ދިވެހިރާއްޖެއަށް ޖައްސާ ޕްރައިވެޓް ޖެޓްތަކުގެ ހަބަކަށް މާފަރު

ވެލާ ބިސް އަޅަން އަޅާ ރަށެއް ވެފައި އެވަނީ ބިލިޔަނަރުން ރާއްޖެ ވަންނަ ދޮރާއްޓަށް.

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ކުރެހުމާއި ޑިޒައިން: ޑޮސެއިން

ދުނިޔޭގެ ފެންވަރުގައި ހިމެނޭ އެތައް ސައުދާގަރުން (ނުކުޅަދާނަ މިންވަރަށް ފައިސާވެރި) ނަކަށް ދިވެހިރާއްޖެ އިން މި ޗުއްޓީގައި މަރުޙަބާ ކިއެވެ.  މަދުވެގެން އަށް ސުޕާރޔޮޓް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ނުވަތަ ރާއްޖެއާ ކައިރީގައި ބަނދަރުކޮށްފައި އޮތެވެ. މާލޭ ކައިރީގައި އޮންނަ ވެލާނާ އިންޓާރނޭޝަނަލް އެއާޕޯޓަށް ދިހަވަރަކަށް ޕްރައިވެޓް ޖެޓް ޖައްސާފައި އޮތެވެ. ނަމަވެސް މިލިޔަނަރުންނާއި ބިލިޔަނަރުން ދިވެހިރާއްޖެއަށް ދަތުރުކުރީ މާލެއާ 180 ކިލޯމީޓަރު ދުރުގައި އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ އެހީގައި ހަދާފައިވާ ވައިގެބަނދަރަށެވެ.
ފަތުވެރިކަމުގެ ކުންނުގައި ނ. އަތޮޅު މާފަރު އިންޓާރނޭޝަނަލް އެއާޕޯޓުގެ އޭޕްރަންގައި 25 އަށް ވުރެ ގިނަ ޕްރައިވެޓް ޖެޓް ޕާކު ނުކުރާ ވަގުތެއް މިބަންދަކު ނާދެއެވެ. މިއީ މިހާތަނަށް އެ ވައިގެބަނދަރަށް އެންމެ ގިނައިން ބޯޓު ޖެއްސި ފަހަރެވެ.
"މިދިޔަ އަހަރު ޕާކިންގް ޖާގަ އިތުރުކުރި އިރު 800 އަށް އެރި. އޭގެ ކުރީ ސީޒަނުގައި 50 އާއި 80 އާއި ދެމެދުގެ ޢަދަދަކަށް މަތިންދާބޯޓު ނުޖެއްސި، އަނބުރާލަން ޖެހުނު – ތަން ފުރިގެން،" އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް ޢަލީ މޯލްޑިވްސް އިންޑިޕެންޑެންޓަށް ކިޔައިދެއްވިއެވެ. "އަޅުގަނޑުމެންނަށް މި އަހަރު އެ މައްސަލަ ދިމައެއް ނުވޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
2025 ވަނަ އަހަރު މާފަރުގެ ވައިގެބަނދަރަށް 804 ޕްރައިވެޓް ޖެޓް ޖެއްސިކަން ރެކޯޑްކޮށްފައިވާއިރު، 2024 ގައި މި ޢަދަދު ހުރީ 579 ގައެވެ. 38 އިންސައްތައިގެ އިތުރުވުމެކެވެ. ޑިސެމްބަރު މަހު އެކަނިވެސް 102 ބޯޓު ޖެއްސިއެވެ.  2024 ގެ ޑިސެމްބަރުގައި ޖެއްސީ އެންމެ 98 ބޯޓެވެ. އެހެންވީމާ ދުވާލަކު އެވްރެޖުކޮށް 3 ބޯޓު ފުރައި/ޖައްސައި ފިއެވެ. "ޖެނުއަރީ އަށް ވެސް އަޅުގަނޑުމެންނަށް ލިބިފައިވާ ބުކިންގްތަކަށް ބަލާއިރު، މިވަރު ވާނެ. އެހެންވީމަ ޑިސެމްބަރު އަދި ޖެނުއަރީ މަހުގެ ޖުމްލަ ޢަދަދު 200 އަށް ވުރެ މައްޗަށް ދާނެ،" މުމްތާޒް ވިދާޅުވިއެވެ.
"އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓް" މެދުވެރިކޮށް ފައިނޭންސް ކޮށް، "ހަދިޔާ" އެއްގެ ގޮތުގައި ތަރައްޤީކުރަން ފެށި މާފަރު އެއާޕޯޓުގެ ޢަމަލީ މަސައްކަތް ފެށީ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ގައެވެ. 2019 ވަނަ އަހަރު އެއާޕޯޓް ހުޅުވީ 2،200 މީޓަރުގެ ރަންވޭއަކާ އެކުގައެވެ. ތަން މެނޭޖުކުރަނީ ޤައުމީ އެއާރލައިން "މޯލްޑިވިއަން" ހިންގާ ދައުލަތް ޙިއްސާވާ "އައިލެންޑް އޭވިއޭޝަން ސާވިސަސް" އިންނެވެ.
76 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢު އެކީ އެކަށް ނިންމާލާފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހު ވައިޑް ބޮޑީ މަތިންދާބޯޓު ނުވަތަ އެންމެ ބޮޑެތި މަތިންދާބޯޓަށްވެސް ޖެއްސޭ ވަރަށް ރަންވޭއަށް 2،850 މީޓަރު އިތުރުކޮށްގެންނެވެ. އެމަސައްކަތަށް ފަހު އަލުން ހުޅުވުމުގެ ގޮތުން މޯލްޑިވިއަން ގެ ފުރަތަމަ އޭ330-200 ޖެއްސީ މާފަރުގެ ފުޅާކުރި ރަންވޭއަށެވެ.
ޓާމިނަލް ޢިމާރާތްވެސް ފުޅާކުރި ރަންވޭއާއެކު ނިންމައި، ޑިސެމްބަރު 2025 ގައި ފަތުރުވެރިކަމުގެ ހައި ސީޒަން އަންނާން ވާއިރަށް ހުރީ ތައްޔާރަށެވެ. ޕާކިންގް ކެޕޭސިޓީ 13 ޖެޓުން 30 ޖެޓަށް—ދެގުނައަށް ވުރެ އިތުރުވިއެވެ.
މާފަރު ބިނާކުރީ ނ. އަތޮޅުގެ އަލްޓްރާ ލަގްޜަރީ ރިސޯޓްތަކަށް ޚިދުމަތް ދިނުމަށެވެ. ނަމަވެސް ޚިދުމަތް އެވަނީ މިހާރު ފުޅާވެފައެވެ. އަވަށްޓެރި އަތޮޅުތަކުގެ ރިޒޯޓުތަކަށް އަންނަ ފަތުރުވެރިންވެސް މިހާރު މާފަރަށް ޖައްސައެވެ. އެންމެ 15 މިނެޓުއިރު ސީޕްލޭންގައި އުދުހިފައި ގޮސް އެފަތުރުވެރިޔަކު ބުކްކުރި ހޮޓަލަށް މާފަރުން ދަނީއެވެ.
"ރ އާއި ބ އަށް އަންނަ ފަތުރުވެރިންވެސް މިހާރު މާފަރަށް ޖައްސަން ޕްރިފާރކުރޭ،" ކަމަށާއި، "އެހެންވީމަ ރ އަތޮޅުގައިވާ ޖޯލި ރިޒޯޓާއި، ބ އަތޮޅުގައިވާ ސޮނޭވާފުއްޓާއި، ފޯ ސީޒަންސް ލަނޑާ ގިރާވަރަށް އަންނަ ގެސްޓުންވެސް މިތަނަށް (މާފަރަށް) އަންނަނީ. ނ. އަތޮޅު ކައިރީގައިވެސް ޝެވަލް ބްލާންކް ފަދަ ހައި އެންޑް ޕްރޮޕަޓީތައް ވަރަށް ގިނަ، އެކަމަކު މިހާރު އެހެން ދިމަދިމާލަށް ދާ ފަތުރުވެރިންވެސް ވަރަށް ގިނައިން މާފަރަށް ޖައްސާ،" މާފަރު އިންޓާރނޭޝަނަލް އެއާޕޯޓުގެ ފަރާތުން ވާހަކަދެއްކެވި މުމްތާޒް ތަފްޞީލުކޮށްދެއްވިއެވެ.
ގިނައިން އަންނަނީ ޔޫރަޕާއި މެދުއިރުމަތީގެ މީހުންނެވެ. ރަންވޭ ބޮޑުކުރި ފަހުން އެއާޕޯޓަށް ވައިޑް ބޮޑީ (ފުޅާ) މަތިންދާބޯޓު ޖެއްސެއެވެ. އެއާރބަސް އޭ330 އާއި ބޮއިންގް 787 ހިމެނޭހެންނެވެ. ތެޔޮ އަޅާން އިތުރު ތަނަކަށް ނުޖައްސާ ސީދާ މެދުއިރުމަތިން ނުވަތަ ދެކުނު ޔޫރަޕުން އުދުހުމުގެ ޤާބިލްކަން މިފަދަ ބޮޑެތި މަތިންދާބޯޓަށް ލިބިގެންވެއެވެ.

ރިޒޯޓުތައް

ނ އަތޮޅުގައި ބިނާކޮށްފައި އެވަނީ ދުނިޔޭގެ ފެންވަރުގެ އެންމެ އަގުބޮޑެތި ހޮޓާތަކެވެ.
ޝެވަލް ބްލާންކް ރަންދެލި – ފްރާންސްގެ ލަގްޜަރީ ކޮންގްލޯމެރޭޓް އެލްވީއެމްއެޗް ގެ ކުންފުންޏެކެވެ. ހުޅުވީ 2013 ގައެވެ. ހަ ރަށަކަށް ބަހާލައިގެން 45 ވިލާ ޤާއިމުކޮށް، ބިނާކޮށްފައިވާ މިރިޒޯޓު ޑިޒައިންކުރީ ޜޮން މިޝެލް ގަޓީއެވެ. ރިޒޯޓަށް ފަތުރުވެރިން ގޮސް އައިސްވަނީ ރިޒޯޓަށް ޚާއްޞަ ސީޕްލޭންގައެވެ.
ވެލާ ޕްރައިވެޓް އައިލެންޑް – ޗެޗިޔާގެ (ޗެކް ރިޕަބްލިކް) ގެ ބިލިއަނަރު ޖިރީ ޝްމެޖް ގެ އަމިއްލަ ޝައުޤާއި ޖަޒުބާތުގައި ހިންގާފައިވާ މަސައްކަތެކެވެ. 47 ވިލާއާއި، ހޯސޭ މާރިޔާ އޮލަޒާބަލް ފަރުމާކޮށްފައިވާ ނައިން-ހޯލް ގޯލްފް ކޯހަކާއި، ރާއްޖޭގެ ހަމައެކަނި ފުރާޅުއެޅި ޓެނިސް ކޯޓެއް އެރަށުގައި ވެއެވެ. އެއް ހެކްޓަރުގެ ބޮޑުމިން ހުންނަ ޕްރައިވެޓް އައިލެންޑް ވިލާއެއް ބުކް ކުރެވޭނެއެވެ.
ސޮނެވާ ޖާނީ – ސޮނެވާ ގްރޫޕްގެ މަޝްހޫރު "ސްލޯ ލައިފް" ބްރޭންޑްގެ ރިޒޯޓެކެވެ. އުޑު ބަލާން ބޭނުން ހިނދެއްގައި އެކަން ކުރެވޭގޮތަށް، ކަހާލެވޭ ފުރާޅުތަކެއް ހުންނަ ވޯޓާރ ވިލާތަކެއް ހުރެއެވެ. އަދި އެ ވިލާތަކުން ފަޅަށް ވޯޓަރ ސްލައިޑުގައި ސޮއްސޭނެއެވެ.
މި ޕްރޮޕަޓީތަކަކީ އިންޑަސްޓްރީން ކިޔާ "ހައި ނެޓް ވަރތް އިންޑިވިޖުއަލްސް" (ސައުދާގަރުންނަށް) އަށް ޚިދުމަތްދޭ ތަންތަނެވެ،
ސަރުކާރުން ކަނޑައަޅާފައިވާ އަމާޒު ކަމަށްވާ 2.3 މިލިއަން ފަތުރުވެރިން 2025 ވަނަ އަހަރު ދިވެހިރާއްޖެއަށް ނައި ނަމަވެސް، 2.24 މިލިއަން ޒިޔާރަތްތެރިންނަށް ރާއްޖެއިން މަރުޙަބާ ކިޔެވެ. ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 5.4 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެ އެވެ. ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މިހާރު ޚާއްޞަކަމެއް ދެނީ މަތީ ފެންވަރުގެ، ލަގްޜަރީ ހޮޓާ/ރިޒޯޓުތައް ޕްރޮމޯޓު ކުރުމަށެވެ. ސަރުކާރުގެ މި މާކެޓިންގް ކުންފުނިން ސުޕާރޔޮޓުތަކަށް އަމާޒުކޮށްގެން ފުރަތަމަ ކެމްޕޭންތައް ފަށާފައިވަނީ މިދިޔަ އަހަރެވެ.
މުމްތާޒް ވިދާޅުވަނީ މާފަރަށް ޕްރައިވެޓް ޖެޓުގައި އަންނަ ގިނަ ފަސިންޖަރުން "ސީދާ ދަނީ ރިސޯޓުތަކަށް" ކަމަށާއި، އައިލެންޑް އޭވިއޭޝަނުން ތެޔޮއެޅުމާއި ގްރައުންޑް އޮޕަރޭޝަންތަކުގެ ހުރިހާ ކަމެއް ބަލަހައްޓާ ކަމަށާއި، "ސްކައިޓުވާސް ފަދަ ތަންތަނުގެ ޖެޓް ސުޕަވިޝަން އޭޖެންޓުން"ގެ ވެސް އެހީއާއެކު، އޮޕަރޭޝަން މެނޭޖުކުރަމުންދާ ކަމަށެވެ.
"ލޭންޑިންގް އާއި ޕާކިންގެ ފީތައް ކަނޑައަޅާފައި އެބަހުރި. ޑިޕާޗާރ ޓެކްސް އާއި ނޭވިގޭޝަން ޗާޖާއި އެއާޕޯޓް ޓެކްސްގެ ހުރިހާ ޗާޖަކީ ރޫޓީން (ޢާންމުކޮށް ހިނގާ، އާދައިގެ) ކަމެއް، އެބައިބައި ނަގަނީ ސަރުކާރަށް. ޕާކިންގް ފީ ހިމެނޭހެން އެހެން ހުރިހާ އެއްޗެއް ލިބެނީ އައިލެންޑް އޭވިއޭޝަނަށް." މާފަރު އެއާޕޯޓުގެ ޖެނެރަލް މެނޭޖަރ މުމްތާޒް އިތުރަށް ވިދާޅުވިއެވެ.
މާފަރު މަޝްރޫޢަކީ އުނދަގޫ ތާރީޚެއް އޮތް މަޝްރޫޢެކެވެ. ފުރަތަމަ ނެގި ކޮންޓްރެކްޓަރު – ސިންގަޕޫރުގެ ޓަފް އިންފްރާސްޓްރަކްޗާރ އަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަޙްޤީޤުތަކާ ކުރިމަތިލާން ޖެހުނީ ބިޑްތަކުގައި ޤަވާއިދާ ޚިލާފުވުމާއި، ސަބް-ކޮންޓްރެކްޓަރުންނަށް މުސާރަ ނުދީ، ޚަރަދުތައް ބޮޑުވެފައިވާ ކަމަށް ތުހުމަތު ކުރެވުމުންނެވެ.
މާފަރަކީ ވެލާ ބިސްއަޅަން އަރާން މަޝްހޫރު ރަށެކެވެ. 2019 ވަނަ އަހަރުގެ އޭޕްރީލް މަހު ވެލައެއް އެރަށުގެ ރަންވޭއަށް ބިސްއަޅަމުންދާ ފޮޓޯއެއް ވައިރަލްވެ، ބައިނަލްއަޤްވާމީ މީޑިޔާގެ ސަމާލުކަން ހޯދިއެވެ. ގިނަ ވެލާ އެނބުރި ބިސްއަޅަން އަންނަނީ އެސޮރު އުފަންވީ ރަށުގެ ގޮނޑުދޮށަށެވެ.
2019 ވަނަ އަހަރުގެ ފަހުކޮޅު އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ އަށް ހުށަހެޅި މާފަރު އެއާޕޯޓް ފުޅާކުރުމުގެ މަޝްރޫޢުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދައި، އެމަޝްރޫޢު އޮތީ ހުއްޓުވާފައެވެ. ތިމާވެއްޓަށް ލިބޭނެ އިޔާދަނުކުރެވޭނެ ގެއްލުމާ ހުރެއެވެ. އޭރު އީޕީއޭއިން ބުނީ އެމަޝްރޫޢު ކުރިއަށް ގެންގޮސްފިނަމަ ސަބަބުން 22،000 ގަސް - "ރަށުގައޮ މިހާރު ހުރި ގަސްގަހާގެހީގެ ބޮޑު ބައެއް" ހަލާކުވެ ދާނެ ކަމަށާއި، ވެލާކަހަނބު އައިސް މަޑުޖެހިލާ ސަރަޙައްދެއްގެ ގޮތުގައި ބޭނުންކުރާ މޫދުވިނަތައްވެސް ނައްތައިލާން ޖެހޭނެ ކަމަށެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާގުޅޭ ސުވާލު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ނުވަތަ ކައިރީގައި އާ އަހަރުގެ ޗުއްޓީއަށް ބަނދަރުކުރި ސުޕާރޔޮޓްތަކުގެ ތެރޭގައި 142 މީޓަރުގެ "ނޯޑް" ހިމެނެއެވެ.
500 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ނޯޑްގެ މިލްކުވެރިޔަކީ ރަޝިޔާގެ ތިންވަނައަށް އެންމެ މުއްސަނދި ސައުދާގަރު އެލެކްސީ މޯރޑަޝޯވް އެވެ. ރަޝިޔާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ ގުޅުން ބޮޑެވެ. 2022 ގެ ފެބްރުއަރީ މަހުން ފެށިގެން ޔޫރަޕިއަން ޔޫނިއަން (ވިލާތުގެ އިއްތިޙާދު) އިނގިރޭސިވިލާތް އަދި އެމެރިކާ އިން އޭނާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ވެއެވެ. އޭނާގެ ކުޑަ ޔޮޓް އިޓަލީ ފުލުހުން އަތުލައިގަތީ ޔޫކްރޭނަށް ރަޝިޔާއިން އަރައިގަތްތާ މާގިނަ ދުވަހެއް ނުވަނީހެވެ. ފާއިތުވި ތިން އަހަރުގެ ބޮޑު ބައެއް ނޯޑް ހޭދަކުރީ ހުޅަނގުގެ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ނުކުރާ އިޙްތިޞާޞްތަކުގައި ދަތުރުކުރަމުންނެވެ.
އޭއައިއެސްގެ ޓްރެކިންގް ޑޭޓާއިން ދައްކާ ގޮތުގައި ނޯޑް މާލޭ ކައިރީގައި ބަނދަރުކޮށްފައިވަނީ ޑިސެމްބަރު 2024 ގެ ފަހުކޮޅު، ޖެނުއަރީ 2025، އަދި ނޮވެމްބަރު 2025 ގައެވެ.
މާފަރު އެއާޕޯޓް ހިންގެވުމާ ޙަވާލުވެ ހުންނެވި މުމްތާޒް ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތައް ސްކްރީން ކުރުމަކީ އައިލެންޑް އޭވިއޭޝަންގެ ޒިންމާއެއް ނޫން ކަމަށެވެ. "އަޅުގަނޑުމެންމަށް މި އޮންނަނީ ހަމަ އެއާޕޯޓްގެ އޮޕަރޭޝަންތައް ބެލެހެއްޓުން. ދަތުރުވެރިންނަކީ ކޮން ބައެއްތޯ ބަލާ ހަދަނީ ބޯޑަރ ކޮންޓްރޯލްގެ ޒިންމާ އޮންނަ ފަރާތުން،" މުމްތާޒް ވިދާޅުވިއެވެ.
ބައެއް ކްލަޔަންޓުން "އެމީހުންގެ ޕްރޮފައިލަށް ބަލައިގެން ޑިޕްލޮމެޓިކް ކްލިއަރެންސް ލިބިދާނެ. މިސާލަކަށް މެދުއިރުމަތީގެ ޝާހީ ޢާއިލާތަކުގެ ބައެއް ކްލައިންޓުން،" އޭނާ ކިޔައިދެއްވިއެވެ. "އަޅުގަނޑުމެންނަށް ލިބޭ މަޢުލޫމާތަކީ އެއީ ކޮން ވައްތަރެއްގެ މަތިންދާބޯޓެއްތޯ. އަޅުގަނޑުމެންނަށް ފަސިންޖަރުންގެ މަޢުލޫމާތު ވެސް ލިބޭ، އެކަމަކު ކްލައިންޓުންނާ ބެހޭ ސިއްރު ހިފަހައްޓަން ޖެހޭ." މުމްތާޒްއިތުރަށް އޮޅުންފިލުއްވައި ދެއްވިއެވެ.
ޖެނުއަރީ މަހުގެ ކުރީކޮޅު އޭއައިއެސްގެ ޓްރެކިންގް ޑޭޓާއަށް ބަލާއިރު ރާއްޖޭގެ ކަނޑުތަކުގައި ނުވަތަ ކައިރީގައި ބަނދަރުކޮށްފައިވާ އެހެން ސުޕާރޔޮޓްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ކައިރީގައި ޓްރާންސިޓް ކުރަމުން ދިޔަ ޤަޠަރުގެ ޢަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް ޘާނީގެ 123 މީޓަރުގެ "އަލް ލުސައިލް" ހިމެނެއެވެ. ކެނެޑާގެ ބިލިއަނަރު ލޯރެންސް ސްޓްރޯލް – އެސްޓަން މާޓިން ފޯމިއުލާ 1 ޓީމުގެ ވެރިޔާ – އަށް ނިސްބަތްވާ 96 މީޓަރުގެ "ފެއިތު" ދިޔައީ މެދުރާއްޖެތެރޭގައި ދަތުރު ކުރަމުންނެވެ. 74 މީޓަރުގެ "ލޭޑީ އީ އައި" ވަށާލައިފާވަނީ ރާއްޖޭގެ އުޅަނދުތައް ހިމެނޭހެން ޗާޓަރު ޔޮޓްތަކުންނެވެ.
މާލޭ އެންކަރޭޖްގައި ލޮގްކޮށްފައިވާ 76 މީޓަރުގެ "ވީލްސް" އަކީ މީގެ ކުރިން ރަޝިޔާގެ ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އަނެއް ސައުދާގަރު، ވްލަޑިމިއާ ޕޮޓަނިންގެ ބޯޓެކެވެ. އޭގެ ފަހުން ޖަރުމަނުގެ ވިޔަފާރިވެރިޔާ ރާލްފް ޝްމިޑަށް މިލްކުވެރިކަން ބަދަލުކުރީއެވެ.
ކުރީގެ ވެރިކަމާއި މިހާރުގެ ވެރިކަމުގައި ވެސް ދިވެހިރާއްޖެއިން ވަނީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުން ކުށްވެރި ކުރުމަށް އދ. ގައި ނަގާފައިވާ ވޯޓުތަކުގައި، ރަޝިޔާއާ ދެކޮޅަށް ވޯޓުދީފައެވެ. ނަމަވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކާ ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން ކުރާ މަސައްކަތްތަކަށް އެއްބާރުލުމެއް ނުދެއެވެ.
"އަޅުގަނޑުމެންގެ އެންޓްރެންސް ޕޮލިސީ (އައިސް ގޮސް ވުމާއި، ވަދެ އުޅުމުގެ ސިޔާސަތު) ވަރަށް އޯޕަން. ދިވެހިރާއްޖެއަކީ އަކީ ހުޅުވިފައިވާ ޤައުމެއް،" ކުރީގެ ސަރުކާރުގެ މަސްދަރަކުން 2022 ވަނަ އަހަރު ރޮއިޓާސް ގައި ބުނެފައިވެއެވެ.
ޔޫރަޕިއަން ކޮމިޝަނުން ވަނދަތިކުރުމުގެ ފިޔަވަޅުތަކަކީ ވިލާތުގެ ޤައުމުތަކުން މެނުވީ ތަންފީޒުކުރުން ލާޒިމު ނޫން ކަމެއްގެ ގޮތުގައި ބަލައިގަނެފައެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރައުސުލްމާލަށް ރާއްޖެއިން ހިޔާވަހިކަމާއި ރައްކާތެރިކަން ދިނުމަކީ، އެމެރިކާގެ ބާރުގެ ދަށުގައިވާ މާލީ ޚިދުމަތްތަކާއި ބާޒާރުތަކަށް ވަންނާން އޮތް ހުރަހެއް ކަމަށް ނުވަތަ ނޭދެވޭ އަސަރު ފޯރާނެ ކަމެއް ކަމަށް އެޤައުމުގެ ޓްރެޜަރީން ދިވެހި ސަރުކާރަށް އަންގާފައެއް ނެތެވެ. ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވާ ޤައުމަކަށް އެފަދަ އެންގުމެއްގެ ބުރަހެލިކަން ނުހަނު އަވަހަށް އިޙްސާސްވާނެއެވެ.
އެފަދަ ޕްރެޝަރެއް ނެތް ޙާލަތެއްގައި ދާންވީ މިސްރާބު ސާފެވެ. 2025 ވަނަ އަހަރު ދިވެހިރާއްޖެއަށް ފަތުރުވެރިން ދެވަނައަށް އެންމެ ގިނައިން އައީ ރަޝިޔާއިންނެވެ. އެއީ 278،760 ފަތުރުވެރިންނެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް އިން ދަނީ ޖަރުމަނުގެ ކުންފުންޏަކާ ގުޅިގެން މާސްޓާ ޕްލޭނެއް އެކުލަވާލަމުންނެވެ. 2026 ވަނަ އަހަރުގެ ފަހުކޮޅު ނިމޭއިރު، ދެ ބުރީގެ ޓާމިނަލް ޢިމާރާތެއް ޤާއިމުކޮށް، ފަތުރުވެރިންނާއި މުވައްޒަފުންނަށް އެއާޕޯޓް ހޮޓަލަކާއި ދާއިމީކޮށް ތެޔޮ ރައްކާކުރެވޭނެ ފެސިލިޓީއަކާއި ސީޕްލޭން ޓާމިނަލެއްގެ ތަޞައްވަރު ރާވާފައިވެއެވެ. ހަމައެކަނި ޗާޓަރު އަދި ޕްރައިވެޓް ޖެޓްގެ ބަދަލުގައި، ސީދާ ބައިނަލްއަޤްވާމީ ޝެޑިއުލް ފްލައިޓްތަކުގެ މަޝްވަރާތައްވެސް ކުރިއަށް ދާކަމަށް ޚަބަރު ލިބެއެވެ.
އެއާޕޯޓް ވަށައިގެން 10،000 ޓޫރިޒަމް އެނދު ތަރައްޤީ ކުރާން މިހާރު އޮތީ ކަނޑައަޅާފައެވެ.
ނ ގެ ވައިގެ ބަނދަރު އެހެރަ ދަނީ ފަތުއަޑުކިޔާފައި ފުޅާވެ، ވަރުހެސަވަމުންނެވެ.

މިނިވަން ނޫސްވެރިކަމަށް އެހީތެރިވުމަށް ޑޮނޭޓް ކޮށްދެއްވާ