ބޭރުގެ ޓްރެވަލް އޭޖެންޓުން އަތުންވެސް ޓީޖީއެސްޓީ ނަގަނީ
ވޯލްޑް ބޭންކުން ބުނަނީ މިކަން ކާމިޔާބު ނުވާނެ ކަމަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
26 ސެޕްޓެމްބަރު
އޮގަސްޓް 31 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ޓެކުހާ ގުޅިގެން ގެނައި އެންމެ ބޮޑު އެއް ބަދަލު ތަސްދީޤު ކުރައްވާފައެވެ. އޮކްޓޯބަރ 1 އިން ފެށިގެން، މެންޗެސްޓަރ، މިއުނިކް އަދި މިލާން ފަދަ ރަށްރަށުގައި ޤާއިމުވެފައިވާ ޓްރެވެލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީ ކޮށް، 17 އިންސައްތައިގެ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީ-ޖީއެސްޓީ) ދައްކަން ޖެހޭނެއެވެ.
ޖީއެސްޓީ ޤާނޫނަށް ގެނައި މި ބަދަލަށް އިނގިރޭސިވިލާތާއި އަދި ވިލާތަށް (ޔޫރަޕަށް ) ނިސްބަތްވާ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވެލް އެޖެންޓުންގެ ޖަމްޢިއްޔާތަކުން ރަސްމީ އިޢުތިރާޟެއް ކޮށް، އިންޒާރު ދީފައިވެއެވެ.
ބަދަލުވާ ގޮތް
ކުރީގައި ޖީއެސްޓީ ނިޒާމު ރާވާއި އޮތީ "އޮރިޖިން ޕްރިންސިޕަލް" ގެ އުޞޫލަށެވެ. ޔަޢުނީ ޖީއެސްޓީ ނަގާނީ ޚިދުމަތެއް ނުވަތަ މުޢާމަލާތެއް އުފަންވާ ހިސާބުންނެވެ. އެހެންނަމަވެސް ދިވެހިރާއްޖެއަށް އަންނާން ޗުއްޓީ ޕެކޭޖެއް ބޭރުގެ ބުކިންގް ޕްލެޓްފޯމެއް މެދުވެރިކޮށް ވިއްކާއިރު، ހުރުމާއި، ދަތުރުފަތުރު އަދި ކެއިންބުއިން ފަދަ ޚިދުމަތްތައް ޕެކޭޖުގައި ހިމެނުނަސް، އެހުރިހާ ޚިދުމަތަކުން ޓީ-ޖީއެސްޓީ އެއް ނުނެގެއެވެ. އަދި ޚިދުމަތްތައް ދެވެނީ ރާއްޖޭގައި ކަމުގައިވިޔަސް، މި މުޢާމަލާތް ހިންގާފައިވަނީ ބޭރުގައި ހުރި ފަތުރުވެރިޔާއާއި ބޭރުގެ ބުކިންގް ޕްލެޓްފޯމްގައި ކަމުން، އެ ދެފަރާތާ ދެމެދު ހިނގާ މުޢާމަލާތުގެ މަޢުލޫމާތު މީރާއަށް ވާޞިލެއް ނުވެއެވެ. އެކަމުގެ މަގެއް ނެތެވެ.
ރިސޯޓަކުން ވިލާތުގެ ހޯލްސޭލަރަކަށް ވިލާއެއް ވިއްކާއިރު، ނެޓް ރޭޓަށް ޓީ-ޖީއެސްޓީ ދައްކައެވެ. އެ ހޯލްސޭލަރ ރާއްޖޭގައި ނެތްކަމަށްޓަކައި، އިތުރަށް ކިތަންމެ ބޮޑު އަގެއް ލާފައި ފަތުރުވެރިޔާއަށް އެ ވިލާ ވިއްކިޔަސް، އެއިތުރު ކުރާ ފައިދާގެ މިންވަރުން ދިވެހި ދައުލަތަށް ލިބޭ ޓެކުހެއް ނޯވެއެވެ.
ޤާނޫނަށް ގެނައި ބަދަލުން މީގެ ފަހުން ޓެކްސް ނެގޭނީ"ޑެސްޓިނޭޝަން ޕްރިންސިޕަލް“ ގެ އުޞޫލަށެވެ. ޔަޢުނީ ޓީ-ޖީއެސްޓީ ދައްކާންޖެހޭނީ ޚިދުމަތް ހޯދާ ނުވަތަ ފޯރުކޮށްދޭ މަރުޙަލާގައި، އެހިސާބުންނެވެ. މިސާލަކަށް ބ. އަތޮޅުގައި ގެސްޓްހައުސްއެއްގެ ކޮޓަރިއެއް ވިއްކީ ކޮންމެ ވެބްސައިޓަކުން ނަމަވެސް އެ އެނދު ސަޕްލައި ކުރަނީ ދިވެހިރާއްޖެއިންނެވެ. އެ އެނދުހުރީ ދިވެހިރާއްޖޭގައެވެ. ޤާނޫނަށް ގެނައި ބަދަލު ސަރުކާރުން ދިފާޢުކުރަނީ މިއުޞޫލާއި މިންގަނޑުގެ ވާހަކަ ދައްކައިގެންނެވެ.
ޤާނޫނަށް ގެނައި އިޞްލާޙުގައި ބުނަނީ އެއްވެސް ފަރާތަކުން ދިވެހިރާއްޖޭގައި ހުރި އެ ފަރާތުގެ ވިޔަފާރި ހިންގާ ތަނަކުން ނުވަތަ އެފަދަ ތަނެއް މެދުވެރިކޮށް ޚިދުމަތެއް ފޯރުވައިދީފިނަމަ އެއީ ދިވެހިރާއްޖޭގައި ފޯރުވައިދިން ޚިދުމަތެއް ކަމުގައި ބެލެވޭނެ ކަމަށެވެ. އަދި އެ ޚިދުމަތް ފޯރުވައިދިން ވަގުތު ދިވެހިރާއްޖޭގައި ހުރި ފަރާތަކުން އެ ޚިދުމަތުގެ ޢަމަލީ މަސައްކަތް ދިވެހިރާއްޖޭގައި ކޮށްފި ނަމަ ނުވަތަ ދިވެހިރާއްޖޭގައި ހުރި ނުއުފުލޭ މުދަލަކާ ގުޅޭ ޚިދުމަތެއް ނަމަ ނުވަތަ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ފޯރުވައިދިނުން ކަމުގައި ވުން ނުވަތަ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓަކާ ގުޅޭގޮތުން ފޯރުވައިދޭ އޭޖެންސީ ޚިދުމަތެއް ނުވަތަ ބުކިންގް ޚިދުމަތެއް ކަމުގައިވާ ނަމަވެސް އެއީ ދިވެހިރާއްޖޭގައި ފޯރުވައިދޭ ޚިދުމަތެއް ކަމުގައި ޤާނޫނަށް ގެނައި އިޞްލާޙުތަކުން ދެން މާނަ ކުރެވޭނެއެވެ.
އަދި 17 އިންސައްތައިގެ ޓީ-ޖީއެސްޓީ ދައްކާން ޖެހޭނެ އެވެ.
މިފަދަ މުދަލެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ކޮންމެ ފަރާތެއްވެސް ރަޖިސްޓަރީ ކުރަން ޖެހޭނެއެވެ. ވިޔަފާރީގެ އާމްދަނީ ކިތަންމެ ކުޑަ ނަމަވެސް ހެވެވެ. ޢާންމު ވިޔަފާރިތަކުން ޓެކްސް ދައްކާން ޖެހެނީ 1 މިލިޔަން ރުފިޔާއަށްވުރެ މަތިން ވިޔަފާރީގެ މުޢާމަލާތް ކުރާނަމަ ކަމަށްވިޔަސް، އެކަން އިހު ނަންގަތް ބާވަތުގެ ފަތުރުވެރިކަމުގެ ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތަކަކަށް ތަޠުބީޤެއް (އެޕްލައި) ނުވާނެއެވެ.
ޓެކުސް ނަގަނީ ކޮން ކޮންބަޔަކުގެ އަތުން، ކޮން ކަންކަމަކުން؟
ޓީ-ޖީއެސްޓީ ނަގަނީ މާޖިންއިންނެވެ. ބޭރުގެ ސަޕްލަޔަރުން އަގު ކަނޑައެޅާންޖެހޭ ގޮތުގެ ޚާއްޞަ ޤަވާޢިދެއް ތަޢާރަފު ކުރެވޭނެއެވެ. ޓީ-ޖީއެސްޓީ ނަގާނީ ފަތުރުވެރިޔާ ދައްކާ ޖުމްލަ އަގުން، ރާއްޖޭގެ ސަޕްލަޔަރަށް ދައްކަން ޖެހޭ އަގު ކަނޑައިގެން ބާކީވާ މިންވަރުންނެވެ. އަދި އެ ސަޕްލަޔަރުން ވިޔަފާރިއަށް ކުރާ އިންވެސްޓްމަންޓް ޚަރަދުގެ މިންވަރެއްވެސް ދައްކާންޖެހޭ މިންވަރުން އުންޏެެއް ނުކުރެވޭނެއެވެ.
ރާއްޖޭގެ ޓެކްސްއާބެހޭ ކުންފުންޏެއްކަމަށްވާ ”ސީޓީއެލް ސްޓްރެޓަޖީޒް“އިން އެވަނީ ޢަމަލީގޮތުން މިކަމެއް ހިނގާނެގޮތުގެ މިޘާލެއް ހުށަހަޅާފައި ވެއެވެ: ބޭރުގެ ޓުއަރ އޮޕަރޭޓަރަކު ރާއްޖޭގެ ޕެކޭޖެއް 2,500 ޑޮލަރަށް ވިއްކައެވެ. އެފަތުރުވެރިޔާ ރިޒޯޓުގައި ހުރުމަށް 1,700 ޑޮލަރު، އެއަރޕޯޓުން ރިޒޯޓަށް ގޮސްއައިސް ވުމަށް 250 ޑޮލަރު އަދި އެކްސްކަރޝަން ދަތުރަށް 150 ޑޮލަރު ދައްކައެވެ. ޖުމްލަ 2,100 ޑޮލަރެވެ. މީގައި 305.12 ޑޮލަރުގެ ޓީ-ޖީއެސްޓީ ހިމެނެއެވެ. މާޖިން ހިސާބުކުރާ ޤަވާއިދުގެ ދަށުން ދަށުން ޓެކްސް ނަގާނީ 400 ޑޮލަރުންނެވެ. އެމިންވަރުގެ 17 އިންސައްތައަށްވާނީ 68 ޑޮލަރެވެ. ކުރިން ދެއްކި 305.12 ޑޮލަރެއް އަނބުރާ ނުއެއް ހޯދޭނެއެވެ. މާޖިން ހިސާބުކުރުމުގައި އެބައި ހިމެނީކަމަށް ބަލާނީއެވެ.
ޕްރިންސިޕަލް އާއި އޭޖެންޓުވެސް ޓެކްސް ދައްކަން ޖެހެއެވެ. ޕްރިންސިޕަލްއަކީ ނެޓް ރޭޓުން ކޮޓަރިތައް ގަނެ، އަމިއްލަ އަގެއް ކަނޑައަޅާ، ވިޔަފާރީގެ ރިސްކު އަމިއްލައަށް އުފުލާ އޮޕަރޭޓަރެކެވެ. އޭޖެންޓަކީ ރިސޯޓާއި ފަތުރުވެރިޔާއާ ދެމެދު ބުކިންގްއެއް ހަމަޖައްސައިދޭ ޕްލެޓްފޯމެކެވެ. ޕްރިންސިޕަލްއިން ޓެކްސް ދައްކާނީ ވިޔަފާރީގެ ފައިދާއަށް ހިމަނާ، އިތުރުކުރި ބައިންނެވެ. އޭޖެންޓުން ޓެކްސް ދައްކާނީ ނަގާ ކޮމިޝަނަށެވެ.
މި ޤަވާއިދުތައް ތަޠުބީޤުވާނީ ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓަރީ ނުކޮށްވާ ވިޔަފާރިތަކަށެވެ. ރަޖިސްޓަރީވެފައިވާ ދޭސީ އޭޖެންސީއެއް މެދުވެރިކޮށް ހިނގާ މުޢާމަލާތްތަކަކަށް ނޫނެވެ.
ފައިސާ
އަހަރަކު ލިބޭނެ ޓެކްސް އާމްދަނީއަކީ 1.6 ބިލިއަން ރުފިޔާ ނުވަތަ 104 މިލިއަން ޑޮލަރު ކަމަށް ލަފާކޮށްފައި ވެއެވެ. މީގެ ތެރޭގައި ބޭރުގެ ޓްރެވެލް އޭޖެންޓުންގެ އަތުން 299.3 މިލިއަން ރުފިޔާ އަދި ބޭރުގެ ޓުއަރ އޮޕަރޭޓަރުންގެ ކިބައިން ގާތްގަނޑަކަށް 1.3 ބިލިއަން ރުފިޔާއެވެ.
1.6 ބިލިއަން ރުފިޔާއަކީ 17 އިންސައްތަ ކަމަށް ބަލާނަމަ، ސަރުކާރުން އެލަފާކުރަނީ 9.5 ބިލިއަން ރުފިޔާގެ މުޢަމަލާތުން އެއްވެސް ޓެކުހެއް މިޤާނޫނަށް ޢަމަލުކުރާން ފެށުމުގެ ކުރިޔަކުން ނުނެގެއެވެ. މިއީ ރާއްޖޭގެ ޓެކްސް ނިޒާމުގެ ތެރެއަށް ނުވަދެދާ 600 މިލިއަން ޑޮލަރެވެ. ހޮޓަލިޔަރ މޯލްޑިވްސްގައި ޝާޢިއުކޮށްފައިވާ އޮޕްއެޑެއްގައި މި ޢަދަދުތައް ހިސާބުކޮށް، ޓެކުހަށް ނަގާ މިންވަރު ހިސާބުކުރާން ކަނޑައަޅާފައިވާ ހަމަ ދެކޮޅު ނުޖެހޭކަން ފާހަގަކޮށްފައި ވެއެވެ.
މި ބަދަލުގެ އަސްލު
އޮކްޓޯބަރ 2024 ގެ ޑިވެލޮޕްމަންޓް އަޕްޑޭޓުގައި ވޯލްޑް ބޭންކުން ވަނީ ދިވެހި އިޤްތިޞާދަށް ނުވަދެދާކަމަށް މިބެލެވޭ މިންވަރާ ގުޅޭގޮތުން ދިރާސާކޮށް، ސަރުކާރުން އެކަމާމެދު އަޅާން އުޅޭ ފިޔަވަޅުން މާބޮޑު އާމްދަނީއެއް ލިބޭން ނެތްކަމަށް ލަފާކޮށްފައެވެ. އަދި ވޯލްޑް ބޭންކުން ބުނީ، ބޭރުގެ ޕްލެޓްފޯމްތަކެއްގެ ކިބައިން ޓެކްސް ނެގުމަށް ޤާނޫނީ ހަމައެއް އުފެއްދުންވާނީ ދަތިކަމަކަށް ކަމަށެވެ.
އޭގެ ބަދަލުގައި ދިވެހި ސަރުކާރުން ޢަމަލުކުރުން އެންމެ ރަނގަޅުވާނީ "ރާއްޖޭގެ ސަޕްލަޔަރުން ޗާޖުކުރާ އަގު ރަނގަޅަށް ވަޒަންކޮށްފައި، ”އާމްސް ލެންތު ޕްރިންސިޕަލް“ ތަޠުބީޤުކޮށްފައި، ނެޓް ރޭޓަށް ބަލައިގެން އަގު ކަނޑައެޅުމުގެ އުޞޫލުތައް ހަމަޖެއްސުމެވެ. އަދި އޮޑިޓްކުރުމާއި އެޑްވާންސް ޕްރައިޒިންގް އިންތިޒާމުތައް ކަނޑައެޅުމުގެ އިޚްތިޔާރާއި ޤާބިލުކަން ލިބިގެންވާ ޓްރާންސްފަރ ޕްރައިޒިންގް ޔުނިޓެއް މީރާގައި ޤާއިމުކުރުމެވެ. އަދި މިއިންތިޤާލީ މުއްދަތުގައި ދޭސީ އަގާއި، ބޭރުގައި ވިއްކާ އަގުގެ ތަފާތުގެ މިންވަރު އަންދާޒާކޮށްފައި އެމިންވަރު ޓެކުހަށް ނެގުމެވެ. އަދި 3 އިންސައްތައިގައި ދިވެހި ކުންފުނިން އެ ފައިސާ ދެއްކުމެވެ. އިތުރުވާނަމަ އެމިންވަރު ކުރިއަށް އޮތްތަނުގައި ދައްކާންޖެހޭ ޢަދަދުތަކުން އުނިކުރުމެވެ. މީރާގައި ދާއިމީގޮތެއްގައި ޓްރާންސްފަރ ޕްރައިޒިންގް ޔުނިޓެއް ޤާއިމުކުރެވޭން ދެނެވެ.
ސަރުކާރުން ބޭނުންނަމަ އޮޑިޓް ކުރެވޭނެ ކުންފުނިތަކުގެ ކިބައިން ކުޑަ ރޭޓެއްގައި ޓެކްސް ނެގުމުގެ ބަދަލުގައި، އެވަނީ ބޭރުގެ ހުރިހާ ކުންފުންޏަކުން 17 އިންސައްތަ ނަގާން ނިންމާފައެވެ.
ރާއްޖޭގެ މަޝްހޫރު ޓްރެވެލް އޮޕަރޭޓަރެއްކަމަށްވާ އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤު އޮގަސްޓް 18 ގައި ލިޔުއްވާފައިވަނީ އޮޕަރޭޓަރުން ކޮޓަރިތަކެއް ގެރެންޓީކޮށްފައި ހިފާއިރު، އެއަރލައިން ސީޓުތައް ބްލޮކްކޮށް، ނުވިއްކޭ ކޮޓަރިތަކާއި ސީޓުތަކަށްވެސް ފައިސާ ދައްކަން ޖެހޭ ކަމަށެވެ. މާކެޓިން، މުވައްޒަފުން އަދި ޑިސްޓްރިބިއުޝަންގެ ޚަރަދުވެސް އެ ފަރާތްތަކުން އުފުލާ ކަމަށެވެ. ވީމާ، އެބައިމީހުން ބޭރުގައި ހޯދާ ފައިދާއަކީ "ރާއްޖޭގެ ހޮޓާގެ އަގާއި ފައިނަލް ޕެކޭޖުގެ އަގާ ދެމެދުގެ ފަރަގު އެކަނި ނޫން" ކަމަށް ފިރާޤު ވިދާޅުވިއެވެ.
އިއުތިރާޒުތައް
ސަރުކާރުން ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅީ އޮގަސްޓް 15 ގައެވެ. ކޮމިޓީއަކުން ބިލު ދިރާސާކޮށް، އޮގަސްޓް 26 ގައި ފާސްކޮށް، ފަސް ދުވަސް ފަހުން ތަސްދީޤު ކުރެވުނެވެ. ކަންމިހެން ހުރިއިރު، ނިއުޒީލޭންޑުން ބޭރުގެ ސެލަރުންނަށް ޖީއެސްޓީ ފުޅާކުރުމުގެ ކުރިން އަހަރުދުވަހުގެ މަޝްވަރާ ހިންގާ ވަގުތު ދިނެވެ. އޮސްޓްރޭލިޔާއިން އެ ނިޒާމު ތަޢާރަފުކުރުން ދެ އަހަރު ދުވަހަށް ފިޔަވަހި ކުރިއެވެ.
ދެވަނަ މައްސަލައަކީ ވިއްކާ ނިމިފައިވާ ބުކިންގްތަކެވެ. ޤާނޫނަށް ގެނައި ބަދަލުގައި އިންތިޤާލީ މަރުޙަލާގެ ކަންކަން ގެންދާންވީގޮތުގެ ސާފު މަގެއް ނުދައްކައެވެ. މިހާރުގެ ”ޓައިމް އޮފް ސަޕްލައި" ޤަވާއިދުތަކުގެ ދަށުން، ޓެކްސް ދައްކަން ޖެހެނީ ޓެކްސް އިންވޮއިސް ނެރޭ ނުވަތަ ފައިސާ ދައްކާ ދެ ވަގުތުގެ ތެރެއިން ކުރިން އަންނަ ވަގުތުގައެވެ. އޮގަސްޓް 2026 ގައި ފައިސާ ދައްކާފައި، ޖެނުއަރީ 2027 ގައި ރާއްޖެ އަންނަގޮތަށް އޮތް ޕެކޭޖެއް މި އާ ޤާނޫނުގެ ހަމަތަކަށް ފެތޭނެތޯ ނުވަތަ ނޫންތޯ އެއީ ސުވާލެކެވެ.
"ރިސޯޓް އެގްރީމަންޓްތައް ސޮއިކޮށް، ބްރޯޝަރުތައް ޗާޕުކޮށް، ޕެކޭޖުތައް ބަހާފައި، ބުކިންގްތައް ކޮންފާމް ކޮށްފައި،" ވާކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް މަޓާޓޯއިން ޝަކުވާ ކޮށްފައި ވެއެވެ.
ޔޫރަޕިއަން ޓްރެވަލް އޭޖެންޓްސް އެންޑް ޓުވަރި އޮޕަރޭޓަޒް އެސޯސިއޭޝަންސް - އެކްޓާ (ECTAA) އާއި ދަ ބްރިޓިޝް ޓްރެވަލް އެސޯސިއޭޝަން - އެބްޓާ (ABTA) އިން އިންޒާރު ދީފައިވަނީ ވިލާތުގެ ކަސްޓަމަރ ޕްރޮޓެކްޝަން ޤަވާއިދުތަކުގެ ދަށުންނަމަ ޕެކޭޖެއް ވިއްކާ ފަހުން އޭގެ އަގަށް އިތުރުކުރުން ދާދި މަދު ޙާލަތެއްގައި މެނުވީ މަނާކަމަށެވެ. ވީމާ، މިހާރު ވިއްކިފައިވާ ބުކިންގްތަކުގެ ޓެކުހަށްވާ މިންވަރު ދައްކާންޖެހޭ އޮޕަރޭޓަރުންގެ އަމިއްލަ ޖީބުން ކަމަށް ބުނެ ކަންބޮޑުވުން ފައުޅުކޮށްފައި ވެއެވެ.
މިޓެކުހަށް ރެޖިސްޓަރކުރާން ވަކި މިންވަރެއްގެ އާމްދަނީއެއް ލިބެން ނުޖެހޭކަމުން އަހަރެއްގެ މައްޗަށް މަދު ހަނީމޫން ބުކިންތަކެއް އެކަނި ވިއްކާ ކުޑަ ޚާއްޞަ އޭޖެންސީއަކަށްވެސް ”ބުކިންގް.ކޮމް“ އިން ކޮނޑުއަޅާ އިދާރީ ބުރައާއި ލިޔެކިޔުމާއި ހިސާބު ބެލެހެއްޓުމާއި ރެޖިސްޓަރވުމުގެ ފަރާޓުން އުފުލާން ޖެހޭނެއެވެ. އަށް ހުންނަ ރަޖިސްޓްރޭޝަން އަދި ފައިލިން ބުރަ ހަމައެއް ގޮތަށް އުފުލަން ޖެހޭނެއެވެ.
ރާއްޖެއާއި ރާއްޖޭގެ މައި ޓޫރިޒަމް މާކެޓްތަކާ ދެމެދު ޑަބަލް ޓެކްސޭޝަންގެ އެއްބަސްވުންތައް ވެވިފައިހުރިލެއް ނުހަނު މަދެވެ. މީރާއިން އިޓަލީގެ އޮޕަރޭޓަރެއްގެ ވިކުރާ ދައްކާން އަންގައި، މަޖުބޫރު ކުރެވޭނެ ބާރެއް ނެތެވެ. އަދި ފްލައިޓް، އިންޝުއަރެންސް އަދި ދުބާއީގައި ޖައްސާފައި އަންނަ ފަތުރުވެރިޔާގެ ޕެކޭޖެއްގައި ދިވެހިރާއްޖެއަށް ދައްކާންޖެހޭ ޓެކުހުގެ ކިހާ ބައެއް ވޭތޯ ޗެކްކުރުންވެސް ނުހަނު ދަތިވާނެއެވެ.
ރާއްޖޭގެ ކުންފުންޏަކާ މެދުވެރިކޮށް މަސައްކަތްކުރާ ކޮންމެ ބޭރުގެ އޭޖެންޓަކުވެސް ރަޖިސްޓަރީވާން ޖެހޭނެކަމަށް ބުނުން "ތަންފީޒުކުރުމާއި އެންފޯސް ކުރުން ވަރަށް ދަތި" ވާނެކަމަށް MATATO އިން އިންޒާރުދިނެވެ. ލައްކަތަކަށް ދާ ބޭރުގެ ޕާޓްނަރުން "ދެނެގަތުމާއި، ތަޢުލީމުދިނުމާއި، މޮނިޓަރ ކުރުމާއި، އަމަލީ ގޮތުން ޕޮލިސްކުރުން" ލޯކަލް އޭޖެންޓުންގެ ޒިންމާއެއް ކަމަށް ބެލެވޭނެކަމެއް ނޫން ކަމަށް ޖަމިއްޔާއިން ބުންޏެވެ.
ޤާނޫނު ތަސްދީޤު ކުރުމަށްފަހު ނެރުނު ސާކިއުލަރެއްގައި، މީރާއިން ޓީ-ޖީއެސްޓީއަށް ރަޖިސްޓަރީވެފައިވާ ހުރިހާ ވިޔަފާރިތަކަށް، އެ ފަރާތްތައް މުޢާމަލާތުކުރާ ބޭރުގެ ޓުއަރ އޮޕަރޭޓަރުން، އޮންލައިން ޓްރެވެލް އޭޖެންސީތައް އަދި ބެޑް ބޭންކުތަކުގެ ތަފްޞީލު ސެޕްޓެމްބަރ 6 ގެ ކުރިން ހުށަހަޅަން އަންގާފައި ވެއެވެ. އެ މަޢުލޫމާތު ބޭނުންކޮށް، ރަޖިސްޓަރީވާން ޖެހޭ ފަރާތްތަކުގެ ލިސްޓެއް މީރާއިން އެކުލަވަމުން ދާނެއެވެ. އެހެންވީމާ ރިސޯޓްތަކުގެ ޑިސްޓްރިބިއުޝަން ޕާޓްނަރުންގެ ނަންތައް ހާމަކުރުމަށް މަޖުބޫރު ވާނެއެވެ.
ބޭރުގެ ޕާޓްނަރުންގެ ޑޭޓާބޭސްއަކީ ”އަހަރު ދުވަހުން ނުވަތަ ބައެއް ޙާލަތުގައި ދަހަރުތަކަކުން" ބަދަހިކޮށްފައިވާ ގުޅުންތަކަށް ބިނާވާ އެއްޗެއް ކަމަށާއި، މިއީ ވިޔަފާރީގެ ގޮތުން ނާޒުކު މަޢުލޫމާތު ކަމުގެ ކަންބޮޑުވުން މަޓޯޓޯއިން މީގެކުރިން ހާމަކޮށްފައި ވެއެވެ.
އިޢުތިރާޟު ކުރަނީ ކާކު، ކޮން ބައެއް؟
އިނގިރޭސިވިކާތުގެ 3500 ޓްރެވެލް ބްރޭންޑު ތަމްޘީލު ކުރާ، ޖުމްލަ 41 ބިލިއަން ޕައުންޑަށް ވުރެ ބޮޑު ޢަދަދެއްގެ ވިޔަފާރީގެ މުޢާމަލާތް ހިންގާ އެބްޓާ (ABTA) އިން އޮގަސްޓް 27 ގައި ޓޫރިޒަމް މިނިސްޓަރ މުޙައްމަދު އަމީނަށް ފޮނުވި ސިޓީއެއްގައި ގޮވައިލާފައިވަނީ ޤާނޫނު ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކޮށްދިނުމަށެވެ. އަދި އެފަރާތްތަކާއެކު މަޝްވަރާ ކުރުމަށެވެ.ވިލާތުގެ ޓްރެވަލް ބްރޭންޑުތައް ތަމްޘީލުކުރާ އެކްޓާ (ECTAA) އިން ބްރަސެލްސްގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ދިޔާނާ ސަޢީދަށް ކަންބޮޑުވުމުގެ ސިޓީއެއް ފޮނުވާފައި ވެއެވެ.
ދިވެހިރާއްޖޭގެ ޓެކްސްގެ ސިޔާސަތު ކަނޑައެޅުމުގެ ޙައްޤު ދިވެހިރާއްޖެއަށް ލިބިގެންވާކަމަށް އެ ދެ ޖަމްޢިއްޔާއިންވެސް ޤަބޫލުކުރާ ހިނދު، ފާހަގަކޮށްފައިވަނީ އިންތިޤާލީ އިންތިޒާމުތަކާއި، ތްރެޝްހޯލްޑް އަދި މާޖިން ހިސާބުކުރާ ގޮތް ސާފު ނުވާ ކަމަށާއި، ރާއްޖޭގައި ޤާއިމު ނުވެ ހިންގާ ވިޔަފާރިތައް ޢަމަލުކުރާންޖެހޭ ސާފު އުޞޫލެއްވެސް ސާފުނުވާ ކަމަށެވެ. ޖަރުމަނުގެ ޑީއާރްވީ (DRV) އިން މިޤާނޫނީ ބަދަލުތައް ސިފަކުރީ އެކަށީގެންވާ ވަގުތު ނުދީ، އަވަސްއަރުވާލައިގެން ހިންގާ ކަމެއްގެ ގޮތުގައެވެ.
ދިވެހިރާއްޖޭގެ ޓްރެވަލް އޭޖެންޓުންގެ ޖަމްޢިއްޔާ - މަޓާޓޯ އިން ބުނީ ޤާނޫނަށް ގެނައި އިޞްލާޙުތަކުގެ ސަބަބުން ޓްރެވަލް އޭޖެންޓުންނަށް ލިބޭ އިތުރު ފަހިކަމެއް، ފަސޭހައެއް، ރައްކާތެރިކަމެއް އަދި ލުޔެއްވެސް ނެތް ކަމަށެވެ. އަދި ބޭރުގެ ޓްރެވަލް އޭޖެންޓުން އަތުން ޓެކުހެއް ނެގުމަކީ އެކަމުގެ ފައިދާ ދޭސީ ޓްރެވަލް އޭޖެންޓުންނަށް ލިބޭނެ ކަމެއްގެ ގޮތުގައި ސިފަކުރާ ކުރުންވެސް މަޓާޓޯ އަށް ޤަބޫލުނުކުރޭވެ ކަމަށް އެޖަމްޢިއްޔާއިން ބުނެފައި ވެއެވެ.
މަޓާޓޯއިން އިތުރަށް ބުނީ ދިވެހިރާއްޖެ ވިއްކުމަށް ހުރަސްތަކެއް ހުރިނަމަ ނުވަތަ ދަތިކުރާނަމަ ބޭރުގެ ޓްރެވަލް ބްރޭންޑުތަކުން އެހެން، ދިވެހިރާއްޖެއާ ވާދަވެރި މަންޒިލުތަކަށް މިސްރާބު ބަދަލުކުރާނެ ކަމަށެވެ. ސަރުކާރުގެ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތެއްގެ ނުސީދާ ގެއްލުމާއި ހަލާކާ ކުރިމަތިލާންޖެހޭ ބަޔަކީ ލޯކަލް ޓްރެވެލް އޭޖެންޓުން ކަމަށް ނުހެދުމަށްވެސް މަޓާޓޯއިން ސަރުކާރަށް ގޮވައިލާފައި ވެއެވެ.
އެހެން ތަފްޞީލުތައް
ޤާނޫނަށް ގެނައި އިޞްލާޙުގެ ދަށުން ޖީއެސްޓީ އާބެހޭ ޤަވާއިދަށް ބަދަލުގެނެސް 30 ދުވަހުގެ ތެރޭގައި ގެޒެޓު ކުރުން ލާޒިމެވެ. އަލަށް ގެޒެޓުކުރާ ޤަވާއިދުގައި ”މީރާކަނެކްޓް“ އެކައުންޓެއް ނެތް ބޭރުގެ ސަޕްލަޔަރަކު ރަޖިސްޓަރީވާނީ ކިހިނެއްކަމާއި، ޓީ-ޖީއެސްޓީގެ މިންވަރު ހިސާބުކުރާނީ ކޮންމެ މުޢާމަލާތަކަށްތޯ ނޫނީ ޖުމުލަކޮށް ހުރިހާ މުޢާމަލާތަކަށް ބިނާކޮށްތޯއާއި، ފަތުރުވެރިޔާ ޗުއްޓީއަށް ފައިސާ ދައްކާ ވަގުތު، އިތުރު ޚަރަދުތަކާއެކު ރިސޯޓަށް އާޚިރުގައި ދައްކަން ޖެހޭ ފައިސާގެ ޖުމުލަ ޢަދަދު ނޭނގޭނަމަ ޢަމަލުކުރާނެ ގޮތާއި، ރާއްޖޭގެ އަދި ރާއްޖެއިން ބޭރުގެ ބައިތައް ހިމެނޭހެން ތައްޔާރުކޮށްފައި ހުންނަ ޕެކޭޖުތަކަށް ޓީ-ޖީއެސްޓީ ހިސާބުކުރާނީ ކިހިނެތްތޯއާއި، ކެންސަލޭޝަން، ރީފަންޑް އަދި އެޖަސްޓްމަންޓްތަކާމެދު ޢަމަލުކުރާނެ ގޮތާއި އަދި އޮކްޓޯބަރ 1 ގެ ކުރިން ވިއްކާފައިވާ ބުކިންގްތަކަށް އިންތިޤާލީ މަރުޙަލާއެއްގެ ލުއި ދެވޭނެތޯ ހިމެނެއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
