ހަސަން އަހުމަދުގެ މިޝަން: ފަރުތައް ދިރުވުމަށްޓަކައި އާ ޖީލެއް ތަމްރީނު ކުރުން
މިއީ ސެޓިފައިޑް ރީފް ރެސްޓޯރޭޝަން ޓްރެއިނަރަކާ އެކު ކުރެވުނު އިންޓަރވިއުއެއް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
03 ޖޫން
އާންމުކޮށް ބޭބެގެ ނަމުން މަޝްހޫރުވެފައިވާ ހަސަން އަހުމަދަކީ ތިމާވެށީގެ އެންޖީއޯ ސޭވް ދަ ބީޗްގެ ރައީސްއެވެ. އަދި މީނާ ވަނީ ދާދި ފަހުން، މާސް އެސިސްޓެޑް ރީފް ރިސްޓޯރޭޝަން ސިސްޓަމްގެ ޓްރެއިނަރެއްގެ ސެޓްފިކެޓް ވެސް ހާސިލްކޮށްފައެވެ.
މާލޭގެ ސުލްހަވެރި، ދުއްވާތަކެތި ނުދުއްވާގޮތަށް ކަނޑައަޅާފައިވާ ރަށެއްކަމަށްވާ ވިލިނގިލީގެ ގޮނޑުދޮށްތަކާއި ފަރުތައް ހިމާޔަތް ކުރުމަށް ބޭބެ ގުޅިގެން އުފެއްދި ސޭވް ދަ ބީޗް އެންޖީއޯއަކީ މުރަކައާއި ފަރު ދިރުވުމަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޖަމިއްޔާއެވެ. މި އެންޖީއޯއަކީ މޯލްޑިވްސް ކޮރަލް ރިސްޓޯރޭޝަން ޕްރޮގްރާމްގެ ނަމުގައި ރާއްޖޭގެ ތަފާތު ހަތަރު ރަށެއްގައި ފަރުތައް އާލާކޮށް ދިރުވުމުގެ ޕްރޮގްރާމް ހިންގަމުންދާ އެންޖީއޯއެކެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓުންވަނީ މީނާ ހާސިލްކޮށްފައިވާ ރިސްޓޯރޭޝަން ޓްރެއިނިންގ ސެޓްފިކެޓާއި، މީނާ ކުރިއަށް ގެންދާ ރީފް ރިސްޓޯރޭޝަން އިނީޝިއޭޓިވް އާއި، އުމްރާނީ ތަރައްގީގެ ހަރަކާތްތަކާ ގުޅިގެން މުރަކައިގެ މާހައުލު ބަދަލުކުރުމާއި، އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަރުތައް ބިނާކުރުމުގެ މަޝްރޫއުތަކަށް އިންވެސްޓްކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ބެބެއާ އިންޓަރވިއުއެއް ކޮށްފައެވެ. ތިރީގައި މިވަނީ މި އިންޓަރވިއުގެ ކުރު ޚުލާސާއެކެވެ.
އެމްއައި: މާސް އެސިސްޓެޑް ރީފް ރިސްޓޯރޭޝަން ސިސްޓަމްގެ ޓްރެއިނަރެއްގެ ގޮތުގައި ދާދި ފަހުން ބޭބެ ތިވަނީ ސެޓިފައިވެފައި. މިސެޓިފިކޭޝަންގައި ހިމެނެނީ ކޮން ކަންތައްތަކެއްކަމާއި، ސޭވް ދަ ބީޗް އިން ހިންގަމުން އަންނަ ކޮރަލް ރިސްޓޯރޭޝަން ޕްރޮގްރާމަކީ ކޮބައިކަން ބުނެދެވިދާނެތަ؟
ބޭބެ: އަޅުގަނޑުމެން ހިންގާ މޯލްޑިވްސް ކޮރަލް ރިސްޓޯރޭޝަން ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓުން އެންޑޯސްކޮށްފައިވާ ޕްރޮގްރާމެއް. މުރަކަ ދިރުވުމަށް އާންމުންނަށް ދަސްކޮށްދޭންޖެހެނީ މިއީ ވަރަށް އަގު ބޮޑު ކަމަކަށްވާތީއާއި، މިކަން ކުރާނެގޮތް ރަނގަޅަށް ދަސްކޮށްދޭނެ ބައެއް ނެތުމުން. ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެން ވަނީ މުރަކަތައް އާލާކުރާނެ އައު ގޮތްތައް ދަސްކޮށްފައި.
މިހާރު އަޅުގަނޑަށް މިވަނީ މާސް އެސިސްޓެޑް ރީފް ރިސްޓޯރޭޝަން ސިސްޓަމްގެ ތަމްރީން ލިބިފައި، މިއީ ރީފް ސްޓާޒް ނަމަކަށްކިޔާ އިންޓަރލޮކް ފްރޭމްވޯކްތަކެއްގެ މައްޗަށް އެކުލެވިގެންވާ ކަނޑުއަޑީގެ ވެބްތަކެއް. މިކަމުގެ ސަބަބުން ހުރިހާ މުރަކައެއް އެއްފަހަރާ އުފެދި، އެއް އަހަރު ދުވަހުގެ ތެރޭގައި ކޮމްޕްލެކްސް މާހައުލެއް އުފެއްދޭނެ. ހަލުވިކަމާއެކު ބޮޑުވަމުން އަންނަ މުރަކަތައް 10 ސެންޓިމީޓަރާ 15 ސެންޓިމީޓަރަށް ބޮޑުވާނެ. މި މުރަކަތަކުގެ ތްރީ ޑައިމެންޝަނަލް ގްރޯތުގެ ސަބަބުން މަހާއި އިންވަރޓެބްރޭޓްސް މުރަކަތަކަށް ޝައުގުވެރިވެ، އާދައިގެ ފަރެއްގެ އިކޮލޮޖިކަލް ހަރަކާތްތައް ނަކަލުކުރާނެ.
ދެން އަޅުގަނޑުމެން ތަޢާރަފްކުރަނީ މައިކްރޯފްރެގްމެންޓޭޝަން. މިއީ ބޮޑެތި މުރަކަތަކުން ބައިތައް ނަގައި، އެބައިތައް ކައިރީގައި ބަހައްޓައިގެން ބޮޑުކުރުމަށް ބޭނުންކުރާ އުކުޅެއް. މިކަމުގެ ސަބަބުން މުރަކަތައް ބޮޑުވަމުން އަންނަވަރަކަށް އެއްވެގެން، މުރަކަތައް ބޮޑު ސަރަހައްދަކަށް ފެތުރޭނެ. ޤާއިމުކުރެވިފައިވާ ރީފް ސްޓްރަކްޗަރތަކުގައި އެތައް ހާސް މައިކްރޯފްރެގްމެންޓެއް ބަހައްޓަން.
ދެން ކުރާ ކަމަކީ، ލާވާ ރެސްޓޮރޭޝަންގެ މަސައްކަތްތައް ކުރުން. ސްޕޯނިން މޫސުމުގައި މުރަކަ ބިހާއި ސްޕަރމް އެއްކޮށް، އެތަކެތި ފަރޓިލައިޒްކޮށް، ލާވާތައް އަޅުގަނޑުމެންގެ ސައިޓުތަކަށް ބަހާލަން. އަޅުގަނޑުމެންގެ ރިސްޓޯރޑް ސައިޓްތަކުން ލާވާ އުފެދުމަށް ބޭނުންވާ އެކަށީގެންވާ އަޑުތަކާއި ވައިބްރޭޝަންތައް އުފައްދާނެ، މިކަމުގެ ސަބަބުން، ކުރީގެ ބައެއް މުރަކަތައް މަރުވިކަމުގައިވީނަމަވެސް، ފަރުތަކުގެ ދިރުން ދާނީ އިތުރުވަމުން.
މި ތިން ގޮތް ބޭނުންކޮށްގެން ރާއްޖޭގެ އެއްވެސް ތަނެއްގައި މިހާތަނަށް ކާމިޔާބުކަމާ އެކު ފަރެއް އުފެއްދިއްޖެތަ؟
ނޫން. އަދިއެއްނޫން. ހަގީގަތުގައި މިއީ ދުނިޔޭގައި މި ތިން ގޮތް އެއްކޮށް ބޭނުންކޮށްގެން ފަރެއްް އުފައްދަން މަސައްކަތް ކުރާ ފުރަތަމަ ފަހަރު. އަޅުގަނޑަށް މިކަން ކުރުމުގެ ތަމްރީން ލިބިފައިމިވަނީ މިކަމުގެ މާހިރުންގެ ކިބައިން، މި ތިން ގޮތް އެކީގައި ބޭނުންކުރުމުން މާ ކާމިޔާބު ވާނެކަމަށް އަޅުގަނޑު ދެކެން. މިއީ މިގޮތަށް ފަރެއް އާލާކުރުމަށް މަސައްކަތްކުރެވޭ ފުރަތަމަ ފަހަރު.
ތިޔަބޭފުޅުންގެ ރިސްޓޯރޭޝަން ސައިޓްތައް ކުރިއަށް ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ؟
އަޅުގަނޑުމެންގެ ސައިޓުތައް ވިލިނގިލި، ފުޅަދޫ، ހިންމަފުށި، އަދި ކެޔޮދޫގައި މިވަގުތު އެބަހުރި. ކުރިއަށް އޮތްތަނުގައި އިތުރު ދެ ރަށެއްގައި މިފަދަ ސައިޓުތައް ހެދުމަށް މިދަނީ މަސައްކަތްކުރަމުން.
ވިލިނގިލީގެ ސައިޓް ގާއިމްކުރެވިފައިމިވަނީ އޮކްޓޫބަރު މަހުގެ ތެރޭގައި، މިހާރު މުރަކަތައް މިވަނީ 2 ސެންޓިމީޓަރާއި 3 ސެންޓިމީޓަރަށް ބޮޑުވެފައި. ކެޔޮދޫގެ ސައިޓުވެސް ދާދި އެއްގޮތަކަށް ބޮޑުވަމުން އެބަދޭ. ކެޔޮދޫގައި ގުޅިފައިވާ މުރަކަތައް މަތީގައި ވަރަށް ބޮޑެތި މުރަކަ އުފެދިފައިވޭ. އަޅުގަނޑުމެންގެ އެންމެ ދުވަސްވީ ސައިޓަކީ ފުޅަދޫގައި ހުރި ސައިޓު. މިތަނަށް މިހާރު 3 އަހަރު ވެފައިވާއިރު، މުރަކަތައް ބޮޑުވެގެންގޮސް އެތަނުގައިވާ ފްރޭމްތައްވެސް މިހާރު ނުފެނޭ. މިކަމުގެ ސަބަބުން އެތަނުގައި ހުރި މުރަކައިގެ ހިލަތައް އެއްވާން ވަނީ ފަށާފައި.
ރީފް ސްޓާ މެތަޑަކީ ސްކޭލް ކުރަން ފަސޭހަ ޚަރަދު ކުޑަ މެތަޑެއް. އަދި މި މެތަޑު ފަރުމާ ކުރެވިފައިވާ ގޮތުން، މި މަސައްކަތް ކުރުމަށް ގިނަ މީހުންނަށް ބައިވެރިވެވޭނެ.
ބޮޑެތި ރާޅާއި މޫސުން ގޯސްވުމުގެ ސަބަބުން، މި އާޓިފިޝަލް ފަރުތަކައް ކިހާވަރަކަށް އަސަރުކުރެޭ؟
މިފަރުތައް ވަރަށް ރެސިލިއަންޓް ވާނެ. މޫސުން ގޯސްވެ، ބޯޓުތައް ގާތްގަނޑަކަށް އަޑިއަށްދާ ހާލަތްތަކުގައިވެސް، އަޅުގަނޑުމެންގެ ރީފް ސްޓާޜސްތައް ވަރަށް ވަރުގަދައަށް ހިފަހައްޓާލާ.
މީގެ 15 އަހަރަށްވުރެ ގިނަ އަހަރު ކުރިން އުފައްދާފައިވާ މާސް މެތަޑަކީ މުޖުތަމައުތައް ބައިވެރިކޮށްގެން، ޙަރަދުކުޑަކޮށް ސްކޭލްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މެތަޑެއް. އަޅުގަނޑުމެންގެ އަމާޒަކީ، އަޅުގަނޑުމެންނަށް ބަރޯސާނުވެ، އަމިއްލަ ފަރުތަކުގެ މިލްކުވެރިކަން ދެމެހެއްޓޭނެ ގޮތަށް ރަށްތަކުގެ މުޖުތަމައުތައް ތަމްރީންކުރުން.
މި ޕްރޮގްރާމް ހިންގާނެ ރަށްތައް އިޚްތިޔާރު ކުރާނީ ކިހިނެއް؟
ފަރެއް އުފެއްދުމަކީ ގިނަ ދުވަސްތަކެއްގެ މަސައްކަތް ބޭނުންވާނެކަމެއް، އެހެންކަމުން، މުޖުތަމަޢުގެ ތެރޭގައި މިކަމަށް އޮތް ކޮމިޓްމެންޓް ބެލުމަށްފަހު އަޅުގަނޑުމެން 4 ރަށެއް ހޮވަނީ. އަޅުގަނޑުމެން ކޮންސަލްޓޭޝަންތައް ހަދައި، ރަށް ދިރާސާކޮށް، ސައިޓުތައް ދެނެގަނެ އަދި އެރަށެއްގައި ދިރިއުޅޭ މީހުން ތަމްރީންކުރަން. މީގެ އިތުރުން، މި ސައިޓުގައި ފަރެއް އުފެއްދުމަށް މުޖުތަމައުއާއެކު އަޅުގަނޑުމެން މަސައްކަތްކުރަން.
ކެޔޮދޫގެ ސައިޓުގައި ވަނީ 200 ރީފް ސްޓާސް ބޭނުންކޮށްފައި. މި ސައިޓު ކުރިއަށް އޮތް ތަނުގައި ޖުމްލަ 900 އަކަމީޓަރަށް ފުޅާވެގެންދާނެ. ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި މި ފަރުތަށް ބެލެހެއްޓުމަށްޓަކައި، މި ރަށުން ދެ މީހަކަށް އަޅުގަނޑުމެން ވަޒީފާ ދޭނަން. އަދި މިމީހުން ތަމްރީންކޮށް، ސުކޫލުތަކުގައި މިކަމާ ބެހޭގޮތުން ޕްރޮގްރާމްތައް ހިންގާނަން. ރީފް ސްޓާރގެ ތަމްރީން ފުރިހަމަ ކުރާ ކޮންމެ ކުއްޖަކަށް ސެޓިފިކެޓެއް ދޭނަން.
މިގޮތަށް އާލާކޮށްފައިވާ ފަރެއްގައި މުރަކައާއި މަހުގެ ދިރުންތައް އާލާވަނީ ކިހާވަރަކަށް؟
މިއީ ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ކަމެއް. އަޅުގަނޑުމެންގެ ވިލިނގިލީ ސައިޓުގައި، މި ސިސްޓަމް ބިނާކުރުމަށްފަހު، 3 މަސް ދުވަހުގެ ތެރޭގައި މިތަނުގައި ދިރިއުޅޭ މަހުގެ އާބާދީ 700 އިންސައްތަ އިތުރުވެފައިވޭ. އެ ސަރަޙައްދަކީ މިހާރު މިރަށުގައި އެންމެ ގިނައިން މަހުގެ ތަފާތު ބާވަތްތައް ފެންނަ ސަރަހައްދު.
މުރަކައިގެ ގިން ވަތްތަރުތައް އާލާކުރުމަށްޓަކައި، އެއް ޖެނެޓިކް މެޓީރިއަލްއެއްގެ މުރަކަ ނަކަލުކުރުމުގެ ބަދަލުގައި ތަފާތު ރެސިލިއަންޓް މުރަކަތަކުގެ ބައިތައް އަޅުގަނޑުމެން ބޭނުންކުރަން. ލާވާ ރިސްޓޯރޭޝަން ގެ ޒަރިއްޔާއިން ލިބޭ މުރަކައިގެ ވަތްތަރުތައް މިއަށްވުރެން ތަފާތުވިއަސް، މި މެތަޑް ބޭނުންކޮށްގެންވެސް ރަނގަޅު މިންވަރަކަށް ތަފާތު ވަތްތަރުގެ މުރަކަ އާލާކުރެވޭ.
ވިލިނގިލީ ސައިޓަކީ ރާއްޖޭގެ އެންމެ ތަޣައްޔަރުވެފައިވާ ސަރަޙައްދުގައި އޮންނަ ސައިޓެއް. މިއީ ފަރެއް ރީސްޓޯ ކުރުމަށް އެންމެ އުނދަގޫވާނެ އެއްތަން. އެތަނުގައިވާ ގުދުރަތީ ފަރު ހަލާކުވިތާ ގާތްގަނޑަކަށް 30 ވަރަކަށް އަހަރު ފާއިތުވެގެން ދިޔައިރު، މިހާރު އަޅުގަނޑުމެންނަށް މިފެންނަ ފަރުގައި މިވަނީ އޭގެ ގާތްގަބޑަކަށް 5 އިންސައްތަ އާލާކުރެވިފައި. މިކަމުން އެނގެނީ ގުދުރަތީ ފަރެއް ހަލާކުވުމަށްފަހު، އަމިއްލައަށް އަލުން ނުއުފެދޭނެކަން. މިކަމަށްޓަކައި އިންސާނުންގެ އެހީ ބޭނުންވާނެކަން.
މިޤައުމަކީ ޑައިވަރުން ގިނަ ގައުމެއްކަމުގައިވީނަމަވެސް، އަޅުގަނޑުމެން އެންމެ ފުރަތަމަ މުރަކައިގެ ވާހަކަ ދައްކަން ފެށިއިރު (އެއީ 2000 ވަނަ އަހަރުތަކުގެ ކުރީކޮޅު)، މުރަކައަކީ ހަގީގަތުގައި ކޮބައިކަން ނުވަތަ އެއީ ދިރޭ ޖަނަވާރެއްކަން ގިނަ މީހުންނަކަށް ނޭނގޭ. މިހާރުވެސް އެއީ ޖަނަވާރެއްކަމަށް ބުނެދިނުމުން، އެކަން ވިސްނައިގަތުމަށް މީހުންނަށް ވަރަށް އުނދަގޫވޭ. އަޅުގަނޑުމެން މުރަައިގެ ސްޕޯނިންގ ދައްކާއިރު، މީހުން ހައިރާންވޭ. މުރަކަ އުފެދެނީ، މުރަކައިން ބިސް އަދި ސްޕަރމް ދޫކުރުމަށްފަހު، އެތަކެތި ފާޓިލައިޒްވެ، މެޓަމޯފޮސިސް އަށްފަހު ކަން މީހުންނަކަށް ނޭނގެ. މިކަމަކީ އެންމެންނަށްވެސް އެނގުން މުހިއްމު ކަންކަން.
ރިސްޓޮރޭޝަންގެ އިތުރުން މުރަކައާއި ފަރާ ބެހޭގޮތުން ކޮން ދިރާސާއެއްތޯ ތިކުރަނީ؟
ކޮންމެ އަހަރަކުވެސް ސައިންޓިފިކް ކްރޫޒްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މުރަކައިގެ ޞިއްޙަތު ދިރާސާކުރަން. މިގޮތުން ރީފް ޕްރޮފައިލް ނެގުމާއި، މަސް ގުނުމާއި، 2015 ވަނަ އަހަރުން ފެށިގެން ގާ ހުދުވުމާ ބެހޭ ގޮތުން މައުލޫމާތު ވަނީ އެއްކުރެވިފައި. މޫސުމަށް އަންނަ ނޭދެވޭ އަސަރުތަކާއި މައިކްރޯޕްލާސްޓިކްސް އަދި މުރަކައިގެ މާހައުލު ބަދަލުކުރުން ފަދަ ކަންކަމަށް ބިނާކޮށް، މި އަހަރުގެ މިހާތަނަށް 6 ކަރުދާހެއް އަޅުގަނޑުމެންވާނީ ޝާޢިއުކޮށްފައި. އަދި މިއަހަރު އިތުރު 3 ކަރުދާހެއް ޝާޢިއުކުރެވޭނެ. މީގެ އިތުރުން އަޅުގަނޑުމެން މިދަނީ ޔުނިވަރސިޓީ އޮފް ޖެނޯއާއާ ގުޅިގެން ކުރެވުނު ދިރާސާތަކުގެ މައްޗަށް ކަރުދާސް ލިޔުމުގެ މަސައްކަތް ކުރަމުން.
ރާއްޖޭގައި މުރަކަ ހިމާޔަތްކުރުމާއި މިކަމާ ގުޅޭ ދިރާސާކުރުމުގެ މަސައްކަތް ދިވެހީން އިސްވެ ކުރުމަކީ ކިހާ މުހިންމު ކަމެއް؟
މިކަން ކުރަން ޖެހޭނީ އަޅުގަނޑުމެން. އަޅުގަނޑުމެން މިދައްކަނީ އަޅުގަނޑުމެންގެ އަމިއްލަ ފަރުތަކާއި، އަޅުގަނޑުމެންގެ އަމިއްލަ ވެށީގެ ވާހަކަ. އަޅުގަނޑުމެންގެ ފަރުތަކާއި ކަނޑުތަކާ ނުލައި އަޅުގަނޑުމެންނަކަށް ދިރިނޫޅެވޭނެ. އެންމެ ބޮޑު ގޮންޖެހުމަކީ މެރިން ބަޔޮލޮޖީ ކިޔަވައިދޭނެ ޔުނިވާސިޓީއެއް ނެތުން.
ޔުނިވާސިޓީގައި މެރިން ސައިންސް ޕްރޮގްރާމެއް އޮތް ނަމަވެސް އެކޯހުގައި ކިޔަވައިދެނީ މެރިން ބަޔޮލޮޖީއެއް ނޫން. މި ދާއިރާއިން ކިޔެވުމަށް ރާއްޖެއިން ބޭރަށް ގޮސްފިނަމަ، ކިޔަވައިގެން އެނބުރި އާދެވޭއިރު ހުންނާނީ އުމުރުން ދުވަސްވެފައި. އަޅުގަނޑު މިކަން އުނގެނެންޖެހުނީ އޮންލައިން ކޯސްތުންނާއި، ކުރެވުނު މަސައްކަތްތަކުން.
ސޭވް ދަ ބީޗް އިން ވަނީ ހުޅުމާލެ އާއި ގުޅީފަޅު ތަރައްގީކުރުމުގެ ކުރިން، އެ ސަރަހައްދުގައިވާ މުރަކަތައް އެހެން ހިސާބުތަކަށް ބަދަލުކޮށްފައި. މި މުރަކަތަކުގެ ހާލަތަކީ ކޮބާ؟
2015 ވަނަ އަހަރު ހުޅުމާލެއިން އަޅުގަނޑުމެންވާނީ 500 މުރަކަ އެހެން ސަރަހައްދަކަށް ބަދަލުކޮށްފައި. 2016 ވަނަ އަހަރުގެ އެލް ނީނޯ ގާ ހުދުވުމުގެ ހާދިސާގެ ސަބަބުން، އެތަނުން މިހާރު ދިރިހުރީ އެންމެ 6 މުރަކަ.
ގުޅީފަޅުން ނެގުނު މުރަކަތަކުގެ ހާލު ރަނގަޅު. މީގެ ތެރެއިން 60 އިންސައްތަ މުރަކަ ވަނީ ގާ ހުދުވުމުން ސަލާމާތްކުރެވިފައި. މުރަކަ ގެންގުޅޭނެ ގޮތް އެއިރަށްވުރެ ބޮޑަށް މިހާރު އަޅުގަނޑުމެން މިވަނީ ދަސްކޮށްފައި.
ފަރުތައް ނައްތާލުމުގެ ކުރިން މުރަކަތައް އެހެން ތަންތަނަށް ބަދަލުކުރާ ވާހަަކައަކީ މިހާރު ޑިވެލޮޕަރުން ދައްކަމުން އަންނަ ވާހަކައެއް. މިއީ ހަގީގަތުގައި ކުރެވޭނެ ކަމެއްތަ؟
މުރަކަތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތްތަކާ އަޅުގަނޑުމެން މިހާރު ހަވާލުވަނީ އަޅުގަނޑުމެންގެ ޝަރުތުތައް ފުރިހަމަކުރުމުން. އެއީ މިކަން ކުރާނެ އެކަށީގެންވާ ވަގުތާއި، ހުނަރުވެރި ޓީމަކާއި، އެކަށީގެންވާ އުޖޫރައެއް ދިނުމުން. 10 ދުވަހުގެ ތެރޭގައި ފަރެއްގައިވާ މުރަކަތައް ބަދަލުކުރާނީ ކިހިނެއް؟ މިއީ ކުރެވޭނެ ކަމެއް ނޫން. ދިހަ ދުވަހުގެ ތެރޭގައި 100 އަކަ މީޓަރުގައިވާ މުރަކަވެސް ނުނެގޭނެ. ހަލާކުކުރަމުންދާ ފަރުތަކުގައި ވަރަށް ގިނަ އަދަދެއްގެ މުރަކަ ދިރިއުޅޭ. އަޅުގަނޑުމެންނަށް ދެ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި 30 މީހުންގެ ޓީމެއް ބޭނުންކޮށްގެން މި ފަރުތައް އަލުން އާރާސްތުކުރެވޭނެ.
ގިނަ ކޮންޓްރެކްޓަރުން މިކަމަކަށް އެއްބަހެއްނުވާނެ. އަދި އެމީހުން ބޭނުންވާނީ އަގުހެޔޮ ގޮތެއް ހޯދަން. އެމީހުން މުރަކަތައް އެހެން ސަރަހައްދުތަކަށް ބަދަލު ކުރަނީ އެކަން ކުރީމޭ ބުނަންވެގެން. މިކަން ކުރުމަށް އެމީހުން ބޭނުންކުރާނީ މަދު ޑައިވަރުންކޮޅަކާއި، ބައެއް ފަހަރު މެރިން ބަޔޮލޮޖިސްޓެއް. ގުޅީފަޅުގައި މަސައްކަތް ކުރުމަށް ގެނައި މެރިން ބަޔޮލޮޖިސްޓަށް، އެމީހުންގެ ސޭފްޓީ ޕްރޮޓޮކޯލްގެ ސަބަބުން މޫދަށް އެރުން މަނާކުރި. އޭނާއަށް ޖެހުނީ އެހެން މީހުން އެއްކޮށްފައިވާ ޑޭޓާ ދިރާސާކޮށް އޭގެ މައްޗަށް ރިޕޯޓެއް ޝާޢިއުކުރަން.
މިކަންތައްތަކުގެ ސަބަބުން، މި ސަރަހައްދުތަކަށް ލިބޭ ގެއްލުންތަކަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް. މިކަން ކުރާކަމުގައި ވާނަމަ ކުރަން ޖެހޭނީ މުރަކައިގެ ތަފާތު ބާވާތްތައް ސަލާމާތްކުރެވޭނެ ގޮތައް.
އަލުން އިއާދަކުރެވިފައިވާ ފަރަކުން ގުދުރަތީ ފަރަކާ އެއްވަރެއްގެ ފައިދާއެއް ލިބިދާނެ ކަމަށް ދެކެންތަ؟
އާދެ، މިކަން މިހާރު އަޅުގަނޑު ވަރަށް ބޮޑަށް ގަބޫލުކުރުން. އެއީ އަޅުގަނޑުމެންނަށް މިހާރު މިވަނީ ކާމިޔާބުކަމާ އެކީގައި ފަރެއް ހެދިފައި، އަޅުގަނޑުމެންނަށް އެ ޕްރޮސެސް ވަރަށް ރަނގަޅަށް މިހާރު އެނގޭ. އެއް ހެކްޓަރުގެ ބިމެއް ހިއްކޭ ފަދައިން، އެއް ހެކްޓަރުގެ ފަރެއް އަލުން އާރާސްތުކުރެވިދާނެ. އެއް ހެކްޓަރުގެ ފަރެއް ހެދުމަށްޓަކައިވެސް ފައިސާ ޚަރަދުކުރަންޖެހޭނެ.
ފަރުތަކުގެ ރިސްޓޮރޭޝަން މަސައްކަތްތަކަށް ސަރުކާރުން ފައިސާ ކަނޑައަޅަން ޖެހޭނެތަ؟
ހަގީގަތުގައި މިއީ ކުރަން ޖެހޭ ކަމެއް. ގުޅީފަޅު ފަދަ ހައި ޕްރޮފައިލް މަޝްރޫއުތަކުގައި މުރަކަ ރައްކާތެރިިކުރުމަށާއި، މުރަކަ އެހެން ސަރަހައްދުތަކަށް ބަދަލުކުރުމަށް ސަރުކާރުން ފައިސާ އެކަށައަޅާ. އެހެންނަމަވެސް، ރަށްތަކުގެ ފަރުތައް ރީސްޓޯކުރުމަކަށް ފައިސާ ކަނޑައެއްނާޅާ.
އެހެންނަމަވެސް، ދިވެހި ވިޔަފާރިތަކުން މުރަކަ ރައްކާތެރިކުރުމަށް ޚަރަދުކުރަންޖެހޭ. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ރަށްތައް ބޭނުންކޮށްގެން ހިންގާ ވިަޔޔަފާރިތަކުން މިކަމަށް ޚަރަދުކުރަންޖެހޭ. މީގެ ތެރޭގައި، ރިސޯޓް އަދި ގެސްޓްހައުސް ހިންގާ ފަރާތްތައް ހިމެނޭ. މިގައުމަށް ފަތުރުވެރީން އަންނަނީ އަޅުގަނޑުމެންގެ ފަރުތަކާއި، ފެހުރިއްސާއި، އެންމަޑި އާއި، ވެލައާއި، މިޔަރުތައް ތަޖުރިބާ ކުރަން. ހުރިހާ ޓުއާ އޮޕަރޭޓަރުންނަކީވެސް ތިމާވެށި ވިއްކައިގެން އާމްދަނީ ހޯދާ ބައެއް. އެހެންކަމުން އެމީހުން ތިމާވެށި ރައްކާތެރިކުރުމަށް ފައިސާ ޚަރަދުކުރަންޖެހޭނެ. ހިތާމައަކީ ދިގު މުއްދަތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ މަޝްރޫއުތަކައް ވިޔަފާރިތަކުން އިންވެސްޓް ނުކުރާތީ. ގިނަ މީހުން އިސްކަން ދެނީ ކުރު މުއްދަތެއްގެ ތެރޭގައި ކުރެވޭނެ ކަންތައްތަކަށް، ރަށްތަކުގައި ދިރިއުޅޭ މީހުން ބާރުވެރިކުރުވައި ދިގު މުއްދަތަކަށް ދެމިގެންދާ ފަދަ މުހިއްމު މަސައްކަތްތައް ކުރާކަށް ބޭނުމެއްނުވޭ.
މުރަކަ ރީސްޓޫކުރުމަށް އެންމެ އަހަރަކު ޚަރަދު ކޮށްގެން އެކަމުގެ ނަތީޖާއެއް ނުފެންނާނެ. ނަތީޖާ ފެންނާނީ އެންމެ މަދުވެގެން 3 އަދި 4 އަހަރު މިކަމަށް ޚަރަދުކޮށް މިކަމަށް މަސައްކަތްކޮށްގެން. އެއް އަހަރަށްފަހު، މި ފަދަ ޕްރޮޖެކްޓްތަކަށް ފައިސާ ނުލިބުމުން، ދެން މި މުރަކަތައް ބަލަހައްޓާނެ މީހަކު ނުހުންނާނެ.
މުރަކަ އިންދުމަށް ޒުވާނުން ޝައުގުވެރިވާ އިރު، މިކަން މިހާރު މިވަނީ ޓްރެންޑަކަށްވެފައި. އެމީހުންނަށް ދޭނެ ނަސޭހަތަކީ ކޮބާ؟
އެކުދިން ފަށަންވީ އަމިއްލައަށް މިކަން އުނގެނެން. މިކަމާ ގުޅޭ މަޢުލޫމާތު އޮންލައިންކޮށް ލިބޭނެ، އަދި އަޅުގަނޑުމެންނަށް ފަސޭހަ ކަމާއެކު މުއާމަލާތްކުރެވޭނެ. އެހެންނަމަވެސް ޕްރޮޖެކްޓެއް ކާމިޔާބުވުމަށްޓަކައި މުޖުތަމަޢުގެ ބައިވެރިވުން ވަރަށް މުހިއްމު. އެހެންކަމުން، ރަށްތަކުގައި ދިރިއުޅޭ މީހުންނަށް މިފަދަ މަސައްކަތުގައި ބައިވެރިވުމުގެ މުހިއްމުކަން ވިސްނައިދޭންޖެހޭ. މީގެ އިތުރުން ކައުންސިލްގެ ރުހުން ހޯދަައި، އެރަށެއްގައި ކުރިއަށް އޮތް ތަރައްގީގެ ޕްލޭންތަކާ މެދު ވެސް ވިސްނަންޖެހޭނެ.
އަޅުގަނޑު އެދެނީ ޒުވާނުން އެންމެ ފުރަތަމަ މިކަންތައް ކިޔަވައި މިކަމާ ގުޅިގެން ދިރާސާކުރުމަށް. މިފަދަ މަސައްކަތްތައް ކުރުމުގެ ކުރިން، ފަރުތަކުގެ ނިޒާމް ދެނެގަތުމަށްޓަކައި ރީފް ޗެކް ކޯހެއް ހެދުން މުހިއްމު. މިކަންތައް ދިރާސާ ކުރުމުން އެނގޭނީ މިއީ ހަމައެކަނި ހޮބީއެއްގެ ގޮތުގައި ކުރެވޭނެ ކަމެއް ނޫންކަމާއި، މިއީ ވަރަށް މުހިއްމު ޒިންމާއެއްކަން. މުރަކަ ރީސްޓޯކޮށް އާލާކުރުމުގެ މަސައްކަތްކުރާނެ މީހުން ރާއްޖެއަށް ވަރަށް ބޭނުންވޭ. މިދާއިރާއަށް ޒުވާނުން ވަނުމަކީ އަޅުގަނޑު ވަރަށް ދެކެން ބޭނުންވާކަމެއް.

