ދިވެހީންގެ މެޓްރޯނިސް

ދިވެހިރާއްޖޭގެ ސިނަމާތަކުގައި ނިއުސްރީލް އަޅުވަން ފެށުމާއި މެޓްރޯނިސްގެ އަސްލު.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

04 އޮކްޓޯބަރު 2025, 11:19

މުޙައްމަދު ނިޔާޒް - ޓެޑްރީ އަކީ ދިވެހި ފިލްމީ ދުނިޔޭގެ އެންމެ ނަން ހިނގާ އެއް ޑައިރެކްޓަރެވެ. އޭނާ އަކީ 1994 ގެ "ދެރިޔާ" އަދި 1998 ގެ "އަމާނާތް" ގެ ޑައިރެކްޓަރެވެ.

ވިހި ވަނަ ގަރުނުގެ ކުރީ ކޮޅުން ފެށިގެން ދުނިޔޭގެ އެކިއެކި ގައުމުތަކުގެ ސިނަމާ ސްކްރީންތަކުގައި ވިޒުއަލް ޚަބަރުފީތާ ޕްރޮގްރާމެއް ދައްކަމުންދިޔަ. މިއީ ޓެލެވިޒަން ސެޓް އީޖާދުކުރުމާއި ބްރޯޑްކާސްޓިންގ ފެށުނު ދުވަސްވަރު ކަމަށްވިޔަސް، ޓީވީއިން ޚަބަރު ފަތުރަން ފެށުމުގެ މާކުރި. ސިނަމާގައި ދައްކާ ސެލޫލޮއިޑް ފޯމެޓްގެ ނިއުސްރީލްތަކާއި ކުރު ޑޮކިއުމެންޓަރީ ކޮންޓެންޓު، މައިގަނޑު ގޮތެއްގައި އުފެއްދީ ޕެރަމަންޓް ނިއުސް، ފޮކްސް މޫވީޓޯންސް ނިއުސް، ޕަޓޭ ނިއުސް، ޔުނިވަރސަލް ނިއުސްރީލް، ހަރސްޓް މެޓްރޯޓޯން ނިއުސް ފަދަ ފަރާތްތަކުން. 
ނިއުސްރީލު ތަކުން އާންމުގޮތެއްގައި ގެނެސްދިނީ ޚަބަރާއި މައުލޫމާތު. ދުނިޔޭގަ ހިނގާ ބޮޑެތި ހާދިސާތަކާއި ހަރަކާތްތައް. ދޭދޭ ގައުމުތަކުގެ ވާހަކައާއި ދުނިޔޭގެ ސިޔާސީ ޚަބަރުތަކާއި ލީޑަރުންގެ ވާހަކަތައް. ކުޅިވަރާއި މުނިފޫހިފިލުވުން، ސައިންސުގެ ކުރިއެރުމާއި އާ އީޖާދުތަކާއި އިންސާނީ އުމްރާނީ ތަރައްގީގެ ވާހަކަ. ސިއްހީ، އިޖުތިމާއީ އަދި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި އެފަދަ އެތައް މައުލޫތަކެއްގެ މައްޗަށް ހޭލުންތެރިކަން ފެތުރުމަށް، ތަފްސީލު މައުލޫމާތުތަކެއް ބެލުންތެރިންނާ ހަމަޔަށް ގެނެސްދިން.
ނިއުސްރީލްގެ މަގުބޫލުކަން ބޮޑުވެ އެކި ގައުމުތަކުގައި، އެކި ނަންނަމުގައި އެބައެއްގެ މަސްލަހަތާ ގުޅޭގޮތަށް ނިއުސްރީލް އުފައްދާ ފަތުރާ ހެދި. އޭޝިޔާ ތެރެއިން އިންޑިޔާއަކީ ނިއުސްރީލްގެ ބޭނުން ވަރަށް ފުޅާކޮށް ކުރި ގައުމެއް. އިންޑިޔާގައި ނިއުސްރީލް އުފެއްދީ ފިލްމް ޑިވިޝަންގެ ދަށުން "އިންޑިއަން ނިއުސް ރިވިއު" ގެ ނަމުގައި. އޭޝިޔާ އަދި ތިންވަނަ ދުނިޔޭގެ ފަގީރު ގައުމުތަކުގައި، ނިއުސްރީލް މެދުވެރިކޮށް ރަނގަޅު މައުލޫމާތުތަކެއް ފެތުރި. އާންމު ސިއްހަތާއި ހަށި ދުޅަހެޔޮކަމާއި ޕޯލިއޯ، ކަށިވިދުރި ވެކްސިނޭޝަން އަދި ސާފު ބޯފެނާ ތައުލީމު ފަދަ މުހިންމު މައުލޫތައް ހިމެނޭ.
ސިނަމާގަ ދައްކާ ނިއުސްރީލްގެ އަސަރު ފުޅާވެގެން ދިއުމާއެކު، ބައެއް ގައުމުތަކުގެ ސަރުކާރުތަކުން ނިއުސްރީލް އަކީ ނުސީދާކޮށް ޕްރޮޕެގެންޑާ ފަތުރާ ތާޅަފިއްޔަކަށް ހެދި. ފިކުރީ އަޅުވެތިކަމުގެ ތެރެއަށް ރައްޔިތުން ގެންބި. ސިޔާސީ ވެރީންގެ ޝަހުސިއްޔަތު އޮފުދާރުކުރާ މެޝިނަކަށް ނިއުސްރީލް ބަދަލުވި. 
60 ގެ އަހަރުތަކުގެ ފަހުކޮޅުގައި ހުޅަނގުގެ ގައުމުތަކުގައި ޓީވީގެ ޒަރީއާއިން ދުވަހުން ދުވަހަށް، ޚަބަރާއި މައުލޫމާތު ބްރޯޑްކާސްޓް ކުރުން އާންމުވި. އާންމު ގޭބިސީތަކުގައި ތިބެ، ޓީވީ ތަކުން މިނިވަން ނޫސްވެރިކަމުގެ ނަޒަރިއްޔާތުން ބެލުންތެރިންނަށް ތާޒާކޮށް ޚަބަރާއި މައުލޫމާތު ލިބެންފެށި. ނަތީޖާއެއްގެ ގޮތުން ސިނަމާތަކަށް އަންނަ ނިއުސްރީލްސް ކޮންޓެންޓުގެ މުއާލާތްކެނޑެން ފެށި. އޭގެ މުހިންމުކަން ވަރަށް ކުޑަވި. އެހެންނަމަވެސް، ހުޅަނގުގެ ގައުމުތަކާ ޚިލާފަށް އޭޝިޔާ، އަދި ފަގީރު ގައުމުތަކުގައި، ނިއުސްރީލުގެ މުހިންމު ކަމަށް ފާހަގަކުރެވޭ އަސަރެއް ނުކުރޭ. ތިންވަނަ ދުނިޔޭގެ އާބާދީތަކަށް ސެޓެލައިޓް އަދި ކޭބަލް ޓީވީގެ ޚިދުމަތްތައް 90 ގެ ތެރޭގައި އާންމުވާން ފެށުމުން، ސިނަމާތަކުގައި ދައްކަމުންދިޔަ ނިއުސްރީލްގެ ދައުރު ނިމުމަކަށް އައި. 
އަހަރުނަށް ތަންދޮރު އޮޅުންފިލަން ފެށިއިރު 70 ގެ އަހަރުތަކުގެ ތެރޭގައި އޮލިމްޕަހުގައިވެސް ފިލްމް އެޅުވުމުގެ ކުރިން ނިއުސްރީލް ދައްކަމުން ދިޔަ. ރާއްޖޭގައި އާންމުކޮށް ދައްކާފައިވަނީ މެޓްރޯޓޯންސްގެ މެޓްރޯ ނިއުސްރީލް. އެންމެ ފަހުން މެޓްރޯ ނިއުސްރީލެއް ސިނަމާއަކުން އަހަރެން ދުށީ 1996 ވަނަ އަހަރު. އިންޑިޔާގެ ބެންގަލޫރު ބްރިގޭޑް ރޯޑްގައި ހުންނަ ރެކްސް ސިނަމާ އަށް އެދުވަހު އަހަރެން ބަލަންވަނީ އަލްޕަޗީނޯ އާއި ރޮބަޓް ޑެނީރޯ ގެ ހީޓް. ފިލްމް ފެށުމުގެ ކުރިން ރެކްސް ސިނަމާގައި ދެއްކި މެޓްރޯ ނިއުސްރީލް ޚާއްސަ ކޮށްފައިވަނީ 1990 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް. 6 އަހަރު ކުރިން އަހަރެންނަށް އެނގިފެނި ބާވެފައިވާ މައުލޫމާތު ކަމަށް ވިޔަސް، އެސަމިޓުގައި ޓީވީއެމްގެ ޓީމުގައި އަހަރެންވެސް އުޅެފައި ވާތީ، ޒާތެއްގެ އުފަލެއް އެދުވަހު އަހަންނަށް އިހުސާސްވި. އެދުވަހު އަހުރެނަށް ނިއުސްރީލް ފެނުނީމާ، ދިވެހީން މިކިޔާ އުޅޭ މެޓްރޯނިސް ގެ އަސްލަކީ މެޓްރޯ ނިއުސް ކަން ފާހަގަވި. 
ދިވެހިބަހުގެ ތެރެއަށް ވަދެފައި ހުރި ބޭރުގެ ބަސްތަކުގެ ތެރެއިން، އޮލިމްޕަސް ސިނަމާއިން ތައާރަފުވި "ބައިސްކޯޕް" އިން ބާވީސްކޯފު އާއި ބައިސްކޯފު އުފަންވެ، މިހާރު ބޭނުންކުރާ ރަދީފުގައި ވެސް އޮތީ ހިމަނާފައި. ހަމަ އެގޮތައް ރަދީފުން ޖާގަ ނުލިބުނަސް، ބޭރު ބަސްތަކުން ދިވެހީންގެ ބަސްކޮށާރު ތެރެއަށް ވަދެ، މިހާރުވެސް ބޭނުން ކުރަމުންދާ ބަސްތަކާއި އަދި ބޭނުން ކުރުން މަދުވެ ނުވަތަ ހުއްޓިފައިވާ ބަސްތައްވެސް މަދެއް ނޫން. އޮލިމްޕަސް ސިނަމާ އިން ތައާރަފުވި މެޓްރޯ ނިއުސް، އަށް ދިވެހީން ކިޔަންފެށީ "މެޓްރޯނިސް". 70 ގެ ތެރޭގައި "މެޓްރޯނިސް" މިބަސް ވަރަށް ގިނައިން ބޭނުންކުރި އަޑު އަހަރެން އެހިން. އަދި ދިވެހިން ވާހަކަ ދެއްކުމުގަ މަޖާޒީ ގޮތުންވެސް މެޓްރޯނިސް ބޭނުން ކުރަންފެށި. 
މިގޮތުން، މެޓްރޯނިސް އަކީ ސިނަމާގައި ފިލްމް ފެށުމުގެ ކުރިން ދައްކާ އެއްޗެއް ކަމުގައިވާތީ، ބަޔަކު ކަމެއް ކުރުމަށް އުޅޭއުޅުމުގައި، ފެށުމުގެ ކުރިން ދެއްކުންތެރި ކަމެއްކަމަށް ބެލެވޭ ހަރަކާތެއް ނުވަތަ އަމަލެއް ކުރަން ފަށައިފިނަމަ  މަޖާޒީކޮށް "ތިޔަ މެޓްރޯނިސް ނުދައްކާ/ހުއްޓާލާ..." މިފަދަ މޭރުމަކުން ބުނެއުޅޭ. މިސާލަކަށް ފުޓްބޯޅަ ކުޅެން ބަޔަކުގޮސް، ކުޅެން ނުފަށަނީސް އެކަކު ބޯޅަ ކޮންޓްރޯލް ކުރުމުގެ ހުނަރު ދައްކަން ފަށައިފިނަމަ، ކޮންމެވެސް މީހަކު ގޮވާލާނެ "އޭ ތިޔަ މެޓްރޯނިސް ހުއްޓާލާފަ އަވަހަށް ބައިބަހައިގެން ކުޅެން އުޅޭ..." ހަމަ އެގޮތަށް، މީހަކު އަޗާތަޅާއިރު، އެމީހާގެ ބަހާ އަމަލާ ދިމާނުވާނެކަން ކަށަވަރުވުމުން، ނުވަތަ ކަމެއް ކުރުމުގެ ނިޔަތެއް ނެތި ކަންކުރާނެ ކަމަށް ބުނެ ބައިސާކަނޑަން ފެށުމުންވެސް ބުނާތީ އެހިން "ކޮންހާ މެޓްރޯނިސް އެއް ތިޔަދައްކަނީ!" 
ކޮންމެއަކަސް، ބައިގަރުނަށް ވުރެ ޒަމާންވެގެން ދިޔައިރު، މެޓްރޯނިސް އަކީ ދިވެހީން ބޭނުންކުރި ބަހެއްކަން ދަންނަ މީހުނާ، ހަނދާން ހުރި މީހުން މިހާރު މިވަނީ މަދުވެފައި. ރާއްޖޭގައި ހިނގަމުން މިދާ ޒަމާނާ އަދި ކައިރި މާޒީގައި ފާއިތުވި އަހަރުތަކުގައި، ވަރަށް އާންމުކޮށް އިވެމުންދާ ސިޔާސީ ވާހަކަތަކުގެ ތެރެއިން "ބަލަނީ، ހޯދަނީ، ކުރަނީ، ފަށަނީ، ދެނީ" ފަދަ ބަސްތަކާ އެކީ ބުނާ ގިނަ ވާހަކަތަކަކީ އޭގައި އަސްލެއްގެ ލިސާނެއްވެސް ނުވާ ހޮޅި ވާހަކަ ތަކެއް. މަޖާޒީގޮތުން އަޅެ އެވާހަކަތަކަކީ "ސިޔާސީ މެޓްރޯނިސް" އެއް ނޫންތަ؟!

"ހިޔާލު" ގައި ޝާއިއުކުރާ ލިޔުންތަކަކީ އެލިޔުމެއްގެ ޝާއިރުގެ ވިސްނުމާއި ފިކުރެވެ. ހިޔާލެވެ. އެއީ މޯލްޑިވްސް އިންޑިޕެންޑެންޓުން ނުވަތަ ނޫހުގެ އެޑިޓޯރިއަލުން ދެކޭގޮތެއް ނޫނެވެ. މިބަޔަށް ލިޔުމެއް ހުށަހަޅުއްވާން އެދިވަޑައިންނަވާނަމަ editorial@maldivesindependent.com އަށް އީމެއިލް ކުރެއްވުން އެދެމެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން

ގުޅުންހުރި ޓެގްސް