ސަރުކާރުގެ އުންމީދީ ނަޒަރާއި، ވޯލްޑް ބޭންކްގެ އިންޒާރު: 2026 ގެ ދައުލަތުގެ ބަޖެޓުގެ ތަޙްލީލެއް

2026 ގައި ލިބޭ ކޮންމެ ޑޮލަރަކުން 70 ސެންޓު ދަރަނި އަދާކުރަން.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

05 ނޮވެމްބަރު
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި 2026 ގެ ބަޖެޓު ބަޔާނުގެ ހުރިހާ ތަނެއްގައިވެސް އޮތީ ސިޔާސީ އިނގިލި ދިއްކުރުމާއި، އިލްޒާމެވެ. ފައިނޭންސް މިނިސްޓަރ މޫސާ ޟަމީރު، އަންނަ އަހަރުގެ 64.2 ބިލިޔަން ރުފިޔާގެ ބަޖެޓު ބުރާސްފަތި ދުވަހު މަޖިލީހަށް ހުށަހަޅުއްވަމުން، ދިވެހިރާއްޖެއަށް ދިމާވެފައިވާ ދަރަނީގެ މައްސަލައިގެ ޒިންމާ މުޅިން އެޅުއްވީ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމުގައެވެ.
އެގޮތުން ނޮވެންބަރު 2023 ގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތްއިރު، ދިވެހިރާއްޖެ ބަނގުރޫޓު ވެދާނެކަމުގެ އިންޒާރުގެ ރަނގަބީލު، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން އަޅަމުންދިޔަ ކަން ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ. ތެދެކެވެ. އައިއެމްއެފް އާއި ވޯލްޑް ބޭންކުން، ދިވެހިރާއްޖޭގެ ބޭރުގެ ދަރަނީގެ ދެމެހެއްޓެނިކަން ނެތްކަމުގެ މައްޗަށް އިންޒާރުދީ، ޚަރަދުކުޑަކުރާން ނަޞޭޙަތްތެރިވަމުން އައިސްފައިވެއެވެ.
މާލީ ސިޔާސަތު ތަންފީޒުކުރުމާއި، އިޤްތިޞާދު މެނޭޖުކުރުމުގައި މިސަރުކާރަށް އުފުލާންޖެހިފައިވަނީ ބޮޑު ބުރައެއްކަމަށާއި، 2026 އޭޕްރީލްގައި 600 މިލިޔަން ޑޮލަރު ދަރަނި އަދާކުރާން ހޭދަކުރަންޖެހޭނެކަން ފައިނޭންސް މިނިސްޓަރ މަޖިލީހުގައި ވިދާޅުވިއެވެ. އަދި މިދަރަނީގެ ސަބަބުން ބޭރުގެ އެހީ އަދި ލޯނުވެސް ހޯދާން އިންތިހާއަށް ދަތިވެފައިވާ ކަން ހާމަކުރައްވާ، 2017 ގައި ވިއްކާފައިހުރި ބޮންޑު ރީފައިނޭންސް ކުރާން 2021 ގައި ބޮޑު އިންޓަރެސްޓް ރޭޓުގައި 500 މިލިޔަން ޑޮލަރުގެ ސުކޫކު ވިއްކާފައިވުމަކީ ޒިންމާދާރުކަން ކުޑަ ކަމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޓްރެޜަރީގައި ފައިސާ ރައްކާކޮށް، އިޤްތީޞާދީ ޙަރަކާތްތެރިކަން އިތުުރުކުރާން ކަމަށާއި، އެގޮތުން ޑޮލަރުން ދައްކާ ޓެކުހާއި ފީތަކުގެ މިންވަރު އިތުރުކޮށް، 40 ހަފްތާ ވާންދެން ބަޖެޓު ސާރޕްލަސް (އަރަނިވެ އިތުރުވުން) އެއް ހިފަހައްޓާފައިވާކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ވޯލްޑް ބޭންކުން ނެރުނު ރިޕޯޓުގައި ބުނަނީ "ދިވެހިރާއްޖެއަށް އޮތް ދަރަނީގެ މަތީ ދަރަޖައިގެ ހިރާސް (ރިސްކު) ދެމި އޮތް ކަމަށެވެ. ފައިނޭންސް މިނިސްޓަރު ދެއްކެވި ވާހަކައިގެ ރާގާ މުޅިން ޚިލާފަށެވެ. 2026 ގައި ދައުލަތަށް ލިބޭ އާމްދަނީ 70 އިންސައްތަ ހޭދަކުރާން ޖެހޭނީ ދަރަނި ދައްކާން ކަމަށް އެރިޕޯޓުގައި އިންޒާރު ކުރެއެވެ.
މަޖިލީހުގައި ފައިނޭންސް މިނިސްޓަރ އިތުރަށް ވިދާޅުވީ ބޭރުގެ ދަރަނީގެ ދެމެހެއްޓުންތެރި ކަމާއި، ދެއްކޭނެ ކަންމައްޗަށް ހުރި ކަންބޮޑުވުންތައް ރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ބޮޑު ނަމަވެސް، އެނުރައްކަލާއި ކަންބޮޑުވުންތަކުގެ ތަސައްލީއެއްގެ ގޮތުގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވާނެ ކަމަށެވެ.
މި ލިޔުމުގައި ޟަމީރު ދެއްކެވި ވާހަކައާއި، ވޯލްޑް ބޭންކްގެ ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ކަންކަމާ އަޅާ ކިޔާނަމެވެ.

"ސަރޕްލަސް"

ސަރުކާރުގެ ބަސް:
ފައިނޭންސް މިނިސްޓަރ ވިދާޅުވަނީ ބަޖެޓު ސަޕްލަސްއިން ރަމްޒުކޮށްދެނީ ޚަރަދު ބެލެހެއްޓުމާއި، މެނޭޖުކުރުމުގައި ސަރުކާރުން ރަނގަޅު ހަމަތަކެއް ގެންގުޅޭ ކަން ކަމަށެވެ. މިއަހަރުގެ ޖޫން މަސް ނިމުނުއިރު، 2024 ގައި ހުރި 4.9 ބިލިޔަން ރުފިޔާގެ ޑެފިސިޓްގެ ބަދަލުގައި، 1.2 ބިލިޔަން ސަރޕްލަސް އެއް ރެކޯޑުތަކުން ދައްކައެވެ. އެ މިންވަރު އެންމެ 6.3 މިލިޔަން ރުފިޔާއަށް އޮކްޓޫބަރު 23، 2025 އާ ހަމައަށް އައި އިރު ތިރިވެއްޖެއެވެ.
ވޯލްޑް ބޭންކްގެ ބަސް:
މި ސަރޕްލަސްގެ ސަބަބަކީ ޢުމްރާނީ މަސައްކަތްތަކަށް ކަނޑައަޅާފައިވާ 12.5 ބިލިޔަން ރުފިޔާއިން ޚަރަދު ނުކުުރުން ކަމަށާއި، އެޖުމުލައިން ޚަރަދުކުރީ ނިމިދިޔަ ހަފްތާގެ ނިޔަލަށް 4.2 ބިލިޔަން ރުފިޔާ ކަމަށެވެ. މިއީ 62.6 އިންސައްތަ ކުރީ އަހަރާ އަޅާކިޔާއިރު ދަށްވުމެކެވެ.
މިއާއެކު، ސަރުކާރުން އެތައް ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދަރާ އޮތް ކަމަށްޓަކައި، އެ ބިލުބޮނޑި ދައްކާން ޖެހިފައިވެއެވެ. ފައިނޭންސް މިނިސްޓްރީ އިން ބުނަނީ ކުރީގެ ސަރުކާރުން ނުދައްކާ 9 ބިލިޔަން ރުފިޔާގެ ބިލު އޮތް ކަމަށެވެ.
އެހެންވީމާ، ވޯލްޑް ބޭންކުން ބުނަނީ "ކެޕިޓަލް ޚަރަދު ނުހިންގިޔަސް،"، "ޚަރަދު ކުރާންޖެހޭ މިންވަރު ކުޑަ ނުވާ" ކަމަށާއި، ދައުލަތުން ދައްކާންޖެހޭ ފައިސާ ވީ އިތުރު ކަމަށެވެ.
މީގެ އިތުރުން، ސަރުކާރު ޙިއްސާވާ ކުންފުނިތަކަށް ދައުލަތުގެ އެކި އޮފީސްތަކާއި މުވައްސަސާތަކުންވެސް ނުދައްކާ އޮތް ފައިސާގެ ޢަދަދު ހުރީ ބިލިޔަނުން ބިލިޔަނުންެވެ. އޮފީސްތަކުގެ ކަރަންޓު ބިލަށްވާ 661 މިލިޔަން ރުފިޔާ ސްޓެލްކޯ އަށް ދައްކާން އޮތް އިރު، އެތެރެއާއި ރާއްޖެއިން ބޭރުގެ ހޮސްޕިޓާތަކަށް ނޭޝަނަލް ސޯޝަލް ޕްރެޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދައްކާން 662 މިލިޔަން ރުފިޔާ އެބަ އޮތެވެ. ކުލިނިކްތަކާއި ހޮސްޕިޓާތަކަށް ނޮވެންބަރު 2023 ވީ އިރު ދައްކާންވެފައި 1.15 ބިލިޔަން ރުފިޔާ އޮތެވެ. މި ބިލުތައް ދެއްކިކަން ސާފު ނުވާކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ވޯލްޑް ބޭންކުން ބުނަނީ ފައިނޭންސް މިނިސްޓްރީގެ ހަފްތާގެ ޚަރަދުބަރަދުގެ އަދާއިހަމަ (އަޕްޑޭޓް) އިން އެނގޭން އޮތީ ފައިސާ ދެއްކި ކަމަށް ރެކޯޑުކުރިޔަސް، އެފައިސާ ޙަޤީޤަތުގައިވެސް ދެއްކިކަން ސާފު ނުވާކަމަށެވެ.
ކަންމިހެން ހުރިއިރު، ޟަމީރު މަޖިލީހުގައި ދެއްކެވި ވާހަކައިގައި ބަލާލުމެއް، ޕްލޭނެއް ނެތި، ކަން ހިންގުމުގެ މާލީ އަދި ފަންނީ ޤާބިލުކަން ނެތް ފަރާތްތަކަށް އެމްޑީޕީގެ ސަރުކާރުން މަޝްރޫޢުތައް އެވޯޑުކޮށްފައި ހުރިކަމާއި، އެކަމުގެ ސަބަބުން ބިލުތަކަށް ފައިސާ ދެއްކުމުގައި އޮޅުންފިލުވާން ޖެހޭ ކަންކަން ގިނަކަމަށާއި، ފައިސާ އަދާކުރާން ދަތިތަކެއް ހުރިކަމަށެވެ.

ރެކޯޑު ޢަދަދަކަށް ރިޒާރވް

ސަރުކާރުގެ ބަސް:
ސެޕްޓެންބަރުގެ ނިޔަލަށް ރިޒާރވްގައި ހުރިކަމަށް ސަރުކާރުން ބުނަނިީ 860 މިލިޔަން ޑޮލަރެވެ. 2023 ގައި 591 މިލިޔަން ޑޯލަރެވެ. ބޭނުންކުރެވޭ ރިޒާރވްގައި ހުރީ އެންމެ 200 މިލިޔަން ޑޮލަރެވެ.
ފައިނޭންސް މިނިސްޓަރ ޟަމީރު ވިދާޅުވަނީ ސެޕްޓެންބަރު 2024 ގައި ހުރި 371.2 މިލިޔަން ޑޮލަރުގެ ރިޒާރވްއާ އަޅާ ކިޔާއިރު، މިއީ ކާމިޔާބެއް ކަމަށާއި، މި ކާމިޔާބުގެ ފަހަތުގައިވަނީ ޑޮލަރު މާރުކުރާން ސަރުކާރުން އެކުލެވި އައު ސިޔާސަތެވެ. ފަތުރުވެރިކަމުން ރިޒޯޓުތަކާއި ހޮޓާތައް ހޯދާ ޑޮލަރުން ބައެއް ބޭންކްތަކަށް މާރުކުރާން މިހާރު މަޖުބޫރެވެ.
ވޯލްޑް ބޭންކްގެ ބަސް:
ބޭނުންކުރެވޭ ގޮތަށް ހުރީ 200 މިލިޔަން ޑޮލަރުކަމުން، އެއީ މަސްދުވަހުގެ ކާޑާއި ބޭހާއި ތެލުގެ އިމްޕޯޓަށްވެސް މުޅިން ނުފުދޭހާ މިންވަރުގެ ފައިސާއެވެ. ޙަޤީޤަތުގައި މިމިންވަރުން ފުދެނީ އެންމެ 21 ދުވަހުގެ އަސާސީ އިމްޕޯޓަށެވެ. 3 މަސްދުވަހުގެ އަސާސީ އިމްޕޯޓަށްވާ ފައިސާ ރިޒާރވްގައި ނެތުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކުން ދެރަވަރު، ނުރައްކާ ހުރި ކަމެކެވެ.
ޟަމީރު ވިދާޅުވާ ގޮތާ ޚިލާފަށް، ވޯލްޑް ބޭންކުން ބުނަނީ ޖުލައި 2025 ގައި ސޮވަރިން ޑެވަލޮޕްމަންޓް ފަންޑުގައި ހުރި 80 މިލިޔަން ޑޮލަރުގެ ޢަދަދަކީ ބޭރުގެ ދަރަނި ދައްކާންވެސް ނުފުދޭހާ މަދު މިންވަރެކެވެ.
ޟަމީރު ވިދާޅުވި ރިޒާރވްގެ އިތުރުވުމުގެ ސަބަބަކީ އިންޑިޔާއާއެކު ކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުޢާމަލާތެވެ. ފަތުރުވެރިކަމުން ލިބޭ ޑޮލަރު މާރުކުރާން މަޖުބޫރު ކުރުމެވެ. އަދި ކޮންސްޓްރަކްޝަން ސިނާޢަތް މަޑުޖެހިފައިވާތީ، އިމްޕޯޓުކުރާ މިންވަރު ދަށްވުމެވެ.
މިއާއެކު ވޯލްޑް ބޭންކުން ފާހަގަކުރަނީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 20.2 ރުފިޔާއަށް އަރާފައިވާ ކަމަށާއި، ސަރުކާރުގެ ރަސްމީ 15.42 ރުފިޔާގެ ރެޓާ އަޅާ ކިޔާއިރު، ޑޮލަރުގެ ހަމަ އަގު ހުރީ 31 އިންސައްތަ މަތީގައި ކަމަށާއި، މިކަމުގެ ސަބަބުން އިމްޕޯޓު މުދަލުގެ އަގު އުފުލިފައިވާ ކަމަށެވެ. ވިޔަފާރިތަކަށް ޑޮލަރު ލިބުން ނުހަނު ދަތިވެފައިވާ ކަމަށެވެ.

ދަރަނީގެ ނުރަައްކާ

ސަރުކާރުގެ ބަސް:
ސަރުކާރަށް 2026 ގެ ބަޖެޓުން އަޞްލުގައި ޚަރަދުކުރާން ލިބޭނީ 55 ބިލިޔަން ރުފިޔާއެވެ. މިއަހަރުގެ 56.4 ބިލިޔަން ރުފިޔާގެ ބަޖެޓަށްވުރެ 1.4 ބިލިޔަން މަދުވުމެވެ. 2026 ގެ ބަޖެޓުން 9.3 ބިލިޔަން ރުފިޔާ ޚަރަދުކުރާނީ ދަރަނި އަދާކުރާށެވެ. އެއީ 500 މިލިޔަން ޑޮލަރުގެ ސުކޫކާއި، އަމިއްލަ ފަރާތްތަކަށް ވިއްކާފައިވާ 100 މިލިޔަން ޑޮލަރުގެ ބޮންޑެވެ.  
ވޯލްޑް ބޭންކްގެ ބަސް:
ސަރުކާރުން ގެރެންޓީދީފައިވާ ދަރަނީގެ ޢަދަދު ހުރީ 9.5 ބިލިޔަން ޑޮލަރުގައެވެ. މިއީ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީޑީޕީގެ ނިސްބަތުން) 126.9 އިންސައްތައެވެ. 2024 ގެ ފުރަތަމަ ހަތަރު މަސް ދުވަހު މިޢަދަދު ހުރީ 8.2 ބިލިޔަން ޑޮލަރިގައެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 119.8 އިންސައްތައެވެ. މެދު ރާސްތާގައި މި ނިސްބަތް ހުންނާނީ 135 އިންސައްތައިގައި ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެއެވެ.
2024 ގައި ދަރަނި އަދާކުރާން ޚަރަދުކުރި 393.6 މިލިޔަން ޑޮލަރެވެ. އެޢަދަދު މިއަހަރު 900 މިލިޔަން ޑޮލަރަށް އަދި 2026 ގައި 1.5 ބިލިޔަން ޑޮލަރަށް އަރާނެއެވެ. އެހެންވީމާ ދައުލަތަށް ލިބޭ އާމްދަނީގެ 70 އިންސައްތަ 2026 ގައި ޚަރަދުކުރާނީ ދަރަނި އަދާކުރާށެވެ. ޔަޢުނީ ކޮންމެ ލިބޭ ޑޮލަރަކުން 70 ސެންޓުން ދަރަނި ދައްކާނީއެވެ. ޞިއްޙީ ޚިދުމަތަކަސް، ތަޢުލީމަކަސް، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢަކަސް، އިޖުތިމާޢީ ރައްކާތެރިކަމަކަސް، ޚަރަދު ކުރާން އޮންނާނީ ޑޮަލަރަކުން އެންމެ 30 ސެންޓެވެ.
2026 އޭޕްރީލްގައި އަދާކުރާންޖެހޭ 600 މިލިޔަން ޑޮލަރު ދައްކާނެ ގޮތެއްގެ ސާފު އިސްތިރާޖެއް، ރޭވުމެއް ސަރުކާރުން އަދި ހާމަނުކުރާކަމަށާއި، އެދަރަނި އަދާކުރެވޭނީ ރައުސުލްމާލު ވިއްކައިގެން ނުވަތަ އިމަރޖެންސީ ގޮތެއްގައި މާލީ އެހީއާއި ލޯނު ހޯދައިގެން ނުވަތަ ރީފައިނޭންސް ކޮށްގެންކަމަށް ބަޔާންކޮށް، ވޯލްޑް ބޭންކުން ބުނަނީ މިއިން ގޮތެއްވެސް ކަށަވަރުކަމުގައި ހޯދިދާނެ ކަމުގެ ޔަޤީންކަން ނެތްކަމަށެވެ.
މޫޑީޒް އިންނާއި ފިޗް އިން ރާއްޖޭގެ ދަރަނި އަދާކުރުމުގެ ޤާބިލިއްޔަތަށް ދީފައިވަނީ "ޖަންކް" ނުވަތަ ކުނީގެ ދަރަޖައެވެ. އެހެންވީމާ ބައިނަލްއަޤްވާމީ ބާޒާރުން ދިވެހިރާއްޖެއަށް ފައިސާ ހޯދާން ނުހަނު ދަތިވެފައިވާކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ.
މީގެ އިތުރުން، ސުކޫކު ވިއްކައިގެން އެއަށް ދައްކާންޖެހޭ ފައިސާގެ ނިސްބަތް އޭޕްރީލްގައި 55 އަށް އުފުލިފައިވެއެވެ. އެމިންވަރު 2023 ނިމުނު އިރު ހުރީ 17 އިންސައްތައިގައެވެ. ވޯލްޑް ބޭންކުން ބުނަނީ މިއީ އިންވެސްޓަރުންގެ އިތުބާރު ގެއްލުމުގެ ސަބަބުން ދިމާވި ގޮތެއް ކަމަށެވެ. އެހެންވީމާ ސަރުކާރަށް މަޖުބޫރުވެފައިވަނީ ނުއަގުގައި އެތެރެއިންނާއި ބޭރުން ލޯނު ނަގާންކަމަށާއި، ދައުލަތުގެ ރައުސުލްމާލުގެ 38 އިންސައްތަ ހުރީ މި ނުރައްކާތެރި ދަރަންޏާ ލާމެހިފައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

އިޤްތިޞާދީ ދުވެލި

ސަރުކާރުގެ ބަސް:
އިޤްތިޞާދު "ދުޅަހެޔޮ" އަދި "ވިލުންވެރި" ކަމަށާއި، 2025 ގައި އިޤްތިޞާދު ފުޅާވި ދުވެލި ހުރީ 5.4 އިންސައްތައިގައި ކަމަށާއި، އެނިސްބަތް 2026 ގައި 5.3 އިންސައްތައިގައި ހުންނާނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ. އިޤްތިޞާދު ފުޅާވުމުގެ މައިގަނޑަކީ ފަތުރުވެރިކަމެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް ބިނާކޮށް ނިމުމުން، އިތުރު ފަތުރުވެރިން ގެންނާން ފަސޭހަވުމެވެ.
އެހެނިހެން އަހަރުތަކާ ޚިލާފަށް، ލޯ ސީޒަންގައި ފަތުރުވެރިން ރާއްޖެ އައިލެއް ގިނައެވެ. އޮގަސްޓް 2025 ވީއިރު، 1.5 މިލިޔަން ފަތުރުވެރިން ރާއްޖެ އަތުވެއްޖެއެވެ. މިއީ ނިމިދިޔަ އަހަރުގެ މިދުވަސްވަރާ އަޅާކިޔާއިރު 9.4 އިންސައްތައިގެ އިތުރުވުމެކެވެ. ސަބަބަކީ އިނގިރޭސި، ރޫސީ، ޗައިނާ އަދި ވިލާތުގެ މާކެޓުތަކުން އަންނަ މީހުން ގިނަވުމާއި، އެބައިމީހުން ހޭދަކުރާ ދުވަހުގެ ޢަދަދު 6.6 އިންސައްތަ އިތުރުވުމެވެ.  
ރިއަލް އެސްޓޭޓްގެ ބާޒާރު 3.1 އިންސައްތަ ފުޅާވާނެއެވެ. މިއީ ސަރުކާރުގެ ބޯހިޔާވަހިކަމާއި، ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުންބެވެ.
ވޯލްޑް ބޭންކްގެ ބަސް:
2025 ގައި އިޤްތިޞާދު 6.2 އިންސައްތަ ފުޅާވާނެ ކަމަށް އަންދާޒާކުރި ކުރުން އަލުން މުރާޖަޢާކޮށް 5.4 އިންސައްތައަށް ތިރިކުރާން ޖެހުނެވެ. މެދު ރާސްތާގައި، އެ ނިސްބަތް ހުންނާނީ 4 އިންސައްތައިގައި ކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ފަތުރުވެރިންގެ ޢަދަދު އިތުރުވި ނަމަވެސް، 2025 ގެ ފުރަތަމަ ހަ މަސް ދުވަހުގެ ފަތުރުވެރިޔަކު ރާއްޖޭގައި ހުންނަނީ 6.8 ދުވަހު ނަމަވެސް، 2024 ގެ ފުރަތަމަ ހަތަރު މަސްދުވަހު ފަތުރުވެރިއަކު ރާއްޖޭގައި 7.6 ދުވަހު ހުއްޓެވެ. މިއީ 2.5 އިންސައްތައިގެ ދަށްވުމެއް 2025 ގެ ފުރަތަމަ ހަތަރު މަސްދުވަހު ޖީޑީޕީއަށް ގެނުވި ކަމެކެވެ. އެހެންވީމާ ފަތުރުވެރިކަން އަޞްލުގައި ފުޅާވި ނިސްބަތް ނުހަނު ކުޑައެވެ.
މަސްވެރިކަމުގެ ސިނާޢަތަށް ބަލާއިރު 2025 ގެ ފުރަތަމަ ހަ މަސް ދުވަހުގައި ބޮޑު ކުރިއެރުމެއް ހޯދިކަން ވޯލްޑް ބޭންކުން ފާހަގަކުރެއެވެ. 2024 ގައި މަސްވެރިކަމުގެ ސިނާޢަތް 32.6 އިންސައްތަ ކުޑަ ވިއެވެ.
ޚިދުމަތާއި ތަކެތީގެ އަގު އުފުލޭ ނިސްބަތް (އިންފްލޭޝަން)، ސަރުކާރުގެ ފިޔަވަޅުތަކުގެ ސަބަބުން ކުޑަ ކުރެވިފައިވާކަމަށް ފައިނޭންސް މިނިސްޓަރ ޟަމީރު ވިދާޅުވި ނަމަވެސް، 2024 ގައި އެނިސްބަތް 1.4 ގައި ހުރެފައި މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު 5 އިންސައްތައަށް އިތުރުވެފައި ވެއެވެ. ކާއެއްޗެތީގެ އަގު 6.1 އިންސައްތަ އުފުލުނެވެ. މަހުގެ އަގު 7.9 އިންސައްރަ އުފުލުނެވެ. ރެސްޓޯރަންޓުތަކާއި އެކޮމޮޑޭޝަން އަގުތައް 29.4 އިންސައްތަ އުފުލުނެވެ. މާލޭގައި އިންފްލޭޝަން 4.5 އިންސައްތަ އުފުލުނެވެ. އަތޮޅުތަކުގައި 5.6 އިންސައްތައިގައެވެ.

އާމްދަނީއާއި އިޞްލާޙީ ފިޔަވަޅު

ސަރުކާރުގެ ބަސް:
ޓެކުހާއި ފީތަކުގެ އަގަށް ބޮޑު ބަދަލެއް ސަރުކާރުން މިފަހުން ގެނައި ނަމަވެސް، އެފަދަ ފިޔަވަޅެއް 2026 ގައި ސަރުކާރުން ނާޅާނެކަމުގެ ޔަޤީންކަން ފައިނޭންސް މިނިސްޓަރ ދެއްވިއެވެ. އެއީ އިންވެސްޓަރުން ހިތްބިރު ނުގެންނެވުމަށެވެ. އަދި އިޤްތިޞާދީ ޙަރަކާތްތެރިކަމަށް ކަންފަހި ކުރުމަށެވެ.
އޭގެ ބަދަލުގައި 2026 ޓެކްސްއާއި ފީ ނެގުމުގެ ތަންފީޛީ އޮނިގަނޑު ހަރުދަނާ ކުރާން ޤަސްދުކުރާކަމަށާއި، ޓެކުހުން ލިބޭ އާމްދަނީ 2026 ގައި 31.3 ބިލިޔަން ރުފިޔާއަށް، އަދި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީ 8.7 ބިލިޔަން ރުފިޔާއަށް އަރާނެކަމަށް ޟަމީރު ވިދާޅުވިއެވެ. އަދި އައު ޓާމިނަލް ފުރިހަމައަށް ބޭނުންކުރާން ފެށުމާއެކު، ބިޒްނަސް އަދި ފާރސްޓް ކްލާހުންނާއި ޕްރައިވެޓް ޖެޓުން ނަގާން ފަށާފައިވާ އެއަރޕޯޓް ޑެވަލޮޕްމަންޓް ފީގެ ފުރިހަމަ ރާހަތު 2026 ގައި ކުރާނެކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން 2.3 ބިލިޔަން ރުފިޔާ ލިބޭނެއެވެ.
2025 އަށް ލިބޭނެކަމަށް ލަފާކުރި 2.5 ބިލިޔަން ރުފިޔާގެ ހިލޭ އެހީ އިން ލިބުނީ އެންމެ 269.9 މިލިޔަން ރުފިޔާއެވެ. އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކުރީ 373.6 މިލިިޔަން ރުފިޔާއެވެ.
ވޯލްޑް ބޭންކްގެ ބަސް:
2024 ގައި އަޅާންބުނި އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމާއި، ތެލާއި، ކަރަންޓާއި، ކާޑާއި، ނަރުދަމާއިން ދެމުންދިޔަ ސަބްސިޑީ މުރާޖަޢާކުރުމުގެ ހިލަމެއް ނެތްކަން ފާހަގަކޮށް، ވޯލްޑް ބޭންކުން ކަންބޮޑުވުމާއެކު ބުނަނީ އަހަރުގެ ފަހު ހަތަރު މަސްދުވަހަށް އެޅިއިރު ސަބްސިޑީ ބަޖެޓުގެ 99 އިންސައްތަ ބޭނުންކޮށް ހުސްކޮށްފައި، މިހާރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާން އުޅޭ ކަމަށެވެ. އެހެންވީމާ ޑެފިސިޓްގެ ނިސްބަތް 13 އިންސައްތައަށް އިތުރުވާނެކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.
ކޮންމެއަކަސް، އޭޕްރީލް 2026 ގެ ދަރަނި އަދާކުރުމުގެ ބޮޑު ހޭދައިގެ ހިޔަނި މުޅި ދިވެހިރާއްޖެއަށް އެޅިފައިވާއިރު، ސަރުކާރުން ކުރަހައިދޭ ފަހިފެހި މަންޒަރުގެ ބަދަލުގައި ވޯލްޑް ބޭންކުން ސިފަކުރަނީ ނާމާންކަމާއި އަނދަރިއެވެ.

އަވަސް ކަޅިއަކުން 2026 ގެ ބަޖެޓު

ޖުމުލަ: 64.2 ބިލިޔަން ރުފިޔާ
ޚަރަދު: 49.2 ބިލިޔަން ރުފިޔާ (ދަރަނި ދެއްކުން ނުލާ)
ރިކަރަންޓް ޚަރަދު: 39.9 ބިލިޔަން ރުފިޔާ (ބަޖެޓުގެ 62 އިންސައްތަ)
ޑެފިސިޓް: 8.8 ބިލިޔަން ރުފިޔާ (ޖީޑީޕީގެ 7.1 އިންސައްތަ)
ދަރަނި އަދާކުރުމުގެ ޚަރަދު: 5.5 ބިލިޔަން ރުފިޔާ

މާލީ ބޭނުންތަކަށް

ބޭނުންވަނީ: 26.3 ބިލިޔަން ރުފިޔާ
ދަރަނި އަދާކުރަން: 12.9 ބިލިޔަން ރުފިޔާ
ބަޖެޓު ޑެފިސިޓް ފޫބައްދަން: 8.8 ބިލިޔަން ރުފިޔާ

ދަރަނި އަދާކުރަން ރާވާގޮތް

ސުކޫކާއި ބޮންޑް ވިއްކައިގެންނާއި، ދޭދޭ ޤައުމުތަކާއި ބައިނަލްއަޤްވާމީ މުވައްސަސާތަކުގެ އެހީ: 16.8 ބިލިޔަން ރުފިޔާ
ސުކޫކް ރީފައިނޭންސް ކޮށްގެން: 450 މިލިޔަން ޑޮލަރު (6.9 ބިލިޔަން ރުފިޔާ)
ބަޖެޓު ސަޕޯޓުގެ ގޮތުގައި ދޭދޭ ޤައުމުތަކުން ދޭ: 300 މިލިޔަން ޑޮލަރު (4.6 ބިލިޔަން ރުފިޔާ)
އެތެރޭގެ ބޭންކްތަކުން: 5 ބިލިޔަން ރުފިޔާ
ސޮވަރިން ޑެވަލޮޕްމަންޓް ފަންޑް (މިހާރު ހުރީ 100 މިލިޔަން ޑޮލަރުގައި): 4.2 ބިލިޔަން ރުފިޔާ (272 މިލިޔަން ޑޮލަރު)

އަމާޒުތައް

ޑެފިސިޓުގެ ނިސްބަތް: ޖީޑީޕީގެ ނިސްބަތުން 117 އިންސައްތައަށް ކުޑަކުރުން
ދައުލަތުން ގެރެންޓީދޭ ދަރަނީގެ ނިސްބަތް: ޖީޑީޕީގެ 10 އިންސައްތައަށް ހިފެހެއްޓުން
ޕީއެސްއައިޕީ ބަޖެޓު: ޖީޑީޕީގެ 7 އިންސައްތައަށް ވުރެ ބޮޑުނުކުރުމާއި، 70 އިންސައްތަ އެތެރޭގެ ބަޖެޓުން ހަމަޖެއްސުން
އިންޓަރެސްޓް އަދާކުރުން: އާމްދަނީގެ 12 އިންސައްތައިގައި ހިފެހެއްޓުން
ބޭރުގެ ދަރަނީގެ އިންޓްރެސްޓް އަދާކުރުން: އާމްދަނީގެ 5 އިންސައްތައިގައި ހިފެހެއްޓުން
އާމްދަނީ: ޖީޑީޕީގެ 32 އިންސައްތައަށްވުރެ ކުޑަވިޔަ ނުދިނުން
ރިކަރަންޓް ޚަރަދު: އާމްދަނީއިން ހަމަޖެއްސުން

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ