އާ ހޯދުންތަކުން ދައްކަނީ އަހުރާމުތަކަށްވުރެ ރާއްޖޭގެ ރަށްތައް ޅަކަމަށް
ތޮރުފައިގެން ނެގި ޑްރިލްކޯތަކުން ދައްކަނީ ޑާވިންގެ ތިއަރީއާ ޚިލާފު ޙަޤީޤަތްތަކެއް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
08 މާޗް
ޖީލުތަކެއް ވަންދެން ދިވެހި ދަރިވަރުންނަށް ކިޔައިދެމުންއައީ ދިވެހިރާއްޖޭގެ ޖަޒީރާތައް އުފެދިފައިވަނީ ޤަދީމީ އަލިފާން ފަރުބަދަތަކެއް ގޮވައި، މަޑުމަޑުން އަޑިއަށް ގޮސްގެން ކަމަށެވެ. މިއީ 1842 ގައި ޗާލްސް ޑާވިން އެކުލެވި ސައިންޓިފިކް ތިއަރީއެއްގެ މައްޗަށް ޓެކްސްޓު ފޮތްތަކުގައި ހިމަނައި، ޒަމާނުއްސުރެ ކިޔަވައިދެމުން އައި ގޮތެވެ.
ފަރުތައް ތޮރުފައި، ނަގާ ޑްރިލް ކޯރ ސާމްޕަލްތަކުންނާއި، ސެއިސްމިކް ސާވޭތަކުން ހާމަވެފައިވާ އިތުރު މަޢުލޫމާތާއި، ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެފަދަ ޖަޒީރާތައް އުފެދިފައިވާ ގޮތުގެ މައްޗަށް އާ ވިސްނުންތަކެއް މިހާރު ވަނީ ކުރިއަށް ނުކުމެފައެވެ؛ ޑާވިން ގެ ތިއަރީ އެކުލަވާފައިވަނީ ގިނަ ސައިންޓިފިކް ހެކިތަކެއް ފުރިހަމައަށް ނުލިބިވާ ޙާލުގައެވެ. އަދި އަޞްލުގައި ކަން ހިނގާފައިވާގޮތަކީ ކަނޑުގެ ލޮނުގަނޑު އުފުލުންފަދަ މުސްތަޤްބަލުގެ ގޮންޖެހުންތަކަށް އަލިކުރާ، ހިސާބަކަށް ޙައިރާން ކުރުވަނިވި ގޮތެކެވެ.
"ޑާވިން އަށް ލިބިފައިވާ ޑޭޓާއާ މެދު އޭނާ ބުނީ ރަނގަޅަށް،" ޓެކްސަސްގެ ރައިސް ޔުނިވާސިޓީގެ މެރިން ޖިއޮލޮޖީގެ އެމެރިޓަސް ޕްރޮފެސަރު އަންޑްރޭ ޑްރޮކްސްލާ ވިދާޅުވި އެވެ. އޭނާވަނީ 2023 ގައި ފުލްބްރައިޓް ސްކޮލަރެއްގެ ޙައިޘިއްޔަތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި 2023 ގައި 4 މަސް ދުވަސް ހޭދަ ކުރައްވާފައެވެ. "އަދި އޭނާގެ ވިސްނުން ހުރީ އޭނާގެ ޒަމާނަށްވުރެ މާ ބޮޑުތަނުން ކުރީގައި. ގޯހީ އަހަރުމެންފަދަ ޓީޗަރުން؛ ޢާންމުންނާއި ދަރިވަރުންނަށް ޤަބޫލުކުރެވޭ މިންވަރަށް އަޞްލުގައި ވެފައި އޮތްގޮތް އޮޅުންފިލުވައި ނުދެވޭތީ."
ސައިންސުގެ އާ ހޯދުންތައް ދަރިވަރުންނާއި، ޢާންމުންނަށް ކިޔައި، އޮޅުންފިލުވައި ދިނުމުގެ މަސައްކަތާ ގުޅޭގޮތުން ޑްރޮކްސްލާ ވަނީ މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަ ދައްކާފައެވެ.
އޭނާ ދިވެހިރާއްޖޭގައި ހޭދަކުރި ފުލްބްރައިޓް ރެޒިޑެންސީގެ ނަތީޖާ މިހާރު ކްލާސްރޫމްތަކަށް އެވަނީ ފޯރާފައެވެ. "އެޓޯލް އެންޑް އައިލެންޑް ފޯމޭޝަން އިން ދަ މޯލްޑިވްސް" އަކީ ކީ ސްޓޭޖް 1 އިން 4 އަށް ކިޔަވައިދޭ މުދައްރިސުންގެ ޓީޗަރސް ގައިޑެކެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ހިލޭ އެހީގައި ތައްޔާރުކޮށް ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން އިން ޤަބޫލުކޮށްފައިވާ، މިފޮތް އެކުލެއްވީ މުޙައްމަދު ދީދީއާއި ޑރ އާމިނަތު ޝިޔާމާއާއި ޑރ ފާޠިމަތު ޝަފިޤާއެވެ. ފޮތުގެ ކޮޕީ ޗާޕުކޮށްފައިވަނީ އެޓްމޮސްފިއާރ ފައުންޑޭޝަންގެ ފައިސާއިންނެވެ.
"އަޅުގަނޑުގައި ހުރި މަދު ޑޭޓާއަށް ބިނާކޮށް، ތިން ވައްތަރުގެ އަލިފާން ފަރުބަދައިގެ ނަތީޖާއެއްގެ ގޮތުން؛ ފްރިންޖިން ފަރުތަކާއި، ލޭގޫންތަކުން ވަކިކޮށްފައިވާ ބެރިއާރ ރީފްތަކާއި، އަނގޮޓި ބައްޓަމަށް ހުންނަ އަތޮޅުތައް އުފެދިފައިވާ ގޮތުގެ މައްޗަށް ޑާވިންވަނީ ސާދާ އިވޮލިއުޝަނަރީ މޮޑެލްއެއް އެކުލަވާފައި،" ޓީޗަރސް ގައިޑްގައި ފާހަގަ ކޮށްފައިވެއެވެ. "އޭނާގެ މޮޑެލްގެ ސާދާ ލޮޖިކް (ބުއްދީގެ ހަމަ) ވީ (އަދި މިހާރުވެސް ވަނީ) ވަރަށް ހިތްހަމަޖެހޭ، އަދި، އެހެންކަމުން، ފުރަތަމަ ޝާއިއުކުރި ދުވަހުން ފެށިގެން އާންމުކޮށް ޤަބޫލުކުރެވޭ އެއްޗަކަށް،" އޭގައި އިތުރަށް ލިޔެފައިވެއެވެ.
އަޑީގައިވަނީ ކޮން އެއްޗެއް؟
ދަރިވަރުންނަށް އުނގަންނައިދެނީ ދިވެހިރާއްޖޭގެ ޖަޒީރާތަކުން، ފެނުން މައްޗަށް ފެންނާން އޮންނަނީ ދިވެހިރާއްޖޭގެ ޙަޤީޤީ ތަރައްޙައްދުގެ 0.001 އިންސައްތަ ކަމެވެ. ކަނޑުގެ އަޑީގައިވާ 800 ކިލޯމީޓަރު ދިގު، 130 ކިލޯމީޓަރު ފުޅާ، އަދި އެވްރެޖްކޮށް ދެތިން ކިލޯމީޓަރުގެ ބޯމިނުގެ ލައިމްސްޓޯން (ހިރިގާ) ޕްލެޓްފޯމެއް ވެއެވެ. މި ޕްލެޓްފޯމް ބިނާވެފައިވަނީ މުރަކަތަކުންނެވެ. 55 މިލިއަން އަހަރު ދުވަހުގެ ތެރޭގައި ފަރުތަކުގައި ހެދިބޮޑުވެ، ފަނާވެގޮސް، ހިލައަށްވެފައިވާ ދިރުންތަކުންނެވެ. މަރުވެދާ ކޮންމެ ޖީލެއްގެ މައްޗަށް ހެދިބޮޑުވެ، ފަނާވެގޮސް، ހިލައަށް އާ ޖީލުގެ ދިރުންތައް ވެދަނީއެވެ.

"މި ކުދިކުދި އަތޮޅުތަކަކީ މި ފަރު އުފެދުމުގެ އެތައް ޒަމާނެއްވީ އޮނިގަނޑުގެ އެވޮލޫޝަންގެ އެންމެ، އެންމެ ފަހުގެ މަރުޙަލާ،" ޑްރޮކްސްލާ ވިދާޅުވިއެވެ. "އަތޮޅުތަކާއި އަލިފާން ފަރުބަދަތަކުގެ ފަށަލައާ އެއްވެސް ގުޅުމެއް ނެތް. މިއީ އެންމެ ފަހު ބައި މިލިއަން އަހަރުގެ ކަމަކަށްވާއިރު، މި މުޅި ކާބޮނެޓް ފަށަލައިގެ ޢުމުރަކީ 55 މިލިއަން އަހަރު." އޭނާ އޮޅުންފިލުއްވައި ދެއްވިއެވެ.
މި ފޮރުވިފައިވާ ފަށަލައިގެ ބޮޑުކަމާއި، މުސްކުޅިކަމުގެ މިންވަރު ސާފުވީ ތެލުގެ ސިނާޢަތުގެ ސަބަބުންނެވެ. ދިވެހިރާއްޖެ އިން ޕެޓްރޯލިއަމް ނެގޭތޯ ބަލާން ދެ ކުންފުންޏަކުން މަސައްކަތް ކުރިއެވެ. އެއީ 1970 ގެ އަހަރުތަކުގެ ކުރީކޮޅު އެލްފް އެކިއުޓެ އިންނާއި، 1980 ގެ އަހަރުތަކުގެ ފަހުކޮޅު ރޯޔަލް ޑަޗް ޝެލް އިންނެވެ. ދެބައި މީހުންނަކަށްވެސް ދިވެހިރާއްޖެއިން ތެލެއް ނުފެނުނެވެ. އެކަމަކު ކަނޑުގެ އަޑީގައިވާ ބިންގަނޑަށް ސައުންޑް ވޭވްސް (އަޑުފައްގަނޑުތަކެއް) ދުއްވައި، ރިވެލި (އިކޯ ނުވަތަ ރިފްލެކްޓް) ވާގޮތާއި، މިންވަރު ވަޒަންކޮށްގެން ސެއިސްމިކް ސާވޭ ކުރިއިރު، ބިންގަނޑުގެ އަޑީގައިވާ ހިލައިގެ ފަށަލަތައް މެޕްކޮށްފައި ވެއެވެ. ތޮރުފައިގެން ޑްރިލް ކޯ ނަގިއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ އަޑީގައިވާ ބިންގަނޑުގެ ފުރިހަމަ ބައްޓަމާއި، ސިފަ ފުރަތަމަ ފަހަރަށް ހާމަވެގެން ދިޔައެވެ.
އުތުރު މާލެ އަތޮޅުގެ ހުޅަނގު ދެކުނުގައި އެލްފް އެކިއުޓެ އިން ތޮރުފި ހަރުން އެނގުނީ 2.1 ކިލޯމީޓަރުގެ ކާބޮނެޓް ފަށަލައެއް ބިމުގެ ސަތަޙައިން ތިރިއަށް ވާ ކަމެވެ. އިތުރަށް ތޮރުފީމާ ޖެހުނީ 57 އަހަރާއި 55 މިލިއަން އަހަރާ ދެމެދު އުފެދިފައިވާ، މިހާރު ކުނޑިވެ ފުނޑެމުންދާ ބަރު، ބެސޯލްޓް ހިލަ ފަށަލައެއްގައެވެ. އަލިފާން ފަރުބަދަ ގޮވާއިރު، ނުކުންނަފަދަ ހިލައެވެ. ދެކުނު އަރި އަތޮޅުގައި ޝެލް އިން ކުޅަ ތަޙްލީލުތަކުން، ކާބިނެޓް ފަށަލަ 3.3 ކިލޯމީޓަރު އަޑިއަށް ހުރިކަމަށް ދެއްކިއެވެ. އެފަށަލަވެސް ވަނީ މާލެ އަތޮޅެކޭ އެއްގޮތަށް، އަލިފާން ފަރުބަދައަކުން ނުކުމެފައިވާ ހަރު ހިލައިގެ ފަށަލައެއްގެ ތަރަހައިގައެވެ.
"ޝެލް އިން މިކަމަށް އެތައް މިލިޔަން ޑޮލަރެއް 10 އިން 20 އިން ޚަރަދުކުރި،" ޑްރޮކްސްލާ ބުންޏެވެ. "ނަމަވެސް އަޅުގަނޑުމެންނަށް ހީވެފައި މިއޮންނަނީ މި ޑޭޓާ ހޯދާން އެއްވެސް ޚަރަދެއް ނުހިނގާ ކަމަށް،" އޭނާ ވިދާޅުވިއެވެ.
މިކުންފުނިތަކުން ތެޔޮ ހޯދާން ސާރވޭ ކުރިއިރު، ޑްރޮކްސްލާ ދިޔައީ، ދުނިޔޭގެ ތެލާއި ގޭހުގެ ސިނާޢަތުގެ ދިރާސާގެ އޭރުގެ ވެރިރަށް ހިއުސްޓަންގެ ރައިސް ޔުނިވާސިޓީގައި، ޕީއެޗްޑީއެއް ފުރިހަމަ ކުރަމުންނެވެ. އޭރު އޭނާއަކީ ޒުވާން ޖިއޮލޮޖިސްޓެކެވެ. ޝެލްގެ ރިސާޗް ލެބުގައި މަސައްކަތް ކުރާން ފުރުޞަތު ލިބުނެވެ. ސެއިސްމިކް ސާރވޭތަކުގެ ޑޭޓާ ބަލައި ހަދާން ލިބުނެވެ. 2004 ވަނަ އަހަރު ރައިސް ޔުނިވާސިޓީ އިން ވަނީ ދިވެހިރާއްޖޭގެ ކާބޮނެޓް ޕްލެޓްފޯމްގެ 55 މިލިއަން އަހަރުގެ އިވޮލޫޝަންގެ މައްޗަށް އެޓްލަހެއް ތައްޔާރުކޮށް، ޝާޢިއުކޮށްފައެވެ.
"މި ޑޭޓާއަށް މި އެކްސެސް ނުލިބުނު ނަމަ އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ އަޞްލުގެ އެއްވެސް ކަމެއް ނޭނގުނީސް،" ކަމަށާއި، "ތެޔޮ ހޯދަން މިތަނަށް އެއްވެސް ކުންފުންޏެއް ނާންނަ ނަމަ އަޅުގަނޑުމެންނަށް އޭނގުނީސް،" އޭނާ ޕްރޮފެސަރ ޑްރޮކްސްލާ ވިދާޅުވިއެވެ.
ހިރިގަލުގެ ފަށަލައިގެ ދަށުގައި ވަނީ މީގެ 55 އާއި 57 މިލިއަން އަހަރު ކުރިން އުފެދިފައިވާ އަލިފާން ފަރުބަދަ ގޮވުމުން ނުކުންނަ ބަރު ހިލައިގެ ތަރަހައެކެވެ. އެހިލައިގެ ފަށަލަ އުފެދިފައިވަނީ ދިވެހިރާއްޖެއަށް ފަހުން ވި ތަރަޙައްދު ޖިއޮލޮޖިކަލް ގަޑުބަޑެއް ހިނގި ހިސާބެއްގެ މަތިން ހިނގާފައި ނުވަތަ ދައުރުވެފައި ވާތީއެވެ. އެޖިއޮލޮޖިކަލް ގަޑުބަޑުގެ ހިނގާ ތަން މިހާރު އޮތީ ހުޅަނގު ދެކުނުން 4000 ކިލޯމީޓަރު ދުރުގައި އޮންނަ ރިޔޫނިއަން ޖަޒީރާގެ ދަށުގައެވެ. އެ ހިނގުމާއި، ދައުރުވުމުގެ ރާސްތާ އިން ޑެކަން ޓްރެޕްސް، ލަކަޑިވްސް، މޯލްޑިވްސް، ޗަގޯސް، މޮރިޝަސް އުފެދެމުން، އުތުރަށް ދެމެމުން އައިގޮތުގެ ރާސްތާ ދައްކައިދެއެވެ.

ޑާވިންއަށް ގޯސްކޮށް ކުރެވުނު އަންދާޒާއަކީ އަތޮޅުތައް އުފައްދައި، ބައްޓަންކުރުމުގައި ކަނޑުއަޑީގެ އަލިފާންފަރުބަދަތަކުގެ ދައުރެވެ. އެ ޢިޝާރާތްކުރާ ފަރުބަދަތަކަކަކީ މާ ޤަދީމީ އަދި މާ ފުންކޮށް ވަޅުލެވިފައިވާ ތަންތަނެކެވެ. އުފުލިފައިވާ އަރިމަތީ ކައިރިތަކާއި، މެދުތެރެއަށް ބޯތައްޓެއްހެން ފުންވެފައިވާ ތަންތަން ކަނޑާނެގިފައި އެވަނީ އަދި ފަރުބަދަތައް ގޮވައިގެންނަކުން ނޫނެވެ. މުޅިން އެހެން ބާރުތަކެ އަރައި، ނިޒާމުތަކެއް ހިނގައިގެންނެވެ.
އިނގިރޭސިބަހުގައި ކިޔާ "އެޓޯލް" އަކީ ދިވެހި ބަހުގެ 'އަތޮޅު' އިން އުފަންވެފައިވާ ލަފުޒެއް ކަމަށާއި، އެ ލަފުޒުގެ އަޞްލު މާނައަކީ އަތްތިލަ ކަމަށް ޓީޗާސް ގައިޑު ފޮތުގައި ވެއެވެ. އިނގިރޭސި ބަހުން މިލަފުޒު ފުރަތަމަ ރެކޯޑް ކުރެވިފައިވަނީ 1625 ވަނަ އަހަރު "އެޓޮލޮން" ގެ ގޮތުގައެވެ.

ކަނޑާ ނެގުން
މީގެ ގާތްގަނޑަކަށް 2.6 މިލިއަން އަހަރު ކުރިން އައި ދިގުދެމިގެންވާ ގަނޑާއި ފިނީގެ ޒަމާންތައް (އައިސް އޭޖުތައް) ފެށިގެން އައީ އުތުރު ހެމިސްފިއާގައެވެ. ކަނޑުގެ ލޮނުގަނޑު ވަރަށް ބޮޑަށް ދަށްވެ، ބައެއް ފަހަރު މިހާރު ހުރި ވަރަށް ވުރެ 120 މީޓަރު ތިރިވިއެވެ. ކަނޑުތައް ހަމަޖެހިފައި އޮތް ދުވަސްވަރު، ޕްލެޓްފޯމްގެ މަތީގައި އެއް ބޯމިނެއްގައި ފަރު ހެދި، ބޮޑުވަމުން އައެވެ. އެއްވެސް ފަޅެއް، ވިލެއްފަދަ އަޑިވެފައިވާ ސަރަޙައްދެއް ނަމަވެސް، މުރަކައިގެ ފަށަލަތަކުން ފުރެމުން އައިސްފައި ވެއެވެ. މިހެން ހެދި އުފުލުނު ސަރަޙައްދުން ބައިބައި، ވަޔާއި ވިއްސާރައަށް ދިއްވެފައި މިލިޔަނަކަށްވުރެ ގިނަ އަހަރު ހުއްޓެވެ.
"ލައިމްސްޓޯން (ހިރިގާ) އަކީ އެހާ ގަދަފަދަ އެއްޗެއް ނޫން، އެހެންވީމާ ވާރޭ ވެހޭއިރު، ވާރެއަކީ އެސިޑިކް އެއްޗެއް ކަމުން، ޑްރޮކްސްލާ ކިޔުއްވައި ދެއްވީ "ހިރިގަލުގެ ފަށަލައިން ތަންތަންގަނޑު ވިރި، ހަލާކުވެގޮސް، ބްލޫ ހޯލްތައް އުފެދޭ،" ކަމަށާއި މިހެން ވުމުން ޕްލެޓްފޯމުތަކުގައި އަޑިގުޑަންކަން އުފެދި، މެދަށްވާ ބައި ގިރިވިރިފައި، ވަށައިގެން އުފުލި ދިއްވެފައި ހުންނަ އޮނިގަނޑުތަކެއް އުފެދޭ ކަމަށެވެ.
އެކަމުގެ ހެކިތައް މިޒަމާނަށްވެސް ފެންނާން އެބަހުއްޓެވެ. 2002 ވަނަ އަހަރު މާލޭގެ ވަށައިގެން ކުރިއަށް ގެންދިޔަ މެޕިންގް ޙަރަކާތްތަކުން، ބްލޫ ހޯލްތަކާއި ކަނޑުގެ ލޮނުގަނޑުގެ ގަދީމީ އުސްމިން އެނގޭނެ ރެކޯޑްތައް ފެނިފައި އެބަހުއްޓެވެ. ގިނަ ދުވަހު ވާރެއާއި ވަޔާއި އަތްވަށް ދިއްވެފައިވާ ސަރަޙައްދުތައް ފާހަގަވެއެވެ.
މީގެ ވިހި ހާސް އަހަރު ކުރިން، އެންމެ ފަހުގެ އައިސް އޭޖުގައި، އުތުރު މާލެ އަތޮޅުގެ ބިންމަތީގައި ހިނގައި އުޅެވުނީހެވެ. އޭރުގައި ފަޅުވިލާއި، އުފުލިގެންވީ ފަރު/ރިމް އަދި ރަށްތަކުގެ މެދުގައިވާ ކަނޑުއޮޅިތައްވެސް ވީހީ ހިކި ބިމަށެވެ. ދެން ފެންނާން ހުންނާނީ ދިހަވަރަކަށް މީޓަރު އުސް ފަރުބަދަތަކަކުން ވަށާޖެހި، ވަކިވެފައިވާ ހަމަބިމުގެ ތަރަޙައްދެކެވެ. ހުސް ހުރިގަލެވެ.
2002 ގައި މި މެޕިންގް މަސައްކަތް ކުރިއަށް ގެންދިޔައީ މާލޭގެ އިރުއުތުރު ކޮޅުގައި ހުރި ޖެޓީއެއް ރެޔެއްގެ ހަތަރުދަމުން ވެއްޓުމުންނެވެ. ޑްރޮކްސްލާގެ ޓީމާއި ސްވިޓްޒަލޭންޑްގެ ޖިއޮޓެކްނިކަލް ކުންފުންޏަކުން އެ ސަރަޙައްދު ސާވޭކޮށްދޭން ދިވެހި ސަރުކާރުން އެދުނެވެ. ދިރާސާވެރިންގެ ހޯދުންތަކަށް ފެނުނީ އެވެއްޓުނު ވެއްޓުމަކީ އިސްތިސްނާ ޙާދިޘާއެއް ނޫންކަމާއި، އެދިމާ ކެނޑުމުން އެތައް ތަނެއް ނެއްޓި، ވެއްޓިފައިވާ ކަމަށާއި، އެކެނޑުމުގައި ކުއްލިއަކަށް 60 މީޓަރަށް އަޑިވާ ކަމަށެވެ.
"އެ ކުންފުނީގެ ވެރިއަކީ އަޅުގަނޑުގެ ރައްޓެއްސެއް،" ކަން ހާމަކުރައްވަމުން، ޑޮކްސްލާރ ވިދާޅުވީ "އޭނާ (ކުންފުނީގެ ވެރި ރަޙްމަތްތެރިޔާ) ބުނާނެ ސްވިޒަލޭންޑްގައި ސުމަކުން 60 މީޓަރަށް ހުންނަ އަދި އެތައް ފަހަރަކު ވެއްޓިފައިވާ ކްލިފެއްގެ އަރިމަތީގައި ޢިމާރާތެއް ހަދަން ހިތަށްވެސް ނާރުވާނަމޭ، އަޅުގަނޑުމެން މިކަން ދުވަހަކުވެސް ނުކުރާނަން." ކަމަށެވެ. ދިރާސާވެރިން ލަފާދީފައި ވަނީ އެސަރަޙައްދު މެދުނުކެނޑި މޮނިޓަރކޮށް، އެތަނުގައި އެއްވެސް ބިނާއެއް ނުކުރުމަށެވެ. ނަމަވެސް އަހަރުތަކެއް ފަހުން އެދިމާ ހިއްކާ، ބޮޑުކޮށްފައި ވެއެވެ.
ކޮންމެއަކަސް، އެސާރވޭގައި އެއްކުރި ޑޭޓާވީ ސައިންޓިފިކް ޚަޒާނާއަކަށެވެ. މާލޭ އާއި އެއާޕޯޓް ރަށްކަމަށްވާ ހުޅުލެއާ ދެމެދު، އަދި ދެކުނުގެ ކަނޑުއޮޅިއަށްދާން އުސްވަމުންދާ ސަރަޙައްދުން ކާސްޓް ފީޗާސް ނުވަތަ އެންމެ ފަހުގެ އައިސް އޭޖުގައި ކަނޑުގެ ލޮނުގަނޑު މައްޗަށް ގޮސް ހަމަޖެހުނު މިންވަރުތައް ރެކޯޑް ކުރާ ޑިސޮލިއުޝަން މާކްސް އާއި ޓެރެސް ފެނިފައިވެވެއެވެ. މީގެ 20،000 އަހަރު ކުރިން 125 މީޓަރުގެ އުސްމިނުގައި ހުރި ޓެރަހަކުން އައްސޭރިފަށް ފާހަގަވެއެވެ. އަދި 105، 99، އަދި 70 މީޓަރުން ލޮނުގަނޑު މައްޗަށް އަރާ ދިޔަ ގޮތް ޓްރޭސް ކުރެވެއެވެ. ގޯއާ ކަނޑުގެ އިންޑިއާ ބައްރުގެ މާޖިންގައި ވެސް ހަމަ އެ ޓެރެސްތައް ފެންނާން އެބަހުއްޓެވެ. މިއީ ދުނިޔޭގެ މުޅި ކަނޑުގެ ލޮނުގަނޑަށް އައި ބަދަލުތަކެއްކަން މިކަމުން ޘާބިތު ކޮށްދެއެވެ.
މި ސިފަތައް އުފެއްދި ޕްރޮސެސްއަށް ކިޔަނީ ކާރސްޓިފިކޭޝަން: ވާރޭފެނުގައި ތޮރުފި، ގިރައިގެންދާ ހިލައިގެ ބައިބައިން ބިންގަނޑު މަޑުމަޑުން އަލުން ބައްޓަން ވެގެން ދިއުމެވެ. އެއީ ހުރާގަނޑެއްފަދަ ހަމަ ފަށަލައެއްގެ އަރިމައްޗަށްވުރެ، ފެން ހިފެހެއްޓި، ޖަމާވެފައި ހުރުން ބޮޑު، މެދެއްހައި ހިސާބުގައި ހިނގުން ފަސޭހަ ކަމެކެވެ. އެތައް ހާސް އަހަރަކުން މެދުބައިތައް ގިރިފައި، އަރިމަތިތައް އުސްވެފައި، ބޯތައްޓެއްގެ ބައްޓަމަށް އަތޮޅުތަކަކަށް ވެ ދަނީއެވެ.
"ދިވެހިރާއްޖެ މިދެކޭ މިހާރުގެ އަތޮޅުތައް އުފެދިފައިވަނީ މިދިޔަ 450،000 އަހަރު ތެރޭގައި،" ކަމަށާއި "މިއީ ދިވެހިރާއްޖޭގެ ކާބޮނެޓް ޕްލެޓްފޯމްގެ ދިގު މުއްދަތުގެ އީވޮލޫޝަންގެ އެންމެ ފަހުގެ މަރުޙަލާ،" ކަމަށާއި "އަތޮޅުތަކުގެ ފަށަލައާއި އަލިފާން ފަރުބަދަތަކުން އޮހޮރުނު ދިޔާ ހިލަގަލުގެ ފަށަލައާ ގުޅުމެއް ނެތް،" ކަމަށް ޕްރޮފެސާރ ޑްރޮކްސްލާ ވިދާޅުވިއެވެ.

ފަސް ފަހަރު ފެން ބޮޑުވި
ގްލޭޝިއަލް (ގަނޑުފެންގަނޑު) ސައިކަލްތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު ތަކުރާރުކޮށް މައްޗަށް ގޮސް ދަށަށް ދިޔައެވެ. ވޭތުވެދިޔަ 450،000 އަހަރު ތެރޭގައި ބޮޑެތި ފަސް މިބާވަތުގެ ބުރެއް ދުނިޔެ ތަޙައްމަލު ކުރިއެވެ. މިހެން ލޮނުގަނޑު ބޮޑުވާ ކޮންމެ ފަހަރަކު މުރަކަތައް ފުރަތަމަ އިސްތިޢުމާރު ކުރީ އުފުލިފައިވާ އަރިމަތި ނުވަތަ ރިމް ތަކެވެ. އެއީ އިރުގެ އަލިކަމާއި ކަނޑުގެ ނިއުޓްރިއެންޓްތަކާ އެންމެ ކައިރީގައި ހުރި ތަތްކޮށްލެވޭ ހިސާބުތައްކަމަށް ވުމުންނެވެ. އޭގެ ފަހުން އައި ކޮންމެ އައިސް އޭޖެއްގައި ވިލުފަޅުތައް ހިކިގޮސް، ހާމަވެ، އެތަންތަން އިތުރަށް ހަލާކުވެ، ފުންވަމުން ދިޔައެވެ.
"މުރަކަ ލޯބިކުރާނަ އުސް އަރިމަތިތަކުގައި ތިބޭން،" ޑްރޮކްސްލާ ވިދާޅުވިއެވެ. "އެހެންވީމަ އެސޮރުމެން މި އުފުލިފައިވާ ރިމްތައް އިސްތިޢުމާރު ކުރާނެ. އެކަމަކު އެއީ މާ ގިނަ ދުވަހު ދެމިގެންދާ ކަމެއް ނޫން - މިއަދު އަޅުގަނޑުމެން ދިރިއުޅޭ މި ހޫނު ދުވަސްވަރަކީ އާންމުކޮށް ގާތްގަނޑަކަށް 12 އަހަރާއި 15،000 އަހަރާ ދެމެދަށް ދިގުދެމިގެންވާ ދުވަސްވަރެއް، އަދި ކަނޑުގެ ލޮނުގަނޑު އަނެއްކާވެސް ދަށަށްދާނެ. އެ އަޑިއަށް ޖަހާ ބުރުގައި އަނެއްކާވެސް ފަރުތަކުންވެސް ބައެއް ހަލާކުވެ، ގިރިގެންދާނެ،" އޭނާ ތަފްޞީލު ކޮށްދެއްވިއެވެ.
އެ ސައިކަލް ތަކުރާރު ވަމުން އައިސް، ކޮންމެ ފަހަރަކު ވެސް އަތޮޅުގެ ބައްޓަން ވަރުގަދަ ކުރަމުން ދިޔައެވެ. "އުތުރު މާލެ އަތޮޅަށް ދާނަމަ، މާޖިން ޑްރިލް (އަރިމަތީ ކައިރި ތޮރުފާނަމަ) ކުރާނަމަ، ގާތްގަނޑަކަށް ހަތަރު ފަސް ފަށަލައިގެ މުރަކަ ފެންނާނެ،" ޑްރޮކްސްލާ ކިޔައިދެއްވިއެވެ.
މި މޮޑެލް ޕެސިފިކް ސަރަޙައްދުގެ ރަށްރަށުން ޝ ގްލޭޝިއަލް ސައިކަލްތަކުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު ތަކުރާރުކޮށް މައްޗަށް ގޮސް ދަށަށް ދިޔައެވެ. ވޭތުވެދިޔަ 450،000 އަހަރު ތެރޭގައި ބޮޑެތި ފަސް އުދައެރުމުގެ ހާދިސާ ހިނގާފައިވެއެވެ. ވަޑާންކޮށްފައިވާ އައްސޭރިފަށުގައި އަނެއްކާވެސް ފެންބޮޑުވާ ކޮންމެ ފަހަރަކު ފުރަތަމަ ކޮރަލް އިސްތިޢުމާރު ކުރީ އުފުލިފައިވާ ރިމްތަކަށެވެ. އެއީ އިރުގެ އަލިކަމާއި ކަނޑުގެ ނިއުޓްރިއެންޓްތަކާ އެންމެ ކައިރީގައި ހުރި ތަންތަން ކަމަށާއި، އެއީ ފަރުބަދަ ބޮޑުވުމަށް ރަނގަޅު ތަންތަނެވެ. އޭގެ ފަހުން އައި ކޮންމެ އައިސް ޒަމާނަކުން އަނެއްކާވެސް ފަޅުތައް ހާމަވެ، ރޫޅިގެން ދިއުމުން މެދުތެރޭގެ ލޭގޫންތައް އިތުރަށް ފުންވެގެން ދިޔައެވެ.
"ކޯރަލްސް ވަރަށް ލޯބިވޭ މާޖިންއެއްގައި، މަތީ ދަރަޖައެއްގައި ހުންނަން،" ޑްރޮކްސްލާ ބުންޏެވެ. "އެހެންވީމަ އެމީހުން މި ޑިސްސޮލިއުޝަން މޯފްލޮޖީގެ މި އުފުލިފައިވާ ރިމް އިސްތިއުމާރު ކުރާނެ. އެކަމަކު އެއީ މާ ގިނަ ދުވަހު ދެމިގެންދާ ކަމެއް ނޫން - މިއަދު އަޅުގަނޑުމެން ދިރިއުޅޭ މި ހޫނު ދުވަސްވަރަކީ އާންމުކޮށް ގާތްގަނޑަކަށް 12 އަހަރާއި 15،000 އަހަރާ ދެމެދުގެ މުއްދަތެއް، އަދި ކަނޑުގެ ލޮނުގަނޑު އަނެއްކާވެސް ދަށަށްދާ. އެހެންވީމަ މި ފަރު ވެސް އަނެއްކާވެސް ބައެއް ގޮތްގޮތުން ގިރާވެއްޖެ."
އެ ސައިކަލް ތަކުރާރުކޮށް، ކޮންމެ ފަހަރަކު ވެސް އަތޮޅުގެ ބައްޓަން ވަރުގަދަ ކުރަމުން ދިޔައެވެ. "ނޯތު މާލޭ އެޓޯލް އަށް ދާނަމަ، އަދި އަޅުގަނޑުމެން މާޖިން ޑްރިލް ކުރާނަމަ، ގާތްގަނޑަކަށް ހަތަރު ފަސް ސިކުނޑި ހޯދަން ޖެހޭނީ މުރަކައަށް ހުށަހެޅުން، މުރަކައަށް ހުށަހެޅުން، މުރަކައަށް ހުށަހެޅުން، މުރަކައަށް ހުށަހެޅުން،" އޭނާ އިތުރަށް ވިދާޅުވި އެވެ.
މި މޮޑެލް ޕެސިފިކް ސަރަހައްދުގައި ޘާބިތުވެފައި ވާއިރު، ނިއުކްލިއާރ ޓެސްޓު ޕްރޮގްރާމްތަކުން ނޭނގި ނަމަވެސް ތަފްޞީލީ ޖިއޮލޮޖިކަލް ޑޭޓާ އުފަންކުރުވިއެވެ. ފްރާންސްގެ ޓެސްޓްތައް ކުރިއަށް ގެންދިޔަ މުރޫރޯއާގައި، އަތޮޅުތަކުގެ އަރިމަތި ސަރަޙައްދުތައް ތޮރުފައި ބެލިބެލުމުން، ކޮންމެ 100،000 އެއްހާ އަހަރުން މުރަކައިގެ އާ ފަށަލައެއް އުފެދޭކަން އެނގި ހާމަވެއެވެ.
ޒުވާން ރަށްބަރިއެއް
މާލެ އުފެދެން ފެށީ މީގެ 4500 އަހަރު ކުރިންނެވެ. މި ޖަޒީރާ މިހާރުގެ ބައްޓަން ލިބުނީ ވޭތުވެދިޔަ 2000 އަހަރު ތެރޭގައި ކަމަށް ބެލެވޭއިރު، މިއީ މިޞްރުގެ ޖީޒާގެ އަހުރާމުތަކަށް ވުރެ ޒުވާން ޖަޒީރާއެކެވެ.
"ރާއްޖޭގެ ޖަޒީރާތައް އުފެދުނީ މިދިޔަ 5،000-4،000 އަހަރު ތެރޭގައި،" "މުރަކައިގެ ފަރުތަކާއި، މުރަކައިގެ އެތިކުނޑިފުއްތަކާއި، ގާކޮޅުތަކާ އަދި ވެލި ޖަމާވުމުގެ" ޙަރަކާތްތަކެއްގެ ސަބަބުންނާއި "ކަނޑުގެ ލޮނުގަނޑު އުސްވުމުގެ ރޭޓް ވަރަށް ބޮޑަށް ލަސްވުމުން،" ކަމަށް ޓީޗާރސް ގައިޑް ފޮތުގައި ވެއެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުން މަޑުޖެހުމުގެ ކުރިން ކޮޅަށް ހުރެވޭނެ ހިކިފަސް ތަނެއް ނެތެވެ. ފަރުތައް ވަރުގަދަވަމުން ހެދިބޮޑުވަމުން ދިޔައީ ވަށައިގެންވާ އަރިމަތިތަކުގައެވެ. އުސްވަމުންދާ ކަނޑުގެ ލޮނުގަނޑު ފަހާ ދުވަމުންނެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރަށް ހަންމަތަކަން އައުމުން ފަރުތަކުގެ ބުޑަށް، ވެއްޔާއި، ގަލާއި، ގަސްގަހާގެހި ޖަމާވެ، ހިފެހެއްޓި ޖަޒީރާތައް އުފެދެނީއެވެ.
ގައިޑު ފޮތުގައި ޕޯލް ކެންޗްގެ ދިރާސާއަކުން މި ޕްރޮސެސް އެތައް އެޓޯލްތަކެއްގެ ތެރޭގައި ހިނގާފައިވާ ގޮތް ދިރާސާކޮށްފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތް ކުރެއެވެ. އޭނާގެ ދިރާސާތަކުގައިވެސް "ސިންކިންގ އައިލެންޑްސް" (ފެތެމުންދާ ރަށްތައް) ގެ ތިއަރީއަށް ގޮންޖަހާފައިވާ ހޯދުންތައް ހިމެނެއެވެ.
"ކަނޑުގެ ލޮނުގަނޑު މައްޗަށް ދިޔަ ނަމަވެސް، ރާއްޖޭގައިވެސް އަދި ޕެސިފިކްގައި ވެސް - ރަށްތައް ކުޑަވަމުންދާ ކަމަކަށް ނުފެނޭ،" ޑްރޮކްސްލާ ފާހަގަކުރެއްވިއެވެ. "2004 ވަނަ އަހަރުގެ ސުނާމީއަށް ފަހު ވެސް ޕޯލް ކެންޗު ޤަބޫލުކުރެއްވީ މި ބޮޑެތި ރާޅުތަކުން ކަނޑުގެ އެތައް މިތަނުން މެޓީރިއަލް ގެނެސް ރަށްތަކަށް ޖަމާކުރާނެ ކަމަށް. އެހެންވީމަ އެއްގޮތަކަށް ބުނާނަމަ ޖަޒީރާތައް ގުދުރަތީ ގޮތުން އުފުލިފައި ވަނީ މި ސުނާމީގެ ސަބަބުން." ޑްރޮކްސްލާ ވިދާޅުވިއެވެ.
ކަނޑުގެ ލޮނުގަނޑަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް ޖަޒީރާތައް ބަދަލުވެ، ބޮޑުވެ، ގިރައިގެން ގޮސް ވެއެވެ. މީގެ 2،000 އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއް ކުރިން އުފެދުނު ހުވަދޫ އަތޮޅުގެ ކުޑަ ޖަޒީރާއެއް ކަމަށްވާ ކަނޑަހަލަގަލާ އާ ބެހޭ ގޮތުން ކެންޗް ކުރި ދިރާސާއިން ދައްކާ ގޮތުގައި ފާއިތުވި 50 އަހަރު ތެރޭގައި އެރަށުގެ ސަރަޙައްދަށް ގާތްގަނޑަކަށް 40 މީޓަރުގެ ބަދަލެއް އައެވެ. މިއީ ފުރަތަމަ އެރަށް އުފެދުނު ދުވަސްވަރު އައި 200 ވަރަކަށް މީޓަރުގެ ބަދަލާ އަޅާކިޔާއިރު، ކުޑަ މިންވަރެކެވެ.
މުހިންމުވަނީ ކީއްވެ؟
މި ފޮތުގައި 2100 ވަނަ އަހަރަށް ދާއިރު، މޫސުމަށް އަންނާނެކަމަށް ލަފާކުރެވޭ ބަދަލުތަކާއި އެކަމުގެ ސަބަބުން ދިވެހި ޖަޒީރާތަކުގެ މުސްތަޤްބަލަށް ކުރާނެ އަސަރުގެ މައްޗަށް އަލިއަޅުވާފައި ވެއެވެ. "މާޒީއަކީ އަބަދުވެސް މުސްތަގުބަލުގެ ސުވާލުތަކަށް ދޭ ޖަވާބެއް،" ކަން ފާހަގަކުރައްވާ ޑްރޮކްސްލާ ވިދާޅުވީ "މާޒީގައި ހިނގާފައިވާ ކަންތައްތައް އެނގިއްޖެނަމަ މުސްތަގުބަލު ރަނގަޅަށް ލަފާކުރެވޭނެ." ކަމަށެވެ.
ކަނޑުގެ ލޮނުގަނޑު އުފެލޭ މިންވަރު މިހާރު ދަނީ ހަލުވިވަމުންނެވެ. ފާއިތުވި 140 އަހަރު ތެރޭގައި ދުނިޔޭގެ އެވްރެޖް ކަނޑުގެ ލޮނުގަނޑު ގާތްގަނޑަކަށް 260 މިލިމީޓަރަށް މައްޗަށް ގޮސްފައިވީ ނަމަވެސް އެ ރޭޓް ދަނީ ބޮޑުތަނުން އިތުރުވަމުންނެވެ. 1993 ވަނަ އަހަރުން ފެށިގެން ސެޓެލައިޓުން ބެލީމާ ދައްކާ ގޮތުގައި މި އިތުރުވުން، ދަހަރަކަށް ބަލައިފީވިއްޔާ، އަހަރަކު 2.27 އެމްއެމް، ދެން 3.29 އެމްއެމް، އަދި އެންމެ ފަހުގެ ދިހަ އަހަރު އަހަރަކު 4.68 އެމްއެމް އިތުރުވެއެވެ. ޖިއޮލޮޖިކަލް ރެކޯޑުން ދައްކާ ގޮތުގައި އަހަރަކު ގާތްގަނޑަކަށް 13 މިލިމީޓަރުގެ އުފުލުނަސް، މުރަކައިގެ ފަރުތައް މައްޗަށް ހެދި ބޮޑުވެ، ދެމިގަންނާނެއެވެ. މީގެ 10،000 އަހަރާއި 6،500 އަހަރާ ދެމެދުގެ ދުވަސްވަރު އަވަސްގޮތެއްގައި ކަނޑުގެ ލޮނުގަނޑު އުފުލުނު އިރު، ފަރުތައްވަނީ އެމިންވަރުގެ އުސްވުމާ ކާމިޔާބުކަމާއެކު ކުރިމަތިލާފައެވެ/
އެކަމަކު ފަރުތަކަށް ތަކާނެ ހައްދުތަކެއް އެބަހުއްޓެވެ. އަދި އިހުގައި ވީ ގޮތާ ޚިލާފަށް ގަނޑުފެނުގެ ޝީޓްތައް މަޑުމަޑުން ގިރުމުގެ ބަދަލުގައި ފުނޑުފުނޑު އެކަށް ގިރި ދިއުމުގެ ބިރުވެސް އެބަ އޮތެވެ.
"14،500 އަހަރު ދުވަހުގެ ކުރީގައި. ކަނޑުގެ ލޮނުގަނޑު ގާތްގަނޑަކަށް 14 މީޓަރު މައްޗަށް ދިޔައީ 500 އަހަރަށް ވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި،" ޑްރޮކްސްލާ ވިދާޅުވި އެވެ. "އެހެންވީމަ ތިޔަ ދައްކަވަނީ ކަނޑުގެ ލޮނުގަނޑު ޤަރުނަކުން މީޓަރެއް މައްޗަށް ދިއުމުގެ ވާހަކަ. މިއީ ރާއްޖެއަކަށް މާފަހި ގޮތަކަށް ނުވާނެ،" އޭނާ އިންޒާރު ކުރެއްވިއެވެ.
ކުއްލިއަކަށް ގަނޑުފެނުގެ ޝީޓުތައް ވިރުނީމާ، އެނުކުންނަ ފެނުގެ އަސަރު ޓަހީޓީ، ބާބެޑޯސް، ގްރޭޓް ބެރިއާ ރީފް، އަދި ހަވާއީގެ މުރަކަ ފަރުތަކުން ފާހަގަވެފައި ވެއެވެ. އެތަންތަނުގެ ފަރުތައް ދިރާސާކުރުމުން އެނގުނީ ކަނޑުގެ ލޮނުގަނޑު ހަލުވިކަމާއެކު، ބޮޑުތަނުން މައްޗަށް ދިއުމަކީ ކުރިން ޤުދުރަތީގޮތެއްގައި ހިނގާފައިވާ ކަމެއް ކަމަށެވެ. ނަމަވެސް ސުވާލަކީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވެ، މިފަދައިން ގަނޑުފެން ކުއްލިއަކަށް ވިރޭން ފަށައިފާނެ ތޯއާއި، އެކަމުން ކުރާނެ އަސަރުގެ މިންވަރެވެ.
"ޤުދުރަތީ ގްލޭޝިއަލް ސައިކަލްތަކުގެ ތެރޭގައި ފިނިން ހޫނަށް ބަދަލުވާއިރު ނުކުންނާނެހާ ސީއޯ2 މިވަނީ ފާއިތުވި ދެތިން ދިހަ އަހަރު ތެރޭގައި އިންސާނުންގެ ޙަރަކާތްތަކުން ޖައްޗަށް ދޫކޮށްފައި،" ޑްރޮކްސްލާ ފާހަގަކުރެއްވި އެވެ. މިހާރު ޖައްވުގައި މިލިއަނަކަށް 428 ކުނޑިފުށްވަރު އެބަހުއްޓެވެ. މިއީ ސިނާޢީ އިންޤިލާބުގެ ކުރިން ހޫނު ދުވަސްވަރު ހުރި މިލިއަނަކަށް 280 ކުނޑިފުށްވަރަށް ވުރެ މާ މަތީ ޢަދަދެކެވެ. "ޝައްކެއްވެސް ނެތްގޮތުގައި އަޅުގަނޑުމެން މިދަނީ ގްރީންހައުސް ގޭސްތަކުގެ ޖައްވުގެ ޠަބީޢަތު ބަދަލުކުރަމުން، އަދި މިހާތަނަށް ތަޖުރިބާކޮށްފައި ނެތް ބާރުމިނެއްގައި." ޑްރޮކްސްލާ އޮޅުންފިލުއްވައި ދެއްވިއެވެ.
ޓީޗާރސް ގައިޑު ފޮތުގައި، ޖިއޮލޮޖިކަލް ރެކޯޑަށް ރިޢާޔަތްކޮށް އަންދާޒީ ޙާލަތްތަކެއް ހުށަހަޅާފައި ވެއެވެ. 2100 ވަނަ އަހަރު ކަނޑުގެ ލޮނުގަނޑު 0.43 މީޓަރު މައްޗަށް ދިއުމުން (އަހަރަކު ގާތްގަނޑަކަށް 5.35 މިލިމީޓަރު) ޤުދުރަތީ ޖަޒީރާތައް ދެމި އޮންނާން އުނދަގޫ ވާނެއެވެ. އަހަރަކު 12.5 މިލިމީޓަރުގެ ރޭޓުގައި ނަމަ 2100 އާ ހަމައަށް 1.1 މީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލޭނެއެވެ. އެހެންވީމާ ރަށްތައް ފުނޑުފުނޑުވެ ނެތިގެން ދިއުން އެކަށީގެންވާ ކަމަށް ލަފާ ކޮށްފައި ވެއެވެ. އަހަރަކު 22.5 އާއި 30 މިލިމީޓަރުގެ ރޭޓެއްގައި ކަނޑުގެ ލޮނުގަނޑު އުފުލޭނަމަ، 2100 އާ ހަމައަށް 1.8 އާއި 2.4 މީޓަރަށް ކަނޑުގެ އުސްމިން ފޯރާނެއެވެ. އޭރުން 14،500 އަހަރު ކުރިން ފަރުތައް އެކަށް ޣަރަގުކުރި ޙާލަތަށްވުރެ ވެސް، ފަރުތަކަށް ކުރާނެ އަސަރު ބޮޑުވާނެކަމަށް ފޮތުގައި ލަފާކޮށްފައި ވެއެވެ.
"މައިގަނޑު އަދި މުހިންމު އެއް ސުވާލަކީ ތިރި މުރަކަ ޖަޒީރާތަކާއި އަތޮޅުތައް ވެސް ކުރިއަށް އޮތްތަނުގައި ކަނޑުގެ ލޮނުގަނޑު މައްޗަށް ދިއުމުން ސަލާމަތްވެވޭނީ ކިހިނެއްތޯ،" ޓީޗާރސް ގައިޑު ނިންމާލަމުން ލިޔެފައިވެއެވެ.
ކަނޑުތައް އުފުލިގެން ދިއުމަކީ ހަމައެކަނި ނުރައްކަލެއް ނޫނެވެ. ކަނޑުގެ ހޫނުމިން މަތިވުމުގެ މުރަކަ ހުދުވުން ޢާންމުކަމަކަށް ވާން ފަށާފައި ވާއިރު، ކަނޑަށް ދަމާ ސީއޯ2 ގޭހުގެ މިންވަރު އިތުރުވުމުން ލޮނުގަނޑުގެ ޕީއެޗް ދަށްވެއެވެ. ލޮނުގަނޑުގެ އެސިޑުކަން ގަދަވެއެވެ. މުރަކައިގެ ސެލްތައް އުފައްދާ ހިރިގަލުގެ ފަށަލަ ހައްދާން އެސޮރުމެންނަށް ދަތިވެއެވެ.
ފައިދަށުގައިވާ އަލިމަސްތަކެއް ފަދަ
ޑްރޮކްސްލާ ފުރަތަމަ ފަހަރަށް ދިވެހިރާއްޖެ ޒިޔާރަތްކުރީ 1987 ގައެވެ. ޖޮއިޑެސް ރެސޮލިއުޝަން ކިޔާ ރީސާޗް އުޅަނދެއްގައެވެ. އެއީ އޯޝަލް ޑްރިލިންގް ޕްރޮގްރާމް ކިޔާ ކުންފުންޏަކުން ކުއްޔަށް ހިފާފައިވާ އުޅަނދެކެވެ. އޭނާގެ ޢުމުރުން އޭރު 33 އެވެ. ބަހާމާސްގެ ކާބިނެޓް ޕްލެޓްފޯމްތަކުގެ މައްޗަށް އޭނާ ލިޔުނު ޕީއެޗްޑީ ދިރާސާ ހަމަ ނިމުނުތަނާ ހެންނެވެ.
ދިވެހިރާއްޖެ އަންނަން ރާވާފައި އޮތީއެއް ނޫނެވެ. ރާވާފައި އޮތީ އީކުއޭޓަރ އާ ދިމާލުން، އިންޑިޔާ ކަނޑުގެ ސަރަޙައްދުން ބޯހޯލް ތޮރުފައި، ސާމްޕަލް ނަގާށެވެ. އެއީ މޮރިޝަސް ކައިރިންނެވެ. މިހިސާބަށް އާދެވުނު ބުރުގައި ދިވެހިރާއްޖޭގައި ވެސް ތަޙްލީލު ހިންގާން ޑްރޮކްސްލާ ހުށަހެޅުއްވީއެވެ.
މޮރިޝަސްގައި އިންތިޚާބެއް ބޭއްވިއެވެ. އާ ސަރުކާރުން ދުށީ، އެރިސާޗް އުޅަނދަކީ އެމެރިކާގެ ސީއައިއޭގެ އޮޕަރޭޝަނެއް ކަމަށެވެ. މަރިޝަސްގެ ކަނޑުގެ ސަރަޙައްދުގައި ތޮރުފާން ހުއްދައެއް ނުދިނެވެ. ޓަސްލާފައި ވަގުތު ގިނަވެއްޖެއެވެ.
"ޓަސްލާފައި ރާއްޖޭގެ ޚިޔާލު ހިތަށް އިލްހާމެއްހެން ވަދެއްޖެ؛ ޗާގޯސް އިން އަޅުގަނޑުމެން ފުރީ، އެއޮތް ބޮޑު ބޯޓުގެ މަތީ ޑެކުގައި އަހުރެނަށް ހެވިފައި ހުރެވުނީ މަސްތުވެގެން ހުރި މީހަކު ހެން. ފޭބި އަހަރު ނުކުތް ޕޯލް ސިމަންސްގެ ގްރޭސްލޭންޑް އަލްބަމް އަޑުއަހަމުން. އިވެމުންދިޔައީ 'ޑައިމަންޓްސް އޮން ދަ ސޯލްސް އޮފް ހާރ ޝޫޒް'" ޑްރޮކްސްލާ ގެ ތަޖުރިބާ ޙިއްސާކުރައްވަމުން ކިޔައިދެއްވިއެވެ.
ކޮންމެއަކަސް، ރާއްޖެ އައިސް ބޯހޯލް ތޮރުފައިގެން ނެގި ސާމްޕަލްތަކުން 4 ދަހަރުން ދިރާސާކޮށް ހުސްނުވާ އެތައް ކަމެއްގެ މައްޗަށް ލޯހުޅުވިއެވެ. އެގޮތުން ސާފުވީ އެންމެ ވަރުގަދަ ޙަޤީޤަތަކީ ދިވެހިރާއްޖޭގެ ތަރަޙައްދުގެ ތަރަހައިގައި އޮތީ 55 މިލިޔަން އަހަރާއި 57 މިލިޔަން އަހަރާ ދެމެދުގެ ކުރިން، އުފެދިފައިވާ އަލިފާން ފަރުބަދައިގެ ހިލަ ފަށަލައެއް ކަމެވެ. ހިރިގަލުގެ ފަށަލަ ބިނާވެފައިވަނީ އެ ބަރުހިލައިގެ ފަށަލައިގެ މައްޗަށް ކަމެވެ.
އޭރުއްސުރެން އެކި ފަހަރުމަތިން ޑްރޮކްސްލާ ރާއްޖެއަށް ޒިޔާރަތް ކޮށްފައި ވެއެވެ. 2002 ގައި މާލޭގެ ވަށައިގެންވާ ސަރަޙައްދު މެޕް ކުރިއެވެ. 2010 ގައި ދިވެހި ސަރުކާރުން ކުރި ކޮންޓިނެންޓަލް ޝެލްފްގެ ދަޢުވާއަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދީ، ދިވެހި ސަރުކާރަށް ލަފާދީފައި ވެއެވެ. 2023 ގައި ފުލްބްރައިޓް ރެޒިޑެންސީ ފުރިހަމަ ކުރެއްވިއެވެ.
ޑްރިލް ކޯރތައް ރަންފަދަ
ޑްރޮކްސްލާގެ ރެޒިޑެންސީއަށް 2023 ގައި ރާއްޖެ ވަޑައިގެންނެވިއިރު، އޭނާގެ ހިތުގައިވެސް ވަނީ އެތައް ބަޔަކު ކުރަމުންދިޔަ ސުވާލެކެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ބިނާކުރާން ނެގި، ޑްރިލް ކޯރ ސާމްޕަލްތައް އެކުއިނުލާ އެބަހުރި ހެއްޔެވެ؟ ބޯހޯލްތައް ތޮރުފައިގެން އެވަނީ ކަނޑުއަޑީގައިވާ ބިންގަނޑުގެ ގޮތް ބާވަތާއި ޖޯރުހުރި ނެތްވަރު ދެނެގަނެފައެވެ. އެބޯހޯލްތަކުން ތޮރުފައިގެން ނެގި ޑްރިލް ކޯރ ސާމްޕަލްތަކުގައި އެވަނީ ލައްކައެއްހާ އަހަރުގެ ޖިއޮލޮޖިކަލް ރެކޯޑްތަކެވެ.
"އަޅުގަނޑަށް ކުރިންވެސް ސުވާލު އުފެދުނު. ޗައިނާ ބްރިޖުގައި ބޯހޯލް ސާމްޕަލްތައް އެބަހުރިބާ؟" ޑްރޮކްސްލާ ސުވާލު އުފައްދަވަމުން ވިދާޅުވީ، އެޖަވާބު ދެވޭނެ މީހަކު ނެތްކަމަށާއި، އެންމެންވެސް ބުނަނީ ޗައިނާ މީހުން އައިސް ބްރިޖެއް އަޅާފައި ދިޔައީ ކަމަށާއި، އެކަމުގައި ދިވެހިންގެ ބައިވެރިވުން ނުހަނު ކުޑަ ކަމަށް ކަމަށެވެ.
އެހެންނަމަވެސް، ބިޑް ޑޮކިއުމަންޓް ތައްޔާރު ކުރުމަށް ދިވެހި ސަރުކާރުން ފައިސާ ޚަރަދުކޮށްގެން ކުރިން ހިންގާފައިވާ މަޝްރޫޢެއްގައި އެހެން ޑްރިލް ކޯރ ނަގާފައި އެބަހުއްޓެވެ. އެ ޑްރިލް ކޯރތައް ނެގީ، މާލެއާ ހުޅަނގު ދެކުނު ފަރާތު ތިލަ ސަރަޙައްދަކުން ފެށިގެން 48 މީޓަރު ފުންމިނާ ހަމައަށްދާ ކަނޑުއޮޅިއަކުންނެވެ. ކަނޑުގެ ބިންގަނޑުގެ 125 އަޑިއަށް ތޮރުފިއެވެ. އެ ޑްރިލް ކޯރތަކުގައި މިލިއަނެއްހާ އަހަރުގެ ޖިއޮލޮޖިކަލް ރެކޯޑު ހުންނާނެ ކަމަށް ބެލެވެއެވެ.
ޑްރޮކްސްލާއަށް އެ ޑްރިލް ކޯރތަކުގެ ޚަބަރު އެނގުނީ ކުރީގެ ސަރުކާރާ އޮތް ގުޅުންތަކެއްގެ ތެރެއިންނެވެ. ޖިއޮސައިންޓިސްޓެއް ކަމަށްވާ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުޙައްމަދު އަސްލަމް އަމިއްލަފުޅަށް ގުޅުއްވާފައި، "މާދަމާ ތިލަފުށްޓަށް ތިޔަ އުޅުއްވަނީ ވަޑައިންނަވަން. އެތަނުގައި ރީތި ބޯހޯލްތަކެއް އެބަހުރި،" ވިދާޅުވި ކަމަށް، ޑްރޮކްސްލާ ކިޔައިދެއްވިއެވެ.
ތިލަފުށިން އޭނާއަށް ފެނުނު މަންޒަރުން ޖޯޝް އުފެއްދިއެވެ. ދެރަވެ، ކަންބޮޑުވެސް ވިއެވެ. އެލޯވަޅުތަކުން ނެގި ސާމްޕަލްތައް ޖިއޮޓެކްނިކަލް އެނަލިސިސް އަށް ދުބާއީއަށް ފޮނުވާފައި ވާއިރު، އަނބުރާ ގެނެސްފައި އެސާމްޕަލްތައް ބަހައްޓާފައޮ ހުރީ ހާމައަށް، ފުރާޅުގަނޑެއް ލާފައި، އެންމެ ފާރެއް ހުރި ތަނެއްގައެވެ. ސާމްޕަލްތައް ހުރީ އެގޮތް މިގޮތަށް ބަހައްޓާފައެވެ. ލޭބަލްތައް ހުރީ ފޮހެވިފައެވެ. ސާމްޕަލްތައް ރައްކާކޮށްފައި ހުރި ލަކުޑި ފޮށިގަނޑުތައް ހުރީ ކަތުރުފަނި އަޅައި، ކައިފައެވެ.
"އެތަނަށް އައިއިރު ބައެއް ލޭބަލްތައް ފޮހެވި، އެ ލޭބަލްތައް ހުރީ މަސްހުނިވެ، ގަޑުބަޑުވެފައި،" ކަމަށް ވިދާޅުވެ، ޑްރޮކްސްލާ ވިދާޅުވީ އެފަދަ ސާމްޕަލަކީ އޭނަފަދަ ސައިންޓިސްޓަކަށް ރަން ކަމަށެވެ.
މިނިސްޓްރީގެ އެހީތެރިކަމާއެކު، ގާތްގަނޑަކަށް 10 ވަރަކަށް މަސައްކަތު މީހުންގެ ހިންމަތުން ޑްރޮކްސްލާ އެސާމްޕަލްތައް ކަމާލުކުރައްވައި، ރައްކާތެރިކުރުމުގެ މަސައްކަތް ހިންގެވިއެވެ. 13 ބޯހޯލްގެ ސާމްޕަލްގެ އޮޅުން ފިލުވައި، އަލުން ފޮށިފޮށީގައި ބަންދުކޮށް، ލޭބަލް ޖަހައި، ކެޓަލޮގް ކުރެއްވިއެވެ. 9 ސާމްޕަލެއް މާލޭގެ ޕްރައިވެޓް ސްޓޯރޭޖަކަށް ބަދަލުކޮށްފައި ވެއެވެ. މުއްދަތު ހަމަވި އިރު، 4 ސާމްޕަލް އަދިވެސް ތިލަފުށީގައި ހުއްޓެވެ. އަލުން އަނެއްކާވެސް ސާމްޕަލްތައް އެހެން ތާކަށް ބަދަލުކުރާން ޖެހުނެވެ. މިހާރު އެ ސާމްޕަލްތައް ރައްކާކޮށްފައި ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބަލަހައްޓާ އެއާޕޯޓުގެ ގުދަނެއްގައެވެ.
އެތަކެތި ޕްރޮސެސް ކުރުމަކީ – ކަނޑައި، ހިލަ ފަށަލަތަކުގެ ތާރީޚު ކަނޑައެޅުމާއި، މުރަކަ ބޮޑުވުމާއި އެކްސްޕޯޒްވުމުގެ ދައުރުތައް ދެނެގަތުމަކީ – ޕެސިފިކް ކަނޑުގެ އަތޮޅުތަކުން ފެންނާން ހުރި ގޮތްބާވަތާއި ފާޑު، އިންޑިއާ ކަނޑުންވެސް ފެނޭތޯ ކަށަވަރުކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ތިލަމާލޭ ބްރިޖް ބިނާކުރާ އިންޑިއާ ކުންފުނިން 120 މީޓަރުގެ ފުންމިނަށް ތޮރުފައި އާ ޑްރިލް ކޯރ ސާމްޕަލްތަކެއް ނަގާފައި ވެއެވެ. އެ އެތަކެތި ތަޙްލީލުގެ ބޭނުމަށް އަތުޖެހޭތޯ ޑްރޮކްސްލާ އިން 2025 ގެ ފަހުކޮޅު މަސައްކަތް ކުރިއެވެ.
"އެ ސާމްޕަލްތައް ކުނިވެ، ހަލާކުވަމުން ދިޔައީ، އެތަކެއްޗާމެދު އެނގޭ މީހަކު ނެތީމާ، ބޭނުމެއް ނެތް އެއްޗެއްކަމަށް އެއްލައިލާނީ ކަންނޭނގެ އެހެން ހުރެހުރެފައި،" ޕްރޮފެސާރ ޑޮރޮކްސްލާ ވިދާޅުވިއެވެ.
ތަފާތު އުނގަންނައި ދިނުމެއް
"މި ފޮތުގެ ބޭނުމަކީ ސްކޫލްތަކުގައި ކިޔަވައި ދިނުން – ޑާވިންގެ މޮޑެލް ކިޔަވައިދެމުންދިޔަ ގޮތް ހުއްޓައިލުން،" ކަމަށާއި، އެފޮތުގެ އަނެއް ބޭނުމަކީ ސައިންސަކީ ދިރިދިރި އޮންނަ، އެމައްޗަށް ހޯދުންތަކާއި ދިރާސާއިން ބަދަލު އަންނަ އެއްޗެއްކަން ހާމަކޮށްދިނުން ކަމަށާއި، އެބަދަލު ސައިންޓިފިކް މޮޑެލްތަކަށް ގެނައުން ލާޒިމު ކަމަށް ޑްރޮކްސްލާ ވިދާޅުވިއެވެ.
މިފޮތް އެކުލަވާފައިވަނީ ފަސް ބާބުގެ މައްޗަށެވެ. އެއީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 12 އާ ހަމައަށެވެ. އެ ދަރިވަރެއް ނިސްބަތްވާ ރަށެއްގެ ޤުދުރަތީ ސިފަތަކަށް ވިސްނުން ހިންގާން އެފޮތުގައި ބުނެއެވެ. ފޮތުގެ ފަހަތު ކޮޅަށް އައިއައިހެން، ޑްރިލް ކޯރއާއި، ސެއިސްމިކް ފޮޓޯތަކާއި، ގަނޑުފެންގަނޑުތަކުގެ ރެކޯޑުތައްފަދަ އާ މޮޑެލް އެމައްޗަށް ބިނާކޮށްފައިވާ ހެއްކާއި ޤަރީނާތައް ތަޢާރަފު ކޮށްދެއެވެ.
"މިކަން ކުރާން (ފޮތް އެކުލަވާން) ދޮޅު އަހަރު ނެގި،" ޕްރޮފެސާރ ޑްރޮކްސްލާ ވިދާޅުވިއެވެ. އޭނާ މަސައްކަތްކުރެއްވީ ސްކޫލްގެ ނިޒާމާއި، ސައިންސްގެ މަފްހޫމްތައް ދަންނަ ދިވެހި އެޑިއުކޭޓަރުންނާ އެކުގައެވެ. އެތައް ދަހަރެއްގެ ރިސާރޗް ތަރުޖަމާ ކުރާން ޖެހުނެވެ.
"އެންމެ އަދާއިހަމަ މަޢުލޫމާތާއި ހެކި ބޭނުންކޮށްގެން، ދިވެހިރާއްޖޭގެ އަތޮޅުތަކާއި ރަށްތައް އުފެދިފައިވާ ގޮތް ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ފަހުމުކޮށްދެވޭނެ ކަން މި ޓީޗާރސް ގައިޑް ކަށަވަރުކޮށްދޭނެ،" ކަމަށާއި، އެންމެ ފަހުގެ ދިރާސާތައް އުނގަންނައިދޭ ފިލާވަޅުތަކުގައި ހިމަނައިގެން، ދަރިވަރުންނަކީ ބާރުވެރިވެފައިވާ، އެކަށީގެންވާ މަޢުލޫމާތު ލިބިހުރި، ސައިންޓިފިކް ރޮނގުގައި ލޯހުޅުވިފައިވާ ކުދިބަޔަކަށް ހެދޭނެކަމަށް އެގައިޑްގެ މުޤައްދިމާގައި ވެއެވެ.

