ދިރިއުޅެނީ މިތާނގައި، ވޯޓު ލާންވީ އެތަނަށް!

ވަޒަންވެރިވެ ދިރިއުޅެނީ މާލޭގައެވެ. ވޯޓު ލާ ފޮށި ހުރީ އެތައް މޭލެއް ދުރުގައި، އެހެން ތަނެއްގައެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

22 އޮކްޓޯބަރު
އޮކްޓޫބަރު 24، 2025 ވާ ހޮނިހިރު ދުވަހު އައްޑޫ ސިޓީ ކައުންސިލުގައި ދެމިތިބުމާމެދު ހުޅުދޫ، މީދޫ އަދި ފޭދޫ ގައި ވޯޓު ނަގާނެއެވެ. ހުޅުދޫގެ ވޯޓު ޙައްޤުވާ މީހުންގެ 57 އިންސައްތަ ވޯޓުލަނީ 300 މޭލު ދުރުގައި އޮތް ފުރަ މާލޭގައެވެ. އެ 57 އިންސައްތަ މީހުންނަކީ މާލޭގައި މުޅި ޢުމުރު ދުވަހު އުޅުނަސް "ދާއިމީ އެޑްރެސް" އެހެން ރަށެއްގައި އޮވެގެން މާލޭގެ ކަމަކާބެހޭ އިންތިޚާބީ މީހަކަށް ވޯޓު ނުލެވޭ އެތައް ހާސް މީހުންގެ ތެރެއިން ބައެކެވެ. 
ހޮނިހިރު ދުވަހުގެ ވޯޓުގައި ހުޅުދޫ، މީދޫ އަދި ފޭދޫ އިން 9576 މީހުންނަށް ވޯޓު ޙައްޤުވެއެވެ. އޭގެތެރެއިން 40 އިންސައްތަ މީހުން ވޯޓު ލާން ރީރެޖިސްޓްރީ ކުރީ މާލޭގައެވެ. މިއީ  ވަޒީފާއާއި، ތަޢުލީމާއި، ސިއްޙީ ޚިދުމަތުގެ ބޭނުމުގައި އެތައް ދަހަރެއް (ޑެކޭޑެއް) ވާންދެން އަތޮޅު ތެރެއިން މާލެއަށް ހިޖުރަކުރުން މަޖުބޫރުވެފައި ވުމުގެ ނަތީޖާއެވެ. މިއަހަރު އެކަނި އަތޮޅު ތެރެއިން މާލެއަށް 1200 ކިޔަވާކުދިން ބަދަލު ވިއެވެ. 
"އަހަރުމެން ދިރިއުޅެ، މަރުވެ މިދަނީ މާލޭގައި، މިތަނުގައި ހިޖުރަވެރިންގެ ގޮތުގައި، ލިބޭ ހުރިހާ ލާރިއެއް ލޭންޑް ލޯޑުންނަށް މި ދީ ހުސްކުރަނީ،" ޕްރައިމެރީ ސްކޫލަށް ވަންނަން މާލެ އައިއްސުރެ، މާލޭގައި ދިރިއުޅޭ، ނަމަވެސް ސޯޝަލް ހައުސިންގްއަށް ޝަރުޠު ހަމަނުވި، ޢުމުރުން 30 އަހަރުގެ އަންހެނަކު ބުންޏެވެ. އޭނާއަކީ މާލޭގައި ދާއިމީކޮށް ވަޒަންވެރިވެ އުޅުނަސް، ނުކުޅަދާނަ ކުލި ދައްކާން މަޖުބޫރުވެފައި ތިބި އެތައް ހާސް ޢާއިލާއެއްގެ ތެރެއިން ޢާއިލާއެއްގެ މީހެކެވެ. 
މާލޭ ސަރަޙައްދުގައި ދިރިއުޅޭ 40 އިންސައްތަ މީހުންގެ ޙާލަކީ މިއެވެ. މާލޭގެ އާބާދީގެ 6 އިންސައްތަ އަކީ އެންމެ ދެކުނުގައިވާ، އައްޑޫ އަށް ނިސްބަތްވާ މީހުންނެވެ. މާލެ ނަގާފައި އެންމެ ބައިބޯ ސަރަޙައްދެވެ. މާލޭގައި ދިރިއުޅޭ 210،053 ދިވެހިންގެ ތެރެއިން، 85،077 (54 އިންސައްތަ) ނިސްބަތްވަނީ ރަށްރަށަށެވެ. އެހެންވީމާ، މާލޭގައި ދިރިއުޅޭ ގިނަ ބައި މީހުންނަކަށް މާލޭގެ މުނިސިޕަލް ޚިދުމަތްތަކުގެ މައްޗަށް ކުޑަވެސް ބަހެއް ކިޔޭކަށް ނެތެވެ. 
2000 އާއި 2006 ވަނަ އަހަރާ ދެމެދު، 2.2 އަކަ މޭލުގެ ބޮޑުމިނުގެ މި މާލޭގެ ގޮވަތިގެދޮރުގައި ރެޖިސްޓަރ ކޮށްފައިވާ މީހުންނަށް ވުރެ، ބިދޭސީންގެ ޢަދަދު ގިނަ ވިއެވެ. މިހާރު މާލެއާއި، ހުޅުމާލެ އަދި ވިލިމާލެ ހިމަނައިގެން ދިރިއުޅޭ 252،768 ޖުމުލަ އާބާދީގެ ތެރެއިން، ދިވެހިންގެ ޢަދަދަކީ 76،556 އެވެ.

އައިޑެންޓިޓީ އަދި އިންތިޚާބީ ޙައްޤުތައް

ޤާނޫނީގޮތުން ކޮންމެ ދިވެހި ރައްޔިތަކުވެސް ދާއިމީ އެޑްރެހެއްގައި ރެޖިސްޓަރ ކުރާން ޖެހެއެވެ. އެހެން ނޫނީ އައިޑެންޓިޓީ ކާޑެއް، ޕާސްޕޯޓެއް ނުހެދޭނެ އެވެ. ވޯޓު ލަނީ އެ ދާއިމީ އެޑްރެސް ނިސްބަތްވާ އިދާރީ ދާއިރާއަށެވެ. ވޯޓުލުމުން ފެށިގެން ސޯޝަލް ހައުސިންގްއަށް ވެސް ކުރިމަތިލާއިރު ބަލަނީ އެ ދާއިމީ އެޑްރަހަށެވެ. 
ދިވެހިރާއްޖޭގެ ކޮންމެ ރަށަކަށްވެސް ހިޖުރަކޮށް، ވަޒަންވެރިވުމުގެ ޙައްޤާއި، ވަޒަންވެރިވެ އުޅޭ ރަށެއްގައި ތަފާތު ކުރުމެއް ނެތި، ޙައްޤުތަކާއި ޚިދުމަތްތައް ލިބިދޭންވާނެ ކަމަށް ޤާނޫނު އަސާސީގައި ބުނެފައި ވީނަމަވެސް، އެތައް ބަޔަކަށް ދިރިއުޅޭ ރަށުގެ މައްޗަށް އިޚްތިޔާރެއް، ބަހެއް އިއްވުމުގެ ފުރުޞަތެއް ނެތެވެ. 
މިކަމާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަން ގިނަ ދައުރުތަކަކަށް ކުރައްވާފައިވާ އިސްމާޢީލް ޙަބީބް ނިމިދިޔަ އަހަރު ވިދާޅުވީ ވޯޓުލުމުގެ ޙައްޤާއި ދާއިމީ އެޑްރެސްގެ މައްސަލައިގެ މައްޗަށް މަޝްވަރާކޮށް، ޤާނޫނަށް ބަދަލުތަކެއް ގެންނާން މަޝްވަރާ ކުރަމުން ދާކަމަށެވެ. އޭނާ ވިދާޅުވީ "ޚާއްޞަކޮށް ލޯކަލް ކައުންސިލް އިންތިޚާބުގައި، ރަށް ދުވަހަކު ނުދެކޭ، ރަށަށް ދުވަހަކު ނުދާ ބަޔަކު ރަށުގެ ކަންކަން ނިންމަން ވޯޓުލާން ޖެހުމަކީ ވަރަށް ދެރަ ކަމެއް،" ކަމަށާއި، ދާއިމީ އެޑްރެހުގެ ބަދަލުގައި "އެމީހަކު ވަޒަންވެރިވެ، ދިރިއުޅޭ ތަނަކަށް" ވޯޓުލެވެން ވާނެ ކަމަށެވެ. މިސާލަކަށް ދިވެހިން އިނގިރޭސިވިލާތުގައި ކިޔަވާން ތިބޭއިރު، އެޤައުމުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓު ލުމުގެ ފުރުޞަތު ދިންކަން އޭނާ ފާހަގަ ކުރެއްވިއެވެ. 
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދިވެހިންނަކީ ފިސާރި ހިޖުރަވެރި ބައެކެވެ. 2022 ގެ ބޯހިމެނުން ދައްކާ ގޮތުގައި 46 އިންސައްތަ މީހުން މަދުވެގެން ޙަޔާތުގައި އެއް ފަހަރު ހިޖުރަ ކުރިއެވެ. ރަށަކަށް އުފަންވެ، ދެވަނަ ރަށެއްގައި ދާއިމީ އެޑްރެސް އޮވެފައި، ތިންވަނަ ރަށުގައި މުޅި ޙަޔާތް ހޭދަކުރުމަކީ ދިވެހިންގެ އާދައެވެ. އަމުދުން، ދަރިން ވިހެމުމަށް މާލެ އައުމާއި، ކުދިން ސްކޫލަށް ދާ ޢުމުރަށް އެޅީމާ މާލެ ބަދަލުވުމާއި، ބައްޕަ ރިޒޯޓެއްގައި މަސައްކަތް ކުރުމާއި، ޢުމުރުން ދުވަސްވީމާ ރަށަށް ބަދަލުވުމަކީ ވެސް ޢާންމު އާދައުޅުންތަކެވެ. 
އެހެންވީމާ ދިރިއުޅޭ އެޑްރެސް ރެކޯޑުކުރުމާއި، ބެލެހެއްޓުން ހިސާބަކަށް ދަތި ކަމަކަށް ވެއެވެ. ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހިންގި 2014 ގެ ބޯހިމެނުމުގެ ސުވާލުތަކުގެ ތެރެއަށް "ޢާންމުކޮށް ދިރިއުޅޭ ތަން" ހިމެނިއެވެ. އަހަރު ދުވަހަށްވުރެ ގިނަ ދުވަހު އެއް ތަނެއްގައި އުޅެފައިވާ ނަމަ ނުވަތަ އުޅޭން ދަސްކުރާ ނަމަ ދިރިއުޅޭ އެޑްރެހަކީ އެއުޅޭ ތަނެއް ކަމުގައި ބެލުމުގެ ހަމައެއް އޭރުއްސުރެ އޮތީ ގޮތަކަށް ޤާއިމުވެފައެވެ. 

ޑިމޮކްރެޓިކް އުޞޫލާ ނުބައްދަލު

ދާއިމީ އެޑްރެހަކީ ހަމައެކަނި އައިޑެންޓިޓީ ކާޑުގައި އޮންނަ އެއްޗެއް ނޫނެވެ. ދިވެހި ޘަޤާފަތާއި އާދަކާދައިގައި ގޭގެ ނަމަކީ ޢާއިލީ ނަމެވެ. ކާބަފައިންނާއި އައުލާދުގެ ނަމެވެ. ތިމާގެ އަޞްލާއި، އުފެދުމަށް ޢިޝާރާތް ކުރާ ސާފު ނިޝާނެކެވެ. 1990 ގެ ތެރޭގައި ދިވެހިރާއްޖޭގެ އާދައުޅުންތަކާއި ދިރިއުޅުމުގެ ތަރުތީބުގެ ވައްޓަފާޅި އާމެދު ޝާއިޢު ކުރި އެމެރިކާގެ އެންތްރޮޕޮލޮޖިސްޓް އެލިޒަބަތު ކޯލްޓަން ލިޔުއްވަނީ ދިވެހިރާއްޖޭގައި ގެޔަކީ ދިވެހި ސިޔާސީ ނިޒާމުގެ ތަރަހަ ކަމަށެވެ. 
2024 ގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ޢާންމުންގެ ޚިޔާލު ހުރިނެތް ގޮތް ސާފުކުރަން ހެދި ސަރވޭއެއްގައި ދައްކަނީ 60 އިންސައްތަ މީހުން ތާޢީދު ކުރަނީ ދާއިމީ އެޑްރެހާ ވޯޓާ ގުޅިފައި އޮތުމަށެވެ. އޭގެ ތެރެއިން 66 އިންސައްތަ މީހުންނަކީ ފުރަތަމަ ފަހަރަށް ވޯޓު ލާ މީހުންނެވެ. އެރިޕޯޓުގައި ބުނަނީ މިފަދައިން ގިނަ އަލަށް ވޯޓު ޙައްޤުވާ މީހުންގެ ޚިޔާލު ހުރީ އެކަށީގެންވާ މިންވަރަށް މަޢުލޫމާތާއި ހޭލުންތެރިކަން ނެތުމާއި، ނިޒާމީ ބަދަލުތަކާމެދު ދެކޭ ކިލަނބު ގިތާއި، ސިޔާސީ ބައިވެރިވުން ޒުވާނުންގެ ދަށްވުމެވެ. 
ވަޒަންވެރިވެ، ދިރިއުޅޭ ތަނަށް ވޯޓު ލާން ބޭނުންވާ ކަމަށް ބުނި 46 އިންސައްތަ މީހުން ބުނީ، ދާއިމީ އެޑްރެހަށް ވޯޓު ލާގޮތް ބަދަލުކުރަން އެދުމުގެ ސަބަބަކީ އެކަމުން ޙަޔާތަށް ސީދާ ނޭދެވޭ އަސަރު ފޯރާތީ ކަމަށެވެ.
ނިމިދިޔަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ކުރިން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ނެރުނު އެސެސްމަންޓެއްގައި ބުނަނީ ދިރިއުޅޭ ތަނުގައި ޑިމޮކްރެޓިކް ތަމްސީލުކުރުން ނެތުމަކީ "ސިރީއަސް މައްސަލައެއް" ކަމަށާއި، އެތައް ހާސް ބަޔަކު ވޯޓު ލާން ޖެހިފައިވަނީ އިޖުތިމާޢީ ނުވަތަ ސިޔާސީ ގޮތުން ޝައުޤުވެރި ކަމެއް ނުވަތަ މަޞްލަޙަތެއް ނެތް ރަށްރަށަށް ކަމަށެވެ. 
2021 ގައި އެޖަމްޢިއްޔާއިން އިންތިޚާބީ އޮނިގަނޑުގެ މައްޗަށް ހެދި މުރާޖަޢާ ރިޕޯޓުގައި ބުނަނީ ދިރިއުޅޭ އެޑްރެސް އެކަށީގެންވާ ގޮތުގައި ބަލަހައްޓާ ޑޭޓާ ބޭހެއް ނެތް ކަމަށެވެ. އެކަމުގެ ސަބަބުން، ދިވެހިރާއްޖޭގައި އުޅޭ މީހުންނާއި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި އުޅޭ މީހުން ވަކި ކުރެވެން ނެތް ކަމަށާއި، ދާއިރާތައް އެކުލެވުމާއި، ދާއިރާތަކުގެ ސަރަޙައްދު ކުރެހުމުގައި ދިރިއުޅޭ މީހުންގެ ޢަދަދަށް ރިޢާޔަތް ކުރުމުގެ ފުރުޞަތު ނެތް ކަމަށެވެ. 
މިއީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ އަޅާކިޔާ އިރުވެސް، ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވޯޓުލުމަށް ޝައުޤުވެރިކަން ކުޑަވުމުގެ މައިގަނޑު ސަބަބެއް ކަމުގައި އެޖަމްޢިއްޔާއިން ފާހަގަކުރެއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ