"ފަރުތަކަށް އިޔާދަނުކުރެވޭނެ ގެއްލުން ވުން ފަތުއަޑުކިޔާފައި ކުރިއަށް" -އައު މޫސުމާބެހޭ ރިޕޯޓު-
އުންމީދީ ނަޒަރަކުން ބެއްޔަސް، މަދު ކުދި މުރަކަ ފަރުތައް ފިޔަވާ، ހަލާކުވެގެންދާނެ ކަމުގެ 99 އިންސައްތަ ފުރުޞަތު އެބައޮތް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
02 ޑިސެމްބަރު
"ސައިންސުގެ ރޮނގުން ޝައްކެއްނެތެވެ. މޫސުމީ ބަދަލުތަކުގެ ކާރިސާ ބޮޑުވަމުންދާ މިންވަރުދަނީ ހަލުވިވަމުންނެވެ. ކުރާންޖެހޭ މަސައްކަތާއި ކުރާ މަސައްކަތުގެ ފަރަޖުދަނީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންނެވެ."
މިއީ މީގެ ދެހަފްތާ ކުރިން ކޮޕް30 ގައި ދިވެހިރާއްޖޭގެ ފަރާތުންދޭ ބަޔާން އިއްވައި ދެއްވަމުން ކްލައިމެޓް އެންވޯއީ ޢަލީ ޝަރީފް ދެއްކެވި ވާހަކަފުޅުތަކުން ތަންކޮޅެކެވެ.
"އެންމެންނަށް ބައިވެރިވެވޭ، ވަކި ތާވަލަކަށް ފެތިގެންވާ، މައިގަނޑު ގޮތެއްގައި ހިލޭ އެހީގެ މައްޗަށް ބިނާވެގެންވާ" ގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި ވިލުންވެރިކަން އިތުރުކުރުމުގެ ފަންޑު ނާޒުކު ޙާލަތްތަކުގައި ޤައުމުތަކަށް ފޯރުކޮށްދިނުމަށާއި، 2030 ގެ ނިޔަލަށް މިމަގުން ދޭ ފައިސާގެ މިންވަރު 120 ބިލިއަން އެމެރިކާ ޑޮލަރަށާ ހަމައަށް - ތިން ގުނައަށް އިތުރުކުރާންވެސް އޭނާ ގޮވާލެއްވިއެވެ.
މިއީ މޫސުމަށް އަންނަ ބަދަލުތަކާގުޅޭ ސަމިޓެއްގައި ދިވެހި ވަފުދެއްގެ ވެރިޔަކު ދެއްކެވި އެންމެ ކުލަފަނޑު ވާހަކަތަކުގެ ތެރެއިން ވާހަކައަކަށްވުން ވެސް އެކަށީގެންވެއެވެ. ނަމަވެސް، އޭނާގެ ވާހަކައިގައި ސާފު ޞަރީޙަ އަދި ޞައްޙަ މެސެޖެއް ވެއެވެ. މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަންނާން ބޭނުންވާ ފައިސާގެ ވާހަކައެވެ.
މޫސުމަށް އަންނަ ބަދަލުތަކާގުޅޭގޮތުން މިސަމިޓްގެ ދުވަސްކޮޅެއް ކުރިން ޢާންމުކުރި އާ ރިޕޯޓެއްގައި ބުނެފައި ހޫނުވަމުން އަންނަ ކަނޑުތަކުގެ ސަބަބުން، މުރަކަ ފަރުތަކަށް ކެތްކުރެވޭ އެންމެ މަތީ ދަރަޖަ ފަހަނައަޅާ ދާން ފަށައިފި ކަމަށާއި، ދުނިޔޭގެ ފިނިހޫނުމިން އިޔާދަނުކުރެވޭނެ ގެއްލުމާއި ހަލާކުގެ މިންގަނޑަށްވުރެ މިހާރު މައްޗަށް ޖެހިފައިވާ ކަމަށެވެ.
"ގްލޯބަލް ޓިޕިންގް ޕޮއިންޓްސް" ގެ ނަމުން ނަންދީފައިވާ މިރިޕޯޓުގައި މައިގަނޑުގޮތެއްގައި ފާހަގަކުރަނީ "ޕްލެނެޓަރީ ބައުންޑަރީސް ފްރޭމްވޯކް" އަށެވެ. ދުނިޔޭގެ ވިލުންވެރިކަމާއި ދިރިއުޅުމަށް އެކަށޭނަކަމާއި ދެމެހެއްޓެނިވިކަން މިނެކިރޭނެ ނުވަ މުހިންމު ޕްރޮސެސްއެއްގެ މައްޗަށް ބިނާކޮށް މިދުނިޔޭގައި އިންސާނިއްޔަތަށް "ރައްކާތެރިކަމާއެކު ޙަރަކާތްތެރިވެ އުޅެވޭނެ ޖާގަ"އިގެ މިންވަރު ކަނޑައަޅަނީ މި ފްރޭމްވޯކުންނެވެ. ރިޕޯޓުގައިވާ ގޮތުން އެ ނުވަ ޕްރޮސެސްގެ ތެރެއިން ހަތް ދާއިރާއަކުން އިންސާނިއްޔަތުގެ ދިރިދެމި ތިބުމަށް ނުރައްކާ ވާ މިންވަރަށް ގެއްލުންވެފައިވާ ކަމަށެވެ.
މުރަކަ ފަރުތައް ހަލާކުވާ މިންވަރަށް ފިނިހޫނުމިން މައްޗަށް ދިއުމަކީ މިފަދަ އެއް މިސާލެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި މުރަކަ ފަރުތަކަށް ފިނިހޫނުމިން މަތިވުން ތަޙައްމަލުކުރެވޭނީ 1.2 ޑިގްރީ ސެލްސިއަސް އަށެވެ. އެންމެ ބޮޑުވަރުވިޔަސް 1.5 ޑިގްރީ ސެލްސިއަސް އަށެވެ. ދުނިޔެ މިހާރުވެސް އެވްރެޖްކޮށް 1.4 ޑިގްރީ ސެލްސިއަސް އަށް ހޫނުވެފައިވާއިރު، މިދިޔަ އަހަރު ފުރަތަމަ ފަހަރަށް 1.5 ޑިގްރީ ސެލްސިއަސްއަށް މިޢަދަދު، މަދު ދުވަސްތަކަކަށް ނަމަވެސް އެރިއެވެ. ސައިންސްވެރިން ބުނަމުންދަނީ 1.5 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މަތިވާ މިންވަރު އިތުރުވުން ނުހުއްޓުވޭނެ ކަމަށެވެ.
"....1.2 ޑިގްރީ ސެލްސިއަސްއަށް ވުރެ ބޮޑަށް ކަނޑުގެ ހޫނުމިން މައްޗަށް ގޮސްފައިވާއިރު، މޫސުމީ ބަދަލަށް ކުރިމަތިލުމުގެ ހަރުދަނާ، ވަރުގަދަ ފިޔަވަޅުތަކެއް ނާޅައިފިނަމަ، 10 އަހަރު ތެރޭގައި އެމިންވަރު 1.5 ޑިގްރީ ސެލްސިއަސް ފަހަނައަޅައި ގޮސްދާނެ،" ކަމަށް 23 ޤައުމަކާއި 87 މުއައްސަސާއެއްގެ 160 ސައިންސްވެރިން ލިޔެފައިވާ މިރިޕޯޓުގައިވެ އެވެ.
އެންމެ އުންމީދީ ނަޒަރުން ވިސްނި ނަމަވެސް، ހޫނު ސަރަޙައްދުތަކުގެ މުރަކަ ފަރުތައް މަރުވެ، ހަލާކުވެގެންދާނެ ކަމުގެ 99 އިންސައްތަ ފުރުޞަތު އޮތްކަމަށް އެރިޕޯޓުގައި އިންޒާރު ކުރެއެވެ.
އެހެނިހެން ޕްރެޝަރުތަކުގެ ސަބަބުން ގެއްލުމުގެ މިންވަރު އިތުރުކުރާނެއެވެ. އޭގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އެސިޑިފައި ވުމާއި، ތަޣައްޔަރުވުމާއި، ދެމެހެއްޓެނިވި ނޫން ގޮތުގައި މަސްވެރިކަން ކުރުމާއި، ބަލިތައް ފެތުރުމާއި، މާޙައުލަށް އެކަށީގެންނުވާ ބިދޭސީ ދިރުންތައް ފެންނަ މިންވަރު އިތުރުވުން ހިމެނެއެވެ.
މި ނުރައްކާތައް މިހާރުވެސް ވަރުހެސަވަމުންދާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. 2024 ގައި ދުނިޔޭގެ ފެންވަރުގައި މުރަކައިގެ ފަރުތައް ހުދުވުން ރެކޯޑު މިންވަރަކަށް ފާހަގަވެފައިވާކަމާއި، މިއީ ދިހަ އަހަރު ދުވަހުގެ ތެރޭގައި ހިނގި މިފަދަ ދެވަނަ އިވެންޓުކަމަށް ރިޕޯޓުގައި ބުނެއެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި ފިނިހޫނުމިން އިތުރުވި މިންވަރު 1.2 ޑިގްރީ ސެލްސިއަސް އަށް — އަދި އާޚިރުގައި 1 ޑިގްރީ ސެލްސިއަސް އަށް ތިރިކުރެވިގެން މެނުވީ، މަދު އަދި ކުދި ސަރަޙައްދުތަކެއްގައި މެނުވީ ހޫނު ސަރަޙައްދުތަކުގައި މިހުންނަ ބާވަތުގެ މުރަކައިގެ ފަރުތަކެއް ނުހުންނާނެއެވެ. ހަލާކުވެ، ފަނާވެ ދާނީއެވެ.
މި ރިޕޯޓުގައި އިތުރަށް ބުނަނީ ފަރުތަކުގެ ވިލުންތެރިކަމުގެ މިންވަރާމެދު ސައިންސްވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން ހުރިކަމަށާއި، ހޫނުވަމުންދާ ދުނިޔެއަށް އެފަރުތައް ހޭނޭނެތޯ ނުވަތަ ނޫންތޯ އާމެދު ސުވާލުތަކެއް ހުރިކަމަށެވެ. އަދި ފަރުތައް އެކީ ހަލާކުވެ ނުދިޔަޔަސް، އެފަރުތަކުގެ ފަންވަރާއި، ދުޅަހެޔޮކަން ދަށްވެ، މުރަކައިގެ ބާވަތްތައް މަދުވެ، މުއްސަނދިކަން ފަނޑުވާނެ ކަމަށެވެ.
މިކަމުން ރާއްޖެއަށް ވާނީ ކިހިނެއް؟
މި ރިޕޯޓުގައި ދިވެހިރާއްޖޭގެ ވާހަކަ ވަކިން ފާހަގަކޮށްފައި ނުވި ނަމަވެސް މުރަކަ ފަރުތަކަށް ބަރޯސާވާ ޤައުމުތަކަށް ކުރާނެ އަސަރުތަކުގެ ވާހަކަ ތަފްޞީލުކޮށް ބަޔާންކޮށްފައި ވެއެވެ.
ދިވެހިރާއްޖެ ރެޑްކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލް އަދި ދިވެހިރާއްޖެ މީޓިއޮރޮލޮޖިކަލް ސާވިސްގެ ކުރީގެ ކްލައިމެޓޮލޮޖިސްޓް އަޙްމަދު ޝަބީން ވިދާޅުވީ އެކަށީގެންވާ ޑޭޓާއެއް ނެތި ކަންހިނގާނެގޮތުގެ މައްޗަށް ތަދުބީރުކުރުން ބުއްދިވެރި ނޫންކަމަށެވެ.
"ކުރެވޭ އަންދާޒާތަކާއި ލަފަޔަށް ބަލާއިރު، ރަނގަޅެއް ނޫން. ފެންނަނީ ބަނަކޮށް،" ކަމަށާއި ނަމަވެސް "އަސަރުގެ ބޮޑުކުޑަމިން... ބަރޯސާ ވާނީ އެކަން އަހާ މީހަކަށް. އެގޮތީ ކޮންމެ މީހަކުވެސް އެއްޗެއް ބުނާނީ އެމީހަކަށް ފެނިހުރި ޑޭޓާގެ މައްޗަށް. އެހެންވީމާ ރަނގަޅު ޑޭޓާ ހުރި މީހާ، ހެޔޮކޮށް، ސީދަކަށް ބުނުން ގާތްވާނެ،" އޭނާ ކިޔައިދެއްވިއެވެ.
ޤައުމީ ފެންވަރުގައި ތަރަހަ ނުވަތަ ބޭސްލައިން ޑޭޓާ ނެތުމާއި، ދިގު މުއްދަތަކަށް ފަރުހުދުވުމުގެ އަސަރާއި އެކަން ހިނގާގޮތް މޮނީޓަރކުރެވިފައި ނެތުމުން، ރާއްޖޭގެ ފަރުތަކަށް ސީދާ ކުރާ އަސަރުތަކުގެ މިންވަރު ލަފާކުރުމަކީ އުނދަގޫ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޖުމުލަގޮތެއްގައި ހަލާކާ ދިމާލަށް ދާކަމަށް މިކުރާ އަންދާޒާތައް ރަނގަޅު ނަމަވެސް، އެހަލާކުގެ މިންވަރާމެދު ސުވާލު ތަކެއް ހުރިކަމަށެވެ. އަދި މަތިވެރި ދަރަޖައަކަށް ފަރުތައް ހަލާކުވުން ދެން ނުހުއްޓުވޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"ވިލުންތެރިކަން ޤާއިމުކުރުމަކީ އޭގެ ޙަޤީޤީ މާނައިގައި ކުރެވުމަށްވުރެ ނުކުރެވުން ގާތް ކަމެއް، އިންސާނިއްޔަކަމުގެ ފަރާތުން ބަލާއިރު، މައިގަނޑުގޮތެއްގައި އަމާޒުހިފަނީ އެޑެޕްޓޭޝަނަށް ނުވަތަ އަންނަ ބަދަލު ތަޙައްމަލުކުރާނެ ގޮތްތައް ހޯދުމަށް،" ޝަބީން ވިދާޅުވިއެވެ.
އެއްގޮތަކަށްވެސް ތައްޔާރެއް ނުވެވޭ
އެ ރިޕޯޓުގައި ބުނަނީ ކުރިމަތިވަމުން އަންނަ ނުރައްކާތަކަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ތައްޔާރު ނުވާ ކަމަށާއި، "ޓްރާންސްފޯމަޝަނަލް" (އިންޤިލާބީ) އެޑެޕްޓޭޝަން (އަންނަ ބަދަލު ތަޙައްމަލުކުރާނެ ގޮތްތައް ހޯދުމަށް) ވެރިކަމުގެ ނިޒާމުތަކާއި އޮނިގަނޑު ތަކުގެ ތެރެއިން ފިޔަވަޅު އެޅުން ލަސްވެފައިވާ ކަމަށެވެ.
"ފަރުތައް އޭގޭ ޙަޤީޤީ މާނައިގައި ދިރިދެމިވުން ނެތިގެން ދާ ދިއުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި މުޖުތަމަޢުތައް ތައްޔާރެއް ނޫނެވެ. އިޔާދަނުކުރެވޭ ގޮތަށް ފަރުތައް ހަލާކުވުމަކީ އިކޯލޮޖިކަލް، އިޖުތިމާޢީ، އަދި އިޤްތިޞާދީ ފިޔަވަޅުތަކެއް މެދުވެރިކޮށް ކުރިމަތިލުމުގެ ޤާބިލުކަމާއި ތައްޔާރުކުރަން އުފައްދަންޖެހޭ ކަމެކެވެ." އެރިޕޯޓުގައި ބުނެއެވެ.
އިޔާދަކުރެވޭ މިންވަރު ފަހަނައަޅާ ގޮސްފައިވާއިރު، ވާންހުރި ކަންކަމަށް ތައްޔާރުވާ، އިންޤިލާބީ ނިންމުންތަކާއި ސިޔާސަތުތައް ޤައުމީ، ސަރަޙައްދީ އަދި ދުނިޔޭގެ ފެންވަރުގެ ވެރިކަމުގެ ފުށުން ބޭނުންވާކަމަށްވެސް ސައިންސްވެރިން މިރިޕޯޓުގައި ބުނެފައިވެއެވެ.
ޚާއްޞަކޮށް ކާބޯތަކެތީގެ ރައްކާތެރިކަމާއި މަސްވެރިކަމާއި ފަތުރުވެރިކަމުގެ މައްޗަށް ދިރިއުޅުން ބިނާވެފައިވާ، ފަރުތަކަށް ބަރޯސާވާ އައްސޭރިފަށުގެ ޤައުމުތަކަށް ހިމެނޭހެން، މި ނިޒާމުތަކުން ބޮޑެތި ބަދަލުތަކަށް މުޖުތަމަޢުތައް ތައްޔާރުކުރަން ޖެހޭނެކަމަށް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި ގޮވާލާފައިވަނީ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ އިދާރާތަކުން ފިޔަވަޅުތައް ކޯޑިނޭޓްކޮށް، ތަޖުރިބާތައް ޙިއްޞާކޮށް، ސިޔާސަތުގެ ތެރެއަށް ސައިންސްގެ ޙަޤީޤަތްތައް ވައްދައި، މުސްތަޤްބަލަށް ތައްޔާރުވުމަށް މުޖުތަމައުތަކަށް އެހީތެރިވެ ދިނުމަށެވެ.
އަދި ޤައުމީ އަދި ލޯކަލް ފެންވަރުގައި "ދަނޑުވެރިކަމާއި ސިނާޢަތުން ވެށި ތަޣައްޔަރު ކުރުމާއި، އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މަސްވެރިކަން ކުރުމާއި، ދެމެހެއްޓެނިވި ނޫން ފަތުރުވެރިކަމާއި، އައްސޭރިފަށުގެ ތަރައްޤީ" ހިމެނޭ ގޮތަށް އިންސާނުންނަށް ބާރު ސީދާ ފޯރުވޭންހުރި ކަންކަމުގެ މައްޗަށް ބަލާ، ނޭދެވޭ އަސަރުތައް ކުޑަކުރާން އެކުގައި މަސައްކަތްކޮށް، ފިޔަވަޅު އެޅުން ހަލުވިކުރުމަށެވެ.
ބޮޑު ބަދަލެއް ގެނެވޭނީ ލޯކަލް ފެންވަރުގެ ފިޔަވަޅުތަކުން
މޯލްޑިވްސް ރެސިލިއަންޓް ރީފްސްގެ ޗެއާޕާސަން ޝާހާ ޙާޝިމް ވިދާޅުވީ ދިވެހިރާއްޖެ އަށް މާނަހުރި ގޮތެއްގައި ޖައްވަށް ދޫކުރާ ގެދަބުޅިއާއި ދުމާއި ކެމިކަލް މަދުކުރުމުގައި ދައުރެއް އަދާކުރެވޭން ނެތް ނަމަވެސް، މުރަ ފަރުތަކުގެ ޙިމާޔަތުގައ "ބާރުގަދަ ފިޔަވަޅެއް" އެޅޭން އެބަހުރި ކަމަށެވެ.
"މުރަކަ ހުދުވުމުން ދިފާޢުވުމުގެ ޤާބިލުކަން އިތުރުކޮށްދިނީމާ، އަޅުގަނޑުމެންގެ މުޅި ޙަޔާތް ބަރޯސާވާ މިފަރުތަކަށް އެދެވެނީ މަރާ ހަނގުރާމަކުރުމުގައި މަދަދާއި އެހީތެރިކަން. މީގެ މާނައަކީ އަޅުގަނޑުމެންގެ ފަރުތަކަށް ހުރި ޕްރެޝަރުތައް ކުޑަކުރާން އެބަޖެހެޔޭ! ފަނާކުރަނިވި ތަރައްޤީ ހުއްޓުވަން ޖެހޭ، އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މަސްވެރިކަން ނިމުމަކަށް ގެންނަންޖެހޭ އަދި ކުނި އެޅުމާއި ތަޣައްޔަރުކުރުންވެސް ހުއްޓާލަންޖެހޭ،" އޭނާ ވިދާޅުވިއެވެ.
ކާބަން ރައްކާކޮށް، މުރަކަ ފަރުތަކުގެ ވިލުންތެރިކަމަށް މަދަދުދޭ ކުޅިފާޗަސްބިންތަކާއި، މޫދިވިނައިގެ ތަރަޙައްދުތައް ޙިމާޔަތް ކުރާން އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް، ހަލުވިކުރާން ޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރިޕޯޓުގައިވާ އިންޒާރުތަކާއި ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ދޭ ލަފާތަކާ ޚިލާފަށް އަދުގެ ސަރުކާރުންވަނީ ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ޙިމާޔަތްތައް ކުޑަ ކޮށްފައެވެ. އަދި އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އާއެކު ތިމާވެއްޓާބެހޭ ވުޒާރާ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ދަށަށް ގެންގޮސްފައެވެ.
މިދިޔަ ހަފްތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވަނީ ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އާ ދެ ޑްރެޖަރެއް ރާއްޖެ އައި ވާހަކަ ސޯޝަލް މީޑިޔާގައި އިޝްތިހާރުކުރައްވާފައެވެ.
2021 ވަނަ އަހަރު ޝާޢިއުކުރި ދިރާސާއަކުން ދައްކާ ގޮތުގައި ދުނިޔޭގެ އަތޮޅުތަކުގެ ބިމުގެ ނިސްބަތް ބޮޑުމުގެ 60 އިންސައްތަ ޙިއްސާކުރަނީ ދިވެހިރާއްޖޭގައި ބިން ހިއްކާ ހިއްކުމެވެ. އުތުރު މާލޭ އަތޮޅުން އެކަނި ވެސް 15.5 ޕަސެންޓް އެޢަދަދަށް ޙިއްސާކުރިއެވެ. މިއީ މުޅި ދެކުނު ޗައިނާ ކަނޑުގައި ހިންގާ ބިންހިއްކުމުގެ މަޝްރޫޢުތަކާ ދާދި އެއް ވަރެކެވެ.

