މާލެއަށް ބޭނުންވަނީ މޭޔަރެކެވެ. ސަރުދާރެއް ނޫނެވެ.
ލާމަރުކަޒީ ބާރުގެ ވެރިއަކަށް މިހުރި މޭޔަރުގެ ދައުރަކީ ކާނު ސާފުކުރާ ފޮޓޯ ނަންގަވަމުން، ޓާޓާ ކިޔައްވަމުން ހިންގެވުންކަމުގައި ވެ ނިމިއްޖެއެވެ.

ކުރެހުމާއި ޑިޒައިން: ޑޮސެއިން
03 ޑިސެމްބަރު
ލާމަރުކަޒީ ޤާނޫނުގެ ބޭނުމަކީ މުނިސިޕަލް ކަންކަމުގެ މައްޗަށް ރައްޔިތުންނަށް ޙަޤީޤީ ބާރު ދިނުމެވެ. ތިމާގެ ވަށައިގެންވާ މާޙައުލާއި، ދިރިއުޅޭ ވަޒަނުގެ އިންތިޒާމުތަކާއި، ތަރުތީބުތަކުގެ މައްޗަށް ބަސް ކިޔުމުގެ ފުރުޞަތު ފަހިކުރުމެވެ. އެބާރާއެކު ޛިންމާތަކަކާއި ޙައްޤުތަކެއް ވެއެވެ. ނަމަވެސް، މާލޭ ގައިނަމަ، ލާމަރުކަޒީ ބާރުގެ ވެރިއަކަށް މިހުރި މޭޔަރުގެ ދައުރަކީ ކާނު ސާފުކުރާ ފޮޓޯ ނަންގަވަމުން، ޓާޓާ ކިޔައްވަމުން ހިންގެވުންކަމުގައި ވެ ނިމިއްޖެއެވެ.
ލާމަރުކަޒީ ބާރާއި އިޚްތިޔާރުތަކުގެ މައްޗަށް ތެދުވެ ހުރި މޭޔަރެއްގެ ބަދަލުގައި މާލެއަށް ލިބިފައި މިވަނީ މެއިންޓެނަންސް މެނޭޖަރެކެވެ. ޕޭވްމަންޓްތައް ކުނިކެހުމާއި، ކާނުތައް ސާފުކުރުމާއި، މާ ގަސް ޖެހުމާއި، ކަދުރު ރުއް އިންދުމުގެ މައްޗަށް އޭނާގެ ދައުރު ކުރުވެގެންވެއެވެ. މިއީ ލާމަރުކަޒީ އިޚްތިޔާރުތަކާއި ބާރުވެރިކަމާއެކު ސިޓީއެއް ލީޑުކުރުމެއް ނޫނެވެ. މާލެއަށް ބޭނުންވަނީ ސަރުދާރެއް ނޫނެވެ. މޭޔަރެކެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރާން ޕްރައިމެރީއަށް އެހުންނެވީ މޭޔަރު އާދަމް ޢާޒިމްވެސް ނުކުމެވަޑައިގެންނެވެ. މުނިސިޕަލް ލީޑަރުންގެ ފަރާތުން އުންމީދު ކުރަނީ އަދި ބޭނުންވަނީ ކޮންކޮން ކަމެއްތޯ މިދަނޑިވަޅު ހިތާހިތާ ސުވާލުކުރުން ބޭނުންތެރިއެވެ.
ލާމަރުކަޒީ ޤާނޫނު ތަޞައްވަރުކުރާ މޭޔަރުގެ ރޯލު ޙަޤީޤަތުގައި ބިނާވެގެންވަނީ ސިޓީގެ ގަވަރނަންސް އާއި އެޑްމިނިސްޓްރޭޝަނަށާއި ސިސްޓަމްތަކާއި ސްޓޭންޑާރޑް އޮޕަރޭޓިން ޕްރޮސީޖަރސް (އެސްއޯޕީ) އަދި މުއައްސަސީ އޮނިގަނޑުތަކުގެ މައްޗަށެވެ. ޢާންމުކޮށް، ޤަވާޢިދުން ތާވަލުކޮށްގެން ހިންގާ އާދައިގެ، މުނިސިޕަލް މަސައްކަތުގައި ތެރޭގައި ހިމެނޭ މަގުބައްތީގެ ބޮކި ބަދަލުކުރުން ފަދަ ކަންކަމަކީ އަރިކަށީގައި އަތްވިއްދަވައިގެން މޭޔަރު މަގުމަތީ ނުހުންނެވި ނަމަވެސް ހިނގަމުންދާންވާނެ ކަންކަމެވެ. ނިޒާމާއި އޮނިގަނޑު ބައްޓަންވެފައި އޮންނާންވާނީ ވަކި ބުރަކަށް އެޅި، އެމަސައްކަތްތައް ކެނޑިނޭޅި ހިނގަމުންދާނެ ގޮތަކަށެވެ.
މޭޔަރު ޢާޒިމް ފޮޓޯ ނެންގެވުން ނޫން އެހެން ކަމަކާ ޝައުޤުވެރިވާނަމަ، އަދި މާލޭގެ މޭޔަރު ކަމަށް ފައިނަންގަވާ ބޭފުޅުން ތިއްބެވި ނަމަ، ތިރީގައި މިވާ ތިން ދާއިރާއަށް ހިސާބަކަށް ވިސްނެވުން ބެހެއްޓެވުން ބޭނުންތެރިއެވެ.
ގަވާރނަންސް އަދި އެޑްމިނިސްޓްރޭޝަން
ގަވާރނަންސް އާއި އެޑްމިނިސްޓްރޭޝަންގެ ރޮނގުންނަމަ، ބިނާވެގަންނާން ޖެހޭނީ ހުޅުވާލުމާއި (ހާމަކުރުމާއި ކަންފަހިކުރުން) ދެފުށްފެނުމާއި، ޑިމޮކްރެޓިކް އަސާސްތަކުގެ މައްޗަށެވެ. މިމަގުން، މާލޭގެ މޭޔަރުގެ މައްޗަށް އޮތް އެންމެ ބޮޑު ޤާނޫނީ މަސްއޫލިއްޔަތަކީ މާލޭ ބިމުގެ ދަފްތަރު ބެލެހެއްޓެވުމާއި، ޤަވާޢިދުން ހާމަކުރެއްވުމެވެ. ޢާންމު ބިމާއި، ޕާކާއި، ހުސް ޖާގަތައް ދިގު އަދި ކުރުމުއްދަތަށް ނަމަވެސް ދޫކުރާނަމަ، އެކަން ކުރާ ހަމައަކާއި، އިޖުރާޢަތަކާއި، ކޮން އަގަކަށް، ކިހާ ދުވަހަކަށް، ކޮން ކަމަކަށް، ކޮން ބަޔަކަށް/ފަރާތަކަށްކަން އޮޅުންފިލާފައި އޮތުމަކީ ޢާންމު ރައްޔިތުންގެ ޙައްޤެކެވެ.
ކަންމިހެން އޮތްއިރު، މާލޭގެ ބިމުގެ ދަފްތަރު ގެޒެޓުކުރެއްވުނީ މޭޔަރުކަމަށް އާދަމް ޢާޒިމްގެ ވަޑައިގެންނެވިތާ 678 ދުވަސް ފަހުންނެވެ. 20 ނޮވެންބަރު 2025 ގައެވެ. "އިއްތިފާޤުން" އެއީ އެމްޑީޕީގެ ޕްރައިމެރީގައި މާލޭގެ މޭޔަރުކަމުގެ ޓިކެޓަށް އޭނާއާއެކު ވާދަކުރައްވާ ޢަލީ ޢާޒިމްގެ ކެމްޕޭނު ލޯންޗުކުރާ ޖަލްސާއަށް ދެތިން ގަޑިއިރަށް ވެފައި އޮއްވައެވެ.
ދެން ގެޒެޓުކުރި މާލޭގެ ބިމުގެ ދަފްތަރަށް ނަޒަރު ހިންގާއިރު، ބިމުގެ ސައިޒު ނުވަތަ ކުލީގެ ޢަދަދު ފަދަ އަސާސީ މަޢުލޫމާތު ބައެއް ބިމާގުޅޭގޮތުން މަދެވެ. ކުއްޔަށް ދިންކަން އެނގޭ އަނެއް ބައެއް ބިން އެދަފްތަރުގައި އެއްގޮތަކަށް ނުވެސް ނެތީއެވެ. އެހެންވީމާ ޖަވާބުތަކެއް ލިބުމަށްވުރެ، މާލޭގެ ބިމުގެ ދަފްތަރު ބެލި މީހެއްގެ ހިތުގައި އުފެދޭ ސުވާލު ގިނަވާނެއެވެ.
ގަލޮޅު އުތުރުގެ މާލެ ސިޓީ ކައުންސިލަރުގެ ޙައިސިއްޔަތުން އަޅުގަނޑު މިހާރު ވާނީ ބިމުގެ ދަފްތަރާވާ ހުރިހާ ކޮންޓްރެކްޓެއް މުރާޖަޢާ ކުރުމަށް އެދިފައެވެ. ޢާންމު މަޞްލަޙަތާއި ހަމަ އަގު ހޯދުމުގެ ވިސްނުމުގައެވެ. އަދި ކައުންސިލްގެ ޢާންމު ރަސްމީ ޖަލްސާއެއްގެ އަޣްލަބިއްޔަތުން ފާސްކޮށްގެން މެނުވީ ބިމެއް ކުރު އަދި ދިގު މުއްދަތަށްވެސް ދޫނުކުރެވޭނެ ކަމަށް، އަޅުގަނޑު ބައިވެރިވެ ޖޫން 14، 2023 ގައި ހުށަހަޅާ ފާސްކުރި ފަހުން، ކައުންސިލަށް ހުށަހަޅާ، ވޯޓު ނެގުމެއްނެތި ޙަވާލުކޮށްފައިވާ ހުރިހާ ބިމެއްގެ ކޮންޓްރެކްޓް ބާޠިލުކުރާން އެދިފައެވެ. މިއާއެކު، ބިން ލިބުނު ފަރާތްތަކުން އަދާކުރާންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރާ މިންވަރު ހާމަކޮށްދިނުމަށާއި، ނުކުރާ ފަރާތްތަކުގެ އަތުން ބިން ވަކިކުރާން ފިޔަވަޅު އެޅުމަށް ހުށަހެޅީމެވެ.
ހައްދެއް، ހަމައެއް ނެތި ޚަރަދު ހިންގުމަކީ ކައުންސިލްގައި ބޮޑު މައްސަލައެކެވެ. މާލޭގައި ގަސްޖަހާ، ފެހިކުރުމާއި، ގަސް ފިހާރައިގެ މަޝްރޫޢުތަކަށް 2023 އާއި 2024 ގައި އެކަނި 55 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފިއެވެ. ނަމަވެސް މިކަންކަމަށް ކައުންސިލުން ފާސްކުރީ 2023 ވަނަ އަހަރަށް އެންމެ 4.8 މިލިއަން ރުފިޔާއެވެ. އަދި 2024 ވަނަ އަހަރަށް 5.35 މިލިއަން ރުފިޔާއެވެ.
އަޅުގަނޑު ހަނދާން ބަލިނޫންނަމަ، މާލޭގެ މޭޔަރުކަމަށް ވަޑައިގެންފައި މޭޔަރ އާދަމް ޢާޒިމް އެންމެ ހަރުކޮށް ދެއްކެވީ ގަސް ފިހާރައިގެ ތުހުމަތުކުރެވޭ ކޮރަޕްޝަންގެ ވާހަކައެވެ. އަދަދު ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައި އޮތީ ގަސް ގަތުމުގެ ނަމުގައި 50 އަކަށް މިލިޔަން ރުފިޔާ ޚަރަދުކުރިއިރު، އިންވެންޓްރީވެސް ބަލަހައްޓާފައި ނެތްކަމަށާއި، އެއީ ބޭކާރު ޚަރަދެއް ކަމަށެވެ. ޤަސްދުގައި އޮޅުވާލައިގެން ގަސް ފިހާރައަށް ތަކެތި ސަޕްލައިކުރިކަމަށް ބުނެ އިންވޮއިސް ކައުންސިލަށް ދެ ކުންފުންޏަކުން ހުށަހަޅާ 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަކަރާއި ޙީލަތުން ހޯދާން އުޅުނުކަން ފާހަގަކޮށް، އިންވޮއިސްތަކާއި، އެހެނިހެން ލިޔެކިޔުން އެޓޭޗުކޮށް، ތަފްޞީލީ ސިޓީއެއް ޚުދް އަޅުގަނޑު އޮންނާނީ މޭޔަރަށް ފޮނުވާފައެވެ. ފިޔަވަޅެއް ނާޅުއްވައެވެ. ގަސް ފިހާރަ ހިނގަނީއެވެ. މާލޭގައި ގަސްޖެހުން ޔާ ހަބޭހެވެ.
ޢާންމު ރައުސުލްމާލާއި ވަޞީލަތްތައް ބޭނުންކުރަނީ ޤާނޫނާއި ޤަވާޢިދަށް އެއްގޮތަށް، ޢާންމު މަޞްލަޙަތުގެ މަގުގައިތޯ ކަށަވަރު ކުރުމަކީ މޭޔަރުގެ މަސްއޫލިއްޔަތެކެވެ. އެޛިންމާ އުފުއްލަވާ ތަނެއް ނުފެނެއެވެ.
ޚިދުމަތް ދިނުމާއި މުނިސިޕަލް ތަރުތީބު
ދިވެހިރާއްޖޭގެ އާބާދީގެ %40 ދިރިއުޅެނީ މާލޭގައެވެ. އެހެންނަމަވެސް، އަސާސީ މުނިސިޕަލް ޚިދުމަތްތައް ފޯރުކޮށްދެވޭނީ ކިހާ ދުވަހަކުންކަން ކަނޑައެޅި، ބަޔާންވެފައި ނުވާ ޟަރޫރީ ޚިދުމަތް އެބަހުއްޓެވެ. މިސާލަކަށް އުފަންވާ ކުއްޖަކު ރެޖިސްޓްރީ ކުރުމެވެ. އެއީ ކިހާ ދުވަހެއް ނަގާ ކަމެއްކަން ބުނެދެވޭނެ މީހަކު، ލިޔުމެއް، އިޢުލާނެއް ނެތެވެ. ހަތް ދުވަސްވެސް ވެއެވެ. ތިން ދުވަހުންވެސް ނިމިފައި އެބަހުއްޓެވެ. ތިރީސް ދުވަސް ވެފައިވެސް އެބަހުއްޓެވެ. އަނެއް މިސާލަކަށް ޢިޝާރާތް ކުރާނަމަ ގެދޮރު ޢިމާރާތްކުރުމުގެ ކުރެހުންތައް ފާސްކުރުމަށް ވިސްނަވާށެވެ. ދެ މަސް ދުވަސް ނަގާފާނެއެވެ. އެކަމަކު އެތެރެއިން މީހަކު ދަންނަނަމަ، އެމީހަކު އެކަމާ އުޅެލައިދީފީވިއްޔާ ހަފްތާއަކުންވެސް ކުރެހުން ފާސްކޮށް، ހުއްދަ ދީފާނެތެވެ.
ސާވިސް ޗާޓަރެއް، އެސްއޯޕީއެއް، ޓައިމްލައިނެއް އަދި ޕްރޮވިޝަން ސްޓޭންޑަޑެއް ނެތެވެ. ކަމަކަށް ހޭދަވާނެ ވަގުތި އެނގޭކަށް ނެތެވެވެ. ސިޓީގެ ބޭނުމަކީ ޚިދުމަތް ކުރުމެވެ. އެޚިދުމަތް ލިބިދޭ ރައްޔިތުން ޚިދުމަތަކަށް އެދިފައި ތިބޭންވީ ކަނު ބަނދެވިގެން، ހެޔޮފުޅުކަމަށް ނުވަތަ އެތެރެއިން ދަންނަ ކޮންޓެކްޓަކަށް ބަރޯސާކޮށްގެން، ތަޞްބީޙަ މަތީގައެވެ.
މުނިސިޕަލް ތަރުތީބު ތަކަށް ބަލާއިރު، އެންމެ ލާރިއެއްވެސް ޚަރަދުނުކޮށް، ޙައްލުކުރެވޭން ހުރި ކިތަންމެ ކަމެއް އެބަހުއްޓެވެ. މިސާލަކަށް ޓްރެފިކް ޕީކް ގަޑިތަކުގައި (ސްކޫލަށް ކުދިން ގެނެސް، ގޮސްވާ ގަޑި) މުދާ އަރުވާ ބޭލުމެވެ. މުދާ އަރުވާ ބޭލުމަކީ ވަކި ގަޑިތަކެއްގައި މެނުވީ ނުކުރެވޭ ކަމަކަށް ހެދުމަކީ ފަސޭހައިން ކުރެވޭން އޮތް ކަމެކެވެ. މިކަން ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަޢާރަފުކޮށް، ކާމިޔާބުކަމާއެކު ތަންފީޛު ކުރިއެވެ. ހުރިހާ އެންމެން، ހުރިހާ ކަމެއް، ހުރިހާ ވަގުތަކު ކުރާ ވަރަށްވުރެ މާލެ ކުޑަވެއްޖެއެވެ. ކަންތަކާ މީހުން ގިނަވެއްޖެއެވެ. އެކަން ދަނެގަނެ، އިންތިޒާމީ ތަރުތީބުތަކަށް ބަދަލު ގެނައުމުގެ އުފެއްދުންތެރި ޚިޔާލު ނެތަމަ، ފިހިގަނޑެއް ހިފައިގެން ކުނިކައްސަވާން އުޅުއްވާއިރު، ހަތަރު މީހުން ވަށައިގެން ތިބެ ފޮޓޯ ކެނޑިއަކަސް ކަމަކު ނުދާނެއެވެ.
ވަކާލާތާއި ލީޑަރޝިޕް
އާރުލާ މޭޔަރުކަމެއް ކުރައްވާނޭ ނަމަ، ރައްޔިތުންގެ ޙައްޤުތަކާއި ކަރާމާތުގެ ޙިމާޔަތުގައި ތެދުވެވަޑައިގަންނަވަން ޖެހެއެވެ. ޚާއްޞަކޮށް ރަށްވެހިކަމާއި މަދަނިއްޔަތާ ގުޅިފައިވާ ޚިޔާލު ފާޅުކުރުމާއި، އެއްވެ އުޅުމާއި، ބޯހިޔާވަހިކަމާއި، ރައްކާތެރިކަމާއި، ހަމަހަމަކަމާއެކު ޚިދުމަތްތައް ހޯދުމުގެ ޙައްޤުގެ ވަކާލާތުގައެވެ.
އެއްވެ އުޅުމުގެ ޙައްޤަށް ވިސްނަމާ ހެއްޔެވެ. މާލޭގައި އެއްވެ އުޅޭން ހުރީ ވަކި ތަންތަނެއް ކަނޑައަޅާ، ޙައްޤު އޮތީ ހަނިކޮށްފައެވެ. ފުލުހުންގެ އިހުމާލާއި، ކުޑަކުދިންނާ ބެހުންފަދަ ވިޔާނުދާ ކުށްކުށާ ދެކޮޅަށް އަޑުއުފުލާ މީހުންނާ ދެކޮޅަށް ނަހަމަ ބާރުގެ ބޭނުންކޮށް، މުޒާހަރާތައް ރޫޅާލައި، ހައްޔަރުކޮށް، ދަޢުވާވެސް އުފުލަނީއެވެ. ނަމަވެސް މާލޭގެ މޭޔަރުގެ ޙައިސިއްޔަތުން، މާލޭގެ މޭޔަރުގެ ލެޓާރހެޑްގައި ނެރުނު ބަޔާނެއް، ލިޔުނު ސިޓީއެއް، ނޯޓެއްގެ މިންވަރުވެސް ޢާންމު ކުރައްވާފައެއް ނުވެއެވެ. މިދައްކަނިއްޔަކީ އަމިއްލަފުޅު ޒާތީ ޙައިޘިއްޔަތުން ނުވަތަ ސިޔާސީ ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އާދަމް ޢާޒިމް ދެކޭގޮތުގެ ވާހަކައެއް ނޫނެވެ.
ބޯހިޔާވަހިމުގެ މައްސަލައަށް ވިސްނަމާ ހެއްޔެވެ. މާލޭގެ ރަށްވެހިންނަށް ދިން ގޯއްޗާއި، އަމުދުން ފްލެޓަށް އެގޮތް މިގޮތް ހަދަމުންދަނީއެވެ. ކުރީގެ ލިސްޓަށް ދޭނަމޭ ބުނަމުން، އެލިސްޓުގައިވި އެތައް ބަޔަކަށް ފްލެޓް ނުދީ ހިފަހައްޓަނީއެވެ. އައު ޝަރުޠުތައް އުފަންކުރުވަނީއެވެ. އިއްޔެގެ ސްކީމަކަށް އަދުގެ ޙާލަތު ޝަރުޠު ހަމަވޭތޯ ބަލާން ޠަޠުބީޤު ކުރަނީއެވެ. މިއިން ކަމެއް މާލޭގެ މޭޔަރުގެ ޙައިސިއްޔަތުން މާލޭގެ ޢާންމު ރަސްމީ ޖަލްސާއަކަށް މައްސަލައެއްގެ ގޮތުގައި ނަމަވެސް، ޤަރާރެއްގެ ގޮތުގައި ނަމަވެސް، އެންމެ ފަހަރަކުވެސް ހުށަހަޅުއްވާ، އެޖެންޑާ ކުރައްވާފައެއް ނެތެވެ. ފްލެޓާއި ގޯއްޗާ ގުޅިގެން ކައުންސިލަށް ހުށަހެޅި ހުރިހާ އެޖެންޑާ އައިޓަމެއް ހުށަހަޅާފައިވާނީ އަޅުގަނޑާއި، ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރ މަރްޔަމް ނާޒިމާ މުޙައްމަދު ފާއިޒެވެ.
އެންމެ ކުޑަމިނުން މިކަންކަމުގައި މާލޭގެ މޭޔަރުގައި ނަންފުޅުގައި ބަޔާނެއް ނެރެން އާދޭސް ދެންނެވީމެވެ. ކަހާތަން ހިރުވާވެސް ނުލިއެވެ. އާދަމް ޢާޒިމް ކިޔާ މީހާކު ޓުވީޓު ކުރައްވައެވެ. މާލޭގެ މޭޔަރުގެ ބަހެއް ރަސްމީކޮށް އިވޭގޮެތެއް ނުވެއެވެ.
މާލޭގެ ރައްޔިތުން ވިސްނެވުން ބޭނުމެވެ. ލާމަރުކަޒީ ޤާނޫނު ތަޞައްވަރު ކުރަނީ ސިޔާސަތާއި ތަސައްވުރާއި ރައްޔިތުންގެ ދުޅަހެޔޮކަމާއި ޢާންމު މަޞްލަޙަތުގެ މައްޗަށް ބިނާވެފައިވާ މުނިސިޕަލް ލީޑަޝިޕެކެވެ. ސަރުދާރެއް ނުވަތަ މެއިންޓަނަންސް މެނޭޖަރެއް ނޫނެވެ.

