ދެ ދަރަޖައެއްގައި ދޭ ޖުމުލަ 22،900 ބޯހިޔާވަހިކަން: މާލޭގެ ސޯޝަލް ހައުސިންގްގެ އާ ހަމަތައް
ބޯހިޔާވަހިކަން ލިބެނީ ކާކަށް، ކިހިނަކުން، ކޮން ތާކުން، ކޮން މިންވަރަކަށް؟

ކުރެހުމާއި ޑިޒައިން: ޑޮސެއިން
04 ޖެނުއަރީ
ހޯމަ ދުވަހު ސަރުކާރުން ވަނީ ގްރޭޓާރ މާލޭ ސަރަޙައްދުގައި ފްލެޓްތަކާއި ގޯތި ދިނުމުގެ އާ ސިޔާސަތެއް ޢާންމުކޮށްފައެވެ. ތިރީގައި އެވަނީ އެސިޔާސަތުގެ ހިމުން ޚުލާޞާއެކެވެ.
އާ ހަމަތައް ތަޠުބީޤު (އެޕްލައި)ވަނީ ކޮން ކަންކަމަކަށް ހެއްޔެވެ؟
ވެރިކަމާ ޙަވާލުވެވަޑައިގެންނެވިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ސަރުކާރުން އެވަނީ ”ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ދަށުން ގްރޭޓާރ މާލޭ ސަރަޙައްދުން 15،000 ގޯއްޗާއި 7،900 ފްލެޓް ދޫކުރާން ނިންމާ، އެކަން އިޢުލާންކޮށްފައެވެ. ފޯމު ހުށަހަޅާން ހުޅުވާލަނީ ޖެނުއަރީ 15 ގައެވެ. ސުންގަޑިއަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހެވެ.
ފްލެޓަށް އަދި ބިމަށްވެސް ކަނޑައަޅާފައިވަނީ ވަކިވަކި އުޞޫލެވެ. ޝަރުޠު ހަމަވާ ފަރާތްތަކާއި ހޮވޭނެ ގޮތް އެއުޞޫލުތަކުގައި ކަނޑައަޅާފައި ވެއެވެ. މިދެ އުޞޫލު ގެޒެޓުކުރުމާއެކު، 17 ނޮވެންބަރު 2025 ގައި ގެޒެޓުކުރި ކަމާބެހޭ އުޞޫލު ބާޠިލުވީއެވެ.
ނޮވެމްބަރު މަހުން ފެށިގެން ބަދަލުވީ ކޮން ކަމެއް ހެއްޔެވެ؟
ހައުސިން މިނިސްޓްރީން ބުނަނީ ސިޔާސަތުތަކަށް އިޞްލާޙު ގެނައީ މާލޭގެ އަވަށްތަކުގެ ރައްޔިތުންނާއެކު ދާދި ފަހުން ރައީސް ޑރ މުޙައްމަދު މުޢިއްޒު ބޭއްވެވި ޢާންމު ބައްދަލުވުންތަކުގައި ޢާންމުން ފާޅުކުރި ކަންބޮޑުވުންތަކަށް ރިޢާޔަތްކޮށެވެ.
ޝަރުޠުތަކަށް މައިގަނޑުގޮތެއްގައި ގެނައީ ތިން ބަދަލެކެވެ. ފުރަތަމަ ކަމަކީ ކުރީގެ ސްކީމްތަކުގެ ދަށުން އެއް ނުވަތަ ދެ ކޮޓަރީގެ އެޕާޓްމަންޓު ލިބިފައިވާ ފަރާތެއްނަމަ، އެތަންތަން ދޫކޮށްލެވިދާނެއެވެ. އެއީ 18 އަހަރު ނުފުރޭ ދަރިން (އެއް ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތައް) ނުވަތަ ދެ ޖިންސްގެ 18 އަހަރު ނުފުރޭ ދަރިން (ދެ ކޮޓަރީގެ ފްލެޓް ލިބިފައިވާ ފަރާތްތައް) ތިބި ނަމައެވެ.
ދެވަނަ ކަމަކީ، އެހެން ރަށެއްގައި އަނބިމީހާ ނުވަތަ ފިރިމީހާގެ ބިމެއް ނުވަތަ ފްލެޓެއް އޮވެގެން ޑިސްކޮލިފައި ނުވުމެވެ. ފިރިމީހާ ނުވަތަ އަނބިމީހާގެ 400 އަކަ ފޫޓަށްވުރެ ބޮޑު ފްލެޓެއް ނުވަތަ ގޯއްޗެއް ގްރޭޓަރ މާލޭ ސަރަޙައްދުގައި ހުރި ނަމަ، ޑިސްކޮލިފައި ވާނެއެވެ. ނޮވެންބަރު ޝާޢިއުކުރި ސިޔާސަތު ބުނަނީ ދިވެހިރާއްޖޭގެ ކޮންމެ ތަނެއްގައި ވެސް އަނބިމީހާ ނުވަތަ ފިރިމީހާގެ މިލްކުވެރިކަމުގައި ގޯއްޗެއް ނުވަތަ ފްލެޓެއް އޮތުމުން ޑިސްކޮލިފައިވާނެ ކަމަށެވެ.
ތިންވަނަ ކަމަކީ، މާލޭގައި "ދާއިމީ އެޑްރެހަކަށް" ނިސްބަތްވާންޖެހޭ މުއްދަތުގެ ޝަރުޠަށް ގެނައި ބަދަލެކެވެ. ކުރިން 5 އަހަރު ރެޖިސްޓްރީވިތާ ވާންޖެހެއެވެ. މިބަދަލާއެކު އެއް އަހަރުގެ މުއްދަތު ފުދެއެވެ. ކުރީ ސަރުކާރުން ގެންގުޅުނު ހަމައިގައި، އެއްވެސް އިރެއްގައި ރާއްޖޭގެ އެހެން ރަށެއްގައި ރެޖިސްޓްރީވެފައި އޮވެގެން ނުވެއެވެ.
އެޕްލައި ކުރެވޭނީ ކާކަށް ހެއްޔެވެ؟
ރެޖިސްޓަރީވެފައިވާ ގޮތަށް ބަލާ، މިސްކީމަށް އެދި ހުށަހަޅާ ފަރާތްތައް ދެ ބަޔަކަށް ބައި ކުރެވެއެވެ.
އެއް ބަޔަކީ މާލޭގައި ރަޖިސްޓްރީކޮށްފައިވާ ރައްޔިތުންނެވެ؛ މަދުވެގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ގެޔެއްގެ ރަޖިސްޓްރީއެއްގައި ނުވަތަ މާލެ ސިޓީގެ ދަފްތަރުގައި ލިސްޓްކޮށްފައިވާ މީހުންނެވެ.
އަނެއް ބަޔަކީ ހުޅުމާލެ، ގުޅީފަޅު، އަދި ގިރަވަރުގެ އިތުރުން މާލޭގެ ދެކުނުން ހިއްކަމުންދާ ފުށިދިއްގަރު ފަޅަށް ނިސްބަތްވާ ގޯއްޗެއްގައި ރެޖިސްޓްރީވެފައިވާ މީހުންނެވެ. ފުށިދިއްގަރު ފަޅުގެ މަޝްރޫޢަކީ ރައީސް މުޢިއްޒު ވިދާޅުވާ ގޮތުގައި ”އީކޯ ސިޓީ“ އެއް ތަރައްޤީ ކުރެވޭނެ އާރބަން ސެންޓަރެކެވެ.
މާލޭގައި މެދުކެނޑުމެއްނެތި 15 އަހަރު ދިރިއުޅެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅޭނީ ހަމައެކަނި ރަސްމާލެއިންނެވެ.
އަސާސީ ޝަރުޠުތަކުގެ ތެރޭގައި 18 އަހަރުން މަތީގެ މީހަކަށް ވުމާއި، އެއްވެސް ތަނެއްގައި 400 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ފްލެޓެއް ލިބިފައި ނެތުމާއި، ކުރީގެ ސަރުކާރުގެ ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިނުވުން ހިމެނެއެވެ.
ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ވަށައިގެން ކޯޅުމާއި ތުނަވަސްކަން އޮތީ ކީއްވެ ހެއްޔެވެ؟
2.2 އަކަ ކިލޯމީޓަރުގެ ފުރަ މާލެވަނީ ތޮއްޖެހި، ފުރި ބާރުވެފައެވެ. މާލެއިން ގޯއްޗާއި ފްލެޓް ދޫކުރުމުގެ މައްސަލަ ވެފައިވަނީ މާލޭ މީހުންނާއި، ރަށްރަށުގެ މީހުންގެ މެދުގައި ނުތަނަވަސްކަން އެންމެ ބޮޑަށް އުފެދޭ މައްސަލައަށް ވެފައެވެ. ލައްކައެއްހާ އަތޮޅު ތެރޭގެ ރައްޔިތުން މާލެއަށް ހިޖުރަކޮށް، ކުލީގެ ދަންތުރައެއްގައި ޖެހިފައި ވެއެވެ.
މިކަން ޙައްލުކުރާން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ނިމިދިޔަ ސަރުކާރުން ދެ ސްކީމެއް ތަޢާރަފު ކުރިއެވެ: ”ބިންވެރިޔާ“އިން ހިލޭ ބިން ގޯތި ދިނީ ހަމައެކަނި މާލޭ މީހުންނަށެވެ. ”ގެދޮރުވެރިޔާ“ އިން ފްލެޓު ދޫކުރީ ދިގު މުއްދަތަކަށް މާލޭގައި ދިރިއުޅެފައިވާ، އަތޮޅު ތެރެއަށް ނިސްބަތްވާ މީހުންނަށެވެ.
ނަމަވެސް، ދެ ދަރަޖައެއްގެ ރަށްވެހިން މި ސިޔާސަތުތަކުން އުފަންކުރާ ކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި ގަދަވިއެވެ. އަދި ދިރިއުޅޭ ތަނުގެ ބަދަލުގައި ރެޖިސްޓްރީވެފައިވާ ދާއިމީ އެޑްރެހަށް ބޯހިޔާވަހިކަމުގެ ޙައްޤު މެހުމުގެ ހަމަނުޖެހޭ ކަމުގެ މައްޗަށްވެސް ފާޑުކިޔުން އަމާޒުވިއެވެ. ފާޑުކިޔުންތެރިން ބުނަނީ ބިންވެރިޔާ ސްކީމަކީ ތަފާތު ކުރުމެއް ކަމަށާއި، އުފަންވާ ތަނެއްގެ ސަބަބުން 12 މިލިއަން ރުފިޔާ (778،200 އެމެރިކާ ޑޮލަރު) ގެ ޕްރައިމް ރިއަލް އެސްޓޭޓް ”ޙައްޤު“ވާ ހަމައެއް ނެތް ކަމަށެވެ. އަނެއް ބަޔަކު އަބަދު އުޅޭންޖެހިފައިވަނީ ކުލީގެ ދަންތޫރައެއްގައި ކަމަށެވެ.
މާލޭގެ ރަށްވެހިންނަށް "ނޭވާލާނެ ޖާގަ" ބޭނުންވަނީ ވާރުތަވެފައިވާ ބިންތައް ބަހަމުން ބަހަމުން ގޮސް ކުދި ގޮޅިތަކެއްފަދަ ކޮޓަރިތަކަކަށް ކެއިންބުއިމާއި ނިދާ އަރާމުކުރުމާއި ފާޚާނާ ކުރުމާއި މިހެންގޮސް މުޅި ދިރިއުޅުން ކުރުގެޅިފައިވާތީއެވެ. އަދި ރަށްރަށުންވެސް ހިލޭ ބިން ދޭއިރު، މާލޭ މީހަކަށް ނުވަތަ އެއިން ރަށަކަށް ނިސްބަތްނުވާ މީހަކަށް ރަށްރަށުން ބިން ނުދޭތީއެވެ.
މިވެރިކަމުގައި ވެސް ގޯތި ހިލޭ ދިނުމުގެ އުޞޫލަށް ތާޢީދުކުރެއެވެ.
އެމްޑީޕީގެ ސަރުކާރުގައި 4،000 ފްލެޓަށް އެދި 20،697 މީހުން ހުށަހެޅިއެވެ. 2022 ގެ އޮކްޓޯބަރު ނިޔަލަށް ބިންވެރިޔާ ގޯއްޗަށް 15،164 މީހުން އެދި ހުށަހެޅިއެވެ. 2018 ގައި 7،000 ފްލެޓްގެ ހިޔާ މަޝްރޫޢުގެ ފްލެޓުތަކަށް އެދި 25،000 ފޯމު ހުށަހެޅިއެވެ. އެހެންވީމާ 2018 އާއި 2022 އާ ދެމެދު ބޯހިޔާވަހިކަމުގެ ޑިމާންޑަށް މާކަށް ބޮޑު ބަދަލެއް ނާންނަކަން ފެނެއެވެ.
އާބާދީގެ ދެބައިކުޅަ އެއްބައި (361،576 މީހުން) 2062 ވަނަ އަހަރުގެ ނިޔަލަށް މާލޭގައި ދިރިއުޅޭނެ ކަމަށް ލަފާކުރެވެއެވެ. 2022 ގައި އެނިސްބަތްހުރީ 42 އިންސައްތައިގަ (227،613 މީހުން) އެވެ.
މެދުކެނޑުމެއްނެތި ދިރިއުޅުމަކީ ކޮބާ ހެއްޔެވެ؟
އާ ޤަވާޢިދު ބުނާގޮތުން ވަޒީފާއަކަށް ދިއުމާއި، ތަޢުލީމާއި ބޭސްފަރުވާ ނުވަތަ އެހެން ޟަރޫރީ ސަބަބުތަކާ ހުރެ މާލެއިން ވަގުތީގޮތުން ދިއުމަކީ މާލޭގައި ދިރިއުޅުން މެދުކެނޑުނީ ކަމަކަށް ނުބަލާނެއެވެ. އެކަމަކު އެމީހެއްގެ ޢާއިލާ މާލޭގައި ވަޒަންވެރިވެ ނުވަތަ ދަރިން މާލޭގެ ސްކޫލްތަކުގައި ކިޔެވުންފަދަ ގުޅުންތައް ދެމި އޮންނަންޖެހެއެވެ. މާލޭގައި ހޭދަވާ ޖުމްލަ ވަގުތަށް ވުރެ، ވަގުތީ މެދުކެނދުންތައް ކުރުނަމަ، އަދި އެޕްލިކޭޝަން ހުށަހަޅާ ފަރާތް މާލޭގެ އުޅުނު މުއްދަތުތައް އެއްކުރީމާ 15 އަހަރު ފުރިހަމަވާނަމަ، ޝަރުޠު ހަމަވާނެ އެވެ.
ފްލެޓްތައް ބަހާނީ ކިހިނެއް ހެއްޔެވެ؟
ދެ ގޮތެއް: އެއްގޮތަކީ މަހަކު 60،000 ރުފިޔާގެ ދަށުން އާމްދަނީ ލިބޭ ގޭބިސީތަކަށް ”ރެންޓް-ޓު-އޯވްން“ މޮޑެލެވެ. ކުލި ދައްކަން ޖެހޭނީ ފުރިހަމަ އަގު ދައްކާ ޚަލާޞްކުރެވޭން ދެނެވެ. އެއަށްފަހު މިލްކުވީއެވެ.
އަނެއް ގޮތަކީ "އެފޯޑަބަލް ހޯމް އޮނަރޝިޕް" އެވެ. އެއީ ސަބްސިޑައިޒްޑް ރޭޓްތަކުގައި ކޮމާޝަލް ބޭންކެއް މެދުވެރިކޮށް ފައިނޭންސް ހޯދާން ޝަރުޠު ހަމަވާ އާމްދަނީ ބޮޑު ފަރާތްތަކަށް ޚާއްޞަ މަގެކެވެ.
ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ޗައިނާގެ ދެ ކުންފުންޏަކާ އެކު ހުޅުމާލޭގައި 2،400 އަށް ވުރެ ގިނަ "އެފޯޑަބަލް ހައުސިންގް ޔުނިޓް“ (އަތްފޯރާ އަގުގެ ހައުސިންގް ޔުނިޓު) އެޅުމަށް ކޮންޓްރެކްޓު ކޮށްފައެވެ.
އެދޭ ޢަދަދެއްގެ ކޮޓަރިހުރި ފްލެޓް ލިބޭނެ ހެއްޔެވެ؟
ނޫނެކެވެ. ނަމަވެސް، އެމީހަކު އެދޭގޮތް ބަޔާންކުރެވިދާނެއެވެ. ލިބޭ ކޮޓަރީގެ ޢަދަދު ނިންމާނީ ދިރިއުޅުމުގެ ޙާލަތަށް ރިޢާޔަތްކުރުމަށްފަހު ހައުސިންގް މިނިސްޓްރީ އިންނެވެ.
60،000 ރުފިޔާ ކަނޑައަޅާފައިވަނީ ކިހިނެއް ހެއްޔެވެ؟
އެޢަދަދު ކަނޑައެޅި ހަމައަކީ ކޮބައިކަމެއް ސާފެއް ނޫނެވެ. މަހަކު 60،000 ރުފިޔާ ނުވަތަ ގާތްގަނޑަކަށް 3،900 އެމެރިކާ ޑޮލަރަކީ ދިވެހިރާއްޖޭގެ ނިސްބަތުން ބަލާއިރު ބޮޑު އާމްދަނީއެކެވެ. އެއީ ކޮމާޝަލް މޯގޭޖަކަށް ފުދޭ މިންވަރުގެ އާމްދަނީއެކެވެ. ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާ ބެހޭ ގޮތުން 2022 ގައި ވޯލްޑް ބޭންކުން ޢާންމުކުރި ރިޕޯޓެއްގައި ލަފާދީފައިވަނީ މިއަށްވުރެ ތަފްޞީލީ މިންގަނޑުތަކެކެވެ؛ 15،000 ރުފިޔާއިން ދަށުގެ އާމްދަނީ އެއް ލިބޭ ނަމަ ކައުންސިލް ހައުސިންގް ފޯރުކޮށްދިނުމަށެވެ. 15،000 އާއި 20،000 ރުފިޔާއާ ދެމެދުގެ އާމްދަނީ އެއް ލިބޭނަމަ އަތްފޯރާ އަގުގެ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށެވެ. އަދި 25،000 އާއި 45،000 ރުފިޔާއާ ދެމެދުގެ އާމްދަނީއެއް ލިބޭނަމަ މެދު ފަންތީގެ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށެވެ
މިއީ ޙަޤީޤަތުގައިވެސް "ސޯޝަލް ހައުސިންގް" ހެއްޔެވެ؟
ބައިނަލްއަޤްވާމީ ގޮތުން މި ލަފުޒު ބޭނުންކުރާ ހަމައިގައި ނަމަ މިއީ ސޯޝަލް ހައުސިންގް ނުވަތަ އިޖުތިމާޢީ ބޯހިޔާވަހިކަމެއް ނޫނެވެ. ސޯޝަލް ހައުސިންގް ކަމަށް ޢާންމުކޮށް ކިޔައި އުޅެނީ ކައުންސިލް ހައުސިންގަށެވެ. އެއީ ދިރިއުޅުމުގެ ޙާލަތު ނުވަތަ އާމްދަނީގެ މިންވަރު ރަނގަޅުވާންދެން، ސަބްސިޑައިޒްޑް ކުއްޔެއްގައި ދިރިއުޅޭން ދޫކުރާ ބޯހިޔާވަހިކަމެވެ. އެތަންތަން މިލްކެއް ނުކުރެވޭނެއެވެ. އެތަންތަނުގެ މިލްކުވެރިކަން އޮންނާނީ އަބަދުވެސް ދައުލަތުގައެވެ.
ދިވެހިރާއްޖޭގައި ސޯޝަލް ހައުސިންގް އޭ ކިޔާ މިއުޅެނީ ސަބްސިޑައިޒްޑް ޕާރޗޭސް ސްކީމަކަށެވެ. ޔަޢުނީ ސަބްސިޑައިންޒް ރޭޓެއްގައި، ލުއި ހަމަތަކެއްގެ މަތިން (އެތައް އަހަރަކަށް ބަހާލައިގެން) ބޯހިޔާވަހިކަން މިލްކުކުރުމުގެ ސްކީމެކެވެ. ކުލި ދައްކާ، މިލްކުވެރިކަމާ ހަމައަށް ދަނީ ވިހި ފަންސަވީސް އަހަރުންނެވެ. އެއަށްފަހު މިލްކުވެރިޔާ އެދޭނަމަ މާކެޓް ރޭޓުގައި ވިއްކާވެސް ލެވިދާނެއެވެ.
ވޯލްޑް ބޭންކުން ލަފާ ދިނީ "ވައުޗާރ/ސަބްސިޑީ ޕްރޮގްރާމްތަކާއެކު ދާއިމީ އަގުހެޔޮ ކުއްޔަށް ލިބޭ ބޯހިޔާވަހިކަމުގެ ސްޓޮކެއް" އުފެއްދުމަށެވެ.
އެކަމަކު މިވަގުތު ކައުންސިލް ހައުސިންގެއް، ކުއްޔަށް ދޭ ވައުޗަރެއް، އާމްދަނީއަށް ރިޢާޔަތްކޮށްގެންދޭ ސްލައިޑިންގް ސްކޭލް ސަބްސިޑީއެއް ވެސް ނެތެވެ.
ފްލެޓްތަކުގެ އަގަކީ ހެއްޔެވެ؟
މި ސްކީމްގެ އަގުތައް ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. ކުރިން ދީފައިހުރި އަގުތަކަށް ބަލާނަމަ، ހުޅުމާލެ ފޭސް 2 ގައި އެޅި ހިޔާ ފްލެޓްތަކުގެ އަގު ހުރީ 25 އަހަރު ދުވަހުން ދައްކާ ޚަލާޞްކުރާ ގޮތަށެވެ. މަހު ކުއްޔަކީ 7،500 ރުފިޔާގައެވެ. ވީމާ ޖުމްލަ އަގަކީ ގާތްގަނޑަކަށް 2.25 މިލިއަން ރުފިޔާ (146،000 އެމެރިކާ ޑޮލަރު) އެވެ. ވޯލްޑް ބޭންކުން ހިސާބުކުރި ގޮތުގައި ހިޔާ ޔުނިޓަކަށް ސަރުކާރުން ދޭ ސަބްސިޑީއަކީ 489،000 ރުފިޔާއެވެ. އެއީ ޢިމާރާތްކުރުމުގެ ޚަރަދުގެ ގާތްގަނޑަކަށް 40 އިންސައްތައެވެ.
ހިޔާ ފްލެޓްގެ ކަންތައް ދިޔައީ ކިހިނެއް ހެއްޔެވެ؟
ރަނގަޅެއް ނޫނެވެ. ވޯލްޑް ބޭންކުގެ 2022 ގެ ރިޕޯޓުގައި ބުނަނީ މިހާރު ހިންގާ ”ރެންޓް-ޓު-އޯވްން“ މަޝްރޫޢުތަކުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރެއިން 37 އިންސައްތަ ޤަވާޢިދުން ކުލި ނުދައްކާ ކަމަށެވެ. ދައުލަތުގެ ޙިއްސާ އޮންނަނ ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ކުލި ނުދައްކާ މީހުން އެތަންތަނުން ނެރޭކަށް ނުވަތަ ކްރެޑިޓް ބިއުރޯއަށް ރިޕޯޓްކުރާންވެސް ނުކުޅެދިފައިވެއެވެ. އެ ސްކީމްތަކުން އުފައްދާފައިވާ ރައުސުލްމާލުގެ އަގަކީ އަދި ކުލިން ނުކުންނަ އާމްދަނީއަކީ ދަރަނި އެތަންތަން ހަދަން ހޭދަވި ފައިސާ ކަވަރުކުރާ ވަރު މިންވަރަކަށް ނުވާތީ ތަކުރާރުކޮށް ސަރުކާރަށް މަޖުބޫރުވަނީ ކުލި މަޢާފުކުރާށާއި، ދޫދޭށެވެ.
މިއަހަރުގެ ޖުލައި މަހު އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ހިޔާ ފްލެޓް ކުއްޔަށް ހިފާ މީހުންގެ އަތުން އެޗްޑީސީއަށް 628 މިލިއަން ރުފިޔާ ދަރާ އެބައޮތެވެ. އެއިން 70 އިންސައްތައަކީ ނުދައްކާ ކުއްޔެވެ. ހުޅުމާލޭގައި އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުރި 8،511 ސޯޝަލް ހައުސިންގް ފްލެޓުގެ ތެރެއިން ޤަވާޢިދުން ކުލި ދައްކަމުން ދަނީ އެންމެ 3،219 ފްލެޓެވެ.
އެޗްޑީސީ އިން ފައިސާ ނުދެއްކުމުން ކުރާ ޖޫރިމަނާ މަޢާފުކުރަން ނިންމުމާ ބެހޭ ގޮތުން ސުވާލު ކުރުމުން ހައުސިންގް މިނިސްޓަރު ޑރ ޢަބްދުالله މުއްޠަލިބު އާދީއްތަ ދުވަހު ނޫސްވެރިން ގާތު ވިދާޅުވީ ޤަވާޢިދުން ކުލި ދެއްކުމަށް ހިތްވަރު ދީ، ކުއްޔަށް ދިރިއުޅޭ މީހުންނަށް ދަރަނިން ސަލާމަތްވެވޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިސްކަންދެނީ ކޮންބަޔަކަށް ހެއްޔެވެ؟
18 އަހަރުން ދަށުގެ ކުދިން ތިބި އެކަނިވެރި މައިންބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބޭ ޢާއިލާތަކާއި އަލަށް ކައިވެނިކުރާ މީހުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ތިބި ޢާއިލާތަކާއި ޓެކްސީ ޑްރައިވަރުންނާއި ޓޫރިޒަމް މަސައްކަތްތެރިންނާއި މަސްވެރިންނާއި ކުރީގެ ސްކީމްތަކުގެ ދަށުން ބޯހިޔާވަހިކަން ލިބޭނެ ކަމަށް ލިޔުން ލިބި، ބޯހިޔާވަހިކަން ނުލިބޭ މީހުން (ވެށިފަހި މާލެ، ހިޔާ) ފަދަ 11 ކެޓަގަރީއެއްގެ މީހުންނަށް އިސްކަން ދޭނެއެވެ.
އާމްދަނީ ކަށަވަރުކުރޭ ހެއްޔެވެ؟
ވަޒީފާގެ ތަފްޞީލާއި، މުސާރައިގެ މަޢުލޫމާތާއި، ވިޔަފާރީގެ އާމްދަނީއާއި، 12 މަސްދުވަހުގެ ބޭންކް ސްޓޭޓްމަންޓް ހުށަހަޅާން ޖެހެއެވެ. އެކަމަކު ވަކިވަކިން މާލީ ޙާލަތު ވަޒަންކުރުމާއެކު، ލިބޭ އާމްދަނީއަށް ބިނާކޮށް ސަބްސިޑީގެ މިންވަރު ކަނޑައެޅުމުގެ އެއްވެސް ހިލަމެއް ނެތެވެ.
ކުއްޔަށް ދެވޭނެ ހެއްޔެވެ؟
އާދީއްތަ ދުވަހު އެ މަޢުޟޫއުގައި ވާހަކަދައްކަވަމުން ޑރ މުއްޠަލިބު ވިދާޅުވީ ހިޔާ ފްލެޓްތަކުގައި ހަދާފައި ހުރި އެގްރީމަންޓްތަކުގައި ސަބް ލެޓިންގް ނުވަތަ ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ މަފްހޫމް ސާފުކޮށް ބަޔާންކޮށްފައި ނުވާ ކަމަށާއި، އެ އެގްރިމަންޓުގައި ބުނަނީ ޤަނޫނާ ޚިލާފު ކަމެއް ނުކުރެވޭނެ ވާހަކަ ކަމަށާއި، ސޯޝަލް ހައުސިންގް ޔުނިޓެއް ކުއްޔަށްދިނުމަކީ ޤާނޫނީގޮތުން މިހާރު މަނާ ކަމެއް ނޫންކަމަށެވެ. އަދި އެކަމަކީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ކަނޑައަޅާން ޖެހޭ ކަމަށާއި، އެގްރިމަންޓާ ޚިލާފުވި ނަމަވެސް، ނުކުންނާން އެންގުމަކީ މިހާރުގެ ޤާނޫނީ ގިއުުގަނޑުގެ ތެރެއިން ނުހަނު އުނދަގޫ ކަމެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުން މިހާރު އޮތީ ރައްޔިތުންގެ މަޖިލީހަށް ސޯޝަލް ހައުސިންގްއާބެހޭ ޤާނޫނެއް ހުށަހަޅާފައެވެ.
އެންމެ އިސް ކަމެއް ދީގެން މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދަނީ ބަދިގެ ހިންގާން ނުވަތަ ލޭބަރުން ބައިތިއްބާން ކުއްޔަށް ދީފައިވާ ޔުނިޓުތަކުގެ ކަންތައް ޙައްލުކުރާން ކަމަށްވެސް މިނިސްޓަރ މުއްޠަލިބް ވިދާޅުވިއެވެ.
މިހުރިހާ ކަމަކަށް ސަރުކާރުން ޚަރަދު ކުރަނީ ކިހާ ވަރެއް ހެއްޔެވެ؟
2021 ނިމުނުއިރު ބޯހިޔާވަހިކަމާ ގުޅޭ ދަރަނީ ޢަދަދު ހުރީ 739 މިލިޔަން ޑޮލަރުގައެވެ. ސަރުކާރުން ގެރެންޓީ ދީފައިވާ ސަރުކާރު ކުންފުނިތަކުގެ ދަރަނީގެ 71 އިންސައްތަ ޙިއްސާކުރަނީ އެޗްޑީސީއެވެ. 2021 އާއި 2028 އާ ދެމެދު މިދަރަނި ދައްކާން އެވްރެޖުކޮށް 40 މިލިޔަން ޑޮލަރު ހޭދަވެއެވެ.
ވޯލްޑް ބޭންކުން ބުނަނީ ދަރަނި ދައްކާން ނުހަނު ކުޑަ މުއްދަތަކާއި މުހުލަތުތަކެއް ހުރިއިރު، ކުލި ދައްކާ ޚަލާޞްކުރާން ދިގު މުއްދަތުތަކެއް ދީފައިވުމަކީ އަސާސީގޮތުން ބޮޑު މައްސަލައެކެވެ. ހިރާހެކެވެ. ނުރައްކަލެކެވެ. 2019 ގައި އެޗްޑީސީއަށް 40 މިލިޔަން ޑޮލަރުގެ ރީފައިނޭންސިންގް ދޭން ޖެހުނެވެ. އަދި ސަރުކާރުން ކެޕިޓަލް ޚަރަދު ކޮންމެ އަހަރަކުހެން ދޭ މެއެވެ.
ވޯލްޑް ބޭންކުން ދިން ލަފަޔަކީ ކޮބައިހެއްޔެވެ؟
އަސާސީގޮތުން ބަދަލުތަކެއް ގެންނާށެވެ. އޭގެ ތެރޭގައި ކޮންމެ އަހަރަކު މުރާޖަޢާ ކުރާގޮަތަށް އާމްދަނީއަށް ބިނާކޮށް ޝަރުޠު ހަމަވާގޮތް ހެދުމާއި، އާމްދަނީގެ ނިސްބަތުން ސަބްސިޑީ ދިނުމާއި، ފައިސާ ދެއްކޭނެ ވަރު އަބަދުވެސް ވަޒަންކޮށް، ބަލަމުން ދިއުމާއި، ބޯހިޔާވަހިކަން ގަންނާން ނުލިބޭ ފަރާތްތަކަށް ދާއިމީގޮތެއްގައި ކުލި ދައްކައިގެން އުޅެވޭނެ މަގުތައް ހުޅުވުމާއި، ފްލެޓުތައް މަރާމާތުކުރުމާއި ބެލެހެއްޓުން ހަރުދަނާކުރުމާއި، ސޯޝަލް ހައުސިންގް ތިންވަނަ ފަރާތަކަށް ކުއްޔަށް ދިނުން މަނާކުރުން ތަންފީޒުކުރުން ވަރުގަދަކުރުމާއި، މުއައްސަސާތަކުގެ ދައުރާއި މަސްއޫލިއްޔަތު ސާފުކޮށް ކަނޑައަޅާ ބަޔާންކުރުމެވެ.
ރިޕޯޓުގައި ބުނެފައި ވަނީ މި އަސާސީ އިޞްލާޙްތަކާ ނުލައި އިތުރު ފައިސާ ހޭދަކުރުމުން މައްސަލަ ޙައްލު ވާން ނެތް ކަމަށާއި، އަމާޒުކޮށްގެން ދެވޭ ސަބްސިޑީތައް މެދުވެރިކޮށް އަދި އަމިއްލަ ވިޔަފާރިވެރި ގުޅުންތަކާއި، ރައްކާތެރިކަމާއި ޙައްޤުތައް ކަށަވަރުކުރުމުގެ ފިޔަވަޅު ތަކުގެ ތެރެއިން، ސަރުކާރު ޢިމާރާތް އަޅާ ފަރާތެއްގެ ބަދަލުގައި ޢިމާރާތް އަޅާން ކަންފަހި ކޮށްދޭ ފަރާތަކަށް ވާންޖެހޭ ކަމަށެވެ،
އިދިކޮޅުން ބުނަނީ ކީކޭ ހެއްޔެވެ؟
ހޯމަ ދުވަހު އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލިސް މެމްބަރު މަޢުރޫފް ޒާކިރު ވިދާޅުވީ 2025 ވަނަ އަހަރަކީ "ބޯހިޔާވަހިކަމުގެ އަހަރު“ ކަމަށް ރައީސް މުޢިއްޒު ކަނޑައަޅުއްވާ، އިޢުލާން ކުރައްވާފައި ވީ ނަމަވެސް، އަހަރު ނިމިދިޔައީ ބޯހިޔާވަހިކަމުގެ އެންމެ މަޝްރޫޢެއް ނުފައްޓަވާ ކަމަށެވެ. ”ބޯހިޔާވަހިކަމަށް ޚާއްޞަކުރެއްވި އަހަރުގައި ނުކުރެވުނު ކަމެއް ބާކީ އޮތް ތިން އަހަރުވެސް ކުރެއްވޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ ރަސްމާލެ ހިއްކުމުގެ ކޮންޓްރެކްޓުގެ އަގަށް 200 މިލިއަން އެމެރިކާ ޑޮލަރު އިތުރުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ބޯހިޔާވަހިކަމުގެ އާ ސިޔާސަތުތަކާއި ހަމަތަކާއި ޝަރުޠުތަކަކީ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން ގޮތްދައްކާން ކުރާ ކަމެއް ކަމުގައިވެސް ސިފަކޮށްފައި ވޭމެއެވެ. އަދި އެމްޑީޕީ އިން ބުނަނީ ބޯހިޔާވަހިކަން ލިބޭނެ ފަރާތްތައް ކަމަށް ބުނެ ލިސްޓްތައް އެކުލަވާލާނެ ކަމަށާއި ނަމަވެސް ބިން ހިއްކުމުގެ މަސައްކަތް ނުނިމި ނުވަތަ ޢިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ނުދާކަމަށާއި، ގޯއްޗާއި ފްލެޓް ހުންނާނީ ކަރުދާހުގައި އެކަނި ކަމަށެވެ.
ގޯތިތަކާއި ފްލެޓްތައް ބަހާގޮތް:
ގޯތި (ޖުމްލަ 15،000)
ސައިޒް: ކޮންމެ ގޯއްޗެއް 1،250 އަކަފޫޓެވެ.
ކެޓަގަރީ 1: މާލޭގެ ރައްޔިތުން (10،000 ގޯތި)
ތަން: ގްރޭޓަރ މާލެ އަދި ރަސްމަލެ
މާލޭގެ ގެޔެއްގައި ރަޖިސްޓްރީގައިވާ މީހުންނަށް: 7،000
މާލޭ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް: 1،000
ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް: 2،000
ކެޓަގަރީ 2: މާލޭގައި ދިރިއުޅޭ މާލޭ ނޫން މީހުން (3،000 ގޯތި)
ތަން: ރަސްމާލެ އެކަނި
ޚާއްޞަ އިސްކަންދޭ ކެޓަގަރީތައް (2،000 ގޯތި)
މައިމުޅަވުމާއި އަދި ޤާނޫނީގޮތުން ނުކުޅެދުންތެރި ޙާލުގައި ވާ މީހުންނަށް: 500
ހަނި ގޯޅިތަކުގައި ބިނާނުކުރެވޭ ގޯތިތަކުގެ ވެރިންނަށް: 1،500 (އެއީ: (ހ) ސަރުކާރަށް ދޫކޮށްލަން ގޯތީގެ ހުރިހާ ވެރިން އެއްބަސްވުމާއެކު އަށް ފޫޓަށް ވުރެ ހަނި ގޯޅިއެއްގައިވާ ގޯތި ނުވަތަ (ށ) ކޮންމެ ބެހެނިވެރިއަކަށް 200 އަކަފޫޓު މެނުވީ ލިބޭން ނެތި، ގޯތީގެ ހުރިހާ ވެރިން ސަރުކާރަށް ދޫކޮށްލާން އެއްބަސްވާ ގޯތި)
ފްލެޓް (ޖުމްލަ 7،900)
ކެޓަގަރީ 1: މާލޭގެ ރައްޔިތުން (4،000 ފްލެޓް)
މާލޭގެ ގެޔެއްގައި ރަޖިސްޓްރީގައިވާ މީހުންނަށް: 2،200
ވިލިމާލޭގެ ގެޔެއްގައި ރަޖިސްޓްރީގައިވާ މީހުންނަށް: 300
މާލޭ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް: 1،000
ފަހުން މާލޭގެ ގެއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށް: 500
ކެޓަގަރީ 2: މާލޭގައި ދިރިއުޅޭ މާލެ ނޫން މީހުން (1،500 ފްލެޓް)
ޚާއްޞަ އިސްކަންދޭ ކެޓަގަރީތައް (2،400 ފްލެޓް)
18 އަހަރުން ދަށުގެ ކުދިން ތިބި އެކަނިވެރި ބެލެނިވެރިން: 100 (1+ އަހަރު ދުވަހުގެ މުއްދަތަށް އެންސްޕާގައި ރަޖިސްޓްރީކޮށްފައިވާ)
ނުކުޅެދުންތެރިކަން ހުންނަ މީހުން: 100 (ނޭޝަނަލް ޑިސެބިލިޓީ ރެޖިސްޓްރީގައި ހިމެނޭ)
35 އަހަރުން ދަށުގެ ޒުވާނުން (ނުވަތަ 35 އަހަރުން ދަށުގެ އަނތްބަކު ހުރިނަމަ): 250
ޓެކްސީ ޑްރައިވަރުން: 50 (ޤައުމީ ރަޖިސްޓްރީގައި ހިމެނޭ، 5+ އަހަރު ދުއްވާ، އެހެން ތަނެއްގައި ފުލްޓައިމް ވަޒީފާ އަދާނުކުރާ، އިތުރު ފަސް އަހަރު ޓެކްސީ ދުއްވާން އެއްބަސްވާ)
ޓޫރިޒަމް މަސައްކަތްތެރިން: 200 (ރިސޯޓުގައި 5+ އަހަރު، އިތުރު ފަސް އަހަރަށް މަސައްކަތް ކުރާން އެއްބަސްވާ)
ޖުޑިޝަރީގެ މުވައްޒަފުން: 100 (5+ އަހަރު ޚިދުމަތް، އިތުރު ފަސް އަހަރަށް މަސައްކަތް ކުރާން އެއްބަސްވާ)
މަސްވެރިން: 100 (ގައުމީ ރަޖިސްޓްރީގައި، 5+ އަހަރު މަސްވެރިކަން، އިތުރު ފަސް އަހަރަށް މަސައްކަތް ކުރާން އެއްބަސްވާ)
ޤާބިލުކަން ކުޑަވުމުގެ ސަބަބުން މަޙްރޫމްވެފައިވާ މީހުން: 50 (ޤާނޫނީ ގޮތުން ޤާބިލުކަން ނެތް)
ވެށިފަހި މާލެ ޕްރޮގްރާމުން / ހިޔާ ފްލެޓް ލިބޭނެކަމުގެ ލިޔުން ލިބިފައިވާ މީހުން: 500 (ލިބޭނެކަމުގެ ލިޔުން ލިބުނު ނަމަވެސް ދުވަހަކުވެސް ފްލެޓް ނުލިބޭ)
ނިކަމެތި ޢާއިލާތައް (އެސެސް ކުރެވިފައިވާ): 50 (މިނިސްޓްރީން ކަނޑައަޅާ އެޖެންސީއަކުން އެގޮތް ވަޒަންކޮށް ބަލާފައިވާ)
ފުލުހުން: 100 (5+ އަހަރު ޚިދުމަތް، އިތުރު ފަސް އަހަރަށް މަސައްކަތް ކުރާން އެއްބަސްވާ)
އެމްއެންޑީއެފް: 100 (5+ އަހަރުގެ ހިދުމަތް، އިތުރު ފަސް އަހަރު މަސައްކަތް ކުރާން އެއްބަސްވާ)
ސިވިލް ސާރވަންޓުން: 200 (5+ އަހަރު ޚިދުމަތް، އިތުރު ފަސް އަހަރަށް މަސައްކަތް ކުރާން އެއްބަސްވާ)
ކަރެކްޝަންސް ސާރވިސްގެ އޮފިސަރުން: 100 (5+ އަހަރު ޚިދުމަތް، އިތުރު ފަސް އަހަރު މަސައްކަތް ކުރާން އެއްބަސްވާ)
ވަކިވަކި މުއައްސަސާތަކުގެ މުވައްޒަފުން: 400 (5+ އަހަރު ޚިދުމަތް، އިތުރު ފަސް އަހަރަށް މަސައްކަތް ކުރާން އެއްބަސްވާ)
ފައިނަލް ކެޓަގަރީއަށް ކަނޑައެޅިފައިވާ 22 މުއައްސަސާ:
1. ރައީސް އޮފީސް
2. ރައްޔިތުންގެ މަޖިލިސް
3. ބަންޑާރަ ނާއިބުގެ އޮފީސް
4. ފޮރިން ސަރވިސް
5. ޖުޑީޝަލް ސަރވިސް ކޮމިޝަން
6. އިލެކްޝަންސް ކޮމިޝަން
7. ސިވިލް ސާރވިސް ކޮމިޝަން
8. ހިއުމަން ރައިޓްސް ކޮމިޝަން
9. އެންޓި ކޮރަޕްޝަން ކޮމިޝަން
10. އޮޑިޓާރ ޖެނެރަލްގެ އޮފީސް
11. ޕްރޮސިކިއުޓާރ ޖެނެރަލްގެ އޮފީސް
12. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
13. މީރާ
14. ޕެންޝަން އޮފީސް
15. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން
16. ބްރޯޑްކާސްޓިންގް ކޮމިޝަން
17. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
18. ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ
19. ޗިލްރަންސް އޮމްބަޑްސްޕާރސަން
20. ވަޒީފާއާބެހޭ ޓްރައިބިއުނަލް
21. ލޯކަލް ގަވަރމަންޓް އޮތޯރިޓީ
22. ޓެކްސް އެޕީލް ޓްރައިބިއުނަލް

