ނުވަ ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްގެ ފިނޭންސް ހަބް – ޑެބްޓް ޑިފޯލްޓްވުމަށް ރާއްޖެއަށް އޮތް ހައްލެއް
ގަތަރުގެ އާއިލާއާއެކު ޕާޓްނާޝިޕް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
05 މެއި
8.8 ބިލިއަން ޑޮލަރުގެ އަގުހުރި ފައިނޭންޝަލް ހަބެއް މާލޭގައި ބިނާކުރުމުން، ދަރަނީގެ ދަތިކަން ހައްލުކުރުމުގައި މުހިންމު ދައުރެއް އަދާކުރެވިދާނެކަމަށް އާދީއްތަ ދުވަހު ފިނޭންސް މިނިސްޓަރު ވަނީ އިޝާރާތްކުރައްވާފައެވެ. މިގޮތުން، ގަތަރުގެ ޝާހީ ޝެއިޚް، ނާއިފް ބިން އީދު އަލް ޘާނީގެ ހިއްސާ އޮންނަ ދުބާއީގެ އާއިލީ އޮފީހެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓާއެކު ދިވެހިރާއްޖެއިން ވަނީ ޖޮއިންޓް ވެންޗާއެއްގައި ސޮއިކޮށްފައެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ފައިނޭންޝަލް ޓައިމްސް އަށް މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އިންވެސްޓްމަންޓުގެ މަގުސަދަކީ މާލީ އިދާރާތަކާއި، ފިންޓެކް ކުންފުނިތަކާއި، ޑިޖިޓަލް ނޯމަޑުންގެ ޝައުގުވެރިކަން ހޯދައި، މިހާރު ރާއްޖެއަށް ދިމާވެފައިވާ ބައެއް ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހިފައިވުމަކީ މިވަގުތު ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިދިޔަ އަހަރު ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ، ދައުލަތުގެ ދަރަނި ނުވަ ބިލިއަން ޑޮލަރަށް އުފުލިފައިވަނިކޮށެވެ. މިއީ ރާއްޖޭގެ ޖީޑީޕީގެ 133 އިންސައްތައެވެ. މިދިޔަ ފެބްރުއަރީ މަހު އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ވަނީ މެކްރޮއިކޮނޮމިކް ހަމަޖެހުން ގެނައުމަށާއި ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރުމަށް "ޕޮލިސީތަކަށް އަވަސް ބަދަލުތަކެއް" ގެންނަން ޖެހޭ ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެން މިއައީ ކުރީގެ މޮޑެލްތައް ނަކަލުކުރާކަަށެއްނޫން. އަޅުގަނޑުމެން މިއައީ އާ ބެންޗްމާކެއް ކަނޑައެޅުމަށް،" ކުރުނބާ ރިސޯޓުގައި އާދީއްތަ ދުވަހު ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ޔޫއޭއީގެ އުމް އަލް ކުވައިންގެ ޑެޕިއުޓީ ރޫލަރ ޝެއިހް އަބްދުالله ބިން ރާޝިދު އަލް މުއާލާއާއި، ސައޫދީ އަރަބިއްޔާގެ ޕްރިންސް ފަހަދް ސައުދް އަލްޝަލާްން ހިމެނޭ ގޮތަށް ގަލްފުގެ ވިޔަފާރިވެރިންނާއި އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
830،000 ސްކްއަރ މީޓަރުގެ ސަރަހައްދެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރުގައި ހިމެނޭނީ ތިން ޓަވަރާއި، 3500 މީހުންގެ ޖާގައިގެ ކޮންފަރެންސް ސެންޓަރަކާއި، މަތީ ފަންތީގެ ރެސިޑެންޝަލް ޕްރޮޕަޓީތަކާއި، ރީޓެއިލް ސްޕޭސްތަކާއި، އަދި ތައުލީމީ ވަސީލަތްތަކެވެ. މި ހަބްގައި ޒީރޯ ކޯޕަރޭޓް ޓެކްސް، ޓެކްސް ފްރީ އިންހެރިޓެންސް އަދި ޑިޖިޓަލް އެސެޓްތަކަށް މަގުފަހިވާނެ އުސޫލުތައް ޤާއިމްކުރެވޭނެއެވެ.
މަލްޓި ޕާޕަސް ކޮންވެންޝަން ސެންޓަރުގައި ދުނިޔޭގެ ބޮޑެތި ކޮންފަރެންސްތަކާއި ސަގާފީ ހަރަކާތްތަކާއި އިނޮވޭޝަން ޑްރިވެން ހެކަތޯންތައް ބާއްވައި، މާލެ އަކީ ލީޑިން އެސެމްބްލީ ހަބެއްގެ ގޮތުގައި ގާއިމުކުރެވޭނެ ކަމަށް މާސްޓާރ ޕްލޭންގައި ހިމެނިފައިވެއެވެ. އަދި މީގެ އިތުރުން، މުޅި އަހަރު ތެރޭގައި ރާއްޖޭގައި އެކި ހަރަކާތްތައް ބޭއްވޭނެ މަގު ފަހިކޮށްދީ، މިހާރު ވެސް ގާއިމުކުރެވިފައިވާ ހޮސްޕިޓާލިޓީ އިންޑަސްޓްރީއަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މި ޕްލޭންގައި ބަޔާންކޮށްފައިވެއެވެ.
އިއާދަކުރަނިވި ހަކަތައިން ކަރަންޓުލިބޭ ގޮތަށް ހަދާފައިވާ މިތަނުގައި 6،500 މީހުންގެ ޖާގަ ހިމެނެއެވެ. އަދި މިތަނުގެ ސަބަބުން 16،000 ވަޒީފާ އުފައްދައިދޭނެކަމަށް ބެލެވެއެވެ. މީގެ އިތުރުން، މި ހަބް ގާއިމްކުރެވޭތާ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއް ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެެއްގެ ފައިސާގެ އާމްދަނީއެއް ލިބޭނެ ކަމަށް ބެލެވެއެވެ. ފައިނޭންޝަލް ޓައިމްސްއަށް އެމްބީއެސްގެ ސީއީއޯ މައުލޫމާތު ދެއްވި ގޮތުގައި އެމްބީއެސް އިން ވަނީ ފެމިލީ އޮފީސްތަކާއި ހައި ނެޓްވޯތު މީހުންގެ ގްރޫޕަކުން ގާތްގަނޑަކަށް ފަސް ބިލިއަން ޑޮލަރު މި ޕްރޮޖެކްޓު ހިންގުމަށް ހޯދާފައެވެ.
ހޯމަ ދުވަހުގެ ހެނދުނު، ހުޅުމާލޭގައި ވަނީ ބިންގާ އެޅުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. އިޓަލީގެ އާކިޓެކްޓް ޖިއާނީ ރަނާއުލޯގެ މި ޑިޒައިން ބިނާކޮށްފައިވަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ ދިރޭ ތަކެއްޗަށާއި ދިވެހިރާއްޖޭގެ ކަނޑުގެ އިކޯސިސްޓަމްއަށެވެ.

