އެލްނީނޯ ލައިގަންނަނީއެވެ. ރާއްޖެއަށް ވާނީ ކިހިނެއް ހެއްޔެވެ؟
ތައްޔާރުވާނެ ވަގުތު އެބަ އޮތް، އަތް އުރާލައިގެން ތިބޭކަށް ނުވާނެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
18 ޖޫން
ޖޫން 2، 2026 ގައި ވޯލްޑް މީޓިއަރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ވަނީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ސައިންސްވެރިން ލަފާ ކުރަމުން އައި ކަންތައް ޔަޤީންކޮށް ދީފައެވެ: އެލްނީނޯ މިހާރު އެދަނީ އުފެދެމުންނެވެ. އޮގަސްޓް މަހު އެލްނީނޯގެ އަސަރުތައް ތަޙައްމަލު ކުރުން 80 އިންސަައްތަ ގާތެވެ. 2026 ގެ ނިޔަލަށް އެއަސަރުތައް ދެމި ހުންނާނެކަން 80 އިންސައްތަ ޔަޤީނެވެ. އަންދާޒީ މޮޑަލްތަކުން ދައްކަނީ އެލްނީނޯގެ އަސަރު މެދުމިނަކަށް ނުވަތަ ވަރުގަދައަށް ފޯރާނެ ކަމަށެވެ.
އެހެންނަމަވެސް މީގެ މާނައަކީ ކޮބައިބާވައެވެ؟ ދިވެހިރާއްޖެއަށް ވާނީ ކިހިނެއް ބާވައެވެ؟ ކަމްބޮޑުވާން ޖެހޭ ބާވައެވެ؟ އަސަރުތައް ކުޑަކުރާން އެޅޭންހުރި ފިޔަވަޅަކީ ކޮބައިބާވައެވެ؟
ކުރުކޮށް ފޮނިކޮށް ބުނާނޭނަމަ ލައްކަ އަސަރު ކުރާނެއެވެ.

އެލްނީނޯއަކީ ކޮބާ ހެއްޔެވެ؟
ދުނިޔޭގެ މޫސުމީ ބަދަލުތައް އުފަންކުރުވާ އޮނިގަނޑަކީ ޕެސިފިކް ކަނޑުކަމުގައި ދެކޭށެވެ. ޢާންމުގޮތެއްގައި އެކަނޑުގެ އެންމެ ހޫނު ލޮނުގަނޑުވަނީ އޮސްޓްރޭލިޔާ އަދި އިންޑޮނީޝިޔާގެ ގައެވެ. ޕެސިފިކް ކަނޑުގެ އިރުމަތީގައްޔާއި، ދެކުނުން އެމެރިކާއާ ދިމާއިން ފިނިވާނެއެވެ. އެލްނީނޯ ދިމާވަނީ މިހަމަ ނުފުށުން ޖެހުނީމައެވެ: ހޫނު ލޮނުގަނޑު އިރަށް ޖެހެމުން ދަނީއެވެ. އޭގެ ސަބަބުން އެއްކަމަކާ އަނެއްކަމެއް ވިދި ގޮސް، މުޅި ދުނިޔޭގެ މޫސުމަށް އަސަރު ކުރަނީއެވެ. ޕެސިފިކް ކަނޑުގެ އުރަފަށުން ބޭރު ސަރަޙައްދުތަކުގައި ފިނިހޫނުމިން ހުންނަ އަދި ވާރޭ ވެހޭ މިންވަރަށް ބަދަލު އަންނަނީއެވެ.
ލަ ނީނާ އޭ ކިޔަނީ މީގެ އިދިކޮޅަށް ދިމާވީމައެވެ.
މި ޤުދުރަތީ ހަޅުތާލަށް ކިޔާ އުޅެނީ އެންސޯ (ENSO): އެލްނީނޯ - ސަދަރން އޮސިލޭޝަން އެވެ.
މިއީ ޠޫފާނެއް ނޫނެވެ. މިއީ ކަނޑުގެ ފިނިހޫނުމިނަށް ބަދަލު އައިސްގެން، އެތައް މަސް ދުވަހަކުުން އެކަން އިތުރުވަމުން ދިއުމުގެ ކަންތައްގަނޑެކެވެ. އަހަރުގެ ގިނަ ދުވަހު މިކަން މިހެން ދެމި އޮވެދާނެތެވެ.
ސީދާ އަސަރު ވަގުތުން ކުރާނެ ހެއްޔެވެ؟
މިނުކުތާގައި ވިސްނާންޖެހޭ އެންމެ މުހިންމު ކަމަކީ އެލް ނީނޯއަކީ ޕެސިފިކް ކަނޑގައި އުފެދޭ ކަމެކެވެ. ހިނދުން ހިނދަށް ދިވެހިރާއްޖެއަކަށް ނުފޯރާނެއެވެ. ތާރީޚަށް ބަލާއިރު އިންޑިޔާ ކަނޑުގައިވާ ދިވެހިރާއްޖެއަށް އަސަރު ފޯރާން ތިން ހަތަރު މަސްދުވަސް ނަގާނެއެވެ.
އެހެންވީމާ ޖޫން އާއި އޯގަސްޓް ދޭތެރޭ ޕެސިފިކް ކަނޑުގައި އުފެދޭ އެލް ނީނޯގެ އަސަރު ދިވެހިރާއްޖެއަށް ފޯރާން ފަށާނީ ސެޕްޓެމްބަރާއި ނޮވެމްބަރު ދޭތެރޭގައި ކަމެވެ. ހުޅަނގު މޫސުމާ އެކުގައި ހެންނެވެ.
އިންޑިޔާ ކަނޑަށް ޚާއްޞަ އެލް ނީނޯ ފަދަ އެބާވަތުގެ ކަމެއް
ދިވެހިރާއްޖެއަށް އެލް ނީނޯގެ އަސަރު ފޯރުވަނީ އެކަންޏަކު ނޫނެވެ. އިންޑިޔަން އޯޝަން ޑިޕޯލް ނުވަތަ އައިއޯޑީ އަކީވެސް އެލް ނީނޯ އާއެކު ޙަރަކާތްތެރިވާ ޤުދުރަތީ ކަންތައް ގަނޑެކެވެ. އައިއޯޑީ ގެ ވާހަކަ އެލް ނީނޯ އާ އަޅާކިޔާއިރު، ދެއްކޭލެއް މަދެވެ.
އެކރާއްޖެއާ ގުޅޭ އިރު، އެލް ނީނޯ އެކަނި މަސައްކަތް ނުކުރެއެވެ. އަހަރެމެންގެ ރީޖަންގައި ހަމަ އެއްފަދަ މުހިންމު ދައުރެއް ލިބޭ، އެކަމަކު އަދި މަދުން ބަހުސްކުރެވޭ، ދެވަނަ ކްލައިމެޓް ފެނޮމެނައެއް އޮތެވެ: އިންޑިއަން އޯޝަން ޑައިޕޯލް، ނުވަތަ އައިއޯޑީއެވެ.
އިންޑިޔާ ކަނޑަކީ ބޭދާ (ބާތު ޓަބު)އެއް ކަމަށް ޚިޔާލު ކޮށްލައްވާށެވެ. އައިއޯޑީ ކުރިމަތިވަނީ އެއް ކިބައަކަށް ލޮނުގަނޑު އަރިވުމުންނެވެ. އެއް ފަރާތް ހޫނުވެފައި، ލޮނުގަނޑުގެ އަނެއް ފަރާތް ފިނިވުމުންނެވެ. ރާއްޖެ ހިމެނެނީ މި ލެބުމުގެ މެދެއްހާ ތާނގައެވެ. އެހެންވީމާ އައިއޯޑީ ގެ އަސަރު ދިވެހިރާއްޖެއަށް ފުރިހަމައަށް އަިދ ވަރުގަދައަށް ކުރެތެވެ.
އިންޑިޔާ ކަނޑުގެ ހުޅަނގު ކިބައިން އިރުމަތީ އެފްރިކާ ކައިރި ހޫނުވެ، އިންޑޮނޭޝިޔާއާ ދިމާލުން އިރުމަތީ ކިބަ ފިނިވުމުން ސައިންސްވެރިން ކިޔާ އުޅެނީ ޕޮޒިޓިވް އައިއޯޑީއެވެ. މިހިނދުގައި ދިވެހިރާއްޖޭގެ ކަނޑުތަކުގެ ފިނިހޫނުމިން ބޮޑުތަނުން އުފުލެއެވެ. ނަތީޖާއަކީ މުރަކ ހުދުވުމެވެ. އަދި ބައެއް ޙާލަތުގައި ކުޅިފާޗަސްބިންތަކަށް އުދަޔާއިވެސް އެކު، ލޮނުގެ އަސަރު މާބޮޑަށް ކޮށް، ހަލާކުވެ ދިއުމެވެ.
ދިވެހި މަސްވެރިން މިޤުދުރަތީ ގަޑުބަޑު ދަނެއެވެ. އައިއޯޑީ ލައިގަތީމާ ކަނޑުމަސް ފުނަށް ފީނައެވެ. ކަނޑުމަހާއި ގުޅި ލާމެހިފައިވާ ދިރުންތަކުގެ ޗޭނުވެސް އަޑިއަށް އޮބާލައެވެ. ނަތީޖާއަކީ މަސްވެރިކަން ދަށްވުމެވެ. މިއާއެކު ރަށްރަށުގެ އުރަފަށަށްވެސް ބަދަލު އާދެއެވެ. ގޮނޑުދޮށް ގިރުމާއި ވެލިގަނޑު ރަށްވަށައި އެނބުރުން އަވަސްވެ ދެއެވެ.
އަނެއް އަތަށް - ނެގެޓިވް އައިއޯޑީ ލައިގަތުމުން ޙާލަތު ރަނގަޅުވެއެވެ. ކަނޑުފަޅާއި ފަރުތަކަށް އާރޯކަން ލިބި، މަސްވެރިކަމާއި އެންވެރިކަން ރަނގަޅުވެ ދެއެވެ.

އައިއޯޑީ އަކީ އޭގެ ޒާތުގައި ވަކިން ހިނގާ ކަމެކެވެ. ޕެސިފިކް ކަނޑުގައި ވާކަމެއްގެ ނަތީޖާއެއް ނޫނެވެ. ނަމަވެސް އެލް ނީނޯ އަދި ލާ ނީނާ އިންވެސް އައިއޯޑީއަށް އަސަރު ކުރެއެވެ. އެލް ނީނޯ އުފެދެމުން އަންނަ އިރު، އިންޑިޔާ ކަނޑުގައި ދައުރުކުރާ ވަޔަށް އަސަރު ފޯރުވައެވެ. އަދި އެއަސަރުން ޕޮޒިޓިވް އައިއޯޑީއަކަށް ކަންފަހި ކުރެއެވެ. މިހެން ދިމާވުމުން، އެލް ނީނޯ އާއި އައިއޯޑީގެ އެކަތި އަނެކަތީގެ މައްޗަށް ފައްތަރުވެ ދެއެވެ. އެހެންކަމުން ދެ ކަންތަކުގެ އަސަރުވެސް އެއްފަހަރާހެން ދިވެހިރާއްޖެއަށް ލައިގަނެއެވެ. އަނެއް ކޮޅުން، ލަ ނިނާ އައިއޯޑީ އަނެއް ދިމާލަށް ކޮއްޕައެވެ. ނަތީޖާއަކީ އަސަރުތައް ކުޑަވުމެވެ.
ތާރީޚު ދައްކަނީ ކިހިނަކުން ވާނެ ކަމަށް ހެއްޔެވެ؟
މިއީ ދިވެހިރާއްޖެއިން ކުރިންވެސް ތަޙައްމަލު ކޮށްފައިވާ ކަމެކެވެ. ތިރީގައި އެވާ ޓޭބަލުން އެފެންނަނީ އައިއޯޑީއާއި އެންސޯ އުފެދިގެން އައި އަހަރުތަކެވެ.

1997-98 ގެ ވަރުހެސަ އެލް ނީނޯއާއެކު، އުފެދިގެން އައީ މިހާތަނަށް ރެކޯޑުކުރެވުނު އެންމެ ވަރުގަދަ ޕޮޒޓިވް އައިއޯޑީ އިވެންޓެވެ.ދިވެހިރާއްޖޭގެ ފަރުތަކުގެ 90 އިންސައްތަ ހުދުވެގެން ދިޔައެވެ. މިއީ ދިވެހި ތާރީޚުގައި ހިނގި އެންމެ ވަރުގަދަ ޤުދުރަތީ ކާރިޘާއެވެ، 2015-2016 ގައިވެސް ހަމަ އެދެކަންތައް އެކުގައި ލައިގަތެވެ. ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން މަތިވިއެވެ. ދިވެހިރާއްޖޭގެ ފަރުތަކުގެ 70 އިންސައްތަ އަށްވުރެ ބޮޑުކޮށް ހުދުވިއެވެ. އަދި ފަރުތަކުގެ ވިލުންވެރިކަމާއި ދެމެހެއްޓެނިވިކަމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވިއެވެ.
2019-2020 ގައި، އައިއޯޑީ އިން ކުރިމަތިކުރުވީ މުޅިން އެހެން ބާވަތެއްގެ ދަތިކަމެކެވެ. އެކްސްޓްރީމް (ހައްދުފަހަނައެޅި) ޕޮޒިޓިވް އިވެންޓެއްގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުތަކުގެ ލޮނުގަނޑު އާދަޔާ ޚިލާފަށް އުފުލުނެވެ. އުފުލުނީ ކަނޑޫފާތަކުގައި ޤުދުރަތީ ކިސަޑާއި ކުނޑިފުށްތައް އިތުރުވާ މިންވަރަށް ވުރެ 5 ގުނަ އިތުރަށެވެ. ނަތީޖާއަކީ ކަނޑޫފާތަކުގެ ތެރެއަށް ލޮނުގެ އަސަރު ފޯރައި، މޫގަނޑަށް ދެރަކަން ލިބި، ހަލާކުވެ ދިއުމެވެ. 2020 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގެ ކަނޑޫފަލުގެ ހަޔތަރު ބައިކުޅަ އެއްބަޔަށް އޮތޯ ނުރައްކާ ވެފައެވެ. ކަނޑޫފަލަކީ ކަނޑުގެ އޮޔާއި ރާޅުގެ ބާރު ކަނޑުވައިދޭ، ބިންގަނޑު އެމުނި އެކުލަވައި، ހިފަހައްޓައިދޭ، ފެން ފިލްޓަރުކުރާ އަދި ކުދިމަސްމަހާމެއްސަށް ނާސަރީއެއްގެ ގޮތުގައި ވާ މުހިންމު ޤުދުރަތީ މާޙައުލެކެވެ.
އެންމެ ފަހުން 2023-2024 ގައި 4 ވަނަ ފަހަރަށް ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި މުރަކަ ފަރުތައް ހުދުވުމުގެ ޙާދިޘާތައް ޢާންމު ވިއެވެ. މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި 40 އިންސައްްތަ މުރަކަ މަރުވިއެވެ. ދެކުނުގެ އަތޮޅުތަކުން ފެނުނީ ވިލުންވެރިކަމެކެވެ.
އެ ހުރިހާ އިވެންޓުތަކަކުންވެސް ފެނުނީ އެއް މަންޒަރުތަކެކެވެ: ފަުރ ހުދުވުމާއި، ފަރު ހަލާކުވުމާއި، ކަނޑޫފާތައް ހަލާކުވުމާއި، ރަށް ގިރުމެވެ. އެންމެ ނާޒުކު ޙާލަތެއް މެދުވެރި ކުރުވަނީ ވަރުގަދަ އެލް ނީނޯއަކާއި ނުވަތަ އެކްސްޓްރީމް އައިއޯޑީއަކާއި، ނުވަތަ އެދެޙަރަކާތް އެއްކޮށްމެ ދިމާވުމުންނެވެ. އެފަދަ ޙާލަތުގައި ޤުދުރަތީ މާޙައުލަށް އޮބިނޯންނަ ވަރަށް ކަނޑުގެ ލޮނުގަނޑު އުފުލި، ހޫނުވެގެން ދިއުމާއެކު ވެއްޓަށް ބޮޑެތި ފަނާކުރުވަނިވި ޕްރެޝަރތަކެއް ކުރިމަތިވެއެވެ.
2026 ފެންނަނީ ކިހިނެއް ހެއްޔެވެ؟
އެލް ނީނޯ އުފެދިއްޖެއެވެ. އަންނަނީ ބާރުވަމުންނެވެ. އައިއޯޑީ މިހާރު ނިއުޓްރަލްއެވެ.

މިގްރާފުންވެސް މިއަހަރު ކަންހިނގައިދާނެ ގޮތުގެ މައްޗަށް އަލި ކުރެއެވެ.
އައިއޯޑީ ނިއުޓްރަލްކޮށް ދެމިހުރެއްޖެ ނަމަ، ކުރިމަތިލާންޖެހޭ ކަމަށް ލަފާކުރެވެނީ މެދުމިނުގެ އެލް ނީނޯއަކާއެވެ. އެއީ އިތުރު ބާރުދެނިވި ބަހާތައް ފެންމަތިނުވާ ނަމައެވެ. އެންމެ ފަހުން ބޭއްވި ސައުތު އޭޝިޔަން ކްލައިމެޓް އައުޓްލުކް ފޯރަމްގެ 34 ވަނަ ބައްދަލުމުގައި އަންދާޒާ ކޮށްފައިވަނީ ދެކުނު އޭޝިޔާއަށް ޖޫން އާއި ސެޕްޓެންބަރާ ދެމެދު އެވްރެޖުކޮށް ވެހޭ ވާރޭގެ މިންވަރު މަދުވާނެ ކަމަށެވެ. މި ފޯރަމްގެ ބައްދަލުވުން ބޭއްވީ މާލޭގައި، އޭޕްރީލް މަހުގައެވެ.


ނަމަވެސް ދިވެހިރާއްޖެއަށް ވާރޭ ވެހޭ މިންވަރު ހިސާބަކަށް އިތުރުވާނެއެވެ. އެހެންވީމާ ދިވެހިރާއްޖެއަށް ހޫނާ ގިލަނުން ކުރާ އަސަރު ކޮންމެވެސް ވަރަކަށް ކުޑަ ވާނެއެވެ.
އެހެނަސް، ސަރަޙައްދަށް ފޯރާ ދިލައިގެ އަސަރު ދިވެހިރާއްޖެއަށްވެސް ފޯރާނެއެވެ. ދިވެހިރާއްޖޭގެ ގިނަ އަސާސީ ކާބޯތަކެއްޗަށް ބަރޯސާވަނީ ޢާންމުކޮށް ދެކުނު އޭޝިޔާ އަދި ޚާއްޞަކޮށް އިންޑިޔާއަށެވެ. ވާރޭ ތަދުވުމުން ހަނޑުލާއި ގޮދަނާއި ފިޔާ ފަދަ ތަކެތި އުފެއްދޭ މިންވަރު ބޮޑުތަނުން ދަށްވެއެވެ. އެހެންކަމުން އެކްސްޕޯޓު ކުރާ މިންވަރު ދަށްވެއެވެ. އަދި އަގު ފަލަވެއެވެ.
ކަނޑުފަޅަށް ބަލާއިރު ލޮނުގަނޑުގެ މަތީ ފަށަލަ ހޫނުވަމުންދާ ވަރަށް 2023-2024 ގެ ފަރުހުދުވުމުގެ އަނިޔާގެ މައްޗަށް ގެއްލުން އިތުރުވެ ދެއެވެ. އަދި ކަނޑުމަސް އައިންތައް ފުނަށް ދަތުރުކުރެއެވެ. މިކަމުގެ ސަބަބުން ފަރުތައް ހަލާކުވެ، އެންވެރިކަން ދެރަވެއެވެ. މަސްބާނާ މިންވަރު މަދުވެއެވެ. އެހެންނަމަވެސް މިއީ 1998 އަދި 2016 ގައި ވީ ގެއްލުން ކުރިމަތިވާނެ އަހަރެއް ކަމަކަށް އަންދާޒާއެއް ނުކުރެވެއެވެ. އެހެންކަމުން ތައްޔާރުވާނެ ފުރުޞަތު ހިސާބަކަށް އެބަ އޮތެވެ.
އައިއޯޑީ ޕޮޒިޓިވް އަތަށް އެނބުރިއްޖެ ނަމަ، މަންޒަރު މުޅިން ތަފާތު ވާނެއެވެ. ޕޮޒިޓިވް އައިއޯޑީ އެއް ވަރުހެސަވަމުން އަންނަ އެލް ނީނޯއަކާ އެކު އުފެދެމުން، ވަރުގަދަވަމުން އަންނަ ނަމަ، އެހިސާބުން އެކުރިމަތިވަނީ ފަރު ހުދުވުމާއި ހޫނުގަދަވުމުގެ ކުންނަށް ވާޞިލުވާނެ ޙާަލަތެކެވެ. 2023-2024 ފަހު ޙާލަތު ރަނގަޅުވަމުން އަންނަ މުރަކަތައް މަރުވާން ފެށުން ގާތެވެ. އަދި ހުޅަނގު މޫސުމަށްވެސް އަސަރު ފޯރާނެއެވެ.
2024 އިން ދައްކައިދިނީ މިކަމާ ކުރިމަތިލާނެ ޢިލްމާއި އުކުޅާއި އާލާތް ލިބި ހުރި ކަމެވެ؛ ސީޒަނަލް ފޯރކާސްޓްތަކާއި އަރލީ ވޯނިންގ ސިސްޓަމްތަކާއި ރެގިއުލޭޓަރުންނާއި އަދި ކޮމިއުނިޓީތަކުން އެކު މަޢުލޫމާތެވެ.
ހަމަ އެފަދައިން، އައްސޭރިފަށުގައި ހިންގާ ޢުމްރާނީ މަޝްރޫޢުތަކުގައި ސަލާމަތީ ފިޔަވަޅުތަކާއި މޮނީޓަރިންގް ވަރުގަދަ ކުރަން ޖެހެއެވެ. ކިސަޑާއި ވެލީގެ ގަރަމުގަނޑު ސްކްރީން ޖަހައި، މައިތިރިކުރާން ޖެހެއެވެ. ރެއިންބޮއިންގް ގެ އުކުލޫ ބޭނުން ކުރާން ޖެހެއެވެ. މިއީ އެލް ނީނޯގެ އަހަރުތަކަކަށް ޚާއްޞަކޮށް އީޖާދުކޮށްފައިވާ އުކުޅުތަކާއި ފިޔަވަޅުތަކެއް ނޫނަސް، މިފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަން ދީގެން އަޅާން މިޖެހެނީ އަމުދުން ފަރުތަކަށް ޕްރެޝަރ ބޮޑުވާ ދުވަސްވަރުއެވެ. ހޫނުގެ ގިލަންވެރިކަން ބޮޑުވާންދާ މިދުވަސްވަރު ރެގިއުލޭޓަރުން ހުށިޔާރުވުން ބޭނުން ތެރިއެވެ.
ޙަޤީޤަތަކީ، ޖޫން މަހުގެ ކުރީކޮޅަކު އަދި މުޅިން ވާނުވާއެއް ސާފެއް ނޫނެވެ. ވާނެގޮތުގެ އަންދާޒީ ހިސާބުތައް ޔަޤީންވަމުން އަންނާނީ ކުރިއަށް މިއޮތް ހަފްތާތަކުގެ ތެރޭގައެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ވަމުންދާގޮތް ގާތުން ބަލަމުން ދާނެއެވެ. ފަރުތަކަށް ވާގޮތް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ކޮރަލް ވޮޗް ޕްރޮގްރާމުންނެވެ. ޑައިވަރުންނާއި، ރިޒޯޓުތަކާއި، ކަނޑުގެ މާޙައުލާ ދޯޅު މީހުންގެވެސް އެހީއާ އެކުގައެވެ. ނުރަސްމީ އެސެސްމަންޓުތައް މެދުވެރިކޮށްވެސް ފަރުހުދުވުމުގެ އަސަރެއް ފެނޭތޯ ބަލަމުންދާނެއެވެ.
ތާރީޚު ބުނެދެނީ، މިހާރުން ސެޕްޓެމްބަރު ހަމައަށް އޮތް ވަގުތުކޮޅަކީ، ކަން ވާގޮތް ބަލަހައްޓައިގެން ތިބޭންވީ ވަގުތު ނޫން ކަމެވެ. މިއީ ތައްޔާރުވުމުގެ ވަގުތެވެ. ފެނުގެ ސަޕްލައި މެނޭޖު ކުރަން ޖެހެއެވެ. ފަރުތައް ރައްކާތެރިކުރަން ޖެހެއެވެ. ކާބޯތަކެތީގެ ސަޕްލައި ޔަޤީންކުރަން ޖެހެއެވެ. ކޮންސްޓްރަކްޝަން ސައިޓުތަކުގެ ތާވަލުތައް މޫސުމާ އެއްކީލި ކުރަން ޖެހެއެވެ. މިކަންކަމުގެ މައްޗަށް ޢާންމު ރައްޔިތުންނާއި މަސްވެރިންނާއި ދަނޑުވެރިންފަދަ މަސައްކަތްތެރިންނާއި ލޯކަލް ކައުންސިލްތަކާއި ސަލާމަތީ އަދި އިމަރޖެންސީ ޚިދުމަތްތަކާއި ސަރުކާރު ތައްޔާރުވުން ލާޒިމެވެ.
ރާއްޖެއާ ގުޅޭ ޚާއްޞަ އަދާއިހަމަ: https://www.meteorology.gov.mv/downloads#reports
އިތުރު މަޢުލޫމާތަށާއި، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ކޮރަލް ވޮޗް ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދީ، އޭގައި ބައިވެރިވާން އެދޭނަމަ: coraldatabase.gov.mv
އަހްމަދު ޝަބީންއަކީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގައި ގާތްގަނޑަކަށް ދިހަ އަހަރުގެ ތަޖުރިބާ ހުރި މީޓިއޮރޮލޮޖިސްޓް އަދި ކްލައިމަޓޮލޮޖިސްޓެކެވެ. އޭނާވަނީ ޔޫރަޕިއަން ސެންޓަރ ފޯ މީޑިއަމް-ރޭންޖް ވެދަރ ފޯރކާސްޓްސް (އީސީއެމްޑަބްލިއުއެފް) ގައި ފެލޯޝިޕެއް ފުރިހަމަ ކޮށްފައެވެ. މިހާރު އަދާކުރާ ވަޒީފާއަކީ މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ސެކްރެޓަރީ ޖެނެރަލްކަމެވެ. މޫސުމަށް އަންނަ ބަދަލުތަކާ އިންސާނިއްޔަތާ ގުޅުންހުރި މިންވަރަށް މިކަމުންވެސް އަލިކުރެއެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
