ދާއިމީ އެޑްރެސް: ހަމައެކަނި އައިޑީ ކާޑުގައި އޮތް ނަމެއް ނޫން
އުވާލައިގެން ޙައްލުކުރާން އުޅޭ މައްސަލަ ޙައްލު ވޭބާވައެވެ؟ ރަށްފުށް މުޅިން އުވެނީ ނޫންބާވައެވެ؟

11 ނޮވެމްބަރު
ދިވެހިރާއްޖެ އަށް ކުރިމަތިވެފައި ވަނީ އާދަޔާ ޚިލާފު ޑިމޮކްރެޓިކް މައްސަލައެކެވެ؛ ފުރަ މާލޭ ސަރަޙައްދުގައި 120،000 ދިވެހިން ދިރިއުޅޭ ނަމަވެސް މާލޭގެ އިންތިޚާބީ މަންދޫބުން ހޮވާން ވޯޓުލެވެނީ އެންމެ 55،000 މީހުންނަށެވެ. އެއީ މާލޭގެ ގޯއްޗެއްގައި ނުވަތަ ދަފްތަރުގައި ދާއިމީ އެޑްރެސް އޮތް މީހުންނެވެ. ބާކީ ތިބި މީހުން ވޯޓުދެނީ އެމީހުންގެ ދާއިމީ އެޑްރެހެއް ކަމުގައި ރެޖިސްޓަރކޮށްފައިވާ ގޯތި ހުންނަ ރަށާއި، އަތޮޅަށެވެ. ދާއިރާއަށެވެ. "ދާއިމީ އެޑްރެސް" ގެ މި ނިޒާމު އުވާލުމަކީ ފާޅުކަން ބޮޑު ޙައްލެއްގެ ގޮތުގައި ބައެއް މީހުން މިއަދު ފާހަގަ އެބަ ކުރެއެވެ. އެކަމަކު ޒަމާންވީ މި ނިޒާމު ރޫޅާލުމަކީ ހަމައެކަނި އައިޑީ ކާޑެއްގައި އޮތް ފޮޅުވަތެއް ބަދަލު ކުރުމެއް ނޫނެވެ. އެނިޒާމާ ކިތަންމެ އިޖުތިމާޢީ، ޘަޤާފީ އަދި ދީނީ އާދައުޅުންތަކަކާއި ޙައްޤުތަކެއް ގުޅިފައި ވެއެވެ.
ދިވެހިންނަކީނަކީ ކާބަފައިންގެ ގެދޮރާ އަސާސީ ސިފައެއްގައި ގުޅިފައިވާ ބައެކެވެ. މި ޢަލީ އަނެއް ޢަލީއާ ނުވަތަ އެ މުޙައްމަދު މި މުޙައްމަދާ ވަކި ކުރަނީ ގޯތީގެ ނަމުންނެވެ. ފަރަގު ކުރަނީ ވާރުތަވެރިކަމުގެ ފުށުން ތިމާ ނިސްބަތްވާ ގޯއްޗަށެވެ. ގޯއްޗަކީ ދިވެހި މީހާގެ އައިޑެންޓިޓީގެ ބައެކެވެ. މި ގުޅުމަކީ ޒާތީ ގުޅުމެކެވެ. ކަނޑި އަހަންމަދަނިކާއި ސިއްކަ އަހަންމަދަނިކު، އަހަންމަދަނިކުގެ ނަން ޙިއްސާ ކުރިޔަސް، އެއީ ދެމީހުންކަން އެނގެނީ އަދި ފަރަގު ކުރެވެނީ ނަމުގެ ކުރިއަށް (ގިނަ ފަހަރު) އަންނަ ގޯތީގެ ނަމުންނެވެ.
ރާއްޖޭގެ ގިނަ ޢާއިލާތަކަކީ ޤަރުނުތަކެއް ވާންދެން ބިމެއްގެ މިލްކުވެރިކަން އޮތް ޢާއިލާތަކެކެވެ. ނުވަތަ ގޯއްޗަކަށް ނިސްބަތްކުރާ އައިޑެންޓިޓީއެއް އޮތް ބައެކެވެ. ކޮންމެ މީހަކުވެސް ނިސްބަތްވަނީ ވަކި ބިމަކަށް ނުވަތަ އެމީހެއްގެ ގޯތީގެ ވަކި ނަމެއްގައި ބަނދެފައިވާ އައުލާދަ ކަށެވެ. ބިމުގެ އާޚިރު މިލްކުވެރިކަން އޮންނަނީ ބަންޑާރައިންނަށް ނަމަވެސް، ޢާއިލީ ގޯއްޗާއި ބިމުގެ މައްޗަށް ދިވެހިންނަށް ޒަމާނުއްސުރެ، ވިރާސީ ޙައްޤުތައް ލިބިފައިވެއެވެ. ބިމުގެ މިލްކުވެރިކަމާއި ވާރުތަވެރިކަމުގެ މި ނިޒާމަކީ ތަރިކަ ބެހުމުގެ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މައްޗަށް ބައްޓަންވެފައިވާ ނިޒާމެކެވެ.
އެހެންކަމުން ދާއިމީ އެޑްރެހުގެ މަފްހޫމް އުވާލުމަކީ ހަމައެކަނި އިދާރީ ބަދަލެއްއް ނޫނެވެ. އެއީ ދިވެހި އައިޑެންޓިޓީ އަލުން އެކުލެވުމުގެ މަސައްކަތެކެވެ.
އުވާލުމުގެ މައްސަލައިގެ ތަރަހަ
ދާއިމީ އެޑްރެސް އުވާލާން ގޮވާ ގޮވެލިފަތީގެ ފަހަތުގައި ޙަޤީޤަތްތަކަކާއި ސަބަބުވެރި ވާހަކަތަކެއް ހުރިކަން ޔަޤީނެވެ. ދިވެހިންގެ ގިނަ ބަޔަކު، ޚާއްޞަކޮށް ޖެން-ޒީ އަދި ޒުވާން ޖީލު އެކުރަނީ ހަމަ ސުވާލެކެވެ؛ މުޅި ޢުމުރު މާލޭގައި އުޅުނު މީހަކު، ދުވަހަކު ދާއިމީ އެޑްރެސް އޮތް ރަށަށް ނުދިޔަ ނަމަވެސް، އެރަށުގެ ފޮއްޓަށް ވޯޓު ލާން މަޖުބޫރު ކުރުވަނީ ކީއްވެތޯއެވެ؟ މިއީ ހަމަޖެހޭ އުޞޫލެއް ހެއްޔެވެ؟
މާލޭ ސިޓީ ކައުންސިލުން ޚިިދުމަތް ދެނީ 210،053 މީހުންގެ އާބާދީއަކަށެވެ. އޭގެ ތެރޭގައި ބިދޭސީންވެސް ހިމަނައިގެންނެވެ. ބިދޭސީންނެކޭ މާލޭގައި ވަޒަންވެރިވެފައިވާ އެހެން ރަށްރަށުގެ ދިވެހިންނެކޭ އެއް ފަދައެވެ. އެ ދިވެހިންނަށް އެބައިމީހުން އަބަދަށްވެސް ވަޒަންވެރިވެ، ދިރިއުޅޭ މާލޭހެ ހިންގުމުގައި އެއްވެސް ބަހެއް ނުބުނެ އެވެ. 2022 ވަނަ އަހަރުގެ ބޯހިމެނުމަށް ބަލާއިރު، މާލޭގައި ދިރިއުޅޭ ކަމަށް ރެކޯޑުކުރެވުނު 85،077 ދިވެހިންނަކީ އެހެން ރަށްރަށުގައި ދާއިމީ އެޑްރެސް އޮތް މީހުނެވެ.
މާލެ، ހުޅުމާލެ، އަދި ވިލިމާލޭގައި މިހާރު ދިރިއުޅޭ މީހުންގެ ޖުމުލަ އާބާދީއަކީ 252،768 އެވެ. އޭގެތެރެއިން މާލެ ކަމަށް ރަސްމީކޮށް ނިސްބަތްކުރެވޭ، ދާއިމީ އެޑްރެސް މާލޭގެ ގެޔަކަށް އޮތީ އެންމެ 76،556 މީހުންގެއެވެ. އޭގެތެރެއިން ވޯޓު ޙައްޤުވާ 55،000 މީހުން އެބަ ތިއްބެވެ. ދިވެހިންގެ އާބާދީގެ 120،000 އަށް ވުރެ ގިނަ މީހުން - 40 ޕަސެންޓް - ދިރިއުޅެނީ މާލެއާއި، ހުޅުމާލެ އަދި ވިލިމާލޭގަ އެވެ.
އެހެންވީމާ ދާއިމީ އެޑްރެހާ މެދު ނަފުރަތު ކުރުމަކީ ޠަބީޢީ ކަމެކެވެ. ނަމަވެސް ދާއިމީ އެޑްރެހާ އެކުވާ ޘަޤާފީ، ތާރީޚީ، އަދި ދީނީ ހަޤީޤަތްތަކަށް ލޯ މަރާލެވޭކަށްވެސް ނެތެވެ.
ދާއިމީ އެޑްރެސް ނެތް ދުވަހެއް
ދާއިމީ އެޑްރެސްގެ ނިޒާމު އެއްކޮށް އުވާލައިފިނަމަ ވާނީ ކިހިނެއްތޯ ވިސްނާލަމާ ހިނގާށެވެ.
މާލޭ ސަރަޙައްދުގެ ރަސްމީ އާބާދީ ބޮޑުތަނުން އިތުރުވެ، 150،000 އަށް ވުރެ ވޯޓުލާ މީހުންގެ ޢަދަދު އިތުރުވެދާނެ އެވެ. ވީމާ ރައްޔިތުންގެ މަޖިލީހުގައި ވެރިރަށް މާލެއަށް 30 އަށް ވުރެ ގިނަ ގޮނޑި ލިބި، ބޮޑު އަޣްލަބިއްޔަތެއްގެ ގޮނޑި މާލެއަށް އެކަށަ އެޅި ނިމުނީއެވެ. ތިލަދުންމައްޗަށް މިސާލަކަށް، މިހާރުގެ ތަމްސީލުކުރުމުގައި ލިބޭ ޖުމުލަ ގޮނޑިން ދެބައިކުޅަ އެއްބައި ގެއްލިދާނެ އެވެ. ލޯކަލް ކައުންސިލްތަކަށް، ރަށްރަށުގައި ވޯޓުލާ މީހުންގެ ލިސްޓް ދެބައިކުޅަ އެއްބަޔަށް ކުޑަވީއެވެ. ރަށްރަށާއި އަތޮޅުތަކުގެ ފެންވަރުގެ ސިޔާސީންނާއި ކައުންސިލަރުންގެ ސިޔާސީ ބުރަދަން އެކީ އެކަށްހެން ގެއްލުނީއެވެ.
އެހެންވީމާ މާލެއަށް އިތުރު ސިޔާސީ ބާރު ޖަމާވެ، މަރުކަޒު ވީއެވެ. ޤައުމީ ފެންވަރުގެ ކޮންމެ އިންތިޚާބެއްގެ ފޯކަސް އަކީ "މާލޭ މީހާ"ގެ ބޭނުމަށް ކުރެވޭ ކެމްޕޭނަކަށް ބަދަލުވީއެވެ. ރަށްފުށުގެ މުހުތާދުތަކަށް ޤައުމީ ސިޔާސީ މާޙައުލުގައި ޖާގަ ނެތުނީއެވެ. އާބަން ވޯޓަރުންނާއި އާބަން މައްސަލަތަކުގެ ޙައްލުތައް ނޫނީ މުހިންމި ނުވީއެވެ. މާލެ އާއި ހުޅުމާލޭގެ ރައްޔިތުންނަށް އެކަނި ވަޢުދުވީމާ، އެމީހުން ރުއްސީމާ ނިމުނީއެވެ. ސިޔާސަތުތައް ބައްޓަންކުރާން ޖެހޭ ދާއިރާ ހަނިވީއެވެ. "ރާއްޖެ ތެރެ" މުޅިން އުވާލެވުނީއެވެ.
ޙައްލަކަށްވުރެ ބޮޑަށް، ދާއިމީ އެޑްރެސް އުވާލުމަކީ މަރުކަޒީ ކުރުން އަވަސްވެދާނެ ކަމެކެވެ. ސިޔާސީ ބާރާއި، މާލީ ވަޞީލަތްތަކާއި، ތަރައްޤީގެ އިސްކަންދޭ ކަންކަން މާލެއަށް އެކަނި ޚާއްޞަވީއެވެ. ރާއްޖޭގެ ޖަޒީރާތަކުގެ ހުރިހާ ބާރެއް ކެނޑި، ރަށްތައް އިތުރަށް ބާކީވެގެންދާނެއެވެ.
ރަށާއި އަތޮޅުގެ ސިޔާސީ ބުރަދަން ދެމެހެއްޓޭނެ ގޮތްތަކެއް ނުވިސްނާ، ދާއިމީ އެޑްރެސް އުވާލުމަކީ މިހާރު ހުރި ބައިބައިވުންތައް ފުނޑުފުނޑު ކުރުމުގެ ބަދަލުގައި ފުންކޮށްފާނެ ކަމެކެވެ.
ކުރި މަގެއް
ދާއިމީ އެޑްރެހުގެ ނިޒާމަކީ މިހާރު މިއޮތް ގޮތުންނަމަ މުއްދަތު ހަމަވެފައިވާ ނާއިންޞާފު ނިޒާމެކެވެ. އެކަމަކު އެމުނި އެކުލެވޭ ނިޒާމީ އިޞްލާޙުތަކަކާ ނުލާ، ދާއިމީ އެޑްރެސް އުވާލާން އުވާލުމަކީ އުވާލުމަކީ ޙައްލެއް ނޫނެވެ. އެއްވެސް ބަދަލެއް ގެންނާން ޖެހޭނީ ގަސްތުކުރާ ނަތީޖާތަކާއި، ނުސީދާގޮތުން އުފަންވެދާނެ ނަތީޖާތަކަށް ވެސް ރިޢާޔަތްކޮށްގެންނެވެ.
1) ފަހަރުގައި މައްސަލައިގެ ޙައްލަކީ ދާއިމީ އެޑްރެސް މުޅިން އުވައިލުން ނޫންކަމަށްވުން އެކަށޭނައެވެ. ބަދަލުކުރާންވީ ދާއިމީ އެޑްރެހަށް ޚިދުމަތްތަކާއި ޙައްޤުތައް (ބޯހިޔާވަހިކަމާއި ވޯޓުލުން ފަދަ) ބަރޯސާވާ ވުމެއް ނޫން ބާވައެވެ؟ ކޮންމެ ތާކު ދާއިމީ އެޑްރެސް އޮތަސް، ވަޒަންވެރިވެ ދިރިއުޅޭ ތަނަށް، އެމީހަކު އެދޭނަމަ ވޯޓު ލެވޭ ގޮތަށް ބަދަލު ކުރެވިދާނެއެވެ. އެމީހަކު އެދޭގޮތް އިޚްތިޔާރު ކުރުމުގެ ފުރުޞަތު އޮތުން ކޮންމެހެން ބޭނުމެވެ.
ބައެއް މީހުންނަށް އައިޑެންޓިޓީއަކީ އެމީހުންގެ ކާބަފައިންގެ ވަޒަނާއި ވަކިނުކުރެވޭނެ އެއްޗެކެވެ. ޢުމުރުން 12 އަހަރުގައި މާލޭއަށް ބަދަލުވާން މަޖުބޫރުވި އަހުރެންގެ ދޮން ބައްޕާއަކީ ދުވަހަކުވެސް މާލޭގެ މީހެއްގެ ގޮތުގައި އޭނާ އަމިއްލައަކަށް ނުދެކެމެވެ. އޭނާއަކީ އުފަންވި މައިފުނަ ރަށާއި، މަންމަގެ ޤަބުރު އޮތް ރަށާއި، ކާބަފައިން ދިރިއުޅެ، މަރުވެ ދިޔަ ރަށާއި، އޭނާގެ ހިތް ބަނދެވިފައިވާ، ފަޚުރުވެރި އައްޑޫ މީހެކެވެ. ޢުމުރުން 60 އަހަރުގައިވެސް އޭނާ ހުވަފެނުން ދެކިދެކި ހުރީ، އެނބުރި އައްޑޫއަށް ގޮސް އެތަނުގައި ދިރިއުޅުމެއް އާރާސްތުކުރެވޭނެ ދުވަހެކެވެ. އެ ތަޞައްވަރާއި އުންމީދު ދިރިދެމި އަބަދުމެ، އޮވެއެވެ. މާލެއަށް ނިސްބަތްވާ މަންދޫބުންނަށް ވޯޓު ދިނުމަކީ އޭނާ ދުވަހަކުވެސް ބޭނުން ގޮތެއް ނޫނެވެ. މާލޭގައި މަޖުބޫރުން އުޅުނަސް، ރަށަށް އެނަބުރި ދޭވޭނީވެސް ރަށާ ގުޅޭ ނިންމުންތަކުގައި ބަސް ކިޔާން ލިބިގެންކަމަށް އޭނާ ޤަބޫލުކުރެއެވެ.
އުފަންވި ތަނާއި މެދު ފަޚުރުވެރިވުމަކީ ނުވަތަ އެހެން ތަނަކަށް ނިސްބަތްވާ އެދުނަސް، އެއީ އެމީހަކަށް އިޚްތިޔާރު ލިބިގެންވީ ކަމެކެވެ. ތިމާގެ ވަޒަނަށް ކުރާ ލޯތްބަކީ ގޯހެއް ނޫނެވެ. ކަޓު ކަމެއްވެސް ނޫނެވެ. އައިބު ކަމެއްވެސް ނޫނެވެ.
2) ހަމައެއާއެކު، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ދައުލަތުން ދަމަހައްޓަން ޖެހެއެވެ. ކޮންމެ ރައްޔިތަކަށްވެސް ދިވެހިރާއްޖޭގެ ކޮންމެ ތަނެއްގައި ވަޒަންވެރިވުމާއި، ދަތުރުކުރުމުގެ މިނިވަންކަން ލިބިގެންވެއެވެ. ކޮންމެ ރައްޔިތަކަށްވެސް މީހުން ދިރިއުޅުން ބަދަލުކޮށް، ހިޖުރަކުރުމުގެ ޙައްޤު އެބަ އޮތެވެ. ދިރިއުޅުން ޤާއިމުކުރާ ރަށަކުން ޙައްޤުތަކާއި ޢިނާޔަތްތަކާއި އިމްތިޔާޒުތައް ހަމަހަމަކަމާއެކު ލިބިދެވެން ޖެހޭނެއެވެ. ދުސްތޫރީ ހަމައަކީ މިއެވެ.
މާނައަކީ ކޮންމެ ތަނެއްގައި ބިމެއް އިޢުލާން ކުރިޔަސް، ވަޒަންވެރިވާން އެދޭނަމަ، ކުރިމަތިލެވޭން ވާނެއެވެ. ބޯހިޔާވަހިކަމުގެ ސްކީމްތަކަކީ ދާއިމީ އެޑްރެހަށް ބަލައިގެން ދޭން ޖެހޭ އެއްޗަކަށް ވެގެން ނުވާނެއެވެ. ތަފާތުކުރުމެއް ނެތި، ހުރިހާ ރަށެއްގެ ހުރިހާ ސްކީމެއް ހުރިހާ ދިވެހިންނަށްވެސް ހުޅުވިގެން ވާންވީއެވެ. އިޖުތިމާއީ ބޯހިޔާވަހިކަން ނުވަތަ ފްލެޓް ދޫކުރާއިރު ރަށު މީހަޔާއި ބީރައްޓެއްސާ ފަރަގުކުރާން ހުރި ކޫސަނި، ނަހަމަ ޝަރުޠުތައް ނައްތާލާންވީއެވެ.
ކޮންމެއަކަސް، ދިވެހި މީހާޣެ ކާބަފައިންގެ ގެދޮރާ ގުޅިފައިވާ ޘަޤާފީ އަދި ޖަޒުބާތީ ގުޅުންތައް ފޮހެލުމެއް ނެތި ދާއިމީ އެޑްރެސް ނިޒާމުން ދަމަހައްޓާފައިވާ ނަހަމަ ޙައްލު ކުރެވޭން އެބަ އޮތެވެ. އެޙައްލުތައް ހޯދާން ކުރާންޖެހެނީ ދިވެހިންގެ އައިޑެންޓިޓީއާއި ތަރިކައާއި ޑިމޮކްރަސީ ގުޅިފައިވާ ގޮތާ ގުޅޭ ސުވާލުތަކެކެވެ.

