ވިލިމާލޭ ފުނަވަލުން އަރައިގެން އަންނަ ޓަވަރުތައް - ކާކަށް ހަދާ ބޯހިޔާވަހިކަމެއް؟
ވިލިމާލޭ ކޮމިއުނިޓީ އޮތީ މިމައްސަލައިގައި ދެކަފި ވެފައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
19 އޭޕްރިލް
ވަރަށް ހެނދުނު ޢާއިޝަތު ރައުދާ (އަޞްލު ނަމެއް ނޫން) އޭނާގެ އަންހެން ދަރިފުޅު ސްކޫލަށް ގެންދަން ހިނގައިގަތީ ވިލިމާލޭގެ ފުނަ ގަސްތަކުގެ ތެރެއިންނެވެ. މިދިޔަ ހަފްތާގައި އެ ހަތަރު އަހަރުގެ ކުއްޖާ ސްކޫލަށް ދާން ދެކޮޅު ހަދާފައި ވެއެވެ. ފުނަ ވައު މަގު ބަންދުކޮށްފައި އޮތީމާއެވެ.
އޭޕްރީލް 4، 2026 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ހަފްތާއެއްހާ ދުވަސް ކުރިން ބޭންކް އޮފް މޯލްޑިވްސް ހައުސިންގް މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގައި 17 ބުރީގެ ތިން ޓަވަރު އެޅުމުގެ މަސައްކަތް ފަށާފައި ވެއެވެ.
މާލޭގެ ބައެއް ކަމަށް ހިމަނާފައިވާ، ހަމަހިމޭން ވިލިމާލެ އަށް ކުޑައިރު ބަދަލުވި ފަހުން، އަބަދުވެސް ފެރީ ޓާމިލަށް ދަނީ ފުނަ ވަލުގެ ތެރެއިން ހިނގާފައެވެ. އެތަނުގައި ހުރި ބައެއް ގަހަކީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ އިން ޙިމާޔަތްކޮށްފައިވާ ލިސްޓުގައި ހިމަނާފައިވާ ގަސްގަހެވެ. ތިރީސް އަހަރު ފަހުން، ހަމަ އެމަގުން، ހިނގާފައި އަންހެން ދަރިފުޅު ގޮވައިގެން، މާ ހޮވައި، ގަސްގަހާގެއްސާއި ދޫނިސޫފާސޫފި ދެނެ، ދެކި، ފެނި ހަދަމުން ދިޔައެވެ.
"މީހުން އަބަދުވެސް ދައްކާ ވާހަކައެއް ކުދިންނަށް މާހައުލުން ފެންނަ، އިވޭ ކަންކަމާއި، ތަކެތިން ކިޔަވައިދޭށޭ. އެކަމުގެ ފައިދާ އަޅުގަނޑަށް ކިތަންމެ ރަނގަޅަކަށްވެސް ފެނިއްޖެ. ހަމައެކަނި ޖިސްމާނީ ގޮތުންނެއް ނޫން ނަފްސާނީ، އަދި ތަޢުލީމީ ގޮތުން ވެސް،" އޭނާ ކިޔައިދިނެވެ. "ދަރިފުޅަށް ފެންނަ ސޫފާސޫފި ގުނާނެ. އޭނާއަށް އެސޮރުމެންނަށް ކިޔާ ދިވެހި އަދި އިނގިރޭސި ނަން ވެސް ދަސްވި. އެކަމަށް ދަރިފުޅު ނުލާހިކުޝައުގުވެރިކަން ހުރޭ،" އޭނާ އޮޅުންފިލުވައި ދިނެވެ.
ފުނަ ވައު ބަންދުކުރީމާ ރައުދާގެ އަންހެން ދަރިފުޅު އެ އުޅެގަތް ގޮތަކީ، އެފުނަ ވަލުގެ ހިތްފަސޭހަކަން ހޯދާ ކޮންމެ ބޮޑު މީހެއްގެ ހިތުގައިވެސް އެނބުރި ގަންނާނެ ހިތްހަމަނުޖެހުމާއި، މާޔޫސްކަން، ކުޑަކުއްޖަކަށް ފައުޅުކުރާން އެނގޭ ގޮތެވެ.
"ބޭނުމެއް ނޫން މި ޖާގަތައް ނެތިގެން ދާކަށް،" ރައުދާ ބުންޏެވެ. "މިތަންތަން ނެތުނީމާ ކިހިނެއްތޯ މިވަނީ؟ ބޭރު މާ ހޫނުގަދަ ވީމާ ކުދިން ގޭތެރޭގައި، ހަތަރު ފާރުގެ ތެރޭގައި ބިތްޖެހި، ތަޅުލެވިފައި ތިބެން ޖެހެނީ،" ކަން ފާހަގަކުރަމުން ރައުދާ ބުނީ އަންނަން އޮތް ޖީލުގެ ކުދިންނަށް މިރާއްޖޭގެ ތަރިކައާއި، ދިވެހިވަންތަކަމުގެ ތަރަހަތައް އޮޅުންނުފިލައި، އަދި ނަފްސާނީ، ޖިސްމާނީ އަދި ޞިއްޙީ އަނދަވަޅެއްގެ ތެރޭގައިވާ ބޮޑުވާން ނޭދޭ ކަމަށެވެ.

300 ފްލެޓްގެ ބިންގާ އެޅީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ގްރޭޓަރ މާލެ ސަރަޙައްދުގައި ހިންގާން އިޢުލާން ކުރައްވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ބައެއްގެ ގޮތުގައެވެ. އިފްތިތާޙުކުރުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ޙާޟިރުވެވަޑައިގަތެވެ. ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑަރީ - ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް ޕްރައިވެޓް ލިމިޓެޑް އިން ވިލިމާލޭ ހައުސިންގް ޓަވަރުތައް އަޅާން ކޮންޓްރެކްޓް ކުރީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ އެވެ. އެކުންފުނީގެ ޗެއާމަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، މިމަޝްރޫޢު ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޢުދުވެވަޑައިގެންނެވީ ފުނަވަލުން އެންމެ ގަހެއްވެސް ނުކަނޑުއްވާނެ ކަމަށެވެ.ގާތްގަނޑަކަށް 400 މަސައްކަތްތެރިންނާއެކު 24 ގަޑިއިރުގެ ޝިފްޓްތަކުގައި ހިންގައި، މި މަޝްރޫއު 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަންވެސް އޭނާ ދެއްވިއެވެ.
ހިތްހަމަނުޖެހުން އުފަންވަނީ އެ ޓަވަރުތައް އަޅާން ނިންމާފައިވާ ލޮކޭޝަންގެ ސަބަބުންނެވެ. ފުނަ ވަލަކީ މާލޭގައި މިފަދަ ޤުދުރަތީ ވެއްޓެއް އޮތް ހަމައެކަނި ސަރަޙައްދުކަން ހިތްހަމަނުޖެހުން ފައުޅުކުރަމުންދާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ހިތްހަމަނުޖެހުން
މި މަޝްރޫޢުގެ ސަބަބުން ވިލިމާލެއަށް 1،500 މީހުން އިތުރުވެ، ތޮއްޖެހުން ބޮޑުވެ، މިހާރު ހުރި ޢުމްރާނީ ވަޞީލަތްތަކަށް ބުރަ ބޮޑުވެގެންދާނެ ކަމަށް ބުނެ، މިކަމާމެދު އަލުން ވިސްނާން ސަރުކާރަށް ގޮވައިލާ، އެސޯސިއޭޝަން އޮފް މޯލްޑިވިއަން ޕްލޭނަރުން ބަޔާނެއް ޢާންމުކޮށްފައި ވެއެވެ.
އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ކޮންސްޓްރަކްޝަން މެޓީރިއަލް ރައްކާކުރުމާއި ހެވީ ޑިއުޓީ ވެހިކަލްތައް ބޭނުންކުރުމަކީ ވަށައިގެންވާ ގަސްގަހާގެއްސަށް ނުރައްކާވާނެ ކަމެއް ކަމަށްވެސް ޕްލޭނަރުން އިންޒާރު ދީފައި ވެއެވެ. އިތުރުބާ އާބާދީގެ ބޭނުމަށް ޕާކިންގް ޖާގަތަކާއި އިތުރު ފިހާރަތަކާއި އެހެނިހެން ޢާންމު ވަޞީލަތްތައް ހިމެނޭ ގޮތަށް ވިލިމާލޭގެ ބާކީ ހުރި ފެހި ޖާގަތަކަށް އިތުރު ޕްރެޝަރެއް ކުރިމަތިވާނެ ކަމަށް އެބަޔާނުގައި އެސޯސިއޭޝަން އޮފް މޯލްޑިވިއަން ޕްލޭނަރުން ފާހަގަކޮށްފައި ވެއެވެ.
މިހާރު ޕްލޭނިން ޤަވާއިދުގެ ދަށުން ޢިމާރާތްތަކުގެ އުސްމިން ކަނޑައަޅާފައިވާ މިންގަނޑަށް ރިޢާޔަތް ކުރާއިރު، 17 ބުރީގެ ޓަވަރުތައް އެޅުމުގެ ޤާނޫނީ އަސާސާމެދު އެސޯސިއޭޝަން އޮފް މޯލްޑިވިއަން ޕްލޭނަރުންވަނީ ސުވާލު އުފައްދާފައެވެ.

ތިމާވެށީގެ ވަކާލާތުގައި ޙަރަކާތްތެރިވާ ސޭވް މޯލްޑިވްސް އާއި ވިލިމާލޭގައި ހިންގާ ސޭވް ދަ ބީޗް މޯލްޑިވްސް އިން ވަނީ އެއެސޯސިއޭޝަންއިން ފައުޅުކުރި ކަންބޮޑުވުންތައް ތަކުރާރުކޮށްފައެވެ. ހުޅުމާލެ އާއި ގުޅީފަޅުގައި ހިމިފަރާތްތަކުންވެސް ސުވާލު އުފެއްދިއެވެ.
"މާލެ ސަރަހައްދުގައި ހުރި މިފަދަ ހިއްކި ހަނަފަސް ބިންތަކުގެ ތެރޭގައި ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު އަދި ފުށިދިއްގަރު ފަޅުވެސް ހިމެނެއެވެ. މިހުރިހާ ތަންތަނާއި، ރާއްޖޭގެ 58 ރަށެއްގައި ހިއްކާފައިވާ ބިންތަކަކީ ބޯހިޔާވަހިކަން ކަށަވަރު ކުރުމުގެ ނަމުގައި އެކި ސަރުކާރުތަކުން ހިއްކާފައިވާ ބިންތަކެވެ. އަދި އެތަންތަނަކީ ދިރިއޮތް ފަރުފަޅު ދާއިމަށް ފަނާކޮށްގެން، ރައްޔިތުންގެ ދަރަނީގެ ބޮޑުހޭދައެއް ކޮށްގެން ހިއްކާފައިވާ ބިންތަކެވެ. " ސޭވް މޯލްޑިވްސް އިން 1 އޭޕްރީލްގައި ޝާޢިއުކުރި ޢާންމު ސިޓީއެއްގައި ވެއެވެ.
"ނަމަވެސް އެތަންތަނުގެ ބޭނުން ނުހިފާ، މަދުވަމުންދާ ދުވަސްވީ ރުއްގަސް ނައްތާލައިގެން މިފަދަ ބިނާތައް ހެދުމަށް އުޅުމަކީ ބޯހިޔާވަހިކަމުގެ ހައްލު ރައްޔިތުންނަށް ހޯދުމުގެ ނިޔަތެއްގައި ކުރާކަމެއްކަމަށް ބެލޭނެ ޖާގައެއް ނެތެވެ." އެ ސިޓީގައި އިތުރަށް ލިޔެފައި ވެއެވެ.
ސޭވް ދަ ބީޗުން ވިލިމާލޭގެ ޤުދުރަތީ މާޙައުލާއި، ގަސްގަހާގެހި ސިފަކޮށްފައިވަނީ ދަރިވަރުންނަށް ޢަމަލީ ފިލާވަޅުތަކެއް ދަސްކޮށްދޭ "ދިރިހުރި ކްލާސްރޫމެއް"ގެ ގޮތުގައެވެ.17 ބުރީގެ ޓަވަރުތައް އެޅުމުން ވިލިމާލެ ދާއިމީ ގޮތެއްގައި ބަދަލުވެ، މިހާރު ހުރި އިންފްރާސްޓްރަކްޗާއަށް ޕްރެޝަރު ބޮޑުވާނެކަމުގެ އިންޒާރު، މި ޖަމްޢިއްޔާއިންވެސް ދީފައި ވެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓުން ބޭންކް އޮފް މޯލްޑިވްސްއަށާއި ރައީސް އޮފީހަށް، ލޮކޭޝަން ޚިޔާރު ކުރިގޮތާއި، ޢިމާރާތްތަކުގެ އުސްމިން ލިމިޓާ ގުޅޭގޮތުން، ޕްލޭނަރުންގެ ކަންބޮޑުވުންތަކާއެކު ސުވާލުތަކެއް ފޮނުވީމެވެ. ލިޔުން ޝާޢިއު ކުރިއިރުވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
އިޙްތިޖާޖާ ދެކުޅު އިޙްތިޖާޖު
މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ މަޝްރޫޢު އިފްތިތާޙްކުރާ ކަމުގެ ޚަބަރު ލިބުމުން ޒުވާނުންގެ ކުޑަ ގްރޫޕެއް ވަނީ ނުރުހުމުގެ މެސެޖުތައް ލިޔެފައިވާ ޕޯސްޓަރާއި ގަނޑު ހިފައިގެން، އެތާ ދޮށަށް ގޮސްފައެވެ. އެމީހުންނާ ކުރިމަތިވީ ޢަދާވާތްތެރިކަމެވެ. މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދައްކަމުން މަޝްރޫޢާމެދު ނުރުހުން ފައުޅުކުރަމުންދިޔަ ފަރާތަކުން ބުނީ އިފްތިތާޙީ ޖަލްސާއާ އެތައް މީޓަރެއް ދުރުގައި ތިއްބާ އެރަސްމިއްޔާތުގައި ބައިވެރިވާން ގޮސް ތިބި، ވެރިކަން ކުރާ ޕާޓީގެ މެންބަރުން ހަޅޭއްލަވަން ފެށި ކަމަށެވެ.
"ދެން ފުލުހުންގެ އޮފިސަރުން އަޅުގަނޑުމެންގެ ގާތަށް އައިސް ބުނީ އަޅުގަނޑުމެން މިތަނުން ދިއުމޭ އެންމެ ރަނގަޅުވާނީ. ދެން ގަދަކަމުން އަޅުގަނޑުމެން އެ ސަރަޙައްދުން ދުރުކުރީ،" މަޝްރޫޢާމެދު އިޙްތިޖާޖުކުރި ގްރޫޕްގެ ބައިވެރިޔަކު ކިޔައިދިނެވެ.
ޖެހިގެން އައި ދުވަހު ވިލިމާލޭގެ ފެރީ ޓާމިނަލް ކައިރީގައި މުޒާހަރާ އަލުން ފެށުމުން އިތުރަށް މައްސަލަ ހޫނުވިއެވެ. ރުޅިގަދަވެފައިވާ ވިލިމާލޭ ރައްޔިތުންގެ ގްރޫޕަކުން މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލިއެވެ. އެމީހުން އައީ ވިލިމާލޭގައި ދުއްވުމުގެ ހުއްދަ ލިބިފައިވާ މަދު އިންޖީނުލީ އުޅަނދުގެ ތެރެއިންވާ ކުޑަ ޕިކަޕެއްގައި މައިކްރޯފޯނާއި ސްޕީކަރުތައް ބަހައްޓައި، ތައްޔާރުވެގެންނެވެ. އޮންލައިންކޮށް ޢާންމުކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި މަޝްރޫޢާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކާ ކުރިމަތިލާން ނުކުން މުޒާހިރީން ދިޔައީ އައުގުރާނަ ގޮވަމުންނެވެ. އަދި ވިލިމާލޭގެ ތަރައްޤީއަށް ހުރަސް އަޅާ ކަމަށްބުނެ ރުޅިވެރިކަން ފައުޅުކުރިއެވެ.
"އަހަރުމެން ބޭނުންވަނީ ބޯހިޔާވަހިކަން، އަހަރުމެން ބޭނުންވަނީ ތަރައްޤީ. ވިލިމާލެ ނިސްބަތްވަނީ ވިލިމާލޭގެ ރައްޔިތުންނަށް. އެއީ ބޭރުން އަންނަ އެންޖީއޯތަކަށް އޮތް ތަނެއް ނޫން،" ކަމަށާއި، "އެންޖީއޯ ހަދައިގެން ވިލިމާލެ ވިއްކައިގެން ފައިސާ ހޯދަން މަސައްކަތް ކުރަނީ،" ކަމަށް ވިލިމާލޭ ރައްޔިތުންގެ ގްރޫޕުން ގޮވަމުން ދިޔައެވެ.
މުޒާހަރާގެ ބައިވެރިން ހިނގައިގަތުމުން ވިލިމާލޭ ރައްޔިތުންގެ ގްރޫޕުން ވަނީ އެ އިލެކްޓްރިކް ސައިކަލާއި ސައުންޑް ޕިކަޕުގައި އެމުޒާހިރީންގެ ފަހަތުން ގޮސް އެމީހުންނަށް ފާޑުކިޔައި ރަށުން ފައިބާން ޑިމާންޑު ކޮށްފައެވެ.
"އެއީ އާދަޔާ ހިލާފު ބައްދަލުވުމެއް.'މި މީހުން ވިލިމާލޭ މީހުންނާ މެދު ފަރުވާލެއް ނުބަހައްޓާ،' އަދި އަޅުގަނޑުމެން ކަންބޮޑުވީ ހަމައެކަނި ގަސްތަކާއި މުރަކަތަކެވެ. އެމީހުން މަސައްކަތް ކުރަމުން ދިޔައީ އަހަރެމެން އެންމެން ބޭރު މީހުން ފަދައިން ކުލަ ޖައްސަން ކަމަށާއި އެމީހުން ތަމްސީލު ކުރީ މީހުން އަސްލު ބޭނުންވާ ކަންތައްތައް،" މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް ބުންޏެވެ.
"އެމީހުން ބުނީ ތިމާވެށްޓަށް ވަކާލާތުކޮށްގެން ބޭރުގެ ޖަމިއްޔާތަކުން ފައިސާ ލިބޭ ކަމަށާއި މި ޖަޒީރާ ދޫކޮށް ދާންވީ ކަމަށެވެ. އެކަމަކު އެއީ އަހަންނަށް އެހާ މަޖާ ކަމެއް، ސަބަބަކީ ފުރަތަމަ ކަމަކަށް އަހަރެން މިތާ ވެސް އުޅެނީ އަދި ތިޔަ ބުނަނީ ކޮން އެއްޗެއް ހެއްޔެވެ؟ މި މަޝްރޫއަށް އެހީތެރިވުމުން މާލީ ފައިދާ ލިބެމުންދާ ފަރާތްތައް."
ބޯހިޔާވަހިކަން ކާކަށް؟
1990 ގެ އަހަރުތަކުގެ ފަހުކޮޅުއްސުރެ ވިލިމާލޭގައި ދިރިއުޅެމުން އަންނަ އުމުރުން 44 އަހަރުގެ އަޙްމަދު އިކްރާމް (އައިކޭ) ކިޔައިދިން ގޮތުގައި ދެވަނަ އަދި ތިން ވަނަ ޖީލުގެ ވަޒަންވެރިންނަށް ބޯހިޔާވަހިކަން ބޭނުންވާކަން ދޮގުކުރެވެން ނެތް ކަމަށެވެ.
"ވިލިމާލޭގެ ބައެއް ޢާއިލާތަކުގައި ވަރަށް ގިނަ ކުދިން ތިބޭ، 1،400 އަކަފޫޓުގެ ޖާގައެއްގައި 12 ކުދިން. އެހެންވީމަ މައިންބަފައިން މަރުވުމުން ގެ ބެހީމާ ކޮންމެ ޢާއިލާއަކަށް ލިބެނީ ވަރަށް ކުޑަ ތަންކޮޅެއް.މާލޭ ސަރަޙައްދުގެ އެންމެންނަށް ވެސް ބޯހިޔާވަހިކަމުގެ ބޭނުން ޖެހިފައިވޭ،" އޭނާ ބުންޏެވެ.
އެކަމަކު އާރުސީސީގެ ޓަވަރުތަކާ މެދު ސުވާލު އުފައްދައި، އެއީ ސޯޝަލް ހައުސިންތޯ ނުވަތަ ބީއެމްއެލްގެ ރިއަލް އެސްޓޭޓް މަޝްރޫޢެއްތޯ އިކްރާމް އަހައެވެ. ކުރީގެ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ވިލިމާލޭގެ ގިނަ ރައްޔިތުން އެޕްލައިކޮށް، ފްލެޓް ލިބުނު މީހުން ހުޅުމާލެއަށް ބަދަލުވެފައިވާ ކަންވެސް އޭނާ ފާހަގަ ކުރިއެވެ.
"އެކަމަކު ކުއްލިއަކަށް ފުނާވައު ފެނިގެން، އެތަނުގެ މެދުގައި ބީއެމްއެލް ޖަހައިގެން ޓަވަރުތައް އަޅަން ބޭނުންވީ. މިއީ ވަރަށް ޝައްކު އުފައްދަނިވި ކަމެއް. މިއީ އިޖުތިމާޢީ ބޯހިޔާވަހިކަމުގެ ސްކީމެއްތޯ ސުވާލު އުފެދޭ!؟" އޭނާ އިތުރަށް ބުންޏެވެ.
"ބީއެމްއެލް އާއި އާރުސީސީ މިކަމުގައި ބައިވެރިވާއިރު، މިއީ ސޯޝަލް ސްކީމެއް ނޫން، މިއީ ކޯޕަރޭޓް ލޭންޑް ގްރޭބް. އެގޮތށް ދިވެހިރާއްޖެ އާއި މާލޭގެ އެތައް މިތަނުގައި ހިޔާވަހިކަން ދިނުމުގެ ނަމުގައި ގިނަ ބިންތަކެއް ހިއްކާފައިވޭ،" އައިކޭ ނުރުހުން ފައުޅުކުރިއެވެ.
އާރުސީސީގެ ޗެއާމަން މުހައްމަދު ނާޒިމަކީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޓިކެޓުގައި ދާދި ފަހުން އަލުން މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިގެންނެވި މޭޔަރު އާދަމް ޢާޒިމްގެ އެއްބަނޑު އެއްބަފައި ބޭބެއެވެ. އަދި މަޖިލީހުގައި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރުކަން ކުރެއްވި، މިހާރުގެ ބަންޑާރަ ނާއިބް އަޙްމަދު އުޝާމްއަކީވެސް މިދެބޭފުޅުންނާ ގާތް ޢާއިލީ ގުޅުމެއް އޮންނަ ފަރާތަކެވެ. ވިލިމާލޭ ހޭޅިފަށުގައި ހުންނަ ވިނޯވާ ގެސްޓްހައުސް ހިންގަނީ އަޙްމަދު އުޝާމްގެ ބޭބެ މުހައްމަދު ވިޝާމެވެ.
އިކްރާމް ވަނީ މުޒާހަރާއަށް ހުރަސް އެޅި "ޕީއެންސީގެ ސަޕޯޓަރުން" ނަށް ފާޑުކިޔާފައެވެ.
"އެއީ ސިޔާސީ ކަމެއް. އެތަނަށް ދިޔަ މީހުންގެ ތެރޭގައި ބަދިގޭގައި ނިދާ ކަމަށް ބުނާ މީހުން ހިމެނޭ. އެކަމަކު އަހަންނަށް ޙަޤީޤަތް އެނގޭ، މިސާލަކށް މިއީ ތިން މީހުން ތިބި ޢާއިލާއެއްގެ މީހެއްކަމާއި، އެޢާއިލާއިން ވިލިމާލޭގައި ދިރިއުޅެނީ އޭނާ އެކަނިކަން. އެހެންވީމަ އެ ބުނަނީ ތެދު ނޫންކަން. ވާހަކަ ދެއްކި ގޮތަކުން ހީވާނީ އެމީހުންނަކީ ގެދޮރު ނެތް ބައެއް ހެން، އެކަމަކު އެއީ ކަން އޮތް ގޮތެއް ނޫން،" އޭނާ ކިޔައިދިނެވެ،
"އަޅުގަނޑަށް ޤަބޫލުކުރެވެނީ ވިލިމާލޭގެ ރައްޔިތުން؛ ޢުމުރުން ދުވަސްވީ މީހުން ވެސް މި މާޙައުލަށް ލޯބިކޮށް، ވެލިއުކުރާ ހެން. އެކަމަކު އަބަދުވެސް ކައުންސިލް ނުވަތަ މުނިސިޕަލް އޮފީހުގެ ވިސްނުން ޢާންމު ތަންތަނާ މެދު މިހުންނަނީ މާ އިހުގެ ގޮތަކަށް،" ކަމަށާއި، ވިލިމާލޭގެ މާޙައުލު ރައްކާތެރިކަމާއެކު ހަލާކުނުވެ، ޤުދުރަތީ ފެހިކަމުގައި ދެމި އޮތުމުގެ އަޞްލަކީ ވެށި ލޯތްބާއި އިޙްތިރާމާއެކު ބެލެހެއްޓުންކަމަށް އައިކޭ ބުންޏެވެ.
ފުނަ ވަލަކީ ދިވެހިރާއްޖޭގެ އާބާދީގެ 40 އިންސައްތަ ދިރިއުޅޭ ގްރޭޓާ މާލޭ ސަރަޙައްދުގައި ހުރި މަދު ޢންމު ފެހި ޖާގަތަކުގެ ތެރެއިން އެއް ޖާގައެކެވެ. ސްކޫލް ދަރިވަރުންނާއި ސްކައުޓުން ކޭމްޕު ދަތުރުތަކަށް ބޭނުން ކުރެ އެވެ. ހަފްތާ ބަންދުގައި ބިދޭސީ މަސައްކަތްތެރިންވެސް އެތަނަށް އެއްވެ ކްރިކެޓް ކުޅެ ހަދައެވެ.
ވިލިމާލޭގައި އުޅެ، ބޮޑުވި ޒުވާނާ ޢަބްދުﷲ ޙުސެއިން ރަޝީދު އިކްރާމްގެ ވާހަކަތައް ތަކުރާރު ކުރިއެވެ.
"އަޅުގަނޑަށް ހީވަނީ ވިލިމާލޭގައި ގިނަ ތަފާތު ބާވަތުގެ މީހުން އުޅޭހެން. އަޅުގަނޑުމެން ކަހަލަ ޢާއިލާތައް - މިތަނުގައި ރެޖިސްޓްރީވެ، ދިގު މުއްދަތަށް ވަޒަންވެރިވެ އުޅެމުންދާ މީހުން އަދި ރެޖިސްޓްރީ ނުކުރިޔަސް، ގިނަ މުއްދަތަކަށް މިތާނގައި - ޢާންމުކޮށް ކުއްޔަށް އުޅޭ މީހުން. އަދި އެބަ އުޅޭ ކުރު މުއްދަތަކަށް ވިލިމާލޭގައި އެކި ސަބަބުތަކާހުރެ އުޅޭ މީހުން. އޭގެތެރޭގައި ހިމެނޭ މާލެއާ މިރަށް ކައިރިވީމާ ހުރިހާ ޚިދުމަތަކާ ދުރަށް ނުގޮސް، މިހިތްގައިމު މާޙައުލުގައި އުޅެން ބޭނުންވާ މީހުން. އެކަމަކު ވިލިމާލޭގައި ރެޖިސްޓްރީވެފައިވާ މީހުން ކުރެ، މިތަނުގައި އުޅެނީ ވަރަށް މަދު ބައެއްހެން ހީވަނީ" އޭނާ ކިޔައިިދިނެވެ.
ޢަބްދުﷲގެ ޢާއިލާއިން މި 300 ފްލެޓުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢަށް ތާޢީދުކުރަނީ މީގެ 30 އަހަރު ކުރިން ވިލިމާލެއަށް ބަދަލުވި ޢާއިލާތައް ޖާގައަށް ޖެހިފައި ވާތީއެވެ. "ވޭތިވެދިޔަ އަހަރުތަކުގެ ތެރޭގައި ޢާއިލާތަކުގެ ސައިޒު ބޮޑުވި ނަމަވެސް ވިލިމާލޭގެ ގެދޮރު ކުދި" ކަމަށާއި، "ކޮންމެވެސް ވަރަކަށް ބޯހިޔާވަހިކަމުގެ ބޭނުން އެބައޮތް އެކަމަކު ސަރުކާރުން މި މަޝްރޫޢު ފެށުމުގެ ކުރިން އެއްވެސް ކަހަލަ ދިރާސާއެއް ނުވަތަ ނީޑްސް އެސެސްމަންޓެއް ކޮށްފައެއް ނުވޭ. ސަރުކާރުގެ ހުރިހާ އެހެން މަޝްރޫޢަކާވެސް އެއްގޮތަށް: މަތިން ތިރިއަށް ކުރާ ކަމެއް،" ކުރިން ސަރުކާރުގައި އިންޖިނިއަރެއްގެ ގޮތުގައި މަސައްކަތް ކުރި ޢަބްދުالله އިތުރަށް ވާހަކަ ދެއްކިއެވެ. އަދި އަނެއް މާލެއަކަށް ނުވަތަ ހުޅުމާލެއަކަށް ވިލިމާލެ ބަދަލުވާން ނޭދޭ މީހުން ގިނަކަމަށް އޭނާ ބުންޏެވެ.
ޢާބްދުالله ވަނީ ވިލިމާލޭގެ "އަޞްލުވެހިން" މި މަޝްރޫޢަށް ތާޢީދުކުރާ ކަމަށް ބުނާ ބުނުމަށް ގޮންޖަހާފައެވެ. އިކްރާމް ފަދައިން އޭނާއަށް ވެސް ޝައްކު ކުރެވުނީ މި މަޝްރޫޢުގެ ސަބަބުން އާޚިރުގައި ވަކި އިމްތިޔާޒު ލިބިގެންވާ ބަޔަކު މެނުވީ މުއްސަނދި ނުވާނެ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މިތަނުގައި ނުފޫޒުގަދަ ބަޔަކަށް މިކަމުން ފައިދާ ކުރާނެހެން. ވިލިމާލެ އަކީ އަބަދުވެސް ކޮންޒަވޭޓިވް ރަށެއް. ގާތްގަނޑަކަށް އަބަދުވެސް ޕީއެންސީއަށް ނުވަތަ ކުރިން ޕީޕީއެމް ނުވަތަ ޑީއާރުޕީއަށް ވޯޓު ދީފައި އޮތީ. އެކަމަކު ނުފޫޒުގަދަ މަދު ޢާއިލާތަކެއް އެބަހުރި."


މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
