުލޫމާތު ހޯދާން އެދުމުން ޖަވާބު ނުދޭ މައްސަލަ ކަމަށެވެ.
އަދި މަޢުލޫމާތު ފޯރުކޮށްދިނުމުގައި ޢަމަލުކުރަމުންދާ ގޮތުގެ ތަފާސް ހިސާބު ބެއްލެވުމަށް އިންފޮމޭޝަން ކޮމިޝަނަރ ބަންޑާރަ ނާއިބަށް އިލްތިމާސް ކުރެއްވިއެވެ.
ހޯމް މިނިސްޓަރ ޢަލީ އިޙްސާންވެސްވަނީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާކަމަށް ވިދާޅުވެ، ނުރުހުން ފައުޅުކުރައްވާފައެވެ.
މޯލްޑިވްސް އިންޑިޕެންޑްޓް އާ ވާހަކަދައްކަވަމުން ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ގަވަރނަންސް މެނޭޖަރ ޢައްޒާ މުޙައްމަދު ވިދާޅުވީ އަމިއްލަ އިސްނެގުމުގައި ހާމަކުރުން ލާޒިމު މަޢުލޫމާތު ހާމަކުރުމާމެދު އުފާ ކުރައްވާ ކަމަށެވެ. ނަމަވެސް މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ކަންކަން އަދިވެސް ދަނީ ފަހަތަށް ކަމަށެވެ. އެގޮތުން ޤާނޫނުގައި ބަޔާންވެގެންވާ 21 ދުވަހުގެ މުހުލަތުގެ ތެރޭގައި މަޢުލޫމާތު ފޯރުކޮށް ނުދިނުން ޢާންމުވުމުގެ އިތުރަށް، ޤައުމީ ސަލާމަތްފަދަ ތަފްޞީލެއް ނެތް، ޖުމުލަ ޢުޒުރުތައް ދައްކައިގެން މަޢުލޫމާތު ހިފެހެއްޓުންވެސް ގިނަވެފައިވާ ކަމަށެވެ.
”އާރްޓީއައި އޮނިގަނޑު ހަމައެކަނި އެޕްލައިވަނިއްޔަކީ ސަރުކާރުގެ މިނިސްޓްރީތަކަކަށް ނޫން. އެހެނިހެން މުވައްސަސާތަކާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި، ޖަމާޢަތްތަކަށްވެސް މިޤާނޫނު އެޕްލައިވޭ. ނަމަވެސް އެތަންތަނުގައި ހަރުލާފައިވަނީ ސިއްރުކުރުމުގެ ޘަޤާފަތެއް.“ ޢައްޒާ ވިދާޅުވިއެވެ. އަދި ދެފުށް ފެނުމާއި، މަޢުލޫމާތަށް ކަންފަހިވެ، ހުޅުވާލެވިގެން ހިންގުންތެރިކަމެއް ދެމެހެއްޓުމަކީ ކޮރަޕްޝަނާ ދުރުވާން އޮތް އެންމެ ސާފު އަލި މަގު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިޖުރާޢަތު

އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މަޢުލޫމާތުތައް ވީއެންމެ އަވަހަކަށް ހާމަކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މޭ މަހުގެ މެދު ތެރޭގައި އޮފީސްތަކުގެ އިންފޮމޭޝަން އޮފިސަރުންނަށް އަންގާފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރަށްވެސް މަޢުލޫމާތު ލިބުނެވެ. މޭ 23 ގައި ރައީސް އޮފީހުން ހާމަކުރީ އެ މަޢުލޫމާތު ހާމަކޮށްފައިވާނެ ކަމަށެވެ. އަދި ޢާންމުންގެ ފުށުން ހޯދާން އެދިފައިވާ ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެނަތީޖާ ޙާޞިލުކުރެވުނީ ”މަތިން“ އަންގައިގެންނެވެ. ”މިއީ އަބަދުވެސް ފާހަގަކުރާ ވާހަކަ. މަތިން އަންގައިގެން ނޫނީ އެއްވެސް ކަމެއް ނުވޭ. މިކަންވެސް މިހިނގީ އެމަގުން،“ އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ.
އަމިއްލަ އިސްނެގުމުގައި ޢާންމުކުރަންޖެހޭ މަޢުލޫމާތު ހާމަކުރުމާއި ހޯދާން އެދިފައިހުރި ހުރިހާ މަޢުލޫމާތެއް ފޯރުކޮށްދީ، އަދާއިހަމަ ކުރުމަކީ ފުރިހަމަ ކުރަން އުނދަގޫ މަސައްކަތެއް ނޫން ކަމަށާއި، އެ މަސައްކަތަށް ބޭނުންވަނީ އިސްވެރިންގެ ފަރާތުން ބާރުއެޅުން ލިބުންކަމަށްވެސް އާހިދު ރަޝީދު ވިދާޅުވިއެވެ. ”އެ ބާރުއެޅުން އައުމާ އެއްކޮށް ބައެއް ތަންތަނުން ހަފްތާއަކުން، އަނެއް ބައެއް ތަންތަނުން ދެހަފްތާއިން ނޫނީ 10 ވަރަކަށް ދުވަހުން އެމަސައްކަތް ފުރިހަމަކޮށް، ނިންމާލައިފި،“ އޭނާ އިތުރަށް ތަފްޞީލު ދެއްވިއެވެ.
އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވީ ޙަރަކާތްތެރިވެ ގަތްގަތުން ހީވީ ރޭހެއްހެން ކަމަށާއި، ”ވަރަށް ގިނަ މިނިސްޓްރީތަކުން މިއޮފީހާ ގުޅައި، މިދެވޭ މަޢުލޫމާތު ފުދޭތޯ ސާފުކުރަމުންދިޔަ، އެހެންވީމާ އެއީ ވަރަށް ރަނގަޅު ނިޝާނެއް،“ ކަމަށެވެ.
"އެކި ވުޒާރާތަކުން ފޯނުން އެދުނީ އެމީހުން އިތުރުކުރި މައުލޫމާތު ޗެކްކޮށްދިނުމަށް. އެއީ ޚުދު އެއީ ވެސް ރަނގަޅު ނިޝާނެއް،" އޭނާ ވިދާޅުވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުންވަނީ އޮފީސްތަކުން މަޢުލޫމާތު ހާމަކުރާ މިންވަރު ބަލައި، ވިލަރެސްކޮށްފައެވެ. ޢާންމުގޮތެއްގައި އެ ވިލަރެސްކުރުން ކުރިއަށް ގެންދަނީ ސެޕްޓެންބަރު މަހުގައެވެ. މިއަހަރު ފުރިހަމައަށް މަޢުލޫމާތު ހާމަކުރާ އޮފީހަކުން އަންނަ އަހަރު އެކަމަށް ސަމާލުކަން ނުދީ އޮވެދާނެއެވެ. އާހިދު ރަޝީދު ވިދާޅުވީ މިވިލަރެސްކުރުމުގެ ތެރޭގައި އޮފީސް އޮފީހުން އަދާއިހަމަނުކޮށް ހުރި މަޢުލޫމާތެއް ހުރިކަން އެނގިއްޖެނަމަ، އެކަން އޮފީސްތަކަށް ފާހަގަކޮށްދޭ ކަމަށާއި، އެހިސާބުން އެމަޢުލޫމާތު އަދާއިހަމަކުރުމުގެ ފުރުޞަތަކަށް ގިނަ އޮފީހުން އެދޭ ކަމަށެވެ. ގިނަ ފަހަރު އެހިސާބުންވަނީ ބަޚަބަރެވެ.
އޭޕްރީލް މަހާ ހަމައަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ރައީސް އޮފީހުން އެއްވެސް މުޢާމަލާތެއް ނުކުރާ ކަމަށް އާހިދު ރަޝީދު ކިޔައިދެއްވިއެވެ.
އޭގެ ފަހުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ރައީސް އޮފީހާ ދެމެދު އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވި ނަމަވެސް ސިޔާސީ ގޮތުން ޢައްޔަންކުރައްވާފައި ހުންނެވި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޙުސައިން ޝަރީފް 'މުންދު' އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދަށް ފޯނުން ގުޅުއްވައި، ރައީސް އޮފީހަށް ހޯދާން އެދިފައިހުރި މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް އޮތް އެންމެ ރަނގަޅު އިންތިޒާމެއް ހަމަޖެއްދެވުމިުގައި މަޝްވަރާއަށް އެދިވަޑައިގެންނެވިއެވެ. އާހިދު ރަޝީދު ވިދާޅުވީ އެ މުޢާމަލާތް ދިޔައީ ”ޕޮޒިޓިވްކޮށް“ ކަމަށެވެ.
ފޯރުކޮށްދޭން އުނދަގޫ މަޢުލޫމާތެއް ހޯދާން އެދިފައިވާ ރިކުއެސްޓެއްނަމަ، އެދުނު ފަރާތާ މުޢާމަލާތްކުރުން ރަނގަޅުކަމަށާއި، ޑޭޓާ ސެޓެއްފަދަ މަޢުލޫމާތު ހޯދާން އެދިފައިވާނަމަ، އެކި ފަހަރުމަތިން އެ މަޢުލޫމާތު ފޯރުކޮށްދެމުންދާނެ ގޮތަށް އެދުނު ފަރާތާ ވާހަކަދެއްކޭން އޮތް ކަމަށް އާހިދު ރަޝީދު ކިޔައިދެއްވިއެވެ. އެފަދައިން ޢަމަލުކުރުމުން މަޢުލޫމާތަށް އެދޭ ފަރާތުން ގިނަ ފަހަރު މައްސަލަ ބޮޑު ނުކުރާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މަޢުލޫމާތަށް އެދޭ ފަރާތުން މައްސަލަ ޖައްސާނަަމަ، އެހިނދަށް ދެވޭން ހުރި އެންމެ ގިނަ މަޢުލޫމާތެއް ޙަވާލުކޮށްފައި، ފަހުން އަނެއް ބައި ދެވިދާނެ ކަމަށް އާހިދު ރަޝީދު ވިދާޅުވިއެވެ. އެފަދަ ޙާލަތްތަކުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މައްސަލަ އުފުލުމުގެ ފުރުޞަތު މަޢުލޫމާތު އެދޭ ފަރާތަށް އޮންނާނެކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެހިސާބުން ހުޅުވާލެވިގެންވާ އަޑުއެހުމެއް މަޢުލޫމާތު އެދުނު ފަރާތާއި މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތް ހިމެނޭހެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބާއްވާނެއެވެ.  
”ޕޮއިންޓަކީ ޤާނޫނާ ޚިލާފުވެފައިވާ ޙާލަތުގައި އެއްވެސް ފަރާތެއް ނުބޭތިއްބުން. ޤާނޫނުގައި ވަރަސް ސާފު ސީދާކޮށް އެބަ ބަޔާންކުރޭ ޢަމަލުކުރަންޖެހޭ ގޮތް. އެއްވެސް ކަމެއްގައި މަޢުލޫމާތަށް އެދޭ ފަރާތާއި މަޢުލޫމާތު ފޯރުކޮށްދޭ ފަރާތުގެ ވިސްނުން ތަފާތުވާނެ. އެހެންވީމާ މައްސަލައެއް ދިމާވެއްޖީވިއްޔާ އެކި މަރުޙަލާގައި އެކަންކަން ބެލޭނެ އިންތިޒާމު ހަމަޖެހިފައި މިއޮންނަނީ،“ އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު އޮޅުންފިލުއްވައި ދެއްވިއެވެ. 
އިންފޮމޭޝަން އޮފިސަރު ފޯރުކޮށްދޭ މަޢުލޫމާތާމެދު ނުވަތަ ޖަވާބާމެދު ހިތްހަމަ ނުޖެހޭނަމަ، އެމުވައްސަސާއެއްގައި ޤާއިމުކޮށްފައިވާ ރިވިއު ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އޮންނާނެއެވެ. އިންފޮމޭޝަން އޮފިސަރުގެ ނިންމުން ބަދަލުކުރާން އެކޮމިޓީއަށް އެންގޭނެއެވެ. އެކޮމިޓީގެ ނިންމުންވެސް ހިތްހަމަނުޖެހޭނަމަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިސްތިޢުނާފު ކުރެވޭނެއެވެ.
ރައީސް އޮފީހުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ އެތައް ދުވަހެއްވާންދެން ނިޒާމީގޮތެއްގައި ރިކުއެސްޓުތަކަށް ޖަވާބު ނުދީ ހުރުންކަމަށާއި، އެކަމުގެ ސަބަބުން ކިތަންމެ ބައެއްގެ ރުޅިވެރިކަމާއި ހިތްހަމަނުޖެހުން ސަރުކާރަށް ރައްދުވަމުން ދިޔަކަމަށް އިންފޮމޭޝަން ކޮމިޝަނަރ ކިޔައިދެއްވިއެވެ.

އެންމެ ކުޑަ މިންވަރު

މަޢުލޫމާތު ހޯދާން އެދޭ ކޮންމެ ރިކުއެސްޓަކަށް ޖަވާބެއް ދިނުމުގެ މާނައަކީ އެދިފައިވާ މަޢުލޫމާތު ފޯރުކޮށްދިނުމެއް ނޫނެވެ. މިއީ ގިނަ މީހުންނަށް އޮޅުން އަރާ ކަމެއްކަން އިންފޮމޭޝަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. ރިކުއެސްޓެއްގައި ޖަވާބުގައި މަޢުލޫމާތު ފޯރުކޮށްދެވެން ނެތްކަމަށްވެސް ޖަވާބު ދެވިދާނެއެވެ. ނުވަތަ އެރިކުއެސްޓް ބަލައިގެނެވޭން ނެތްކަމަށްވެސް ޖަވާބު ދެވިދާނެއެވެ.
”އެމިންވަރުވެސް އެންމެ ކުޑަ މިނުން ކުރާށޭ، ކޮންމެވެސް ޖަވާބެއް އަރުވާށޭ އަޅުގަނޑުމެން މިދަންނަވަނީ. ޖަވާބުދިން ވާހަކައިގެ މާނައެއް ނޫން އެދިހުރި ހުރިހާ މަޢުލޫމާތެއް ރައީސް އޮފީހުން ދިނިއްޔެކޭ،“ އާހިދު ރަޝީދު ތަފްޞީލު ދެއްވިއެވެ.
ވަރަށް ގިނަ ރިކުއެސްޓުތައް އިޖުރާޢީ ކުދިކުދި މައްސަލަތަކުގައި ބަލައިނުގަނެ ހުންނަކަމަށާއި، މަޢުލޫމާތު ފޯރުކޮށް ނުދެނީ އިޖުރާޢަތެއް ފުރިހަމަ ނުވެގެންކަން އެދޭ މީހާއަށް އަންގަނީ ގިނަ ފަހަރު މާފަހުންކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ. ”އިޖުރާޢީ މައްސަލައެއް އުޅޭކަން އެދޭ މީހާއަށް އަންގަން 3 މަސްދުވަސް ނަގާކަށް ނުޖެހޭ. އެއްޗެއް މަދުނަމަ، 3 ދުވަހުގެ ތެރޭގައި އެކަން އެދުނު މީހާއަށް އަންގަންވާނެ. މިސާލަކަށް، ރިކުއެސްޓުގައި އެޑްރެސް ޖަހަންވާ ތަން ފިލް ނުކޮށް އޮތިއްޔާ. އެކަން އަންގާލެވެންވާނެ 3 ދުވަހުން. އޭގެ ފަހުންތާ އަދި މަޢުލޫމާތެއް ފޯރުކޮށްދިނުމާ ހަމައަށް ދާނީ،“ އާހިދު ރަޝީދު ވިދާޅުވިއެވެ.
ސަރުކާރުގެ އެންމެ ވަޞީލަތް ގިނަ އޮފީސްތަކުން ޤާނޫނުގައި ބަޔާންކުރާ އަމިއްލަ އިސްނެގުމުގައި ހާމަކުރަންޖެހޭ މިންވަރަށް މަޢުލޫމާތު ހާމަކުރުމަކީ ބޮޑު މޮޅެއްކަމުގައި ދެކި، އިޙްތިފާޟުކުރުމުގެ ބޭނުމެއް ނެތްކަމަށާއި، މިއީ ފުރަތަމަ ދުވަހުއްސުރެ ފުރިހަމަވެފައި ހުރުން ލާޒިމު ކަންކަން ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު ވިދާޅުވިއެވެ. ”12 އަހަރު ފަހުން ޤާނޫނުގައި ކުރަން ލާޒިމުކުރާ ކަމެއް ފުރިހަމަކޮށްފައި މިއީ ދެފުށްފެނުމާއި ހެޔޮވެރިކަމުގެ މަގުގައި ލިބުނު ކުރިއެރުމެކޭ ބުނުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ،“ އާހިދު ރަޝީދު ހިތްހަމަނުޖެހުމާއެކު ފާހަގަކުރެއްވިއެވެ. 
އެދިފައިވާ ހުރިހާ މަޢުލޫމާތުގެ ރިކުއެސްޓުތަކަށް ރައީސް އޮފީހުން ޖަވާބުދީފައިވާކަމަށް އިޝްތިހާރު ކުރަމުންދާ ދިއުމާމެދު އާހިދު ރަޝީދު ވިދާޅުވީ 21 ދުވަހުން ދޭންވާ ޖަވާބު 3 މަސް ދުވަސްވާއިރުވެސް ނުދެވި ހުންނަނީ މަދުން ނޫންކަމަށާއި، އާހިތްވަރަކާއެކު ޤާނޫނާ އަރާ ހަމަކޮށް، އަދާއިހަމަކޮށްފައިވާއިރު، އެގޮތުގައި ކަންކަން ދެމިއޮންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. ”މިސާލަކަށް ރައީސް އޮފީހަށް 100 ރިކުއެސްޓު ކޮށްފިއްޔާ، 21 ދުވަހުން ޖަވާބު ނުދީގެން ގާތްގަނޑަކަށް ހުރިހާ ރިކުއެސްޓެއްގެ ޝަކުވާވެސް އެބަ އާދޭ. އޭގެ މާނައަކީ 100 ފަހަރު ރައީސް އޮފީހުން އެޔޮތީ ޤާނޫނާ ޚިލާފުވެފައޭ،“ އާހިދު ރަޝީދު ކިޔުއްވައި ދެއްވިއެވެ.

ދެން ހުރި ފިޔަވަޅުތައް

މިނިސްޓްރީތަކުގެ އިތުރުން ދައުލަތުގެ މުވައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުންވެސް އަމިއްލަ އިސްނެގުމުގައި މަޢުލޫމާތު ހާމަކުރަންޖެހޭއިރު، އެކަން އަދާއިހަމަކޮށްފައި ނުވާނެކަމަށާއި، އެންމެ ގިނަ މުވައްޒަފުންނާއި، ފައިސާ އަދި ޢާންމު މަޞްލަޙަތާ ގުޅުންހުރީ ހައުސިންގް ޑެވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަދި ފެނަކަ ފަދަ ސަރުކާރު ޙިއްސާވާ ކުންފުނިތައްކަމަށް ވާހިނދު، އެތަންތަނުން މަޢުލޫމާތު ހާމަނުކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. 
ޤާނޫނުގައި ބަޔާންކުރާ މިންވަރުތަކުގެ އިތުރުންވެސް ޢާންމުންނަށް ބަލައި، ކިޔައި، މުޠާލިޔާކޮށް، ދިރާސާކޮށް، ވަޒަންކުރަން ފަސޭހަމަގުން ޑޭޓާ ސެޓްތައް ޢާންމުކުރުމަކީވެސް މިކުންފުނިތަކަށް މިރޮނގައި އެޅޭންހުރި އާރުލާ ފިޔަވަޅުތަކެއްގެ ގޮތުގައި އާހިދު ރަޝީދު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން 21 ދުވަހުގެ ޤާނޫނީ މުހުލަތުގެ ތެރޭގައި ރިކުއެސްޓުތަކަށް ޖަވާބު ދިނުމަކީ ޢާންމު އުޞޫލުކަމުގައި ކަނޑައެޅި، ހަރުލާން ޖެހޭ ކަމަށާއި، އެހިސާބުން މެނުވީ ފޯރުކޮށްދިން މަޢުލޫމާތުގެ ފުރިހަމަކަމާމެދު ނުވަތަ މަޢުލޫމާތު ފޯރުކޮށްނުދޭން ނިންމި ނިންމުމާމެދު ގޮތެއް ކަނޑައެޅެން ނޯންނާނެ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު ވިދާޅުވިއެވެ.
މިއާއެކު ޤައުމީ އަދި ސަރަޙައްދީ ސަރުކާރުތަކުން ކޮރަޕްޝަނާ ދެކޮލަށް މަސައްކަތް ކުރުމަށާއި، ހިންގުމުގައި ދެފުށްފެނުން އިތުރުކުރުމަށާއި، ހެޔޮ ވެރިކަން ހަރުދަނާކުރުމަށް އަމާޒުކޮށްގެން ހިންގާ އޯޕަން ގަވަރންމަންޓް ޕާޓްނަރޝިޕް (އޯޖީޕީ)ގައި ދިވެހިރާއްޖެއިން 2024 ގައި ބައިވެރިވެފައިވާ ކަމަށާއި، އޭގެ ފަހުން ކުރާންޖެހޭ އެއްވެސް މަސައްކަތެއް ހިންގާފައި ނުވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން ދޮޅު އަހަރުން ހުށަހަޅާންޖެހޭ އެކްޝަން ޕްލޭންގެ މުހުލަތުވެސް މިހާރު ހަމަވެފަިއވާކަން އޭނާ ފާހަގަކުރެއްވިއެވެ.
”އޯޖީޕީގެ ހަމަތަކާއި އުޞޫލުތައް ތަންފީޒުކުރާނަމަ، މިހާރު ޤާނޫނުގައި ބަޔާންކުރާ މިންވަރަށްވުރެ މާބޮޑަށް ހުޅުވާލެވި، މަޢުލޫމާތު ހާމަކުރަން ޖެހޭނެ،“ އާހިދު ރަޝީދު ވިދާޅުވއިެވެ. 
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ޢައްޒާ މުޙައްމަދު މިކަމާމެދު ވިދާޅުވީ ނޭޝަނަލް އެކްޝަން ޕްލޭން އެކުލަވަން ޖެހޭ ކަމަށާއި، މަޢުލޫމާތު ލިބިގަތުމުގެ ޙައްޤާއި، މަދަނީ ބައިވެރިވުމާއި މިނިވަންކަމާއި، ޖަވާބުދާރީވުމުގެ އުޞޫލު ބަލައިގަންނަކަމަށް ބުނުމުން އެކަނި ނުފުދޭ ކަމަށެވެ. 
ސަރުކާރުގެ މިނިސްޓްރީތަކުން އަމިއްލަ އިސްނެގުމުގައި ހާމަކުރާންޖެހޭ ހުރިހާ މަޢުލޫމާތެއް ހާމަކޮށްފައިވާކަމަށް އިންފޮމޭޝަން ކޮމިޝަނަރ އިޢުލާންކުރެއްވުމާއެކު، ހިސާބަކަށް ފާޑުކިޔުން އަމާޒުވިއެވެ. ”ކޮންމެ ގޮތެއްގައި ނަމަވެސް މިއީ ކާމިޔާބެއް، ވާނެކަމަށް ދެކިގެންވެސް ހުރި ކަމެއް ނޫން،“ އާހިދު ރަޝީދު ވިދާޅުވިއެވެ. 
އަމިއްލަ އިސްނެގުމުގައި ހާމަކުރުން ލާޒިމު މަޢުލޫމާތު ޢާންމުކުރުމަކީ އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހަށް ލިބުނު ބޮޑު ފަސޭހައެކެވެ. އަދި އެއޮފީހުގެ މަސައްކަތަށް ލިބުނު ބޮޑު ބާރެއް މެއެވެ. މިނިސްޓްރީތަކުން މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްވެ، ފަސްޖެހޭނަމަ، މިހާރު ޕްރެޝަރކުރަން ފަސޭހަވެގެންދާނެ ކަމަށް އާހިދު ރަޝީދު ވިދާޅުވިއެވެ. 
”ކުރީގައި މިވާ ގޮތަކީ އެންމެ އިސް ފަރާތް: ރައީސް އޮފީހުން މިކަމަކާ އަޅައެއް ނުލާ. މަޢުލޫމާތު ދޭންވެސް ދެކޮޅިު ހަދަނީ. އެހެންވީމާ އެހެން އޮފީސްތަކަށްވެސް އެމަގުން ޢަމަލުކުރަން ވަރަށް ފަސޭހަވޭ،“ އިންފޮމޭޝަން ކޮމިޝަނަރ އާހިދު ރަޝީދު އޮޅުންފިލުއްވައި ދެއްވިއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން