އޭޕްރީލްގައި ޑިފޯލްޓު ނުވެ ރާއްޖެއަށް ފަރުޖެއްސިދާނެތަ؟
މިއަހަރުގެ އޭޕްރީލްގައި 2021 ގައި ނެގި ސުކޫކްގެ 500 މިލިޔަން ޑޮލަރު އަނބުރާ ދައްކާން ޖެހޭނެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
19 ޖެނުއަރީ
ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރުކާރާ ކުރިމަތިލާން ޖެހޭނީ އިމްތިޙާނުގެ ދަނޑިވަޅަކާއެވެ: ބައިނަލްއަޤްވާމީ ބޮންޑް ހޯލްޑަރުންނަށް 500 މިލިއަން އެމެރިކާ ޑޮލަރު އަނބުރާ ދައްކާންވީއެވެ. ނުވަތަ ސުކޫކް ދަރަނި ދައްކާން ނުކުޅެދުނު ފުރަތަމަ ޤައުމުގެ ގޮތުގައި ރާއްޖެ ލޭބަލްވާން ޖެހޭނެއެވެ.
2021 ގެ މި ބޮންޑުގެ އިންޓަރެސްޓް ރޭޓު ހުރީ 9.875 އިންސައްތައިގައެވެ. އެ ފައިސާ ދައްކާން ޖެހެނީ މިއަހަރުގެ އޭޕްރީލް މަހުގައެވެ. މިއާއެކު، ހަމަ އެމަހު މުއްދަތު ހަމަވާ އަބޫދާބީ ފަންޑުގެ 100 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނު ހިމެނީމާ، ބޭރުގެ ދަރަނި ދައްކާން އޭޕްރީލްގައި 625 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރާން ޖެހޭނެއެވެ. ނަމަވެސް، ބޭނުންކުރެވޭ ބޭރު ފައިސާގެ ރިޒާރވްގައި ހުރީ މީގެ ބައިކުޅަބައެއްގެ ބައިކުޅަ ބައެކެވެ. ނޮވެންބަރު 2025 ގައި ހުރީ 197 މިލިޔަން އެމެރިކާ ޑޮލަރެވެ.
ކަންމިހެން ހުރިނަމަވެސް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވަނީ ޑިފޯލްޓު ނުވާނެ ކަމަށެވެ. ދަރަނި އަނބުރާ ދެއްކޭނެކަން ޔަޤީންކުރެއްވޭ ކަމަށެވެ. ޖެނުއަރީ މަހުގެ ފަސް ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ސުކޫކްގެ މާކެޓް ރަނގަޅުވުމަކީ ސަރުކާރުގެ އިޞްލާޙީ މާލީ ފިޔަވަޅުތަކުގެ ކާމިޔާބަށް ދަލީލުކުރާ ކަމެއް ކަމަށާއި، މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ "އިޚްލާސްތެރި މަސައްކަތްޕުޅުގެ ނަތީޖާ" ކަމަށެވެ.
ދިވެހި ދައުލަތުގެ ސުކޫކަށް މިއަދު ބަލާނަމަ، ހުރީ 90 އިން މަތީގައި ކަން ފާހަގަކުރައްވާ، ފައިނޭންސް މިނިސްޓަރ ވިދާޅުވީ ސުކޫކަށް ފައިސާ ދެއްކުމުގެ ވަގުތު ކުޑަތަންވެފައިވާ ކަމަށާއި، ސުކޫކް ގަތް ފަރާތްތަކަށް ލިބޭ ރީޓާން ނުހަނު ބޮޑުވަމުންދާ ކަމަށާއި، ސުކޫކްގެ ޑިމާންޑާއި، ސުކޫކް ގަތުމުގެ ޝައުޤުވެރިކަން ބޮޑުވެފައިވާކަން އެކަމުން އެނގޭ ކަމަށެވެ. އިންވެސްޓަރުންގެ އިތުބާރާއި ޔަޤީންކަން ސުކޫކްއަށް އަދި ދިވެހި އިޤްތިޞާދަށް ލިބިފައިވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ސުކޫކް ގަނެވިއްކީ ޑޮލަރަކަށް 95.6 ސެންޓުގައެވެ. މެޗުރިޓީގައި ބޮންޑް ހޯލްޑަރުންނަށް ލިބޭ 100 ސެންޓްގެ މޫނުމަތީ އަގާ ދާދި އެއްހަމައެއްގައެވެ. 2024 ވަނަ އަހަރުގެ ފަހުކޮޅު ގާތްގަނޑަކަށް 70 ސެންޓަށް ވެއްޓުނެވެ. އޭޕްރީލް 2025 ގައި 65 ސެންޓަށްވެސް ތިރިވިއެވެ. ފިޗް އަދި މޫޑީސްފަދަ ދަރަންޏާއި މާލީ ދެމެހެއްޓެނިވިކަން ވަޒަންކުރާ އޭޖެންސީތަކުންވަނީ ރާއްޖޭގެ ދަރަނީ ގިންތިކުރުން "ޖަންކް" ގެ ދަރަޖައަށް ތިރިކޮށްފައެވެ.
2024 ވަނަ އަހަރުގެ އޮގަސްޓް މަހު ވެއްޓިގެން ދިޔަ ޙާލަތަށްފަހު، ފިޗް އިން "ޖަންކް" ދަރަޖައަށް ގިންތި ތިރިކުރަމުން ބުނީ ސުކޫކް އަނބުރާ ދެއްކުމާ ގުޅޭ ގޮތުން "ޔަގީންކަން ނެތް މިންވަރު އިތުރުވަމުންދާ" ކަމަށެވެ. އެހިސާބުން އެ އިސްލާމިކް ބޮންޑު ގަނެގެން ތިބި މީހުން، ބޮންޑުތަކުން ސަލާމަތްވާން ވިއްކާ ހެއްޖެވެ. އަދި ބޭރު ފައިސާގެ މުޢާމަލާތްތަކަށް ހުރަސްތަކެއް އެޅުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިޢުލާންކޮށް، ފަހުން އަނބުރާ ގެންދިޔަ ފިޔަވަޅުތަކުގެ ސަބަބުންވެސް ބޮންޑު ހޯލްޑަރުންނަށް ސިހުން ލިބުނެވެ. ސެޕްޓެމްބަރު 2024 ގައި މޫޑީސް އިންވެސް ފާޅުކުރީ ހަމަ އެކަންބޮޑުން ތަކެވެ. އެގޮތުން މެޗުއާރވާ ބޮންޑުތަކަށް ފައިސާ ދެއްކޭނެ މަގުތައް ދިވެހި ސަރުކާރަށް ފަހިކުރެވިދާނެތޯ ސުވާލު އުފެއްދިއެވެ.
އެކަމަކު އޭގެ ފަހުން ސަރުކާރުން ވަނީ ދެ އަހަރުން އެއް އަހަރު ދައްކާންޖެހޭ ކޫޕަން ޕޭމަންޓުތައް އަދާކޮށްފައެވެ. އަދި ސުކޫކްގެ އަގު ހުރީ ވޭތިވެދިޔަ 5 މަހުގެ ތެރޭގައި 90 ސެންޓުން މަތީގައެވެ.
ގާތްގަނޑަކަށް 96 ސެންޓުގެ ރޭޓުން ބަލާނަމަ، ސުކޫކްގެ ހޯލްޑަރަކަށް ތިން މަސް ދުވަހުން 5 އިންސައްތައިގެ ފައިދާ (ސަރުކާރުން ޕޭމަންޓް އަދާކުރާނަމަ) ހޯދޭނެއެވެ. އިންވެސްޓުކުރާ ފަރާތްތަކުން އެދެނީ އޭޕްރީލްގައި ލިބިދާނެކަމަށް ލަފާކުރާ 100 އެމެރިކާ ޑޮލަރަށްވުރެ، މިއަދު މުޖައްރިބުކަމާއެކު ލިބޭން އޮތް 96 ޑޮލަރެވެ.
މި ޕްރީމިއަމް އިން ޔަޤީންކަމާއި، އިތުބާރު ނެތް މިންވަރުގެ މައްޗަށް އަލިކުރެއެވެ. ނަމަވެސް މިއަދުގެ ރޭޓުން އެނގި ހާމަވަނީ "ސަރުކާރުން ޑިފޯލްޓް ނުކުރާނެ ކަމަށް މާކެޓުން ޤަބޫލުކުރާކަމާއި، އަދި ކޮންމެވެސް ގޮތަކުން ފައިސާ ދައްކާނެ ކަމަށް ދޭހަވާކަން،" ކަމަށް ފިސްކަލް ޕޮލިސީގެ މާހިރަކު މޯލްޑިވްސް އިންޑިޕެންޑެންޓަށް ވިދާޅުވިއެވެ.
ބިރުވެރި ހިސާބު ނަންބަރުތައް
2026 ވަނަ އަހަރުގެ ބަޖެޓުގެ ފައިނޭންސިންގް ޕްލޭންގައިވާ ގޮތުން ބޭރުގެ ފަރާތްތަކުން 450 މިލިއަން އެމެރިކާ ޑޮލަރު ހޯދުމާއި ،ބައިލެޓަރަލް ޑޯނަރުންގެ ފަރާތުން 300 މިލިއަން އެމެރިކާ ޑޮލަރު ހޯދުމާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އިން 272 މިލިއަން އެމެރިކާ ޑޮލަރު ނެގުމަށް ސަރުކާރުން ރާވާފައިވާ ކަމަށް މޫޑީސް އިން ބުނެއެވެ.
"އަޅުގަނޑަށް އިތުބާރާއެކު ދަންނަވާލަން އޮތީ އޭޕްރީލް މަހު ސުކޫކް ދެއްކޭނެ އިންތިޒާމުތައް މިހާރު އަޅުގަނޑުމެންނަށް ހަމަޖެހިފައިވޭ،" ނޮވެމްބަރު 10 ވަނަ ދުވަހު ބަޖެޓު ދިރާސާކުރާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ޒަމީރު ވިދާޅުވިއެވެ. އަދި 2026 އަކީ ދަރަނީގެ ނަޒަރުން ބަލާއިރު އެންމެ ދަތި އަހަރަށް ވާނެ ކަން ޤަބޫލުކުރައްވާ ކަމަށްވެސް އޭނާ ކޮމިޓީގައި ވިދާޅުވެފައި ވެއެވެ.
އެކޮމިޓީގައި ފައިނޭންސް މިނިސްޓަރ އިތުރަށް ވިދާޅުވީ 100 މިލިއަން އެމެރިކާ ޑޮލަރުގެ ބޮންޑު ރޯލްއޮވަރ (އަނބުރާ އަދާކުރުން ފަސްކުރުން) ކުރިކަން ޔޫއޭއީ އިން ކަށަވަރުކޮށްދީފައިވަނީ ރައީސް މުޢިއްޒުގެ ދަތުރުފުޅުގައި މަޝްވަރާ ކުރެއްވުމަށްފަހު ކަމަށެވެ. ސުކޫކަށް ސަރުކާރުން ރާވާފައި ވަނީ 350 މިލިއަން އެމެރިކާ ޑޮލަރު ރީފައިނޭންސްކޮށް، އެސްޑީއެފް އިން 150 މިލިއަން އެމެރިކާ ޑޮލަރު ނެގުން ކަމަށާއި، " އެހެންވީމަ މި ދަރަނީގެ މައްސަލަ ޙައްލުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް،" ކަމަށް އިތުރު ތަފްސީލެއް ހާމަނުކުރައްވާ، ފައިނޭންސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ޒަމީރުގެ ވާހަކައިގައި ޢިޝާރާތް ކުރެއްވީ އޭގެ ކުރީ ދުވަހު އޮޑިޓާރ ޖެނެރަލްއާ އެކު ބޭއްވި ބައްދަލުވުމަކަށެވެ. އެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން "މިއަދާ ހަމައަށް އަޅުގަނޑުމެން ކުރި މަސައްކަތާއި، ލިޔެކިޔުންތަކާއި، އަދި މީގެ އިތުރުން އަޅުގަނޑުމެންގެ ޕްލޭން އޭ، ޕްލޭން ބީ، ޕްލޭން ސީ ޙިއްސާކުރިން،" ޒަމީރު އޮޅުންފިލުއްވައި ދެއްވިއެވެ.
ދަރަނި އަނބުރާ ދެއްކުމަށް ސަރުކާރަށް ފައިނޭންސިންގް ހޯދާނީ ރަނގަޅު އިންޓަރެސްޓް ރޭޓެއްގައިތޯ ނުވަތަ ވިޔަފާރި ރޭޓުން ލޯނު ނަގާނެތޯ ސުވާލުކުރުމުން އޮޑިޓާރ ޖެނެރަލް ޙުސައިން ނިޔާޒީ ނޮވެމްބަރު ނުވަ ވަނަ ދުވަހު ބަޖެޓް ކޮމިޓީގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީ އިން އަންދާޒާތައް ޙިއްސާކޮށްފައިވާ ކަމަށާއި، ނަމަވެސް އެއީ މާކެޓް ސެންސިޓިވް މަޢުލޫމާތުކަމުން ޢާންމުކޮށް ހާމަކުރައްވާން އުނދަގޫފުޅު ކަމަށެވެ.
ނަން ނުޖެހުމަށް ޝަރުޠުކޮށް ވާހަކަ ދެއްކެވި ފިސްކަލް ޕޮލިސީގެ ތަޖުރިބާކާރު މިނޫހުގައި ވިދާޅުވީ ކަންބޮޑުވުމަކީ މަޢުލޫމާތު ހާމަކުނުކުރުން ކަމަށެވެ. "މިހާރު ފުރިހަމައަށް ތައްޔާރު ނުވެއްޖެނަމަ ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި ސުކޫކެއް ނުވަތަ ބޮންޑެއް ދޫކުރެވޭނެ ކަމަކަށް ނުބެލޭ،" އޭނާ މި ހަފްތާގައި ވިދާޅުވިއެވެ. "ނުވަތަ ބައިލެޓަރަލް ނުވަތަ މަލްޓިލޭޓަރަލް މަސްދަރުތަކުން ފައިސާ ހޯދަން ރާވާފައިވާ ނަމަ މިހާރު ވެސް ކޮމިޓް ކުރަން ޖެހޭ. އެފަދަ ތަފްސީލެއް ދީފައެއް ނުވޭ." އޭނާ އިތުރަށް ފާހަގަކުރެއްވިއެވެ.
ޕްލޭން ބީ ގެ އަގު
އެމެރިކާގެ މުދަލުގެ ވިޔަފާރިއާއި މާލީ ޚިދުމަތް ފޯރުކޮށްދޭ ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލްއާ އެކު 300 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ހޯދުމަށް ދިވެހި ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް "އަދަދު" ނޫހުން މި ހަފްތާގެ ކުރީކޮޅު ރިޕޯޓްކޮށްފައިވެއެވެ. ކާގިލް އިން ހުށަހަޅާ މަތީ އިންޓަރެސްޓް ރޭޓަށް ސަރުކާރުން އެއްބަސް އަދި ނުވާކަމަށް މަސްދަރުތަކުން އެނޫހުގައި ބުނެފައިވެއެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ނިސްބަތްކުރާ އެކައުންޓަކުން ކާގިލް އަށް ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިންޓަރެސްޓް ރޭޓް 15 ޕަސެންޓަށް ކަނޑައަޅާފައި، އެކުންފުނިން ރާއްޖެއަށް ލޯނުދޫކުރަނީ ޝިކާރަވެރި ގޮތެއްގައި ކަމަށެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ކާގިލްގެ އަތުން 100 މިލިއަން އެމެރިކާ ޑޮލަރު ލޯނު ނަގާފައި ވަނީ 7.15 އިންސައްތައިގެ އިންޓްރެސްޓް ރޭޓުގައެވެ. މި ވެރިކަމުގައި އެ ލޯނު އަނބުރާ ދެއްކީ މިދިޔަ އަހަރުގެ މާޗް މަހުގައެވެ.
މޯލްޑިވްސް އިންޑިޕެންޑެންޓާ ވާހަކަ ދެއްކި މަސްދަރު ބުނީ ކާގިލް އިން ދޭ ލޯނު ފޯރުކޮށްދޭނީ ބޭންކެއް ނުވަތަ ދައުލަތުގެ ވިޔަފާރިއެއް މެދުވެރިކޮށް ކަމަށް ލަފާކުރެވޭ ކަމަށާއި، "ކޮންމެ ޙާލަތެއްގައި ވެސް ކާގިލްގެ އިންޓްރެސްޓް ރޭޓް ހުންނާނީ 9 އިންސައްތައަށް ވުރެ މަތީގައި" ކަމަށާއި، "މިއީ ރަނގަޅު ޕްލޭނެއް ނޫން،" ކަމަށެވެ. އަދި މިސަރުކާރުގެ ރަނގަޅު މާލީ ސިޔާސަތަކާއި މާލީ އިޞްލާޙީ އެޖެންޑާއެއް ނެތުމުން "މެދު ރާސްތާގައި ދިވެހިރާއްޖޭގެ އިޤްތިޞާދަށް އިންވެސްޓަރުންގެ އިތުބާރެއް ނެތް،" ކަމަށްވެސް އެފަރާތުން ބުންޏެވެ.
ބޭރުގެ ފައިނޭންސިން ހޯދުމަށް ސަރުކާރަށް ނުކުޅެދިފައިވާއިރު، "އެންމެ ދަތި ޙާލަތުގައި" ޑިފޯލްޓް ނުވެ، ފަރުޖެއްސޭ މިންވަރަށް ރިޒާވް އާއި އެސްޑީއެފް އިން ޑޮލަރު ނެގިދާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. "އެކަމަކު ދެން ރިޒާވް ވަރަށް ބޮޑަށް ދަށްވެ ނުރައްކާތެރި ޙާލަތަށް ވެއްޓޭނެ. މި ޙާލަތުގައި ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް އުފުލޭނެ. ޑިފޯލްޓުން ސަލާމަތްވި ނަމަވެސް އިޤްތިޞާދީ ޙާލަތު ކައިރި މުސްތަޤްބަލެއްގައި އޮންނާނީ ވަރަށް ދެރަވަރުކޮށް." އޭނާ ކިޔައިދިނެވެ.
ބަޖެޓް ތާވަލުތަކުން ޤަޠަރާއި ޗައިނާއިން ބޮޑެތި ޢަދަދުތަކެއް ލިބޭނެކަމަށް ޖަހާފައި ވާ ތަން ފެންނާތީ ހިސާބެއްގެ އުންމީދެއް ލިބޭ ކަން ފާހަގަކޮށް، މަސްދަރު ބުނީ އެކަމަކު އެ ފައިސާ ދޭނެކަމަށް އެޤައުމުތަކުން އަހުދުކަށަވަރު ދީފައިވޭތޯ ނުވަތަ އެފައިސާ ލިބޭނެކަން ޔަޤީންކުރެވިފައިވޭތޯ ސުވާލު އުފެދޭ ކަމަށެވެ.
"ކާގިލް އަކީ ފޯލް ބެކް އޮޕްޝަނެއް ކަމަށް ފެނޭ، އެކަމަކު ބޮޑު ޚަރަދެއް ހިނގާނެ،" އޭނާ ބުންޏެވެ.
މީގެ ކުރިން އިންޑިއާއިން ވަނީ މުހިންމު ދަނޑިވަޅުތަކުގައި ބޮޑެތި މާލީ އެހީއާއި ލުއި ދީފައެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން މިދިޔަ އަހަރު ޓްރެޜަރީ ބިލް ސަބްސްކްރިޕްޝަންގެ ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނަ ޑޮލަރު ރޯލްކޮށްފައިވެއެވެ. އިންޑިއާގެ ރިޒާވް ބޭންކާ އެކު 400 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވޮޕްގެ މުއްދަތު އޮކްޓޯބަރު މަހު ހަމަވުމުގެ ކުރިން އިތުރުކޮށްދީފައި ވެއެވެ. ޖޫން މަހު އިންޑިއާއިން ވަނީ 565 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރު ކްރެޑިޓް ލައިނެއް ފޯރުކޮށްދީފައެވެ.
ސުކޫކްގެ އިތުރުން ދައްކާންޖެހޭ އިތުރު ދަރަނި ސަރުކާރުގައި އެބައޮތެވެ. މިއަހަރު ދައްކާންޖެހޭ ބޭރުގެ ދަރަނި 1 ބިލިޔަން ޑޮލަރަށްވުރެ މަތީގައި ހުންނާނެ ކަމަށް ބެލެވެއެވެ. މިއީ ޖީޑީޕީގެ 11 އިންސައްތައަށް ވުރެ މަތީ ޢަދަދެކެވެ.
"ދައުލަތުގެ ދަރަނީގެ ޕޯޓްފޯލިއޯއަށް ކުރިމަތިވާ މައިގަނޑު ހިރާހަކީ (ރިސްކަކީ) ރީފައިނޭންސިންގް ހިރާސް،" 2026 ވަނަ އަހަރުގެ ބަޖެޓާ އެކު ލިޔެފައިވާ ފިސްކަލް ރިސްކް ސްޓޭޓްމަންޓެއްގައި ވެއެވެ. ޖުމުލަ ގޮތެއްގައި ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން، ދައުލަތުން ގެރެންޓީ ދީގެން ނަގާފައިވާ ދަރަންޏަށް 2025 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް 20.9 ބިލިއަން ރުފިޔާ (1.3 ބިލިއަން އެމެރިކާ ޑޮލަރު) އަރައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 96 އިންސައްތަ އަދާކުރާން ޖެހޭނީ ބޭރު ފައިސާއިންކަމުން ބޭރު ފައިސާގެ ރިޒާވަށް ނުހަނު ބާރު ބޮޑުވެފައި ވެއެވެ.
އޭޕްރީލާ ހަމައަށް
އެއްވެސް ޤައުމެއް ދުވަހަކުވެސް ސުކޫކެއް އަނބުރާ ނުދައްކާފައެއް ނެތެވެ. މިޤަރުނުގައި ދޫކޮށްފައިވާ 22،794 އިސްލާމިކް ބޮންޑުގެ ތެރެއިން ޑިފޯލްޓް ވެފައިވަނީ އެންމެ 62 ބޮންޑެވެ. އެއީ ހުސް ކޯޕަރޭޓް ބޮންޑެވެ.
ދިވެހިރާއްޖޭގެ ސުކޫކް އެކުލަވާފައި ވަނީ ކޭމަން އައިލެންޑްސްގެ ސްޕެޝަލް ޕާޕަސް ވެހިކަލެއް މެދުވެރިކޮށެވެ. މާލޭގައި ސަރުކާރުން ހިންގާ 140 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ދަރުމަވަންތަ ހޮސްޕިޓަލު ރަހުނުކޮށްފައެވެ. ސުކޫކް ހޯލްޑަރުންނަށް އެ އެސެޓްގެ މައްޗަށް ޙައްޤު އޮވެއެވެ. ޢަމަލީގޮތުން ބަލާއިރު، ރީސްޓްރަކްޗަރިންގ ސްޕެޝަލިސްޓުން ފާހަގަކޮށްފައިވާ ގޮތުގައި، ޤައުމަކުން ސުކޫކް އަނބުރާ ނުދެއްކުމަކީ ޤާނޫނީ ގޮތުން އެމައްޗަށް ނިންމުންތަކެއް ނެތް، މާސާފު ނޫން މައްސަލައެއް ކަމަށެވެ.
"އަދުގެ ބޮޑު ސުވާލަކީ މުސްލިމް ޤައުމުތަކުން ދިވެހިރާއްޖެ ސުކޫކް ބޮންޑެއް ޑިފޯލްޓް ވިޔަ ދޭނެތޯ،" ސުކޫކްގެ އަގު ރެކޯޑް މިންވަރަށް ދަށަށް ވެއްޓުމާ ވިދިގެން، ޑަންސްކޭ ބޭންކުގެ ޕޯޓްފޯލިއޯ މެނޭޖަރު ސޮއެރެން މޮއެރްޗް ބްލޫމްބާގަށް ވިދާޅުވިއެވެ.
2018 ގައި ޤައުމަކަށް ސުކޫކް ޑިފޯލްޓުވި ފުރަތަމަ ޤައުމަށް ބަހްރެއިން ވިޔަ ނުދީ، ގަލްފުގެ ޤައުމުތަކުންވަނީ ފައިސާ ދައްކައިދީފައެވެ. ބޭނުމަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ޤައުމުތަކަށް ރަނގަޅު ރޭޓެއްގައި ލޯނު ނެގޭނެފަދަ ރެކޯޑެއް ދެމެހެއްޓުމެވެ. ދިވެހިރާއްޖެ ޑިފޯލްޓް ވުމަކީ ހުރިހާ ޤައުމަކަށްވެސް ސުކޫކްގެ އަގު ބޮޑުވ އިސްލާމީ ފައިނޭންސްގެ ދާއިރާއަށް ހިޔަނިއެޅޭނެ ކަމެކެވެ.
ސުކޫކު ދޫކޮށްފައިވަނީ ދިވެހިރާއްޖެ ކޯވިޑް-19 ގެ ބަލިމަޑުކަމާއި ފުރަބަންދުން އަރައިގަންނަމުން އައި ދުވަސްވަރުއެވެ. 2021 ގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޑޮލަރަށް ބޭނުންވި ހިނދު، އެނބުރި ވަޑައިގަތީ އިސްލާމީ ކެޕިޓަލް މާކެޓްތަކަށެވެ. ރާއްޖޭގެ ޕްރޮފައިލަށް ރިވެލިކުރާ - ގާތްގަނޑަކަށް 10 ޕަސެންޓުގެ ފައިދާގެ ރޭޓެއް ޤަބޫލުކުރެއްވިއެވެ. ބޮންޑުގެ މުއްދަތުގައި ސަރުކާރުން އިންވެސްޓަރުންނަށް ރިޓާރންގެ ގޮތުގައި 250 މިލިއަން އެމެރިކާ ޑޮލަރު ދައްކާނެއެވެ. އެއީ ޕްރިންސިޕަލް ޢަދަދުގެ ދެބައިކުޅަ އެއްބައެވެ.
ނޮވެމްބަރު މަހުގެ ފަހުކޮޅު މޫޑީސް އިން ދިވެހިރާއްޖޭގެ ގިންތި "ނެގެޓިވް" އިން "ސްޓޭބަލް" އަށް ބަދަލުކުރިއެވެ. މޫޑީޒް އިން ބުނީ ބޭރުގެ ފައިސާގެ އާމްދަނީ އިތުރުކުރުވަނިވި އިޞްލާޙްތަކާއި ފަތުރުވެރިކަމުގެ ސިނާޢަތުގެ ވަރުގަދައަށް ހިނގައިގަތުމުގެ ސަބަބުން ހިރާސް ކުޑަވެފައިވާ ކަމަށެވެ.
"އެހެން ނަމަވެސް، ދިވެހިރާއްޖޭގެ ކްރެޑިޓް ޕްރޮފައިލް އަދިވެސް އޮތީ ވަރަށް ބޮޑު ދަރަންޏާއެކުގައި" ކަމަށާއި "އަދިވެސް ކައިރި މުސްތަޤްބަލެއްގައި ދައްކަންޖެހޭ ބޭރުގެ ބޮޑެތި ދަރަނީގެ އިތުރުން ޑޮމެސްޓިކް ރީފައިނޭންސިންގެ ބޮޑެތި ހާޖަތްތަކެއް އެބަހުރި" ކަމަށް މޫޑީސް އިން އިންޒާރު ދިނެވެ.
ނޮވެމްބަރު މަހު ބޭއްވި ބަޖެޓް ކޮމިޓީގައި އޮޑިޓާ ޖެނެރަލް ނިޔާޒީ ވަނީ ދަރަނީގެ ބުރަގެ އަސްލު ސަބަބާ މެދު ޝައްކެއް ނެތްގޮތުގައި ހާމަކުރައްވާފައެވެ. އެއީ ދެމެހެއްޓެނިވިކަން ނެތް ޚަރަދުތައް ހިންގުމާއި، ޚަރަދު ކުޑަނުކުރުމެވެ. އަދި އެ ޚަރަދަށް ފައިނޭންސް ކުރާން ދަރަނި ނެގުމެވެ. އޮޑިޓާރ ޖެނެރަލް ވިދާޅުވީ އަނބުރާ ދަރަނި އަދާކުރުން އަބަދުވެސް މިދަނީ ފަސްކުރަމުން ކަމަށާއި، މިހެން ފަސްކޮށްކޮށް ތިބެވޭނީ ކިހާ ދުވަހަކުތޯ ސުވާލު އުފެދޭ ކަމަށެވެ. ޚަރަދު ކުޑަކުރުން މިހާރު ވަނީ އިބިލީހުގެ ކައިވެންޏަކަށް ވެފައި ކަމަށާއި، އަނބުރާ ދެއްކުން ލަސްކޮށްފައި އެކަން ފައިނޭންސް މިނިސްޓްރީގެ ބަޖެޓު ފޮތުގައި ލިޔެ، ހާމަވެސް މިހާރު ނުކުރާ ކަމަށެވެ.

