މަޝްވަރާއެއް، ވޯޓެއް ނެތި، ދެއަނާއަށް މޭޔަރު މުޢިއްޒު ބެއްސެވި ބިންތަކުގެ ތަފްޞީލު
ބިން ދިނީ ކައުންސިލުން މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ކުރާން ޝަރުޠުކޮށްފައި، ސިޔާސީގޮތުން ގުޅިފައިވާ މީހުންނަށެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
26 ނޮވެމްބަރު
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު، މާލޭގެ އެންމެ ވަރުގަދަ ބިންތަކުން 118،511 އަކަ ފޫޓު އެކި ފަރާތްތަކަށް ކުއްޔަށްދީފައި ވެއެވެ. އެއީ 25.1 ރުފިޔާއަށް އަކަފޫޓެއްގެ މަގުންނެވެ. ބިންތައް ލިބިފައި ހުރީ ސިޓީ ކައުންސިލުން މިހާރުވެސް ކުރަމުންދާ މަސައްކަތްތައް ކުރާން ޝަރުޠުކޮށްފައި، ސިޔާސީގޮތުން ގުޅިފައިވާ މީހުންނަށެވެ.
މާލެ ސިޓީ ކައުންސިލްގެ ބިމުގެ ދަފްތަރުން ހާމަވާ ޙަޤީޤަތަކީ މިއެވެ. މޭޔަރު އާދަމް ޢާޒިމް ސިޓީ ކައުންސިލާ ޙަވާލުވިފަހުންވެސް މި ލިސްޓު ހިފަހައްޓަވައިގެން އިންނަވާފައިވާ، ޢާންމުކުރެއްވީ ނޮވެންބަރު 20، 2025 ގައެވެ.
2021 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް މާލޭގެ މޭޔަރުކަމުގެ މުޢިއްޒުވަނީ ފުރަ މާލެއިން (ވިލިމާލެ އާއި ހުޅުމާލެ ނުހިމަނައި) 47 ބިން ބައްސަވާފައެވެ. ސައިޒާއި ކުލި ފަދަ ބައެއް މަޢުލޫމާތު މަދު ނަމަވެސް، ފެންނާން ހުރި މިންވަރުން އެނގެނީ ބެއްސެވި އެކު ޖުމުލަ 118،511 އަކަފޫޓުގެ ބިމަށް ޖުމުލަ 2.9 މިލިއަން ރުފިޔާ ކުލީގެ ގޮތުގައި ލިބެންޖެހޭނެ ކަމެވެ. އެވްރެޖްކޮށް ކުއްޔަށް ދޫކޮށްފައި ހުރި މުއްދަތަކީ 17 އަހަރެވެ.
މިބިންތަކުގެ ގިނަ ބައިވަރު ދޫކޮށްފައި ހުރީ، އެބިންތައް ނުވަތަ އެބިއްތަކުގެ މުޤާބިލުގައި އެހެން ތަނަކަށް އިންވެސްޓުކޮށް، ތަރައްޤީ ކުރާނެ ކަމުގެ ޕްރޮޕޯޒަލްތަކާ އަޅުވައެވެ. ނުވަތަ ސިޓީ ކައުންސިލުން މިހާރުވެސް ޢާންމުކޮށް، ޤަވާޢިދުން ހިންގަމުންދާ އާދައިގެ މަސައްކަތްތައް ކުރާން ޝަރުޠު ކޮށްފައެވެ. ނަމަވެސް، ކުނި ކަހައި، ސާފުކުރުމާއި، ޢާންމު، ކުދި މަރާމާތުގެ މަސައްކަތްތަކަކީ މާލޭ ސިޓީ ކައުންސިލުން މިހާރުވެސް އުފުލާ ޒިންމާތަކެކެވެ. އެއީ މުނިސިޕަލްޓީ ޒަމާނުއްސުރެ، މުވައްޒަފުންނާއި ތަކެއްޗާއި ސާމާނު ބަޖެޓުކޮށްގެން، ކުރާ އާދައިގެ މަސައްކަތްތަކެވެ.
ސިޔާސީ ގުޅުން އޮންނަ ކުންފުނިތަކަށް އާޓިފިޝަލް ބީޗާއި އެހެނިހެން ޕްރައިމް ލޮކޭޝަންތަކުން ބިމާއި ޖާގަ ދިން އިރު، އެބިންތަކާ އަޅުވާ ކުރާން އެއްބަސްވެފައިވާ ގިނަ އިންވެސްޓްމަންޓްތައް ވީ ހިސާބެއް ނުއެނގއެވެ. މިސާލަކަށް އެކި ތަންތަނުގައި އަޅާފައި އެހެރަ ޓަކްޝޮޕްތަކެވެ. އެތަންތަން ބިނާކޮށް، ގަދަފަދަޔަށް ވިޔަފާރިކޮށް، ބާރަށް ހިންގަނީއެވެ. އެތަންތަނާ އަޅުވާ އެކުންފުނިތަކުން ކުރާންޖެހޭ ކަމަށް ޝަރުޠުކޮށްފައިވާ ހަމަ އެއްކަމެއްހެން ކޮށްފައި ނެތެވެ. މިކަމުގެ ސަބަބުން ސީރިއަސް ސުވާލުތަކެއް އުފެދެއެވެ؛
ކޮންޓްރެކްޓްގެ ވާޖިބުތައް ތަންފީޛު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ ނުކުރިޔަސް، ކޮންޓްރެކްޓު ދެމި އޮންނަނީ ކޮން ހަމަޔަކުން ހެއްޔެވެ؟ ވިޔަފާރި އަގުގެ ބައިކުޅަ ބައި ކުއްޔަކަށް، ހަމަ އަގަށްވުރެ ދަށްކޮށް، ވިޔަފާރިކުރާން ޢާންމު ހުސް ޖާގަތަކުން ތަން ދެނީ ކޮން ހަމަޔަކުން ހެއްޔެވެ؟ މި އިންތިޒާމުތަކުގެ ތެރެއިން މާލެ ސިޓީއަށް ލިބޭންޖެހޭ އަޞްލު އާމްދަނީއަކީ ކޮބާ ހެއްޔެވެ؟
ޝައްކެއް ނެތެވެ. މި އިންވެސްޓުމަންޓާއި ކުނިކެހުންފަދަ ޚިދުމަތް ފޯރުކޮށްދިނުމުގެ ޝަރުޠު ބޭނުންކޮށްފައި އެވަނީ ގާތް މީހުންނަށް ބިން ބެހުމަށް ޢުޛުރަކަށެވެ.
ދެން ބިން އަގުކޮށްފައިވާ ގޮތަށް ބަލާއިރު މީހަކު އަވަދިވެދާނެއެވެ. މިސާލަކަށް ޓީ އެންޑް ސީ ޕްރައިވެޓް ލިމިޓެޑުން އަލިމަސް ކާނިވަލުން ދީފައިވާ 2،026 އަކަފޫޓުގެ ބިމެވެ. މަހު ކުއްޔަކީ 29،260 ރުފިޔާއެވެ. މުއްދަތަކީ 20 އަހަރެވެ. އަޕްފްރަންޓް ޕޭމަންޓެއްގެ ގޮތުގައި 500،000 ނަގާފައިވެއެވެ. ހަމަ ޖެހިގެން އައި ދުވަހު ހަމަ އެސައިޒުގެ ބިމެއް، ހަމަ އަލިމަސް ކާނިވަލުން، ހަމަ އެ ޝަރުޠުތަކުގެ މައްޗަށް ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑަށް ދިނީ މަހަކު އެންމެ 10،000 ރުފިޔާއަށެވެ.
ލިސްޓު ނެރުނު ވަގުތު
އެންމެ ފަހުން އަހުރެން މާލޭގެ ބިމާ ގުޅޭގޮތުން ލިޔުނީ އޮގަސްޓް 3، 2025 ގައެވެ.
މާލޭގެ ބިމުގެ ދަފްތަރު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މޭޔަރު ޢާޒިމަށް ޢާންމު ކުރެއްވޭވަރު މިވީ، މަޤާމާ ޙަވާލުވެ ވަޑައިގަތްތާ 678 ދުވަސް ފަހުންނެވެ. ދެން ދައްކާނެ އިތުރު ޢުޛުރެއް ނެތި، ނުކޮށް ފަރުނުޖެހިގެން، އެމްޑީޕީގެ މާލޭ މޭޔަރުކަމުގެ ޓިކެޓަށް އޭނާއާ ވާދަކުރައްވާ ޢަލީ ޢާޒިމްގެ ކެމްޕޭނު ލޯންޗުކުރާން ގަޑިއިރުކޮޅަކަށް ވެފައި ވަނިކޮށެވެ. ދެ އަހަރު ދަންމާފައި، ކުއްލިއަކަށް އެރޭ ޢާންމުކުރެއްވީއެވެ.
އެހެންނަމަވެސް، ކައުންސިލުގައި ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައްޔާއި، ކޮންސަލްޓަންޓުގެ ގޮތުގައި މޭޔަރު ޢާޒިމް ވަޒީފާއަށް ނަންގަވާފައި ތިބިހާ މީސްގަނޑު، އަޅުގަނޑަށް ފުރަސްހާރަކޮށް، ބިމުގެ ދަފްތަރު ޢާންމުކުރެއްވި ކަންމައްޗަށް، މޭޔަރަށް ޝުކުރާއި ތަޢުރީފުގެ ބަސްތައް ރައްދުކުރާން ސޯޝަލް މީޑިޔާގައި ބޮޓު އެކައުންޓުތައް ހަދަހަދައިގެން ގޮވަމުން ދިޔައެވެ. ޤާނޫނުން ލާޒިމުކުރާ ކަމެއް، ސިޔާސީގޮތުން ގާތްގަނޑަކަށް މަޖުބޫރުވެގެން، ކުރީމާ އަޅުގަނޑު އެކަމުގެ މައްޗަށް ކުރާނެ ކުރުނީހެއް ނެތެވެ.
ޕީއެންސީގެ ނުރުހުން
ސިޓީ ކައުންސިލްގެ 18 ގޮނޑީގެ ތެރެއިން 14 ގޮނޑި ނިސްބަތްވަނީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އަށެވެ. މާލޭގެ ބިމުގެ ދަފްތަރު ޢާންމުކުރީމާ ޑެޕިއުޓީ މޭޔަރު މުޙައްމަދު ޢަރީޝް އިސްވެ ހުންނަވާ ޕީއެންސީއިން ލައްކަ ރުޅި ދެއްކިއެވެ. އޭގެ ކުރީގެ ދެހަފްތާގެ ޖަލްސާގެ ކޯރަމް ޕީއެންސީގެ މެންބަރުން ޙާޟިރުނުވެ، އޮތީ ނަގާލާފައެވެ. އެއީ ބިމާބެހޭ ކަންކަން އެޖެންޑާ ކޮށްފައި އޮވެގެންނެވެ.
ޑެޕިއުޓީ މޭޔަރު ކައުންސިލްގެ ރަސްމީ ވަޓްސްއެޕް ގްރޫޕްގައި ލިޔުއްވިއެވެ. އޭނާ ވިދާޅުވީ މާލޭގެ ބިމުގެ ދަފްތަރު ޢާންމުކުރެއްވީ މަޝްވަރާއެއް ނެތި ކަމަށާއި ކުއްޔަށް ދޫކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑުގެ ތަފްޞީލު ފަދަ ޒާތީ މަޢުލޫމާތު އެލިސްޓުގައި ހިމެނުން ބަލައި ނުގަނެވޭނެ ކަމަށެވެ. އެ ދެވާހަކައިގައިވެސް އުރައްޕެއް ނެތެވެ. އެގޮތީ މާލޭގެ ރައްޔިތުންގެ ބިންތައް ލިބުނީ ކާކަށް، ކޮން ޝަރުޠުތަކެއްގެ މައްޗަށް، ކިހިނެއް، ކޮން ބޭނުމެއްގައިކަން އެނގުމުގެ ޙައްޤު ޢާންމުންނަށް ލިބިގެންވެއެވެ. އެކަމަކަށް ކައުންސިލަރުންގެ ރުހުމާއި ޤަބޫލު ބޭނުމެއް ނުވެއެވެ.
މީގެ އިތުރުން، ބިމުގެ ދަފްތަރު ޢާންމުކުރި މައްސަލައިގައި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޢަބްދުލް މުހައިމިނާއި އިސް މުވައްޒަފުން، ޚާއްސަކޮށް އެސެޓްސް އެންޑް ލޭންޑް ޑިޕާޓްމަންޓުގެ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމުގެ އިންޒާރުތަކާއި އެހެނިހެން ގޮތްގޮތުން ބިރުދެއްކުމުގެ ކަން ކުރިމަތިވެފައި ވާކަން އަޅުގަނޑު ދެނަ ހުރީމެވެ.
ދިމާނުވާ މަޢުލޫމާތު
ކޮންމެއަކަސް ޢާންމުކުރި ބިމުގެ ދަފްތަރަށް ބެލީމާ އަޅުގަނޑަށް ފެނުނީ ބިންތަކުގެ ސައިޒާއި، ކުއްޔަށް ދޫކުރާ ތާރީޚާއި، އަދި އެހެނިހެން އަސާސީ މަޢުލޫމާތުގައި ކުށް ހުރުމާއި، ފުރިހަމަ ނޫން ކަމެވެ. ބައެއް ބިން ބިމުގެ ސައިޒެއް ނެތެވެ. ނުވަތަ ސީދާ ލޮކޭޝަނެއް ނެތެވެ.
މިސާލަކަށް ވަސްމީރު ހޯލްޑިންގްސްއަށް ކާނިވާ ސަރަޙައްދުން ދީފައިވާކަމަށް ޢާންމުކުރި ބިމުގެ ދަފްތަރުގައި އޮތީ 1،309 އަކަފޫޓެވެ. ނަމަވެސް މިއަހަރުގެ އޮކްޓޫބަރު 30 ގެ ތާރީޚްގައި ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ސޮއިކުރައްވާ، އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރަށް ފޮނުވާފައިވާ ސިޓީއެއްގައި އެބިމުގެ ސައިޒު ކަމުގައި ބަޔާންކުރަނީ 2،530 އަކަފޫޓެވެ. މިއީ 1،221 އަކަފޫޓުގެ ތަފާތެކެވެ.
އަނެއް އެފަދަ މައްސަލައަކީ މިސާލަކަށް ސްޕަރައުޓް އެމްވީ އަށް ޖޫން 2023 އިން 2033 އަށް 20،000 ރުފިޔާގެ މަހު ކުއްޔަކަށް ލޮނުޒިޔާރަތް ޕާކުން ދީފައިވާކަމަށް ބިމުގެ ދަފްތަރުގައި ލިސްޓު ކޮށްފައިވާ ބިމެވެ. އެ ބިމުގެ ސައިޒެއް ނެތެވެ.
މިކުށްތަކާއި، ފުރިހަމަ ނޫން މަޢުލޫމާތުގެ ސަބަބުން ހިޔަނި އެޅެނީ ދެފުށްފެނުމާއި ޢާންމު މަޞްލަޙަތަށެވެ. މަޢުލޫމާތެއް މަދުކަމަށް ނުވަތަ ކުށް ހުރިކަމަށް އެނގިވަޑައިންނަވާ ޢާންމުންގެ ފަރާތެއް ނަމަ ސީދާ އަޅުގަނޑާ ނުވަތަ ކައުންސިލަށް ގުޅުއްވާފައި، އެންގެވުން ނުހަނު އެދެމެވެ.
ކޮރަޕްޝަންގެ މަތީގައި އިށީންދެލައިގެން
މައި އިދިކޮޅު އެމްޑީޕީގެ މޭޔަރަކު މި މަޢުލޫމާތުތަކުގެ މަތީގައި ރީއްޗަށް އިށީންދެވަޑައިގެން، އެއްވެސް ފިޔަވަޅެއް ނާޅުއްވާ، ފޮރުއްވަވައިގެން އިންނެވިކަމީ ޢަޖައިބެކެވެ. އެއަށްވުރެ ބޮޑު ޢަޖައިބަކީ މާލޭގެ މީހުންގެ ބިންތައް ހަމައެއް ލަމައެއްނެތި އަގުކޮށްފައި، ބަހާފައި ހުރި އިރު، ހަމައަގު ހޯއްދަވާން އެއްވެސް މަސައްކަތްޕުޅެއް ކުރައްވާފައި ނެތުމެވެ. އެމްޑީޕީގެ މޭޔަރަކު ހުރުމުގެ ބޭނުމެއް އާދަމް ޢާޒިމް ހުރެގެންނަކުން ފުދެޔޭ ދެންނެވޭކަށް ނެތެވެ. މޭޔަރު މުޢިއްޒު ބެއްސެވި ބިންތަކުގެ މައްސަލަޔާ އެމްޑީޕީއިން ހަރުދަނާ ކަމާއެކު ކުރިމަތިލާން ޖެހެއެވެ. ޢާންމު މަޞްލަޙަތުގެ ޙިމާޔަތުގައި އެއިން ކޮންމެ ބިމެއްގެ އަގުކުރުން އަލުން މުރާޖަޢާ ކުރާން ޖެހެއެވެ. އެއްބަސްވުންތަކުގެ ހަމަތައް މުޠާލިޔާކޮށް، ބަދަލުކުރާން ޖެހެއެވެ.
ކުލީ ކޮންޓްރެކްޓެއް އޮތުމަކީ ޢާންމު ހުސްޖާގަތަކާއި ބިންތައް ހަމައަގަށް ވުރެ ދަށްކޮށް ނުވަތަ ކޮސް ހަމަތަކެއްގެ މައްޗަށް ހަދާ އެއްބަސްވުންތަކެއްގެ ތެރޭގައި ތަޅުލާފައި އޮންނަން ޖެހޭ ސަބަބެއް ނޫނެވެ. ބަދަލު ދޭން ޖެހުނު ނަމަވެސް، އަތުލާންވީއެވެ. މާލޭ ސިޓީއަށް ދިގު މުއްދަތުން ވާނެ ފައިދާ، ހަމައެކަނި މާލީ ހިސާބުކުރުމުގެ ނަޒަރިއްޔާތަކުންވެސް، ކުރު މުއްދަތުގައި ބަދަލުދޭން ހިނގާ ޚަރަދަށްވުރެ މާ ބޮޑުވާނެ އެވެ.
2021، 2022، އަދި 2023 ގައި މޭޔަރު މުޢިއްޒު ކައުންސިލުގެ ތެރެއިން ނެންގެވި ކުޑަ ކޮމިޓީއަކުން ޢާންމު ބިންތައް ދޫކުރާން ސިއްރުން ނިންމާފައި އެބަހުއްޓެވެ. ފަރުދާގެ ފަހަތުގައި ހިންގި މުޢާމަލާތްތަކަކުން ބިން ބަހަމުންދާކަމުގެ ޝަކުވާ ޚުދް އަޅުގަނޑުވާނީ އެއްފަހަރަށް ވުރެ ގިނަ ފަހަރު ރައްޔިތުންގެ މަޖިލީހާއި، އެންޓި ކޮރަޕްޝަން ކޮމިޝަނާއި، ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ރަސްމީކޮށް، ލިޔުމުން ހުށަހަޅާފައެވެ. އެޅި ފިޔަވަޅެއް، ދިން ޖަވާބެއް ޙަރާމުން ޙަރާމެވެ.
2023 ގެ ޖޫން މަސް އައިއިރު، އޭރުގެ ޕީޕީއެމް (މިހާރު ޕީއެންސީ) އޮތީ ބައިބައި ވެފައެވެ. ގިނަ ކައުންސިލަރުން ތިއްބެވީ ރައީސް ޢަބްދުﷲ ޔާމިންގެ ޢަމުރަށް، މޭޔަރު މުޢިއްޒު އޮބަހައްޓާން ތައްޔާރަށެވެ. އަޅުގަނޑު މިތަންވަޅުގެ ބޭނުން ހިފީމެވެ. ކައުންސިލްގެ ހިންގާ ޤަވާޢިދަށް އިޞްލާޙް ހުށަހެޅީމެވެ. ބޮޑު އަޣްލަބިއްޔަތަކުން ފާސް ކުރި މިއިޞްލާޙުތަކުގެ ސަބަބުން ދިގު އަދި ކުރު މުއްދަތަކަށް ވިޔަސް ޢާންމު ހުސްޖާގައެއް، ބިމެއް ކުއްޔަށް ދޫކުރާނަމަ ކައުންސިލްގެ ޢާންމު ރަސްމީ ޖަލްސާއަކަށް ހުށަހަޅާން ޖެހެއެވެ. ކުއްޔަށް ދެވޭނީ އަޣްލަބިއްޔަތުން ފާސްކޮށްގެންނެވެ.
ނަމަވެސް ނޮވެމްބަރު 20 ގައި ޢާންމުކުރި މާލޭގެ ބިމުގެ ދަފްތަރުން ފެންނާން އޮތީ، ކައުންސިލްގެ ހިންގާ ޤަވާޢިދަށް އިޞްލާޙް ގެނައި ފަހުންވެސް 18 ބިން ކުއްޔަށް ދީފައި އޮތް ކަމެވެ. ކައުންސިލްގެ ފްލޯރއަކަށް ހަމަ ގައިމު ނުގެނެއެވެ. މިބިންތަކާބެހޭ ކޮންޓްރެކްޓުތައް ޞައްޙަވާނެ އެއްވެސް ޤާނޫނީ ހަމައެއް ނޯންނާނެއެވެ. މިއީ އުފެދުމުގައިވެސް ބާޠިލު އެއްބަސްވުންތަކެކެވެ. އެމްޑީޕީގެ މޭޔަރު ޢާޒިމަށް މިކަން މޭރުން ނުވެ އޮތްކަމީ ކަންބޮޑުވުމެކެވެ. އަޅުގަނޑުގެ ނަޒަރުގައި 2023 ގެ ޖޫން މަހުން ފެށިގެން ކައުންސިލްގެ ވޯޓެއް ނެތި ދޫކޮށްފައިވާ ހުރިހާ ކޮންޓްރެކްޓްތަކަކީ ބާޠިލު ތަކެއްޗެވެ.
ކޮންމެއަކަސް، މާލޭގެ ބިމުގެ ދަފްތަރު ޢާންމުކުރުމުގެ ކްރެޑިޓް ވަކި މީހަކަށް ޙައްޤުވާނަމަ އެމީހަކީ ހެންވޭރުގެ މާލޭގެ މަޖިލިސް ގޮނޑި އިހު ފުރުއްވި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަންވެސް ކުރިން ކުރައްވާފައި ހުންނެވި، ޢަލީ ޢާޒިމެވެ. އޭނާގެ ކެމްޕޭން ލޯންޗް ކުރުމުން ގާތްގަނޑަކަށް ދެ އަހަރު ވަންދެން ހިފަހައްޓާފައި ހުރި މަޢުލޫމާތު ތެޅިގަނެފައި ޢާންމުކުރާން މަޖުބޫރުވީއެވެ. އެ ޕްރެޝަރު ނެތިއްޔާ އަދިވެސް އެ ލިސްޓް ފޮރުވިފައި އޮތުން އެކަށީގެންވެ އެވެ.
އަދި ދަންނަވަމެވެ. މި ބިންތައް ޙަވާލުކުރާން ކައުންސިލްގެ ޢާންމު ރަސްމީ ބައްދަލުވުމެއްގައި ދުވަހަކުވެސް ވޯޓެއް ނަގާފައެއް ނެތެވެ. ވޯޓެއް މަޝްވަރާއެއް ނެތި ބިމެއް ދޫކުރާން އަޅުގަނޑު ދުވަހަކުވެސް އެއްބަހެއް ނުވާނަމެވެ. ކައުންސިލްގެ ރަސްމީ ބައްދަލުވުންތައް ލައިވްކޮށް ބްރޯޑްކާސްޓުކުރެއެވެ. އެހެރީ ޔޫޓިއުބާއި ފޭސްބުކް ގައި ފެންނާށެވެ. ބެއްލެވީމާ ޔަޤީންކުރެއްވޭނެއެވެ.

