"ދެނެއް ނުވާނެ! ދެނެއް ނުފުރޭނެ!" ބޮޑު ކަންނެލި މަސްވެރިން ގަނަތެޅެނީ
ބޮޑު ކަންނެލި މަސްވެރިން 200،000 އެއްހާ ރުފިޔާ ނަގާލާފައި، ހަފްތާއެއް ވާންދެން މުޒާހަރާގައި ތިބީ ކިއްވެ؟

ކުރެހުމާއި ޑިޒައިން: ޑޮސެއިން
18 ޑިސެމްބަރު 2025, 4:14 ހެނދުވާ
މީގެ ދަހަރު (ދިހަ އަހަރު) ކުރިން 300 އަށް ވުރެ ގިނަ މަސްއޮޑިފަހަރު ރާއްޖޭގައި ރީނދޫ އުރަހަ ކަންނެލީ (ބޮޑު ކަންނެލީ)ގެ މަސްވެރިކަމަށް ނުކުތެވެ. މިހާރު އެޢަދަދު ހުރީ 97 ގައެވެ. މިދިޔަ ހަފްތާގައި ފާހަގަކުރި މަސްވެރިންގެ ދުވަހު، އޭގެ ތެރެއިން 50 އަށް ވުރެ ގިނަ މަސްއޮޑިފަހަރު އަޅާފައި އޮތީ މާލޭ ބޭރުގައެވެ. މަސްވެރިންނަށް ސަރުކާރުން ވީ ވަޢުދު ނުފުއްދައިގެން، މުޒާހަރާ ގައެވެ.
ބޯޑު ކަންނެލި މަސްވެރިންގޭ ޔޫނިއަން (ޔޫނިއަން އޮފް ޔެލޯފިން ޓޫނާ ފިޝަރސް) އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ މި މުޒާހަރާގައި ކުރީ މައިގަނޑު ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުގެ މަސް ކުންފުނި - މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބޮޑު ކަންނެލި ގަންނާން ފެށުމާއި، ކިލޯއަކަށް 80 އާއި 100 ރުފިޔާ (6.5 އެމެރިކާ ޑޮލަރު)ގެ އަގި ދިނުމާއި، ސަރުކާރުން ފިއުލް ސަބްސިޑީ ދިނުމެވެ.
އެ ތިން ޑިމާންޑަކީވެސް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކެވެ. އެހެނެއްކަމަކު، ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، މަސްވެރިން ބުނަމުންދަނީ ވަޢުދުފުޅުތައް ފުއްދެވުމުގެ ކުލަވަރުވެސް ނުފެންނަ ކަމަށެވެ. މާޔޫސްވެފައިވާ ކަމަށެވެ.
ބޮޑު ކަންނެލި ބާނާ މަސްއޮޑިފަހަރު ކަނޑަށް ނުކުމެ ގިނަ ދުވަހު އުޅެއެވެ. ލަފަނީ މަސް ކިރުވުމަށާއި، ދޯންޏަށް ބޭނުންވާ އާލާތާއި، ސަޕްލައި އެރުވުމަށާއި، އަނބިދަރިން ގާތަށް އައުމަށެވެ. ހަފްތާއެއްހާ ދުވަހު، މަސްވެރިކަމަށް ނުނިކުމެ ތިބުމަކީ އެތައްހާސް ރުފިޔާއެއް ގެއްލިގެންދާ ކަމެކެވެ. އެހެންވީމާ ހަފްތާއެއް ވާންދެން 20 މަސްއޮޑި މުޒާހަރާގައި ތިބޭން އިޚްތިޔާރު ކުރުމަކީ، މަސްވެރިންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސީރިއަސްކަމަށް ދަލީލުކުރާ ކަމެކެވެ.

ދެ ހަމައެއް
ބޮޑު ކަންނެލީގެ މަސްވެރިކަމާއި، ރާއްޖޭގައި އެންމެ ފުޅާކޮށް ހިންގާ - ކަޅުބިލަ މަހުގެ މަސްވެރިކަމާ ތަފާތެވެ. އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ކަޅުބިލަ މަހެވެ. މި ދެ މަސްވެރިކަމުގައި ވެސް ދިވެހިން އިހު ޒަމާނުއްސުރެ ގެންގުޅެނީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތްތަކެކެވެ. ކަޅުބިލަ މަސް ދޮށީގައި ބާނާއިރު، ބޮޑު ކަންނެލި ބާނަނީ ނަނުގައެވެ. ސަރުކާރުގެ އިންވެސްޓްމަންޓާއި ދައުލަތުގެ ދައުލަތުގެ އެހީތެރިކަން މައިގަނޑު ގޮތެއްގައި ލިބެނީ ކަޅުބިލަ މަހުގެ މަސްވެރިކަމަށެވެ.
"މި އަހަރުގެ ބަޖެޓުގައި މަސްވެރިންނަށް 500 މިލިއަން ރުފިޔާ ހިމަނާފައިވޭ. އެކަމަކު އެއީ ދޮށީގައި މަސްވެރިކަން ކުރާ މަސްވެރިންނަށް، ބޮޑުކަންނެލި ބާނާ މަސްވެރިންނަކަށް ނޫން،" ފ. ނިލަންދޫ އަށް ނިސްބަތްވާ، 17 ފަޅުވެރިންގެ އޮޑިއެއްގެ ކެޕްޓަނަކަށް ހުރި މުޙައްމަދު ފާއިޒް މޯލްޑިވްސް އިންޑިޕެންޑެންޓަށް ކިޔައިދެއްވިއެވެ.
ގިނަ މަސްވެރިން މިކަމާމެދު ދެކެނީ ނާއިންޞާފެއް ކަމަށެވެ. އަދި ދެ ހަމައަކުން މަސްވެރިކަމުގެ ދެބާވަތް ބާނާ މީހުންނާމެދު ކަންތައް ކުރަނީ ކަމުގައެވެ. ދެ ހަމަ، ނަހަމަ ކަމަށް މަސްވެރިން ދެކެއެވެ.
"ދިވެހި ދައުލަތުން މަސްވެރިކަމުގެ ވާހަކަ ދައްކާއިރު ބޮޑު ކަންނެލީގެ މަސްވެރިންގެ ވާހަކައެއް ނުހިމަނާނެ. އަހަރެމެން މަތިން އޮންނަނީ ހަނދާން ނައްތައިލާފައި،" ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ޚަޒާންދާރު "ގަލީ"ގެ ނަމުން މަޝްހޫރު މުޙައްމަދު ރަޝީދު ވިދާޅުވި އެވެ. "މަސްވެރިކަމުގެ ދުވަހުގެ ރަސްމިއްޔާތުގައި ވެސް ބޮޑު ކަންނެލީގެ މަސްވެރިންނަށް ލިބުނު އެއްޗަކީ އިތުރު ވަޢުދު؛ އެވެނި މިވެނި ކަމެއް ވާނޭ، ކުރާނަމޭ، ކޮށްދޭނަމޭ!،" އޭނާ ނުރުހުން ފައުޅުކުރެއްވިއެވެ.
2020 ވަނަ އަހަރު ބޮޑު ކަންނެލީގެ މަސްވެރިންގެ ޔޫނިއަނެއް ވަކިން އުފައްދައިގެން، އަޑު އުފުލާ، ވަކާލާތު ކުރާން ޖެހުނީ މިހެންވެ ކަމަށް އެޔޫނިއަނުން ބުނެއެވެ.
"ފިއުލް ސަބްސިޑީ އަކީ ވެސް އަޅުގަނޑުމެންނަށް ލިބޭ އެއްޗެއް ނޫން، އެކަމަކު އެމީހުންނަށް (ކަޅުބިލަ މަހުގެ މަސްވެރިންނަށް) ލިބޭ. ކޫއްޑޫ އާއި ފެލިވަރުގައި ބާނާ މަސް ކިރުވާއިރު، ދޮށީގެ މަސްވެރިންނަށް ހިލޭ އައިސް ވެސް ލިބޭ. ފިއުލް ސަބްސިޑީ ލިބޭ. އެއިން އެއްވެސް ކަމެއް އަޅުގަނޑުމެންނަކަށް ނެތް،" ނިލަންދޫ ގެ ކެޕްޓަން ފާއިޒް އޮޅުންފިލުއްވައި ދެއްވިއެވެ.
ކަޅުބިލަ މަހުގެ މަސްވެރިންނަށް ވެސް މިފްކޯ އާއި ހޮރައިޒަން ފިޝަރީޒް ފަދަ މަސް ޕްރޮސްކުރާ ފެސިލިޓީތަކަކަށް ކިރުވެއެވެ. މިއާ ޚިލާފަށް ބޮޑު ކަންނެލީގެ މަސްވެރިންނަށް މަސް ކިރުވާން ލިބެނީ ހުޅުމާލޭގައި ހިންގާ އެންސިސް އާއި ހިންމަފުށީގައި ހިންގާ ބިގް ފިޝް ފަދަ އަމިއްލަ މަދު ތަންތަނަކަށެވެ.
"މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގައި ނަމަ، ހުޅުމާލޭ ބަނދަރުގައި 180 ޓަނުގެ ބޮޑު ކަންނެލި ބާނައިގެން އައިސް ކިރުވަން ތިބެން މިޖެހެނީ،" ފާއިޒް ވިދާޅުވި އެވެ. އުޅަނދުތަކުން ބާނާ މަސް ވިއްކާން 15 އާއި 20 ދުވަހާ ދޭތެރޭގެ މުއްދަތެއް މަޑުކުރަން ޖެހިދާނެ ކަމަށާއި، އެ މުއްދަތުގައި އެތައް ފަހަރަކު އައިސް ގަނެގެން އާ ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔޫނިއަންގެ ޚަޒާންދާރު ގަލީ ވިދާޅުވި ގޮތުގައި، މުޒާހަރާގެ ބައިވެރިން ހަފްތާއެއްހާ ދުވަހުގެ މަސްވެރިކަން ގުރުބާން ކުރީމާ، އެ ގެއްލިދަނީ ދޯންޏަކަށް 200،000 އެއްހާ ރުފިޔާ ކަމަށާއި، ރާއްޖޭގައި އޮތީ ފަސް ނުވަތަ ހަ އަމިއްލަ އެކްސްޕޯޓަރުންގެ އަތްދަށުވެފައިވާ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އަރައިގެން ދިޔަސް ދަށް އަގުގައި މަސް ގަންނަ ކުންފުނިތަކެއް ކަމަށެވެ.
"އެމީހުންނަށް ކޮންޓްރޯލް ކުރުމުގެ ބާރު އެބަ އޮތް. 85 އިން 15 އަށް ކިލޯއެއްގެ އަގު ތިރިކޮށްލަންވީ" ގަލީ ކަންބޮޑުވުން ފައުޅުކުރެއްވިއެވެ.
އަމިއްލަ ބައެއް ކުންފުނިތަކުން މަސްވެރިންނަށް 12 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ދަރާފައިވާ ކަމަށާއި، އެފައިސާ ލިބެނީ ތިން ހަތަރު މަހުން ކަމަށާއި، މާލެ އާއި ހުޅުމާލޭގައި ހަރަކާތްތެރިވާ ރިސޯޓް ސަޕްލަޔަރުން، ނުއަގަށް ވާހައި ހެޔޮ އަގުގައި މަސް ގަތުމަށް ފަހު ބޮޑު ފައިދާއެއް ލައިގެން ރިޒޯޓުތަކަށް ވިއްކާކަމަށްވެސް ގަލީ ވިދާޅުވިއެވެ.
"މިކަން ނިމުމަކަށް ގެނައުމަށް މުޒާހަރާ ކުރަން ޖެހުނީ. އަޅުގަނޑުމެން ޤަބޫލުކުރާ ގޮތުގައި މިފްކޯ މާކެޓަށް ވަދެ ފްލޯ ޕްރައިސްއެއް ކަނޑައަޅައިފިނަމަ އަގުތައް ހަމައަކަށް އެޅޭނެ. މަސް ގަންނަ އަމިއްލަ ފަރާތްތަކަށް ލަސްނުކޮށް، ހަމައެއް ހިފަހައްޓައިގެން ފައިސާ ދައްކަން މަޖުބޫރުވާނެ،" ގަލީ ކިޔައިދެއްވިއެވެ.
ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ދޯނިފަހަރަށް ދިމާވެފައިވާ އަނެއް މައްސަލައަކީ ދިވެހިން ވަޒީފާއަށް ނެގުން ދަތިވުމެވެ.
"މައިގަނޑު އެއް ސަބަބަކީ ވެސް ސަރުކާރުތަކުން ޒުވާނުންނަށް ސިޔާސީ ވަޒީފާތައް ހުށަހަޅަން ފެށުމުން އެއްވެސް ކަމެއް ނުކޮށް ފޯނުން ޕަބްޖީ ކުޅެ، 15،000 އަށްވުރެ ބޮޑު މުސާރަތަކެއް ގެއަށް ގެންދެވެން އެބައޮތް. އެންމެ ގިނައިންވެސް އެމީހުން ވަޒީފާއަށް ނުކުންނަން ޖެހެނީ 8 ގަޑިއިރަށް. އެކަމަކު އަޅުގަނޑުމެން ރެއާއި ދުވާލު މަސައްކަތް ކުރަން،" ގިނަ ރަށްރަށުގެ އިންޖީނުގެޔާއި، ނަރުދަމަޔާއި، ފެނުގެ ޚިދުމަތްދޭ ސަރުކާރު ކުންފުނިތަކުގައި ބޯ ގިނަވެފައިވާ މިންވަރަށް ޢިޝާރާތް ކުރައްވާ ޔޫނިއަންގެ ޚަޒާންދާރު ވިދާޅުވިއެވެ. މިކަން ޚާއްސަކޮށް އިންތިޚާބުގެ ދުވަސްވަރު ބޮޑުކަމަށްވެސް ގަލީ ވިދާޅުވި މެއެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަ ދެއްކި ބައެއް މަސްވެރިން ބުނި ގޮތުގައި ނިމިދިޔަ މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައި ގިނަ ދޯނިތަކެއްގެ ފަޅުވެރިން ބޮޑު ތަނުން މަދުވި ކަމަށެވެ.
މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކުގައި 37،000 އަށް ވުރެ ގިނަ މީހުން ވަޒީފާ އަދާކުރެއެވެ. މިއީ 2024 ވަނަ އަހަރުގެ ކުރީކޮޅު 33،284 ގައި ހުރި ޢަދަދެކެވެ.

މުޒާހަރާ
ހުޅުމާލޭ ކަންނެލީ ޖެޓީން ފުރައިގެން މިދިޔަ ބުދަ ދުވަހު (11 ޑިސެންބަރު 2025) ގައި މާލޭގެ އެއް ނަންބަރު ޖެޓީގެ ބޭރަށް 50 ވަރަކަށް ދޯނި ޖަމާވި އެވެ. ކޯސްޓްގާޑުގެ ބޯޓަކާއި ފުލުހުންގެ އުޅަނދުތައް ވަނީ ވެރިރަށް މާލެއަށް ވަންނަ މައި ނެރު ބަންދުކޮށްފައެވެ.
ޖެހިގެން އައި ދުވަހު މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. އެއް އުޅަނދަކަށް އަރައި ފުލުހުން ވަނީ މުޒާހަރާގެ ލީޑަރުންނާއި އެތައް ދޯންޏެއްގައި މަސައްކަތް ކުރާ ބިދޭސީ ފަޅުވެރިން ގަދަކަމުން ހައްޔަރުކޮށްފަ އެވެ. އަދި ތިން ދޯންޏެއްގެ ކޮންޓްރޯލް ނަގައި، ދޯނިތަކާއެކު ފަޅުވެރިން ދޫނިދޫ ފަޅަށް ގެންގޮސް، ދޫކޮށްލުމުގެ ކުރިން ދެތިން ގަޑިއިރު މަޑުކުރުވާފައި ބޭތިއްބިއެވެ.
މުޒާހަރާއަށް ހަފްތާއެއް ވީއިރު، މާލޭ ބޭރުގައި 20 މަސްއޮޑިފަހަރު އޮތެވެ. ޝަކުވާތަކަށް ޙައްލެއް ލިބެންދެން މަސްވެރިކަން ކުރަން ނުވަތަ މަސްވެރިކަން އަލުން ފެށުމަށް ދެކޮޅު ހަދަހަދާ ތިއްބެވެ.
ހޯމަ ދުވަހު ދޯނި ކެޕްޓަނުންނާއި ޔޫނިއަންގެ މަންދޫބުން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމާއި އެކު ފަސް ގަޑިއިރުގެ ބައްދަލުވުމެއް ބޭއްވި އެވެ. އެދުނު ކަންކަން ހަމަޖައްސަވާން މިނިސްޓަރު އެދިވަޑައިގަތީ ދެ ހަފްތާއެއްހާ ދުވަސް ދިނުމަށް ކަމަށް، ޔޫނިއަންގެ މަންދޫބުން ނޫސްތަކަށް މަޢުލޫމާތު ދެއްވިއެވެ.

ޑިމާންޑުތަކަށް އިޖާބަ ދޭނެ ވަކި ތާރީޚެއް ނުވަތަ ގޮތެއް ސަރުކާރުން ބުނެދީފައި ނެތް ނަމަވެސް، މިނިސްޓަރާއެކު ބައްދަލު ކުރުމަށްފަހު ޔޫނިއަންގެ މެމްބަރުން ތިބީ އުންމީދީ ރޫޙެއްގައެވެ. މޯލްޑިވްސް އިންޑިޕެންޑެންޓަށް މަޢުލޫމާތު ދެއްވަމުން ޔޫނިއަންގެ ޚަޒާންދާރު ގަލީ ވިދާޅުވީ މިނިސްޓަރު ވަޢުދުވެވަޑައިގަތީ ދެ ހަފްތާ ފަހުން މިފްކޯއިން ބޮޑު ކަންނެލި ގަންނަން ފަށާނެ ކަމަށް ކަމަށެވެ.
"ޖުމްލަކޮށް އަޅުގަނޑު ދަންނަވާނީ މި ބައްދަލުވުމަކީ ވަރަށް ޕޮޒިޓިވް ބައްދަލުވުމެއް ކަމަށް،" ބައްދަލުވުން ސިފަކޮށްދެއްވަމުން ގަލީ ވިދާޅުވިއެވެ.
"ވަޢުދުވި ގޮތަށް ކިލޯއަކަށް 80 ރުފިޔާ ނުލިބުނަސް، މިފްކޯއިން އެންމެ ކުޑަމިނުން ބޮޑު ކަންނެލި ގަންނަން ފެށުމަށް ތައްޔާރަށް އެތިބީ،" އޭނާ އިތުރަށް ވިދާޅުވި އެވެ. "މިނިސްޓަރު ދެ ހަފްތާއަށް އެދުނީ ހަމައެކަނި ރަމްޒީ ކަމެއް ނޫން، މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަޝްވަރާތައް ކުރަން ޖެހޭތީ. މިނިސްޓަރ ވިދާޅުވި ބޮޑު ކަންނެލި ގަންނަން ހަމައެކަނި މިފްކޯގެ މައްޗަށް ޢަމުރުކޮށް، މަޖުބޫރު ނުކުރެވޭނެ ކަމަށް، އެހެންވީމާ ތާށި އަރާ ހިސާބަކީ އެއީ ކަމަށް ވެދާނެ،" ގާލީ ކިޔައިދެއްވިއެވެ.
ޔޫނިއަންގެ ލީޑަރުން މަސްއޮޑިތައް މާލޭ ސަރަހައްދުގައި ދެމިތިބޭނެ ކަމަށް ބުނެފައިވެއެވެ/ ހައްލެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް ތަކުރާރުކޮށްފައި ވެއެވެ. އެބައިމީހުންގެ ޝިޢާރަކީ "ދެނެއް ނުވާނެ! ދެނެއް ނުފުރޭނެ!" އެވެ.
ކޮންމެއަކަސް، ބޮޑު ކަންނެލި މަސްވެރިންގެ އެއް ޑިމާންޑު ހިނދުން ހިނދަށް ފުދުނެވެ. އެއީ މުޒާހަރާކޮށްގެން ހައްޔަރުކުރި މީހުން ދޫކޮށްލުމެވެ. ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި ދެ ބޯޓު ކެޕްޓަނުންނާއި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަމުގައިވާ ބ. ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު އަދި ބިދޭސީ ފަޅުވެރިން ދޫކޮށްލާފައިވާ ކަމަށް ގަލީ މަޢުލޫމާތު ދެއްވިއެވެ.
ވަޢުދުތައް
ހޮނިހިރު ދުވަހުގެ ރޭ ރ. ދުވާފަރު ގައި ބޭއްވި މަސްވެރިކަމުގެ ދުވަހުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސިން ފެސިލިޓީއެއް އަޅާން ބިންވެސް ހަމަޖެހިފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން އެކު ޖެނުއަރީ މަހު އެ ބިމުގައި ޢިމާރާތް ކުރަން ފެށުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށެވެ.
ކުރީގެ ވެރިކަމުގައި ބޮޑު ކަންނެލި މަސްވެރިންނަށް ޚިދުމަތް ދިނުމުގެ ގޮތުން ހުޅުމާލޭގެ އުތުރުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ ކަނޑުއޮއްގިރީގައި މަސް ޕްރޮސެސް ކުރުމުގެ އާ ފެސިލިޓީއެއް ވަނީ ހަދާފައެވެ. މިފްކޯގެ ކޯލްޑް ސްޓޯރޭޖް ސައިޓެއްގެ ގޮތުގައި ޚިދުމަތް ދިނުމަށާއި، އަމިއްލަ ފަރާތްތަކަށް ބޮޑު ކަންނެލި ޕްރޮސެސް ކުރުމުގެ ޖާގަ ތަނަވަސްކޮށްދިނުމަށެވެ.
ސަރުކާރު ކުންފުނި - މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ވަނީ ކަނޑުއޮއްގިރީގެ ބަނދަރު ބޮޑު ކުރުމާއި، އައްސޭރިފަށް ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. ކަނޑުއޮއްގިރި ފެސިލިޓީ މިފްކޯއާ ޙަވާލުކޮށްފައި ވާއިރު، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސަރުކާރު ބަދަލުވިއިރު ތަން ދިޔައީ ހުޅުވަން ތައްޔާރު ވަމުންނެވެ.
ނަމަވެސް ރައީސް މުޢިއްޒުގެ ވެރިކަމުގައި އެރަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އާ ޙަވާލުކޮށްފައި ވެއެވެ. އަދި ހުޅުމާލެއިން މިފްކޯއަށް އާ ބިންތަކެއް ދޭން ނިންމިއެވެ. އެހެނެއްކަމަކު، ބޮޑު ކަންނެނލި ޕްރޮސެސް ކުރުމުގެ ޕްލޭންތަކަށް ވީނުވީ ނޭނގި، ބާޠިލުވެ، ދިޔައީއެވެ. ކަނޑުއޮއްގިރި މިހާރު ވަނީ އެމްއެންޑީއެފްގެ އަތުން ނަގައި އަނބުރާ މިފްކޯއަށް ދީފައެވެ. އެކަމަކު އެ ރަށުގައި ހިންގާން އުޅޭ މަސައްކަތަކީ ކޮބައިކަން އަދި މާކަށް ސާފެއް ނުވެއެވެ.
މި ލިޔުން ޝާޢިއުކުރި ވަގުތު ޖެހުނު އިރުވެސް ފިޝަރީޒް މިނިސްޓަރު ޝިޔާމް މޯލްޑިވްސް އިންޑިޕެންޑެންޓުން ކުރި ސުވާލުތަކަށް ޖަވާބެއް ނުދެއްވަ އެވެ.
ހޯމަ ދުވަހު މިނިސްޓަރ ޔޫނިއަންއާއެކު ބޭއްވި ފަސް ގަޑިއިރުގެ ބައްދަލުވުމުގައި ޝިޔާމް މަސްވެރިންނަށް ޔަޤީންކަން ދެއްވީ ސަރުކާރުން ކަނޑުއޮއްގިރި ފެސިލިޓީ ހިންގަން ފަށާނެ ކަމަށާއި ނުވަތަ އެހެން ތަނެއްގައި އެފަދަ ފެސިލިޓީއެއް ޤާއިމުކުރާނެ ކަމަށެވެ.
މިކަމާމެދު މަސްވެރިން ތިބީ ނުތަނަސްވެ، ޝައްކުގެ ތެރޭގަ އެވެ.
"މިދިޔަ އަހަރު އަޅުގަނޑުމެން މުޒާހަރާ ކުރިއިރު ވެސް އިވުނީ ހަމަ އެވާހަކަ - އެ ބިން ]ފެސިލިޓީ ހަދާ[ ދޫކޮށްފައޭ އޮތީ،" ޔޫނިއަންގެ ޚަޒާންދާރު ގަލީ ވިދާޅުވި އެވެ.

