މަނީލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ އެސެސްމަންޓުގައި ރާއްޖެ ފެއިލުވެއްޖެ

އޭޕީޖީ އިން ބުނަނީ ސިޔާސީ ނުފޫޒު ވަދެފައިވާކަމަށާއި، ދުވަހަކު ކާމިޔާބުކަމާއެކު ދަޢުވާ އުފުލިފައި ނެތްކަމަށެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

23 ޑިސެމްބަރު 2025, 5:17 ހެނދުވާ

މިއީ ކޮން ރިޕޯޓެއް ހެއްޔެވެ؟

41 ޤައުމެއްގެ ސަރުކާރުތަކުގެ މަންދޫބުން ހިމެނޭ "އޭޝިޔާ/ޕެސިފިކް ގްރޫޕް އޮން މަނީ ލޯންޑަރިންގް" (އޭޕީޖީ) އިން މަނީ ލޯންޑަރިންގާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގައި ދިވެހިރާއްޖޭގެ ޙާލަތު ހުރިނެތް ގޮތުގެ މައްޗަށް އެސެސްމަންޓެއް ޝާޢިއުކޮށްފިއެވެ. ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް (އެފްއޭޓީއެފް) އިން ކަނޑައަޅާފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ޤާނޫނުތަކާއި ޤަވާޢިދުތައް ހުރިތޯއާއި، ތަންފީޛުކުރޭތޯ ބަލައި، ވަޒަންކޮށް މިރިޕޯޓުގައި ހިމަނާފައިވެއެވެ. ވަޒަންކުރުމުގެ މަސައްކަތް ހިންގާން 2025 ގެ ޖެނުއަރީ މަހު ރާއްޖެއަށް މިޖަމާޢަތުން ޒިޔާރަތްކޮށްފައި ވާއިރު، ރިޕޯޓު ފާސްކޮށްފައި ވަނީ އޮގަސްޓް މަހުގައެވެ.

ރާއްޖޭގެ ޙާލަތު ހުރީ ކިހިނެއް ހެއްޔެވެ؟

ނިކަމެތިކޮށެވެ. އެގާރަ ދާއިރާގެ ތެރެއިން ހަ ދާއިރާއެއް ދަރަޖަކޮށްފައި ވަނީ "ދަށް" ރޭންކުގައެވެ. އެންމެ ޙާލަތު ދަށް ރޭންކެވެ. އެ ހަ ދާއިރާގެ ތެރޭގައި މަނީ ލޯންޑަރިންގެ ތަޙްޤީޤުތައް، އެސެޓް (ރައުސުލްމާލު) ރިކަވަރީ (އަލުން ހޯދުން)، ޓެރަރިޒަމް ފައިނޭންސް ކުރުން ހިމެނެއެވެ. ބާކީ ފަސް ދާއިރާށް ދީފައިވަނީ "ފުދޭ މިންވަރު" ގެ ރޭޓިންގެކެވެ. އެއްވެސް ދާއިރާއަކަށް "އެކަށީގެންވޭ" ނުވަތަ "ބަރާބަރު" ރޭންކު ޙާސިލެއް ނުކުރެވެއެވެ. 

މައިގަނޑު ހޯދުންތަކަކީ ކޮބައި ހެއްޔެވެ؟

"ދިވެހިރާއްޖޭގެ ސްޓްރެޓެޖިކް (އިސްތިރާޖީ) ޖިއޮގްރަފިކް ލޮކޭޝަންގެ ސަބަބުން ޓްރާންސްނޭޝަނަލް (ޤައުމުތަކުގެ ބޯޑަރުތައް ފަހަނައަޅައިދާ) ކުށްތަކުގެ ޓްރާންސިޓް މަންޒިލަކަށް ވުމުގެ ހިރާސް (ރިސްކު) ބޮޑެވެ. އެފަދަ ނުރައްކާ ބޮޑު ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިންގް، މަސްތުވާތަކެތީގެ ވިޔަފާރި ހިމެނޭ ކަމަށް،" ރިޕޯޓުގައިވެއެވެ. މި ނުރައްކާތަކުން ސަލާމަތް ވުމަށް ޤައުމީ އިސްތިރާޖެއް އެކުލަވާފައެއް ނެތެވެ. 2022 ގައި އެކުލެވި ރިސްކް އެސެސްމަންޓެއް އަދި އަދަށްދާން ދެންވެސް ޢާންމުކޮށްފައެއް ނުވެއެވެ. މަނީ ލޯންޑަރިންގްއާ ގުޅިގެން ރައުސުލްމާލު ދައުލަތަށް ނެގުމުގެ ޢަމުރެއް ދުވަހަކުވެސް ތަންފީޛުކޮށްފައެއް ނެތެވެ. ތަންފީޛުކުރާ ހަމައަށް ދިއުމުގެ ކުރިން ޙުކުމް ނުފުށަށް ފުރޮޅެނީއެވެ. ސިޔާސީ ނުފޫޒު ޝަރީޢަތްތަކުގެ މައްޗަށް އުފުލުމަކީ ކާމިޔާބުކަމާއެކު ދަޢުވާ އުފުލާން އޮތް މައިގަނޑު ހުރަހެއް ކަމުގައި ފާހަގަވެއެވެ. 
އެހެން މުހިންމު ނުކުތާތައް:

2023 ވަނަ އަހަރުން ފެށިގެން ރާއްޖެއަކީ "ހެރޮއިން، ކޮކެއިން، އަދި ކެނަބިސް ޓްރެފިކިންގްގެ ސްޓްރެޓެޖިކް ހަބެއްގެ ގޮތުގައި ބަލައިގަނެ، ދެކުނު އަދި އިރުދެކުނު އޭޝިޔާގެ އޯގަނައިޒްޑް ކްރައިމް ނެޓްވޯކްތަކާ ގުޅުން ޤާއިމުކޮށްފައިވާ" ތަނެކެވެ.

މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ޝައްކު ކުރެވޭ މުޢާމަލާތްތައް އިތުރުވެފައިވާ ކަމަށް 2023 ވަނަ އަހަރު ފާހަގަކޮށްފައިވެއެވެ. "ޢާއިލާގެ މެމްބަރުންނާއި ތިންވަނަ ފަރާތްތައް ފަދަ މެދުވެރިކޮށް ކޮރަޕްޝަނާއި ޚިޔާނާތާއި ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމުގައި ސިޔާސީން (ޕީއީޕީ) ބައިވެރިވާކަން ހާމަވެ" އެވެ.

ޕަބްލިކް ޕްރޮކިއުމަންޓް މަޝްރޫޢުތަކުގައްޔާއި، ކޮރަޕްޓް މުޢާމަލާތްތަކުގައި ދައުލަތުގެ ވިޔަފާރިތައް ހިމެނިފައިވެ އެވެ.

ސްކޭމްތައް ހިންގަނީ "ފިޝިން އީމެއިލްތަކާއި، ކުޑަ ފީއަކަށް ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ވަޢުދުވާ އިންވެސްޓްމަންޓް ސްކީމްތަކުން" އެވެ. އެހެނިހެން މަކަރާއި ޙީލަތުގެ ސްކޭމްތަކުގެ ތެރޭގައި އޮޅުވާލައިގެން އެޕާޓްމަންޓް ވިއްކުމާއި، ކްރިޕްޓޯކަރަންސީގެ މުޢާމަލާތްތަކާއި، ހިޖުރަވެރި މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ރެކްރޫޓްމަންޓް ފްރޯޑް ހިންގުމާއި، އިންޓާރނެޓް ބޭންކިންގް ފްރޯޑް، އަދި މާލީ އިދާރާތަކާއި ސަރުކާރުގެ ފަރާތްތައް ކަމަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުން ހިމެނެއެވެ.

ޓެރަރިޒަމް ފައިނޭންސިންގްގެ ޙާލަތަކީ ކޮބައި ހެއްޔެވެ؟

"މަތީ" ރިސްކް ރޭޓިންގްއެއް އޮތް ނަމަވެސް، ޓެރަރިޒަމް ފައިނޭންސިންގެ އެންމެ ކުށެއްވެސް ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ސާބިތުވެފައެއް ނުވެ އެވެ. މަނީ ލޯންޑަރިންއާ ގުޅުން ހުރި ނުރައްކާތަކުގެ އިތުރުން ފެންނާން ހުރި އެހެން ނާޒުކު ކަންތައްތަކެއް އެބަހުއްޓެވެ؛ "ކޭޝް އިކޮނޮމީ، ފޫއަޅުވައި ވަދެވޭ ބޯޑަރުތައް، އެސްޓީއާރު [ޝައްކު ކުރެވޭ މުޢާމަލާތު ރިޕޯޓްތައް] ރިޕޯޓްކުރުމުގައި ބަލިކަށިވުމާއި، އެލްއީއޭ [ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ] ކެޕޭސިޓީ ކުޑަވުމާއި، އެންޕީއޯ [ނޮން-ޕްރޮފިޓް އޯގަނައިޒޭޝަންތައް] ރެގިއުލޭޓް ކުރުމަށް ހުރި ގޮންޖެހުންތައް ހިމެނެއެވެ."
އެ ރިޕޯޓުގައި ބުނަނީ ޓެރަރިޒަމް ފައިނޭންސް ކުރުން ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގެ މާނަކޮށް، އެކަމުގެ މައްޗަށް ވިސްނަނީ "ހަނި" "ވިއްސިވިހާލި" ވެފައިވާ ގޮތެއްގައި ކަމަށާއި، ޓެރަރިޒަމަށް ފައިނޭންސް ކުރުމަކީ ޓެރަރިޒަމް ކަމުގައި ބަލާ ތަން ވެސް އަންނަ ކަމަށެވެ. 2023 ވަނަ އަހަރު އެމެރިކާގެ ޓްރެޜަރީ އިން ވަނީ ރާއްޖޭގެ 20 އޮޕަރޭޓިވުންނާއި އެސޯސިއޭޓް 29 ކުންފުންޏެއް އައިއެސް އާއި އަލްޤައިދާއަށް ނިސްބަތްވާ ކަމަށް ކަނޑައަޅާފައެވެ. އދ.ގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އޮނިގަނޑުގެ ދަށުން އެއިން އެއްވެސް ފަރާތަކަށް ރާއްޖޭގައި ފިޔަވަޅު އަޅާފައެއް ނެތެވެ. 
ޓެރަރިޒަމް ފައިނޭންސިންގް ދިވެހިރާއްޖޭގެ ޙާލަތުގައި ކަންބޮޑުކުރުވަނިވި ކަމަކަށް ވަނީ ކީއްވެ ހެއްޔެވެ؟
ބޮލަކަށް ޖެހޭ ބިދޭސީ ޓެރަރިސްޓް ހަނގުރާމަވެރިން ސީރިއާ އާއި ޢިރާޤަށް ދަތުރުކުރާ މީހުންގެ ނިސްބަތް އެންމެ މަތީގައި ހުރީ ރާއްޖޭގައި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ. އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ކުރިން ވަނީ ހަނގުރާމަވެރިން ހޯދުމާއި، ދަތުރުތަކަށް ފައިސާ ދިނުމާއި، ޓެރަރިސްޓް ނެޓްވޯކްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޙަރަކާތްތެރިވާ ދިވެހި ފަރުދުންނާއި ކުންފުނިތައް ދެނެގަނެފައެވެ. މޯލްޑިވްސް އިންޑިޕެންޑެންޓް (ކުރިން މިނިވަން ނިއުސް) ގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން 2014 ވަނަ އަހަރުގެ އޮގަސްޓް މަހު ވަގަށް ނެގީ އަލްޤައިދާއާ ގުޅުން ހުރި ފަރާތަކުން ކަމަށް ރިޔާސީ ކޮމިޝަނަކުން ނިންމާފައި ވެއެވެ. 

އެމްއެމްޕީއާރުސީގެ މައްސަލަ ކޮބާ ހެއްޔެވެ؟

ތާރީޚީގޮތުންވެސް ހޮވައިނެގޭ ފެންވަރުގެ ކޮރަޕްޝަންގެ މައްސަލައެއް ކަމަށްވާ މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގައި 90 މިލިއަން އެމެރިކާ ޑޮލަރަށް ޚިޔާނާތްތެރިވި ވާހަކަ ރިޕޯޓުގައި ވަކިން ފާހަގަކޮށްފައެއް ނުވެއެވެ. ވަގަށް ނަގާފައިވާ ފައިސާ ލިބުމުގެ ފަރާތުން މައްސަލައިގައި ޝާމިލުވާ 281 ފަރާތެއްގެ ތެރެއިން ގިނަ ބަޔަކަށް ޢުޤޫބާތަކާ ކުރިމަތިލާކަށް ނުޖެހެއެވެ. 

ފާހަގަކުރެވުނު އިތުރު މައްސަލަތަކަކީ ކޮބާ ހެއްޔެވެ؟

ރިޕޯޓުގައި ވަނީ ޤަވާޢިދާ ޚިލާފަށް ފައިސާ މާރުކުރާ މީހުންނާއި، ޙަވާލާ (ނުރަސްމީ، އިސްލާމީ ޤައުމުތަކުގައި ގެންގުޅޭ މަނީ ޓްރާންސްފާރ އޮނިގަނޑެއް) އޮޕަރޭޝަންތައް ޢާންމުވެފައިވާތީ ފާޑުކިޔާފައެވެ. މިއީ އެކަންކަމުގެ ވާނުވާ ރަނގަޅަށް އޮޅުން ފިލުވިފައި ފުލުހުންނަށް ނެތް، ކަމާ ގުޅޭ އެކަށީގެންވާ ސިޔާސަތުތައް ނެތް މައްސަލަތަކެވެ. ޓެރަރިޒަމް ފައިނޭންސިންގް އަށް ދިވެހިރާއްޖެ ހުށަހެޅުމުގެ ފުރުޞަތު ބޮޑު ނަމަވެސް، ހިލޭ ސާބަހަށް ހިންގާ ޖަމްޢިއްޔާތަކުގެ "ސިސްޓަމެޓިކް މޮނިޓަރިންގް" (ޤަވާޢިދުން ބަލާ ފާރަވެރިވަމުން ދިއުން)  ދޯދިޔާކަމަށް ރިޕޯޓުގައި ބުނެއެވެ. ރިސޯޓް ތަރައްޤީކުރުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދެމުންދަނީއެވެ. ރިއަލް އެސްޓޭޓް ދާއިރާ ވަރުހެސަ ވަނީއެވެ. ނަމަވެސް އެއްވެސް ރެގިއުލޭޓަރީ އޮނިގަނޑެއް ނެތެވެ.

ދިވެހިރާއްޖެ އަށް މިކަމުގެ އަސަރުފޯރަނީ ކިހިނެއް ހެއްޔެވެ؟

ދަށް ރޭންކިންގް ލިބޭ ޤައުމުތަކުގެ މައްޗަށް ބައިނަލްއަޤްވާމީ ބޭންކުތަކާއި މާލީ އިދާރާތަކުގެ ފާރަވެރިކަން އިތުރު ކުރާނެއެވެ. ބައިނަލްއަޤްވާމީ މުޢާމަލާތްތައް ހިންގުމަށް ދަތިވެ، އަގު އުފުލޭނެއެވެ. ސީރިއަސް ޙާލަތްތަކުގައި އެފްއޭޓީއެފްގެ "ގްރޭ ލިސްޓުގައި" ޤައުމެއް ހިމެނިދާނެއެވެ. މިއީ ބޭރުގެ އިންވެސްޓްމަންޓާއި ކޮރެސްޕޮންޑެންޓް ބޭންކިންގް ޚިދުމަތްތައް ހޯދާން ދަތިވާނެއެވެ. 
ރިޕޯޓްގައި އިޞްލާޙުކުރަން ލަފާދިން ކަންކަމުގައި ހޯދޭ ކުރިއެރުންތައް ދިވެހި ސަރުކާރުން ޤަވާޢިދުން ރިޕޯޓުކުރަމުން ދާން ޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ބޭންކުތަކަށް ދުނިޔޭގެ މާލީ ނިޒާމަށް ސީދާ ވަދެވޭނެ ގޮތެއް ނެތެވެ. ރާއްޖޭގެ ބޭންކުތައް ބަރޯސާވެފައިވަނީ ނިއުޔޯރކާއި އެހެން މާލީ ވެރިރަށްތަކުގައި ހުރި ކޮރެސްޕޮންޑެންޓް ބޭންކުތަކަށެވެ. އެހެން ޤައުމުތަކުގެ ކުދި ބޭންކުތަކުގެ މެދުގައި ކުރާ މުޢާމަލާތްތައް ޢާންމުކޮށް ބަލަހައްޓާ އެމެރިކާ ނުވަތަ ޔޫރަޕްގެ ބޮޑެތި ބައިނަލްއަޤްވާމީ ބޭންކުތަކަށެވެ. ފަތުރުވެރިކަމުގެ ސިނާޢަތާއި ބައިނަލްއަޤްވާމީ ގިނަ ވިޔަފާރީގެ ބިންގަލެއް ކަމަށްވާ އެމެރިކާ ޑޮލަރު ފޮނުވުމާއި، ލިބުމުގެ ކަންކަން ހިންގަނީ މި ބޭންކުތަކުގެ މެދުވެރިވުމާ އެކުގައެވެ. 
ދިވެހިރާއްޖެއަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ކޮރެސްޕޮންޑެންޓް ބޭންކުތަކުން ނިންމައިފި ނަމަ، އިތުރު ކޮމްޕްލައިންސް ޚަރަދުތަކެއް ދައްކާން ޖެހި، ވަކި، ބައެއް މުޢާމަލާތްތަކަށް ދަތިކޮށް، ނުވަތަ ހިފަހައްޓާ، މުޅިން ގުޅުން ކަނޑާވެސް ލައިފާނެއެވެ.  މިއީ ބައިނަލްއަޤްވާމީ ބޭންކިންގް ގެ ދާއިރާގައި ކިޔާ ގޮތުންނަމަ "ޑީ-ރިސްކިންގް" އެވެ. ޚާއްޞަކޮށް ކުދި ޖަޒީރާތަކުގެ މައްޗަށް ފެތުރިފައިވާ ޤައުމުތަކުގެ އިޤްތިޞާދުތަކަކީ މިބާވަތުގެ ހިފެހެއްޓުންތަކާއި އޮބަހެއްޓުންތަކުގެ ޝިކާރައަކަށް ވެފައިވާ ޤައުމުތަކެކެވެ. ދުނިޔޭގެ މާލީ ނިޒާމުން މުޅިން އެކަހެރިވެ ދިއުމުގެ ރިސްކު (ހިރާސް) އެޤައުމުތަކަށް ބޮޑެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ