އޭސީސީ އިން ކޮރަޕްޝަން ޕާރސެޕްޝަން އިންޑެކްސްއާމެދު ޝައްކު އުފައްދައިފި
މި އިންޑެކްސްގައި ގިންތި ކުރަނީ ސުމަކުން 100 އަށް، 182 ޤައުމެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
12 ފެބްރުއަރީ
ދިވެހިރާއްޖެއަށް އަށް 100 އިން 39 ޕޮއިންޓު ލިބުނު ޓްރާންސްޕޭރަންސީ އިންޓާރނޭޝަލް އިން ޢާންމުކުރާ މިއަހަރުގެ ކޮރަޕްޝަން އިންޑެކްސްގެ މުޢުތަބަރު ކަމުގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ސުވާލު އުފައްދައިފިއެވެ.
އަންގާރަ ދުވަހު ޢާންމުކުރި 2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާރސެޕްޝަންސް އިންޑެކްސްގައި 182 ޤައުމުގެ ތެރެއިން 91 ވަނައިގައި އޮތީ ދިވެހިރާއްޖެއެވެ.
ދުނިޔޭގެ އެވްރެޖަކީ 42 ކެވެ. އޭޝިޔާ ޕެސިފިކް ގެ އެވްރެޖަކީ 45 އެވެ.ޝްރީލަންކާއަށް ލިބުނީ 35 ކެވެ. ނޭޕާލަށް 34 ކެވެ. ޕާކިސްތާނަށް 28 އެވެ. ބަންގްލަދޭޝް އަށް 24 އެވެ. އަފްޣާނިސްތާނަށް 16 އެވެ.
މި އިންޑެކްސްގައި ގިންތި ކުރަނީ ސުމަކުން 100 އަށެވެ. ސުމަކީ އެންމެ ކޮރަޕްޝަން ބޮޑުވުމެވެ. 100 އަކީ ކޮރަޕްޝަން އެއްގޮތަކަށް ނެތުމެވެ. ދިވެހިރާއްޖެއަށް މިއަހަރު ލިބުނު ޕޮއިންޓަކީ 2024 ވަނަ އަހަރު 38 އަށް ވުރެ އެއް ޕޮއިންޓްގެ ކުރިއެރުމެކެވެ. މީގެ ފަސް އަހަރު ކުރިން އެޢަދަދު ހުރީ 42 ގައެވެ. އެހެންވީމާ 4 ޕޮއިންޓުގެ ދަށްވުމެކެވެ.
ޓްރާންސްޕޭރަންސީ އިންޓާރނޭޝަލްގެ ދިވެހިރާއްޖޭގެ ގޮފި ޓްރާންސްޕޭރަންސީ މޯލްޑިވްސް (ޓީއެމް) އިން ބުނީ ދިވެހިރާއްޖޭގެ ކޮރަޕްޝަންގެ ޙާލަތު އެތައް އަހަރެއްގެ މަތިން ބެއްޔަސް ހުރީ ދަށުގައި ކަމަށާއި، މިއީ "ނިޒާމީ ކޮރަޕްޝަން ޙައްލުކުރުމުގައި ލިބިފައިވަނީ މަދު ކުރިއެރުންތަކެއް" ކަމަށެވެ.
އަންގާރަ ދުވަހުގެ ރޭ ނެރުނު ނޫސް ބަޔާނެއްގައި އޭސީސީ އިން ބުނީ މިއިންޑެކްސްގައި މިންކުރަނީ ކޮރަޕްޝަން ހިނގާ މިންވަރާމެދު ދެކޭގޮތް ނުވަތަ ތަޞައްވަރު ކަމަށާއި، ކޮރަޕްޝަންގެ ޙަޤީޤީ މިންވަރު ނޫން ކަމަށެވެ. އިންޑެކްސްގައި ޕޮއިންޓު ދޭން ރިޢާޔަތްކޮށްފައިވަނީ އެންމެ 3 ބައިނަލްއަޤްވާމީ މަސްދަރު: ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންސްއާއި، ވޯލްޑް ބޭންކުގެ ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓާއި، ވެރައިޓީސް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަށް ކަމަށެވެ.
"މަދު މަސްދަރުތަކެއް" ގެ މައްޗަށް ބިނާވެ، މި އިންޑެކްސްގައި ދިވެހިރާއްޖޭގެ ޙާލަތު ވަޒަންކޮށްފައިވާތީ، "މާނަހުރި ރަނގަޅު ނަތީޖާއެއްކަމުގައި ހެދުމަށްޓަކައި މިކަން ޤައުމީ ފެންވަރުގައި މަޝްވަރާކުރެވި ރައްޔިތުންގެ ސަމާލުކަމަށް ގެނައުން މުހިންމު ކަމެއްގެ ގޮތުގައި" ދެކޭ ކަމަށް އެކޮމިޝަނުން ބުންޏެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލަވާފައިވާ އޭސީސީ ކޮމިޝަންގެ އަމިއްލަ ރައީސް އަދި ނައިބު ރައީސް އިޚްތިޔާރު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށްލިބިދެވޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލާ ގުޅުވައި ޓީއެމް އިން އިން ފާޅުކުރި ކަންބޮޑުވުންތަކާމެދު އޭސީސީ އިން ބަހެއް ނުބުނެއެވެ.
ޑިސެމްބަރު މަހު ދޯހާ، ޤަޠަރު ގައި ބޭއްވި އދ ގެ އެންޓި ކޮރަޕްޝަން ކޮންފަރަންސްގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ 1.61 ބިލިޔަން ރުފިޔާ ހޯދާން 2009 އިން ފެށިގެން އޭސީސީ އިން ޢަމުރުކޮށްފައިވާ ކަމަށެވެ. އެޢަދަދުން ހޯދުނީ ކިހާވަރެއް ކަމެއް ހާމައެއް ނުކުރައްވައެވެ.
2023 ގެ ފަސް އަހަރު ކުރީގެ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ 4،345 މައްސަލައިގެ ތެރެއިން، އޭސީސީ އިން ދަޢުވާ ކުރާން ނިންމީ އެންމެ 19 މައްސަލައިގައެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި 272 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް ކޮމިޝަނުން ޢަމުރުކޮށްފައި ވާއިރު، އޭގެ ތެރެއިން ހޯދުނީ އެންމެ 350،058 ރުފިޔާއެވެ. 2024 ވަނަ އަހަރު އޭސީސީން 16 މައްސަލައަކުން، ޖުމުލަ 80 މިލިއަން ރުފިޔާ ހޯދާން ޢަމުރު ކުރިއެވެ. އޭގެތެރެއިން އަނބުރާ ހޯދުނީ އެންމެ 2.4 މިލިޔަން ރުފިޔާ ކަމުގައި އެ ކޮމިޝަންގެ އެންމެ ފަހުގެ އަހަރީ ރިޕޯޓުގައި ބުނެއެވެ.
ނިޒާމީ ބަލިކަށިކަން
މިއިންޑެކްސްގައި މިދިޔަ އަހަރު ފާހަގަކޮށްފައިވަނީ ސަރުކާރުގެ ކޮންމެ ފެންވަރެއްގައި ވެސް ބިންވަޅު ނެގިފައިވާ ކޮރަޕްޝަންގެ ސަގާފަތާއި އަދަބު ނުލިބުން ފެނި ފައުޅުވެގެންވީ އަހަރެއްގެ ގޮތުގައެވެ.
އޮގަސްޓް މަހު މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)އިން ލީކުވި ރިޕޯޓެއްގައި ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ހުވައިކުރުމުގެ ރަސްމިއްޔާތުގެ ބަޖެޓް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ޝައްކުކުރެވޭ ގިނަ ޤަރީނާތަކެއްް ހާމަވިއެވެ. އެގޮތުން އެރަސްމިއްޔާތުގެ ކޮންޓްރެކްޓުތަކަށް އެކަށައެޅި 23 މިލިއަން ގެ 67 އިންސައްތަ ދޫކޮށްފައި އޮތީ ވެރިކަން ކުރާ ޕާޓީގެ ނައިބު ރައީސް އިބްރާހިމް ޝުޖާޢު އާއި އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ކުންފުންޏަށްކަން ހާމަވިއެވެ. އެފައިސާ ލޯންޑާރކޮށްފައިވާ ކަމާއި، ލަގްޜަރީ އެޕާޓްމަންޓްތަކަށް ޚަރަދުކޮށްފައިވާ ކަމުިގެ ހެކިތައް އެފްއައިޔޫއަށް ފެނިފައިވެއެވެ.
ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ފޯނުތަކުން 81،167 މެސެޖު ސެޕްޓެންބަރު މަހު ލީކުވިއެވެ. އެމެސެޖުތަކުން އެނގެނީ ދައުލަތުން 90 މިލިއަން އެމެރިކާ ޑޮލަރު ވަގަށް ނަގާފައިވާ ގޮތެވެ. ސަރުކާރާއި އިދިކޮޅު ޕާޓީގެ އެތައް މެންބަރުންނަކަށް މިފައިސާ ލިބިފައިވާކަން ހާމަވެފައިވާ އިރު، ދަޢުވާ އުފުލާފައެއް ނުވެއެވެ. އެންމެ ފައިސާ ފޮއްޗެއްވެސް ހޯދިފައެއް ނެތެވެ. 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން ވަކިވެވަޑައިގަތުމުގެ ކުރިން އެންމެ ފަހު ކަމަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ކުރެއްވި ކަމަކީ އަޙްމަދު އަދީބު މިނިވަން ކުރެއްވުމެވެ.
ސެޕްޓެންބަރު މަހުގެ ފަހުކޮޅު ޢާންމުކުރި ފެނަކަ އިގެ ޚާއްޞަ އޮޑިޓެއްގައި ދައްކާ ގޮތުގައި 1.37 ބިލިއަން ރުފިޔާގެ ކޮންޓްރެކްޓް ހަވާލުކޮށްފައި ވަނީ ވާދަވެރި ބީލަމެއް ނެތިއެވެ. ގިނަ ފައިސާ ގޮސްފައިހުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ޢާއިލާއާ ގުޅުން ހުރި ކުންފުނިތަކަށާއި ބޮޑެތި ދެ ޕާޓީގެ ކެމްޕޭނަށް ޚަރަދުކުރި ފަރާތްތަކަށެވެ.
މި އަހަރުގެ ކުރީކޮޅު މޯލްޑިވްސް ގޭސް އިން ދުބާއީގެ ކުންފުންޏަކަށް އެޑްވަާންސަށް ދިން 3.7 މިލިއަން ރުފިޔާ ގެއްލުނެވެ. ގޭހެއް ނުލިބެއެވެ. އެ އެޑްވާންސް ފައިސާ ދީފައި އޮތީ ޕްރޮކިއޯމަންޓް ޤަވާއިދުތަކާ ޚިލާފަށް، ސެކިއުރިޓީ ގެރެންޓީއެއް ނެތިއެވެ.
ޖަވާބުދާރީ ނުކުރެވުމާއި، ދެފުށް ނުފެނުމާއި، ސިޔާސީ ކުލަވަރުޖެހިފައިވާ ނިންމުންތަކުގެ ސަބަބުން ވިޔާނުދާ ޢަމަލުތަކާމެދު ފިޔަވަޅު ނޭޅުމާއި، ހިތުހުރި ގޮތަކަށް ޢަމަލުކުރުމުގެ ރޫޙަކާއި މާޙައުލެއް އުފަންވެފައިވާ ކަން ފާހަގަކޮށް، ޓީއެމް އިން ބުނަނީ ޤާނޫނީ އޮނިގަނޑު ބަލިކަށި ކަމަށާއި، ކުށް ޘާބިތުވާ މިންވަރު ކުޑަކަމުން ކޮރަޕްޝަންގެ ޢަމަލުތަކާއި މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތައް ރިޕޯޓުކުރާން ފަސްޖެހެމުންދާ ކަމަށެވެ.
ޓީއެމް އިން ގޮވާލީ ޖަވާބުދާރީ ކުރުވުމުގެ މުއައްސަސާތަކާއި، ކޯޓުތަކާއި، ލޯކަލް ކައުންސިލްތަކުގެ މިނިވަން މުސްތަޤިއްލުކަން ރައްކާތެރި ކުރުވުމަށެވެ. އަދި މީޑިޔާގެ މިނިވަންކަމާއި މަދަނިއްޔަތުގެ ޙައްޤުތަކަށް ޖާގަ އުފެއްދުމަށެވެ. މިއާއެކު، ވިސްލްބްލޯވަރ ޕްރޮޓެކްޝަންސް ހިމެނޭ ގޮތަށް އެންޓި ކޮރަޕްޝަން ތަންފީޒުކުރުން ހަރުދަނާކުރުމަށާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ވެރިކަމުގެ އިންތިޒާމުތައް ތަރުތީބު ކުރުމަށެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ "މޯލްޑިވްސް 2.0" ޕްރޮގްރާމްގެ ދަށުން ސަރުކާރުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުން ކޮރަޕްޝަން ބޮޑުތަނުން ނައްތާލެވޭނެ ކަމަށާއި، އެންޓި ކޮރަޕްޝަން، އެސެޓް ރިކަވަރީ އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ގެންނާންޖެހޭ އިޞްލާޙުތައް މަޖިލީހުގެ މިދައުރުގައި ސަރުކާރުން ހުށަހަޅާނެ ކަމަށެވެ.
"އެއްވެސް ފަރާތަކުން ކޮރަޕްޝަނާއި ވައްކަމާއި މަކަރާއި ހީލަތުގެ ހެކި އަޅުގަނޑަށް ގެނެސްފިނަމަ އަޅަންޖެހޭ ފިޔަވަޅު އަޅަން ފަސްނުޖެހޭނަން،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

