"ޖެހޭނީ ހިތްވަރާއެކު ކުރިއަށްދާން" މެގްސޭސޭ އެވޯޑު ދިވެއްސަކަށް ފުރަތަމަ ޙާސިލުކުރެއްވި ޝާހީނާ

ވޭތިވެދިޔަ ތިން ދަހަރު ހޭދަކުރެއްވީ ދިވެހި ފަރުތަކުގެ ޙިމާޔަތުގައި.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

28 ޖެނުއަރީ
1990 ގެ އަހަރުތަކުގެ ކުރީކޮޅުގައި މާލޭގެ ފުރަތަމަ ޑައިވް ސްކޫލް ހުޅުވީ ޝާހީނާ ޢަލީއެވެ. ޑައިވް ގިޔަރު އަޅައިގެން ފުރަތަމަ ފޭބީ ފުރަ މާލޭ ހުޅަނގު ފަރާތަށެވެ. މުޅި ފަރު ފުރިފައި އޮތީ ބާ ޓަޔަރާއި، ދަގަނޑާއި، މަސްވެރިކަމުގެ އާލާތުންނެވެ. އެކުނިގަނޑުގެ ތެރޭގައި މުރަކަތައް މަރުނުވެ ކެތްކުރެވޭތޯ ބަލަމުން ދިޔައެވެ.
ތިން ދަހަރު ފަހެވެ. އޭޝިޔާގެ ނޯބެލް ޕްރައިޒްގެ ގޮތުގައި ދެކޭ، ރަމޯން މަގްސޭސޭ އެވޯޑު ލިބުނު ފުރަތަމަ ދިވެއްސެއްގެ ޝަރަފު އެވަނީ ޝާހީދާ ޙާސިލުކުރައްވާފައެވެ. ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑައިރެކްޓަރގެ ޙައިޘިއްޔަތުން ޝާހީނާވަނީ ޕްލާސްޓިކުން ވެށި ތަޣައްޔަރުވުމާ ދެކޮޅަށް ދިވެހިރާއްޖޭގެ އެންމެ ވަރުގަދަ އަޑެއް އުފުއްލަވަމުން ގެންދަވާ ފަރާތްކަމުގައި ފާހަގަވެފައެވެ. އޭނާގެ މަސައްކަތުން އެވަނީ 80 ސްކޫލެއްގައި ޕްލާސްޓިކް ފުޅި ކަލެކްޝަން ސެންޓަރު ޤާއިމުކޮށްފައެވެ. 700 އަށްވުރެ ގިނަ ގޮނޑުދޮށް ސާފުކުރުމުގެ ޙަރަކާތް ހިންގާފައި ވެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށީގެ ވަކާލާތާއި، ރަމޯން މަގްސޭސޭ އެވޯޑާއި، ޝާހީނާގެ މަސައްކަތާއި، ފަނާކުރުވަނިވި ތިމާވެށީގެ ގެއްލުންތަކާއި މުހުލަތުތަކުގެ ކުރިމަތީގައި ހިތްވަރު ނަގަހައްޓަވާ ގޮތާ ގުޅޭގޮތުން މިނޫހުން އޭނާޔާ ވާހަކަދެއްކީމެވެ.
ކުނީގެ ރާޅާއި ބާނިތަކާ ކުރިމަތިލާންޖެހޭ ވާހަކަ ރެމޯން މެގްސޭސޭ އެވޯޑުން ފާހަގަކުރި. ދިވެހިރާއްޖޭގެ ފަރުތަކާއި ކަނޑުއަޑީގައި ޕްލާސްޓިކް ކުނީގެ މައްސަލަ ބޮޑުވެފައި އޮތްވަރު އިޙްސާސްކުރެއްވުނީ ކޮން އިރަކު، ކިހިނަކުންތޯ؟ އެމައްސަލަ ޙައްލުކުރާން މަސައްކަތްކުރުމަކީ ކުރައްވާން ބޭނުންފުޅުވާ މަސައްކަތްކަމަށް ނިންމެވި ހިސާބަކީ ކޮބައިތޯ؟
ކޮންމެ ތަނެއްގައި ކުނި ހުއްޓަސް އަޅުގަނޑަށް އަބަދުވެސް އުނދަގޫވޭ. 1980 ގެ ކުރީކޮޅު އަޅުގަނޑު ޑައިވްކުރަން ފެށިއިރު މިހާރާ ވަރަށް ތަފާތު ހަލާމުވެގެންނުވާ ދާއިމީ ކުނި ވަރަށް ނުފެނޭ. އަދި އޭރަކު މާލޭ ފަރުބޭރަކަށް ޑައިވެއް ނުވެސް ކުރަން. މިހާރުވެސް މީހުން ދިރިއުޅޭ ރަށަކާ ދުރު ފަރަކަށް ޑައިވަށް ގޮއްސިއްޔާ، ޙައިރާންވާ މިންވަރަށް ކުންޏެއް ނުފެންނާނެ.
އަޅުގަނޑަށް މިކަން ރޭކާލީ 1990 ގެ ކުރީކޮޅު ސީ އެކްސްޕްލޯރާޒް ޑައުވް ސްކޫލް މާލޭގައި ހުޅުވައިގެން މާލޭގެ ފަރަށް ޑައިވްކުރަން ފެށި ދުވަސްވަރު. މުޅި ހުޅަނގު ފަރާތުގެ ފަރު، މަޖީދީމަގު ކޮޅުން އެއޮންނަ، ފުރިފައި އޮތީ ކުނިން - ހަލާކުވެފައި ހުރި ބައިސްކަލާއި، ޓަޔަރާއި، މަސްބާނާ ނަނާއި މިހެންގޮސް އޭތިމީތި. ދޮރުފޮތިގަނޑެއްހެން ހަމަ ހުސް މަސްބާނާ ނަނުގެ ފަށަލައެއް އޮތް. އެހެންނަމަވެސް މުރަކަތައް ދިޔައީ ސާރވައިވް ކުރަން، ހެދިބޮޑުވާން މަސައްކަތް ކުރަމުން.
ފުރަތަމަ ސާފުކުރުމުގެ ޙަރަކާތެއް ހިންގީ 1991 ގައި. އެއީ ކުނިއަޅާވަރު އެންމެންނަށް ދައްކަން. ހަތެއްކަ ލޮރީގެ ކުނި ނެގިން. އޭގެ ފަހުން މާލޭގެ ވަށާ ފަރު ސާފުކުރުމުގެ ޙަރަކާތްތަކެއް—  ހޭލުންތެރިކަން އުފައްދަންށާއި ކަނޑަށް އަޅާ ކުނި އެއީ ނެތިގެން ދާ އެއްޗެއް ނޫންކަމާއި، އެޅިތަނުގައި އެތަކެތި ހުންނަކަމުގެ ވިސްނުން އުފައްދަން —ހިންގިން. މިހާރުވެސް އަޅާ ކުނި އެހެރީ ފަރުގައި ތާށިވެފައި، ވަރަށް ގެއްލުން ދޭ. ސްކޫލްތަކުގެ ކިޔަވާ ކުދިންނާއި ޓީޗަރުންނަށްވެސް ކިޔައިދޭން ސްނޯކްލިންގްއަށް ގެންގޮސް، ކަނޑުއަޑި ތަޖުރިބާކުރުމުގެ ފުރުސަތު ދީ، ފަރެއްގެ މާޙައުލު ދެކެ، ދެނެ، އިޙްސާސްކުރަން ފުރުޞަތު ފަހިކުރުމުގެ މަސައްކަތް ފެށުނީ އެހިސާބުން. 
ރެމޯން މެގްސޭސޭ އެވޯޑު ޙާސިލުކުރެއްވި ފުރަތަމަ ދިވެއްސަކީ ޝާހީނާ. އަމިއްލަގޮތުން ކުރެއްވެނީ މި އެވޯޑާމެދު ކޮން ކަހަލަ އިޙްސާސެއްތޯ؟ އަދި މިއެވޯޑުން ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމުގެ މަސައްކަތަށް ލިބެނީ ކޮން ބާރެއްތޯ؟
1958 އިން ފެށިގެން ދޭ މިއެވޯޑު ލިބުނު ފަރާތްތަކުގެ ލިސްޓުގައި ދިވެއްސަކު ހިމެނުނުކަމާމެދު އަޅުގަނޑު އުފާކުރަން. މިއާއެކު ހިތްވަރުލިބޭ، އަދި އުންމީދުވެސް އާ ވޭ، މިއެވޯޑު ލިބުނު އެހެން ވަރުގަދަ ޝަޚްޞިއްޔަތުތަކާއެކު ފާހަގަވެގެން ދިޔައިމާ. ތިމާވެއްޓާއި، ކަނޑުފަޅާއި، މޫސުމީ ބަދަލުގެ ކަންތަކުގައި މިހާ ބަނަކޮށް ފެންނަ ދުވަސްވަރެއްގައި، މަސައްކަތް ކުރިއަށް ގެންދާން މިއެވޯޑުން އަޅުގަނޑަށް ހިތްވަރު ލިބި، ޢަޒުމު އާ ވި. 
ޕާލޭ މޯލްޑިވްސް އިން 70 ސްކޫލެއްގައި ޕްލާސްޓިކް ކުނި ކަލެކްޓްކުރެވޭ ގޮތަށް ހަމަޖައްސައިފި. 700 އަށްވުރެ ގިނަ ގޮނޑުދޮށާއި އައްސޭރިފަށް ސާފުކުރުމުގެ ޙަރަކާތް ހިންގައިފި. އެންމެ ޙައިރާން ކުރުވަނިވި ކާމިޔާބަކަށްވީ ކޮން ކަމެއް؟ ދިވެހިންނާއި ފަތުރުވެރިންގެ ވިސްނުން ހުންނަގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށްވަނީ ކޮންކޮން ކަންކަމެއް؟
ވެއްޓަށް އުކާލެވޭނެ ކުނި މަދުކުރަން ހިންގޭ ކޮންމެ މަސައްކަތަކީ އަޅުގަނޑުގެ ނަޒަރުގައި ކާމިޔާބެއް. އަޅުގަނޑުމެން ހިންގި ކޮންމެ ސާފުކުރުމުގެ ޙަރަކާތަކުން، ކިތަންމެ ކުންޏެއް އެހެރީ ކަނޑަށް އެޅޭން ދަނިކޮށް ހިފެހެއްޓިފައި. އަދި އެހެން ބޭނުމެއް ކުރާން އެތައް ޓަނެއްގެ ޕްލާސޓިކް އެވަނީ ކަމާލު ކުރެވިފައި.
ޕާލޭގެ ކާމިޔާބީއަކީ އަޅުގަނޑުމެންނާއެކު ޕްލާސްޓިކް ކުނި ކަލެކްޝަން ޕްރޮގްރާމް ފަށައިގަތް ރަށްތަކުން އަދިވެސް އަޅުގަނޑުމެންނާއެކު، އެމަސައްކަތް ކުރަމުންދާ ކަން. އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ ޙައްލެއް ހުށަހަޅާ، ތަޢާރަފުކުރީމާ، އެގޮތް ޚިޔާރުކުރުމަކީ ޢާންމުންނަށް އުނދަގޫ ކަމެއް ނޫންކަން.
ގޮންޖެހުމަކީ މިއަށްވުރެ ވަށާޖެހޭ ބޮޑު ޙައްލެއް ނުވަތަ މަރުކަޒީ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުވެފައި ނެތުން. އަޅުގަނޑުމެންނަށް ރީސައިކަލް ކުރަން ފޮނުވޭ ޕްލާސްޓިކުގެ ޢަދަދު ވަރަށް މަދު – ބާކީ ހުރި ޕްލާސްޓިކު އަދިވެސް ބަހައްޓަން މި ޖެހޭނީ ކުނިކޮށީގައި. މިއަދުވެސް ހުރިހާ ރަށެއްގައިހެން ހާމައަށް ކުނި އަންދަނީ، ނޫނީވިއްޔާ ކުނިގޮނޑެއް މިހުންނަނީ. އެކުނިގޮނޑުތައް ފަހުން ނަމަވެސް މެނޭޖުކުރަން ޖެހޭނެ. ގިނަ ފަހަރު އެކުނިގޮނޑުން ތަކެތި ނަގައިގެން މިބޭނުންކުރަނީ ހިއްކަން.
ތިޔަ ފާހަގަކުރެއްވީ ޕާލޭ އަކީ ރަށްރަށުގެ މުޖުތަމަޢުތަކުގެ އެހީގައި ހިންގާ "100 އިންސައްތަ ލޯކަލް އޯގަނައިޒޭޝަނެއް" ކަމަށް. ބޭރުގެ ޕާޓްނަޝިޕްތަކާއި ފަންޑިންގްގެ ކުރިމަތީގައި، ޕާލޭއަކީ ދިވެހި މުޖުތަމަޢުގެ ފުރިހަމަ ބައިވެރިވުމާއެކު ދެމެހެއްޓެނިވި ޙައްލުތަކެއް ގެނެސްދޭ ޖަމްޢިއްޔާއެއްކަން ކަށަވަރު ކުރާނީ ކިހިނެއްތޯ؟
ޕާލޭ ފޯ ދަ އޯޝަންސް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ހިންގާ ފައުންޑޭޝަނެއް. ޕާލޭ މޯލްޑިވްސް ދިވެހިރާއްޖޭގައި ޕާލޭ ފޯ ދަ އޯޝަންސް ޕްރޮގްރާމްގެ އެއާރ (AIR) ސްޓްރެޓެޖީ ތަންފީޒުކުރާ ދިވެހި އޯގަނައިޒޭޝަނެއް. އެއާރ ސްޓްރެޓެޖީއަކީ އެވޮއިޑް، އިންޓަސެޕްޓް، ރީޑިޒައިން.
އަޅުގަނޑުމެން އޮޕަރޭޓް ކުރަނީ މަދު މުވައްޒަފުންތަކަކާއެކު. މުޖުތަމަޢުތަކަކީ އަޅުގަނޑުމެންގެ ބާރު. ބޭނުންވާ އެހީއާއި މަދަދު ފޯރުކޮށްދީ، ރީސައިކަލް ކުރެވޭ ޕްލާސްޓިކް ރީސައިކަލް ކުރާ ފަރާތްތަކަށް ފޮނުވުން. ދިވެހިރާއްޖެއިން ރީސައިކަލް ކުރެވޭ ހުރިހާ ޕްލާސްޓިކް ރީޕަރޕޯސް ކުރަނީ ގްލޯބަލް ޕާޓްނަރުން.
ގިނަ ފަހަރަށް ކުނިބުނި ގިނައިން އުފެދޭ ލަގްޜަރީ ޚިދުމަތާއި ތަކެތި ފޯރުކޮށްދިނުމުގެ ވިޔަފާރިވެރި މޮޑަލަކަށް ރިޒޯޓު ވިޔަފާރި ބިނާވެފައި އޮންނައިރު، ދެމެހެއްޓެނިވިކަމުގެ ވާހަކަ އެފަރާތްތަކާ ދައްކަނީ ކިހިނެއްތޯ؟
ދިވެހިރާއްޖޭގެ ރިސޯޓްތަކަށް ވެސް ޤައުމީ ފެންވަރުގެ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ނެތުމުގެ ގޮންޖެހުމާ ކުރިމަތިލާންޖެހޭ. ރިޒޯޓުކަށް ކުނި ފޮނުވޭން މިއޮތީ ހަމައެކަނި ތިލަފުށްޓަށް. ތިލަފުށީގައި މާލެއާއި ރިސޯޓުތަކުގެ ކުނި ގިނަވެ އަދި އެކަން ޙަވާލުކުރެވޭނެ ވަސީލަތްތައް ނެތް.
ރިސޯޓްތަކަށް އަމިއްލައަށް ގިނަ ކުނި މެނޭޖުކުރެވޭ އަދި ކުރޭވެސް މެ، އަބަދުވެސް ތިބޭނެ ސަރުކާރުގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް ތަބަޢަނުވާ ފަރާތްތައް. އެހެނެކޭ ކިޔާފައި ހުރިހާ ރިސޯޓެއް ލޭބަލް ކުރުން ރަނގަޅެއް ނޫން.
އަޅުގަނޑުމެންގެ ވާހަކައަކީ މައިގަނޑު ގޮތެއްގައި ރީސައިކަލް ކުރެވޭ ތަކެތި ވަކިކުރުން – މިހާރުވެސް ރިޒޯޓުތަކުން އެއީ ކުރާ ކަމެއް – އަދި ހަމައެހެން އަޅުގަނޑުމެން އެއްކުރާ ކޮމިއުނިޓީ ޕްލާސްޓިކް އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ރިޒޯޓުތަކުން އެހީވެދޭ. ދަތުރުފަތުރާއި، ސޯރޓިންގއާއި، ބޭލިންގ (ފިއްތާ، ޕެކޭޖުކުރުން) އާއި، އެކްސްޕޯޓްކުރުމަށް ވަރަށް ބޮޑު ޚަރަދު އަޅުގަނޑުމެން ކުރަމު. އަދި ސްކޫލް ކުދިން ސްނޯކްލިންގް ޙަރަކާތްތަކަށް ގެންދަން އިކުއިޕްމަންޓްތަކާއި ވޮލަންޓިއަރުންނާއެކު މެރިން ބަޔޮލޮޖިސްޓުންނާއި ޑައިވް ޓީމުތަކުގެ އެހީތެރިކަން ރިޒޯޓުތަކުން ދޭ.
ލަގްޜަރީގެ އަގުބޮޑުވުމާއި، މަރުކާގެ މަޝްހޫރު ކަމަށް ވުރެ، އެލަގްޜަރީ ޚިދުމަތެއް ނުވަތަ އެއްޗަކުން ރަމްޒުކޮށްދޭ އަގު (ވެލިއުސް)، އަސަރު އަދި މާނަކަމަށް، ޝާހީނާ ވިދާޅުވި. ދިވެހިރާއްޖޭގެ ފަތުރުވެރިކަންވެސް ބްރޭންޑުކުރާންވީ މިވިސްނުމުގައިކަމަށް ވިދާޅުވެފައިވޭ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތު އެމަގަށް ދާތަން ފެނިވަޑައިންނަވާތޯ ނުވަތަ ތިމާވެށީގެ ޙިމާޔަތުގައިކަމަށް ބުނެ ހިންގަނީ ހުސް ދެއްކުންތެރި ކަންކަންތޯ؟
ޕާލޭއިން ޤަބޫލުކުރަނީ ލަގްޜަރީއަކީ އަކީ ޙާޞިލުކުރެވޭ ބޭނުމާ ގުޅިފައިވާ ކަމެއް ކަމަށް. މިވާހަކަ މިހެން ވިދާޅުވީ ޕާލޭގެ ސީއީއޯ މިސްޓާރ ސައިރިލް ގަޗް. އަޅުގަނޑަށް ފެންނަ ގޮތުގައި އެވާހަކަ އެ އަމާޒުކުރައްވަނީ ބައިނަލްއަޤްވާމީ މެހެމާންދާރީ (ހޮސްޕިޓާލިޓީ) ސިނާޢަތަށް އަދި އެމަފްހޫމްގެ ދަށުން ދެމެހެއްޓެނިވިކަން ޕްރޮމޯޓު ކުރެވޭނެ، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރާއި އެއަސަރުތައް ކުޑަކުރާނެ ގޮތުގެ މައްޗަށް ލަގްޜަރީ ފަތުރުވެރިޔާ ހޭލުންތެރި ކުރުވޭނެ.
މިހާރުވެސް މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ތަޙައްމަލުކުރަން ޖެހިފައިވާކަން ޝާހީނާ ފާހަގަކުރައްވައި ފީމު. 2050 އަންނައިރު، ދިވެހިރާއްޖޭގައި ދިރިނޫޅެވޭނެ ކަމުގެ އިންޒާރުތައް އިވެމުންދާ ދުވަސްވަރެއްގައި، މިފަދަ ދިރިދެމިތިބުމާ ގުޅޭ އަސާސީ މައްސަލަތަކުގެ ކުރިމަތީގައި، ހިތްވަރާއި، އުންމީދު ނަގަހައްޓަވަނީ ކިހިނެއްތޯ؟
އާދެ. އަޅުގަނޑުމެންނަށް ކުރިއަށްދިއުން ނޫން ގޮތެއް ނެތް. އަހަރުމެންނަށް މޫސުމެއް ނޫނީ ވިހަގޭސް ދޫކުރުން ހުއްޓުވުމުގައި ފަހަތުފަޔަށް ބުރަވެފައިވާކަން ބަދަލެއް ނުކުރެވޭނެ. ކޮންޓްރޯލެއް ނުކުރެވޭނެ. އެއީ ނާއުންމީދުވެ ރުޅިވެރިކަން ހިތަށް ވަންނާނެ ކަމެއް. އެހެނެއްކަމަކު އެކަމުން ވާނެ ފައިދާއެއް އެބަ އޮތްތޯ؟ އަހަރުމެންގެ އަމިއްލަ ސަލާމަތާއި ދިރިދެމިތިބުމަށް އަދި ކުރެވެންހުރި މަސައްކަތެއް ކުރަންވީ.
ދުނިޔޭގެ މޫސުމަށް މިއަންނަ ބަދަލުތަކުގެ އަސަރުތައް ގޯށްވާގޮތަށް، ތަރައްޤީގެ ސިޔާސަތުތައް ބައްޓަންވާތަން މިތަނުގައި އަޅުގަނޑަށް މިފެންނަނީ. ޤުދުރަތީ ރީތިކަމާއި ވެށި ހަލާކު ވާ ތަން މިފެންނަނީ؛ މުރަކަ ފަރުތައް ހަލާކު ކުރާ ތަން – ކުރު މުއްދަތުގެ ބޮޑެތި، އަޞްލުގައި އެފޯޑު ނުކުރެވޭ، ޢުމްރާނީ ތަރައްޤީގެ ބޭނުމަށް. އަދި ދެން އޮތް 50 އަހަރުގައި އާބާދީ އިތުރުވާނެކަމަށް އަންދާޒާ ނުކުރެވޭ ހިސާބުތަކުގައި ބިން ހިއްކަނީ.
އުންމީދެއްގެ މަތީ ތިބުން ނޫން ގޮތެއް ނެތް. 
ޕްލާސްޓިކް ޕޮލިއުޝަން (ތަޣައްޔަރުވުން) ގެ އިތުރުން، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދިވެހިރާއްޖެ އިން ތިމާވެށީގެ ގޮތުން އެންމެ  އިސްކަމެއް ދޭންޖެހޭ ދެތިން ކަމަކީ ކޮބައިތޯ – އަދި އެކަމުގައި ދުވަހީގޮތެއްގައި އާދައިގެ މީހާއަށް ކުޅެވޭން އޮތީ ކޮން ދައުރެއްތޯ؟
އަޅުގަނޑަށް ފެންނަނީ މޫސުމަށް އަންނަ ބަދަލާބެހޭ ހޭލުންތެރިކަމާއި ތަޢުލީމު އަދި ޤުދުރަތާ އެއްކީލި ގޮތެއްގައި ތަރައްޤީ ރާވާ ހިންގުން ހެން.
އަޅުގަނޑަށް ފެންނަނީ ކޮންމެ ރަށެއްގެ ބަޔަކަށްވެސް، އެރަށެއްގެ ޤުދުރަތީ ވެއްޓާއި އޭގެ ވަށައިގެން ހުރި ބަހާތައް މަޢުރިފާކޮށް (ކޮމްޕްރިހެންޝަން/އަންޑާރސްޓޭންޑިންގް)، ގުޅެވޭނެ ކަމަށް. ޚާއްޞަކޮށް ފަރާއި ފަޅުގެ މާޙައުލާއި، އެތަންތަނުން އަދާކުރާ ދައުރާ ގުޅުވައި. ބޭނުންވާ ތަރައްޤީއާމެދު ގޮތްކަނޑައަޅައި ނިންމުމުގައި މި މަޢުރިފާކުރުން އެހީއަކަށް ވާނެ.
ހަމައެހެންމެ، އަޅުގަނޑުމެންގެ ޤުދުރަތީ މާޙައުލާ މެދު ފަޚުރުވެރިވާންޖެހޭ އަދި އެމާޙައުލާމެދު ޖަޒުބާތުތަކެއް އުފައްދަންޖެހޭ. މިކަން ނުކުރާހާ ހިނދަކު ވެށީގެ ދިފާޢުގައި އަޅުގަނޑުމެން ހަނގުރާމަކުރާ ވަރަށް އަޅާލުމާއި، ފަރުވާލެއް ނުބެހެއްޓޭނެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ