އަދީބު ފައިލްސް: ފައިސާތައް ބެހީ ކިހިނެއް، ކާކު މެދުވެރިކޮށް؟
އަދީބު ފޯނުގެ އެތައްހާސް މެސެޖެއްގެ ވާނުވާ

ކުރެހުމާއި ޑިޒައިން: ޑޮސެއިން
20 އޮކްޓޯބަރު
ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ ފޯނެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ 2973 ޞަފްޙާގެ ފޮރެންސިކް އެނަލަސިސް ރިޕޯޓު ޢާންމުވީ، އެފޯނުގައި ހުރި 81،167 މެސެޖާވެސް އެކުގައެވެ. ވެރިކަމުގެ އާރާއި ބާރުގައި ތިބި މީހުން، ވެެރިކަމުގެ ނިޒާމު ވައްކަމުގެ އާލާތަކަށް ބަދަލުކޮށްލި ގޮތް ކިތަންމެހާވެސް ސާފެވެ. މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ ފަނޑިޔާރުންނާއި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ސިފައިންނާއި ފުލުހުންނަށް ބެހިކަން ފެންނާން އޮތްއިރު، އެފައިސާ އެމީހުންގެ އަތްމައްޗަށް ގެންގޮސްދިނީ (ޑެލިވަރކުރީ)، ކިހިނަކުން، ކޮން ބަޔަކު ބާވައެވެ.
އަދީބުފައިލްގެ މައްޗަށް މިނޫހުން ލިޔާން ޤަސްތުކުރާ ސިލްސިލާ އިންވެސްޓިގޭޝަން ރިޕޯޓުތަކުގެ ތެރެއިން މިއީ ފުރަތަމަ ލިޔުމެވެ. މީގައި ބަލާނީ އެމްއެމްޕީއާރްސީގެ 90 މިލިޔަން ޑޮލަރަށް ވުރެ ގިނަ ފައިސާ އަދީބުގެ ރަޙްމަތްތެރިންނާއި އެކުވެރި ވިޔަފާރިވެރިން ލައްވާ ބެހި ގޮތުގެ މައްޗަށެވެ. މަސް ދުވަހުން 5 މިލިޔަން ޑޮލަރު ދައުރު ކޮށްފައި އެބަހުއްޓެވެ. ޑޮލަރު ދިވެހި ރުފިޔާއަށް މާރުކޮށް، އެފައިސާ ދަބަސްދަބަހަށް އަޅައިގެން، "ހަދިޔާ"ގެ ނަމުގައި، ރިޝްވަތުގެ ގޮތުގައި ބެހީ ކިހިނަކުންތޯ ބަލަމާ ހެއްޔެވެ.
ޖޫން އާއި އޮކްޓޫބަރު 2014 އާ ދެމެދު އަދީބު ގެންގުޅުނު މި ފޯނުގެ މެސެޖުތަކުން އެނގެނީ މިފައިސާ ބަހާފައިވަނީ 30 އަކަށް އަހަރުގެ ފިރިހެނުންތަކެއް މެދުވެރިކޮށް، މެސެޖުން މުޢާމަލާތްކޮށް، ކަމެކޭވެސް ހީނުވާހާ ފަސޭހަ، އާދައިގެ ގޮތެއްގައި ރާވައި، ކޯޑިނޭޓު ކޮށްގެންނެވެ.
ޢަބްދުﷲ ޒިޔަތު - އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިންގް ޑިރެކްޓަރ
159 އެސްއެމްއެސް، 967 އޮންލައިން މެސެޖު
ރަށާއި، ފަޅާއި، ފިނޮޅު ހިމެނޭހެން ބިޑުކުރުމަކާ ނުލާ 59 ސަރަޙައްދު ޑިސްކައުންޓް އަގުތަކެއްގައި ކުއްޔަށް ދިނުމުގައި ޝާމިލުވާ ސަރުކާރު ޙިއްސާވާ އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރަކަށް އޭރު ހުންނެވީ ޢަބްދުﷲ ޒިޔަތެވެ. އެކުއިޒިޝަން ފީގެ ގޮތުގައި އެތަންތަން ގަތް ފަރާތްތަކުން ދޭ ފައިސާގެ ޗެކު އެމްއެމްޕީއާރްސީ އަށް ލިޔެފައި އޮއްވާ، އެޗެކުތަކުގެ ނުފުށުގައި ސޮއިކޮށް، އެންޑޯޒް ކޮށްގެން، އެސްއޯއެފް ކިޔާ ކަރުދާސް ކުންފުންޏެއްގެ އެކައުންޓަށް ޖަމާކުރުމުގެ ބައި ހިންގީ މި ޢަބްދުﷲ ޒިޔަތެވެ.
އަދީބާއެކު ޒިޔަތުވެސް ހުރީ އަދަބު ލުއިވާ ގޮތަށް ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހަދައިގެންނެވެ. އެ ދެ މީހުންނަށް ވެސް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަހު މަސްދުވަހު ޢަފޫޢާންމު ދެއްވާ، މިނިވަން ކުރެއްވިއެވެ.
ޒިޔަތުގެ މެސެޖުތަކުން އެނގޭ ގޮތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އާއި މޯލްޑިވްސް ޓުވަރިޒަމް ޑެވަލޮޕްމަންޓް ކޯޕަރޭޝަނުން ލޯނެއްގެ ގޮތުގައްޔާއި، ޑޮލަރު މާރުކުރުމުގެ ނަމުގައި ދިން 6 މިލިޔަން ޑޮލަރު ޑައިވޭޓު (އެހެން ދިމާލަކަށް ފޮނުވާލުން) ކުރުމުގައިވެސް އޭނާގެ ޒިޔަތުގެ ވެއެވެ. ޖުލައި 6، 2014 ގެ ފަތިހު 4 ޖެހި ފަހުން އަދީބު ޒިޔަތަށް މެސެޖު މެދުވެރިކޮށް އެންގީ ޔޫއެސް ޑޮލަރުގެ ޕޭމަންޓް އާއި، ރެޖިސްޓްރޭޝަން ސެޓިފިކެޓާއި، ސޮއިކުރާ ފަރާތާއި، ކުންފުނީގެ މަޢުލޫމާތު ފޮނުވުމަށެވެ. ޒިޔަތު ޖަވާބު ދިނީ "ޕޯޓްސް" އިން އޮޅުން ފިލުވާފައި ފޮނުވާނެ ކަމަށެވެ.
އޭގެ ގަޑިއިރެއް ފަހެވެ. އަދީބަށް ޒިޔަތު މެސެޖެއް ފޮނުވިއެވެ. އެމެސެޖަކީ އިންވެސްޓަރަކަށް ޒިޔަތު ފޮނުވާފައިވާ ނުވަތަ ފޮނުވާން އުޅޭ މެސެޖެއްގެ ކޮޕީއެެވެ. އޭގައި އިންވެސްޓު ކުރުމަށް އެފަރާތުން ޝައުޤުވެރި ވި ކަމަށްޓަކައި ޝުކުރު އަދާކުރުމަށް ފަހު، ބުނަނީ 8 ލައްކަ ޑޮލަރުގެ ސީއެސްއާރް (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ)އަށް ވާ ބައި ފޮނުވީމާ ހެޑްލީސް އެއްބަސްވުމުގެ ކަންތައް އަވަސް ގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށާއި، ބާކީ 5 ލައްކަ ޑޮލަރު 5 މަހަށް ބަހާލައިގެން ދެއްކުމުގައި އިޢުތިރާޟެއް ނެތް ކަމަށެވެ. އަދީބު ގާތުން ޒިޔަތު އެދެނީ މިމެސަޖަށް އެޕްރޫވަލް ދެއްވުމަށެވެ. 30 އަކަށް މިނެޓު އިރު ފަހުން އަނެއްކާވެސް ޒިޔަތު މެސެޖެއް ފޮނުވައެވެ. އޭގައި އޮތީ އެމްއެމްޕީއާރްސީގެ ބޭނުންތަކަށް އެމްސީއެމް އެކަށޭނަ ކަމަށެވެ. އެމްސީއެމް އަކީ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް (އެމްސީއެމް) ޕްރައިވެޓް ލިމިޓެޑް އެވެ. އަދީބުގެ ތިމާގެ ވިޔަފާރިވެރިޔާ ޙާމިދު އިސްމާޢީލްގެ ކުންފުންޏެވެ.
ހަމަ އެދުވަހުގެ ހެނދުނު އަނެއްކާވެސް ޒިޔަތު އަދީބަށް މެސެޖު ކުރެއެވެ. ޖަވާބެއް ބޭނުން ވެގެންނެވެ. އަދި އެމްއެމްޕީއާރްސީ ޗެކު ނެގުމަށް ފަހު އެޔާ ޙަވާލާދީ ރަސީދެއް ހަދަން ބޭނުންވާ ވާހަކަވެސް ބުނެއެވެ.
ފޮރެންސިކް ރިޕޯޓުގައި ވާގޮތުން، އެމްއެމްޕީއާރްސީ އިން އެމްޕީއެލްގެ ކިބައިން 76.8 މިލިޔަން ރުފިޔާ 5 މިލިޔަން ޑޮލަރު ގަނެދޭނެ ކަމަށް އެއްބަސްވެ، އަތުލިއެވެ. އެފައިސާ ޖަމާކުރީ އެމްސީއެމްގެ އެކައުންޓަށެވެ. އެއަށްފަހު އެފައިސާ އެކީގައި ނަގުދުން ނެގީއެވެ.
ޙާމިދު އިސްމާޢީލް ވަނީ އެމްއެމްޕީއާރްސީގެ ފައިސާ އެމްސީއެމް މެދުވެރިކޮށް ވަގަށް ނެގުމުގައި ބައިވެރިވި ކަމުގެ ކުށުގައި 2 އަހަރަށް ވުރެ ދިގު ޖަލު ޙުކުމެއް ތަންފީޒު ކޮށްފައެވެ.
މިކަންކަން ހާމަކޮށް އޮކްޓޫބަރު 2014 ގައި އޭރުގެ އޮޑިޓަރ ޖެނެރަލް އިބްރާހިމް ނިޔާޒު ރިޕޯޓެއް ހާމަކުރުމުން، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް - ސަރުކާރު ހިންގާ ޕާޓީ) ގެ މަޖިލިސް އަޣްލަބިއްޔަތު މެދުވެރިކޮށް އޭނާ މަޤާމުން ވަކިކުރީއެވެ. އަދި ޢަބްދުﷲ ޒިޔަތުގެ އެއްބަނޑު އެއްބަފާ ބޭބޭ ޙަސަން ޒިޔަތު އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަން ކުރީއެވެ.
މީގެ އިތުރުން، ޒިޔަތުގެ ކޮއްކޮ އިބްރާހިމް ޒިޔަތަށް ވަޒީފާއެއް ހޯދުމުގެ ކަންތަލުގައިވެސް އޭނާ އަދީބަށް މެސެޖު ކުރަމުން ދިޔައެވެ. އިބްރާހިމް ޒިޔަތު ޢައްޔަން ކުރީ ޖޫން 2016 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯގެ މަޤާމަށެވެ. މި އިބްރާހިމް ޒިޔަތުގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ އުފުލާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޖޫން 2021 ގައި މަސައްކަތް ކުރިއެވެ.
ޖުލައި 21، 2014 ގައި ޒިޔަތު އަދީބަށް ފޮނުވި މެސެޖެއްގައި "އިބޫ ޒިޔަތުގެ ވަޒީފާ" ގެ ކަންތަކުގެ ވާހަކައިން ސުވާލު ކުރެއެވެ. އޭގެ ހަފްތާއެއް ފަހުން އިބްރާހިމް ސަލީމް (ބަންދު) މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގް ޑިރެކްޓަރގެ މަޤާމުން އިސްތިޢުފާ ދެއްވިއެވެ. މިއާ ވިއްދާ އަދީބަށް ޒިޔަތު ލިޔުނު މެސެޖުގައި ވެއެވެ. "އިބޫ ޒިޔަތު އެމްއޭސީއެލް އަށް، އެވާހަކަ (ބަންދު ސަލީމް އިސްތިޢުފާ ދިން ވާހަކަ) ޚަބަރުގައި ވެސް އެބައޮތް، މިހާރު ތިކޮޅުން ކޮށްދިނިއްޔާ ވާނެ، ޕްލީޒް" އޭނާ އިނގިރޭސިން ކޮށްފައިވާ މެސެޖުގެ ތަރުޖަމާގައި ވެއެވެ.
އޮގަސްޓް 10، 2014 ގައި އަދީބަށް ޒިޔަތު ފޮނުވި މެސެޖުގައި އޮތީ "ބްރޯ"އެވެ. "ލުއޭ" (ލުއޭޒް - މިހާރުގެ ސިންގަޕޫރު ސަފީރު) ހުރީ "އިކޮނޮމިކް ޑެވަލޮޕްމަންޓް"ގެ "ސްޓޭޓް މިނިސްޓަރ"ގެ މަޤާމަށް ޝައުޤުވެރި ވެފައި ކަމަށެވެ.
އޮގަސްޓް 17، 2014 ގައި ޒިޔަތު އަދީބު ކުރެން އެދުނީ ރައްޔިތުންގެ މަޖިލީހުގެ އައިޓީ ޑިޕާޓްމަންޓުގެ ވެރިއަކަށް އޭނާގެ ރަޙްމަތްތެރިއަކު ލައި ދިނުމަށެވެ. ބައިވަރު ގަނޑު ގަނެވޭނެ ކަމަށާއި، "ހުރިހާ ސިސްޓަމަކަށް ކީ ލޮގަރސް އޭނަ ލައްވާ އެޅުވިދާނެ، ހައްހާ" ޒިޔަތު ލިޔެއެވެ.
އޮގަސްޓުން ސެޕްޓެންބަރު 2014 އަށް އަދީބު ގާތުން ޒިޔަތު "ދޭން ބުނި" "150 ހާސް ޔޫއެސް ޑޮލަރުގެ ހަދިޔާ" ގެ ވާހަކައިން ސުވާލު ކުރެއެވެ. އެފައިސާ ލިބުނީމާތާއޭ "ބްރޯ، ޗެކް ލިބިެއްޖެ" ކަމަށް ޒިޔަތު އަދީބަށް މެސެޖު ފޮނުވިއެވެ.
އޮގަސްޓްގައި އޮޑިޓު އޮފީހާ ގުޅޭގޮތުން ވެސް އަދީބަށް ޒިޔަތު މެސެޖު ފޮނުވާފައި ވެއެވެ. އޮޑިޓު އޮފީހުން ތިމަންނާގެ މުސާރައިގެ ތަފްޞީލުތަކަށް އެދެފި ކަމަށާއި، އެކަމުން އެނގެނީ އެއޮފީހުން ގާތުން ބަލަމުންދާ ކަން ކަމަށާއި، "އެތަނަށް ކޮންމެވެސް ގޮތެއް ހަދަން ޖެހޭ" ކަމަށް ލިޔެފައި ވެއެވެ. އަދި އޮޑިޓަރ ޖެނެރަލަށާއި، އިންވެސްޓިގޭޝަން އޮފިސަރަށް ބަޔަކު ލައްވާ ފާރަލައިގެން، ވަރުގަދަ އިންޒާރެއް ދޭން ޖެހޭ ކަމަށާއި، އެކި މަޢުލޫމާތު ހޯދާން އެއޮފީހުން ގުޅާވަރުން ނުކުޅަދާނަ ވެފައިވާ ކަމަށް ވެސް ޒިޔަތު އޮގަސްޓްގައި އަދީބަށް ފޮނުވި މެސެޖު ތަކުގައި ވެއެވެ.
ކިތަންމެ ރަށެއްގެ ކުއްޔާއި، އިކުއިޒިޝަން ފީ އާ މެދު މެސެޖުތަކުގައި އަދީބާއި، ޒިޔަތު މުޢާމަލާތް ކޮށްފައި ވެއެވެ. ހެޑް ލީސް ބަދަލުކޮށްދޭ ކޮންމެ ފަހަަކަށް 5000 ޑޮލަރު ނެގުމަށާއި، އެފައިސާ ނަގުދުން ދިނުން ވައްކަން ފަޅާ ނޭރުމަށްޓަކައި ބޭނުންތެރިކަމަށް ޒިޔަތު މެސެޖު ކުރެއެވެ. އަދި 5 ރަށަށްވާ 25،000 ޑޮލަރު ކޮބައިތޯ އަހައެވެ.
މުޙައްމަދު ޙުސައިން (އޮއިއްޓޭ)
196 އެސްއެމްއެސް، 84 އޮންލައިން މެސެޖު
އޮއިއްޓޭ އަކީ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ. އަދީބުގެ ކުޑައިރުގެ ވެސް ރަޙްމަތްތެރި އެކެވެ. ޝްރީ ލަންކާގައި އެކީގައި ކިޔަވަން ތިއްބެވެ. އޭނާއަކީ ސެޕްޓެންބަރު 2016 ގައި ޢާންމުކުރި އަލްޖަޒީރާގެ "ސްޓީލިންގް ޕެރަޑައިޒް"ގައި ފައިސާ ދަބަސްދަބަހުގައި ޑެލިވަރ ކުރިކަމަށް އިޢުތިފާރުވި 3 "ބްރޯ"އިން ކުރެން އެކަކެވެ. އޮއިއްޓޭ އަދީބުގެ ޑްރައިވަރަކަށް ހަމަޖެހުނީ މާރިޗު 2012 ގައި އަދީބަށް ވަޒީރުކަން ލިބުމާ ހަމައިންނެވެ.
ފޮރެންސިކް ރިޕޯޓު ކަވަރުކުރާ 4 މަސް ދުވަހުގެ މުއްދަތުގައި އެކި ފަރާތްތަކަށް އޮއިއްޓޭގެ އަތުގައި 250،000 ރުފިޔާ ޑެލިވަރ ކޮށްފައި ވާކަން އެނގެއެވެ.
އޮއިއްޓޭގެ މެސެޖުތަކަށް ބަލާއރު ޖޫން 25، 2014 ގައި ލިޔެފައި ވެއެވެ. "ފަޔާޒް އަށް ދޭންވީ ޗެކް" ކޮބާ ހެއްޔެވެ. ބެލެވޭ ގޮތުގައި އެދައްކަނީ ކާނަލް އަޙްމަދު ފަޔާޒް (ޕާޕާ)ގެ ވާހަކައެވެ. ރައީސް ޢަބްދުﷲ ޔާމިންގެ ލޯންޗުކޮޅުގައި ބޮން ގޮއްވިއިރު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ވެރިއަކަށް ހުރީ އޭނާއެވެ. "ފަޔާޒްއަށް 22،000 ގެ ޗެކުދީ" އަދީބު ޖަވާބުގައި ލިޔުނެވެ.
ހަމަ އެދުވަހުގެ 1 ޖެހުމުގެ ކުރިން ގަންނާން ޖެހޭ ޓިކެޓެއްގެ ވާހަކައިން އޮއިއްޓޭ އަދީބަށް ލިޔެއެވެ. "ދަބަހުން ލާރި ނަގައިގެން ގަނޭ" އަދީބު އޮއިއްޓޭ އަށް ރިޕްލައި ކޮށްފައި އޮތެވެ.
މުޙައްމަދު އައްލާން ލަޠީފު (މޮހޯ)
160 އެސްއެމްއެސް، 123 އޮންލައިން މެސެޖު
މޮހޯއަކީ ސްކޯރޒް އޮފް ފްލެޔަރ ކިޔާ ބޭންޑެއްގެ ލަވަކިޔުންތެރިޔާ އެވެ. އެމްއެމްޕީއާރްސީގެ ފައިސާ ވަގަށް ނެގުމުގައި މެދުވެރި އަކަށްވި، އެސްއޯއެފް ކުންފުނީގެ ވެރިޔަކީ މީނާއެވެ. އަލްޖަޒީރާގެ ސްޓީލިންގް ޕެރަޑައިޒްގައި މޮހޯ އިޢުތިރާފު ވި ގޮތުގައި 100،000 ލައްކަ ޑޮލަރު އަދި 1 މިލިޔަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް، ސިޔާސީންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއި ރައީސް ޢަބްދުﷲ ޔާމިންގެ ގާތްތިމާގެ މީހުންނަށް ބަހާފައި ވާނެއެވެ.
އޮއިއްޓޭ ފަދަ މީހުންނާ ޙަވާލުކޮށް، ބަހަމުން ދިޔަ ފައިސާގެ މިންވަރުތަކާއި، މާރުކުރި ރޭޓުތައް އެނގޭނެހެން، މޮހޯ އަދީބަށް ޤަވާޢިދުން މެސެޖު ކުރަމުން ދިޔައެވެ. ސެޕްޓެންބަރ 22 ، 2014 ގައި އަދީބަށް މޮހޯ ފޮނުވި މެސެެޖެއްގައި އެދުވަހު 12 އާއި 12:30 އާ ދެމެދު އުޅޭނީ ކޮންތާކުތޯ ސުވާލު ކުރެއެވެ. އެއީ "މިސްޓަރ ޗޭން ނަގުދު ފައިސާ ޑެލިވަރކުރަން" ކަމަށް ބުނެއެވެ.
އަދީބުވެސް މޮހޯއަށް ކިތަންމެ ފަހަރަކު ޑިޕޮސިޓުތަކާއި ޓްރާންސްފަރތަކުގެ ކަންކަމުގައި މެސެޖު ކޮށްފައި އެބަހުއްޓެވެ. "4000 ޑޮލަރު އޮއިއްޓޭއަށް ދީފިންތަ؟؟" އަދީބު މޮހޯ ކުރެން އޮގަސްޓް 10، 2014 ގައި އަހައެވެ. ޖުލައި 26، 2014 ގައި މޮހޯ އަށް އަދީބު ފޮނުވި މެސެޖުގައި ތިމަންނާ ފެންޓަސީ ސްޓޯރ ކައިރިއަށް ބަލާ އާދެވިދާނެތޯ ސުވާލު ކުރެއެވެ. އަދި 17،500 ޑޮލަރުގެ ޗެކެއް ތައްޔާރު ކުރާން އަންގައެވެ.
އަދީބަށް މޮހޯ ފޮނުވި ދިގު މެސެޖެއްގައި 5 މިލިޔަން ޑޮލަރު އޮގަސްޓް 26 އިން ސެޕްޓެންބަރު 23، 204 އާ ދެމެދު ބަހާ ހުސްކުރި ގޮތް ބަޔާންކޮށްފައި ވެއެވެ. އޭގައިވާ މައިގަނޑު މުޢާމަލާތްތަކަކީ:
އޮގަަސްޓް 31: 633،000 ޑޮލަރު ވިތުޑްރޯ ކުރިކަން - އެއިން 200،000 ޑޮލަރު އެމްސީއެމް އަށް
ސެޕްޓެންބަރު 4: 287،010 ޑޮލަރު ބެހިކަން - އެއިން 200،000 ޑޮލަރު ރުފިޔާއަށް މާރުކުރި
ސެޕްޓެންބަރު 9-10: 610،000 ޑޮލަރު އެކި މުޢާމަލާތްތަކުން ބެހި
ސެޕްޓެންބަރު 14: 200،000 ޑޮލަރު ޢަބްދުﷲ ޒިޔަތަށް ދިން
ސެޕްޓެންބަރު 22: 50،000 ޑޮލަރު 15.90 ރުފިޔާގެ ރޭޓުން މާރުކުރި - ހިބަޅިދޫގެ ސަރވޭގެ ޚަރަދުތަކަށް ފައިސާ ދެއްކި
ސެޕްޓެންބަރު 23: ބާކީ ބޭންކް އެކައުންޓުގައި: 1،147،390 ޑޮލަރު ބާކީ ނަގުދުން: 6840 ޑޮލަރު ރުފިޔާއިން ބާކީ: 1،413،000 ރުފިޔާ

