ކަލާފާނުގެ އަނބިއަނބިކަނބަލުންގެ ޒިކުރާ — ތަޢާރުފެއް
ކަލާފާނުގެ އަނބިކަނބަލުންނީ މާތް ޢާއިލާއަކުން ވަޑައިގެންނެވި އިސް ރަނިކަމަނާ، "ދިއްލީ ރަނިކިލަގެ" އަދި ޝަހީދުވެވަޑައިގަތް އިރު އަރިއަހުގައި ތިއްބެވި ބިދޭސީ ދެ އަނބިކަނބަލުން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
ރަދުން ޝަހީދުވެވަޑައިގަތްއިރު (1607) ދުނިޔޭގައި ތިއްބެވި ތިން ރަނިން

ޕިރާޑު ފާހަގަކޮށްފައިވަނީ އިސް ރަނިކަމަނާ، "ބިދޭސީ ދެ އަންހެން ބޭކަނބަލުންނާއެކު" ރަދުން ޝަހީދުވެވަޑައިގަތްއިރު، ރަދުންގެ އަރިއަހުގައި ތިއްބެވި" ކަމަށެވެ. ކަލާފާނު ފަތްކޮޅުގައި އޮތީ "މިކިނަގެފައިވާންދަށުނަ ދެ އަބިކަބަލުން ކަމު ތިބި އައިސާބިބީ ކަމަނާއި ނުޞްރަތު ކަމަނާއި" މިހެނެވެ.
ޕިރާޑު ލިޔެފައި ވަނީ، 1607 ވަނަ އަހަރު ރަދުން ޝަހީދުވެވަޑައިގަތުމުގެ ހާދިސާގައި، ހައްޔަރުކުރެވުނު ރަނިންގެ އަރިހުގައި އޭނާ އުޅުނުކަމަށާއި، އެ ބޭކަނބަލުން "އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތު ސިއްރުން ތިމަންނައަށް ކިޔައި ދެއްވި" ކަމަށެވެ. އަދި އެ ބޭކަނބަލުންގެ ނަން ޕިރާޑު ބަޔާންކުރެއެވެ: "އިސް ރަނިކަމަނާއާއި، ތިމަންމެންގެ ރަށުގެ އަންހެނުން ފަދަ ދޮންކުލައިގެ، ބަންގާޅުގެ ބިދޭސީ ބޭފުޅާއާއި؛ އަދި ރަދުން ދާދިފަހުން ކައިވެނިފުޅުކުރެއްވި ޒުވާން ބޭފުޅާ" އެވެ. "ބަންގާޅުގެ ބިދޭސީ ބޭފުޅާ" އަކީ ކަނބޯ ބޫބޫ (ޢައިޝާ ބީބީ ކަމަނާ) އެވެ. "ޒުވާން ބޭފުޅާ" އަކީ މުޙައްމަދު ކަކާގެ ދެވަނަ އަނބިމީހާ (ނުޞްރަތު ކަމަނާ) އެވެ. ވީމާ، މުޙައްމަދު ކަކާގެ ކުރީގެ ދެ އަނބިން، ރަދުން ޝަހީދުވެވަޑައިގަތްއިރު، ޙަޤީޤަތުގައިވެސް ރަދުންގެ ރަނިންގެ ތެރޭގައި ހިމެނުނެވެ — މިއީ ފަތްކޮޅުން އެކަނި ބުނާ ވާހަކައެއް ނޫނެވެ. މިއީ ޚުދު ޕިރާޑުގެ ހެކިބަހުން ފެންނަ ކަމެކެވެ.
ހަތަރު ވަނަ އަނބިކަނބަލުންނަކީ، ޖާވާ ކަރައިގެ ސުންދާ (ދިއްލީ) ގެ ރަނިކިލަގެ އެވެ. ކަނބާ ފަތްކޮޅުގައި ބަޔާންކޮށްފައިވާ "ދިއްލީ ރަނިކިލަގެ" އެވެ. ކަލާފާނަށް ބޭފުޅަކު ވިހެއުމުގެ ތެރޭގައި، ގާތްގަނޑަކަށް 1605 ގައި އަވަހާރަވެފައިވުމާއެކު، އިސްވެ ދެންނެވުނު 3 ރަނިންގެ ތެރޭގައި މި ކަމަނާ ނުހިމެނެއެވެ.
ރަދުންގެ ކުރީގެ އަނބިއަނބިކަނބަލުން — ޝަހީދުވެވަޑައިގަތުމުގެ ކުރިން ވަރިކުރައްވައިފައި (ޕިރާޑު)
ފުރަތަމަ އަނބިކަނބަލުން — ބައްޕާފުޅު ހަމަޖެއްސެވި ކައިވެނިފުޅެއް
ދެވަނަ އަނބިކަނބަލުން — [ނެވިކަލޯ]ގެ އަނބިމީހާ (ޕިރާޑުގެ "ފުރަތަމަ ރަނިކަމަނާ")
މަޝްހޫރު ދޮން ރީތި ބޭފުޅެކެވެ. "...މީހެއްގެ އަންބެކެވެ. މުޅި ރަށުންވެސް ދޮންކަމަށާއި ރީތިކަމަށް އެއް ވަނައަށް ހޮވޭ ބޭފުޅެކެވެ." މި ކަމަނާގެ ހަންކޮޅުގެ ދޮންކަމާ ބެހޭގޮތުން ވެސް ޕިރާޑު ވާހަކަދައްކައެވެ. ސަމާސާ ކުރެއްވުމުގެ ގޮތުން މި ކަމަނާގެ ބަރަހަނާ އަތްޕުޅު ފަރުދާގެ ބޭރުން ދައްކަވައެވެ. އެ އަތްޕުޅު "ތިމަންމެންގެ ރަށުގެ މީހުންގެ ތެރެއިންވެސް އެންމެ ދޮން މީހުން ފަދައަށް ދޮން" ކަމަށެވެ.
ކުރިއްސުރެ އަނތބަކަށާއި މަޔަކަށް އިންނެވި ބޭފުޅެކެވެ. މި ކަމަނާ ކައިވެނިބައްލަވައިގެން އިންނެވީ ކުޅަދާނަ މާލިމީއަކާއެވެ — "ނެވިކަމުގެ ފަންނާއި ވިޔަފާރީގެ ރޮނގުން މުޅި ރަށުގައިވެސް އެންމެ ކުޅަދާނަ، އަދި ވަރަށް މުއްސަނދި މީހެކެވެ." އަދި މި ނެވިކަލޯގެ ފަރާތުން މި ކަމަނާއަށް ތިން އަންހެން ދަރިކަނބަލުން ލިބިވަޑައިގެން ތިއްބެވިއެވެ. "އެ ތިން ބޭކަނބަލުންވެސް ތިއްބެވީ އަމީރުންނާއި މަތީ ފެންވަރުގެ މާތް މީހުންނާ ކައިވެނިފުޅުކުރައްވައިގެންނެވެ."
ނެވިކަލޯގެ ލޯ ލުއްސުން. މި ކަމަނާ ދެކެ، ރަދުން ހިތްޕުޅާވެވަޑައިގަތެވެ. މި ކަމަނާ، އޭނާގެ ފިރިކަލުން ޤަތުލުކުރެއްވުމަށް ރަދުންނަށް ލަފާ ދެއްވިއެވެ. ނިޔަމިކަން ކުރުމުގެ ޗާޓުތަކާ ބެހޭ ބަހަނާއެއްގައި ނެވިކަލޯ ގަނޑުވަރަށް ގެންނަވައި، "މީނާގެ ބަނޑަށް ޚަންޖަރެއް ހަރުއްވައިލައްވަން ރަދުން ޙަރަކާތްކުރެއްވިއެވެ... ނަމަވެސް މީނާ އެ ޙަރަކާތުން ރައްކާތެރިވުމަށް އަތް މައްޗަށް ހިއްލައިލުމުގެ ތެރޭގައި، އެ ޚަންޖަރު ސީދާ އޭނާގެ ލޮލަށް ހެރި، އެ ލޯ ފަނާވިއެވެ." ނެވިކަލޯ ސަލާމަތްވީ އެއް ލޯ ނެތިއެވެ — "އޭގެ ފަހުންވެސް ތިމަންނަ، އޭނާ އެތައް ފަހަރަކު ދުށީމެވެ". (ޕިރާޑު)
ކައިވެނިފުޅު، އަދި އެއަށްފަހު ވަރި. "ރަދުން އެ ކަމަނާއާ ކައިވެނިފުޅުކުރެއްވުމަށް އެ ކަމަނާ ރަދުންނަށް ޖެއްސިއެވެ" — މިކަން ކުރެއްވުމަށްޓަކައި ރަދުން، ފުރަތަމަ އަނބިކަނބަލުން ދޫކޮށްލެއްވިއެވެ — "ނަމަވެސް އެކުގައި އުޅުއްވާތާ ދުވަސްކޮޅެއް ފަހުން، (އިސް ރަނިކަމަނާއަށް ފަހުން ވި) [ޢައިޝާ ކަނބާ" ދެކެ ރަދުން ހިތްޕުޅާވެވަޑައިގެން... އަނެއް ބޭފުޅާ ދެކެ ފޫހިފުޅުވެވަޑައިގަތެވެ."
ރަދުން ވަރުކުރި ކަމަނާ. ޕިރާޑު ސިފަކުރަނީ "ދުނިޔޭގައި އިން އެންމެ އަޚްލާޤު ދަށް އަންހެނާ" ގެ ގޮތުގައެވެ. ޢައިޝާ ކަނބާއަށްޓަކައި މިނިވަންވެވަޑައިގަތުމަށް (ގާތްގަނޑަކަށް 1595-98މ)، މި ނެވިކަލޯގެ އަނބިމީހާއަށް "ކައިވެނީގެ ރަނާއި ހައިސިއްޔަތު ރުޖޫޢަކުރައްވައި ރަދުން އެ ކަމަނާ ދޫކޮށްލެއްވިއެވެ. (ޕިރާޑު)"
އޭގެ ފަހުގެ ދިރިއުޅުއްވުން. މި ކަމަނާ "އެއަށްފަހު ދުވަހަކުވެސް ކައިވެނިފުޅެއް ނުކުރައްވައެވެ. އެހެނީ ރަދުން މި ކަމަނާ އަލުން ކައިވެނިފުޅުކުރައްވަން ހުއްދައެއް ނުދެއްވިއެވެ." އަދި މި ކަމަނާ ދިރިއުޅުއްވީ ތަނަވަސްކަމުގައެވެ — "ހެދުމާއި، މުތާއި، ޖަވާހިރުން ވަރަށް ޒީނަތްތެރިވެވަޑައިގެން" އިންނަވައި، ރީތި ގެކޮޅަކާއި، ޚާދިމުންނާއި، އަޅުންނާއެކު، "އޭނާގެ ވަގުތު ހޭދަކުރީ މަޖަލުގައެވެ. އަދި ވަރަށް ގިނަ މީހުން އޭނާގެ އަރިއަހަށް ޒިޔާރަތްކޮށް އުޅުނެވެ." ނެވިކަލޯ ކަމުގައިވާ ކުރީގެ ފިރިކަލުން "އޭނާއާ ދުވަހަކުވެސް ވާހަކަ ދައްކަން ބޭނުމެއް ނުވިއެވެ. އިހު ކާވެނީގައި ތިން އަންހެން ދަރިކަނބަލުން ލިބިފައި ތިބި ކަމުގައި ވިޔަސްމެއެވެ."
ސާސްކަފުރަދާނަ ކަނބާ ޢައިޝާ ރަނިކިލެގެފާނު (ޢައިޝާ ކަނބާ) — އިސް ރަނިކަމަނާ
ރާއްޖޭގެ އެންމެ މާތް ޢާއިލާއިން — "އެ ރަށުގެ އެންމެ މާތް ޢާއިލާއިން ވަޑައިގެން، ޚުދު ރަދުންނަށްވުރެ ވެސް މާތް ނަސަބަކުން ވަޑައިގެން އިންނެވި ބޭފުޅެކެވެ"؛ ޕޯޗުގީޒުންގެ ދުވަސްވަރުގައި ރާއްޖޭގެ ގަވަރުނަރުކަމުގައި ހުންނެވި ބޭފުޅާގެ ކާފަދަރިކަނބަލުންނެވެ. މި ކަމަނާގެ އަމިއްލަފުޅު ރަށްރަށް މިލްކިއްޔާތުގައި ހުރި އިރު، ބައްޕާފުޅު އަވަހާރަވެ، ހުވަފަތްވެފައިވާ މަންމާފުޅު އިންނެވީ މާފިލާފުށީގައެވެ.
ކުރިން ރަދުންގެ "ނެވިއު"އާ (ކަޅުތުއްކަލާގެ ބޭބޭފުޅާ) ކައިވެނިފުޅު ބައްލަވައިގެން އިންނަވަނިކޮށް، ރަދުން މި ކަމަނާ ދެކެ ހިތްޕުޅާވެވަޑައިގަތެވެ: "މި ކަމަނާއަކީ މާތް ނަސަބަކުން ވަޑައިގެން އިންނެވި، ޒުވާން، ރީތި ބޭފުޅެކެވެ. އެހެންކަމުން ރަދުން މި ކަމަނާ ދެކެ ހިތްޕުޅާވެވަޑައިގަތެވެ." މި ކަމަނާ "ރަނިކަމަނާއަށް ވެވަޑައިގަތުމަށް އެއްވެސް ޝައުޤެއް ނުވިއެވެ. އެ ކަމަނާ އިސްކަން ދެއްވީ ކުރީގެ ޙާލަތާއި މިނިވަންކަމަށެވެ."
ގަދަކަމުން އޮބިއެޅުވުން. މި ކަމަނާ ދޫކޮށްލުމަށް މަޖުބޫރުކުރެވުނު ފިރިކަލުން "އެ ހިތާމައިގައި، އަހަރުދުވަސް ވަންދެން ގެއިން ބޭރަށް ވަޑައިނުގެން ހުންނަވައި، އެ ޙާލުގައި އަވަހާރަވިއެވެ."
ރަދުންނަށް ފިރިހެން ދަރިކަލަކާއި އަންހެން ދަރިކަނބަލަކު ވިހެއުމަށްފަހު، "އެ ދެ ކުދިން ވެސް ހައެއް ނުވަތަ ހަތް އަހަރުގައި އަވަހާރަވިއެވެ." އޭގެ ފަހުން، ހަތަރު ފަސް އަހަރު ވީ އިރުވެސް، ރަދުން މި ކަމަނާއާ ރޭ ނުކުރައްވައެވެ.
ކައިވެނިފުޅާމެދު ހިތްހަމަޖެހިވަޑައިނުގެން، ރަދުންނާ ދެކޮޅަށް، އެ ކަމަނާގެ ބޭބޭފުޅާއާއެކު ސިޙުރުވެރިކަން ކުރައްވައި، އެއަށްފަހު ފިއްލެވުމަށް މަސައްކަތްކުރެއްވިއެވެ: "އޭނާ ރަދުން ދެކެ މަރުދުވަހާ ހަމައަށް ނަފުރަތު ކުރެއްވިއެވެ... އެހެނީ، ޤައިދީއެއް ފަދައިން ގަދަކަމުން ބަންދުކޮށްފައި ބެހެއްޓުމުން އޭނާ ފޫހިފުޅުވެފައިވިއެވެ."
1607 ވަނަ އަހަރުގެ ހޮޅީންގެ މުޞީބާތުން ސަލާމަތްވެވަޑައިގަތެވެ. ފޭރޭ މީހުން ތިން ރަނިން މިނިވަންކުރުމަށް ފަހު، ހަމައެކަނި އިންޑިޔާއަށް ގެންދިޔައީ މި ކަމަނާގެ ބޭބޭފުޅު (ސަމިޔާ ފާށަނާ) އެވެ. އޭނާ ފަހުން ކަންނަންނޫރުގެ އަރުމާދަކާއެކު އެނބުރި އައިސް، ތަޚުތުގައި ދެން ވިދިގެން އިންނެވި ރަދުންނާ ދެކޮޅަށް ހަނގުރާމަކުރިއެވެ.
ޢާއިޝާ ކަނބާ ރަދުންނާ ކައިވެނިފުޅުކުރެއްވި ކަމަށް ލަފާކުރެވޭ ތާރީޚު: ގާތްގަނޑަކަށް 1595-1598މ؛ އޭރު މި ކަމަނާ އިންނެވީ ފުރާވަރު އުމުރުގައެވެ. އޭގެ ފަހުން، ހައެއް-ހަތެއް އަހަރަށް ދޫނިޔޭގައި ތިއްބެވި ރަދުންގެ ދެ ބޭފުޅުންގެ މުއްދަތާއި، އޭގެ ފަހުން، 1607 ގެ ކުރިން ހަތަރު ފަސް އަހަރު، ރަދުންނާއެކު ރޭނުކުރައްވާ އުޅުއްވުމުގެ މުއްދަތު، ފަހަތަށް ހިސާބުކޮށްފައި ބަލާއިރު، ކައިވެނިފުޅު ހިނގައިފައި ވާނީ 1590ގެ ފަހުކޮޅުގައެވެ. އުމުރުފުޅާ ބެހޭގޮތުން ބުނާނަމަ، ދިވެހި އަންހެން ކުދިން ވަރަށް ކުޑައިރު މީހުނާ ދެވައިކަމުގައި، ޕިރާޑު ވަރަށް ސާފުކޮށް ބަޔާންކުރެއެވެ. ޔަތީމު ނޫން އަންހެން ކުދިން "ދިހަ އަހަރުވުމާއެކު ވީ އެންމެ އަވަހަކަށް... ދިހަ ނުވަތަ އެގާރަ އަހަރުގައި، ފުރަތަމަ އެދޭ މީހަކާ" ދެވާއިރު، ޔަތީމު އަންހެން ކުދިން "ފަނަރަ އަހަރު ފުރެންދެން ކައިވެނި ނުކޮށްދެވޭ" ކަމަށް ޕިރާޑު ބަޔާންކުރެއެވެ. ޢައިޝާ ކަނބާގެ ބައްޕާފުޅު އަވަހާރަވެފައިވުމުން (ޕިރާޑު ބަޔާންކުރަނީ މާފިލާފުށީގައި އިންނެވި ހުވަފަތް މަންމާފުޅުގެ ވާހަކަ އެކަންޏެވެ. އަދި ފަހުން މި ކަމަނާގެ ފަރާތުން ޙަރަކާތްތެރިވީ ބޭބޭފުޅެވެ)؛ އެ އުސޫލުން ބަލާއިރު މި ކަމަނާ — ކަލާފާނުގެ "ނެވިއު"އާ — ފުރަތަމަ ކައިވެނިފުޅުކުރައްވައިފައި ވާނީ ގާތްގަނޑަކަށް 15 އަހަރުފުޅުގައެވެ. އަދި އޭގެ ދެތިން އަހަރު ފަހުން ނޫނީ ރަދުން މި ކަމަނާ އަތްދަށުލާފައި ނުވާނެއެވެ. އެހެންކަމުން ރަދުން މި ކަމަނާއާ ކައިވެނި ބައްލަވައިގަތްއިރު، އެންމެ ބޮޑަށް ބެލެވެނީ މި ކަމަނާ އިންނެވީ ފުރާވަރު އުމުރުގައި، ގާތްގަނޑަކަށް 15-19 އަހަރުގައި ކަމެވެ. މިއިން ދޭހަކޮށްދެނީ، މި ކަމަނާ އުފަންވެވަޑައިގަތީ ގާތްގަނޑަކަށް 1578-1582 ގައި ކަމެވެ. މިއީ ހުކުރުމިސްކިތުގައި އޮތް ތާރީޚުން ނެރެވޭ (ގާތްގަނޑަކަށް 1586) އާ ދާދި ގާތް ތާރީޚެކެވެ (ނަމަވެސް 1666 ވަނަ އަހަރު އަވަހާރަވިއިރު މި ކަމަނާގެ އުމުރުފުޅު، 80 ގެ ބަދަލުގައި، ގާތްގަނޑަކަށް 84-88 ކަމުގައި ބެލެވެއެވެ).
ޢައިޝާ ބީބީ ކަމަނާ (ކަނބޯ ބޫބޫ) — ބިދޭސީ ފުރަތަމަ އަނބިކަނބަލުން
މި ކަމަނާގެ އަޞްލާއި، މިކަމަނާ ރަނިކަމަށް ވަޑައިގަތް ގޮތް (ޕިރާޑު). މި ކަމަނާއާއި މި ކަމަނާގެ ފިރި މުޙައްމަދު ކަކާ އަކީ، ޖާވާ ކަރައިގެ ސުންދާ (ދިއްލީ) ގެ ރަނިކިލަގެއާއެކު ގުރައިދޫއަށް އުރުނު ނައު ގައި ތިބި ބިދޭސީ ބައެކެވެ. އަދި ޒުވާން އުމުރުއްސުރެ އެ ދިއްލީ ރަނިކިލަގެއަށް ޚިދުމަތްކުރި ބައެކެވެ:
ފިރާޑު ލިޔަނީ: "މުޙައްމަދު ކަކާ ކިޔުނު ބަންގާޅުގެ ވިޔަފާރިވެރިއަކާއި، ހަމަ އޭނާ ފަދައިން ބިދޭސީއެއް ކަމުގައިވާ އޭނާގެ އަންހެނުންނެވެ... އެ ކަމަނާއަށް ކިޔަނީ ކަނބޯ ބޫބޫ އެވެ... މި ދެ މީހުންވެސް ނައު އުރުނުއިރު (ދިއްލީ) ރަނިކަމަނާއާއެކު ތިއްބެވެ. އެ ދެ މީހުންނަކީ އެ ކަމަނާގެ އަޅުންނެވެ (ޕިރާޑަށް މި މީހުން ފެނުނު އިރު) މި ދެ މީހުންގެ އުމުރަކީ ގާތްގަނޑަކަށް 30 އަހަރެވެ. އަދި އެ މީހުންގެ ދަރިއެއް ނެތެވެ.
ޖާވާ ކަރައިގެ ސުންދާ (ދިއްލީ) ގެ ރަނިކިލަގެ، "މި ކަމަނާގެ ޒުވާން އުމުރުއްސުރެ މި ކަމަނާގެ އަރިއަހުގައި އެ ދެ މީހުން އުޅެފައިވާތީ"، އެ ދެ މީހުން މަތިކުރައްވައި، އެ ރަނި ކަމަނާގެ ކަންކަން ހިންގުމާ ޙަވާލުކުރެއްވިއެވެ — ފަހެ، ޙަޤީޤަތުގައި، ޔަތީމު ރަނިކަމަނާ ބަލައި ބޮޑުކޮށް، ޚިދުމަތްކޮށްދިނީ މި ޢައިޝާ ބީބީ ކަމަނާއެވެ. 1605 ގައި މި ކަމަނާގެ އުމުރުކަމަށް ވާނީ ގާތްގަނޑަކަށް 30 އަހަރެވެ. ވީމާ، ރަދުން ޝަހީދުވެވަޑައިގަތްއިރު ޢާއިޝާ ބިބީގެ އުމުރަކީ ގާތްގަނޑަކަށް 32 އެވެ.
ޕިރާޑު ބަޔާންކުރާ ގޮތުގައި، ޖާވާ ކަރައިގެ ސުންދާ (ދިއްލީ) ގެ ރަނިކިލަގެ އަވަހާރަވުމަށްފަހު (ގާތްގަނޑަކަށް 1605)، ޢައިޝާ ބީބީ ކަމަނާ ލޯބިވެރިއެއް ކަމުގައި ޕޯޗުގީޒު ފެކްޓަރު ސައިމަން ރޮޑްރިގޭ ހެއްދެވިއެވެ. ރަދުން އެ ފެކްޓަރު ޤަތުލުކުރުވައި، އޭނާގެ މުދާ އަތުލެއްވިއެވެ. އަދި "ކައިވެނިން ބޭރު ޖިންސީ ޢަމަލުގައި ހިފޭ ހުރިހާ އެންމެން ފަދައިން... އަދި އެއަށް ވުރެ ބޮޑަށް ވެސް އަނިޔާވެރިކޮށް" އާއިޝާ ބިބީއަށް އަދަބު ދެވުނެވެ. އެއަށްފަހު އޭނާގެ ފިރިކަލުން އޭނާ ދޫކޮށްލިއެވެ.
ކަންމިހެން އޮތް އިރުވެސް، ރަދުން ޝަހީދުވެވަޑައިގަތްއިރު މި ކަމަނާ އިންނެވީ ރަދުންގެ ރަނިންގެ ތެރެއިން އެކެއްގެ ގޮތުގައެވެ — މިކަން ޕިރާޑު ކަށަވަރުކޮށްދެއެވެ (ޕިރާޑު). ރަދުން އަވަހާރަވުމަށްފަހު ހައްޔަރުކުރެވުނު ބޭކަނބަލުންގެ މެދުގައި، "އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތު ސިއްރުން ތިމަންނައަށް ދެއްވި" ތިން ރަނިންގެ ތެރެއިން އެކަކު ކަމުގައި، "ތިމަންމެންގެ ރަށުގެ އަންހެނުން ފަދައިން ދޮން، ބަންގާޅުގެ ބިދޭސީ ބޭފުޅާ" ޕިރާޑު ޞަރީޙަކޮށް ނަންގަނެއެވެ. އެއީ ޚުދް (ފަތްކޮޅުގައި އޮތް) ޢާއިޝާ ބިބީ ކަމަނާ (ކަނބޯ ބޫބޫ) އެވެ — ފަހެ، ޕިރާޑުގެ އަމިއްލަ ބަޔާނުން، ރަދުން ޝަހީދުވެވަޑައިގަތްއިރު މި ކަމަނާ، ރަދުންގެ އަނބިއަނބިކަނބަލުންގެ ތެރޭގައި ހިމަނައެވެ.
ނުޞްރަތު ކަމަނާ — ދެވަނަ "ބިދޭސީ" އަނބިކަނބަލުން (ޕިރާޑު
މުޙައްމަދު ކަކާ، އޭނާގެ ފުރަތަމަ އަނބިމީހާ ދޫކޮށްލުމަށްފަހު، މާލޭގެ ޒުވާން އަންހެނަކާ ކައިވެނިކުރިއެވެ. މި ބޭފުޅަކީ "މުޅި ރާއްޖޭގައި އިން އެންމެ ރީތި ބޭފުޅާ ކަމަށް ބުނެވޭ... އަށާރަ ނުވަތަ ވިހި އަހަރުގެ ބޭފުޅެކެވެ." ރަދުން މި ކަމަނާވެސް ހައްޔަރުކުރެއްވިއެވެ:
"ރަދުންނަށް މި އަންހެނާ ފެނިވަޑައިގަތުމާއެކު، އޭނާ ދެކެ ވަރަށް ގަދައަށް ހިތްޕުޅާވެވަޑައިގަތެވެ. އަދި... ކަނޑަށް އެއްލައިލާނޭ ކަމުގެ އިންޒާރު ދެއްވި ފިރިމީހާއާ އޭނާ ވަކިވުމަށްވެސް ރަދުން މަޖުބޫރުކުރެއްވިއެވެ..."
ހޮޅީންގެ މުޞީބާތުގެ ތިން މަސްދުވަސް ކުރިން، ރަދުން މި ކަމަނާއާ ކައިވެނިފުޅު ބައްލަވައިގަތެވެ. އެއީ، އެ ޙާލުގައި ދެމިހުރުމަށްވުރެ، އޭނާ ކައިވެނިފުޅުކުރެއްވުމުން ރަދުންގެ ޟަމީރު ބަރީއަވުން ރަނގަޅުކަމަށް، ފަނޑިޔާރު ރަދުންނަށް ދެންނެވުމުންނެވެ."
ފަހެ، ނުޞްރަތު ކަމަނާ ރަސްގެ ޢާއިލާއަށް ވެދެވަޑައިގަތީ، ހޮޅީންގެ މުޞީބާތުގެ ތިން މަސްދުވަސް ކުރިންނެވެ. އަދި ރަދުން ޝަހީދުވެވަޑައިގަތްއިރު ތިއްބެވި "ބިދޭސީ" ދެ އަނބިކަނބަލުންގެ ތެރެއިން ދެވަނަ ބޭފުޅަކީ މި ކަމަނާއެވެ. ޕިރާޑު މި ކަމަނާ ސިފަކުރަނީ a young girl of the country "ރަށުގެ ޒުވާން އަންހެން ކުއްޖެއް" ކަމުގައެވެ — އެބަހީ ރަށުގައި އުފަންވި ބޭފުޅެކެވެ. "ބިދޭސީ" ބޭފުޅެކޭ މިތަނުގައި ބުނެވޭ ބަހުގެ މާނައަކީ، ބިދޭސީ ވިޔަފާރިވެރިޔާގެ އަނބިމީހާ ކަމެވެ.
"ސުންޕާ"(Sunpa) ހައްޔަރުކުރެވުނު ރަނިންގެ ތެރެއިން، ޕިރާޑަށް އެ ވާހަކަ ހިއްސާކުރެއްވީ، މި ޒުވާން، ދާދިފަހުން ރަދުން ކައިވެނި ބައްލަވައިގެންނެވި" ބޭފުޅާއެވެ. ޕިރާޑު ލިޔެފައި ވަނީ، މި ބޭފުޅަކީ "ރަދުން ދާދިފަހުން ކައިވެނިފުޅުކުރެއްވި ޒުވާން ބޭފުޅާ" ކަމަށާއި، "އޭނާ ހުރި ކޮންމެ ތަނަކަށް ބަދުނަސީބު ގެނެސްދޭކަމަށާއި (މިއަށް އެ މީހުން ކިޔަނީ ސުންޕާ އެވެ)، އަދި ރަދުން އޭނާއާ ކައިވެނި ބައްލަވައިގަތް ފަހުން، ކޮންމެ މުޞީބާތެއް އެ މީހުންނާ ކުރިމަތިވިކަން، ހިތާމައާއެކު އޭނާ ތިމަންނާއަށް ބުނެދިން" ކަމަށެވެ.
އެހެން ގޮތަކަށް ބުނާނަމަ، އެކަމަނާ ޤަބޫލުކުރީ، އެކަމަނާއަކީ ސުންޕާ މީހެއް ކަމަށާއި، އަދި އެ މުޞީބާތް ގުޅުވީ ގާތްގަނޑަކަށް 3 މަސް ކުރިން ރަދުން އޭނާއާ ބައްލަވައިގަތުމާއެވެ.
ޖާވާ ކަރައިގެ ސުންދާ (ދިއްލީ) ގެ ރަނިކިލަގެ —(ޕިރާޑު؛ ނަންފުޅު (ކަނބާ ފަތްކޮޅުން)؛
ޕިރާޑު ބަޔާންކުރެއެވެ: "ހަލާކުވި ނަވުގެ ކުނބާއި ހުންގާނު އަހަރެން ދުށީމެވެ. އެއީ، އަހަރެން ރަދުންގެ އަރިއަހުގައި އުޅުނުއިރު، ވިހެއުމުގެ ތެރޭގައި އަވަހާރަވި ބިދޭސީ ރަނިކަމަނާ ވަޑައިގެންނެވި ނަވެވެ."
މި ކަމަނާ ސަލާމަތްކުރެވުނުއިރު އެއީ "ތުއްތުކުއްޖެކެވެ". ނަވުގެ ވެރިން ކަމުގައިވާ މި ކަމަނާގެ މައިންބަފައިން ޣަރަޤުވިއެވެ. މި ކަމަނާ ރަދުންނާ ކައިވެނިފުޅުކޮށް، ބޮޑު އިރުކޭތައިގެ އަހަރުކަމުގައިވާ 1605 ވަނަ އަހަރު ވިހެއުމުގެ ތެރޭގައި އަވަހާރަވިއެވެ. ރަށުގެ މީހުން މި އިރުކޭތަ ދުށީ ނުބައި ފާލެއް ކަމުގައެވެ: "ނުބައި ފާލެކެވެ... އެ މީހުންގެ ތެރެއިން އެންމެ މަތިވެރި ބޭފުޅަކު ގެއްލިދާނޭ ކަމުގެ ފާލެކެވެ." ޕިރާޑު ދުށީ ހަލާކުވި ނަވުގެ ބައިތައް އެކަންޏެވެ. ނައު އުރުނު ތަނެއް ނުދެކެއެވެ. މި ކަމަނާގެ ޚާދިމާ ޢައިޝާ ބީބީ ކަމަނާގެ އުމުރު، 1602-1605 ގައި ގާތްގަނޑަކަށް 30 ކަމުގައި ވުމުން، ނައު ފަރަށްއެރީ ގާތްގަނޑަކަށް 1580ގެ ފަހުކޮޅުން ފެށިގެން 1590ގެ ކުރީކޮޅުގައި ކަމުގައި ބެލެވެއެވެ.
ޚިޔާލު — ޙަޤީޤަތުގައި މިއީ ޖާވާކަރައިގެ "ސުންދާ"ގެ ނަވެއް ބާ؟. ޕިރާޑު ބަޔާންކުރަނީ، ހަލާކުވި ނައު "އައި ސުންދާއިން ކަމަށެވެ. "ޗައިނާއާއި ސުންދާގެ ހުރިހާ ވައްތަރެއްގެ ހަވާދާއި އެހެނިހެން ވިޔަފާރި މުދަލާއެކުގައި" ކަމަށެވެ. ނަމަވެސް، ތުއްތު ރަނިކަމަނާއާއެކު އުރުނު، އަދި އެއަށްފަހު ޢުމުރު ދުވަހު އެ ކަމަނާއަށް ޚިދުމަތްކޮށްދިން ދެ ބޭފުޅުން — މުޙައްމަދު ކަކާއާއި ކަނބޯ ބޫބޫ — އަކީ ޞަރީޙަކޮށް ބަންގާޅުގެ ބައެކެވެ ("ބަންގާޅުގެ ވިޔަފާރިވެރިއެއް... ހަމަ އެފަދައިން ބިދޭސީއެއް ކަމުގައިވާ އޭނާގެ އަންހެނުން... ކަނބޯ އަކީ ބަންގާޅު ބަހުން މި ކަމަނާގެ ޒާތީ ނަމެވެ").
އެ ނަވުގެ ޖަމާޢަތަށް އަދި ޕިރާޑު ކިޔަނީ "އިންޑިޔާ މީހުން" ކަމަށް ވާއިރު، އެ މީހުން "އެ މީހުންގެ ގޭބިސީގެ ބޮޑުބައި ކަނޑުމައްޗަށް ގެންދާ" ކަމަށް ބަޔާންކުރެއެވެ. މިއީ ޚާލިޞް ޖާވާ ނަސްލެއް ކަމުގައި ބުނުމާ ދެކޮޅު ހެކިތަކެކެވެ. އެންމެ ޠަބީޢީ ގޮތުގައި މި ދެ ކަން އެއްގޮތްކުރެވޭ ގޮތަކީ، "ސުންދާއިން" އައި ކަމަށް ބުނެފައި އެވަނީ، ނަވުގެ އެންމެ ފަހުގެ ވިޔަފާރި މަރުޙަލާއާއި މުދާ (ސުންދާ-ޗައިނާ ހަވާދުގެ ދަތުރު) ސިފަކޮށްދިނުމަށް ކަމަށާއި، ނަވުގެ ވެރިންނާއި، ގޭބިސީއާއި، ޖަމާޢަތަކީ އިންޑިޔާ — ވަކިން ޚާއްޞަކޮށް ބަންގާޅު — މީހުން ކަމަށް ވުމެވެ.
މި މައްސަލައަކީ ފަތްކޮޅުގައި އޮތް ދިއްލީ ރަނިކަމަނާގެ ނަމާ ގުޅޭ މުހިންމު މައްސަލައެކެވެ. އެ ދުވަސްވަރު ބަންގާޅަކީ މުޣަލް އިމްޕީރިއަލް ޕްރޮވިންސެކެވެ. ކަނބާ ފަތްކޮޅުގައި ("އުއްތަރަ އިން ދިއްލީ ރަނިކިލަގެ ކިއަވަނި ކަމު ހިންނަ) މި ގޮތަށް މި ކަމަނާ ހަނދާންކުރެވިފައި ވަނީ، ސުންދާ ނުވަތަ ޖާވާގެ ރަނިކަމަނާއެއް ގޮތުގައެއް ނޫނެވެ. "ދިއްލީ ރަނިކިލަގެ" ގޮތުގައެވެ. ދިއްލީ އަކީ މުޣަލް ވެރިކަމުގެ މައި ރަށެވެ. ބަންގާޅުން ސަލާމަތްވި މީހުންނާއި، "ދިއްލީ" ގެ ލަޤަބު ގުޅުވުމުން، އެކުގައި ދައްކައިދެނީ، ގުރައިދޫއަށް އުރުނީ، އިންޑޮނީޝިއާގެ ނަވެއްގެ ބަދަލުގައި، މުޣަލް ވެރިކަމުގެ ނަވެއް ކަމެވެ. — ބެލެވޭ ގޮތުގައި، ނަވުގެ މީހުން ދިވެހިން ދެނެގަތީ، އެންމެ ފަހުން ފުރި ހަވާދު ބަނދަރަށް ނިސްބަތްކޮށެއް ނޫނެވެ. އުރުނު މީހުންގެ ރަސްގެ ތަޚުތު ހުރި ތަނަސް (ދިއްލީ/މުޣަލް އަށް) ނިސްބަތްކޮށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ވާހަކައާ ވިދިގެން އޮތް ބައިތަކުގައި ޕިރާޑު ބަލައިލާފައި ވަނީ، އޭނާ ދަންނަ އެންމެ ބޮޑު ނައުތަކަށެވެ — "ޢަރަބިކަރައާއި، ފާރިސީ ކަރައާއި، މަޣޫރުން" އައި ނައުތަކެވެ. ހަކްލުޓު ފޮތުގެ އެޑިޓަރު ފާހަގަކުރައްވާ ގޮތުގައި، "މަޣޫރު" އަކީ، މުޣަލްގެ ވެރިކަމުގެ ބިމަށް ޕޯޗުގީޒުން ކިޔާ ބަހެކެވެ.
އިސްވެ މި ދެކެވުނީ، ޕިރާޑުގެ ފޮތުގައި ޞަރީޙަކޮށް އޮތް ޙަޤީޤަތެއް ނޫނެވެ. މިއީ ހަމައެކަނި އިސްތިދްލާލެއްގެ ގޮތުގައި ފާހަގަކޮށްލި ކަމެކެވެ.
އަލުން ތަރުތީބުކުރެވުނު ތާރީޚީ ތާވަލު
މީލާދީން ގާތްގަނޑަކަށް 1552-1555މ — ރަދުން އުފަންވެވަޑައިގަތުން (ރަދުންގެ ޢުމުރު ދުވަހުގެ އެކުވެރިޔާ، ބޮޑުންގެ ތެރެއިންވާ، ޙަސަން ކައިއުޅެންނާ ކަލޯ — ޕިރާޑުގެ Assant Caonas Calogue — ޕިރާޑު ބުނަނީ: "ދެ ބޭފުޅުންގެ އުމުރުންވެސް މިހާރު ވީ ފަންސާސް އަހަރެވެ"). (ޕިރާޑު)
މީލާދީން ގާތްގަނޑަކަށް 1580ގެ ފަހުކޮޅު-1590ގެ ކުރީކޮޅު — ސުންދާ (ދިއްލީ) ނައު ގުރައިދޫއަށް އުރި ހަލާކުވުން؛ ކުޑަ އަންހެން ކުއްޖަކު — ފަހުން ދިއްލީ ރަނިކިލަގެ — މި ކަމަނާގެ ޒުވާން ޚާދިމުން، އެބަހީ ފަހުން ޢައިޝާ ބީބީ ކަމަނާ (ކަނބޯ ބޫބޫ) އާއި މުޙައްމަދު ކަކާގެ ނަމުން ފާހަގަކުރެވޭ ބިދޭސީ ދެމަފިރިންނާއެކު ސަލާމަތްވުން. (ޕިރާޑު؛ ނަންފުޅު (ކަނބާ ފަތްކޮޅުން)
މީލާދީން ގާތްގަނޑަކަށް 1578-1582މ — އިސް ރަނިކަމަނާ، ޢައިޝާ ކަނބާ އުފަންވެވަޑައިގަތުން (ފުރާވަރު އުމުރުގެ ކައިވެނިފުޅަކުން އިސްތިދުލާލުކުރެވޭ؛ ހުކުރު މިސްކިތުގެ ލިޔުމާ ގުޅުވައިގެން ފަހަތަށް ހިސާބުކުރާނަމަ، އަރަނީ މީލާދީން ގާތްގަނޑަކަށް 1586) — 1583މ — ކަލާފާނު ރަސްކަމަށް އިސްވެ ވަޑައިގަތުން
މީލާދީން ގާތްގަނޑަކަށް 1583މ ނުވަތަ އޭގެ ކުރިން — ރަދުންގެ ބައްޕާފުޅު (އުތީމު މުޙައްމަދު ތަކުރުފާނު) ހަމަޖެއްސެވި ރަސްމަތިފުޅު ކައިވެނިފުޅެއް ކަމުގައިވާ، ފުރަތަމަ އަނބިކަނބަލުންނާ ކައިވެނިފުޅުކުރެއްވުން (ފަހުން ވަރިކުރައްވައިފައި). (ޕިރާޑު)
މީލާދީން ގާތްގަނޑަކަށް 1580ގެ ފަހުކޮޅު-1590ގެ ކުރީކޮޅު — ރަދުން، [ނެވިކަލޯ]ގެ އަނބިމީހާ ދެވަނަ އަނބިކަނބަލުން ގޮތުގައި ކައިވެނި ބައްލަވައިގަތުން: އޭނާ ދެކެ ހިތްޕުޅާވެވަޑައިގެން، މި ކަމަނާގެ ކުޅަދާނަ ފިރިކަލުން ގެންނަވައި، އޭނާގެ ލޮލަށް ޚަންޖަރު ހަރުއްވައި، މި ކަމަނާއާ ކައިވެނިފުޅުކުރެއްވުމަށްޓަކައި ރަދުންގެ ފުރަތަމަ އަނބިކަނބަލުން ދޫކޮށްލެއްވުން. (ޕިރާޑު)
މީލާދީން ގާތްގަނޑަކަށް 1595-1598މ — ރަދުން، ނެވިކަލޯގެ އަނބިމީހާ ވަރިކުރައްވައި، އޭރު ފުރާވަރު އުމުރުގައި އިންނެވި ޢައިޝާ ކަނބާއާ ކައިވެނިފުޅުކުރެއްވުން. (ޕިރާޑު) މީލާދީން 1602މ — ޕިރާޑު މާލެއަށް ފޯރުން؛ އޭރު ރަދުންގެ އުފަން ބޭފުޅަކު ނެތެވެ. (ޕިރާޑު)
މީލާދީން ގާތްގަނޑަކަށް 1605މ — ޖާވާ ކަރައިގެ ސުންދާ (ދިއްލީ ރަނިކިލަގެ) ވިހެއުމުގެ ތެރޭގައި އަވަހާރަވުން، އިރުކޭތައިގެ އަހަރު. (ޕިރާޑު)
މީލާދީން ގާތްގަނޑަކަށް 1605-1606މ — ޢައިޝާ ބީބީ ކަމަނާ ރަދުންގެ އަނބިކަނބަލަކަށް ވުން (ރަދުން ޝަހީދުވެވަޑައިގަތްއިރު ތިއްބެވި ރަނިންގެ ތެރޭގައި — "ބަންގާޅުގެ ބިދޭސީ ބޭފުޅާ" ގޮތުގައި — ޕިރާޑު މި ކަމަނާ ނަންގަނެއެވެ). (ޕިރާޑު)
މީލާދީން ގާތްގަނޑަކަށް 1607ގެ ކުރީކޮޅު — ރަދުން، ނުޞްރަތު ކަމަނާ (މުޙައްމަދު ކަކާގެ ދެވަނަ އަނބިމީހާ) އާ ކައިވެނިފުޅުކުރެއްވުން، ހޮޅީންގެ މުޞީބާތުގެ ގާތްގަނޑަކަށް 3 މަސް ކުރިން. (ޕިރާޑު)
1607 މ — ހޮޅީންގެ މުޞީބާތް؛ ރަދުން ކަނޑުމަތީގައި ޝަހީދުވެވަޑައިގަތުން؛ ތިން ރަނިން — ޢައިޝާ ކަނބާ (ވަރިކުރައްވައިފައި)، ޢައިޝާ ބީބީ ކަމަނާ އަދި ނުޞްރަތު ކަމަނާ — ހައްޔަރުކޮށް، އެއަށްފަހު މިނިވަންކުރުން. ޕިރާޑުގެ ފޮރުގެ ރާއްޖޭގެ ބައި ނިމެނީ މިހިސާބުންނެވެ. (ޕިރާޑު) - 1666މ — އިސް ރަނިކަމަނާ، ޢައިޝާ ކަނބާ، 80 އަހަރުގައި އަވަހާރަވުން (ހުކުރު މިސްކިތް).
އެއްގޮތްކުރުމާއި މަޞްދަރުތަކާ ބެހޭ ނޯޓުތައް
"ބިދޭސީ ދެ އަންހެން ބޭފުޅުން" މިހާރު ޕިރާޑުން ކަށަވަރުވެފައި. ހައްޔަރުކުރެވުނު ތިން ރަނިންނާ ބެހޭ ޕިރާޑުގެ ބަޔާނުގައި ބުނަނީ "the chief queen, the foreigner from Bengal... and the young one, whom the king had but recently taken" — އެބަހީ ޢައިޝާ ކަނބާ، ޢައިޝާ ބީބީ ކަމަނާ (ކަނބޯ ބޫބޫ)، އަދި ނުޞްރަތު ކަމަނާއެވެ. ފަހެ، މުޙައްމަދު ކަކާގެ ދެ އަނބިން، ޚުދު ޕިރާޑުގެ ހެކިބަހުން، ރަދުން ޝަހީދުވެވަޑައިގަތްއިރު ރަދުންގެ އަނބިކަނބަލުންގެ ގޮތުގައި ތިއްބެވެ.
ޢައިޝާ ކަނބާ ފުރާވަރު އުމުރުގައި ކައިވެނިފުޅުކުރެއްވުން. ދިވެހި ކާވެނީގެ އާދަކާދައާ ބެހޭ ޕިރާޑުގެ ބަޔާން (ޔަތީމު ނޫން އަންހެން ކުދިން 10-11 ގައި، ޔަތީމުނަމަ 15 އިން ފެށިގެން މީހުނާ ދެވައިކަން)؛ މި ކަމަނާ ފުރާވަރު އުމުރުގައި ކައިވެނިފުޅުކުރެއްވިކަން، ހަރުދަނާ އަސާސަކުން ކަށަވަރުވެއެވެ. ގާތްގަނޑަކަށް 15-19 އަހަރުގައި ކައިވެނިފުޅެއް ކުރެއްވި ކަމާއި ގާތްގަނޑަކަށް 1578-1582 ވަރުގައި އުފަންވެވަޑައިގަތްކަން ދޭހަކޮށްދެއެވެ. މިއީ ހުކުރު މިސްކިތުގައި އޮތް ތާރީޚުން ހިސާބުކުރުމުން އަންނަ 1586 އާ ގާތް ތާރީޚެކެވެ — އަދި 1666 ވަނަ އަހަރު އަވަހާރަވިއިރު މި ކަމަނާގެ އުމުރުފުޅު ގާތްގަނޑަކަށް 84-88 ކަމުގައި ވާނެއެވެ. މިއީ ހުކުރު މިސްކިތުގައި ލިޔެވިފައިވާ "80 އަހަރު"އާ ގާތް ތާރީޚެކެވެ.
ކުރީގެ ދެ އަނބިކަނބަލުންގެ ނަން މަޞްދަރުތަކުގައި ނެތެވެ. ފުރަތަމަ އަނބިކަނބަލުންނާއި، [ނެވިކަލޯ]ގެ އަނބިމީހާ (ޕިރާޑުގެ "ފުރަތަމަ ރަނިކަމަނާ")ގެ ނަން ޕިރާޑު ނުދެއްވައެވެ.
ޙަސަން ކައިއުޅެންނާ ކަލޯ (ޕިރާޑުގެ Assant Caonas Calogue). މި މީހާ ޕިރާޑުގެ ފޮތުގެ އެތަން މިތަނުން ފެނެއެވެ. ހަތް ވަނަ ބާބުގައި، "އައްސަންޓް ކައޯނަސް ކަލޯގު ކިޔުނު ބޮޑެއް"، މާލެ އިން ވަޑައިގެން، ޕިރާޑުމެންނާއެކު އުރުނު ނަވަށް ވަޑައިގެންނެވި ދެވަނަ "ރޯޔަލް ކޮމިޝަނަރު" ގެ ގޮތުގައި، ޕިރާޑު މީނާ ސިފަކުރެއެވެ. ފުޓުނޯޓުގައި ވަނީ "this lord and his family, with whom the author had the warmest friendship, are mentioned several times hereafter." ކަމަށެވެ. ކަލާފާނު ފަތްކޮޅުގައި އޭނާއަކީ ޙަސަން ކައިއުޅެންނާ ކަލޯއެވެ ("ކޮޅުމަޑުލު ކަޑޫދޫ މީހުން ގާތުން ހަސަން ކައިއުޅަންނާއި ކަލޯ އަގުދީގަތް ކަޑޫދޫ އޮތް ހިންނަ"). ޕިރާޑު ބަޔާންކުރާ ގޮތުގައި، އޭނާއަކީ ރަދުންގެ އެންމެ އިތުބާރުހުރި ބޮޑުންގެ ބޭފުޅާއެވެ ("having more confidence in him than in any other ")، އަދި "ދެ ބޭފުޅުންގެ އުމުރުންވެސް މިހާރު ވީ ފަންސާސް އަހަރު" ކަމުގައެވެ
"ސުންދާ ނައު" އަކީ މުޣަލް ނަވަކަށް ވެދާނެ. މި ނައު، ޕިރާޑު ސިފަކުރަނީ "ސުންދާއިން" އައި ނަވެއްގެ ގޮތުގައި ކަމުގައި ވިޔަސް، އެ ނަވުން ސަލާމަތްވި މީހުންނަކީ ބަންގާޅު ބައެކެވެ. "އިންޑިޔާ މީހުން" ނެވެ. ފަތްކޮޅުގައި މި ރަނިކަމަނާ ހަނދާންކުރެވިފައި ވަނީ "ދިއްލީ ރަނިކިލަގެ" ގެ ނަމުންނެވެ — މިއިން ދައްކައިދެނީ މިއީ މުޣަލް ވެރިކަމުގެ ނަވެއް ކަމެވެ. (އެ ދުވަސްވަރު ބަންގާޅަކީ މުޣަލް ބިމެކެވެ. ދިއްލީ އަކީ މުޣަލް ވެރިކަމުގެ މައި ރަށެވެ)، ޕިރާޑުގެ "ސުންދާ" މި ނަމުން ދައްކައިދެނީ، އެ ނަވުގެ މީހުންގެ ވާހަކައެއް ނޭނެވެ. ވިޔަފާރި މަގެވެ. ނަމަވެސް މިއީ، ޕިރާޑުގެ ބަޔާނެއް ނޫންނެވެ. އަޅުގަނޑުގެ މާނަކުރުމެއްގެ ގޮތުގައި ހުށަހެޅޭ ކަމެކެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ

