ދެ އިންތިޚާބު އެއްކޮށްލީމާ ވާނީ ކިހިނެއް؟

ހުށަހަޅާފައިވާ އިޞްލާޙުތައް ޢާންމު ފެންނަނުފެންނަ ވޯޓަކުން ފާސްކުރާން ޖެހޭނެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ސަރުކާރުން ހުށަހަޅަނީ ކޮންކަމެއް ހެއްޔެވެ؟

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްދުވަހު ބޭއްވުމަށް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަށެވެ. މިހާރު އޮތް ނިޒާމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ވޯޓުލާންޖެހެއެވެ؛ ސެޕްޓެންބަރު މަހު އޮންނަ ރިޔާސީ އިންތިޚާބާއި، އޭޕްރީލް މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ.
މިކަން ބަދަލުކުރުމަށް ސަރުކާރުން ހުށަހެޅީ މަޖިލިސް ދައުރުގެ ފެށުން މެއި މަހުން އެނިމުނު އަހަރުގެ ޑިސެމްބަރު 1 އަށް ކުރިއަށް ޖެއްސުމަށެވެ. ދެ އިންތިޚާބު އެއްކޮށްލައިގެން ފުރަތަމަ ބާއްވާ ވޯޓު އޮންނާނީ 2028 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
ސަރުކާރުން ސްޕޮންސަރ ކުރި ބިލް ހޮނިހިރު ދުވަހު ބޭއްވި ދައުރުން ބޭރު، ޚާއްޞަ ޖަލްސާއަކަށް ހުށަހެޅުއްވީ މަޖިލިސް މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާޙްއެވެ. އެއަށްފަހު، ހޯމަ ދުވަހުވެސް އެފަދަ ޖަލްސާއެއް އޮންނާނެ ކަމަށް އާދިއްތަ ދުވަހު މަޖިލިސް މެންބަރުންނަށް އެންގިއެވެ. 
ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ޖަލްސާގައި އެ ބިލަށް ބަޙުޘްކޮށް މެންދުރު ފަސް ވީއިރު ކޮމެޓީއަށް ފޮނުވައިފިއެވެ. ޖެނުއަރީ 15 އިގެ މެންދުރު ފަހު 2 ގެ ކުރިން ޢާންމުންނަށް ޚިޔާލު ފޮނުވޭނެއެވެ. އެ ޚިޔާލުތަކުގެ އަލީގައި ބިލު އިތުރަށް މުރާޖަޢާކުރާން ތާވަލުކޮށްފައި އޮތީވެސް ޖަނަވަރީ 15 އަށެވެ. އޭގެ ފަހުން ބިލު ފާސްކުރަން މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހާނެއެވެ.

މިކަން މިވަގުތު ހުށަމިއަޅަނީ ކީއްވެގެން ހެއްޔެވެ؟

ރައީސް ޑރ މުޙައްމަދު މުޢިއްޒު ހުށަހަޅުއްވާ އިންތިޚާބީ ނިޒާމުގެ އިޞްލާޙުތަކުގެ ވާހަކަފުޅު އެއްމެ ފުރަތަމަ އިޢުލާން ކުރެއްވީ ޖުމްހޫރީ ދުވަހުގެ ޚިޠާބުގައި 2024 ގެ ނޮވެންބަރު ގައެވެ. 2025 ގެ އޭޕްރީލް މަހު ވެރިކަންކުރާ ޕާޓީ - ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލިސް މެންބަރުން ގާތުގައި، އެ ބަދަލުތަކާ ގުޅޭ ގޮތުން ޢާންމު ފެންނަ ނުފެންނަ ވޯޓެއް ނަންގަވާން ޤަސްދުކުރައްވާކަމަށް އެމަނިކުފާނު އޮތީ ވިދާޅުވެފައެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި ބިލް ހުށަހަޅުއްވަމުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަމުގައިވެސް ހުންނެވި ފަލާޙް ވިދާޅުވީ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ (5.2 މިލިއަން އެމެރިކާ ޑޮލަރު) ސަލާމަތް ކުރެވޭނެ ކަމަށެވެ. އަވަސް އަރުވާލައިގެން ދުސްތޫރީ ބަދަލުތައް ސަރުކާރުން ގެންނަކަމުގެ ފާޑުކިޔުންތަކަށް ރައްދުދެއްވާ އޭނާ ވިދާޅުވީ އޭޕްރީލް 4 އަކަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު، ދެ އިންތިޚާބު އެއްކޮށްލުމާމެދު ޢާންމުންނަށް ފެންނަ ނުފެންނަ ގޮތެއް ކަނޑައެޅުމުގެ ވޯޓު ނެގުން ރަނގަޅުކަމަށް ދެކެވަޑައިންނަވާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތާ ޚިލާފަށް، މަޖިލީހުގެ މެންބަރުންގެ އެދިވަޑައިގަތީމާ ދައުރުން ބޭރު، ޚާއްޞަ ޖަލްސާތައް ބޭއްވުމުގެ ފުރުޞަތު ހިންގާ ޤަވާޢިދުން ލިބިދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
2028 ގެ މޭ މަސް ވާންދެން މަޑުނުކޮށް، ޑިސެންބަރާ ހަމައިން މަޖިލިސް ދައުރު ނިމޭގޮތް ހެދުމުން، މަޖިލިސް މެންބަރުންގެ 6 މަސް ދުވަހުގެ މުސާރައަށްވާ 450،000 ރުފިޔާ ގެއްލިގެން ދާނެ ކަމަށާއި، އެހެންނަމަވެސް، އެކަން ޤުރުބާންކުރަން މެންބަރުން ތިއްބެވީ ތައްޔާރަށްކަމަށް ބިލު ފާސްކުރުމަށް ބާރު އަޅުއްވާ ޕީއެންސީގެ ޕީޖީ ލީޑަރު އިތުރަށް ވިދާޅުވިއެވެ.

ދުސްތޫރީ މިބަދަލު ގެނައުމުގެ އިޖުރާޢަތުތައް ހުރިނެތްގޮތަކީ ކޮބާ ހެއްޔެވެ؟

އެކު ޖުމުލަ 93 މެންބަރުން ތިއްބަވާ ރައްޔިތުންގެ މަޖިލީހުގައި 75 ގޮނޑީގެ ސުޕާރމެޖޯރިޓީ ލިބިފައިވަނީ ވެރިކަންކުރާ ޕީއެންސީއަށެވެ. ޤާނޫނު އަސާސީއަށް ބަދަލުގެންނާން ބޭނުންވާ ތިންބައިކުޅަ އެއްބައި އަޣުލަބިއްޔަތަށް ފަސޭހަކަމާއެކު ޕީއެންސީގައި އެބަ އޮތެވެ.
ނަމަވެސް އަސާސީ ހައްޤުތަކާއި މިނިވަންކަމުގެ ބާބަށް (ދެވަނަ ބާބު) ނުވަތަ އިންތިޚާބީ ދައުރުގެ މުއްދަތާއި ރިޔާސީ އިންތިޚާބު ކުރިއަށް ގެންދާނެ ގޮތް ކަނޑައަޅާފައިވާ މާއްދާއަށް ބަދަލު ގެނެސްފިނަމަ، އެކަން ތަޞްދީޤުކުރެވޭނީ ޢާންމުކޮށް ނަގާ، ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެންނެވެ.
ބިލުގެ ކޮމެޓީ މަރުޙަލާގައި ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރިއަށް ގެންދަވާނެ ކަމަށް މެޖޯރިޓީ ލީޑަރު ފަލާޙް ވިދާޅުވިއެވެ.
ޢާންމު ފެންނަ ނުފެންނަ ވޯޓަކަށް އެހެންވީމާ ދެއިންތިޚާބު އެއްކުރުމާމެދު ދާނީ މަޖިލީހުން ފާސްކުރުމަށް ފަހުގައެވެ. އެހިސާބުން ވޯޓު ލާ މީހުން އެބަދަލަށް ދެކޮޅު ހަދައިފިނަމަ، ބާޠިލުވީއެވެ.
މި ފެންނަ ނުފެންނަ ވޯޓު ވެގެންދާނީ ދިވެހިރާއްޖޭގައި އޮންނާން ފެންނަ ވެރިކަމުގެ ނިޒާމަކީ ރިޔާސީތޯ ނުވަތަ ބަރުލަމާނީތޯ ބަލާން 2007 ގައި ނެގި ވޯޓުގެ ފަހުން ޤައުމީ ފެންވަރުގައި ނެގޭ މިފަދަ ފުރަތަމަ ވޯޓަށެވެ.

ތާޢީދުކުރާ މީހުން ދައްކާ ސަބަބުތަކަކީ ކޮބާ ހެއްޔެވެ؟

މި ބަދަލުން އެތައް ބައިވަރުތަކެއް ސަލާމަތްކުރެވޭނެ ކަމަށް ސަޕޯޓަރުން ބުނެއެވެ. ވަކިވަކިން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ބާއްވަން ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ (ފުރަތަމަ ބުރުގައި ރިޔާސީ ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ދެވަނަ ބުރެއް ވެސް ހިމެނޭ) ޚަރަދުވާނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ޗެއާމަން ފުއާދު ތައުފީޤް ލަފާކުރެއްވި ގޮތުގައި ދެ އިންތިޚާބު އެއްކޮށްލީމާ ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ  ސަލާމަތް ކުރެވޭނެއެވެ.
މިއާއެކު ލޮޖިސްޓިކަލް (އިންތިޒާމީ) ބުރަތައް ކުޑަވެގެންދާނެ އެވެ. ވޯޓު ފޮށިތައް ބަހައްޓާން މައިގަނޑުގޮތެއްގައި ބޭނުންކުރާ ސްކޫލްތައް ވޯޓަށް ބަންދުކުރާންޖެހޭ މުއްދަތު ކުޑަވާނެއެވެ. އިލެކްޝަންސްގެ އޮފިޝަލުން ހޯދައި ތަމްރީނު ކުރަން ޖެހޭނީ އެންމެ ފަހަރަކުއެވެ. ވޯޓު ފޮށިތަކާއި އެހެނިހެން ކަމާބެހޭ ތަކެތި ރަށްރަށް ފޮނުވުމުގެ މަސައްކަތްވެސް ދެ އިންތިޚާބު އެކުވީމާ ލުއިވީއެވެ.
ވޯޓުލާ މީހުންގެ ޢަދަދު ބޮޑުވާނެއެވެ. ޢާންމުކޮށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު ވޯޓުލުމުގެ ނިސްބަތް ދަށްވެ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ޖެހޭއިރު އެޢަދަދު އިތުރަށް ވެއްޓިގެންދެއެވެ. އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ލަފާދެއްވީ ދެ އިންތިޚާބު އެއްކޮަށް ބޭއްވީމާ ވޯޓުލުމުގެ ނިސްބަތް 90 އިންސައްތައިގައި ހުންނާނެ ކަމަށެވެ.
މިހާރު ވެރިކަމުގައި ނުވަތަ ގޮނޑީގައި ތިބި މީހުންނަށް އޮތް ފައިދާ ބަލިކަށިވެދާނެ އެވެ. 2019 އާއި 2024 ގެ ނޮވެމްބަރު މަހު ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ޕާޓީން ޖެހިގެން އައި އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބު ބޮޑު ތަނުން ކާމިޔާބު ކުރިއެވެ. ސުޕާރމެޖޯރިޓީ ހޯދައިގެންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާ ދެމެދު ވެރިކަން ކުރާ ޕާޓީތަކަށް އާކޮޅުގެ ފައިދާއާއި ދައުލަތުގެ ވަޞީލަތްތައް އަތްފޯރާ ފަށުގައި ހުރުމުގެ ފައިދާ ލިބެއެވެ. ދެ އިންތިޚާބުވެސް އެއްފަހަރާ ބޭއްވުމަކީ ވާދަވެރިކަމުގެ ހަމަހަމަކަމަށް ބާރުދޭ ކަމެކެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ކެމްޕޭން ޖަގަހަތައް ހިންގައި، އަދި އަމުދުން ވެރިރަށް މާލޭގެ ކެމްޕޭނުގެ އެތައް މަސްދުވަސް ކުރިއްސުރެ އަޑުގަދަކުރާއިން ލަވަޖެހުމާއި، އެއްވުމާއި، މިބާވަތުގެ ކަންތައްތަކެއް ކެނޑިނޭޅި ހިނގައެވެ. އެކަމުން ޢާންމު ދިރިއުޅުމަށް ހިސާބަކަށް ދަތިކަން ކުރިމަތިވެއެވެ. މިސާލަކަށް އިމްތިޙާނުތަކަށް ތައްޔާރުވާ ދަރިވަރުންނަށް ކެމްޕޭން ސީޒަން ކުރުވުމުން ލުއިވާނެއެވެ. 

ތާޢީދު ނުކުރާ މީހުން ދައްކާ ސަބަބުތަކަކީ ކޮބާ ހެއްޔެވެ؟

އިދިކޮޅު ފަރާތްތަކުން ފާޅުކުރަނީ ޑިމޮކްރެޓިކް ހަމަތަކުން ޖަވާބުދާރީވުމާއި، ބާރުތަކުގެ ބެލެންސްއާއި، ވެރިކަން ކުރާ ޕާޓީ އިން ކޮންޓްރޯލް ވަރުގަދަކުރުމާ މެދުގައި ހުރި ކަންބޮޑުވުންތަކެކެވެ. ރައީސުލްޖުމްހޫރިއްޔާ އަދި މަޖިލިސް މެންބަރުން އެއް ދުވަހަލު އިންތިޚާބުކުރާ ނަމަ، ވޯޓުލާ މީހުން ވޯޓުލާއިރު، އެއް ޕާޓީއަކަށް ވޯޓުލުން މާ ގާތެވެ. މިމަގުން އަލަށް އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕާރމެޖޯރިޓީއެއް ހޯދާން އިތުރަށް ފަސޭހަވެދާނެއެވެ.
އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ޖަވާބުދާރީކުރުވުމުގެ ބައި ބަލިކަށިވެގެން ހިނގައިދާނެއެވެ. މައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އާއި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވާ ގޮތުގައި އަހަރުތަކަށް ބަހާލެވިގެން ބާއްވާ އިންތިންޚާބުތަކުގެ ރައީސަކަށް ހޮވާ މީހެއްގެ ޕާރފޯމަންސް ބައި އަހަރު ވަރު ވާންދެން ވަޒަންކުރުމަށްފަހު، ދެން ޖަވާބުދާރީ ކުރެވޭނެ މަޖިލީހެއް ހޮވާން ފުރުޞަތު ފަހިވެއެވެ.
އިންތިޚާބުތައް އެއްކޮށްލުމުން މިފުރުޞަތު ބަންދުވާނެ ކަމަށް ހުކުރު ދުވަހުގެ ރޭ ޕީޕަލްސް ނޭޝަނަލް ފްރަންޓްގެ ބައްދަލުވުމެއްގައި ރައީސް ޔާމިން ވިދާޅުވިއެވެ. އަދި ފުރަތަމަ މަސްތަކުގައި ރައީސެއްގެ ޕާރފޯމަންސް ދަށްނަމަ ވޯޓުލާ މީހުންނަށް މަޖިލިހަށް ޖަވާބުދާރީ ކުރުވޭނެ، އިދިކޮޅު މެމްބަރުން ހޮވޭނެކަމަށް އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ. 
ޚަރަދު ކުޑަކުރުމުގެ ވާހަކަ ރައީސް ޔާމީނާއި އެމްޑީޕީން ވެސް ދޮގުކުރެއެވެ. ޚަރަދު ކުޑަކުރުމަކީ އިސްކަންދޭ ކަމެއް ނަމަ ސަރުކާރަށް ނިންމާނީ ހުރިހާ އިންތިޚާބެއް އެއްކޮށްލާން ކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒު ގިނަގިނައިން ކުރައްވަމުން ގެންދަވާ ދަތުރުފަތުރުގެ ޚަރަދު ދެއިންތިޚާބު އެއްކޮށްލުމުން ސަލާމަތްކުރެވޭ ފައިސާއަށްވުރެ މާ ގިނަކަމަށްވެސް އެމަނިކުފާނު ވިދާޅުވި މެއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވީ އެހެން ދާއިރާތަކުން ޚަރަދު ކުޑަކުރާން ސަރުކާރުން މާބޮޑު ޝައުގުވެރިކަމެއް ދައްކާ ތަން ނުފެންނަކަމަށާއި އިންތިޚާބާ ޖެހުނީމާ ކުއްލިއަކަށް މާލީ ޑިސިޕްލިން (މާލިއްޔަތު ބެލެހެއްޓުމުގެ ހަމަޔާއި އަޚްލާޤް) މުހިންމީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ. ފައްޔާޒް ވިދާޅުވީ ޚަރަދުކުޑަކުރާން ިކަމަށް ބުނެ، ސިޔާސީ ބާރުވެރިކަން އެއްކުރާން ސަރުކާރުން ހުށަހަޅާފައިވާ ބަދަލުތަކާމެދު ރައްޔިތުން ސަމާލުވާން ޖެހޭނެ ކަމަށެވެ.
ފައްޔާޒު ހުށަހެޅުއްވީ ރިޔާސީ އިންތިޚާބާއެކު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން އިންތިޚާބު ކުރާށެވެ. ދައުރު ދެބައިވާ ހިސާބުގައި މަޖިލީހުގެ ދެވަނަ ބައި މެންބަރުން އިންތިޚާބު ކުރާންވީއެވެ. އޭރުން ސަރުކާރުގެ ޕާރފޯމަންސަށް ބަލާ، ޖަވާބުދާރީ ކުރުވޭނެ ހަމައެއްގައި މަޖިލިސް އިންތިޚާބު ކުރުމުގެ ފުރުޞަތު ފަހިވީއެވެ. މިއީ އެމެރިކާގައި ކޮންގްރެސް އިންތިޚާބު ކުރާ ހަމައެވެ.
ދެ އިންތިޚާބު އެއްކުރުން ރަނގަޅުކަމަށް ހަމައެކަނި ވިދާޅުވި އިދިކޮޅުގައި ހުންނެވި ލީޑަރަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުއެވެ. އޭނާ މިހާރު ހުންނެވީ އެމްޑީޕީގެ ފެކްޝަންތަކުގެ ކޯޅުންތަކުގައި ފައްޔާޒާއި ގުޅިވަޑައިގެންނެވެ. 

އެމްޑީޕީގެ ސްޓޭންޑަކީ ކޮބައި ހެެއްޔެވެ؟

"މިއީ ޤާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެންމެ ވަރުގަދަ އަސާސީ ޙައްޤު ކަމަށްވާ ވޯޓުގެ ބާރު ނަގާލާން، މަކަރުވެރިކަމާއެކު ރާވާފައިވާ ނުބައި ރޭވުމެއް!" އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވެއެވެ. 
"ދެ އިންތިހާބު އެއްކޮށްލުމަށް އެމްޑީޕީން ތާޢީދެއް ނުކުރޭ،" އިދިކޮޅު މައި ޕާޓީގެ ވަގުތީ ޗެއާރޕާސަން ޢަބްދުލްޣަފޫރު މޫސާ ހޯމަ ދުވަހުގެ ބަހުޘްގައި މަޖިލީހުގެ ތަޅުމުގައި ވިދާޅުވިއެވެ. ގެންނާން ހުށަހަޅާފައިވާ ބަދަލު މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) މެދުވެރިކޮށް ރަނގަޅަށް ދިރާސާ ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
ޚަރަދު ކުޑަކުރުމުގެ ސަބަބަށްވެސް ޣަފޫރު ރައްދު ދެއްވިއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް 500 އެއްހާ މުވައްޒަފުން ޕަބްލިކް ވާރކްސް މިނިސްޓްރީއަށް ނަގާން އިޢުލާން ކޮށްފައިވާކަން ފާހަގަކުރައްވާ، ހަނިމާދޫ ދާއިރާގެ މެންބަރު ޣަފޫރު ވިދާޅުވީ އެއީވެސް 72 މިލިޔަން ރުފިޔާގެ އިތުރުވުމެއް ދައުލަތުގެ ޚަރަދަށް އަންނާނެ ކަމެއް ކަމަށެވެ. އަދި މުސާރައަށް ދައުލަތުން ކުރާ ހޭދަ ނިމިދިޔަ ވެރިކަމުގައި 11 ބިލިއަން ރުފިޔާގައި ހުރިއިރު، 17 ބިލިއަން ރުފިޔާއަށް މިހާރު ބޮޑުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 
އެމްޑީޕީގެ ވަގުތީ ޗެއާރޕާސަން ވިދާޅުވީ މިއީ ހެޔޮ ނިޔަތެއްގައި ގެންނާން އުޅޭ ބަދަލުތަކެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މިއީ ޤައުމު ޚުދުމުޚުތާރު ވެރިކަމެއްގެ ތެރެއަށް ގެންދިއުމަށް ހިންގާ ގޯހެއް ކަމަށެވެ. 
ކޮމިޓީތަކުގައި ނުނިމި ހުރި މަސައްކަތްތައް ނިންމާން ޗުއްޓީގެ ދުވަސްވަރުގައިވެސް ޖަލްސާ ބާއްވަން ޕީއެންސީގެ 31 މެންބަރަކު ސޮއިކުރައްވާ، ފޮނުއްވާފައިވާ ސިޓީއާ ގުޅުވައި، އިތުރު ޖަލްސާތައް ތާވަލް ކުރަން ނިންމާފައިވާކަން މަޖިލީހުގެ ރައީސް އިޢުލލާން ކުރައްވާފައި ވެއެވެ. މިއާއެކު އެމްޑީޕީގެ 12 މެމްބަރުންގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ މަޖްލިސް ބޮއިކޮޓް ކުރާނެ ކަމަށް ބުނެފައެވެ.

ސަރުކާރުން ހުށަހެޅި ބަދަލު ނޫން ދެން ކޮން ގޮތްތަކެއް ހެއްޔެވެ؟

ޣަފޫރާއި ފައްޔާޒު ވެސް ތާޢީދު ކުރެއްވީ ރިޔާސީ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބު އެއްކޮށްލުމަށެވެ. އަސްލު އަމާޒަކީ ފައިސާ ރައްކާކުރުން ނަމަ މިއީ ރަނގަޅު އިސްލާޙަކަށް ވާނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވިއެވެ. މި ދެ އިންތިޚާބުގައިވެސް ހޮވަނީ ޚިދުމަތްކުރާން ޖެހޭ މަޤާމުތަކަށެވެ. ޤައުމީ ފެންވަރުގައި ރައީސެވެ. ލޯކަލް ފެންވަރުގައި ކައުންސިލެވެ. މިއާ ޚިލާފަށް މަޖިލިސް މެންބަރުން އިންތިޚާބު ކުރަނީ ވަކި ޚިދުމަތެއް ފޯރުކޮށްދިނުމުގެ ބަދަލުގައި، ސަރުކާރަށް ފާރަވެރިވުމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށެވެ. 
މީގެއިތުރުން ފައްޔާޒު ހުށަހެޅުއްވީ 5،000 ރައްޔިތުންގެ މައްޗަށް އިންތިޚާބީ ދާއިރާއެއް އެކަށައެޅިފައި އޮތް އޮތުން އުވާލައި، ޤާނޫނު އަސާސީއަށް ބަދަލު ގެނެސް، މަޖިލިހުގެ ސައިޒު ކުޑަ ކުރުމަށެވެ. އާބާދީ ބޮޑު، ވަރުހެސަ ދާއިރާތަކުން ލަޔާޤަތާއި ޤާބިލުކަންހުރި ވަރުގަދަ މެންބަރުން އޭރުން އިންތިޚާބުވުމުގެ ފުރުޞަތު އިތުރުވެ، މައުނަހުރި އެކަށީގެންވާ ގޮތެއްގައި މަޖިލިސް ހިންގާން ފަހިވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

ދެ އިންތިޚާބު އެއްކޮށްލީމާ ވޯޓު ގަނެވިއްކުމުގެ މައްސަލަ ގޯސްވެދާނެ ހެއްޔެވެ؟

މިއީ މަދަނީ ޖަމްޢިއްޔާތަކުން ފާޅުކުރި ކަންބޮޑުވުމެކެވެ. ވެސްޓްމިންސްޓާރ ފައުންޑޭޝަން ފޯރ ޑިމޮކްރަސީގެ ރިޕޯޓެއްގައި ބުނެފައި ވަނީ ރާއްޖޭގެ އިންތިޚާބުތަކުގައި ވޯޓު ގަތުމަކީ މިހާރު ވެސް ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ކަމެއް ކަމަށެވެ. މަޖިލީހުގެ ގޮނޑިއެއް ކަށަވަރު ކުރާން، ކެންޑިޑޭޓުން ކެމްޕޭންތަކަށް 2 މިލިއަނާއި 15 މިލިއަނާ ދެމެދުގެ ޢަދަދަކަށް ޚަރަދުކުރާ ކަމަށެވެއެވެ.
އެކަށީގެންވާ ރައްކާތެރިކަމެއް ނެތި އިންތިޚާބީ ބަދަލުތައް ގެނައުމަށް އަވަސްވެގަތުމަކީ ގޯސްތައް އިތުރަށް ފުޅާވެ، ޢާންމުވެދާނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިންވެސް އިންޒާރު ދީފައިވެއެވެ. އެކަށީގެންވާ ގޮތުގައި މަދަނިއްޔަތާއި އިންތިޚާބުތަކާ ގުޅޭ ހޭލުންތެރިކަން އުފައްދައި، ހާމަކަން ބޮޑު ވޯޓެއް ނެގުމުގެ މުހިންމުކަމަށް ޓީއެމް އިން ބާރު އެޅިއެވެ. 
ދެ އިންތިޚާބު އެއްކޮށް ބާއްވާއިރު، ބެލެހެއްޓުންތެރިކަން ހަރުދަނާ ނުވެއްޖެނަމަ ވޯޓު ގަތުމުގެ ފުރުޞަތުތަކާއި ދައުލަތުގެ ވަޞީލަތްތައް ބޭނުންކުރުން މަދުވުމުގެ ބަދަލުގައި އެތައް ގުނައެއް އިތުރުވެދާނެ ކަމަށް މަދަނީ މުޖުތަމަޢުން އިންޒާރު ކުރެއެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ