އެޕިސޯޑް 12: ޒާތީ ފޮޓޯ ލީކުކުރުމާއި، ފުލުހުންގެ ޢަމަލުކުރި އޮޅުންބޮޅުން ބޮޑު ގޮތް ޝިމަންގެ ލޯޔަރުގެ ދުލުން

ފޮޓޯ ލީކުކޮށްލީ ފުލުހުންގެ ބެލުމުގެ ދަށުގައި ފޯނު އޮތް ވަގުތެއްގައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

އިދިކޮޅު އެކްޓިވިސްޓް ޢާއިޝަތު ޝިމަން އަޙްމަދު މަގުމަތިން ދަނިކޮށް، މަޑުކުރުވާ، ބަލާ ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާގެ ފޯނު ގެންދިޔަ ތާ 5 ދުވަސް ފަހުން، ފޯނު އަނބުރާ ރައްދުކުރިއެވެ. ނަމަވެސް، ފޯނު އަތުލުމާއި ޙަވާލުކުރުމާ ދެމެދު ފޯނުގައި ހުރި ޒާތީ ބައެއް ފޮޓޯ ލީކުވިއެވެ.
ޝިމަންގެ ވަކީލު ޝީނާ މުޙައްމަދު، މޯލްޑިވްސް އިންޑިޕެންޑެންޓުގެ އިތުރުވާހަކަ ޕޮޑްކާސްޓުގައި ތަފްޞީލުކޮށް ކަން ހިނގައިދިޔަ ގޮތް ހާމަކޮށްދެއްވިއެވެ: އޮކްޓޫބަރު 12، 2025 ވީ އާދިއްތަ ދުވަހު ޢުމުރުން 20 އަހަރުގެ ޝިމަން ފުލުސް އޮފީހަށް ޙާޒިރު ކުރިއެވެ. އޭގެ ކުރީ ރޭގެ 11 ޖަހާކަށް ހާއިރު، ޝީނާއަށް ފޮނުވި މި ޗިޓުގައި އޮތީ ތުހުމަތުކުރެވޭ ފަރާތަކަށްވާތީ ތަޙްޤީޤީ ސުވާލުތަކެއް ކުރަން ޙާޒިރުކުރާ ކަމަށެވެ. ނަމަވެސް ޝިމަންގެ ފޯނު ރައްދުކޮށްފައި، ކަމާބެހޭ ލިޔެކިޔުމުގައި ސޮއިކުރުވާފައި، ސުވާލެއް ނުކޮށް ދޫކޮށްލީއެވެ.
"ސުވާލުކުރީމަ އައި.އޯ މިފާހަގަކުރީ މިހާރު އިތުރު ބަޔާނެއް ބޭނުމެއް ނެތޭ. މިހާރު އިތުރު ތުހުމަތެއްވެސް ނެތޭ، މިވަގުތަށް ބަޔާން ނަގަން ބޭނުން ނުވާކަމަށް ފާހަގަކުރެއްވީ، " އޭނާ ކިޔައިދެއްވިއެވެ.
ޝިމަން މަގުމަތިން ދަނިކޮށް، ހުއްޓުވާ، ބަލާ ފާސްކޮށް، ފޯނު އަތުލީ އޮކްޓޫބަރު 8 ގައެވެ. ޝިމަން ބުނާގޮތުގައި ފޯނު އަތުލާން ހުއްދަ ލިބޭ ކޯޓު ޢަމުރެއް ފުލުހުން ނުދައްކައެވެ. ފޯނު އަތުލިތާ މާ ފަހުން، އެރޭގެ ވަގުތެއްގައި ޢާއިލާއާ ގުޅައިގެންވެސް ކޯޓު ޢަމުރު ރައްދުކުރެވޭތޯ ފުލުހުން މަސައްކަތް ކުރިއެވެ. ފަހުން ޙަވާލުކުރާން މަސައްކަތްކުރި ކޯޓު ޢަމުރުގައި ޝިމަންއަށް އަންގާފައި އޮތީ ފުލުހުންނާ ފޯނު ޙަވާލު ކުރާށެވެ. އަދި ފޯނުގެ ޕާސްވޯޑް ވެސް ފުލުހުންނަށް ދޭށެވެ. ތުހުމަތުކުރަނީ ކޮން ކުށެއްކަން ބަޔާންކޮށްފައެއް ނެތެވެ.
ޝިމަންގެ ވަކީލު ވިދާޅުވީ އޮކްޓޫބަރު 12 ވަނަ ދުވަހު ޙާޒިރުވާން އެންގި ޗިޓުގައި ތުހުމަތެއްކަމު ބަޔާންކޮށްފައި އޮތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަވަހާރަކޮށްލަންޖެހޭ ކަމަށް ދޭހަވާ މޭރުމަކުން ސެޕްޓެންބަރު 20، 2025 ގައި ކޮށްފައިވާ ޓްވީޓެއްގެ މައްސަލައެވެ. އެހެންނަމަވެސް އެއީ ސީދާ ކޮން ޓުވީޓެއްކަމެއް ނުބުނެއެވެ. ސަރުކާރަށް ނިސްބަތްވާ އެކްޓިވިސްޓުން، "ކުށްވެރިވާ" ޓުވީޓުގެ ސްކްރީންޝޮޓުތައް ސޯޝަލް މީޑިޔާގައި ހާމަކޮށްފައި ހުއްޓަތީ ފެނެއެވެ.
ކޮންމެއަކަސް، ފުލުހުންގެ ބެލުމުގެ ދަށަށް ފޯނު ގެންދިޔަތާ 24 ގަޑިއިރު ފަހުން، އޮކްޓޫބަރު 9 ގައި ކާކުކަން ނޭނގޭ އެކްސް އެކައުންޓެއް މެދުވެރިކޮށް، ޝިމަން ނަގާފައިވާ ޒާތީ ސެލްފީއެއް ލީކުކޮށްލިއެވެ. އެ ފޮޓޯ ނަގާފައިވަނީ އޭނާގެ ޢުމުރުން 16 އަހަރުގައެވެ. "އަދަދު" ނޫހުގައި ޝިމަން ވިދާޅުވީ ފޮޓޯ ލީކުކުރީ ބިރުދައްކާ، ފަހަތަށް ޖައްސާން ކަމަށާއި، އެކަން ކުރީ ފުލުހުން ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
ޝިމަންގެ ފޯނު އަނބުރާ ރައްދު ކުރުމުން، ބެޓަރީ ޔޫސޭޖް ޑޭޓާ ބެލީމާ ފެންނާން އޮތީ އޮކްޓޫބަރު 9 ގައި 33 މިނެޓު ގޫގްލް ފޮޓޯޒް ބަލާން ފުލުހުން ފޯނުގައި ވަގުތު ހޭދަކޮށްފައިވާ ކަމެވެ.
އޮކްޓޫބަރު 7 ގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މެންބަރު ފާޠިމަތު ޒަހިއްޔާގެ ފޯނުވެސް ފުލުހުން އަތުލިއެވެ. އޭނާގެ ފޯނުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮއްވާ، އެކްސް ގައި ކާކުކަން ނޭނގޭ އެކައުންޓެއް ހަދައިގެން 2 ޒާތީ ވީޑިއޯއެއް ލީކު ކޮށްފައިވެއެވެ.
މި ދެ އެކްސް އެކައުންޓްވެސް މިހާރު ވަނީ ސަސްޕެންޑު ކޮށްފައެވެ.
ޝިމަންގެ ވަކީލު ޝީނާ މިނޫހުގައި ވިދާޅުވީ ސެޕްޓެންބަރު 20 ގައި ކުރި ޓްވީޓެއްގެ މައްސަލައިގައި،  އޮކްޓޫބަރު 8 ގައި ފޯނު ހިފެހެއްޓުމާއި، ފޯނުން ޒާތީ ފޮޓޯއެއް ލީކު ކޮށްލުމާއި، ފޯނު އަތުލި ވަގުތު އެކަމާބެހޭ ކޯޓު ޢަމުރު ނުދެއްކުންފަދަ ނުކުތާތަކުން، ޝިމަންއާ މެދު ޢަމަލުކުރަމުންދަނީ ސިޔާސީ ގޮތުން ކުލަވަރު ޖެހިގެންކަން ހާމަވާ ކަމަށެވެ.
0:30 – ޝިމަންގެ ފޯނު އަތުލީ ކީއްވެ، ކޮން އިރަކު، ކިހިނެއް؟
1:20 – ފޯނު އަތުލިއިރު ކޯޓު ޢަމުރެއް ނުދައްކާ!
3:20 - ތުހުމަތު
5:30 – ޙާޒިރުވާން އަންގާ ޗިޓު
6:40 – ފޯނު އަނބުރާ ރައްދުކުރުން
7:14 – "މިވަގުތަށް ސުވާލު ކުރާކަށް ބޭނުމެއް ނޫން، ތުހުމަތެއް ނެތް،"
7:40 – އަރަތެއްބާ؟
9:20 – ފުލުހުންގެ ޢަމަލުތައް އޮޅުންބޮޅުންވެފައި
10:10 – ޒާތީ ފޮޓޯ ލީކުކޮށްލުމާމެދު...
11:40 – ބާރުގެ ބޭނުން ނަހަމައިން ހިފުން 
12:35 – ޝިމަން ދުލެއް ނުދޭނެ، ފަހަތަކަށް ނުޖެއްސޭނެ!

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ