"ޙިމާޔަތްކޮށްފައިވާ" ގެ މާނައެއް ނެތުން: ރައްކާތެރިކުރި ސަރަޙައްދުތަކުގެ ޙާލެއް ނެތް
ގެއްލިފައިވާ ރަށަކާއި، ތާށިވެފައި އޮތް ބޭނުންނުކުރާ ފަންޑަކާއި، ލިޔުމުގައި އޮތް، އަޞްލުގައި ނެތް 87 ޕާކުތަކެއް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
06 ނޮވެމްބަރު
ޔުނެސްކޯގެ ބަޔޮސްފިޔަރ ރިޒާރވްއެއް ކަމަށް ދިވެހިރާއްޖޭގައި ފުރަތަމަ ކަނޑައެޅި ހަނިފަރު ސަރަޙައްދު ބަލަހައްޓާން ބ. އަތޮޅު ކޮންޒަރވޭޝަން ފަންޑް ޤާއިމު ކުރިއެވެ. ނަމަވެސް އަހަރު ދެކޮޅު ބާއްވަން ޖެހޭ ބޯޑު ބައްދަލުވުންތަކާއި، ޙިމާޔަތުގެ މަސައްކަތަށް ބޭނުންވާ ފައިސާ އެކަށައެޅުމުގެ މަސައްކަތެއް ނުހިނގައެވެ. ސަރަޙައްދުގައި ހިމެނޭ ރަށެއް ރިޒޯޓު ތަރައްޤީ ކުރާން ކަނޑައެޅުނެވެ. ނަމަވެސް، އެރަށްވެސް އެކީ އެކަށް ގިރާ ހުސްވެއްޖެއެވެ. މެނޭޖްމަންޓް ޕްލޭންތައް އެކުލަވާފައި ހުރީ ޙިމާޔަތް ކޮށްފައިވާ 14 ސަރަޙައްދުގެ ތެރެއިން 3 ސަރަޙައްދެއްގައެވެ.
ދިވެހިރާއްޖޭގެ ތިމާވެށީގެ ޙިމާޔަތުގައި އެޅި އެންމެ ހަރުދަނާ އަދި ޚާއްޞަ ފިޔަވަޅުގެ ގޮތުގައި ޙިމާޔަތް ކުރި ހަނިފަރު ބޭ މެނޭޖު ކުރާ ގޮތުގެ މައްޗަށް އެކުލެވި އޮޑިޓް ރިޕޯޓު ބުނާ ގޮތުން، ބެލެހެއްޓުންތެރިކަން މުޅިންހެން އޮތީ ދޯދިޔާވެ، ހަލާކުވެފައެވެ؛ ކާކު ކުރާންވީ ކީއް ކަމެއް ނުއެނގެއެވެ. ޒިންމާ ނަގާނެ މީހަކު ނެތެވެ. އޭޖެންސީތަކުގެ މެދުގައި އޮތީ އަރައިރުމެވެ. ޔުނެސްކޯގެ އެހީގައި ޙިމާޔަތް ކޮށްފައިވާ ބ. އަތޮޅުގެ ކަންތައް މިހާ ގޯސްކޮށް ހުރީވިއްޔާ، ދެން ޙިމާޔަތް ކޮށްފައި ހުރި 93 ސަރަޙައްދުގެ ޙާލަތު ހުންނާނީ ކިހިނަކުން ކަން ތަޞައްވަރު ކުރެވެއެވެ.
އޮޑިޓް ރިޕޯޓުގައި ބ. އަތޮޅު ކޮންޒަރވޭޝަން ފަންޑުގެ ދެފުށްފެނުމާއި، ނަޒާޙަތްތެރިކަމާމެދު ސުވާލު އުފައްދައެވެ. އެގޮތުން ބޯޑު ބައްދަލުވުންތައް ނުބާއްވާކަން ފާހަގަކޮށް، ބުނެފައިވަނީ 2012 އާއި 2016 އާ ދެމެދު ބޭއްވީ އެންމެ ބައްދަލުވުމެއް ކަމަށާއި، 2018 އާއި 2020 އާ ދެމެދު އެންމެ ބައްދަލުވުމެއް ވެސް ނުބާއްވާ ކަމަށާއި، އަހަރީ ރިޕޯޓުތައްވެސް އެކުލަވާ، ޝާޢިއު ނުކުރާ ކަމަށެވެ. ކޮމިއުނިޓީ ޕްރޮޖެކްޓުތަކުގެ މަޢުލޫމާތު ވެސް ނުދޭ ކަމަށެވެ. އެހެންކަމުން 2012 އިން އަދާއިހަމައަށް ހިންގާފައިވާ މަސައްކަތްތަކާއި، ހޯދާފައިވާ ކުރިއެރުމެއް ސާފު ނުވާ ކަމަށް އެރިޕޯޓުގައި ބުނެއެވެ.
ގެއްލުނު ރަށް
ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ޖޫން 2011 ގައި، ޙިމާޔަތްކުރި ބަތަލާ ގެ ވާހަކައެވެ. އެރަށަކީ ވިލާކަހަނބު އަދި ދޫނި ބިސްއަޅާ ރަށެކެވެ. އެރަށް ޙިމާޔަތް ކުރި އިރު އޮތީ ދަނޑުވެރިކަމަށް ދޫކޮށްފައެވެ. ޙިމާޔަތް ކުރި ފަހުން 3 އަހަރު ވީ އިރުވެސް، ރަށް އޮތީ ދަނޑުވެރިކަމަށެވެ. އެހެންވީމާ ރަށް ޙަވާލު ކޮށްފައިވާ ފަރާތަށް ރަށަށް އަރާ، ފޭބެއެވެ. އޭގެފަހުން އެރަށް ފަތުރުވެރިކަން ތަރައްޤީ ކުރާން 21 އަހަރަށް ދޫކުރިއެވެ.
ބަތަލާ 2013 ގައި ފަތުރުވެރިކަމަށް ކަނޑައެޅި އިރު ޙިމާޔަތްކޮށްފައި އޮތްކަން ޓުވަރިޒަމް މިނިސްޓްރީއަށް އެނގިފައި އޮތް ކަމަކަށް ނުވެއެވެ. ނުވަތަ އެގޮތެއް ނުބަލައެވެ. 2014 ގައި ރަށް ނެގި ފަރާތުން، ނަގާންޖެހޭ ހުއްދަތައް ނުނަގާ، ރަށުގެ އުރަފަށާއި ގޮނޑުދޮށަށް ގިނަ ބަދަލުތަކެއް ގެނައެވެ.
ބަތަލާ ގައި ޤާނޫނާ ޚިލާފު ކަންތައްތަކެއް ހިންގާކަމުގެ ރިޕޯޓު ލިބިގެން 2014 ގައި ބަޔޮސްފިޔަރ ރިޒާރވް އޮފީހުން އެރަށަށް އަރާ އިންސްޕެކްޓު ކުރި ކުރުމުން، ރަށުގެ ގޮނޑުދޮށަށް ބަދަލު އަންނަފަދަ ކަންތައްތަކެއް، ހުއްދަ ނުނަގާ އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ރިޕޯޓެއް އެކުނުލަވާ ހިންގާފައި ވާކަން ސާފުވި ކަމަށާއި، އެކަން ސެޓަލައިޓް ފޮޓޯތަކުން ވެސް ޔަޤީން ވާކަމަށް އެރިޕޯޓުގައި ބުނެއެވެ.
ނަތީޖާއަކީ، އެރިޕޯޓު ބުނާގޮތުން، އިޔާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ރަށަށްވެ، ރަށް އެކީ އެކަށް ގިރާ ހުސްވުމެވެ. އެންވަޔަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އިން ބެލި ބެލުމުން، އެއީ ރަށަށް ގެނެސްފައިވާ ޤަވާޢިދާ ޚިލާފު ބަދަލުތަކުގެ ސަބަބުން ދިމާވި ކަމެއްކަން އެނގޭން އޮތްކަމަށް ވެސް އޮޑިޓުގައި ބުނެއެވެ.
ސަރުކާރުގެ ދެއުޅިއެއްނުވާ ކޯޅުންތައް
ދިވެހިރާއްޖޭގައި ޙިމާޔަތްކޮށްފައިވާ 6 ސަރަޙައްދުން ކުރެ، މެނޭޖްމަންޓް ޕްލޭނެއް އެކުލަވާފައިވާ 3 ތަން އޮތީ ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާރވްގައެވެ. ދެން ހުރީ ގަނޑުގައި ލިޔެފައި އޮތަސް، ޙަޤީޤަތުގައި ފެންނާން ނެތް ނަމެއްގައި ޙިމާޔަތް ކޮށްފައިވާ ތަންތަނެވެ. ރާއްޖޭގައި ޙީމާޔަތްކޮށްފައިވާ އެންމެ ބޮޑު ސަރަޙައްދު ކަމަށްވާ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިޔާ (ސަމްޕާ) މެނޭޖުކުރަން ފެށީ ނިމިދިޔަ އަހަރުގެ ތެރޭގައެވެ. މިހާރު އެސަރަޙައްދު ޙިމާޔަތް ކުރިކަމަށް ކަނޑައަޅާފައި އޮންނަތާ 14 އަހަރު ވެއްޖެއެވެ.
ބ. އަތޮޅުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގެ ތެރެއިން އޮޅުގިރި މޭނުކުރަމުން ދިޔައީ ބ. އަތޮޅު ކައުންސިލާއެކު އެއަތޮޅު ހިތާދޫއާއި ތުޅާދޫ ގުޅިގެން، ބަޔޮސްފިޔަރ ރިޒާރވް އޮފީހާ އެކުގައެވެ. އެހެނަސް، މި ފަރާތްތަކުގެ މެދުގައި ސޮއިކޮށްފައިވާ އެމްއޯޔޫ (ފަހުމުނާމާ) މީގެ 4 އަހަރު ކުރިން ދުވަސް ހަމަވެއްޖެއެވެ. އަދި އަލެއް ނުކުރެެއެވެ.
އޮޑިޓުގައި އިތުރަށް ބުނަނީ ރާއްޖޭގެ 93 ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ބެލެހެއްޓުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ސީދާ ކޮނޑުއަޅަނީ ކޮން ފަރާތަކުންކަން ސާފުނުވާ ކަމަށެވެ. އެންވަޔަރަމަންޓް މިނިސްޓްރީއާއި، އީޕީއޭއާއި، ލޯކަލް ކައުންސިލުތަކާއި، މިހެން ހުރި މުވައްސަސާތަކުގެ ތެރޭގައި ޒިންމާ ބެހިފައިވާ ގޮތާއި، އެފަރާތްތަކުގެ އިޙްތިޞާޞް ސާފުކޮށް ބަޔާންކޮށްފައެއް ނެތެވެ. އޮޅުންގަނޑެކެވެ.
އެހެންވީމާ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާ، ތަންފީޛު ކުރާންވީ ކޮން ފަރާތަކުންކަމެއް ނުއެނގެއެވެ. އެހެންވީމާ މެނޭޖްމަންޓް ޕްލޭނެއް އެކުނުލެވި ދިގުދެމިފައި އޮތީކަމަށް އޮޑިޓު ރިޕޯޓުގައި ހާމަކުރެއެވެ. އަދި ތިމާވެއްޓަށް ދޭ ގެއްލުމަށް ޒިންމާކުރުވުމާއި، ފިޔަވަޅު އެޅުންވެސް އޮތީ ހުސްކަމެއްގެ ތެރޭގައެވެ. ޢަމަލު ކުރާންޖެހޭ އިޖުރާޢަތުތަކާއި، ކަމާބެހޭ އުޞޫލުތަކެއް ނެތެވެ. ރެކޯޑު ބެލެހެއްޓުމާއި، މޮނީޓަރކުރުމާއި، ޤުދުރަތީ ދިރުންތަކާއި ވެއްޓަށް އަންނަ ބަދަލު ދިރާސާކޮށް ބެލުމެއް ނުހިނގައެވެ.
2018 ގައި އެކުލެވި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާބެހޭ ޤަވާއިދުގައި މެނޭޖްމަންޓް ޕްލޭންތައް އެކުލަވާ، ތަންފީޛުކުރުން އޮތީ އީޕީއޭ އަށެވެ.
ނަމަވެސް، އީޕީއޭ ހުންނަނީ މާލޭގައެވެ. އަދި އެތަނުގެ މިނިވަންކަމާއި މުސްތަޤިއްލުކަން އިހުނަށްވުރެ ކުޑަ ކޮށްފައި ވެއެވެ. ބަޔޮސްފިޔަރ ރިޒާރވް އޮފީސް ހުރީ ބ. އޭދަފުށީ ގައެވެ. އެހެންވީމާ ދާދި ގުޅުން ކުޑައެވެ.
އޮޑިޓުގައި އިތުރަށް ފާހަގަކުރަނީ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކާބެހޭ ޤަވާޢިދާ ލާމަރުކަޒީ ޤާނޫނުން ކައުންސިލުތަކުގެ އިޙްތިޞާޞްގައި ހިމަނާފައިވާ ސަރަޙައްދުތަކުގައި ފުށުއެރުންތަކެއް އެބަހުއްޓެވެ. މިފަރާތްތަކުގެ މެދުގައި އެއްބާރުލުން ދިނުމެއް، އެކުގައި މަސައްކަތް ކުރުމެއް ނެތެވެ. ނުވަތަ ދާދި ކުޑައެވެ.
ބ. އަތޮޅު ބަޔޮސްފިޔަރ ރިޒާރވް ޤާއިމުކުރީ 2011 ގައި، ޔޫއެންޑީޕީ އާއި ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ ގުޅިގެން ހިންގި އެޓޯލް ކޮންޒަރވޭޝަން ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައެވެ.



