ނޫސްވެރިންގެ އާ ސުލޫކީ ކޯޑުން ޑިމާންޑުކުރަނީ ކޮން ކަންކަމެއް؟

ލައިގަނެފައިވާ ނޫސްވެރިކަމުގެ ހަމަތަކާއި، މިންގަނޑުތަކާ މި ކޯޑު ޚިލާފުވާ 5 ގޮތް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

17 ޑިސެމްބަރު 2025, 2:39 ހެނދުވާ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން 'މީޑިއާ ކޮންޓްރޯލް' ޤާނޫނަށް ޢަމަލުކުރަން ފެށިތާ ތިން މަސް ފަހުން، ޑިސެންބަރު 15 ވީ  ހޯމަ ދުވަހު ނޫސްވެރިންގެ ސުލޫކީ އާ ކޯޑެއް ޝާޢިއުކޮށްފި އެވެ.
13 ޞަފްޙާގެ މި ލިޔުމުގައި ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޢަމަލުކުރަންޖެހޭ މިންގަނޑުތަކާއި، ޢަމަލު ނުކޮށްފިނަމަ ސުލޫކީ ފިޔަވަޅުތައް އަޅާނެ ގޮތްތައް ބަޔާންކޮށްފައި ވެއެވެ. އޭގެ ތެރޭގައި 250،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމާއި އެއްކޮށް ބަންދުކުރުން ހިމެނެއެވެ. 
ޞައްޙަކަން ކަށަވަރު ކުރުމާއި، މަސްދަރު ޙިމާޔަތް ކުރުމާއި، ކުޑަކުދިންނަށް ރައްކާތެރިކަން ދިނުން ހިމެނޭހެން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ނޫސްވެރިކަމުގެ އަޚްލާޤީ އޮނިގަނޑުތަކުގައި ފެންނަ މިންގަނޑުތަކާއި މާއްދާތައް މި ކޯޑުގައި ހިމަނާފައި ވީނަމަވެސް،  ކޯޑުގައި ހިމެނޭ އަނެއް ބައެއް ބައިތައް ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އުޞޫލުތަކާ މުޅިން ޚިލާފެވެ. 
އޮކްޓޯބަރު މަހު، ކެނެޑާގެ އިންސާނީ ޙައްޤުތަކާ ބެހޭ ޖަމްޢިއްޔާއެއް ކަމަށްވާ ސެންޓަރ ފޯރ ލޯ އެންޑް ޑިމޮކްރަސީ (ސީއެލްޑީ) އިން ކުރި ދިރާސާއެއްގައި މީޑިޔާއާބެހޭ އާ ޤާނޫނުގައި "ގިނަ މައްސަލަތަކެއް" ހުރިކަން ފާހަގަކޮށްފައި ވާއިރު، އެމައްސަލަތައް ސުލޫކީ ކޯޑަށްވެސް ފޭދިފައި އެބަހުއްޓެވެ. 
ސީއެލްޑީ އިން ލަފާ ދީފައިވަނީ "ސެލްފް (އަމިއްލައަށް) ނުވަތަ ކޯ (އެކި ގިނަ ފަރާތުން ބައިވެރިވާ)" ގޮތަކަށް ރެގިއުލޭޓު ކުރާން ކަމަށާއި، އާ މީޑިޔާ ކޮމިޝަން މިދެގޮތުން ކުރެ ގޮތަކަށް ނުފެތޭ ކަމަށެވެ. އެގޮތުން ކޮމިޝަންގައި މަޖިލީހުން ޢައްޔަންކުރާ ތިން މީހުންނާ އެކު މީޑިޔާ އިން އިންތިޚާބުކުރާ ހަތަރު މެންބަރުން ހިމެނެއެވެ. ސަރުކާރު ހިންގާ ޕާޓީގެ އާދަޔާ ޚިލާފު އަޣްލަބިއްޔަތަށް ކޮމިޝަންގެ ރައީސް ޢައްޔަންކޮށް ވަކިކުރެވޭނެ އެވެ.
ސީއެލްޑީން އިތުރަށް ބުނީ ސިވިލް ސާރވިސް ކޮމިޝަނުން އާ މީޑިޔާ ކޮމިޝަނަށް ސެކްރެޓަރީ ޖެނެރަލަކު ޢައްޔަން ކުރަން ޖެހުމަކީ "ކޮމިޝަންގެ މިނިވަންކަމަށް އޮތް ބޮޑު ހުރަހެއްގެ އިތުރުން އެ ކޮމިޝަން އެކަށޭނަ ގޮތުގައި ހިންގުމުގެ ޤާބިލުކަމަށް އެޅޭ ހުރަހެއް" ކަމަށާއި، "ދައުލަތުގެ މުއައްސަސާއަކުން" (އެދުނީމާ) 48 ގަޑިއިރުގެ ތެރޭގައި ކޮމިޝަންގެ ބައްދަލުވުމެއް ބާއްވަން މަޖުބޫރު ވާ ގޮތަށް އޮތް އޮތުމަކީ "މުޅިން އެކަށީގެން ނުވާ ބާރެެއް،" ކަމަށެވެ.
މި ކޯޑަށް ޢަމަލުކުރަން ފެށީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކުރުމުންނެވެ. މީޑިއާ އާއި ނޫސްވެރިންގެ މައްޗަށް އާ ކޯޑު ހިނގާން ފެށީއެވެ. 
ޝަކުވާތައް ޕްރޮސެސްކޮށް ތަޙްޤީޤު ކުރާނެ ގޮތުގެ ތަފްޞީލު ތަންފީޛުކުރާ ޤަވާޢިދުތައް ކޮމިޝަނުން އަދި ޢާންމުކޮށްފައެއް ނުވެ އެވެ. ޤާނޫނު ތަސްދީޤުކުރާތާ ހަ މަސް ދުވަހުގެ ތެރޭގައި މި ޤަވާޢިދުތައް އެކުލަވާލަން ޖެހެ އެވެ. އެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ މާޗް މަހަށެވެ.
ޢާންމުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި ބަލައިގަނެފައިވާ ނޫސްވެރިކަމުގެ ހަމަތަކާއި، މިންގަނޑުތަކާ މި ކޯޑު ޚިލާފުވާ 5 ގޮތް ތިރީގައި ކިޔައިދީފައި އެވަނީއެވެ.

ތެދާއި މުޢުތަބަރުކަން

އާ ކޯޑުގައި ބުނަނީ ކީކޭ: 6 ވަނަ މާއްދާގައި ގިނަ އަރައިރުންތަކެއް އެބަހުއްޓެވެ؛ ނޫސްވެރިން ކަނޑައެޅިގެން ދޮގު ކަމަށް އެނގޭ ނުވަތަ ދޮގށް ވުމުގެ ފުރުޞަތު ބޮޑު މަޢުލޫމާތެއް ޝާއިއުކޮށްގެން ނުވާނެއެވެ. ޞައްޙަކަން ޔަޤީން ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކޮށްޝާޢިއުކޮށްގެން ނުވާނެއެވެ. ޞައްޙަކަން "ޔަޤީން ނުކުރެވޭނަމަ" އެކަން ބަޔާންކުރަން ޖެހެއެވެ. ޝާޢިއުކޮށްފައިވާ މަޢުލޫމާތު ތެދު ނޫންކަން އެނގުމުން "ވީހާވެސް އަވަހަކަށް" އިޞްލާޙްކުރަން ވާނެއެވެ. އެ ޙާލަތުގައި މަޢާފަށް އެދެން ޖެހޭނަމަ މަޢާފަށް އެދެން ވާނެއެވެ. 
ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބުނަނީ ކީކޭ: ނޫސްވެރިން "މަޢުލޫމާތު ފެތުރުމުގެ ކުރިން ޙަޤީޤަތް ދެނެގަތުމަށް ޕްރޮފެޝަނަލް މަސައްކަތެއް" ކުރަން ޖެހެއެވެ. އޭގެ މާނައަކީ ދުވަހަކު ކުށެއް ނުޖެހުމެއް ނޫނެވެ. ސީއެލްޑީގެ ދިރާސާގައި ފާހަގަކުރަނީ ޤާނޫނުގައި ގިނަ ބައިތައް ބައިނަލްއަޤްވާމީ މިންގަނޑުތަކާ ނުގުޅޭ ކަމަށާއި އޮޅުން ބޮޅުން ބޮޑުވެ، ތަފާތު، ފުށުއަރާ މިންގަނޑުކެއް ހިމަނާފައި ހުރި ކަމަށެވެ. 
މުހިންމުވަނީ ކީއްވެ؟: ކޯޑުން އެކަށައަޅާފައިވާ މިންގަނޑުތަކަށް ޢަމަލުކުރުމަކީ ވާ ވަރު ކަމަކަށް ނުވެއެވެ. އެމިންގަނޑުތައް ތަންފީޛުކުރުން މުސްތަޙީލެވެ. ނަން ހާމަނުކޮށް ލިބޭ ޓިޕުތަކުން ފެށިގެން ލީކުވާ ލިޔެކިޔުންތަކާއި މަސްދަރުތަކުން ދައްކާ ވާހަކަތަކާ ބެހޭ ގޮތުން ޔަޤީން ނުކުރެވޭ މަޢުލޫމާތުތަކާމެދު ނޫސްވެރިން ބުއްދީގެ މަގުން ވިސްނާ، ސަބަބުވެރި ނިންމުންތަކެއް ނިންމާން ޖެހެއެވެ. ކަށަވަރު ނުކުރެވޭ މަޢުލޫމާތެއް ކަމުގެ ލޭބަލް ކުރަން ޖެހޭ ޝަރުޠު، ތަޙްޤީޤީ ނޫސްވެރިކަމާ ދެކޮޅަށް ބޭނުންކުރެވި ދާނެއެވެ.  މިފަދަ ނޫސްވެރިކަމުގައި ފަހަރު ކަށަވަރުކަމާއި ޔަޤީންކަން އަދި ރައްދެއްވެސް ލިބެނީ ލިޔުން ޝާޢިއުކުރުމުން ދެން ތަރުތީބުވާ ކަންކަމުންނެވެ. 

ކޯޑަށް ތަބަޢަވާން ޖެހެނީ ކޮން ބައެއް؟

އާ ކޯޑުގައި ބުނަނީ ކީކޭ: މި ކޯޑް ޢަމަލުކުރާން ޖެހޭނެކަމަށް ބުނަނީ ބްރޯޑްކާސްޓަރުންނާއި މީޑިޔާގެ މުވައްޒަފުންނާއި ނޫސްވެރިން (1 ވަނަ މާއްދާ) ނެވެ. ޤާނޫނުގައި ނޫސްވެރިންގެ މާނައިގައި އިލެކްޓްރޯނިކް ވަޞީލަތްތައް ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ޝާމިލުވާ ކޮންމެ މީހަކު ހިމަނާފައި ވެއެވެ. އެހެންވީމާ ސޯޝަލް މީޑިއާ ބޭނުންކުރާ މީހުންވެސް ޤާނޫނުގެ ދާއިރާއަށް ފެތެއެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބުނަނީ ކީކޭ: ސީއެލްޑީ އިން ބުނެފައިވަނީ ސުލޫކީ ކޯޑެއްގެ ބޭނުމަކީ މީޑިޔާއަކުން ނޭދެވޭ ކޮންޓެންޓް ޢާންމުކުރާ ނަމަ، އެކަން ހުއްޓުވައި، އިޞްލާޙުކުރުން ކަމަށްވާ އިރު، ނޭދެވޭ ކޮންޓެންޓް ޢާންމުކުރަނީ އެކެއްގެ ބާރުގައި ނޫންކަމާއި، އެކަމަށް ޖަމާޢީގޮތުން ޖާމިނުވާ ފަރާތްތައް ތިބިކަމަށެވެ. މިސާލަކަށް އެޑިޓަރުންނެވެ. ނޫސްވެރިޔަކަށް ކުށެއް ލިޔެވުނަސް، އެކުށް ޝާޢިއުކުރެވެނީ އެޑިޓަރަކު ބެލުމަށްފަހުގައެވެ. އެހެންވީމާ، ސީއެލްޑީ އިން ބުނީ ފުރާ ފުރިހަމަވެފައިވާ ނިޒާމުތަކުގައި ފިޔަވަޅު އަޅަނީ ވަކި ވަކި ނޫސްވެރިންނަކަށް ނޫނެވެ. އެ މީޑިޔާ ކުންފުންޏަކަށެވެ. 
ސީއެލްޑީ އިން ފާހަގަކުރި ގޮތުގައި ސުލޫކީ ކޯޑަށް އެކީ އެކަށް ޢަމަލުކުރުމަކީ ނޫސްވެރިންނަށް ނުކުޅަދާނަ ކަމެއް ކަމަށާއި، ކުށެއްގެ އިޞްލާޙު ގެނައުމަކީ ނޫސްވެރިއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ އޭނާ މަސައްކަތްކުރާ މީޑިޔާއަކަށް މެނުވީ ކުރެވޭން އޮންނާނެ ކަމެއް ނޫން ކަމަށެވެ.
އަދި އެޑިޓަރަކަށް ވެވޭނީ ކޮންކޮން ޝަރުޠެއް ހަމަވެގެންތޯ އާ ސުލޫކީ ކޯޑުގައި ބަޔާންކޮށްފައި ވާކަމަށާއި، މިއީ ޞައްޙަ ގޮތެއް ނޫންކަން ފާހަގަކޮށް، ސީއެލްޑީ އިން ގޮވައިލީ އެޑިޓަރުން އިޚްތިޔާރުކުރުމުގެ ފުރިހަމަ ބާރު މީޑިޔާތަކަށް ދިނުމަށެވެ.
މުހިންމުވަނީ ކީއްވެ؟: ފަރުދީގޮތުން ޒިންމާވާންޖެހޭ ގޮތަށް އޮންނަ ނަމަ ނޫސްވެރިކަމަށް ހިޔަނި އެޅޭނެއެވެ. ސުލޫކީ ކޯޑާ ޚިލާފު ނުވާން ނޫސްވެރިން އަމިއްލައަށް ކޮންޓެންޓް ސެންސަރުކުރާން ފަށައިފާނެއެވެ. ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރުމުގެ ބާރު އާ ކޮމިޝަނަށް ޤާނޫނުން ދީފައި ނެތް ނަމަވެސް، "އިޞްލާޙް" ކުރުމަށާއި، ޢާންމުކޮށް މަޢާފަށް އެދުމަށާއި، ކުށެއްގެ އިޞްލާޙްގެ ގޮތުގައިޝާޢިއު ކުރުމަށް ޢަމުރު ކުރެވިދާނެއެވެ. މީގެ އިތުރުން "އިލެކްޓްރޯނިކް ވަޞީލަތް" މާނަކުރުމުގައި ސޯޝަލް މީޑިޔާގައި ލިޔާ މީހުންނާއި، ބްލޮގަރުން ހިމެނިދާނެއެވެ.

ޤައުމީ ސަލާމަތާއި ޢަމަން

އާ ކޯޑުގައި ބުނަނީ ކީކޭ: 2 ވަނަ މާއްދާގައި ނޫސްވެރިން ދަމަހައްޓަން ޖެހޭ އުސޫލުތަކުގެ ތެރޭގައި "ޤައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުން" އަދި "އިޖުތިމާޢީ އަޚުލާޤާއި ޢާންމު ނިޒާމު ހިފެހެއްޓުން" ލިސްޓުކޮށްފައި ވެއެވެ. 5 ވަނަ މާއްދާގައި ޤައުމީ ސަލާމަތާ ބެހޭ ކަންކަމުގައި ރިޕޯޓުކުރާއިރު "ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރަން ވާނެ"ކަމަށް ލިޔެފައި ވެއެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބުނަނީ ކީކޭ: ޤައުމީ ސަލާމަތާއި ރައްކާތެރިކަމާއި އިޖުތިމާޢީ އަޚުލާާޤާއި ޢާންމު ނިޒާމު ހިފެހެއްޓުމަކީ ނޫސްވެރިންގެ ޒިންމާއެއް ނޫންކަމަށް  ސީއެލްޑީ އިން ބުނެއެވެ. އަދި ޤާނޫނުގައި "ޤައުމީ ސަލާމަތް" މާނަކޮށްފައިވަނީ ސާފުކަމެއް ނެތް، ގިނަ ތަފާތު، ފުޅާ ގޮތްގޮތަށް ތަރުޖަމާކުރެވިދާނެ މަގަކުން ކަން ބަޔާންކޮށް ސީއެލްޑީ އިން ބުނީ މުޅި ޤައުމާއި މުޖުތަމަޢުގެ ބޮޑު ބަޔަކަށް "ގެއްލުންތަކެއް ލިބިދާނެ" ކަމުގެ ނަމުގައި، ސަރުކާރަށް ފާޑުކިޔާފައި ނެރޭ ކޮންމެ ރިޕޯޓެއްގެ މައްޗަށް ފިޔަވަޅު އެޅުމުގެ ފުރުޞަތު ޤާނޫނުން އާ ކޮމިޝަނަށް ފަހިކޮށްދީފައިވާ ކަމަށެވެ.
މުހިންމުވަނީ ކީއްވެ؟: މި މާއްދާގެ މެދުވެރިކޮށް ނޫސްވެރިކަމުގެ މިނިވަންކަން ނުފުށަށް ޖަހައެވެ. އެގޮތީ ޤައުމީ ސަލާމަތަށް ނުރައްކާ ނުވާކަން ޘާބިތުކޮށްދޭން ޖެހެނީ ނޫސްވެރިންނެވެ. ދައުލަތެއް ނޫނެވެ. އަދި "ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ މިންގަނޑުތައް" ކަމަށް ބުނެފައި ވާއިރު، އެއީ ކޮން އިދާރާއެއް ކަމެއް އަދި މިންގަނޑެއް ކަމެއްވެސް  ސާފެއް ނުވެއެވެ. 

ޢާންމު މަޞްލަޙަތު

އާ ކޯޑުގައި ބުނަނީ ކީކޭ:  8 ވަނަ މާއްދާއިން އޮބަހެއްޓުންތަކެއް އަޅާފައި ހުރީ ޢާންމު މަޞްލަޙަތުގެ މައްސަލަތައް ރިޕޯޓު ކުރުމަށެވެ. ޚިޔާލާއި ޙަޤީޤަތާ ހުރި ފަރަގު ރިޕޯޓުކުރުމުގައި ފާހަގަކޮށްދޭން ޖެހެއެވެ. ޙަޤީޤަތެއްގެ ބައިކުޅަ ބައެއް، ޢާންމުންނަށް "ޙަޤީޤަތް އޮޅޭގޮތަށް" ގެނެސް ދިނުން މަނަލެވެ. އަދި ޢާންމު އިޖުތިމާޢީ މިންގަނޑާ ޚިލާފު ކޮންޓެންޓެއް ދައްކާނަމަ، އެކަމުގެ ސަބަބު ބަޔާންކުރަން ޖެހެއެވެ. 
ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބުނަނީ ކީކޭ: ޢާންމު މަޞްލަޙަތުގެ ކޮންޓެންޓާ ގުޅުވައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބައިނަލްއަޤްވާމީ ޤާނޫނުތަކުގައި ޚާއްޞަ ރައްކާތެރިކަން ދީފައިވާއިރު، 42 ވަނަ މާއްދާއިން ޢާންމު މަޞްލަޙަތުގެ މައްސަލަތައް ރިޕޯޓުކުރާން އިތުރު ދަތިތަކެއް ކުރިމަތި ކުރުވާ ކަމަށާއި، އެކަމުގެ ބޭނުމަކީ ކޮބައިކަން ސާފުނުވާ ކަމަށް ސީއެލްޑީ އިން ބުނެފައިވެއެވެ. 
މުހިންމުވަނީ ކީއްވެ؟: ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަމުގައި ގިނަ ފަހަރަށް އަބުރަށް ގެއްލުން ލިބެއެވެ. އެއީ ކޮރަޕްޝަން ނުވަތަ ނުބައި ޢަމަލުތައް ފަޅާއަރުވާލުމުގެ ސަބަބުންނެވެ. ލީކުވެފައިވާ ލިޔެކިޔުމަކީ ރައްދުވާ ފަރާތުގެ ބަހެއް ނެތި، އެމައްޗަށް ބިނާކޮށް ކޮންޓެންޓް ޢާންމުކުރުން ހުއްދަ ތަކެތި ހެއްޔެވެ؟ މިއީ ސީދާސާދާ ޖަވާބެއް ނެތް މައްސަލައެކެވެ. މިއާއެކު، އިޖުތިމާޢީ ޢާންމު މިންގަނޑުތަކާ އަރައިރުންވާ ކޮންޓެންޓް ޝާޢިއުކުރާނަމަ، ސަބަބުން ބަޔާންކުރާން ޖެހުމަކީ އެޑިޓޯރިއަލް ނިންމުންތައް އާ ކޮމިޝަންގެ ކުރިމަތީގައި ދިފާޢު ކުރުމުގެ ބުރަ ނޫސްމީޑިޔާތަކަށް އުފުލާން މަޖުބޫރު ކުރުވާ ކަމެކެވެ. 

އަދަބުތައް

އާ ކޯޑުގައި ބުނަނީ ކީކޭ:  15 ވަނަ މާއްދާގައި ބުނަނީ ޤަވާޢިދާ ޚިލާފުވާ ފަރާތްތަކަށް އަދަބު ލިބޭނީޤާނޫނުގެ 8 ވަނަ ބާބުގެ ދަށުން ކަމަށެވެ. ތަކުރާރުކޮށް ޤަވާޢިދާ ޚިލާފުވާ ކަމަށް ބެލެވޭ ޓީވީ އަދި ރޭޑިއޯ ސްޓޭޝަންތައް 50،000 އާއި  250،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމުގެ އިތުރުން، ޕްރޮގްރާމްތައް ބްރޯޑްކާސްޓުކުރުން ހުއްޓުވުމާއ،  ބްރޯޑްކާސްޓިންގް ލައިސަންސް ބާޠިލް (ކޯޓު ޢަމުރެއް މެދުވެރިކޮށް) ވެސް ކުރެވިދާނެ އެވެ. ޤާނޫނާ ނުވަތަ ސުލޫކީ މިންގަނޑާ "ތަކުރާރުކޮށް ޚިލާފުވާ " ޕްރިންޓް އަދި އޮންލައިން މީޑިއާތައް 5،000 އާއި 100،000 ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރުމާއި، ވެބްސައިޓްތައް ބްލޮކް ކުރުމާއި، ވަގުތީ ގޮތުން ރަޖިސްޓްރޭޝަން ބާޠިލް ކުރުމާއި،  ދާއިމީ ގޮތެއްގައި ރެޖިސްޓްރޭޝަން އުވައިލުން ހިމެނެއެވެ.
ބައިނަލްއަޤްވާމީ މިންގަނޑުތަކުގައި ބުނަނީ ކީކޭ: ސުލޫކީ މިންގަނޑާ ޚިލާފުވުމުގެ އަދަބުތައް ބިނާވާން ވާނީ އިންޒާރުކުރުމާއި، ކުށުގެ އިޞްލާޙު ޝާޢިއުކުރުމާއި، ތަކުރާރު ކުރާނަމަ ކުދި ޢަދަދުތަކުން ޖޫރިމަނާ ކުރުމުގެ މައްޗަށް ކަމަށާއި، ސުލޫކީ ކޯޑާ ޚިލާފުވުމާއި، ޤާނޫނުގައި ބަޔާންކޮށްފައިވާ އެހެނިހެން ކަންކަމާ ޚިލާފުވުމަކީ ދެކަމެއްގެ ގޮތުގައި ބަލައިގެން ފިޔަވަޅު އެޅުން މުހިންމު ކަމަށްވެސް ސީއެލްޑީ އިން ފާހަގަކުރިއެވެ. 
މުހިންމުވަނީ ކީއްވެ؟: މި ސުލޫކީ ކޯޑުގައި ކުދިކުދި އަޚްލާޤީ ކުށްތަކާއި ބޮޑެތި ނުރަނގަޅު ޢަމަލުތައް ތަފާތެއް ނުކުރެއެވެ. ކަށަވަރު ނުކުރެވޭ މަޢުލޫމާތުތައް އެކަށީގެންވާ ގޮތެއްގައި ލޭބަލް ނުކުރުމަކީ މަކަރާއި ޙީލަތް ނުވަތަ އޮޅުވާލުން ކަމަށް ބަލައި، ފިޔަވަޅު އެޅިދާނެއެވެ. ކުދި އައުޓްލެޓްތަކަށް ބޮޑެތި  ޖޫރިމަނާތައް ކުރުމަކީ އެތަންތަން ބަންދުކުރާން މަޖުބޫރުކުރުވައިދާނެ ކަމަކަށް ވާނެއެވެ. ތަޙްޤީޤުގެ ތެރޭގައި ރަޖިސްޓްރޭޝަން ސަސްޕެންޑު ކުރެވޭ ގޮތަށް އޮތުމާއެކު، ވަގުތީ ސަސްޕެންޝަންގެ 30 ދުވަހަށްވުރެ ތަޙްޤީޤު ދިގުދެމިއްޖެނަމަ، ކަމެއް ޘާބިތު ނުކުރެވުނަސް މީޑިޔާތަކުގައި ތަޅު އެޅުވުމުގެ ފުރުޞަތު ކޮމިޝަނަށް ފަހިވީއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ