ކަށިމިޔަރުގެ މަސްވެރިކަން ފެށުނު އިރުވެސް މަރުވެފައި
ތިން ހަފްތާވީއިރު، އަދި އެންމެ މަސްވެރިޔަކުވެސް ލައިސަންސެއް ނުނަގައެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
23 ނޮވެމްބަރު
ދިރުންތަކުގެ ޙިމާޔަތުގައި ވަކާލާތުކުރާ 27،000 މީހުންގެ ސޮއިކުރި ޕެޓިޝަނަށް ފަރުވާލެއް ނުބަހައްޓަވާ، ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުޅުވާލުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު އުތުރުގެ މަސްވެރިންނަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވާން، އެކަމަށް ހުއްދަ ދިން ފަހުން 3 ހަފްތާ ވޭތިވީއެވެ. ނަމަވެސް މަސްވެރިން ބުނަނީ ސަރުކާރުން ހަދާފައި އޮތް ޤަވާޢިދާ ހުރެ، އަދި އެންމެ އުޅަނދެއްވެސް ކަނޑަށް ނުކުމެ، އެންމެ މަސްވެރިޔަކަށް، އެންމެ ނަނެއްވެސް ދޫކުރެވޭވަރު ނުވާ ކަމަށެވެ.
ކަށިމިޔަރު ބާނައިގެން ކިރުވުމުން ހުއްދަ ދީފައިވާ 4 ރަށް ކަމަށްވާ ކުޅުދުއްފުށި ސިޓީއާއި، ށ. ފުނަދޫ، ރ. މަޑުއްވަރި އަދި އއ. ހިމަންދޫގެ ކައުންސިލް މެމްބަރުން މޯލްޑިވްސް އިންޑިޕެންޑެންޓުގައި ބުނީ މިހާތަނަށް އެއްވެސް މަސްދޯންޏަކުން ކަށިމިޔަރު ބާނަން ފަށާފައި ނުވާ ކަމަށެވެ. މަސްވެރިން ބުނަނީ ކަށިމިޔަރުގެ މަސްވެރިކަމުގެ އުޅަނދުފަހަރުގެ މައްޗަށް ހުރި ހަރުކަށި ލިމިޓްތަކާއި، ކަނޑައަޅާފައިވާ ކިރުވުން ހުއްދަ ލިބިފައިވާ ބަނދަރުތަކުގެ މަދުކަމާއި، ލައިސަންސް ދިނުމުގެ ހަރުކަށި ޝަރުތުތައް ހިމެނޭގޮތުން، ޤަވާޢިދު އޮތްގޮތުން އަލުން ފެށި އިރުވެސް، ކަށިމިޔަރުގެ ސިނާޢަތު މިއޮތީ މަރުވެފައި ކަމަށެވެ.
"ތެދަށް ބުނާނަމަ، ޤަވާޢިދު ހަދާފަ އޮތީކީ އިންސާނުންނަށް ކުޅަދާނަ ގޮތަކަށް ނޫން،" ކަމަށާއި، ޤަވާޢިދުގައި ބަޔާންކޮށްފައިވާ ޝަރުޠުތައް ފުރިހަމަކޮށްގެން ލައިސަންސް ހޯދުމަކީ އާދައިގެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، ޤަވާޢިދަށް ބަދަލެއް ނާންނަހާ ހިނދަކު ކަށިމިޔަރުގެ މަސްވެރިކަމަށް ހުއްދަ ހޯދޭން ނެތް ކަމަށް، ކުޅުދުއްފުށީގެ މަސްވެރިއެއް ކަމަށްވާ މުޙައްމަދު އިބްރާހިމް މިނޫހުގައި ބުންޏެވެ. މި ސަބަބުތަކަށް ޓަކައި، އޭނާ މިހާރު ހުރީ ކަށިމިޔަރުގެ މަސްވެރިން ކުރާ ޚިޔާލު ދޫކޮށްލައިގެންނެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލިއިރު، ފިޝަރީޒް މިނިސްޓްރީން މެނޭޖްމަންޓް ޕްލޭނެއް ނޮވެމްބަރު 15 ގައި ތަޢާރަފު ކުރިއެވެ. މިޔަރަށް ފުރިހަމަ ޙިމާޔަތްދީފައިވާ 17 ސަރަޙައްދުގެ ލިސްޓުން ދިވެހިރާއްޖެ ވަކިވީއެވެ.
މި ޕްލޭންގައި ބުނަނީ ކަށިމިޔަރުގެ މަސްވެރިކަން ދިވެހިރާއްޖޭގައި ފެށީ 1970 ގެ އަހަރުތަކުގައި ކަމަށާއި، މިސިނާޢަތު އެންމެ ފުޅާވީ 1980 ގެ އަހަރުތަކުގައި ކަމަށެވެ. 1992 އަށް އެޅިއިރު މުޅި ސިނާޢަތު އިނދަޖެހިއްޖެ ކަމަށެވެ. މިޙާލަތު އަލުން ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުރިމަތިކުރުވާ ނުރައްކަލާއި ހިރާސް (ރިސްކު) ކުޑަކުރާން ޖެހޭ ކަމަށްވެސް މި މެނޭޖްމަންޓް ޕްލޭންގައި ފާހަގަކޮށްފައިވެ އެވެ.
މިޔަރުގެ ވިޔަފާރިއަށް ދުނިޔޭގެ ފެންވަރުގައި ހުރަސްތައް ހުރިކަމާއި، ކުރިމަތިވެދާނެ ކަމަށް ލަފާކޮށްފައިވެ އެވެ. ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީސް (ސައިޓްސް) ގެ އެނެކްސް II ގެ ދަށުން ކަށިމިޔަރު ލިސްޓް ކުރުމަށް ދިވެހިރާއްޖެއިން ހުށަހަޅާނަމަ، މަސްވެރިކަމުން ނުރައްކާ ނުވާކަން ސާބިތުކޮށްދިނުމަށް ނޮން ޑިޓްރިމެންޓަލް ފައިންޑިން (އެންޑީއެފް) އެއް ރާއްޖޭގެ އެންވަޔަރަންމަންޓް މިނިސްޓްރީން ހަދަން ޖެހޭނެ އެވެ. އެކްސްޕޯޓް ހުއްދަ ލިބޭނީ މިއަށް ފަހުގައެވެ.
ފިޝަރީޒް މިނިސްޓްރީގެ މެނޭޖްމަންޓް ޕްލޭންގައި ކަށިމިޔަރުގެ ނާޒުކުކަން ޤަބޫލު ކުރެއެވެ. 1990 ގެ އަހަރުތަކުގައި ކަށިމިޔަރުގެ ޢަދަދު މަދުވާން މެދުވެރިވި ސަބަބަކީ ކަށިމިޔަރަކީ ލަހުން ބޮޑުވާ، ވިހާ ޢުމުރަށް ލަހުން އަޅާ މިޔަރަކަށްވާތީ ކަންވެސް މެނޭޖްމަންޓް ޕްލޭންގައި ހިމަނާފައި ވެއެވެ.
އާ ޤަވާޢިދުގެ ދަށުން ކަށިމިޔަރު މަސްވެރިކަން ކުރާ އުޅަނދުތަކާއި ސަޕްލައި ކުރާ ފަރާތްތަކާއި ޕްރޮސެސަރުންނާއި އެކްސްޕޯޓަރުން ވެސް ލައިސަންސް ހޯދަން ޖެހެ އެވެ. ލައިސަންސްގެ މުއްދަތަކީ މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށެވެ. އަދި އެއްފަހަރާ ގިނަވެގެން ލައިސަންސް ދޫކުރާނީ 40 އުޅަނދަށެވެ. އޭގެ އިތުރުން އެދޭ ފަރާތްތައް ޖެހިފައި ތިބޭނީ ވެއިޓިންގް ލިސްޓެއްގައެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަވާނީ ޑިސެމްބަރުން ފެށިގެން ޖޫން މަހުގެ ނިޔަލަށް - އަހަރަކު ހަތް މަސް ދުވަހަށެވެ. ކަށިމިޔަރު ބޭނޭނީ އަތޮޅު ދުނިން ބޭރަށް ދަތުރުކޮށްގެންނެވެ. އަތޮޅުތަކުގެ ތެރޭގައި މަސްވެރިކަން ކުރުމާއި، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި މަސްވެރިކަން ކުރުމާއި، މަސް އެއްކުރާ އާލާތްތަކާއި، ރިސާޗް ބޮއިތަކުގެ ކައިރީގައި މަސްވެރިކަން ކުރުން މަނާކޮށްފައިވެ އެވެ. މަސްވެރިކަމުގެ ހުރިހާ ދޯންޏެއްގައި ވެސް ހުރިހާ ވަގުތެއްގައި ޖައްސާފައި ހުންނަން ޖެހޭ ލޮކޭޓިން ޑިވައިސްއެއް ހަރުކުރަން ޖެހެ އެވެ. ޑިވައިސް ފޭލްވެއްޖެނަމަ ނުވަތަ ނިއްވާލައިފިނަމަ ކޮންމެ ހަތަރު ގަޑިއިރަކުން އުޅަނދުފަހަރުގެ ލޮކޭޝަން ކޯޑިނޭޓްތައް ރިޕޯޓް ކުރަން ޖެހެ އެވެ.
ސައިޓްސް ގެ ޝަރުޠުތައް ބުނާގޮތުން އުޅަނދުފަހަރުގެ ލޮގްބުކް ޑޭޓާ ހުށަހަޅަން ޖެހެ އެވެ. ޕްރޮސެސަރުންނާއި ސަޕްލައި ކުރާ ފަރާތްތަކާއި އެކްސްޕޯޓަރުން ތަފްޞީލީ ޕާރޗޭސް ރިޕޯޓްތައް ހުށަހަޅަން ޖެހެ އެވެ. އެކްސްޕޯޓަރުން އުފެއްދުންތަކުގައި ޞައްޙަކަމުގެ ލޭބަލް ޖަހައި، ކޮންމެ "ކެޗް ސެޓްފިކެޓަކަށް" 20 ދިވެހި ރުފިޔާދައްކަން ޖެހޭނެއެވެ.
ކުޅުދުއްފުށި، ފުނަދޫ، މަޑުއްވަރި، އަދި ހިމަންދޫ އަށް މެނުވީ ކިރުވުުން މަނަލެވެ. އެއިން ރަށެއްގައި މެނުވީ ޕްރޮސެސްކުރުންވެސް މަނަލެވެ. މި ހަތަރު ރަށް މިކަމަށް ނަގާފައިވަނީ އިހުއްސުރެ، ކަށިމިޔަރުގެ މަސްވެރިކަމަށް މަޝްހޫރު ރަށްރަށްކަމުންނެވެ.
ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް ވިދާޅުވީ ކަށިމިޔަރުގެ މަސްވެރިކަމުގެ ޤަވާޢިދު ތަންފީޛުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރާން ފިޝަރީޒް މިނިސްޓްރީއާ ކައުންސިލާ ދެމެދު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
ކަށިމިޔަރުގެ މަސްވެރިކަމާބެހޭ ޤަވާޢިދުގައި ބޮޑެތި ޖޫރިމަނާތަކެއް ވެސް ކަނޑައަޅާފައި ވެއެވެ. ލައިސަންސެއް ނެތި މަސްވެރިކަން ނުވަތަ ޕްރޮސެސް ކުރުމާއި، ޤަވާޢިދާ ޚިލާފު އާލާތެއް ބޭނުންކުރުމާއި، ނުވަތަ ފާސްނުކުރާ ބަނދަރަކަށް ކިރުވުމުން ފަދަ ޢަމަލެއް ހިންގައިފިނަމަ، 400،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެއެވެ. ކަށިމިޔަރު ނޫން އެހެން މިޔަރުގެ ބާވަތްތަކަށް އަމާޒުކޮށްގެން ނުވަތަ ކެޗް ސެޓްފިކެޓް ނެތި އެކްސްޕޯޓް ކޮށްފިނަމަ 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ އެވެ. ދޮގު ޑޭޓާ ނުވަތަ ބިދޭސީން މަސްވެރިކަމުގައި ވަޒީފާ ދީގެން، ގެންގުޅޭ ނަމަ ވެސް ޖޫރިމަނާ ކުރާނެއެވެ. ތިން ފަހަރަށް ޤަވާޢިދާ ޚިލާފު ވެއްޖެނަމަ، ލައިސަންސް ބާޠިލު ކުރެވިދާނެއެވެ.
"އަހަރެމެން ކަހަލަ މީހުންނަށް ނޫން"
ކުޅުދުއްފުށީގެ މަސްވެރިން ބުނަނީ މިއަދާ ހަމައަށް އެއްވެސް މަސްވެރިޔަކު ލައިސަންސް ހޯދާފައި ނުވާ ކަމަށެވެ. ކުޅުދުއްފުށިން ކަށިމިޔަރުގެ މަސްވެރިކަމަށް ދިޔަ ހަމަ އެންމެ މަސްވެރިޔަކު ވެސް ސިޓީ ކައުންސިލް މެމްބަރުންނަކަށް ނޭނގުނެވެ.
ޤަވާޢިދު އޮތްގޮތުގެ ދަތިކަމުން ކަށިމިޔަރުގެ މަސްވެރިކަމަށް ނުކުތުމުގެ ޚިޔާލު ދޫކޮށްލައިގެން ހުރި ކުޅުދުއްފުށީ މަސްވެރިޔާ މުޙައްމަދު އިބްރާހިމް ބުނީ ލައިސަންސަށް އެދޭ ފޯމުގައި ސަޕްލަޔަރެއް ލިސްޓްކުރަން ޖެހުނު ނަމަވެސް، ސަޕްލަޔަރަކަށް ޝަރުޠު ހަމަވާ ފަރާތެއް ނެތްކަމަށެވެ.
ޕްރޮސެސިން އަކީ މުޅިން ތަފާތު ކަމެއް ކަމަށާއި، ކަނޑު މަސް ބާނާ ދޯނިފަހަރަށްވެސް އުޅެނީ ދާއިމީކޮށް ވިއްކާނެ ސަޕްލަޔަރުން ނުލިބިގެން ކަން ފާހަގަކުރަމުން، އޭނާ ބުނީ "މިރަށުގައި އެއްވެސް މީހަކު ކަށިމިޔަރުގެ މަސްވެރިކަން ފަށާފައެއް ނެތް،" ކަމަށާއި ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލީ މޮހޮނަށް އޮޑި ދިން އުޞޫލުން ކަމަށެވެ. އަދި ކުރާން އެދުނަސް، "ޤަވާޢިދު އޮތް ގޮތުން ކުރެވޭކަށް ނެތް" ކަމަށް އޭނާ އިތުރަށް ކިޔައިދިނެވެ.
ކަށިމިޔަރުގެ މަސްވެރިކަން ކުރުމަށް އިހުގައި ބޭނުންކޮށް އުޅުނީ ކުދި އޮޑިދޯނިފަހަރު ކަމަށާއި، 30 އަކަށް ފޫޓުގެ ދޯންޏެއް އޮންނަ މީހަކަށް، މިސާލަކަށް، ހެނދުނު ވަޒީފާއަށް އޮފީސް މަސައްކަތަށް ނުކުމެފައި، މެންދުރު ފަހު ކަށިމިޔަރުގެ މަސްވެރިކަން ކުރެވިދާނެ ކަމަށާއި، ފަށައިގަންނާން ބައިލައްކަ ރުފިޔާވެސް ބޭނުން ނުވާނެކަން ފާހަގަކުރަމުން، މުޙައްމަދު ބުނީ ޝަރުޠުކޮށްފައިވާ ވަރުގެ ލޮކޭޝަން ޑިވައިސް އެއް ހަރުކުރާނަމަ، 2000 އެއްހާ ރުފިޔާ މަހެއްގެ މައްޗަށް ޚަރަދު ކުރާން ޖެހޭނެ ކަމަށެވެ.
"ރާއްޖޭގައި ކޮންމެ ކަމެއްވެސް އޮންނަނީ ވަކި ބަޔަކަށް ފައިދާ ވާގޮތަށް،" ކަމަށް ބުނެ، މުޙައްމަދު ސިފަކުރަނީ ޤަވާޢިދު އެކުލަވާފައި އޮތީ ކަށިމިޔަރުގެ މަސްވެރިކަމަށް ނުކުތުން ހުއްޓުވާން ކަމަށެވެ.
"އަހަރެމެން ބޭނުންވި މަސްވެރިކަމެއް ނޫން"
2010 ގައި މިޔަރުގެ ހުރިހާ ބާވަތެއްގެ މަސްވެރިކަން މަނާކުރުމުން، އާމްދަނީއަށް ހުރަސްއެޅުނު ކަމުގެ ޝަކުވާ އޭރުވެސް ކުޅުދުއްފުށީ މަސްވެރިން އުފުލިއެވެ. ކަށިމިޔަރުގެ މަސްވެރިކަމަށް ރައީސް މުޢިއްޒު ހުއްދަ ދެއްވާން ނިންމެވީ މިޝަކުވާތަކުގެ ސަބަބުންނެވެ. ނަމަވެސް މަސްވެރިން ބުނަނީ ހުޅުވާލަން އެދުނީ ކަށިމިޔަރުގެ މަސްވެރިކަން ނޫންކަމަށާއި، ލޭނު އެޅުން ކަމަށެވެ.
"ޔަޤީން ލޭނު އަޅަން އަލުން ހުޅުވާލިނަމަ ތިން މަސް ދުވަހުގެ ތެރޭގައި މަދުވެގެން 50 ދޯނި މަހަށް ނުކުންނާނެ - އެއީ 400 ޢާއިލާ،" ކުޅުދުއްފުށްޓަށް ނިސްބަތްވާ ޢުމުރުން 48 އަހަރުގެ މަސްވެރިއެއް ކަމަށްވާ ޢަބްދުލް މަޖީދު ބުންޏެވެ.
ކަށިމިޔަރުގެ މަސްވެރިކަން އޭނާ ނުކުރި ނަމަވެސް، އޭނާގެ ކާފަ އެމަސައްކަތް ކުރިކަން ކިޔަދެމުން، ޢަބްދުލް މަޖީދު ބުނީ އޭނާ ކުރީ ލޭނު އެޅުން ކަމަށާއި، އޭރުގައި މިޔަރުވެސް، ބޮލާއި ކަށި ފިޔަވާ، ހުރިހާ އެއްޗެއް ގަންނަ ތިން ހަތަރު ގްރޫޕެއް އުޅުނު ކަމަށެވެ. ތައިލޭންޑަށް ސަޕްލައި ކުރާ ގްރޫޕްތަކެވެ.
މަސްވެރިންގެ މެދުގައި މަޤްބޫލު ވާހަކައެއް މަޖީދު ތަކުރާރު ކުރިއެވެ. އެއީ ދިވެހިރާއްޖޭގައި މިޔަރުގެ އާބާދީ ހައްދުން ނެއްޓޭ މިންވަރަށް އިތުރު ވެފައިވާކަމުގެ ވާހަކައެވެ. އަދި ތިލައިގައި އުޅޭ މިޔަރު ނުބާނާ ފުނުގައި އުޅޭ ކަށިމިޔަރު ނުބޭނޭނެ ވާހަކައެވެ. ނިމިދިޔަ މަހު ފިޝަރީޒް މިނިސްޓްރީގެ އޮފިޝަލުންނާ އެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވެސް އެކަން ފާހަގަކޮށްފައިވާނެ ކަމަށް މަޖީދު ކިޔައިދިނެވެ.
ކުރިން ލޭނު އެޅި މަސްވެރިއެއް ކަމަށްވާ އާދަމް ޢުމުރުން 53 އަހަރުގެ އާދަމް ވަޙީދު ބުނީ ކަށިމިޔަރު ބޭނުމުގެ އުކުޅުތައް ދަންނަ ކަމަށެވެ. ނަމަވެސް އަދިވެސް ކުރާން ބޭނުންވަނީ ލޭނު އެޅުން ކަމަށެވެ.
އޭނާ ބުނީ ކަށިމިޔަރުގެ މަސްވެރިކަން އޭނާގެ ބޭބެމެން ކުރި ކަމަށާއި، ކަށިމިޔަރު ބޭނުން ހުއްޓުނުއިރު ކަށިމިޔަރު ތެޔޮ ލީޓަރަކުން 75 ލިބޭ ކަމަށާއި، އޭރުގައި ޢާންމުކޮށް މީހަކަށް ލިބެނީ 25 ރުފިޔާ ކަމުން، ކަށިމިޔަރުގެ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ލިބުނު ކަމަށެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލަން ސަރުކާރުން އުޅުމުން ފަތުރުވެރިކަމުގެ ސިނާޢަތުގެ އިތުރުން ދިވެހިންނާއި ބައިނަލްއަޤްވާމީ ތިމާވެށީގެ ޙިމާޔަތުގެ ގްރޫޕްތަކުން ވެސް ވަރުގަދައަށް ދެކޮޅު ހެދިއެވެ. އިނގިރޭސިވިލާތުގައި ބްލޫ މެރިން ފައުންޑޭޝަންގެ ދިވެހިރާއްޖޭގެ ޕާޓްނަރުން ކަމަށްވާ މިޔަރު އާއި މޯލްޑިވްސް ރެސިލިއަންޓް ރީފްސް ގުޅިގެން ފާހަގަކުރީ ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމުން އެތައް ދަހަރުގެ ތިމާވެށީގެ ޙިމާޔަތުގެ މަސައްކަތް ދާނީ ފެނަށެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމުގެ ސަބަބުން ފެމުނާއި، ކާލިގަނޑު މިޔަރާއި އަދި ޕެލެޖިކް ތްރެޝަރސް ހިމެނޭ ގޮތަށް އަޑިއަށް ފީނާ އުޅޭ މިޔަރުގެ ހުރިހާ ބާވަތަކަށް ނުރައްކާ ވާނެކަމަށާއި، ދިވެހި ކަނޑުތަކުގެ އެންމެ ވަރުގަދަ ޝިކާރަވެރިންގެ ހަލާކަށް މެނުވީ މި ކަން ނުވާނެކަމަށް ނޮވެންބަރު 1 ގައި އެޖަމްޢިއްޔާތަކުން ނެރުނު ބަޔާނުގައި އިންޒާރު ކުރިއެވެ.

