ކަނޑުފަޅުގެ ބޭނުންކުރާގޮތުގެ ތާރީޚީ ސާވޭގޭ ނަތީޖާއިން ކުރަނީ ކޮން ބޭނުމެއް؟

ކަނޑުފަޅުގެ ބޭނުންތަކަށް ރިޢާޔަތް ނުކޮށް، ޢުމްރާނީ ތަރައްޤީގެ މަޝްރުޢޫތައް ދަނީ ކުރިއަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

17 ޖޫން
ޖޫން 8، 2026 ގައި ދުނިޔޭގެ ކަނޑުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ދެއްވީ އުންމީދާއި އިންޒާރުގެ މެސެޖެކެވެ؛ ދެމެހެއްޓިނިވި ގޮތެއްގައި ކަނޑުފަޅާއި ގުޅޭ ސަރަޙައްދުތައް ތަރައްޤީކުރުން ކޮންމެހެން ބޭނުންތެރިވެފައިވާ ކަމާއި، ހޫނުވަމުން އަންނަ ޖައްވުގެ ސަބަބުން ކަނޑުފަޅާއި ދިރުންތަކަށް ކުރާ ނޭދެވޭ އަސަރު ބޮޑުވަމުން ދިއުމެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ އދގެ އޯޝަން ސައިންސް ފޮރ ސަސްޓެއިނަބަލް ޑެވަލޮޕްމަންޓް (ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ކަނޑުފަޅުގެ ސައިންސް)ގެ ދަހަރުގެ ގޮތުގައި ފާހަގަކުރަމުން މިދާ 10 އަހަރުގެ ތެރޭގައި ތިމާވެއްޓާއި، ކާބޯތަކެތީގެ ޔަޤީންކަމާއި، ވަކިވަކި ފަރުދުންގެ ފުދުންތެރިކަމުގެ މަޢުޟޫއުތަކުގައި ދުނިޔެ އެއްބައިވެ، އެއްގަލަކަށް އަރަމުންދާތަން ފެންނަމުން ދާކަމަށެވެ. 
”…މީގެ ތެރޭގައި ކަނޑުތަކާއި ފަރުތަކާއި ފަޅުތަކާއި، އެތަންތަނުގައި ވާހާ ދިރުންތައް ދިރާސާކުރުމާއި، މި މަސައްކަތް ހިންގާން މީހުން ތަމްރީނުކުރުމާއި އާ ޓެކްނޮލޮޖީތައް އީޖާދުކުރުމާއި ކަނޑު ބޭނުންކުރާ ގޮތާބެހޭ މަޢުލޫމާތު އެއްކުރުން ހިމެނޭ،" އޭނާ ވިދާޅުވިއެވެ.
"ބަދަލުވަމުން އަންނަ މި ދުނިޔޭގައި އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ޤައުމަކަށް ވާން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އިޤްތިޞާދު ސިންދަފާތު ކުރުމަށް،“ އަދި “ފުންކޮށް ވިސްނައި، އަޅުގަނޑުމެންގެ އެންމެ ބޮޑު ރައުސުލްމާލުން ފައިދާ ހޯދޭނެ ގޮތްތައް އުފައްދަންޖެހޭ،“ މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވިއެވެ.
ކަންމިހެން ހުރިއިރު، ދިވެހިރާއްޖެއިން އެވަނީ މީގެ ކުރިން ހިންގާފައި ނުވާފަދަ ބޮޑުބިޔަ ސަރވޭއެއް ކަނޑުފަޅުގެ ބޭނުން ހިފާގޮތުގެ މައްޗަށް ހިންގާފައެވެ. އެކަމަށް ހަތަރު އަހަރާއި، އެތައް މިލިޔަން ޑޮލަރެއް ހޭދަވިއެވެ. މަޤްޞަދަކީ ޤާނޫނީގޮތުން ބެނދެވިގެންވާ ސްޕޭޝަލް ޕްލޭނެއް ކަނޑުފަޅަށް ތައްޔާރުކުރުމެވެ. އަދި އެކަމުގެ ވާޞިތާއިން، ކަނޑުފަޅުގެ ބޭނުންހިފާ ގިނަ ތަފާތު ފަރާތްތަކުގެ މެދުގައި އަރައިރުންވުން ކުޑަކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަދުވެގެން 20 އިންސައްތަ ޙިމާޔަތްކުރުމެވެ.
ދުނިޔޭގައި މިބާވަތުގެ އެންމެ ބޮޑު މަޝްރޫޢުގެ ގޮތުގައި ސިފަކުރެވޭ – ”ނޫރާއްޖޭގެ އޯޝަން ޔޫސް ސާވޭ“ ނިންމީ 2022 ގައެވެ. އަތޮޅުތަކުން 5000 ކޮމެންޓު ހޯދާފައިވެއެވެ. ދިވެހިން މަސްވެރިކަމަށާއި ޑައިވްކުރުމަށާއި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބޭނުން ކުރާ ސަރަޙައްދުތައް ދެނެގަނެ، މެޕްކޮށްފައި ވެއެވެ. މިމަސައްކަތުން އެއްކުރިހާ މަޢުލޫމާތުން މަސްވެރިކަމަށް މުހިންމު ސަރަޙައްދުތަކާއި، ޑައިވް ސައިޓްތަކާއި، ފަރުތަކާއި، ގިރިތަކާއި، މޫދުވިނައިގެ ހިސާބުގަނޑުތަކާއި، އިޤްތިޞާދީ އަދި އިކޯލޮޖިކަލް މުހިންމު ސަރަޙައްދުތައް ދެނެގަނެވިފައިވެއެވެ.
މިމަސައްކަތް އިފްތިތާޙު ކުރިތާ ހަ އަހަރު ފަހުން ވެސް ޕްރޮޓެކްޓިވް މެރިން ސްޕޭޝަލް ޕްލޭނެއް (ކަނޑުފަޅުގެ ޙިމާތުގެ ސްޕޭޝަލް ޕްލޭން) އުފެދިފައި ނުވާއިރު، އަދުގެ ސަރުކާރުން ފެންނަނީ އެފަދަ ޕްލޭނެއް ތައްޔާރުކުރުމާ ގަޔާނުވާ ތަނެވެ. މޯލްޑިވްސް އިންޑިޕެންޑެންޓަށް އެނގިފައިވާ ގޮތުގައި ނޫރާއްޖޭގެ އޯޝަން ޔޫސް ސާވޭ މިހާރުވަނީ ހުއްޓިފައެވެ.
އަނެއްކޮޅުން، ބިންހިއްކުމާއި ވަރުހެސަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ސްޕީޑެއްގައި ކުރިއަށްދާއިރު، ތިމާވެށީގެ ޙިމަޔާތުގައި އަޅާންޖެހޭ ފިޔަވަޅުތަކަށް އަދި ނޫރާއްޖޭގެ އޯޝަން ޔޫސް ސާވޭއިން އެއްކޮށްފައިވާ މަޢުލޫމާތަށް ރިޢާޔަތެއް ނުބަހައްޓައެވެ.
މިކަމުގެ ނޭދެވޭ ނަތީޖާ އެންމެ ބޮޑަށް މިފަހުން ފާހަގަވެފައިވަނީ މޯލްޑިވްސް ޖާނަލް އޮފް އިންޖިނިއަރިންގް އެންޑް ޓެކްނޮލޮޖީގައި ޝާޢިއުކުރި ދިރާސާއެއްގައެވެ. އެދިރާސާއިން ދައްކާފައިވަނީ 2000 އާއި 2024 އާ ދެމެދު ދިވެހިރާއްޖެ އިން 4،198 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށެވެ. އަދި އިންތިޚާބުތަކުގެ ދުވަސްވަރާ ގު ޅުވައި، އަހަންމިއްޔަތާއި ބޭނުންތެރިކަމަށް ރިޢާޔަތެއް ނެތި ބިންހިއްކުމުގެ މަޝްރޫޢުތައް އިޢުލާން ކުރާކަމަށެވެ. އަދި މިފަދަ މިފަދަ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމާގުޅޭ އެކަށީގެންވާ ޤާނޫނީ އޮނިގަނޑެއް ނެތް ކަމަށެވެ.
ތިމާވެއްޓާ ގުޅޭ ވަކާލާތުތަކަށް ރިޢާޔަތެއް ނެތި ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމުގެ އެންމެ ސާދާ އެއް މިސާލަކީ އައްޑޫގެ ލިންކް ރޯޑް ފުޅާކުރާން އަވަސް އަރުވާލައިގެން، އައްޑޫ ނޭޗަރ ޕާކުގެ އިންތަކަށް ބަދަލު ގެނެސް، ކޮމިޝަން ކުރި މަޝްރޫއެވެ. މިފަހުން ޙިމާޔަތްކޮށްފައިވާ އެތައް ސަރަޙައްދަކަށް ބަދަލު ގެނެސްފައި ވެއެވެ. ގިނަ ފަހަރު ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ރާވައިގެންނެވެ.
މިފަދަ މަޝްރޫޢުތަކާ ގުޅޭ އަހަންމިއްޔަތުތައް ކަނޑައަޅި ބަޔާންވެފައި އޮންނަ އޮނިގަނޑުތައް ޖަޒީރާ ޤައުމުތަކުން އެކުލަވަމުންދާއިރު، ދިވެހިރާއްޖެއިން ދަނީ ފަސްޖެހެމުންނެވެ. ވޭތިވެދިޔަ ދެ އަހަރުގެ ދުވަހުގެ ތެރޭގައި ނޫރާއްޖެ މަޝްރޫޢު ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިން ވެއިޓް އިންސްޓިޓިއުޓްގެ އެހީގައި ދަށުގައި ސަމޯއާ އަދި ބަރމިއުޑާގައި މެރިން ސްޕޭޝަލް ޕްލޭންތައް ތައްޔާރުކޮށްފައި ވެއެވެ. 

ތާރީޚީ ސާވޭއެއް

ނޫރާއްޖެ މަޝްރޫޢަކީ 2020 ވަނަ އަހަރު ދިވެހި ސަރުކާރާއި ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުފަޅު މެނޭޖުކުރުމުގެ ޕްލޭންތައް އެކުލެވުމުގައި ޤައުމުތަކަށް އެހީތެރިވެދޭ، ދުނިޔޭގެ ފެންވަރުގައި ޙަރަކާތްތެރިވާ ”ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން“ގެ ފަސް އަހަރުގެ ޕާޓްނަޝިޕެއްގެ ގޮތުގައި ފަށާފައިވާ މަޝްރޫޢެކެވެ. އެމެރިކާއަށް ނިސްބަތްވާ ޓެކްނޮލޮޖީގެ ވިޔަފާރިވެރިޔާ އަދި ޚައިރާތައް މަސައްކަތްކުރާ ޓެޑް ވެއިޓް، އޭނާގެ ފައުންޑޭޝަން މެދުވެރިކޮށް އުފެއްދެވި މި ކޯލިޝަނާ ދިވެހިރާއްޖެ އިން ރަސްމީކޮށް ގުޅިފައިވަނީ 2019 ވަނަ އަހަރުއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ބުނެފައިވަނީ 2024 ވަނަ އަހަރާ ހަމައަށް މިމަޝްރޫޢު ކުރިއަށް ގެންދާނެ ކަމަށާއި ކަނޑުފަޅުގެ ވަޞީލަތްތައް ބެލެހެއްޓުން ހަރުދަނާކުރުމާއި ޤައުމީ ފެންވަރުގެ މަޝްވަރާތައް ހިމެނޭ ކަމަށެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ފަސްބައިކުޅަ އެއްބައި ޙިމާޔަތްކޮށް، ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ހިމެނޭ ގޮތަށް، ޤާނޫނީގޮތުން ބެނދެވިގެންވާ މެރިން ސްޕޭޝަލް ޕްލޭނެއް އުފެއްދުމަކީވެސް މި މަޝްރޫޢުގެ މައިގަނޑު ބަހާއެކެވެ.
ނޫރާއްޖެ މަޝްރޫޢުގެ ބައެއްގެ ގޮތުން 2021 އާއި 2022 އާ ދެމެދު ރާއްޖޭގެ އެކި ކަންކޮޅުގައި ސާވޭތަކެއް ކުރިއަށް ގެންދިޔައެވެ. މީހުން ދިރިއުޅޭ 189 ރަށަކަާށް ޒިޔާރަތްކޮށް، 4924 ކޮމެންޓް ދާއިރާތަކުން އެއްކޮަށްފައި ވެއެވެ. އެއީ  4604 މީހުންގެ ފުށުންނެވެ. އެފަރާތްތަކުން ފުށުން 20 އިދާރީ އަތޮޅުގެ މެދުގައި ދިވެހިރާއްޖޭގެ ކަނޑުފަޅުގެ ބޭނުން ޤަވާޢިދުން ހިފާ 25،330 މީހުންގެ ސްޕޭޝަލް ޑޭޓާ ހޯދާފައި ވެއެވެ. މާޗް 2023 ގައި އޯޝަން ޔޫސް ސާވޭގެ ވަށާޖެހޭ ރިޕޯޓެއް ކަނޑުފަޅުގެ ސަރަޙައްދުތައް ބޭނުން ކުރާގޮތް އެނެގޭނެހެން ހީޓްމެޕް އަކާއެކު، ޢާންމުކޮށްފައި ވެއެވެ.
މި މަޢުލޫމާތު ”ސީ ސްކެޗް“ ކިޔާ މަޝްހޫރު ޕްލޭނިންގް ޕްލެޓްފޯމަކަށް އަޅައި، ސާވޭގެ ޖަވާބުތައް ވެއިޓެޑް (ބަރުމިނަށް ބަލައި) ސްޕޭޝަލް މެޕްތަކަށް ބަދަލުކޮށްފައި ވެއެވެ. ނޫރާއްޖެއިން ލަފާކުރަނީ ދިވެހިރާއްޖޭގެ 71 އިންސައްތަ ގޭބިސީތަކުގެ އާމްދަނީގެ އަސާސީ މަސްދަރަކީ ކަނޑަފަޅެވެ.

ފަސޭހަ ކަމެއް ނޫން

ސާވޭގެ މަސައްކަތް ނިންމުމަށްފަހު ނޫރާއްޖެޓީމުންވަނީ ސަރުކާރަށް ދިވެހިރާއްޖޭގެ ކަނޑުފަޅުގެ 20 އިންސައްތަ ޙިމާޔަތްކުރުމަށް ސަރުކާރަށް ހުށަހަޅާފައެވެ. އެއީ ދިވެހިރާއްޖޭގެ އަތޮޅުތަކުން ބޭރު އެހެނަސް އީއީޒެޑް އަށް ފެތޭ ހިސާބުތަކުގައެވެ. ނަމަވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަން ނޮވެންބަރު 2023 ގައި ނިމުނު އިރު އެމަސައްކަތް އޮތީ ނުނިންމައެވެ.
އެމަސައްކަތުގައި ޝާމިލުވި އޮފިޝަލުން މި ނޫހުގައި ވިދާޅުވީ އެއްގޮތަކަށްވެސް މަސްނުބާނާ ނުވަތަ އެފަދަ ބޭނުމެއް ނުކުރާ ސަރަޙައްދުތަކެއް ކަނޑައެޅުންވީ ނުހަނު ބޮޑު ދެބަސްވުން ހުރި، އުނދަގޫ ކަމަކަށް ކަމަށެވެ. 
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޚާއްޞަ މުޝީރަކަށް ރައީސް ޞާލިޙްގެ ދައުރުގައި ހުންނެވި ސަބްރާ ނޫރައްދީން ވިދާޅުވީ މެރިން ސްޕޭޝަލް ޕްލޭނިންގްގެ ކަންކަން ހިންގާން ވެއިޓް އިންސްޓިޓިއުޓް އިން އެދެނީ ފުޅާ ޢާންމު މަޝްވަރާގެ މަތިން ކަމަށާއި، ޚާއްޞަކޮށް ޙިމާޔަތްކޮށް، މަސް ބޭނުން މަނާ ސަރަޙައްދުތައް ކަނޑައެޅުމުގައި އެކި ބޭނުންތަކަށް މިހާރު ޢާންމުކޮށް އެކަށައަޅާފައިވާ ސަރަޙައްދުތައް ނުހިމެނުމަށް ކަމަށެވެ.
ކެބިނެޓް ފެންވަރުގައްޔާއި ޢާންމުންގެ މެދުގައިވެސް ގިނަ މަޝްވަރާތަކެއް ހިންގާފައި ވީނަމަވެސް، ސަބްރާ ވިދާޅުވީ މިއީ ގޮންޖެހުންތައް ގިނަ މަސައްކަތެއް ކަމަށާއި، އެކަމުގެ މައިގަނޑު އެއް ސަބަބަކީ އެކި ސިނާޢަތްތަކާއި މުވައްސަސާތަކާއި މަސައްކަތްތެރިން ބޭނުންތައް ތަފާތުވެފައި ޚިލާފު ހުންނާތީ ކަމަށެވެ. އެގޮތުން މަސްވެރިކަމާބެހޭ ވުޒާރާއާއި، ތިމާވެއްޓާބެހޭ ވުޒާރާއާ، ފަތުރުވެރިކަމާބެހޭ ވުޒާރާއާއި، ޕްލޭނިންގް ވުޒާރާއި، ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގެ އިތުރުން ލޯކަލް ކައުންސިލްތަކަކީ ކަނޑުފަޅުގެ ސަރަޙައްދުތައް އެކި ގޮތްގޮތަށް ޒޯންކުރުމުގައި ސްޓޭކްހޯލްޑަރުން ކަމަށެވެ. 
އޭނާ އިތުރަށް ވިދާޅުވީ މިމަސައްކަތުގެ ފަސްމަންޒަރަށް ބަލާއިރު، އެއީ ކޯވިޑްގެ އަޑިގަނޑުން އިޤްތިޞާދީގޮތުން އަރައިގަތުމަށް ހިންމަތްކުރަމުން ދިޔަ ދަނޑިވަޅު ކަމަށާއި، ބައެއް ޤައުމުތަކުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް އުވާލަމުންވެސް އެދުވަސްވަރާ ގުޅުވައި ދިޔަކަމަށެވެ. ނަމަވެސް ދިވެހިރާއްޖެއިން މަސައްކަތް ކުރަމުންދިޔައީ އެފަދަ ފިޔަވަޅެއް ނާޅައި، ދެމެހެއްޓެނިވިކަން އިޤްތިޞާދީ ދަތިކަމުގެ ދުވަސްވަރުގައިވެސް ޕްރޮމޯޓުކުރެވޭތޯ ހިންމަން ކުރަމުން ކަމަށް ސަބްރާ އޮޅުންފިލިއްވައި ދެއްވިއެވެ.
ކަންމިހެން ހުރި ނަމަވެސް މާކަނޑުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތައް ބަލަހައްޓާ، މެނޭޖުކުރުމަށާއި، ޕައިލެޓް ޕްރޮގްރާމެއް ހިންގާން ބޭނުންވާ ޤާނޫނީ އޮނިގަނޑު ސަރުކާރުން އެކުލަވަމުން ދިޔަ ކަމަށާއި، މަޖިލިހާ ހަމައަށް އެބިލު ނުފޮނުވާ އޮއްވާ 2023 ގައި ސަރުކާރުން ބަދަލުވީ ކަމަށް ސަބްރާ ކިޔައިދެއްވިއެވެ. މިސަރުކާރުން އެމަސައްކަތައިގެން ކުރިއަށް ދާތަން ނުފެންނަކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެންނަކަށް ނުފެނޭ ދެން އައި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަށް މިކަންކަން މުހިންމުވި ތަނެއް،“ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ޚާއްޞަ މުޝީރުގެ ގޮތުގައި ހުންނެވި ސަބްރާ ވިދާޅުވިއެވެ. އަދި މެރިޓައިމް ސްޕޭޝަލް ޕްލޭނިންގް ސަރވޭގެ ހޯދުންތަކުގެ އަލީގައި، މަޖިލީހުގައި މިކަމާބެހޭ ޤާނޫނީ އޮނިގަނޑުގެ ބަޙުޘް ކުރިއަށް ދާނެގޮތް ދުށުމަކީ ޝައުޤުވެރިކަމަކަށް ވީސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޫރާއްޖެ މަޝްރޫޢު މިހާރު އޮތް ހިސާބެއް ސަރުކާރަކުން ޢާންމެއް ނުކުރެއެވެ. އެންމެ ފަހުން ކަމާބެހޭ ބައްދަލުވުމެއް ބޭއްވިކަމަށް ޢާންމުކޮށް ފެންނަން އޮތީ ޑިސެންބަރު 2023 ގައެވެ. އެބައްދަލުވުމުގައި ނޫރާއްޖެ ޓީމާއި ވެއިޓް އިންސްޓިޓިއުޓްއާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމް މަޝްވަރާ ކުރެއްވިއެވެ. އެބައްދަލުވުމުގައި މަޝްރޫޢު އެހިނދަށް ކުރިއަށް ގޮސްފައިވާ ހިސާބުގެ މަޢުލޫމާތު ވެއިޓް އިންސްޓިޓިއުޓްގެ ފަރާތުން މިނިސްޓަރަށް އެރުވިއެވެ. އަދި އެންވަޔަރަމަންޓަލް އެސެސްމަންޓް ރިޕޯޓުތައް ތައްޔާރުކުރުމުގައި ސާވޭގެ ޑޭޓާ ބޭނުންކުރަމުންދާ ކަން ފާހަގަވެސް ކުރިއެވެ.
ޖޫން 8 ވަނަ ދުވަހު މިނިސްޓަރ ޝިޔާމް ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ކަނޑުފަޅާބެހޭ ދިރސާތައް ކުރުމަށާއި، އިޤްތިޞާދު ދެމެހެއްޓެނިވި ގޮތުގައި ސިންދަފާތުކުރުމުގެ އަމާޒުގައި ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ކަނޑުފަޅުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކަންފަހިކުރާ މަސައްކަތްތަކަށް މިނިސްޓްރީގެ ފުރިހަމަ އެއްްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ދެއްވި މެއެވެ.
މެރިން ސްޕޭޝަލް ޕްލޭނާ ގުޅޭގޮތުން ސުވާލު މިނޫހުން މިނިސްޓަރުގެ އަރިއަހުން ސުވާލު ކުރުމުން ޖަވާބު ދެއްވާފައެއް ނުވެއެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ

ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ

އެއްފަހަރު ދެއްވާ

ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން