އޭޕްރީލް 4 ގެ އިންތިޚާބުން ފާހަގަވީ ޕީއެސްއެމްއިން ސަރުކާރު އަތަށް ބުރަވެ ހުސްވުންފަދަ އަބަދުވެސް ހިނގާ ކަންކަން

"މިހިސާބަށްވެސް މިކަންކަން ޙައްލު ނުވެ އޮތްކަމީ މިވާހަކަ އިތުރަށް ދައްކަން ޖެހޭ ސަބަބު،" ޓީއެމްގެ އެގްޒެކެޓިވް ޑިރެކްޓަރު.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

12 އޮގަސްޓް
ސަރުކާރު ހިންގާ ޕާޓީގެ ކެމްޕޭން އިވެންޓްތައް ޕްރޮމޯޓުކުރުމަށް ދައުލަތުގެ ބްރޯޑްކާސްޓަރ - ޕީއެސްއެމް ބޭނުންކޮށްފައިވާ މިންވަރު، އިދިކޮޅު މައި ޕާޓީއަށްވުރެ 2.5 ގުނަ އިތުރެވެ.ޤާނޫނުއަސާސީއަށް ހުށަހެޅި ބަދަލުގެ ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރަށް ތާޢީދުކޮށް 11 ލިޔުމެއް ޕީއެސްއެމްއިން ޝާޢިއުކުރިއެވެ. އެންމެ ދެކޮޅު ލިޔުމެއް ޝާޢިއުކޮށްފައި  ނެތެވެ. ވޯޓަކަށް 1،000 (65 އެމެރިކާ ޑޮލަރު) އާއި 50،000 ރުފިޔާއާ ދެމެދުގެ ޢަދަދެއް އެކި ޕާޓީތަކުން ހުށަހަޅާފައި ވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން އޭޕްެރީލް މަހުގެ 4 ވަނަ ދުވަހުގެ ފެންނަ ނުފެންނަ ވޯޓާއި ލޯކަލް ކައުންސިލް އިންތިޚާބުގެ މުރާޖަޢާ ރިޕޯޓު ޢާންމުކުރިއެވެ. އެޖަމާޢަތުން ބުނަނީ އޭގައި އައު ކަމެއް ނެތްކަމަށެވެ. 
"ކުރީގެ އިންތިޚާބު ތަކުގައިވެސް ހަމަ މިވާހަކަތައް އެކި ގޮތްގޮތަށް ގެނެސްދެވިފައި ވާނެ. އެމައްސަލަތައް ދިރިދެމި މިހިސާބަށްވެސް ވާޞިލުވެފައިވާކަމީ އެކަންކަމުގެ ވާހަކަ ނުދައްކާންޖެހޭ ސަބަބެއް ނޫން. މިހިސާބަށްވެސް ޙައްލު ނުވެ އޮތްކަމީ މިވާހަކަ އިތުރަށް ދައްކަން ޖެހޭ ސަބަބު،" ޓީއެމްގެ އެގްޒެކެޓިވް ޑިރެކްޓަރު ޢާއިޝަތު ރިޒްނާ ރިޕޯޓުގެ މުޤައްދިމާގައި ލިޔުއްވާފައި ވެއެވެ.
މީޑިއާ މޮނިޓަރިންގް، ބަސްދީގަތުންތައް އަދި ލިޔެކިޔުން މުރާޖަޢާކުރުމުގެ ވާސިތާއިން 8 ފެބްރުއަރީ އާއި 22 އޭޕްރީލް 2026 އާ ދެމެދު ދިގު މުއްދަތާއި ކުރު މުއްދަތުގެ އޮބްޒަވޭޝަންތައް ޓީއެމް އިން ކުރިއަށް ގެންދިޔައެވެ. ބެލިބެލުމުން ޓީއެމްއިން ނިންމީ އިންތިޚާބުގެ އިދާރީ އިންތިޒާމުތައް އެކަށޭނަ ކަމަށެވެ. އެހެނަސް ބައިނަލްއަޤްވާމީ މިންގަނޑުތަކާއި އުޞޫލުތަކަށް ނުފެތޭ ކަމަށެވެ. ދައުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ކެމްޕޭނަށް ޚަރަދުކުރިގޮތުގައި ދެފުށް ފެނުން ނެތުމާއި، ސަރުކާރުގެ އަތަށް އިންތިޚާބު އަރިކޮށްލުމުގެ އުކުޅުތައް ބޭނުންކޮށްފައިވާ ކަމަށެވެ. 
އިންޓަނޭޝަނަލް އައިޑީއީއޭ، ޗާޓަރ ސެންޓަރ، ނޭޝަނަލް ޑިމޮކްރެޓިކް އިންސްޓިޓިއުޓް، އިންޓަރނޭޝަނަލް ފައުންޑޭޝަން ފޯ އިލެކްޓޯރަލް ސިސްޓަމްސް އަދި ކޯފީ އަނާން ފައުންޑޭޝަނުން 2024 ވަނަ އަހަރު ނެރުނު - "މޮޑެލް ކޮމިޓްމަންޓްސް ފޯ އެޑްވާންސިންގް ޖެނިއުއިން އެންޑް ކްރެޑިބަލް އިލެކްޝަންސް"  ގައި ބަޔާންކުރާ ހަމަތަކެއް މި އިންތިޚާބުގައިވެސް ސީދާ ފުރިހަމައެއް ނުވެއެވެ. ސަރުކާރު ވަކި އަތަށް ބުރަނުކުރުމާއި، ބޭރު ޤައުމުތަކުގައި ތިބި މީހުންނަށް ވޯޓު ލުމުގެ ޙައްޤު ނުދިނުމުގެ ވާޞިތާއިން ދަތުރުފަތުރުގެ ޙައްޤަށް ހުރަސްއެޅުމާއި، އިންތިޚާބާބެހޭ ޞައްޙަ ވަކިފަރާތަކަށް ނުޖެހޭ މަޢުލޫމާތު ވޯޓަރުންނަށް ފޯރުކޮށް ނުދިނުމާއި، ކެމްޕޭނުގެ ޚަރަދު ކުރުމުގައި ދެފުށް ނުފެނުމާއި، ނުކުޅެދނުނބްތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުން ކަންފަހިވެފައި ނެތުން ފުރިހަމަނުވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ. 
މިއީ ދިވެހިރާއްޖޭގައި ބޭއްވި 5 ވަނަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ. އަދި ޤާނޫނުއަސާސީއާ ގުޅޭގޮތުން ނެގި ދެވަނަ ފެންނަ ނުފެންނަ ވޯޓެވެ. 2007 ގައި އެންމެ ފަހުން ފެންނަ ނުފެންނަ ވޯޓެއް ނެގީ ޤާނޫނުއަސާސީ އިޞްލާޙްކުރުމުގެ ތެރޭގައި، ރައްޔިތުންގެ ޚާއްޞަ މަޖިލީހުން ނިންމައިގެން، ވެރިކަމުގެ ނިޒާމެއް ކަނޑައެޅުމަށެވެ. އެހެންވީމާ މިއިންތިޚާބަކީ 2008 އަށްފަހު އެންމެ އުނދަގޫ އަދި ގިނަ ސުވާލު ކުރިމަތިވި އިންތިޚާބު ކަމުގައި ޓީއެމްއިން ފާހަގަކުރެއެވެ. އޭޕްރީލް 4 ގައި ވޯޓު ޙައްޤުވާ މީހުންކުރެން 74.89 މީހުން ބައިވެރިވިއެވެ. މީގެ ކުރީގެ ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި ވޯޓު ލާފައިވަނީ 56 އާއި 70 އިންސައްތައާ ދެމެދުގެ މީހުންނެވެ.
ނޫނެކޭ ބުނި މީހުންގެ ޢަދަދު އާނއެކޭއަށްވުރެ ދެގުނައަށްވުރެވެސް ބޮޑުކޮށް ނަތީޖާ ނުކުތް ފެންނަ ނުފެންނަ ވޯޓުގެ ސަބަބުން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބޮޑު ސިޔާސީ ބައްޔެއް ތަޙައްމަލު ކުރާން ޖެހުނެވެ. އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވަނީ 5 ސިޓީ އަދި ރާއްޖޭގެ ހުރިހާ ބޮޑެތި ކައުންސިލުތަކެއްގެ އަޣްލަބިއްޔަތު ކާމިޔާބު ކޮށްފައެވެ. 
ކައުންސިލާއި ޑަބްލިއުޑީސީގެ 1،356 ގޮނޑީގެ ތެރެއިން 82 ގޮނޑި (6.1 އިންސައްތަ) ވީޓަކާ ނުލައި ހޮވިފައި ވެއެވެ. ވާދަވެރިޔަކު ނެތިގެންނެވެ. 82 މީހުންގެ ތެރެއިން 69 މީހުން (84 އިންސައްތަ) ގޮނޑި ނިސްބަތްވަނީ ވެރިކަންކުރާ  ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށެވެ. ވޯޓުލައިގެން ހޮވި ގޮނޑިތަކުންކުރެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އެމްޑީޕީއެވެ. އެއީ 557 ގޮނޑިއެވެ. ޕީއެންސީ ކާމިޔާބުކުރީ 515 ގޮނޑިއެވެ. މިކަމުގައި ވެފައި އޮތީ ދެގޮތުން ކުރެ އެއްގޮތެވެ؛ އިދިކޮޅުން ކުރިމަތި ނުލާ ގޮނޑިތަކަށް ޕީއެންސީއިން ކުރިމަތިލީއެވެ. ނުވަތަ ޙާލަތު ނިޔާކުރިގޮތުން އެހެން ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސް، އެންމެ ފަހުން ޕީއެންސީ ކެންޑިޑޭޓް އެކަނި ކުރިމަތިލާ ހުރީއެވެ.

ދައުލަތުގެ ވަޞީލަތްތައް

ދައުލަތުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ޓީއެމް އިން 2023 ގެ ރިޔާސީ އިންތިޚާބުގެ އޮބްޒަވޭޝަން ރިޕޯޓުގައި ފާހަގަކުރި އެންމެ ބޮޑު އެއް މައްސަލައެވެ. ޓީއެމް އިން ބުނީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވެސް އެކަން ފާހަގަކުރެވުނު ކަމަށެވެ.
ސަރުކާރުގެ ޙިއްސާވާ ކުންފުނިތަކުން (އެސްއޯއީ) ދައުލަތުގެ ވަޞީލަތްތަކާއި، އުޅަނދުތަކާއި، ސާމާނު ނުވަތަ މުވައްޒަފުން ބޭއްވި 118 ކެމްޕޭން އިވެންޓުގެ ތެރެއިން 28 އިވެންޓެއްގައި (24 ޕަސެންޓް) ބޭނުންކުރާތީ ފެނިފައި ވެއެވެ.އެމްޑީޕީގެ އިވެންޓްތަކުން މިމަންޒަރު ފެނުނުލެއް ފީއެންސީގެ އިވެންޓުތަކަށްވުރެ ދެގުނަ ބައި މަދެވެ.  މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ އެއްވެސް އިވެންޓެއްގައި މިކަން ފެނިފައެއް ނެތެވެ. 
ދައުލަތުގެ ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވާން އައިއެފްއީއެސް އެކުލަވާފައިވާ އޮނިގަނޑަށް ރިޢާޔަތްކޮށް، 130 ދާއިރާއަކުިން 86 މައްސަލައެއް ހުށަހަޅާފައި ވެއެވެ. އެއީ އެސްއޯއީތަކަށް އިޢުލާންކުރުމެއް ނެތި، އިންތިޚާބާ ގުޅުވައި ވަޒީފާއަށް މީހުން ނެގުމުގެ 30 ކޭހަކާއި،  ކެމްޕޭން އިވެންޓްތަކުގައި ބައިވެރިވުމަށް ޕަބްލިކް ސެކްޓަރގެ (ދައުލަތުގެ) މުވައްޒަފުންނަށް ޕްރެޝަރު ކުރި 14 ކޭހެކެވެ. 
ޓީއެމްގެ ރިޕޯޓުގެ މައިގަނޑު ކޭސް ސްޓަޑީގައި ބަލާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށެވެ. އެކުންފުނިން ޢަމަލުކޮށްފައިވާ ނަހަމަ ގޮތްތަކުގެ ތެރޭގައި އެމްޑީޕީގެ ކެންޑިޑޭޓަކުގެ ކެމްޕޭން ޕޯސްޓަރުތަކާއި ބެނަރ ހަރުކުރުމަށް ހުއްދަ ދިނުން ލަސްކުރުމާއި، ޕީއެންސީގެ ކެންޑިޑޭޓުގެ ރިކުއެސްޓަށް އަވަހަށް ހުއްދަ ދިނުން ހިމެނެއެވެ. އެޗްޑީސީގެ މުވައްޒަފުން ވަކިވަކިން އެމްޑީޕީގެ ކެމްޕެއިން މެޓީރިއަލް ނަގަމުން ދިޔައީ ހެނދުނުގެ ވަގުތެއްގަ އެވެ.
118 ކެމްޕޭން އިވެންޓުގެ ތެރޭގައި ނަފްރަތު އުފެދޭ ވާހަކަތަކާއި، ދަށު ދަރަޖައިގެ ބަސްތަކާއި، ދީނީ ނަޒަރުން އަނެކުން ބަލިކުރުމުގެ ހާދިސާއެއް ރެކޯޑު ކުރެވިފައެއް ނެތެވެ. އެއްވެސް އިވެންޓަކަށް ސަލާމަތީ ބާރުތަކުން ހުރަސްއެޅިކަން އެނގޭކަށް ނެތެވެ. 1 މާރޗްގައި ފ މަގޫދޫގައި ކެމްޕޭނު އިވެންޓެއްގައި ހިސާބެއްގެ އަރައިރުމެއް ހިނގިއެވެ. މިއީ 16 އަތޮޅެއްގައި 56 ދުވަހު ކުރި ކެމްޕޭނުގެ މިއީ ރެކޯޑުކުރެވިފައިވާ ހަމައެކަނި މިފަދަ ޙާދިސާއެވެ.

ދައުލަތުގެ މީޑިޔާ

ޕަބްލިސް ސަރވިސް މީޑިޔާ (ޕީއެސްއެމް)ގައި 72 ދުވަހުގެ މުއްދަތުގެ ތެރޭގައި 589 ލިޔުން އިންތިޚާބާ ގުޅުވައި ޝާޢީއުކޮށްފައި ވެއެވެ. އޭގެތެރެއިން 68.9 އިންސައްތަ ލިޔުމަކީ ނުވަތަ ކޮންޓެންޓަޓީ ސަރުކާރު ނުވަތަ ސަރުކާރުގެ ކެންޑިޑޭޓަކަށް ތާޢީދު ކޮށް ޢާންމުކޮށްފައިވާ ތަކެއްޗެވެ. ޖަވާބުދާރީ ކުރުވުމުގެ ރޮނގުގައި ލިޔެފައި އޮތީ އެންމެ 6 ލިޔުމެވެ. ސަރުކާރުގެ ސްޓޭންޑަށް ސީދާ ދެކޮޅު ހަދައި ލިޔެފައި އޮތީ އެންމެ އާޓިކަލެކެވެ. މިމުއްދަތުގައި ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ކަވަރޭޖް 5.8 ގުނަ އިތުރު ކޮށްފައި ވެއެވެ. އިންތިޚާބުގެ ވޯޓު ލުމަށްފަހު އިހުނެކޭ އެއްފަދަ ވެދިޔައެވެ.

ވޯޓުގައި ފައިސާ

ލާމަރުކަޒީ ޤާނޫނުގެ 20 (ށ) ގައި ބަޔާންކުރަނީ ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީގެ އިންތިޚާބުގައި، ޢާންމު އިންތިޚާބާބެހޭ ޤާނޫނުން އެހެން އިންތިޚާބުތަކަށް ލާޒިމުކުރާ ޖަވާބުދާރީވުމާއި ދެފުށްފެނުމުގެ 4 ކަމެއް އިސްތިސްނާ ކޮށްފައި ވެއެވެ. އެހެންވީމާ އިންތިޚާބަށް ވަކި އެކައުންޓެއް ޤާއިމުކުރުމާއި، އިންތިޚާބަށް ލިބުނު ފައިސާއާއި ޚަރަދުގެ އޮޑިޓް ޢާންމުކުރުމާއި، އޭޖެންޓަކު ޢައްޔަންކުރާކަށް ނުޖެހެއެވެ.
ފެންނަ ނުފެންނަ ވޯޓާބެހޭ ޤާނޫނާއި ޤަވާއިދުގައި ކެމްޕޭނުގެ ޚަރަދުބަރަދާ ގުޅޭ އެއްވެސް ވާހަކައެއް، ހައްދުތަކެއް، ޢާންމުކުރަންޖެހޭ ހިސާބުކިތާބެއް، ބޭންކް އެކައުންޓެއް ޤާއިމުކުރުންފަދަ ހަމަ އެއްވެސް ހަމައެއް ބަޔާންކޮށްފައެއް ނެތެވެ.
76 ދާއިރާއަކުން 28 ފާހަގަވާ މައްސަލައެއް ފައިސާބެހުމާ ރިޝވަތާ ގުޅިގެން ދިގު މުއްދަތުގެ އޮބްޒަވޭޝަންތަކުގެ ތެރޭގައި ޓީއެމްއިން ފާހަގަކޮށްފައި ވެއެވެ. ވޯޓެއް 1000 އާއި 50،000 ރުފިޔާއާ ދެމެދުގެ މިންވރަކަށް ވިސްނާފައި ވެއެވެ. 3000 އާއި 10،000 ރުފިޔާއާ ދެމެދުގެ މިންވަރެއް ދީގެން ގަނޑު ވޯޓު ގަނެފައި އެބަހުއްޓެވެ. މިކަން އޮތީ ހުރިހާ ޕާޓީއެއްގެ ފުށުންހެންވެސް ފެނިފައެވެ. 
ޢާންމު އިންތިޚާބާބެހޭ ޤާނޫނުގެ ދަށުން ވޯޓު ގަނެވިއްކުމާއި ރިޝްވަތުގެ ޢަމަލުތައް ބަލާންޖެހެނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށެވެ. ނަމަވެސް އިންތިޚާބުގެ އެބާވަތުގެ ކަންކަން ބަލަނީ ޝަކުވާއެއް އުފުލީމައެވެ. ޝަކުވާއެއް މީހަކު ނުއުފުލާނަމަ އަމިއްލަ އިސްނެގުމުގައި ފިޔަވަޅެއް ނޭޅެއެވެ. މިއީ ޤާނޫނީ ބާގަނޑަކުން އުފަންވާ މައްސަލަތައް ކަމުގައި ޓީއެމްއިން ދެކެއެވެ. ޓީއެމް އިން ބުނަނީ ފަރުވާ އޮތީ ކައުންސިލް އިންތިޚާބަށްވެސް ޚަރަދާއި ފައިސާގެ ކަންކަން ބެލެހެއްޓޭނެ އިންތިޒާމުތަކެއް އެކަށައެޅުމާއި، ޢާންމު ފެންނަ ނުފެންނަ ވޯޓުތަކުގެ މާލީ ކަންކަންވެސް ތަރުތީބުތަކަކާއި ހައްދުތަކެއްގެ ތެރޭގައި ހަމަޖައްސައިގެން ކަމަށެވެ. 

ޤާނޫނީ އޮނިގަނޑު

މާޗް 29 ގައި ޓީއެމްއިން ނެރުނު ޕްރީ-އިލެކްޝަން ލީގަލް ރިވިއުގައި ފުރަތަމަ ފަހަރަށް ފާހަގަކުރި 6 ކަމެއް މިރިޕޯޓުގައިވެސް ފާހަގަކޮށްފައި ވެއެވެ. އޭގެތެރޭގައި ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން މަޢުލޫމާތު ދޭން ތައްޔާރުކުރި ކަރުދާސް ވަކި އަތަކަށް ޖެހިފައިވުމާއި، ވޯޓުގެ ސިއްރުކަން ގެއްލޭ މީހުންނަށް ޙައްލެއް ހޯދައި ދެވިފައި ނެތުމާއި، ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވޯޓުލާ މީހުންނަށް ފުރުޞަތު ނުދިނުމާއި، ފެންނަ ނުފެންނަ ވޯޓު ޢިބާރާތް ކޮށްފައިވާގޮތުން އެކަށީގެންވާ ގޮތެއްގައި ވާނުވާ އެނގިގެން ނޫނެކޭ ނުވަތަ އާނއެކޭ ބުނުމުގެ ފުރުޞަތު ނެތުން ހިމެނެއެވެ.
މީގެ އިތުރުން 12 ކަމެއް ޓީއެމްގެ މިރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އޭގެތެރޭގައި ފެންނަ ނުފެންނަ ވޯޓު ޞައްޙަވާނީ ކިހާ ވަރަކަށް މީހުން ވޯޓުލައިގެންތޯ ކަނޑައަޅާފައި ނެތުމާއި، އިންތިޚާބީ ދާއިރާއެއް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުވައިލާފައިވުން ހިމެނެއެވެ. 

ބޭރުގައި ދިރިއުޅޭ  ވޯޓަރުން

2000 މީހުން ޤައުމެއްގައި ވޯޓުލާން ރެޖިސްޓްރީ ނުކުރާނަމަ، ވޯޓު ފޮއްޓެއް ނުބެހެއްޓޭގޮތަށް އިެލޖްޝަންސް ކޮމިޝަނުން ނިންމާފައިވެއެވެ. އެންމެ މަދުވެގެން 40 މީހުން އެއް ދާއިރާއަކުން ރެޖިސްޓަރކުރާންވެސް ޖެހެއެވެ. އެކަމުގެ މުހުލަތު ހަމަވަނީ ފެބްރުއަރީ 10، 2026 ގައެވެ. މިއީ ފެންނަ ނުފެންނަ ވޯޓުވެސް އޭޕްރީލް 4 ގައި ނަގާން ނިންމިތާ 6 ދުވަސް ކުރިންނެވެ. 
ފެންނަ ނުފެންނަ ވޯޓާ ގުޅުވައި ރީރެޖިސްޓަރ ކުރުމުގެ އިތުރު ފުރުޞަތެއް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭ މީހުންނަށް ހުޅުވާލިއެވެ. އެހެނަސް ވޯޓު ފޮށި ބަހައްޓާން ފުރުޞަތު ލިބޭ ޝަރުޠުތަކަށް ބަދަލެއް ނުގެނެއެވެ. މެލޭޝިޔާގައި ވޯޓުލާން 499 މީހުން އަދި ޝްރީލަންކާގައި ވޯޓުލާން 186 މީހުން ރެޖިސްޓްރީ ކުރިއެވެ. އެކަމަކު ޝަރުޠު ހަމައެއް ނުވެއެވެ. 2020/2021 ގެ ލޯކަލް ކައުންސިލް އިންތިޚާބުގައްޔާއި، 2024 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައިވެސް ގެންގުޅެފައި އޮތީ 150 މީހުން ރީރެޖިސްޓަރކުރި ޤައުމެއްނަމަ، ވޯޓު ފޮށި ބަހައްޓާ ގޮތަށެވެ. 2023 ގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މެނުވީ 2000 މީހުން ހަމަވި ފަހަރެއް ނެތެވެ. އެއީ މެލޭޝިޔާގައެވެ. މިމައްސަލަ މާޗް 19 ގައި އެމްޑީޕީއިން އިލެކްޝަންސް ކޮމިޝަންގައި އުފުލުން "މިހާރު އެކަންކަން ނިމިފައިވާ" ކަމަށް އެކޮމިޝަނުން ޖަވާބުދިނެވެ. ޓީއެމްއިން މިމައްސަލަ ފާހަގަކުރަނީ އިދާރީ މައްސަލައެއްގެ ގޮތުގައެވެ. ޓީއެމްއިން ބުނަނީ އަމުދުން ފެންނަ ނުފެންނަ ވޯޓު ނަގާން ނިންމީމާ ވޯޓު ފޮށި ބެހެއްޓުމުގެ ޝަރުޠުތައް ބަދަލުކުރެވޭން އޮތްކަމަށާއި، ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އެކަން ނުކުރީކަމަށެވެ. 

ހިރިމަރަދޫ 

ޑިސެންބަރު 2025 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން 588 މީހުން ރެޖިސްޓަރކޮށްފައިވާ ހިރިމަރަދޫއަކީ މީހުން ދިރިނޫޅޭ ރަށެއްގައި ކަނޑައަޅާފައި ވެއެވެ. އޭޕްރީލް 4 ގެ ވޯޓު ނެގިއިރު އެރަށު މީހުން އެހެން ރަށަކަށް ރެޖިސްޓަރކުރުވައި ނިންމާފައެއް ނެތެވެ. ނަމަވެސް ރަށު ކައުންސިލް އިންތިޚާބު ކޮށްފައެއް ނުވެއެވެ. އެރަށު މީހުން އެހެން ރަށެއްގައި ރެޖިސްޓަރކުރުމުގެ މަސައްކަތް އޮތީ ކޯޓު މައްސަލައެއްގައި ތާށިވެފައެވެ. އެހެންނަމަވެސް ބަދަލުވާން ކަނޑައަޅާފައިވާ ރަށުގެ ލިސްޓުގައި ހިރިމަރަދޫ މީހުން އިލެކްޝަންސް ކޮމިޝަނުން ހިމަނާފައި ވެއެވެ. 
ދެން ފަޅުކުރާން ނިންމާފައި އޮތް މ ރަތްމަންދޫއާއި ވ ރަކީދުގެ ރައްޔިތުންވަނީ ކައުންސިލެއް އިންތިޚާބު ކޮށްފައެވެ. ހިރިމަރަދޫއަށްވުރެ އެދެރަށުގައިވެސް ބޮޑުތަނުން މީހުން މަދެވެ. މިއީ ކޮން ހަމައަކުން އުޞޫލަކުން ހަމަޖެއްސި ގޮތެއްކަމެއް ސާފު ނުވާކަން ޓީއެމްއިން ފާހަގަ ކުރެއެވެ. މިކަމަށް ޙައްލެއް ޖަވާބެއް ނުލިބޭނަމަ އެހެން ސަރުކާރުތަކަށްވެސް ވަކި ހަމައެއް ނެތި އަދި ޤާނޫނީ އިޖުރާޢަތެއް ހުއްދައެއް ނެތި،  އިންތިޚާބީ ޙައްޤުތަކުން މަޙްރޫމް ކުރުވާން ފުރުޞަތު ހުޅުވޭނެ ކަމަށް ޓީއެމްއިން ބުނެއެވެ. 

ބައިވެރިކުރުވުމާއި ބައިވެރިވެވޭނެ މަގު 

ޓީއެމްއިން ދެކޭގޮތުގައި ލާމަރުކަޒީ ޤާނޫނުގެ 5-56 މާއްދާގެ ދަށުން އަންހެންުނަށް ކައުންސިލްތަކުގެ 33 އިންސައްތަ ކަނޑައަޅާފައިވަނީ އެންމެ މަދު މިންވަރުގެ މިންގަނޑެއްގެ ގޮތުގައި ކަމަށެވެ. އަމާޒުގެ ގޮތުގައި ނޫންކަމަށެވެ. ކައުންސިލުތަކަށް ކުރިމަތިލި 1575 ކެންޑިޑޭތުންގެ ތެރެއިން 547 ކެންޑިޑޭޓުން - 34.7 އިންސައްތައަކީ އަންހެނުންނެވެ. އޭގެތެރެއިން 510 އަންހެނުން ކުރިމަތިލީ އަންހެނުންނަށް ޚާއްޞަ ގޮނޑިތަކަށެވެ. 14 މޭޔަރު ކެންޑިޑޭޓުންގެ ތެރޭގައިވެސް އަންހެނަކު ނެތެވެ.
ޑަބްލިއުޑީސީގެ ގޮނޑިއަކަށް އެވްރެޖުކޮށް 2 މީހުން ކުރިމަތިލިއެވެ. ރަތްމަންދޫ އަދި ރަކީދޫގައި ޑަބްލިއުޑިސީގެ 5 ގޮނޑި ފުރާނެ ވަރަށް ކެންޑިޑޭޓުން ކުރިމައްޗެއް ނުލައެވެ.
ކެމްޕޭނު އިވެންޓުތަކުގައި އަންހެނުންގެ ދައުރު ފެނުނީ ރަމްޒީ ކޮށެވެ. ނުވަތަ އެހީވެދޭން ތިބޭ ބައެއްގެ ގޮތުގައެވެ. އަންހެނުން ކެމްޕޭނުން އިވެންޓުތަކުގައި ތަޤްރީރުކޮށްފައި އޮތީ 12 އިންސައްތަ ޙަރަކާތުގައެވެ. ގިނަ ފަހަރު ވާހަަކަދެއްކީ ޑަބްލިއުޑީސީ ކެންޑިޑޭޓުންނެވެ.
ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕާސަންސް ވިތު ޑިސެބިލިޓީޒް (ސީޕީއާރްޑީ) އިން ކަށަވަރުކޮށްދޭ ޙައްޤުތަކަށް އުނިކަންލިބޭ ހަތަރު ކަމެއް ޓީއެމްއިން ފާހަގަކުރިއެވެ. އެކަމުގެ އަސަރު ވޯޓުލާ މީހުން ކުރެން 4.5 އިންސައްތަ މީހުންނަށް އެހެންވީމާ ފޯރާފައި ވެއެވެ. ސީޕީއާރްޑީގެ ކޮމިޓީގައި ރާއްޖެއާ ގުޅޭގޮތުން އޮގަސްޓް 2025 ގައި ފާހަގަކުރި ކަންކަމާ، ޚާއްސަ އެހީއާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަމިއްލަ ޖަމްޢިއްޔާ/ޖަމާޢަތްތަކުން ފާހަގަކުރަމުންދާ ކަންކަމާ މިފާހަގަކުރުންތަކާ އެއްކީއްޔެވެ.
ޓީއެމް އިން ފާހަގަކޮށްފައި އޮތީ ވޯޓު ފޮށި ބަހައްޓާފައި ހުރި ހިސާބަށް ދާން ބައެއް މަރުކަޒުތަކުގައި ރޭމްޕް ހަދާފައި ނެތް ކަމަށެވެ. ސިޑިން އަރަން ޖެހޭ ކަމަށެވެ. ފުރޮޅުލީ ގޮނޑިއެއްގައި ވަދޭވަރަށްވުރެ ދޮރު ހަނި ކަމަށެވެ. ފަސޭހައިން ކިޔޭނެ ގޮތަކަށް ނުވަތަ ނުފެންނަ މީހުންނަށް އޯޑިއޯގެ ޒަރީޢާއިން ސާފުވާ ގޮތަށް ތައްޔާރުކޮށްފައެއް ނެތެވެ. އެހީތެރިކަން ފޯރުކޮށްދެވެނީ ހަމައެކަނި ޖިސްމާނީ  ނުކުޅެދުންތެރިކަމެއް ހުރި ނަމައެވެ. ވިސްނުމުގައި ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއް ހުރެގެން އެހެން މީހަކަށް ވޯޓުލާން އެހީވެވޭނެ ގޮތެއް ނެތެވެ. 

ވޯޓުގެ ފަހުން 

އިންތިޚާބުގެ ފަހުން 17 އާއި 30 އޭޕްރީލްއާ ދެމެދު 20 މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވެއެވެ. 16 މައްސަލަ ކޯޓުން ފުރަތަމަ މަރުޙަލާގައި ބަލައެއް ނުގަތެވެ. އޭގެތެރޭގައި އެމްޑީޕީ އިން ހުށަހެޅި 13 މައްސަލަ ހިމެނެއެވެ. ބަލައިގަތީ އަމިއްލަ ފަރާތްތަކުން ހުށަހެޅި 4 މައްސަލައެކެވެ. މ ވޭވަށް، ދ މީދޫ އަދި ތ ތިމަރަފުއްޓާ ގުޅޭ މައްސަލަތައް މިހާރުވަނީ ނިންމާފައެވެ.
ހައިކޯޓުގެ ވެބްސައިޓުގައި މައްސަލައެއް ބަލައިނުގަތްނަމަ، އެކަމުގެ ސަބަބުން ބަޔާންކޮށްފައި ނުވާކަމަށެވެ. ޢާންމު އިންތިޚާބާބެހޭ ޤާނޫނުގެ 65 (ހ) ގައި ބަޔާންކުރާ ގޮތުންނަމަ އިންތިޚާބެއް ބާޠިލުކުރެވޭނީ ނުފޫޒާއި، ރިޝްވަތު އަދި ޤާނޫނާ ޚިލާފު ކަމެއް އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަންނަ މިންވަރަށް ހިންގާފައިވާކަމަށް ޘާބިތުވާނަމައެވެ. ވޭވަށުގައި ތިން ވޯޓު ކަރުދާސް ކޯޓުން  ބާޠިލުކުރުމާއެކު ޕީއެންސީގެ މުޙައްމަދު ނަޒީޙްއަށް ގޮނޑި ލިބޭކަމަށް ހައިކޯޓުން ނިންމިއެވެ. ނަޒީޙަށް ލިބުނީ 119 ވޯޓެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ ފުރަތަމަ 118 ވޯޓެވެ. މީދޫގައި ބާޠިލުކުރި ވޯޓެއް ކޯޓުން ޞައްޙަކަމުގައި ކަނޑައެޅިއެވެ. އެހެންވީމާ ކައުންސިލްގެ ގޮނޑިއެއްގެ ވޯޓު 392 ގައި ދެ ބައިމީހުންނަށް އެއްވަރުވެގެން ދެވަނަ ބުރެއް ބާއްވަން ޖެހުނެވެ.
މީދޫގެ ދެވަނަ ބުރުގެ ވޯޓުލުމުގައި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމްއަށް ކާމިޔާބު ލިބުނީ 529 ވޯޓުންނެވެ. އެމްޑީއޭގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދުއަށް ލިބުނީ 449 ވޯޓެވެ. އެހެންވީމާ މުޅި މީދޫގެ ހުރިހާ ގޮނޑިއެއް ވެރިކަންކުރާ ޕާޓީއަށް ލިބުނީއެވެ. ހައިކޯޓުން ބާޠިލުކުރި ތިން ވޯޓު ސުޕްރީމް ކޯޓުން ޞައްޙަކަމަށް ނިންމުމާއެކު 121 ވޯޓާއެކު އެމްޑީޕީގެ ކެންޑިޑޭތް އައުޝަމް ނަޢީމް ގޮނޑި ކާމިޔާބު ކުރިއެވެ. އައުޝަންގެ ވާދަވެރިޔާ ނަޒީޙްގެ ދަޢުވާއަކީ ޗާޕު ދެލި ކޭއްތިފައި ހުރި ތިން ކަރުދާސްކޮޅުގެ ސިއްރުކަން ގެއްލިފައިވާ ކަމަށެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން