އިރުވައި ނިމި ހުޅަނގު ފެށުނުއިރު އިހެކޭ އެއްގޮތެއް ނޫން
އިހުގެ ނަކަތްތެރިކަމުގެ ޢިލްމާއި ޒަމާނީ މޮޑެލްތަކާއި ޕްރޮޖެކްޝަންތައް ދެބަސްވާ މިންވަރު ދަނީ އިތުރުވަމުން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
24 މެއި
އަތޮޅު ތެރޭގެ ރަށެކެވެ. ޓިނު ފުރާޅަށް ވާރޭ ވެހެމުން ދެއެވެ. އަސްކަނި ދޮށަށް ފައިބާފައިވާ ފަތްތައް ސާފުކުރަމުން ދިޔައެވެ. ފެންގަނޑު އޮހޭ ދިމާ ފެން ހެދިފައި ވެއެވެ. އެކިވަރުގެ ފުޅި، ދަޅު، ބާލިދީ ފަދަ ކަންވާރަށް ފެން ނަގަން އަސްކަނި ދޮށުގައި ބަހައްޓާފައި ހުއްޓެވެ. ވެރިރަށް މާލޭގައި ގަންބޫޓަށް އަރައި، ވާރޭ ކޯޓު ލައިގެން، ބޮޑުވެފައިވާ ފެންގަނޑުގެ ތެރޭގައި އެއްތަނުން އަނެއްތަނަށް އަވަހަށް ދެވޭތޯ މީހުންގަނޑު އުޅެތެވެ.
ހުޅަނގު ލައިގެންފިއެވެ. މިއީ ހުޅަނގު ދެކުނުން ވައި އަންނަ މޫސުމެވެ. ވައި ބަދަލުވަމުން އެދަނީ ހިމާލިޔާ ފަރުބަދަތަކާ ދިމާއަށެވެ.
މޫސުމް ބަދަލުވުން އިހުގައި ފާހަގަކޮށް އުޅެނީ ބިހުރޯޒުގެ ނަމުގައެވެ. ދެމޫސުން ބެދެނީ ބަހާރުގެ މެދު ތެރޭގައެވެ. މާމެލާމެއްޔާއި ގަސްގަހާއި ގެހި ހެދި ފޯދި، މާ އަޅާ، ކުރާގަނޑު ލައި ނިމި މޭވާ ލިބޭ ދުވަސްވަރެވެ.
ބިހުރޯޒަކީ ބަރަކާތްތެރި ދުވަހެކެވެ. އެދުވަސް ފާހަގަކުރަނީ އައު މޫސުމާއެކު އަންނަ އާ އަހަރެއް ފަދައިންކަމުގައި ނަކަތްތެރިކަމާއި މޫސުމާއި އިރުވަރަށް އަންނަ ބަދަލުތައް ދިރާސާކުރައްވަމުން ގެންދަވާ ޢަބްދުالله ރަޝީދު މި ނޫހުގައި ވިދާޅުވިއެވެ. ބޯދާ ޒަމާނުއްސުރެ ދިވެހިން ރިޢާޔަތްކުރަމުން އަންނަ ނަކަތް ކަލަންޑަރު ބުނާގޮތުގައި ބިހުރޯޒަކީ އޭޕްރީލް މަހުން 14 ވަނަ ދުވަހެވެ. އައްސިދަ ނަކަތުން ހަތެކެވެ.
”އިރުވައިގައި އަމުދުން ހިކިހޫނު އިޙްސާސް ވާނެ. ނަކަތުން އެންމެ ހޫނު ގަދަ ދުވަސްތަކުގައި މާލެ މަތިން އިރު ދަތުރުކުރާނެ،“ ކަމަށާއި ”އެކަމުން ނެއްޓި، ބިމަށް އާރޯކަން އަންނާން ފަށާނީ އޭޕްރީލް 14 ގައި،“ ކަމަށާއި، ”ކޮންމެ އަހަރަކު އެދުވަހު ވާރޭވެހޭކަން މިފަހަކަށް އައިސް އަހުރެނަށް ފާހަގަވެފައިވޭ،“ ޢަބްދުالله ރަޝީދު އޮޅުންފިލުއްވައި ދެއްވިއެވެ.
ނަކަތަކީ މޫސުމުގެ ގޮތުން އަހަރު ބެހިފައިވާ 28 ބައިން ކުރެ ކޮންމެ ބަޔަކަށް ކިޔާ ނަމެވެ. އެކި ނަކަތަށް އެކި ނަން ސީފައި ހުރެއެވެ. ކޮންމެ ނަކަތަކަށް ޚާއްޞަ ކަންތައްތަކެއް ހުރެއެވެ. މިސާލަކަށް އެންވެރިކަން ރަނގަޅުވުންފަދަ ކަންކަމެވެ. ނަކަތް ކަލަންޑަރުގެ އަޞްލު ގޮސް ގުޅެނީ އިންޑަސް ވާދީގެ ޙަޟާރަާތައެވެ، އެބައިމީހުން އަހަރު ބައިކޮށް އުޅުނީ 27 ބަޔަކެވެ. އަދި ހުޅަނގާއި އިރުވައި މޫސުން އެބައިމީހުން ދަނެތެވެ.
ހުޅަނގު ފެށެނީ ކެތި ނަކަތުންނެވެ. ނިމެނީ ހޭ ނަކަތަށެވެ. އެއީ މޭ 6 އިން އޮކްޓޫބަރު 31 އަށެވެ.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ފިޔަވަޅުތައް އަޅަނީ ދިވެހިން ނަކަތަށް ބަލައިގެންނެވެ. މިސާލަކަށް ރުވާންވީ ދުވަހާއި، އޮޑިތައް އެހެލާންވީ ދުވަސްވަރު ދެނެގަންނަނީ ނަކަތުންނެވެ. ނަކަތީ ދިވެހި ވެށީގައި ދިރިއުޅޭންވީ ގޮތުގެ ބާވަތެއްގެ ތާވަލެކޭ ދެންނެވިދާނެއެވެ. މިހާރު
މޯލްޑިވްސް މީޓިއަރޮލޮޖިކަލް ސަރވިސް އިން ބުނީ މިއަހަރު ހުޅަނގު ލައިގަތީ މޭ 8 ގައި ކަމަށެވެ. ހުޅަނގު މޫސުމުގެ އަސަރުތައް ފުރަރަމަ ފޯރަނީ ދެކުނުގެ ސަރަޙައްދު ތަކަށް މޭ މަހުގެ ފުރަތަމަ ދެ ހަފްތާގައި ކަމަށާއި އެއަށްފަހު މޫސުމުގެ އަސަރުތައް ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް އަރައިގެން އައިސް، މަސް ނިމޭއިރު ދިވެހިރާއްޖޭގެ ސަރަޙައްދަށް އެކީ އެކަށް ފެތުރޭ ކަމަށް އެސަރވިސް އިން އާދިއްތަ ދުވަހު ބުންޏެވެ.
ނަކަތް ކަލަންޑަރުންވެސް އަދި ޒަމާނީ ކަލަންޑަރުންވެސް ބުނެދެނީ އެއް ޙަޤީޤަތެކެވެ. ވިއްސާރަ އަތުވެއްޖެއެވެ. ވާރޭ ވެހޭނެއެވެ. އިހުގެ ނަކަތްތެރިކަމުގެ ލަފާކުރުންތަކާ އަދުގެ ޒަމާނީ ސެޓެލައިޓް ބެލުންތަކާއި މޫސުމީ ޢިލްމާ މިއަހަރު އަމުދުން އަނގަޅަށް ދިމާވެ، އެއްބަސް ވެއެވެ.
މޮޑަލްތައް އަންދާޒާކުރާ ގޮތް
ހުޅަނގު މޫސުމަށް ވިއްސާރަ މޫސުމޭވެސް ކިޔާ އުޅެތެވެ. ހުޅަނގު މޫސުން ފެށިގެން އައިއިރު މާލެ ސަރަޙައްދަށް އެކަން އިޢުލާންވެގެން ދިޔައެވެ. ހުޅުމާލޭގައި ހުރި ޢިމާރާތަކަށް އެޅި އަޑާއި އަލީގެ ގޮތުން ވަރުހެސަ ހޮނު ގުގުރިއަކުންނެވެ. އަދި ދިއްފުއްޓާ ދިމާލުން ކަނޑުގައި ނަގޫރޯޅިއެއް ފައިބާ ހުއްޓެވެ.
އޭޕްރީލް ނިމުނު ތާނގައި 34 ވަނަ ސެޝަން އޮފް ސައުތު އޭޝިއަން ކްލައިމެޓް އައުޓްލުކް ފޯރަމްގައި ބައިވެރިވާން މޫސުމާބެހޭ ސައިންސްވެރިން ދިވެހިރާއްޖެއަށް ޖަމާވިއެވެ. އެފޯރަމްގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ އަންދާސީ ދިރާސާ ބުނާގޮތުން ޖޫންއާއި ސެޕްޓެންބަރާ ދެމެދު މި ހުޅަނގު މޫސުމުގައި ދެކުނު އޭޝިޔާއަށް ވާރޭ ވެހޭ މިންވަރު މިއަހަރު އެހެން އަހަރުތަކާ އަޅާކިޔާއިރު މަދުވާނެއެވެ. ނަމަވެސް ހުޅަނގު އުތުރު އަދި އިރު ދެކުނުގެ ސަރަޙައްދުތަކަށް އާދަޔާ ޚިލާފަށް ގިނައިން ވާރޭ ވެހުން އެކަށީގެންވެއެވެ.
މީގެއިތުރުން އެދިރާސާގައި ބުނަނީ އެލްނީނޯގެ އަސަރުގެ ސަބަބުންނާއި އިންޑިޔާ ކަނޑުގެ ހުޅަނގާއި އިރާއި ދެމެދުގައި ހޫނުގަނޑެއް އެނބުރި ބަދަލުވަމުންދާ ގޮޔތުގެ ސަބަބުން (އިންޑިޔަން އޯޝަން ޑިޕޯލް) ދެކުނު އޭޝިޔާގެ އެކި ސަރަޙައްދުގައި ފިނިހޫނުމިނުގެ ތަފާތުތައް މި ހުޅަނގުގައި ފާހަގަވާލެއް ބޮޑުވާނެއެވެ.
”އިންޑިޔަން އޯޝަން ޑިޕޯލްއަކީ އެލް ނީނޯފަދަ ކަމެއް، އެއީ އިސްޓްރޭލިޔާއާއި ޕެރޫއާ ދެމެދު އަންނަ ފިނިހޫނުމިނުގެ ބަދަލުތަކުން ނުކުން އަސަރެއް،“ ކަމަށާއި ”ނަތީޖާއަކީ އެފްރިކާއާއި އިންޑޮނޭޝިޔާއާ ދެމެދު އޮންނަ ކަނޑުގެ ސަރަޙައްދުގައި ފިނިހޫނުމިން ވަކި ހަމައެއްގައި ހިފެހެއްޓިފައި ނުހުރެ، މަތިވެފައި ތިރިވަމުން އެގޮތްމިގޮތަށް ދިއުން،“ކަމަށް މޫސުމާބެހޭ ތަޖުރިބާކާރު އަޙްމަދު ޝާބިން މޯލްޑިވްސް އިންޑިޕެންޑެންޓް ގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ މޫސުމީ ބަދަލަށްވުރެ، ޤުދުރަތީ ބުރުގައި ހިނގާ ކަމެއް ކަމަށާއި، އެލްނީނޯއަކާ ޕޮޒިޓިވް އިންޑިޔަން އޯޝަން ޑިޕޯލެއް ބައްދަލުވެއްޖެނަމަ، އެލްނީނޯގެ އަސަރު ކުޑަކުރުވާނެ ކަމަށާއި، ނެގެޓިވް އިންޑިޔަން އޯޝަން ޑިޕޯލަކާ އެލްނީނޯ ދިމާވެއްޖެނަމަ، އެލްނީނޯގެ އަސަރު އިތުރުކޮށް ވަރުގަދަކުރާނެ ކަމަށް ޝާބިން ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ކޮށްފާނެ އަސަރު މުޅިއަކުން ސާފެއް ނޫނެވެ.
ޝާބިން ވިދާޅުވީ ޕެސިފިކް ކަނޑުގައި އެލްނީނޯ ހިނގާނަމަ، އެކަމުގެ އަސަރުތައް ދިވެހިރާއްޖެއަށް ފޯރާން ތިންހަތަރު މަސް ނަގޭނެ ކަމަށާއި، މޭއާއި ޖޫންއާ ދޭތެރޭގައި މޫސުމަށް ވާނެގޮތް މުޖައްރިބުކަމާއެކު ލަފާކޮށް ބުނެދޭން އުނދަގޫވާނެ ކަމަށާއި، އެއަށްފަހު މޮޑަލްތަކާ އެއްކީލުވުން އެކަށީގެންވާ ކަމަށެވެ.
ބާރު ބޮޑު
އެލްނީނޯގެ ހޫނާއި، ޕޮޒިޓިވް އިންޑިޔަން އޯޝަން ޑިޕޯލެއްގެ އަސަރު ކަނޑުގެ އަޑިއަށްވެސް ފޯރާނެއެވެ. މުރަކައިގެ ފަރުތަކަށް ބާރު ބޮޑުވާނެއެވެ. ހޫނުމިން އިތުރުވަމުން ދިޔަ ދިޔަހެން މުރަކައަށް ދިރުމާއި ކުލަ ގެނުވާ އަލްގޭތައް ވިހަ ދޫކުރާން ފަށާނެއެވެ. އެހިސާބުން މުރަކަތަކުން އެސޮރުމެން ފައްސާލާނެއެވެ. މިއަށް ކިޔަނީ މުރަކަ ހުދުވުމެވެ. ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިކޮށް ހިފެހެއްޓިފައި ހުންނަނަމަ އެޙާލަތުން އަރައިގަންނާކަށް މުރަކައަކަށް ފުރުޞަތެއް ނުލިބޭނެއެވެ. އަދި މަޑުމަޑުން ފަރުތައް އެކީއެކަށް ހަލާކުވާން ފަށާނެއެވެ. ހޫނުމިން ކުޑަ ތަންފުކެއް މައްޗަށް ޖެހުނަށް ފަރުހުދުވުން ފެނިފައި އެބަހުއްޓެވެ.
މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުން މުރަކަތަކުގެ ދިރިމުގެ އިތުރުން މަސްމަހާމެހިވެސް މަރުވެ ދެއެވެ. ނުވަތަ ފަރު ދޫކޮށް ދެއެވެ. މިއީ އެންވެރިކަމާއި، ކަނޑުއަޑީގެ ރީތިކަމަށް ބިނާވެފައިވާ ފަތުރުވެރިކަމަށް ހުރި ބޮޑެތި ނުރައްކާތަކެވެެ.
އެންމެ ފަހުން އެލްނީނޯ ތަޙައްމަލު ކުރާންޖެހުނީ 2023 އާއި 2024 ގައެވެ. އޭގެ ކުރިން 2015 އާއި 2016 ގައެވެ. އެންމެ ފަހުގެ އެލްނީނޯގައި ”އިޙްސާސްވާ“ (ފީލްސް ލައިކް) ފިނިހޫނުމިން 46.3 ޑިގްރީ ސެލްސިއަސް އަށް އަރައިގެން ދިޔައެވެ.
ހުޅަނގު މޫސުމުގައި ވަޔާއި އޮއެ، ކަނޑާއެކު ގަދަވާނެއެވެ. އެހެންވީމާ ހުޅަނގު ފަރާތުން އިރުމަތީ ފަރާތަށް އަދި ނިވާ އެޅިފައިވާ ފަޅިުތަކަށް ވެލިގަނޑު ނަގައިގަނެގެން ގެންދާނެތެވެ. ދިވެހިރާއްޖޭގެ ރަށްތައް ވޮޑެފައި، ގިރެނީ މިހަމައިންނެވެ. ނަމަވެސް މޫސުމަށް އަންނަ ބަދަލާއެކު، ދާއިމަށް ވެލިގަނޑު ކެހިގެންގޮސް، ރަށްގިރުމަށް ބަދަލުވެ ދެއެވެ.
ކޮންމެވެސް އަތޮޅެއްގެ ޓިނު ފުރާޅެއް ދިޔަދޮތްވާއެކު އަންނަ އަހަރުވެސް ސާފު ކުރާނެއެވެ. ސުވާލަކީ ނަކަތް ކަލަންޑަރު ޒަމާނުގެ މޮޑަލްތަކާއި އަންދާޒާތަކާ އެއްކީލިކަމުގައި އޮވެ ދާނެތޯއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
