ޕޭޕާލްގެ ޚިދުމަތް ވިޔަފާރިތަކަށް ލިބުނީއެއް ނޫން، ހުޅުވުނީ ދޮރެއް
"ސީމްލެސް އިންޓެގްރޭޝަން" އޭ ބުނެ އިޝްތިހާރު ކުރިޔަސް ޙަޤީޤަތުގައި "ސީމްލެސް"ވާން އަދި ލައްކަ ތަން އެބައޮތް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
16 ޖުލައި
ޖޫން 15 ގައި އުރީދޫއާ ގުޅިގެން ޕޭޕާލްގެ ޚިދުމަތް ދިވެހިރާއްޖެއަށް ތަޢާރަފުކުރެވުނު ކަން ފަޚުރުވެރިކަމާއެކު ފާހަގަކުރިއެވެ. އެކަމުގެ މައްޗަށް ޚާއްޞަ ޕްރޮގްރާމްތައް ދައުލަތުގެ މީޑިޔާއިން ގެނެސްދިނެވެ. ސަރުކާރުގެ މިނިސްޓަރުންނާއި އުދީރޫގެ އިސް އޮފިޝަލުން ބައިވެރިވެ، އިކޮނޮމިކް މިނިސްޓްރީގެ ޕޮޑްކާސްޓުގައިވެސް ޕޭޕާލްގެ ޚިދުމަތް ތަޢާރަފުކުރުމުގެ އިޝްތިހާރު ކުރަމުން ދިޔައެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އިން ކޮންޓެންޓް ކްރިއޭޓަރުން މެދުވެރިކޮށް، ކަމުގެ ބޮޑުކަމާއި، މޮޅުކަމުގެ ވާހަކަ ފާހަގަކުރަމުން ދިޔައެވެ.
ޚިދުމަތް ތަޢާރަފުކުރާން ބޭއްވި ރަސްމިއްޔާތުގައީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ޕޭޕާލްގެ ޚިދުމަތާއެކު މުޅި ދުނިޔެއަށް ދިވެހިރާއްޖޭގެ އުފެއްދުންތެރިންގެ ތަޢާރަފު ވެގެން ދިޔައީ ކަމަށެވެ. އެހެންނަމަވެސް، 4 ހަފުތާ ފާއިތުވެދިޔައިރު، ދިވެއްސަކަށް ބޭރުން ފޮނުވާ ފައިސާ ލިބުނަސް، މޭޗަންޓް އެކައުންޓެއް ނުހެދެއެވެ.
ހަފްތާގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު، ނިމިދިޔަ ހަފުތާގައި ވިދާޅުވީ 3280 ދިވެހިން ޕޭޕާލްގެ ޚިދުމަތް ހޯދާން ފަށާފައިވާ ކަމަށާއި، 2159 މީހުން އެކައުންޓް ޖޫން 29 ވީ އިރު އެކްޓިވް ކަމަށެވެ.
ޚިދުމަތް ބޭނުންކުރާ މީހުންގެ ޢަދަދާ ގުޅޭގޮތުން މަޢުލޫމާތު ހާމަކުރަން އުރީދޫއިން އިންކާރު ކުރިނަމަވެސް، އެކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ މަރިޔަމް ޝިއުނާ ވިދާޅުވީ ޚިދުމަތް ފެށިފަހުން ފެންނަމުންދަނީ އުފާކުރުވަނިވި މިންވަރުގެ ތަރުޙީބެއް ކަމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުން ޚިދުމަތަށް އޮތް ޝައުޤު ބޮޑުވަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓުން ކޮންޓެންޓް ކްރިއޭޓަރުންގެ ކުޑަ ގްރޫޕެއް ސާމްޕަލް ގްރޫޕެއް ސަރވޭ ކުރީމެވެ. އޭގެތެރޭޣައި ވެބް ޑިވަލޮޕަރުންނާއި ގެސްޓް ހައުސް އަދި ޑައިވް ސްކޫލް ހިންގާ ފަރާތްތައް ހިމެނެއެވެ. ސަރވޭ ކުރި 18 ފަރާތުގެ ތެރެއިން އެކަކުވެސް ޕޭޕާލްގެ ޚިދުމަތް އަދި ބޭނުމެއް ނުކުރެއެވެ. އެއް ޑިޒައިނަރަކު ބުނީ ޕޭޕާލް އަދި އުރީދޫގެ ”ސަޕޯޓް ސަރވިސަސް“ ގެ މެދުގައި ތާށިވެ، ޚިދުމަތް ހޯދޭވަރު އަދި ނުުވާ ކަމަށެވެ. އަދިވެސް އޭނާއަށް ހަމައެކަނި ފައިސާ ފޮނުވެނީއެވެ. އެކައުންޓަށް ފައިސާ ބަލައެއް ނުގަނެވެއެވެ.
މުޅިއަކުން އަދި ޕޭޕާލެއް ނޫން
ކުންފުންޏެއްގެ ޙައިޘިއްޔަތުން ޕޭޕާލް ދިވެހިރާއްޖޭގައި ހިންގާން ފެށީކީ ނޫނެވެ. ތަޢާރަފު މިކުރީ އުރީދޫގެ އެމްފައިސާ ވޮލެޓާ ޕޭޕާލްއާ އިންޓެގްރޭޓު (ގުޅުވައިގެން) ކޮށްގެން، އެޚިދުމަތް އެމަގުން ފޯރުކޮށްދިނުމެވެ. އުރީދޫ އެމްފައިސާ ވޮލެޓަކީ އުރީދޫއާ ގުޅިފައިވާ ފިންޓެކް ކުންފުންޏަކުން ހަދާފައިވާ އީކޮމަރސް މަންސައެކެވެ (ޕްލެޓްފޯމް). އެ މަންސައާއި ޕޭޕާލްވޯލްޑް މެދުވެރިކޮށް ޕޭޕާލް ގުޅުވީއެވެ. އަދި އުރީދޫ އެމްފައިސާ ވޮލެޓަކީ ޖުލައި 2025 ގައި ތަޢާރަފުކުރި، ޑިޖިޓަލް ވޮލެޓުތައް ގުޅުވައިދޭ، ޕޭޕާލްއަށްވިރެ ވިސާގެ ނެޓްވަރކްއާ ސިފަޔާއި ބައްޓަމުން ގޮތުން ގާތް މަންސައެއް މެއެވެ.
ނޮވެންބަރު 2024 ގައި އުރީދޫ ފިންޓެކް އިން ޕޭޕާލްއާއެކު އެއްބަސްވުމެއްގައި ސޮއި ކުރިއެވެ. ޤަޠަރުގެ ވޮލެޓްއާ ޕޭޕާލް ގުޅުވާށެވެ. ޕޭޕާލް ވޯލްޑްއާ، އެމްފައިސާ ހިމެނޭހެން އުރީދޫ ފިންޓެކްގެ ވޮލެޓުތައް ގުޅުވާނެ ކަން ސެޕްޓެންބަރު 2025 ގައި އިޢުލާންކުރިއެވެ. ފައިސާ ލިބިގަތުމުގެ (އިންވާޑް ރެމިޓަންސް)ގެ ހުއްދަ އޮކްޓޫބަރު 2025 ވީ އިރު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އުރީދޫ ފިންޓެކްއަށް ދިނެވެ.
ދިވެހިރާއްޖޭގެ ފިންޓެކް ސިނާޢަތުގެ ބާނީއެއްކަމަށްވާ ޙުސެއިން ޖިނާން ކަމުގެ މައްޗަށް ކިޔުއްވާފައިވާ ތަފްޞީލީ ރިޕޯޓެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް ޕޭޕާލްގެ ޚިދުމަތް ތަޢާރަފުކުރެވުނީ ޤަޠަރުގެ މޮޑެލްގެ ތެރެއިން އައި ކަމެއްގެ ގޮތުން ކަމަށާއި، އައު މަޝްވަރާތަކެއް މެދުވެރިކޮށް، ޚާއްޞަކޮށް ދިވެހިރާއްޖެއަށް ނޫންކަމަށެވެ. ޙުސެއިން ޖިނާން އެކިޔައިދެއްވި ގޮތާ ދިވެހިރާއްޖެއާއި އިމާނަށް ޕޭޕާލްގެ ޚިދުމަތް ތަޢާރަފުކުރި ގޮތްކަމަށް އުރީދޫއިން އެކިޔައިދޭ ގޮތާ ދާދި އެއްގޮތެވެ.
މި ތަޢާރަފު ކުރެވުނު މިންވަރު ނުފެދޭކަމަށް ފާޑުކިޔުންތެރިން ބުނާ ވާހަކަތަކަށް ސަރުކާރުން އިންކާރުކޮށް، އިކޮނޮމިކް ޑެވަލޮޕްމަންޓް މިނިސްޓަރ މުޙައްމަދު ސަޢީދު ވާހަދައްކަވާފައި ވެއެވެ.
އެހެންނަމަވެސް ރައީސް މުޢިއްޒުވަނީ ޚިދުމަތުގެ ލިމިޓުތައް ޤަބޫލުކުރައްވާ ކަން ފާހަގަކުރައްވާ، މިއީ ފެށުމެއް ކަމަށް ވިދާޅުވެފައެވެ. ޕީއެސްއެމްގެ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި ޖޫން 25 ގައި ރައީސް މުޢިއްޒުވަނީ އިތުރު ޚިދުމަތްތައް ޕޭޕާލް މެދުވެރިކޮށް ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށާއި، ޑިޖިޓަލް އިޤްތިޞާދެއް ބިނާކުރުމަކީ މިސަރުކާރުގެ މައި ސިޔާސަތެއް ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ވިދާޅުވީ 2030 އާ ހަމައަށް އިޤްތިޞާދުގެ 15 އިންސައްތަ ޙިއްސާކުރާނީ ޑިޖިޓަލް އިޤްތިޞާދީ މުޢާމަލާތްތައް ކަމުގައި ހައްދަވާން އަމާޒުކުރައްވާ ކަމަށެވެ. އަދި ޔޫޓިއުބް ވީޑިއޯއިންވެސް އާމްދަނީ ހޯދޭގޮތް ހައްދަވާން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި ގޫގްލްއާއެކު އެއްބަސްވެފައިވާ ދިވަރު މަޝްރޫޢަށް ޢިޝާރާތްކުރެެއްވިއެވެ. އެމަޝްރޫޢުގެ ދަށުން ދިވެހިރާއްޖެއާއި އޮމާން އަދި ކްރިސްމަސް އައިލެންޑްސްގެ ދެމެދު އިންޑިޔާ ކަނޑުގެ އަޑިން އިންޓަނެޓު ކޭބަލް އަޅައި، ގުޅުވައި ލެވޭނެއެވެ.
މިކަމުން ވަނީ ކީއް؟
އުރީދޫއިން ބުނަނީ ޕޭޕާލްގެ ޚިދުމަތް ފޯރުކޮށްދެނީ ފައިސާ ރިސީވް ވާ މަގުން ކަމަށެވެ. މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަދައްކަވަމުން އުރީދޫގެ ޕަބްލިކް ރިލޭޝަންއާބެހޭ އެސިސްޓަންޓް މެނޭޖަރ ޝިއުނާ ވިދާޅުވީ އެމްފައިސާގެ ޔޫއެސް ޑޮލަރުގެ ވޮލެޓެއް ޕޭޕާލް މެދުވެރިކޮށް ފައިސާ ރިސީވް ކުރެވޭނެ ކަމަށާއި، އަދި އެމްފައިސާ އެޕް މެދުވެރިކޮށް ޕޭޕާލްއިން ނަގާ ފައިސާގެ މިންވަރު ޕޭޕާލްގެ އެކައުންޓަށް އަލުން ޖަމާވެސް ކުރެވޭނެ ކަމަށެވެ. ނަމަވެސް ޔޫއެސް ޑޮލަރުގެ ވޮލެޓަށް ދިވެހިރާއްޖެއިން ފައިސާއެއް ނޭޅޭނެއެވެ. އަދި ދިވެހި ރުފިޔާ ވޮލެޓަށް އަޅައިގެން ބޭރުގެ ޚިދުމަތަކަށް ފައިސާއެއްވެސް ނުދެއްކޭނެއެވެ.
ބިޒްނަސް އަދި މޭޗަންޓް އާލާތްތައް (އިންވޮއިސް ކުރުމާއި، ޕޭމަންޓް ލިންކާއި، އިޝްތިރާކާއި، ޗެކްއައުޓް ގޭޓްވޭ) ގެ ޚިދުމަތް ލިބޭނެ ތޯ ސުވާލުކުރުމުން ޝިއުނާ ވިދާޅުވީ މިހާރު ޚިދުމަތުގެ ފެންވަރާއި މިންވަރު ހުރި ވަރުން ކަސްޓަމަރުންގެ އަމިއްލަ ޕޭޕާލް އެކައުންޓުތައް އެމްފައިސާ އެކައުންޓުތަކާ ގުޅުވޭނެ ކަމަށާއި، ޕޭޕާލް މެދުވެރިކޮށް އެމްފައިސާގެ ވޮލެޓަށް ފައިސާ ރިސީވް ކުރެވޭނެ ކަމަށެވެ. އިތުރު ފިޗަރސް ތަޢާރަފުކުރެވުމުން އެކަން ރަސްމީގޮތުން އަންގާނެ ކަމަށެވެ.
އެހެންނަމަވެސް، ޚިދުމަތް ތަޢާރަފު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަތުރުވެރިންނަށް ސީދާ ގެސްޓްހައުސް އޮޕަރޭޓަރުންނަށް ޑިޕޮސިޓު ކުރެވޭނެ ކަމަށާއި، ޑައިވް ސްކޫލްތަކަށް އިތުބާރާއެކު ބުކިންގްތައް ބަލައިގަނެވޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އާޓިސްޓުންނަށް ފަންނުވެރި އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި ވިއްކޭނެ ކަމަށެވެ.
ޚިދުމަތް ބޭނުންކުރާން ފަށާފައިވާކަމަށް ސަރުކާރުން ބުނާ ޢަދަދުތަކާއި އުރީދޫގެ ޢަދަދުތަކާވެސް ފުށުއެރުންތަކެއް އެބަހުއްޓެވެ. 3280 ވިޔަފާރިން ޕޭޕާލްގެ ޚިދުމަތް ފަށާފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވި ނަމަވެސް، މިނިސްޓަރ ސަޢީދުގެ ވާހަކަގައި އެއީ ”ސްޓާޓްއަޕްސް“ އަދި ވިޔަފާރިތައްކަމަށް ވިދާޅުވެފައި ވެއެވެ. ޚިދުމަތް ހޯދާކަމަށް ސަރުކާރުން ބުނާ 3280 ފަރާތާއި، އެކްޓިވް ޕޭޕާލް އެކައުންޓްކަމުގައި އިޢުލާންކޮށްފައިވާ 2159 އާ ދެމެދު ހުރި ފަރަގުން ހާމަވަނީ ވޮލެޓެއް ހަދާން އުޅެފައި 1/3 މީހުންނަށް ކުރިއަށް ނުދެވިފައިވާ ކަމެވެ. މިއީ ވެރިފައި ކުރުމުގެ ތާށިތަކެއް ކަމަށްވެސް ވެދާނެއެވެ. އަދި ޚިދުމަތުގެ ދާއިރާގެ ހަނިކަން އެނގުމުން ހުއްޓާލީކަމަށްވުންވެސް އެކަށީގެންވެއެވެ. އުރީދޫއިން ތަފްޞީލުތައް ހާމަނުކުރާތީ ވާނުވާ އޮޅުމެއް ނުފިލައެވެ.
ކަންމިހެން އޮތްއިރު، އުރީދޫ އެމްފައިސާއިން ޕޭޕާލްގެ މުޢާމަލާތްތަކަށް ފީއެއް ނަގާތޯ ނުވަތަ ނޫންތޯ ކުރެވޭ ސުވާލަކަށް އުރީދޫއިން ޖަވާބުދީފައިވެއެވެ. އެފަރާތުން ބުނަނީ ފީއެއް ނުނަގާ ކަމަށެވެ. ކަސްޓަމަރުންގެ ކިބައިން ނަގަނީ ޕޭޕާލްއިން ނަގާ ފީއެއް ކަމަށެވެ. އެއީ 1.50 ޔޫއެސް ޑޮލަރު އަދި ރިސީވް ވާ ފައިސާއެއްގެ 2 އިންސައްތައެވެ. އެހެންވީމާ 100 ޑޮލަރު ރިސީވް ވެއްޖެ ނަމަ ޕޭޕާލްއިން ޚިދުމަތުގެ ފީގެ ގޮތުގައި 3.50 ޔޫއެސް ޑޮލަރު ނަގާނެއެވެ. އެހެންނަމަވެސް 10 ޔޫއެސް ޑޮލަރުގެ މިންވަރު ރިސީވް ވެއްޖެނަމަ 1.70 ޔޫއެސް ޑޮލަރު ކަނޑާނެއެވެ. މިއީ 17 އިންސައްތައެވެ. އެހެންވީމާ ރިސީވްވާ ޢަދަދު ކުޑަވި ވަރަކަށް ލިބޭ މީހާއަށް ގެއްލުން ބޮޑުވާނެއެވެ. ދެ ދަރަޖައެއްގައި ރިސީވް ވެވޭ މިންވަރުގެ ހައްދުތަކެއް ކަނޑައަޅާފައި ވެއެވެ. އެއީ ގިނަވަގެން 746 އާއި 1492 ޔޫއެސް ޑޮލަރާ ދެމެދުގެ ޢަދަދެކެވެ.
ޕޭޕާލް އެކައުންޓުން އެމްފައިސާ ވޮލެޓެއް ފައިސާ ބަދަލުކުރުމުގައިވެސް އަދި އެމްފައިސާ ވޮލެޓުން ފައިސާ ނެގުމުގައިވެސް ނުވަތަ ރާއްޖޭގައި ޤާއިމުވެފައި ހުންނަ ބޭންކްއަށް ބަދަލުކުރުމުގައިވެސް އުރީދޫއަކުން ފީއެއް ނުނަގައެވެ.
ޝިއުނާ ވިދާޚުވީ މިމަޢުލޫމާތުތައް، ޓްރާންސެކްޝަން ލިމިޓުތަކާއެކު ޕޭޕާލް އިންފޮމޭޝަން ޕޭޖުން ބެއްލެވޭނެ ކަމަށެވެ.
މި ޚިދުމަތް އަމާޒުކުރަނީ
އިކޮނޮމިކް މިނިސްޓްރީ އިން ޚިދުމަތް އިފްތިތާޙްކުރުމާ ގުޅޭގޮތުން ނެރުނު ނޫސްބަޔާނުގައި ”ސީމްލަސް އިންޓެގްރޭޝަން“ (އޮމާންކަމާއެކު، އިތުރު ހުރަހެއް އުނދަގުލެއް ނެތި ގުޅާލުން) 5 ފަހަރު ބޭނުންކޮށްފައިވެއެވެ. އަދި އެމިނިސްޓްރީގެ ސޯޝަލް މީޑިޔާގެ އެކައުންޓުން ދެން ކުރި ޕޯސްޓުތަކުގައިވެސް އެނުކުތާ ތަކުރާރުކޮށް ފާހަގަކޮށްފައި ވެއެވެ.
މިކަމާ ދެބަސްވާ އެތައް ބަޔަކު އެބަތިއްބެވެ. ޕޭޕާލް އެކައުންޓެއް، ދިވެހިރާއްޖެއިން ބޭރުގައި ދިރިއުޅުނު ދުވަސްވަރު ހެދި ގްރެފިކް ޑިޒައިނަރަކު ވަނީ ތިން ހަފުތާގެ ސްކްރީންޝޮޓްތަކާއި މުޢާމަލާތްތައް ޙިއްސާ ކޮށްފައެވެ. އޭނާގެ އެކައުންޓް ޕޭޖުގައި ބުނަނީ މިއީ ”ސެންޑް އޮންލީ އެކައުންޓް ހޯލްޑަރ“ (ހަމައެކަނި ފައިސާ ފޮނުވޭ އެކައުންޓެއްގެ ވެރިއެއް“ ކަމަށެވެ. ފައިސާ ރިސީވް އެއް ނުކުރެވެއެވެ.
ޕޭޕާލްގެ ސަޕޯޓް ޗެޓުން އޭނާ ގާތު ބުނީ ފައިސާ ރިސީވް ކުރާން ބޭނުން ނަމަ އުރީދޫގެ އެމްފައިސާ ވޮލެޓާ ލިންކު ކުރުމަށެވެ. އެކަން ކޮށް ނިންމައިފިކަމަށް އޭނާ ޖަވާބުދިނީމާ، ސަޕޯޓް ޗެޓުން ބުނީ އުރީދޫއާ ގުޅުމަށެވެ.
އެންމެފަހުން ޕޭޕާލުން އޭނާގެ އެކައުންޓް ދާއިމީކޮށް (ޑީއެކްޓިވޭޓު ކުރީ) ބަންދުކުރީއެވެ. އެއް ޤައުމެއްގައި ހުޅުވާ އެކައުންޓް އެހެން ޤައުމެއްގައި ބޭނުންކުރުމުން ޕޭޕާލުން އަޅާ ފިޔަވަޅެއް ކަމަށް ވެއެވެ. ”އިންވޮއިސްއެއް ޕޭމަންޓް ލިންކެއް ނުފޮނުވޭ،“ އޭނާ ބުންޏެވެ. އެމްފައިސާ ވޮލެޓާ ޕޭޕާލް އެކައުންޓާ ގުޅުމުން ފައިސާ ދައުރުކުރެވެނީ އެދެމެދުގައެވެ. އެހެން ޤައުމުތަކުގައި ވިޔަފާރިތަކަށް ޕޭޕާލްގެ ޚިދުމަތް ލިބޭ ބީދައަކުން ޚިދުމަތެއް ނުލިބެއެވެ. އޭނާ ދެކޭގޮތުގައި، އެހެންވީމާ ފްރީލާންސަރުންނަކަށް ޕޭޕާލް ރާއްޖެއަށް މި ތަޢާރަފު ކުރިގޮތަކުން ވާނެ ފައިދާއެއް ނެތެވެ.
މުޅިއަކުން ޙަޤީޤަތެއް ނޫން
ސޮފްޓްވެޔަރ ކުންފުނި ޖަވާބުގެ ޗީފް އެގްޒެކެޓިވް މުޙައްމަދު ޖައިލަމް ވިދާޅުވީ ޓެކް ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި ޒުވާނުެއްގެ ޙައިޘިއްޔަތުން ޕޭޕާލް ޚިދުމަތް ތަޢާރަފުކުރުމުގެ ޚަބަރު އެހީ ނުހަނު އުފުލާއެކުގައި ކަމަށާއި، ސްޕީކް2ފިލް.އޭއައި ޕޭޕާލްއާ ގުޅުވައި، ލޯންޗުކުރީމު ކަމަށެވެ. ނަމަވެސް، އެއްވެސް ޕާމަންޓެއް ޕްރޮސެސް ނުކުރެވުނު ކަމަށެވެ. އެހެންވީމާ ޕޭޕާލްގެ ޚިދުމަތް ތަޢާރަފުކުރީ ކަމަށް ބުނާ ވާހަކައަކީ ”މުޅިއަކުން ޙަޤީޤަތެއް ނޫން،“ ކަމަށެވެ.
2025 ގައި ސޮފްޓްވެޔަރ ޑެވަލޮޕްކުރުމުގެ ދާއިރާއިން ޤައުމީ އިނާމު ޙާޞިލުކުރެއްވި ޖައިލަމް ކިޔައިދެއްވި ގޮތުގައި އެކަމުގެ ސަބަބަކީ ރިސީވް ކުރެވެނީ ހަމައެކަނި އަމިއްލަ އެކައުންޓުތަކަށް ވުމުން ކަމަށާއި، މަރޗަންޓް ޓޫލްސް ބޭނުން ނުކުރެވޭތީ ކަމަށެވެ. އަދި ހުރިހާ ޕްލެޓްފޯމަކަށް އެކައުންޓް ލިންކު ނުކުރެވޭ ކަމަށެވެ. އެގޮތުން ޓިކްޓޮކް އަށް ލިންކެެއް ނުކުރެވެއެވެ. ޕޭޓްރިއޯން އަށް ކުރެވެއެވެ. އެހެންވީމާ 99 އިންސައްތަ ވިޔަފާރިއަށް ޕޭޕާލްގެ ޚިދުމަތް ބޭނުމެއް ނުކުރެވޭނެެއެވެ. މިވާހަކަތައް ޙިއްސާކޮށް ޖައިލަމް ކުރި ޕޯސްޓަށް ބޮޑު ސަމާލުކަމެއް ލިބިފައިވެއެވެ.
އެޕޯސްޓަށް ފަހު އުރީދޫއިންވަނީ މާޗަންޓް ޓޫލްސް އަދި ބޭނުން ނުކުރެވޭނެކަން ކަށަވަރު ކޮށްދީފައެވެ. އަދި ޕޭޕާލް އެކައުންޓް ހަމައެކަނި ލިންކް ކުރެވޭނީ އެމްފައިސާ ވޮލެޓުތަކާކަމަށާއި، ފައިސާ ރިސީވް ކުރެވޭނީ ހަމައެކަނި ޕާސަނަލް އެކައުންޓުތަކަށް ކަމަށް ވެސް ބުނެފައިވެއެވެ.
އުރީދޫއިން މިކަންކަން ސާފުކޮށްދިނުމުން، ޖައިލަމް ލިޔުއްވާފައިވަނީ މިއީ ހަމަ ޔަޤީނުންވެސް ލިބުނު ކުރިއެރުމެއްކަން ޤަބޫލުކުރައްވާ ކަމަށާއި، ނަމަވެސް މިއީ ވިޔަފާރިތަކަށް ބޭނުންކުރެވޭނެ ޚިދުމަތެއްގެ ގޮތުގައި ސިފަ ކުރުމަކީ ޙަޤީޤަތް ނޫން ކަމަށެވެ. ރައީސް މުޢިއްޒު ދައުލަތުގެ މީޑިޔާގައި ޕޭޕާލްގެ ވާހަކަ ދެއްކެވީމާ ޖައިލަމްވަނީ ”ކަންބޮޑުވުންތައް އަޑުއެއްސެވި ކަމަށްޓަކައި“ އެމަނިކުފާނަށް ޝުކުރު ދަންނަވާފައެވެ. އަދި ވާހަކަދައްކަވާއިރު މުޅިން ޙަޤީޤަތަށް ނުވާ ގޮތަށް ވާހަކަ ނުދެއްކުން ބޭނުންތެރިކަމަށް ޖައިލަމް ވިދާޅުވިއވެެ.
ޖައިލަމްގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޕޭމަންޓް ގޭޓްވޭއިން އަލިޕޭ، ވީޗެޓްޕޭ، ޔޫނިއަންޕޭ، އެޕަލްޕޭ އަދި ގޫގްލްޕޭ ޤަބޫލުކުރާ ކަމަށާއި، ނަމަވެސް އެއީ ޑޮލަރުން މުޢާމަލާތް ކުރާ ރިޒޯޓުތަކާއި ޓްރެވަލް އޭޖެންސީތަކަށް ކަމަށް ވިދާޅުވެފައެވެ. އެހެނިހެން ވިޔަފާރިތަކަށްވެސް އެރުފުޞަތު ހުޅުއްވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން ޖައިލަމް އެދިވަޑައިގަތެވެ.
ސަން ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މާޗަންޓް ޚިދުމަތްތައް ހުޅުވާލުމަށާއި، ބޭންކްގެ ޑޮލަރ ގޭޓްވޭ ހުރިހާ ވިޔަފާރިއަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސާން މަސައްކަތް ކުރަމުން އެބަ ދެއެވެ. ނަމަވެސް އެކަން ވާނެ މުއްދަތެއް ބުނެފައެއް ނުވެއެވެ.
ރިލޭ ރޭހެއް
ރައީސް މުޢިއްޒުވެސް އަދި މިނިސްޓަރ ސަޢީދުވެސް ވިދާޅުވީ އުރީދޫ މެދުވެރިކޮށް ޕޭޕާލްގެ ޚިދުމަތް ލިބޭގޮތް ހަމަޖެހުނީ 2023 ނޮވެންބަރުގައި ސަރުކާރުން ވީ ވަޢުދުގެ ބައެއްގެ ގޮތުން، ސަރުކާރުގެ ހިންމަތުން ކަމަށެވެ. އަދި ކުރީގެ ސަރުކާރުތަކަށް އެކަން ކާމިޔާބު ނުކުރެވުނު ކަމަށެވެ. ރައީސް މުޢިއްޒު ނޭޝަން ޗެޓް ޕްރޮގްރާމްގައި ވިދާޅުވީ މިއީ އަހަރު ދުވަހު ސީދާ ޕޭޕާލްއާ މުޢާމަލާތް ކޮށްގެން ކާމިޔާބު ކުރެވުނު ކަމެއް ކަމަށެވެ. އަދި ޕޭޕާލްއިން ޚިދުމަތް ތަޢާރަފު ކުރުމުގައި އުރީދޫ ލޯކަލް ޕާޓްނަރެއްގެ ގޮތުގައި ޚިޔާރުކުރީ ކަމަށެވެ.
ނަމަވެސް އުރީދޫއިން ބުނަނީ ޚިދުމަތް ދޭން ފެށުނީ އެތައް އަހަރަކު ޕޭޕާލްއާއި، ސަރުކާރާއި، އިކޮނޮމިކް މިނިސްޓްރީ އަދި މަރުކަޒީ ބޭންކާއެކު ކުރި މަސައްކަތާއި މަޝްވަރާގެ ސަބަބުން ކަމަށެވެ. އަދި މަސައްކަތް ކާމިޔާބުކުރާން ބައިނަލްއަޤްވާމީ ރެގިއުލޭޓަރުންނާ ވާހަކަދައްކައި، ކޮމްޕްލަޔަންސް ޝަރުޠުތަކަށް ފެތޭން ޖެހުނު ކަމަށެވެ. އަދި ޓެކްނިކަލް އިންތިޒާޏުތައް ހަމަޖައްސާން ޖެހުނު ކަމަށެވެ.
ނޭޝަނަލް ޕޭމަންޓް ސިސްޓަމްސް ޤާނޫނުގައި މި ޚިދުމަތުގެ ޤާނޫނި ތަރަހައެވެ. މި ޤާނޫނު ފާސްކުރީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2021 ގައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިންޓަރނެޓް ބޭންކިންގް ޕޭމަންޓް ނިޒާމުގެ ނަމަކީ ފަވާރާއެވެ. އެނިޒާމު ތަޢާރަފުކުރީ އޮގަސްޓް 2023 ގައެވެ. ރެގިއުލޭޓަރީގޮތުން ދޭން ޖެހޭ ހުއްދަތައް ދިނުމާއި، އުރީދޫގެ ފިންޓެކް ގޮތްޕަށް ބޭނުންވާ ލައިސަންސްގެ ކަންކަން ހަމަޖެހިގެންދިޔައީ، ރައީސް މުޢިއްޒުގެ ސިޔާސީ ބާރު އެޅުއްވުމާއެކު މިވެރިކަމުގައެވެ.
އެހެންވީމާ ކަމުގެ ކްރެޑިޓް ލިބޭންޖެހޭ ފަރާތުގެ ބަހުޘް އޮތީ ބޮޑުވެފައެވެ. ސޯޝަލް މީޑިޔާގައި އެއްބަޔަކު ބުނަނީ ހުރިހާ ކަމެއް ކުރީ ސަރުކާރުން ކަމަށެވެ. އަނެއް ބަޔަކުގެ ނަޒަރުގައި ހުރިހާ ތަޢުރީފެއް ޙައްޤުވަނީ އުރީދޫއަށެވެ.
ކޮންމެ ގޮތެއްގައި ނަމަވެސް، ސްޕާކްހަބްގެ ސީއީއޯ ޖިނާން ވިދާޅުވިހެން ޕޭޕާލްގެ ޚިދުމަތް ތަޢާރަފު ކުރެވިއްޖެއެވެ. ޕޭމަންޓުތައް ރިސީވް ކުރެވެއެވެ. އެހެންނަމަވެސް މޭޗަންޓް ޚިދުމަތްތަކެއް ނުލިބެއެވެ. އަދި ނުލިބޭ ފައިސާއެއް ފޮނުވޭކަށް ނެތެވެ. ޔަޢުނީ އަމިއްލައަށް އެކައުންޓަށް ފައިސާ ލެވޭނެ ގޮތެއް ނެތެވެ. ދެން ހުރި ފިޔަވަޅުތައް އެޅިގެން މެނުވީ މިއީ ޕޭޕާލްގެ ޚިދުމަތް ލިބުންކަމަށް ފުރިހަމަ މާނައިގައި ބެލެވޭކަށް ނެތެވެ. ޙަޤީޤަތާ ގާތް ގޮތަކީ މިއީ ޕޭޕާލްގެ ޚިދުމަތަށް ހުޅުވުނު ދޮރެކެވެ.
މިނިވަން ނޫސްވެރިކަމަށް އެހީތެރިވެދެއްވާ
ބިރެއްނެތި ޚަބަރު ގެނެސްދިނުމަށް އެހީތެރިވެދެއްވާ
އެއްފަހަރު ދެއްވާ
$
ނުވަތަ
މެމްބަރަކަށް ވެލައްވާމަހަކު $5 އިން ފެށިގެން
