ރާއްޖޭގެ ކަނޑުތަކުގައި ކިރަވެލި (ކިލާރވޭލް) ގިނަވީތަ؟ ނޫނީ ޑްރޯނާއި ކެމެރާ ގިނަވީތަ؟

ފުވައްމުލަކާއި، ވ. އަތޮޅާއި، ހުޅުމާލެ ދޮށުންވެސް އެސޮރުމެން ފެނިފައިވޭ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

20 ޖެނުއަރީ
ނިމިދިޔަ މަސްތަކުގައި ރާއްޖެއިން ކިރަވެލި (އޯރކާ، ކިލާރ ވޭލް) އައިންތައް ފެންނާން ފަށައިފިއެވެ. އެކި ސަރަޙައްދުން ބައިބަޔަށެވެ. މިއާއެކު މިސޮރުމެންނަކީ ޙަޤީޤަތުގައިވެސް ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ ބައެއްތޯ ނުވަތަ ރާއްޖޭގެ ކަނޑުއޮޅިތަކުން އެހެން ސަރަޙައްދުތަކަށް ހިޖުރަކުރާ ބަޔަކީތޯ ކުރެވޭ ސުވާލުގެ ބަޙުޘް އާލާ ވެއްޖެއެވެ.
އެތައް ދަހަރެއް ވާންދެން މަސްވެރިންގެ ބަހުގައިނަމަ ރާއްޖެއިން ކިރަވެލި ފެނެއެވެ. ނަމަވެސް އެރިޕޯޓުތަކުގެ ޞައްޙަކަމާމެދު އަބަދުވެސް ސުވާލު އުފައްދައެވެ. އެހެނެއްކަމަކު، ޑްރޯން ފޫޓޭޖާއި ކަނޑުއަޑީގެ ކެމެރާތަކުން މަސްވެރިންގެ ބަސް އެދަނީ ތެދު ކުރަމުންނެވެ. ދިވެހި ކަނޑުތަކަށް އެސޮރުމެން އެ މިސްރާބުކުރަނީ ކީއްވެތޯ ސުވާލު އުފައްދަމުންނެވެ. 
ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފުވައްމުލަކު ކައިރިން ގާތްގަނޑަކަށް 18 ކިރަވެލީގެ އައިނެއް ފެނިފައިވެއެވެ. ޤަބޫލުކުރާންވެސް ދަތި ކަނޑުއަޑީގެ އަދި ޑްރޯން ފޫޓޭޖްތަކުން ފެންނަނީ ދެކުނުގައި އެވާ ފުވައްމަލަކުގެ ވަށައިގެން އެސޮރުމެން ދުވަމުން ދާ ތަނެވެ. އޭގެ ހަފްތާއެއް ފަހުން ހުޅުމާލޭ ކައިރިންވެސް ކިރަވެލި ފެނިފައިވެއެވެ. އެތައް ބަޔަކަށް ހަމަ ލޮލުން ފެނުނުކަމަށް ރިޕޯޓުކޮށްފައި ވެއެވެ. ނޮވެމްބަރު މަހު ވ. އަތޮޅު ކައިރިން ހަތަރު ކިރަވެލި ފެނިފައިވާ ކަމަށްވެސް ރިޕޯޓުތައް ލިބިފައި ވެއެވެ. 
"މީގެ ކުރިން ވެސް ދިވެހިރާއްޖޭގެ ސަރަޙައްދުން އޯރކާ ފެނިފައިވޭ، 80 އާއި 90 ގެ އަހަރުތަކުގައި ވެސް. ކުރިން މިކަން ޤަބޫލެއް ނުކުރޭ. ނަމަވެސް ވާދޫ ކަނޑު ކައިރިން، ކްރޮސްރޯޑްސް [ރިސޯޓް] ދޮށުން މިހާރު އެސޮރުމެން ފެނޭ،" ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ ޙަސަން ޙަމީޒް މޯލްޑިވްސް އިންޑިޕެންޑެންޓުގައި ވިދާޅުވިއެވެ.
“އަނެއް ސަބަބަކީ [ފެނުނުކަމުގެ ރިޕޯޓްތައް ގިނައިން ލިބޭ] ސަބަބަކީ ޑްރޯންތަކާއި ކެމެރާތަކާއެކު މާކަނޑުގެ ދިރުންތައް ހޯދާ، ބަލާ، ޑޮކިއުމެންޓު ކުރަންއުޅޭ މީހުންގެ ޢަދަދު މިހާރު ވަރަށް ބޮޑު ތަނުން އިތުރުވުން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
މީގެ ކުރިން ފުވައްމުލަކު ކައިރިން 2023 ވަނަ އަހަރު ކިރަވެލި ފެނިފައިވެއެވެ. އަދި އެއަހަރު ރ. އަތޮޅުން – ޖާވާކަރަ ރިސޯޓުގެ ކައިރިންވެސް އެސޮރުމެން ފެނިފައިވެއެވެ.
ޙަސަން ޙަމީޒު އޮޅުންފިލުއްވައި ދެއްވި ގޮތުގައި ރާއްޖެ މިއޮތީ ކިރަވެލި ހިޖުރަކުރާ ރާސްތާގައެވެ. އަހަރުގެ ވަކި ދުވަސްވަރަކު އެތެރެވަރިން، އަތޮޅުތަކުގެ ދެމެދުން ހިނގާ ކަނޑުއޮޅިތަކުން އެސޮރުމެން އަދި ހުރިހާ ބާވަތެއްގެ ވޭލްވެސް ދަތުރުކުރެއެވެ.
"އޯރކާ ވަރަށް ބުއްދިވެރިވާނެ، އެސޮރުމެންގެ ހިޖުރަވެރި ރާސްތާއަށާއި، ކަނޑުގެ އޮއެވަރަށް ބަދަލު އަންނަ ވަރަކުން އެސޮރުމެން ފެންނަލެއް އިތުރުވާނެކަމަށް އަހަރެންނަށް ފެނޭ. އަހަންނަކީ މާހިރެއް ނޫން، އެކަމަކު އެއީ އަހަރެންގެ ތިއަރީ." ޙަސަން ޙަމީޒު ހާމަކުރެއްވިއެވެ. 
ޗާލްސް އެންޑަސަން އާއި ޝިހާމް އެޑަމް 2012 ވަނަ އަހަރު ކުރި ދިރާސާއަކުން ދައްކަނީ 1990 އާއި 2002 އާ ދެމެދު ދިވެހިރާއްޖެއިން 57 ކިރަވެލި ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން 21 ފަހަރު ފެނިފައިވަނީ އިތުރުގެ އަތޮޅުތަކުން ކަމަށެވެ. މެދުރާއްޖެތެރެއިން 31 ފަހަރު އަދި ދެކުނުގެ އަތޮޅުތަކުން ފަސް ފަހަރު ފެނިފައިވެއެވެ. މި ދިރާސާގައި ބުނަނީ ކިރަވެލި ފެންނަނީ 5 އާއި 11 އާ ދެމެދުގެ އައިންއައިނުގައި ކަމަށެވެ. އަދި ފެނުނު ބޮޑެތި 6 ކިރަވެލީގެ ފިޔާތޮށި ކުލައިގެ ކޮންމެވެސް އެއްޗެއް ތުނބުލައިގެން ތިބިކަމަށެވެ. އެއީ ޑޮލްފިން، މިޔަރު ނުވަތަ ކަނޑުމަހުގެ ބާވަތެއްގެ މަސް ނުވަތަ ހަށިގަނޑުކަމަށް ވުން އެކަށީގެންވެއެވެ. އަދި ގާތްގަނޑަކަށް ހަ ކިރަވެލި ޑޮލްފިންތަކަކަށް ފާރަލަމުން ދާ ތަންވެސް މިދިރާސާއަށް ފެނިފައި ވެއެވެ. 
2020 ވަނަ އަހަރުން ފެށިގެން ސްޕެއިން ކައިރީގައި އޮންނަ ރިޔާނެގި ބޯޓްތަކާއި ޔޮޓްތަކުގެ ބަނޑުވަތުގައި ޖެހި، އެއުޅަނދުތަކަށް ޙަމަލާދެމުންދާ ޚަބަރާއެކު، ގްލެޑިސް ކިޔާ ކިރަވެލީގެ ބާވަތެއް މީޑިޔާގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދާފައި ވެއެވެ.
ރާއްޖޭގެ ޔޮޓް އޮޕަރޭޓަރުން މިބާވަތުގެ ކަމެއް އަދި ތަޖުރިބާ ކޮށްފައެއް ނެތެވެ. 

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ